ޓެކްސް ދެއްކުމަށް ދަތިވެފައިވާ ފަރާތްތަކަށް އިތުރު ލުއި ފަސޭހަތަކެއް ފޯރުކޮށްދިނުމުގެ ގޮތުން، މީރާގެ އެންފޯސްމަންޓް ޕޮލިސީއަށް އިސްލާހުތަކެއް ގެނެސްފި

ދައުލަތުގެ ޓެކްސް އިދާރާ މީރާ އަށް ދައްކަންޖެހޭ ޓެކުހާއި އެހެނިހެން ފައިސާ ދެއްކުމަށް ދަތިވެފައިވާ ފަރާތްތަކަށް، ފައިސާ ދެއްކުން އިތުރަށް ފަސޭހަކޮށްދިނުމުގެ މަޤްސަދުގައި މީރާގެ އެންފޯސްމަންޓް ޕޮލިސީއަށް އިސްލާހުތަކެއް ގެނެސް، އެ ޕޮލިސީ މީރާގެ ވެބްސައިޓުގައި ޝާޢިއުކޮށްފިއެވެ.

1 ޑިސެމްބަރ 2019 އިން ފެށިގެން އަމަލުކުރާގޮތަށް ކަނޑައަޅައިފައިވާ މި ޕޮލިސީގައި، މިހާތަނަށް ފައިސާ ނުދެއްކިވާ ފަރާތްތަކަށް ދެވޭ ޚާއްސަ އިނާޔަތެއްގެ ގޮތުން، 1 ޑިސެންބަރު 2019 އިން 29 ފެބުރުވަރީ 2020 ގެ ނިޔަލަށް އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކުމަށް އެދި ހުށަހަޅާ ފަރާތްތަކަށް ޚާއްސަ ލުއިތަކެއް ހަމަޖެހިފައިވާކަމަށް މީރާއިން މައުލޫމާތު ދެއެވެ. އެގޮތުން މި މުއްދަތު ތެރޭގައި އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކުމަށް އެދި ހުށަހަޅާ ފަރާތްތަކަށް، އާންމުކޮށް އިންސްޓޯލްމަންޓް ދިނުމުގައި ދައްކަންޖެހޭ ކޮމިޓްމަންޓް ޕޭމަންޓަށްވުރެ ކުޑަ ކޮމިޓްމަންޓް ޕޭމަންޓެއް ދެއްކުމުން އިންސްޓޯލްމަންޓް އެއްބަސްވުމަކަށް އާދެވޭނެ އިންތިޒާމާއި، އާންމު އުސޫލުން އިންސްޓޯލްމަންޓް ހަމައްޖަސައިދެވޭ މުއްދަތަށްވުރެ ދިގު މުއްދަތަކަށް އިންސްޓޯލްމަންޓުގެ މުއްދަތު ދެވޭގޮތަށް ހަމަޖެހިފައިވާކަމަށް މީރާއިން ހާމަކުރެއެވެ.

މީގެ އިތުރުން، އެންފޯސްމަންޓް ޕޮލިސީއަށް ގެނެވުނު އިސްލާހުގެ ދަށުން އުވާލައިފައިވާ ވިޔަފާރިތަކަށް ވެސް ނުދެއްކިވާ ފައިސާ އިންސްޓޯލްމަންޓުގެ ދަށުން ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމާއި މި ނޫންވެސް އިތުރު ލުއިތަކެއް ޓެކްސް ދައްކާ ފަރާތްތަކަށް ވަނީ ދެވިފައެވެ.

 

01-12-19