މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސްއާއި ގުޅޭ ސުވާލާއި ޖަވާބު
1. މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސް ނުވަތަ ގުޑްސް އެންޑް ސާރވިސް ޓެކްސް (ޖީ.އެސް.ޓީ) އަކީ ކޮބާ؟
ޖީ.އެސް.ޓީ އަކީ ދިވެހިރާއްޖޭގައި ވިއްކާ މުދަލާއި ޚިދުމަތުގެތެރެއިން ޤާނޫނު ނަންބަރ 2011/10 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސްނެގުމުގެ ޤާނޫނު) ގެ ދަށުން ޖީ.އެސް.ޓީ ނެގޭނެކަމަށް ބަޔާންކޮށްފައިވާ މުދަލާއި ޚިދުމަތުގެ އަގުން، ޤާނޫނުގައި ބަޔާންކޮށްފައިހުރި މިންވަރުތަކަށް ދައުލަތަށް ނެގޭ ޓެކުހެކެވެ.
2. ޖީ.އެސް.ޓީ ޤާނޫނަށް ޢަމަލުކުރަން ފަށާނީ ކޮން ތާރީޚަކުން ފެށިގެން؟
ޖީ.އެސް.ޓީ ޤާނޫނަށް ޢަމަލުކުރަން ފަށާނީ 02 އޮކްޓޯބަރ 2011 ގައެވެ.
3. ޖީ.އެސް.ޓީ ނެގޭ ޙަރަކާތްތަކަކީ ކޮބާ؟
މެދުކެނޑުމެއްނެތި ނުވަތަ ދާއިމީ ސިފައެއްގައި މުދަލެއް ނުވަތަ ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ހިންގާ ކޮންމެ ޙަރަކާތެއްވެސް ޖީ.އެސް.ޓީ ނެގޭ ޚަރަކާތެއްގެ ގޮތުގައި ބެލެވޭނެއެވެ. ނަމަވެސް ތިރީގައިވާ ޙަރަކާތްތަކެއް ނުހިމެނޭނެއެވެ.
- ވަޒީފާގެ އެއްބަސްވުމެއްގެ ދަށުން މުސާރައެއް ނުވަތަ އުޖޫރައެއް ލިބޭގޮތަށް އަދާކުރާ ވަޒީފާ ނުވަތަ ކުރާ މަސައްކަތް
- ދައުލަތުގެ މުވައްޒަފަކު އަދާކުރާ ވަޒީފާ ނުވަތަ ކުރާ މަސައްކަތް
- ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއްގެ ގޮތުގައި އަދާކުރާ ވަޒީފާ ނުވަތަ ކުރާ މަސައްކަތް
- ޤާނޫނުގެ 20 ވަނަ މާއްދާގައި ބަޔާންކުރާ އިސްތިސްނާ މުދަލާއި ޚިދުމަތްތަކުގެ ތެރެއިން މުދަލެއް ނުވަތަ ޚިދުމަތެއް
4. ޖީ.އެސް.ޓީ ބެހިގެންވާ ބައިތަކަކީ ކޮބާ؟
ޖީ.އެސް.ޓީ ބެހިގެންވަނީ ދެބަޔަށެވެ. އެއީ ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުން ނެގޭ ޖީ.އެސް.ޓީ އާއި އެނޫން ދާއިރާތަކުގެ މުދަލާއި ޚިދުމަތުން ނެގޭ ޖީ.އެސް.ޓީ އެވެ.
