ރާއްޖެ އާއި ބަންގްލަދޭޝް އާ ދެމެދު "ޑަބަލް ޓެކްސް އެވޮއިޑަންސް" އެގްރިމަންޓެއްގައި ސޮއިކޮށްފި

ރާއްޖެ އާއި ބަންގްލަދޭޝް އާ ދެމެދު އެކުލަވާލާފައިވާ "ޑަބަލް ޓެކްސް އެވޮއިޑެންސް" (ޑީ.ޓީ.އޭ) އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމަކީ ދެ ގައުމުގެ ވިޔަފާރިތަކުގެ މެދުގައި ކުރެވޭ މުއާމަލާތްތަކުން އެއް އާމްދަނީއަކުން ދެ ފަހަރަށް ޓެކްސް ކުރުން ހުއްޓުމަކަށް ގެނެސް، ދެ ގައުމުގެ ޓެކްސް ދައްކާ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކުރުމުގެ އިތުރުން ޓެކްސްއަށް މަކަރުހެދުމުގެ ދޮރުތައް ބަންދުކުރުމުގެ މަޤްސަދުގައި ވެވޭ އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރައްވާފައިވަނީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަލްފާޟިލް ފަތުހުﷲ ޖަމީލެވެ. އަދި، ބަންގްލަދޭޝްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ބަންގްލްދޭޝްގެ ނެޝަނަލް ބޯޑް އޮފް ރެވެނިއުގެ ޗެއަރމަން އަދި އިންޓަރނަލް ރިސޯސަސް ޑިވިޝަންގެ ސީނިއަރ ސެކެޓްރީ އަލްފާޟިލް އަބޫ ހެނާ އެމް.ޑީ ރަޙްމަތުލް މުނީމްއެވެ.

މި އެއްބަސްވުމާ ހަމައަށް އައުމަށްޓަކައި ދެ ގައުމުގެ ދެމެދު ދެ ފަހަރެއްގެ މަތިން، 2017 ވަނަ އަހަރު އަދި 2019 ވަނަ އަހަރު، ރާއްޖެ އަދި ބަންގްލަދޭޝްގައި، މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ. މިއީ، ރާއްޖެ އާއި ބޭރު ގައުމަކާއިއެކު މި ގޮތަށް ހެދިފައިވާ ދެވަނަ އެއްބަސްވުމެވެ. މި ގޮތުން، 2017 ވަނަ އަހަރު ރާއްޖެއިން ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް އާ ދެމެދު ޑަބަލް ޓެކްސް އެވޮއިޑަންސް އެގްރިމަންޓެއްގައި ސޮއިކޮށްފައެވެ.

ރާއްޖޭގެ ޓެކްސް ނިޒާމް ވަރުގަދަކޮށް، ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ ޓެކްސް ނިޒާމެއް ތަންފީޒުކުރުމުގެ ގޮތުން މީރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހަރުދަނާ ޓެކްސް ޓްރީޓީ ނެޓްވޯކެއް ގާއިމްކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާކަމަށް މީރާއިން މައުލޫމާތުދެއެވެ.

 

23-12-21