މާރިޗު މަހު މީރާއިން 1.11 ބިލިއަން ރުފިޔާ ބަލައިގަނެފި

މާރިޗު 2020 ގައި މީރާއަށް 1.11 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މީރާއިން މައުލޫމާތުދީފިއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ  %26.9 ދަށް އަދަދެކެވެ. އަދި، މިއީ މި އަހަރުގެ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ %20.3 ދަށް އަދަދެކެވެ.

 

މާރިޗު 2020 ގައި ލިބިފައިވާ އާމްދަނީ ދަށް ވުމުގެ ސަބަބުތަކަކީ، ކޮވިޑް-19 އާ ގުޅިގެން ސަރުކާރު ބަންދުކުރުމުގެ ސަބަބުން އެ މުއްދަތުގެ ތެރޭގައި އައިސްފައިވާ ޓެކުހުގެ ސުންގަޑިތައް ލަސްވުމާއި، ފެބުރުވަރީ 2019 އާ އަޅާބަލާއިރު، ފެބުރުވަރީ 2020 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު %11.1 ދަށްވެފައިވުމެވެ.

 

މާރިޗު 2020 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %57.3 ނުވަތަ 637.67 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެއީ 11.8% ނުވަތަ 131.64 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ބީ.ޕީ.ޓީގެ ގޮތުގައި 81.38 މިލިއަން ރުފިޔާ (7.3%)، ގްރީން ޓެކްސްގެ ގޮތުގައި 74.04 މިލިއަން ރުފިޔާ (6.7%)، އެއަރޕޯޓު ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 59.17 މިލިއަން ރުފިޔާ (5.3%)، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 128.68 މިލިއަން ރުފިޔާ (11.6%) ހިމެނެއެވެ.

މާރިޗު 2020 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 49.2 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

 

ގުޅުންހުރި ލިޔުންތައް:  https://www.mira.gov.mv/reports/March_2020.pdf

 

13-04-20