5. ޖީ.އެސް.ޓީ ނަގާ ރޭޓްތަކަކީ ކޮބާ؟
ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތްތަކުން ޖީ.އެސް.ޓީ ނަގާނެ ރޭޓަކީ:
- 02 އޮކްޓޯބަރ 2011 އިން 31 ޑިސެމްބަރ 2011 ގެ ނިޔަލަށް %3.5
- 1 ޖެނުއަރީ 2012 އިން ފެށިގެން 31 ޑިސެމްބަރ 2012 ގެ ނިޔަލަށް %6
- 1 ޖެނުއަރީ 2013 އިން ފެށިގެން %8
ޓޫރިޒަމް ދާއިރާ ފިޔަވައި އެނޫން ދާއިރާތަކުގެ މުދަލާއި ޚިދުމަތްތަކުން ޖީ.އެސް.ޓީ ނަގާނެ ރޭޓަކީ:
- ޤާނޫނަށް ޢަމަލުކުރަންފަށާ ދުވަހުން ފެށިގެން 31 ޑިސެމްބަރ 2011 ގެ ނިޔަލަށް %3.5
- 1 ޖެނުއަރީ 2012 އިން ފެށިގެން %6
6. ދިވެހިރާއްޖޭގައި ވިއްކާ އެންމެހައި މުދަލަކާއި ޚިދުމަތަކުންވެސް ޓެކްސް ދައްކަންޖެހޭނެތަ؟
ޤާނޫނުގެ 20 ވަނަ މާއްދާގައި ޓެކްސް ނެގުމުން އިސްތިސްނާވާ މުދަލާއި ޚިދުމަތް ކަމަށް ބަޔާން ކޮށްފައިވާ މުދަލާއި ޚިދުމަތުގެ އަގުންނާއި، ޤާނޫނުގެ ޖަދުވަލު 1 ގައި ސުން ރޭޓް ކަނޑައަޅާފައިވާ އަސާސީ މުދާ ތަކުން ޖީ.އެސް.ޓީ ދައްކާކަށް ނުޖެހޭނެއެވެ.
7. ޖީ.އެސް.ޓީ ނެގުމުން އިސްތިސްނާވާ ޚިދުމަތްތަކަކީ ކޮބާ؟
(ހ) ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގައި ނުވަތަ ދައުލަތުގެ ކަމާބެހޭ މުއައްސަސާއެއްގައި ރަޖިސްޓަރީކޮށްގެން ކަރަންޓުގެ ޚިދުމަތް ދޭ ތަނަކުން ދޭ ކަރަންޓުގެ ޚިދުމަތް
(ށ) ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގައި ނުވަތަ ދައުލަތުގެ ކަމާބެހޭ މުއައްސަސާއެއްގައި ރަޖިސްޓަރީކޮށްގެން ފެނުގެ ޚިދުމަތް ދޭ ތަނަކުން ދޭ ފެނުގެ ޚިދުމަތް
(ނ) ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގައި ނުވަތަ ދައުލަތުގެ ކަމާބެހޭ މުއައްސަސާއެއްގައި ރަޖިސްޓަރީކޮށްގެން މުވާޞަލާތީ ޚިދުމަތް ދޭ ތަނަކުން ދޭ މުވާޞަލާތީ ޚިދުމަތް
(ރ) ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގައި ނުވަތަ ދައުލަތުގެ ކަމާބެހޭ މުއައްސަސާއެއްގައި ރަޖިސްޓަރީކޮށްގެން ނަރުދަމާގެ ޚިދުމަތް ދޭ ތަނަކުން ދޭ ނަރުދަމާގެ ޚިދުމަތް
(ބ) ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގައި ނުވަތަ ދައުލަތުގެ ކަމާބެހޭ މުއައްސަސާއެއްގައި ރަޖިސްޓަރީކޮށްގެން ތަޢުލީމުގެ ޚިދުމަތް ދޭ ތަނަކުން ދޭ ތަޢުލީމުގެ ޚިދުމަތް
(ޅ) ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގައި ނުވަތަ ދައުލަތުގެ ކަމާބެހޭ މުއައްސަސާއެއްގައި ރަޖިސްޓަރީކޮށްގެން ހިންގާ ޞިއްޙީ ޚިދުމަތް ދޭ ތަނަކުން ދޭ ޞިއްޙީ ޚިދުމަތް
(ކ) މަތީގައި އެވާ ޚިދުމަތްތައް އެ ގޮތުގައި ދިނުމަށް ބޭނުންވާ އަދި އެ ޚިދުމަތްތައް އެގޮތުގައި ދިނުމަށް މަގުފަހިކުރާ ޚިދުމަތްތަކުގެ ތެރެއިން ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ޚިދުމަތްތައް
