އާމްދަނީން ޓެކްސް ނެގުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤު ކުރައްވައިފި

އާމްދަނީން ޓެކްސް ނެގުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤު ކުރައްވައިފިއެވެ.

މި ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާނީ 1 ޖަނަވަރީ 2020 އިން ފެށިގެންނެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމުން ވިޔަފާރިތަކުގެ އާމްދަނީން ނެގޭ ޓެކްސް، ވިތުހޯލްޑިންގ ޓެކްސް އަދި ބޭންކްތަކުގެ އާމްދަނީން ނެގޭ ޓެކްސް ނެގޭނީ އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ކަމަށް މީރާއިން މައުލޫމާތުދެއެވެ. މީގެ އިތުރުން، މި ޤާނޫނުގެ ދަށުން، 1 އެޕްރީލު 2020 އިން ފެށިގެން މުވައްޒަފުންގެ އުޖޫރައިން ޓެކްސް ނަގަން ފަށާނެކަމަށްވެސް މީރާއިން މައުލޫމާތުދެއެވެ. މިއީ މަހެއްގެ މައްޗަށް މުވައްޒަފުންނަށް ލިބޭ އުޖޫރަ 60,000 ރުފިޔާ އަށް ވުރެ އިތުރު ވެއްޖެނަމަ، އިތުރުވާ އަދަދުން ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން 5.5% އާއި 15% އާ ދެމެދުގެ ރޭޓުތަކުގައި އެކި ގިންތިތަކަށް ބަހާލެވިގެން ނެގޭ ޓެކުހެކެވެ. މީގެ އިތުރުން، ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކަށް ދައްކާ ބައެއް ފައިސާއިން ނަގާ ނޮން-ރެޒިޑެންޓް ވިތުހޯލްޑިންގ ޓެކްސް، އިންޓްރެސްޓް އަދި ޑިވިޑެންޑުން ނެގުމަށް ވަނީ ހަމަޖެހިފައެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ބިލު ތަސްދީޤުކުރެއްވުމާ ގުޅިގެން، 1 ޖަނަވަރީ 2020 އިން ފެށިގެން ވަޒީފާއާ ބެހޭ ޤާނޫނުގެ ދަށުން ނެގެމުން އައި ރެމިޓެންސް ޓެކްސް އަދި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ ދަށުން ނެގޭ ލޭންޑް ސޭލްސް ޓެކްސް އެއްކޮށް އުވިގެންދާނެކަމަށް މީރާއިން ހާމަކުރެއެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން، 1 ޖަނަވަރީ 2020 އިން ފެށިގެން، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު އަދި ދިވެހިރާއްޖޭގައި ހިންގަމުންދާ ވިޔަފާރި ބޭންކްތަކުގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު އުވިގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް: https://www.mira.gov.mv/TaxLegislation/Income_tax_act_gazette-48-1170.pdf

 

19-12-19