ނޮވެންބަރު މަހު މީރާއިން 461.49 މިލިއަން ރުފިޔާ ބަލައިގަނެފި

ނޮވެންބަރު 2020 ގައި މީރާއަށް 461.49 މިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މީރާއިން މައުލޫމާތު ދީފިއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 59.9% ދަށް އަދަދެކެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، ނޮވެންބަރު 2019 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު ނޮވެންބަރު 2020 ގައި ލިބިފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ކޮވިޑް-19 އާ ގުޅިގެން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މިންވަރު ދަށްވެފައިވުމުގެ ސަބަބުން ޓޫރިޒަމް ދާއިރާގެ އިޤްތިޞާދީ ހަރަކާތްތައް މަދުވެ، ޓޫރިޒަމް ދާއިރާއިން ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވެފައިވުމެވެ. މިގޮތުން، ޖީ.އެސް.ޓީ އަދި ގްރީން ޓެކްސް ފަދަ ޓެކުހުން ލިބިފައިވާ އާމްދަނީ ވަނީ ދަށްވެފައެވެ. މީގެ އިތުރުން، 2019 ވަނަ އަހަރުގެ ނޮވެންބަރު މަހުގައި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމަކީ ނޮވެންބަރު 2019 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު ނޮވެންބަރު 2020 ގައި ލިބިފައިވާ އާމްދަނީ ދަށްވެފައިބާ އިތުރު ސަބަބެކެވެ. މި ފީ ނޮވެންބަރު 2020 ގައި ލިބިފައި ނުވެއެވެ.

ނޮވެންބަރު 2020 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ އެވެ. އެއީ 66.9% ނުވަތަ 308.68 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުންނެވެ. އެއީ %9.1 ނުވަތަ 42.09 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ރެސިޑެންޓް ޕަރމިޓްގެ ގޮތުގައި 19.77 މިލިއަން ރުފިޔާ (4.3%)، ގްރީން ޓެކްސްގެ ގޮތުގައި 16.49 މިލިއަން ރުފިޔާ (3.6%)، ބީ.ޕީ.ޓީގެ ގޮތުގައި 11.33 މިލިއަން ރުފިޔާ (2.5%) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 63.13 މިލިއަން ރުފިޔާ (13.7%) ހިމެނެއެވެ.

ނޮވެންބަރު 2020 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 11.26 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

 

 

10-12-20