ސުވާލާއި ޖަވާބު

1 - އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށީ ކޮން ތާރީޚެއްގައި؟

އާމްދަނީން ޓެކްސް ނެގުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރެވުނީ 17 ޑިސެންބަރު 2019 ގައި. މި ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާފައިވަނީ 1 ޖަނަވަރީ 2020 އިން ފެށިގެން. ނަމަވެސް، އުޖޫރައިން ޓެކްސް ނަގަން ފެށުނީ 1 އެޕްރީލް 2020 އިން ފެށިގެން.

2 - އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު ހިނގާނީ ކޮންފަރާތްތަކެއްގެ މައްޗަށް؟

ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތްތަކާއި، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ނުވިނަމަވެސް ނުވަތަ ވަގުތީ ގޮތުން ވަޒަންވެރިފައި ވީނަމަވެސް، ދިވެހިރާއްޖެއިން އާމްދަނީ ލިބޭ ކޮންމެ ފަރާތެއްގެ މައްޗަށް. 

3 - އާމްދަނީން ޓެކްސް ނެގުމުގު ޤާނޫނުގެ ދަށުން ފަރުދުންނަށް ލިބޭ އާމްދަނީން ޓެކްސް ނަގާ ރޭޓު ތަކަކީ ކޮބާ؟

ފަރުދުންނަށް ލިބޭ ޓެކްސް ބިނާކުރެވޭ އާމްދަނީން ޓެކްސް ނަގާ ރޭޓުތައް ތިރީގައިވާ ތާވަލުގައި އެ ވަނީއެވެ.

ހިސާބުކުރާ މުއްދަތެއްގެ ތެރޭގައި ލިބޭ ޓެކްސް ބިނާކުރެވޭ އާމްދަނީގެ ބްރެކެޓް

ޓެކްސް ރޭޓު

720,000/- ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ

0%

720,000/- ރުފިޔާ އަށްވުރެ ބޮޑު، ނަމަވެސް 1,200,000/- ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ

5.5%

1,200,000/- ރުފިޔާ އަށްވުރެ ބޮޑު، ނަމަވެސް 1,800,000/- ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ

8%

1,800,000/- ރުފިޔާ އަށްވުރެ ބޮޑު، ނަމަވެސް 2,400,000/- ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ

12%

2,400,000/- ރުފިޔާ އަށްވުރެ ބޮޑު

15%

 

 

4 - މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އަކީ ކޮބާ؟

ވަޒީފާ ދޭ ފަރާތުން ނުވަތަ އެ ފަރާތުގެ ބަދަލުގައި އުޖޫރަ ދޭ ފަރާތަކުން މުވައްޒަފަކަށް، ކުންފުންޏެއްގެ ޑިރެކްޓަރަކަށް ނުވަތަ ޕާޓްނަރޝިޕެއްގެ ޕާޓްނަރަކަށް ދޭ އުޖޫރައިން އުނިކުރާ ޓެކުހުގެ އަދަދު.

 

5 - މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ނަގަން ފެށި ތާރީޚަކީ ކޮބާ؟

އުޖޫރައިގެ އާމްދަނީން ޓެކްސް ނަގަން ފަށަންޖެހޭ ތާރީޚަކީ 1 އެޕްރީލް 2020 ކަމުގައިވާތީ، މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ވެސް ނަގަން ފެށުނީ 1 އެޕްރީލް 2020 އިން ފެށިގެން.

6 - މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކުހާއި އާމްދަނީން ނަގާ ޓެކުހުގެ ތަފާތަކީ ކޮބާ؟

މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ނިޒާމަކީ، މުވައްޒަފަށް، ޑިރެކްޓަރަށް ނުވަތަ ޕާޓްނަރަށް އުޖޫރަ ދިނުމުގެ ކުރިން އުޖޫރަ ދޭ ފަރާތުން އެ އުޖޫރައިން ދައްކަންޖެހޭ ޓެކުހުގެ މިންވަރެއް އުނިކުރުމަށް ފަހު މީރާއަށް ދައްކާ ނިޒާމެއް. މި ނިޒާމުގެ ތެރެއިން އުޖޫރައިގެ އާމްދަނީން ކުރީބައިގައި ޓެކްސް ދައްކަން ޖެހުނުކަމުގައި ވީނަމަވެސް، އެއް އާމްދަނީއަކުން ދެ ފަހަރު ޓެކްސް ދައްކަންޖެހޭ ފަދަ ހާލަތެއް މެދުވެރިއެއް ނުވާނެ. އުޖޫރައިން ދައްކަންޖެހޭ ޓެކްސް ގެ މިންވަރުގެ ބޮޑު ބައެއް ވިތުހޯލްޑިންގ ނިޒާމުގެ ތެރެއިން ދެއްކިފައިވުން ފިޔަވައި މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކުހާ އާމްދަނީން ނެގޭ ޓެކުހާ ތަފާތެއް ނެތް.