(އ) ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގައި ނުވަތަ ދައުލަތުގެ ކަމާބެހޭ މުއައްސަސާއެއްގައި ރަޖިސްޓަރީކޮށްގެން ހިންގާ ބޭސްފިހާރަތަކުން ބޭހުގެ ގޮތުގައި ވިއްކުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއިން ހުއްދަކޮށްފައިވާ ބޭހުގެ ބާވަތްތަކާއި، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ މެޑިކަލް ޑިވައިސްތައް
(ވ) ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގައި ނުވަތަ ދައުލަތުގެ ކަމާބެހޭ މުއައްސަސާއެއްގައި ރަޖިސްޓަރީކޮށްގެން ހިންގާ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއަކަށް ނުވަތަ ޖަމާޢަތަކަށް ހިލޭ އެހީގެ ގޮތުގައި ނުވަތަ ޚައިރާތުގެ ގޮތުގައި ލިބޭ ތަކެތީގެ ތެރެއިން އެ ޖަމްޢިއްޔާއަކުން ނުވަތަ ޖަމާޢަތަކުން ވިއްކާ ތަކެތި
(މ) ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ މާލީ ޚިދުމަތްތައް
(ފ) ނުއުފުލޭ މުދާ ކުއްޔަށް ދޫކޮށްގެން ލިބޭ ކުލި
(ދ) ބައިނަލްއަޤްވާމީ ދަތުރުފަތުރުގެ ޚިދުމަތްތައް
(ތ) ޖީ.އެސް.ޓީ ނެގުމުން އެހެން ޤާނޫނަކުން އިސްތިސްނާކޮށްފައިވާ ފަރާތްތަކަށް ވިއްކާ މުދަލާއި ޚިދުމަތްތައް
(ލ) ޖޫރިމަނާގެ ގޮތުގައި ނަގާ ފައިސާ
8. ސުން ރޭޓް ކަނޑައެޅިފައިވާ މުދަލާއި ޚިދުމަތްތަކަކީ ކޮބާ؟
1- ތިރީގައި ބަޔާންކުރެވިފައިވާ އަސާސީ މުދާ
2- ދިވެހިރާއްޖެއިން އެކްސްޕޯޓްކުރެވޭ މުދަލާއި ޚިދުމަތްތައް
3- ހިނގަމުންދާ ވިޔަފާރިއެއް ހުއްޓާލުމަށް ނުވާގޮތުގައި، އަދި އެ ހިނގަމުންދާ ގޮތުގައި ދެމިއޮންނާނެ ގޮތެއްގެމަތިން، އެ ވިޔަފާރިއެއްގެ މިލްކުވެރިން އެ ވިޔަފާރިއެއް އެހެން ފަރާތަކަށް ވިއްކާލުން
9. ޖީ.އެސް.ޓީ އަށް ރަޖިސްޓްރީ ކުރަންޖެހެނީ ކޮންފަރާތްތަކެއް؟
1. ފާއިތުވި 12 މަސްދުވަހުގެ ތެރޭގައި އެފަރާތަކުން ވިއްކި މުދަލާއި ފޯރުކޮށްދިން ޚިދުމަތްތަކުގެ ޖުމްލަ އަގު 1މިލިއަން ރުފިޔާއަށްވުރެ އިތުރުވާ ފަރާތްތައް
2. ކުރިއަށް އޮތް 12 މަސްދުވަހުގެ ތެރޭގައި އެފަރާތަކުން ވިއްކާނެ މުދަލާއި ފޯރުކޮށްދޭނެ ޚިދުމަތްތަކުގެ ޖުމްލަ އަގު 1މިލިއަން ރުފިޔާއަށްވުރެ އިތުރުވާނެކަމަށް އަންދަޒާކުރެވޭ ފަރާތްތައް
3. ޤާނޫނުގެ 15ވަނަ މާއްދާގައި ހިމެނޭ ޓޫރިޒަމް ދާއިރާގެ، ތިރީގައިވާ މުދަލާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް
(ހ) ޓޫރިޒަމާބެހޭ މިނިސްޓްރީން ހުއްދަ ލިބިގެން ހިންގާ ޓޫރިސްޓް ރިޒޯޓުތަކާއި، ޓޫރިސްޓް ހޮޓާތަކާއި، ގެސްޓްހައުސްތަކާއި، ޕިކްނިކް އައިލެންޑްތަކާއި، ޓޫރިސްޓް އުޅަނދުތަކާއި، ޔޮޓް މެރީނާ ތައް
