މީރާއިން ބަލައިގަންނަ ހުރިހާ ޓެކުހާއި ފައިސާ އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފި

ޓެކުހުގެ އިތުރުން މީރާއަށް ބަލައިގަންނަމުންދާ އެހެނިހެން ފައިސާގެ ތެރެއިން އޮންލައިންކޮށް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިނުވާ ފައިސާ އޮންލައިންކޮށް ބަލައިގަތުމުގެ އިންތިޒާމު މިހާރު ހަމަޖެހިފައިވާކަމަށް މީރާއިން ހާމަކޮށްފިއެވެ. މިފަދަ ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޓެކްސް ފިޔަވާ އެހެނިހެން ފައިސާ ބަލައިގަތުމަށް ޚާއްސަކޮށްފައިވާ މީރާގެ އޮންލައިން ޚިދުމަތެއް ކަމުގައިވާ "ވާރުޕޭ " މެދުވެރިކޮށް ކަމަށް އެ އޮތޯރިޓީއިން މައުލޫމާތުދެއެވެ.

ވާރުފޭ ޚިދުމަތް މެދުވެރިކޮށް މީގެ ކުރިންވެސް ކުންފުނިތަކުގެ އަހަރީ ފީ އާއި، އެއްގަމު އުޅަނދު އަދި ކަނޑު އުޅަންދުގެ އަހަރީ ފީއާއި، ޓްރެފިކާގުޅޭ ގޮތުން ކުރާ ޖޫރިމަނާއާއި، މުދަލު ޒަކާތާއި، މިނޫންވެސް ބައެއް ފައިސާ ދިޔައީ ބަލައިގަންނަމުންނެވެ. އަދި، މިއަދު މި ގެނެވުނު "އެންހޭންސްމަންޓް" އާއެކު މި ދެންނެވުނު ފައިސާތަކުގެ އިތުރުން މީރާއަށް އާއްމުކޮށް ބަލައިގަންނަ އެންމެހައި ފައިސާ ވާރުޕޭ މެދުވެރިކޮށް އޮންލައިންކޮށް ދެއްކޭނެކަމަށް މީރާއިން މައުލޫމާތު ދެއެވެ. ވާރުޕޭގެ ޚިދުމަތަކީ މީރާގެ ވެބްސައިޓުން އަދި މީރާގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ލިބޭ ޚިދުމަތެކެވެ.

މީގެ އިތުރުން، ވާރުޕޭ މެދުވެރިކޮށް ފައިސާ ދައްކާ ފަރާތްތަކުން، ފައިސާގެ ރަސީދު ގެއްލިގެން ނުވަތަ އެނޫންވެސް ސަބަބަކާހުރެ ފައިސާގެ ރަސީދުގެ ކޮޕީއެއް ބޭނުންވެއްޖެނަމަ، ވާރުޕޭ މެދުވެރިކޮށް ފައިސާގެ ރަސީދު ޑައުންލޯޑް ކުރެވޭގޮތްވެސް މިހާރު ހަމަޖައްސާފައިވާކަމަށް މީރާއިން ހާމަކުރައްވައެވެ. އަދި މީރާ ކަނެކްޓް ޚިދުމަތަށް ރަޖިސްޓަރީ ކޮށްފައި ނުވާ ފަރާތްތަކަށްވެސް، ވާރުޕޭ މެދުވެރިކޮށް ޖީ.އެސް.ޓީ ސުން-ބަޔާން ފަސޭހަކަމާއެކު ހުށަހެޅޭނެކަމަށްވެސް މީރާއިން މައުލޫމާތު ދެއްވައެވެ. 

ވާރުޕޭއަށް ތައާރަފް ކުރެވުނު މި ފަސޭހަތަކުގެ އިތުރުން، ޓެކްސް ދައްކާ ފަރާތްތަކުގެ ތެރެއިން، މީރާ ކަނެކްޓް މެދުވެރިކޮށް ޓެކްސް ދައްކާ ފަރާތްތަކުން، އެ ފަރާތްތަކުން އެ މުއްދަތަށް ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ އަދަދު އެއްފަހަރާ ދައްކަން ދަތިވާނަމަ، އެއްފަހަރާ މުޅި އަދަދު ދެއްކުމުގެ ބަދަލުގައި އެ ފަރާތަކަށް ދެއްކެން އޮތް އަދަދެއް މީރާކަނެކްޓް މެދުވެރިކޮށް ދެއްކުމުގެ އިންތިޒާމުވެސް މިހާރު ހަމަޖެހިފައިވާކަމަށް މީރާއިން ހާމަކުރެއެވެ.

އެހެންކަމުން، ކޮވިޑް-19 އާ ގުޅިގެން ދިމާވެފައިވާ މި ހާލަތުގައި އިޖުތިމާއީ ގައިދުރުކަން އިސްކޮށް މީރާގެ ޚިދުމަތްތައް އޮންލައިންކޮށް ހޯދުމަކީ މީރާގެ ވަރަށް ބޮޑު އެދުމެކެވެ.

 

13-07-20