 

 

7 - އިންކަމް ޓެކްސް ޤާނޫނުގެ ދަށުން މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ ރޭޓުތަކަކީ ކޮބާ؟

މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރާނީ އަންނަނިވި ރޭޓުތަކުގައެވެ.

ޓެކްސް ރޭޓު ވިތުހޯލްޑިންގ ޓެކްސް ބިނޭކުރެވޭ އުޖޫރައިގެ ބްރެކެޓް (މަހެއްގެ މައްޗަށް)
0% 60,000 ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ
6% 60,000 ރުފިޔާއަށްވުރެ ބޮޑު، ނަމަވެސް 100,000 ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ
8% 100,000 ރުފިޔާއަށްވުރެ ބޮޑު، ނަމަވެސް 150,000 ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ
12% 150,000 ރުފިޔާއަށްވުރެ ބޮޑު، ނަމަވެސް 200,000 ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ
15% 200,000 ރުފިޔާއަށްވުރެ ބޮޑު

 

8 - "އުޖޫރަ" އަކީ ކޮބާ؟

އުޖޫރައިގެ ތެރޭގައި ހިމެނެނީ، މުވައްޒަފަކު ނުވަތަ ޑިރެކްޓަރަކު ނުވަތަ ޕާޓްނަރަކު ފޯރުކޮށްދޭ ޚިދުމަތުގެ މުޤާބިލުގެ ގޮތުގައި (ފައިސާއިން ނުވަތަ އެނޫންވެސް ގޮތަކަށް) އޭނާއަށް ލިބޭ މުސާރައާއި، އިނާޔަތާއި މަންފާ. މީގެ ތެރޭގައި، ވަޒީފާ ގެއްލުމުގެ ސަބަބުން ނުވަތަ ޚިދުމަތް ހުއްޓާލުމުގެ ސަބަބުން ލިބޭ ބަދަލާއި، ވަކި ކަންތައްތަކަށް ޝަރުތުކޮށް ދޭ ފައިސާއާއި ވަޒީފާއަށް ވަނުމަށް ނުވަތަ ވަޒީފާއިން ވަކިވުމަށް ބާރުއަޅާ އިނާޔަތްތައްވެސް ހިމެނޭ

9 - މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރަ ހިސާބުކުރާނީ ކިހިނެއް؟

މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައަކީ މަހެއްގެ މައްޗަށް ލިބޭ އުޖޫރައިން މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް މުވައްޒަފުގެ އުޖޫރައިން ދައްކާ އަދަދު އުނިކުރުމުން އޮންނަ އަދަދު.

 

10 - އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރިން އަޅުގަނޑު ވާނީ ޓެކްސް ދައްކާ ފަރާތެއްގެ ގޮތުގައި މީރާގައި ރަޖިސްޓަރީކޮށްފަ. މި ހާލަތުގައި، އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން އަލުން އަޅުގަނޑު ރަޖިސްޓަރީކުރަން ޖެހޭނެތަ؟

1 ޖަނަވަރީ 2020 ވަނަ ދުވަހާ ހަމައަށް، ޓެކްސް ދައްކާ ފަރާތެއްގެ ގޮތުގައި މީރާގައި ރަޖިސްޓަރީކޮށްފައިވާ ފަރާތެއްނަމަ، އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން އަލުން ރަޖިސްޓަރީކުރަން ހުށަހަޅާކަށް ނުޖެހޭނެ. މީރާއިން އެފަދަ ފަރާތްތައް އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރުމަށްފަހު އަންގާނެ.

 

 

11 - ކުންފުނިތަކާއި، ޕާޓްނަރޝިޕްތަކާއި، ކޯޕަރޭޓިވް ސޮސައިޓީތަކުން، އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރަންޖެހޭނެތަ؟

އެ ފަދަ ފަރާތްތައް ވެސް ރަޖިސްޓަރީކުރަންޖެހޭނެ. އެހެންނަމަވެސް، ދިވެހިރާއްޖޭގައި އިންކޯޕަރޭޓްކުރާ އެ ފަދަ ފަރާތްތަކުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓަރީކުރުމުގެ ތެރޭގައި، އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީވެގެންދާނެ. އެހެންކަމުން އެ ފަދަ ފަރާތްތަކުން ރަޖިސްޓަރީވުމަށް ވަކި ފޯމެއް މީރާއަށް ހުށަހަޅާކަށް ނުޖެހޭނެ.