(ށ) (ހ)ގައި ބަޔާންކޮށްފައިވާ ތަންތަނުގައި ޤާއިމްކޮށްފައިވާ ޑައިވިންގް ސްކޫލްތަކާއި، ފިހާރަތަކާއި، ސްޕާތަކާއި ވޯޓަރ ސްޕޯޓްސް ފެސިލިޓީތަކާއި، މިނޫންވެސް މިފަދަ ތަންތަން
(ނ) ޓޫރިޒަމާބެހޭ މިނިސްޓްރީން ހުއްދަ ލިބިގެން ހިންގާ ދަތުރު ރާވައި ހިންގުމުގެ ޚިދުމަތް ދޭ ފަރާތްތައް
(ރ) ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރުގެ ކަންތަކާ ޙަވާލުވާ އެޖެންޓުން
(ބ) ދިވެހިރާއްޖޭގެ އެތެރޭގައި ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދޭ ފަރާތްތައް
4. ދިވެހިރާއްޖެއަށް މުދާ އިމްޕޯޓްކުރާ ފަރާތްތައް
5. މީގެ އިތުރުން،ރަޖިސްޓްރީ ކުރުން ލާޒިމު ނުވިނަމަވެސް ރަޖިސްޓްރީކޮށްދިނުމަށް އަމިއްލައަށް ހުށަހަޅާ ފަރާތްތައް
10. ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރުމަށް ލާޒިމްކުރާ ފަރާތްތައް ފިޔަވައި ދިވެހިރާއްޖޭގައި ވިޔަފާރިކުރާ އެހެނިހެން ފަރާތްތައް ޖީއެސްޓީ އަށް ރަޖިސްޓަރީކުރުމުން އެފަރާތްތަކަށް ލިބޭނެ ފައިދާއަކީ ކޮބައިތޯ؟
ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރުމަށް ލާޒިމްކުރާ ފަރާތްތައް ނޫން އެހެން ފަރާތްތައް ރަޖިސްޓްރީ ވުމުން އެފަރާތުން ޖީއެސްޓީ އަށް ރަޖިސްޓްރީވެފައިވާ އެހެން ފަރާތްތަކަށް ދައްކާ ޓެކްސް، އިންޕުޓް ޓެކްސްގެ ގޮތުގައި އުނި ކުރެވިދާނެއެވެ.
11. ޖީ.އެސް.ޓީ އަށް ރަޖިސްޓްރީ ކުރަންހަދާނީ ކިހިނެއް؟
ޖީ.އެސް.ޓީއަށް ރަޖިސްޓްރީކުރާނީ އެކަމަށް ޚާއްސަކުރެވިފައިވާ ފޯމު ބޭނުންކޮށްގެންނެވެ. މިގޮތުން ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުން ނެގޭ ޖީ.އެސް.ޓީ އަށް ރަޖިސްޓްރީ ކުރާނީ MIRA 104 ފޯމުންނެވެ. އެނޫން ދާއިރާތަކުގެ މުދަލާއި ޚިދުމަތުން ނެގޭ ޖީ.އެސް.ޓީ އަށް ރަޖިސްޓްރީ ކުރާނީ MIRA 105 ފޯމުންނެވެ. މި ފޯމް ތައް އެމް.އައި.އާރ.އޭ ގެ ވެބްސައިޓް (www.mira.gov.mv) އިން ޑައުންލޯޑު ކުރެވޭނެއެވެ. އަދި އެމް.އައި.އާރ.އޭ ގެ ޓެކްސްޕޭޔަރ ސާރވިސް ސެންޓަރުން ވެސް ލިބެންހުންނާނެއެވެ.
12. ޖީ.އެސް.ޓީ ލާޒިމް ވާ ވަގުތަކީ ކޮބާ؟
މުދަލެއް ނުވަތަ ޚިދުމަތެއް ފޯރުކޮށްދިން ވަގުތުކަމަށް ބަލާނީ އެ މުދަލުގެ ނުވަތަ ޚިދުމަތުގެ އަގަށްވާ ޓެކްސް އިންވޮއިސް ތައްޔާރުކުރާ ވަގުތު ނުވަތަ މުދާ ގަންނަ ނުވަތަ ޚިދުމަތް ލިބިގަންނަ ފަރާތުން އެ މުދަލުގެ ނުވަތަ ޚިދުމަތުގެ އަގު އެކުގައި ނުވަތަ އެ އަގުން ބައެއް އަދާކުރާ ވަގުތު، މި ދެވަގުތުގެ ތެރެއިން ކުރިން އަންނަ ވަގުތެވެ.
