މާރިޗު މަހު މީރާއިން 1.33 ބިލިއަން ރުފިޔާ ބަލައިގަނެފި

މާރިޗު 2021 ގައި މީރާއަށް 1.33 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މީރާއިން މައުލޫމާތު ދީފިއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 19.2% އިތުރު އަދަދެކެވެ. އަދި، މާރިޗު 2021 ގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 28.4% އިތުރު އަދަދެކެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، މާރިޗު 2020 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު މާރިޗު 2021 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓޫރިޒަމް ލޭންޑް ރެންޓް އަދި ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވުމެވެ. މާރިޗު 2020 ގައި ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގައި ލޮކްޑައުންކޮށްފައިވާތީ، ޓޫރިޒަމް މިނިސްޓްރީން ވަނީ 2020 ވަނަ އަހަރުގެ ދެ ކުއާޓަރެއްގެ ޓުރިޒަމް ލޭންޑް ރެންޓް ދެއްކުމުގެ ސުންގަޑި ފަސްކޮށްދީފައިއެވެ. އެހެންކަމުން، މާރިޗު 2020 ގައި މި ފައިސާ ލިބިފައެއް ނުވެއެވެ. މީގެ އިތުރުން، މާރިޗު 2021 ގައި ޓޫރިޒަމް ދާއިރާގެ ވިޔަފާރި އިތުރުވެފައިވާތީ، މި ދާއިރާއިން ލިބިފައިވާ ޓީ.ޖީ.އެސް.ޓީ އިތުރުވެފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.

މާރިޗު 2021 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 51.0% ނުވަތަ 676.90 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެއީ %25.3 ނުވަތަ 335.39 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 69.96 މިލިއަން ރުފިޔާ (5.3%)، އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 69.91 މިލިއަން ރުފިޔާ (5.3%)، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ގެ ގޮތުގައި 32.41 މިލިއަން ރުފިޔާ (2.4%) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 142.99 މިލިއަން ރުފިޔާ (10.8%) ހިމެނެއެވެ.

މާރިޗު 2021 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 63.73 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

 

ގުޅުންހުރި ލިޔުންތައް:

https://www.mira.gov.mv/reports/March2021.pdf

08-04-21