 

12 - އަޅުގަނޑަކީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ވިޔަފާރި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓަރީކޮށްފައިވާ މީހެކެވެ. އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން އަޅުގަނޑު ރަޖިސްޓަރީކުރަންޖެހޭނެތަ؟

އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ވެސް މި ޓެކުހަށް ރަޖިސްޓަރީކުރަންޖެހޭނެ. އެހެންނަމަވެސް، ދިވެހިރާއްޖޭގައި އިންކޯޕަރޭޓްކޮށްފައިވާ ފަރާތްތަކެކޭ އެއްގޮތަށް، މި ފަދަ  ފަރުދުން އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީވުމަށް ވަކި ފޯމެއް މީރާއަށް ހުށަހަޅާކަށް ނުޖެހޭނެ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓަރީކުރާއިރު މި ޓެކުހަށް ވެސް ރަޖިސްޓަރީވާނެ.

 

13 - ބިދޭސީއަކު އަހަރެއްގެ ދެބައިކުޅަ އެއްބަޔަށްވުރެ ދިގު މުއްދަތެއްގައި ދިވެހިރާއްޖޭގައި ހޭދަކޮށްފިނަމަ، އާމްދަނީން ޓެކްސް ނެގުމުގެ ބޭނުމަށް، އެ މީހާއަކީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ މީހެއްކަމަށް ބެލެވޭނެތަ؟

ދިވެހިރާއްޖޭގައި ހުރުމުގެ ހުއްދަ ލިބިފައިވާ ބިދޭސީއަކު 183 ދުވަހު ނުވަތަ އެއަށްވުރެ ގިނަ ދުވަހު ދިވެހިރާއްޖޭގައި އުޅެފައިވާނަމަ އަދި އެ މީހަކީ ދިވެއްސަކާ އިނދެގެން އުޅޭ މީހެއް ނޫންނަމަ، އާމްދަނީން ޓެކްސް ނެގުމުގެ ބޭނުމަށް، އެ މީހާއަކީ "ދިވެހިރާއްޖޭގައި ވަގުތީގޮތުން ވަޒަންވެރިވެފައިވާ" މީހެއް.

14 - ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތާ ދިވެހިރާއްޖޭގައި ވަގުތީގޮތުން ވަޒަންވެރިވެފައިވާ ފަރާތް، ޓެކްސް ދެއްކުމުގައި ތަފާތުވަނީ ކޮންގޮތަކަށް؟

މައިގަނޑު ތަފާތަކީ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތުން އެފަރާތަށް ދިވެހިރާއްޖެއިން ލިބޭ އާމްދަނީއާއި ދިވެހިރާއްޖެއިން ބޭރުން ލިބޭ އާމްދަނީއިން ޓެކްސް ދައްކަން ޖެހޭއިރު، ދިވެހިރާއްޖޭގައި ވަގުތީގޮތުން ވަޒަންވެރިވެފައިވާ ފަރާތުން ޓެކްސް ދައްކަން ޖެހެނީ އެފަރާތަކަށް ދިވެހިރާއްޖެއިން ލިބޭ އާމްދަނީން އެކަނިކަމަށްވުން.

15 - ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކީ ކޮބާ؟

ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކީ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތެއް ކަމުގައި ނުވާ އަދި ދިވެހިރާއްޖޭގައި ވަގުތީގޮތުން ވަޒަންވެރިވެފައިވާ ފަރާތެއް ކަމުގައިވެސް ނުވާ ފަރާތް.

16 - ދިވެހިރާއްޖޭގައި ވަގުތީގޮތުން ވަޒަންވެރިވެފައިވާ ފަރާތްތަކާއި ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުންވެސް ޓެކްސް ދައްކަން ޖެހެނީ އެ ފަރާތްތަކަށް ދިވެހިރާއްޖެއިން ލިބޭ އާމްދަނީން އެކަނި. އެ ފަރާތްތަކުން ޓެކްސް ދެއްކުމުގައި ހުރި ތަފާތަކީ ކޮބާ؟

ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތަކުން، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކަށް ދައްކާ ބައެއް ބާވަތުގެ ފައިސާ އިން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭނެ. އެހެން ނަމަވެސް ދިވެހިރާއްޖޭގައި ވަގުތީގޮތުން ވަޒަންވެރިވެފައިވާ ފަރާތްތަކަށް ދައްކާ ފައިސާއިން މި ވިތުހޯލްޑިންގ ޓެކްސް އުނިކުރަންނުޖެހޭ.