13. ޖީ.އެސް.ޓީ ބަޔާން ހުށަހަޅަންޖެހެނީ ކޮންއިރަކު؟
ޓެކްސް ބަޔާން ހުށަހަޅާނީ ޓެކްސް ނެގޭ މުއްދަތެއް ނިމޭ ތާރީޚާ ވިދިގެން ފެށޭ މަހުގެ 28 ވަނަ ދުވަހުގެ ކުރިންނެވެ.
14. ޓެކްސް ދައްކަންޖެހެނީ ކޮން ތާރީޚެއްގައި؟
ޓެކްސްބަޔާނެކޭ އެއްފަދައިން ޓެކްސް ދައްކާނީވެސް ޓެކްސް ނެގޭ މުއްދަތެއް ނިމޭ ތާރީޚާ ވިދިގެން ފެށޭ މަހުގެ 28 ވަނަ ދުވަހުގެ ކުރިންނެވެ.
15. އިންޕުޓް ޓެކްސް އަކީ ކޮބާ؟
އިންޕުޓް ޓެކްސްއަކީ ރަޖިސްޓްރީކޮށްފައިވާ ދެފަރާތެއްގެ ދެމެދުގައި ހިނގާ މުޢާމަލާތެއްގައި، މުދާ ނުވަތަ ޚިދުމަތް ލިބިގަންނަ ފަރާތުން އެ މުދާ ނުވަތަ ޚިދުމަތް ފޯރުކޮށްދޭ ފަރާތަށް މި ޤާނޫނުގެ ދަށުން ދައްކަންޖެހޭ ޓެކުހެވެ.
16. އައުޓްޕުޓް ޓެކްސް އަކީ ކޮބާ؟
އައުޓްޕުޓް ޓެކްސްއަކީ ރަޖިސްޓްރީކޮށްފައިވާ ފަރާތަކުން ފޯރުކޮށްދޭ މުދަލަކާއި ނުވަތަ ޚިދުމަތަކާއި ގުޅިގެން، އެ މުދާ ނުވަތަ ޚިދުމަތް ލިބިގަންނަ ފަރާތުގެ އަތުން މި ޤާނޫނުގެ ދަށުން ނަގާ ޓެކުހެވެ.
17. ޓެކްސް އިންވޮއިސް އަކީ ކޮބާ؟
ޓެކްސް އިންވޮއިސްއަކީ ޖީ.އެސް.ޓީ އަށް ރަޖިސްޓްރީ ކޮށްފައިވާފަރާތަކުން ޖީ.އެސް.ޓީ ދައްކަންޖެހޭ އެހެން ފަރާތަކަށް މުދަލެއް ވިއްކުމަށްފަހު ނުވަތަ ޚިދުމަތެއް ފޯރުކޮށްދިނުމަށްފަހު، އެ މުޢާމަލާތަކާ ގުޅިގެން ދޫކުރާ ލިއުމެކެވެ.
18. ޓެކްސް އިންވޮއިސް ގެ ބަދަލުގައި ރަސީދެއް ދޫކުރެވިދާނެތަ؟
ރަޖިސްޓްރީކޮށްފައިވާ ފަރާތަކުން ވިއްކާ މުދަލެއް ގަންނަނީ ނުވަތަ ފޯރުކޮށްދޭ ޚިދުމަތެއް ލިބިގަންނަނީ ރަޖިސްޓަރީކޮށްފައިވާ ފަރާތެއް ނޫން އެހެން ފަރާތެއްނަމަ، އެ މުޢާމަލާތާ ގުޅިގެން ޓެކްސް އިންވޮއިސެއްގެ ބަދަލުގައި ރަސީދެއް ދޫކުރެވިދާނެއެވެ.
