ޖަނަވަރީ މަހު މީރާއިން 2.36 ބިލިއަން ރުފިޔާ ބަލައިގަނެފި

ޖަނަވަރީ 2022 ގައި މީރާއަށް 2.36 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މީރާއިން މައުލޫމާތު ދީފިއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %31.2 އިތުރު އަދަދެކެވެ. އަދި، ޖަނަވަރީ 2022 ގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %38.6 އިތުރު އަދަދެކެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، ޖަނަވަރީ 2021 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު ޖަނަވަރީ 2022 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޖީ.އެސް.ޓީ، އިންކަމް ޓެކްސް، ގްރީން ޓެކްސް އަދި އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވުމެވެ. މިގޮތުން، ޑިސެންބަރު 2020 އާއި އަޅައިބަލާއިރު، ޑިސެންބަރު 2021 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 2 ގުނަ އިތުރުވެފައިވާ ކަމަށް މީރާއިން މައުލޫމާތުދެއެވެ. މީގެ ސަބަބަކީ 2020 ވަނަ އަހަރު ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ މިންވަރު ދަށްވެފައިވުންކަމަށް މީރާއިން ފާހަގަކުރެއެވެ. މީގެ އިތުރުން، 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމަކީ ޖަނަވަރީ 2021 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު ޖަނަވަރީ 2022 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ ސަބަބެކެވެ. މި ފީ ޖަނަވަރީ 2021 ގައި ލިބިފައެއް ނުވެއެވެ.

ޖަނަވަރީ 2022 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %44.6 ނުވަތަ 1.05 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކްސްއިންނެވެ. އެއީ %36.6 ނުވަތަ 864.41 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 95.19 މިލިއަން ރުފިޔާ (%4.0)، ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 84.49 މިލިއަން ރުފިޔާ (%3.6)، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 76.55 މިލިއަން ރުފިޔާ (3.2%)، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 188.54 މިލިއަން ރުފިޔާ (%8.0) ލިބިފައިވެއެވެ.

ޖަނަވަރީ 2022 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 73.88 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

 

ގުޅުންހުރި ލިޔުންތައް:  https://www.mira.gov.mv/reports/January 2022.pdf

 

10-02-22