މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އުފެދުން
މިނިވަން، މުސްތަޤިއްލު، ވަކި ޤާނޫނީ ޝަޚްޞެއްގެ ގޮތުގައި " މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) " އުފެދުނީ 18 މާޗް 2010 ގައި ތަޞްދީޤު ކުރެވުނު ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުންނެވެ.
މީރާގެ މަޤްޞަދުތައް
- ޓެކުހާބެހޭ ޤާނޫނުތައް ތަންފީޒުކުރުމާއި ޓެކުހާބެހޭ ސިޔާސަތުތައް ހިންގުން.
- ޤާނޫނީ ގޮތުން ދައުލަތަށް ނަގާ އެންމެހައި ޓެކްސް ނެގުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން.
- ޓެކްސް ދައްކަންޖެހޭ ހުރިހާ ފަރާތްތަކަކުން ޓެކްސް ދައްކަންޖެހޭ މިންވަރު ހިސާބު ކުރަނީ ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ތޯ ބެލުމާއި ދައްކަންޖެހޭ ޓެކްސް، ފީ ނުވަތަ އެހެނިހެން ފައިސާ ދައްކަންޖެހޭ ދުވަހަށް ހަމައަށް ދައްކާތޯ ބެލުން.
- މީރާ އަށް ލިބިދީފައިވާ ބާރުތައް ބޭނުންކުރުމުގައި ޓެކްސް ދައްކާ ފަރާތްތަކުގެ ޙައްޤުތަކަށް ހުރުމަތްތެރިކޮށް ހިތުން.
- ޓެކްސް ދައްކާ ފަރާތްތަކަށް ޓެކްސް ނެގުމާބެހޭ ޤާނޫނާއި ގަވާއިދާބެހޭ ފުރިހަމަ މަޢުލޫމާތު ދީ، އެ ފަރާތްތަކުން ޓެކްސް ދެއްކުމަށް ކުރަންޖެހޭ ޚަރަދުތައް ވީހާވެސް ކުޑަ ކުރެވޭތީ މަސައްކަތް ކުރުން.
- ޓެކްސް ނެގުމާބެހޭ އިދާރީ ޚަރަދުތައް ވީވަރަކުން ކުޑަ ކުރެވޭނެ ނިޒާމެއް ރޭވުން.