19. ރަސީދުގައި ހިމަނަންޖެހެނީ ކޮން މަޢުލޫމާތު ތަކެއް؟
- ރަޖިސްޓަރީކޮށްފައިވާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ޓިން
- ފައިސާ ދެއްކި ތާރީޚް
- ރަސީދު ނަންބަރު
- މުދަލުގެ ޢަދަދާއި ތަފްޞީލު ނުވަތަ ޚިދުމަތުގެ ތަފްޞީލު
- މުދަލަށް ނުވަތަ ޚިދުމަތަށް ދައްކަންޖެހޭ ޖީ.އެސް.ޓީގެ ޢަދަދު ނުހިމެނޭގޮތުން މުދަލުގެ ނުވަތަ ޚިދުމަތުގެ އަގު
- މުދަލަށް ނުވަތަ ޚިދުމަތަށް ދައްކަންޖެހޭ ޖީ.އެސް.ޓީގެ ޢަދަދު
- ޖީ.އެސް.ޓީ ހިމެނޭގޮތުން އެ މުދަލަކަށް ނުވަތަ ޚިދުމަތަކަށް ދައްކަންޖެހޭ ޖުމްލަ އަގު، ނުވަތަ މުދަލުގެ އަގުގެ ތެރޭގައި ނުވަތަ ޚިދުމަތުގެ އަގުގެ ތެރޭގައި ޖީ.އެސް.ޓީގެ ޢަދަދު ހިމެނިފައިވާނަމަ އެކަން
20. ޓެކްސް އިންވޮއިސެއްގައި ހިމަނަން ޖެހޭ މައުލޫމާތުތަކަކީ ކޮބާ؟
- ފާޅުކަންބޮޑު ގޮތެއްގައި ފެންނާނެހެން " ޓެކްސް އިންވޮއިސް" ލިޔެފައި އޮތުން
- މުދާ ވިއްކާ ނުވަތަ ޚިދުމަތް ފޯރުކޮށްދޭ ފަރާތުގެ ނަމާއި، އެޑްރެސް އަދި ޓިން
- މުދާ ގަތް ނުވަތަ ޚިދުމަތް ލިބިގަތް ފަރާތުގެ ނަމާއި، އެޑްރެސް އަދި ޓިން
- އިންވޮއިސް ނަމްބަރު
- އިންވޮއިސް ދޫކުރި ތާރީޚް
- ވިއްކި މުދަލުގެ ޢަދަދާއި ތަފްޞީލު ނުވަތަ ފޯރުކޮށްދިން ޚިދުމަތުގެ ތަފްޞީލް
21. ސޮފްޓްވެއަރ ބޭނުންނުކޮށް ޓެކްސް އިންވޮއިސް ތައްޔާރުކުރެވިދާނެތަ؟
ސޮފްޓްވެއަރ ބޭނުންނުކޮށް ޓެކްސް އިންވޮއިސް ތައްޔާރުކުރެވިދާނެއެވެ. މިގޮތަށް އިންވޮއިސް ތައްޔާރުކުރާނަމަ އިންވޮއިސްގައި ޕްރީޕްރިންޓަޑް ސީރިއަލް ނަމްބަރ ހިމަނަންޖެހޭނެއެވެ.
22. ޤާނޫނުގެ ދަށުން ބަލަހައްޓަންޖެހޭ ހިސާބުކުރުމުގެ ލިޔެކިޔުންތަކަކީ ކޮބާ؟
ބަލަހައްޓަންޖެހޭ ހިސާބުކުރުމުގެ ލިޔެކިޔުންތަކުގެ ތެރޭގައި އިންވޮއިސް،ރަސީދު، ޑެބިޓް ނޯޓް އަދި ކްރެޑިޓް ނޯޓް ހިމެނެއެވެ.
23. ހިސާބުކުރުމުގެ ލިޔެކިޔުންތައް ބަލަހައްޓަން ވަކި މުއްދަތެއް އޮވޭތަ؟
ހިސާބުކުރުމުގެ ލިޔެކިޔުންތައް 5 އަހަރު ދުވަހުގެ މުއްދަތަށް ބަހައްޓަންވާނެއެވެ.
24. ޖީ.އެސް.ޓީ ދައްކަންޖެހެނީ ކޮން ފައިސާއަކުންތޯ؟
ޖީ.އެސް.ޓީ ދައްކަންޖެހެނީ ޔޫ.އެސް ޑޮލަރުން ނުވަތަ ދިވެހި ރުފިޔާއިންނެވެ.