1 - ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ޤާނޫނުގެ ދަށުން ނެގޭ ޓެކްސްތަކާއި ފީތަކަކީ ކޮބާ؟

ޑިޕާޗަރ ޓެކުހާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނަގަނީ ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ޤާނޫނު ގެ ދަށުން.

2 - އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއަކީ ކޮބާ؟

އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއަކީ، 1 މޭ 2017 ނުވަތަ އެ ދުވަހުގެ ފަހުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ދިވެހިރާއްޖޭން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނެގޭ ފީއެއް. މި ފީ ނެގޭނެ ރޭޓަކީ ކޮންމެ ބިދޭސީ ފަސިންޖަރެއްގެ އަތުން 25 އެމެރިކާ ޑޮލަރު އަދި ކޮންމެ ދިވެހި ފަސިންޖަރެއްގެ އަތުން 12 އެމެރިކާ ޑޮލަރު. މި ފީ ވެސް ނެގޭނީ ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ޤާނޫނުގެ ދަށުން. މި ޤާނޫނަށް 01 ޖަނަވަރީ 2021 ގައި ގެނެވުމު ފުރަތަމަ އިޞްލާޙާއި އެކު މި ފީ ނެގޭ ރޭޓްވަނީ ބަދަލުވެފައި.

01 ޖަނަވަރީ 2022 ގައި ނުވަތަ އެ ތާރީޙުގެ ފަހުން ދަތުރުކުރުމަށް ޓަކައި، 01 ނޮވެންބަރު 2021 ގައި ނުވަތަ އެ ތާރީޙުގެ ފަހުން ޓިކެޓު ގަންން ނުވަތަ ފުރާ ދުވަސް ބަދަލުކުރާ ފަސިންޖަރުން އަތުން ނެގޭނެ ރޭޓުތައް ތިރީގައި އެވަނީއެވެ.

 

ދަތުރުކުރާ ކްލާސް

ދިވެހިންގެ  އަތުން (އެމެރިކާ ޑޮލަރު)

ބިދޭސީންގެ އަތުން (އެމެރިކާ ޑޮލަރު)

އިކޮނޮމީ ކްލާސް

12

30

ބިޒްނަސް ކްލާސް

60

60

ފަސްޓް ކްލާސް

90

90

ޕްރައިވެޓް ޖެޓް

120

120

 

3 - ޑިޕާޗަރ ޓެކްސް އަކީ ކޮބާ؟

ޑިޕާޗަރ ޓެކްސް އަކީ، 01 ޖަނަވަރީ 2022 ގައި ނުވަތަ އެ ތާރީޙުގެ ފަހުން ދަތުރުކުރުމަށް ޓަކައި، 01 ނޮވެންބަރު 2021 ގައި ނުވަތަ އެ ތާރީޙުގެ ފަހުން ޓިކެޓު ގަންން ނުވަތަ ފުރާ ދުވަސް ބަދަލުކުރާ ފަސިންޖަރުން އަތުން ނަގާ ޓެކުހެއް.

01 ޖަނަވަރީ 2022 ގައި ނުވަތަ އެ ތާރީޙުގެ ފަހުން ދަތުރުކުރުމަށް ޓަކައި، 01 ނޮވެންބަރު 2021 ގައި ނުވަތަ އެ ތާރީޙުގެ ފަހުން ޓިކެޓު ގަންން ނުވަތަ ފުރާ ދުވަސް ބަދަލުކުރާ ފަސިންޖަރުން އަތުން ޓެކްސް ނެގޭނެ ރޭޓުތައް ތިރީގައި އެވަނީއެވެ.

 

ދަތުރުކުރާ ކްލާސް

ދިވެހިންގެ  އަތުން (އެމެރިކާ ޑޮލަރު)

ބިދޭސީންގެ އަތުން (އެމެރިކާ ޑޮލަރު)

އިކޮނޮމީ ކްލާސް

12

30

ބިޒްނަސް ކްލާސް

60

60

ފަސްޓް ކްލާސް

90

90

ޕްރައިވެޓް ޖެޓް

120

120

 

4 - އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއިން އިސްތިސްނާ ކުރެވިފައިވަނީ ކޮން ފަރާތްތަކެއް؟

އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއިން އިސްތިސްނާ ކުރެވިފައިވަނީ ހަމައެކަނި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތައް.

5 - ޑިޕާޗަރ ޓެކްސް އިން އިސްތިސްނާ ކުރެވިފައިވަނީ ކޮން ފަރާތްތަކެއް؟

ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންނާއި، ޢުމުރުން 2 އަހަރު ފުރިހަމަނުވާ ކުޑަކުދިން،  ޑިޕާޗަރ ޓެކްސް އިން އިސްތިސްނާވާނެ.

6 - ކުޑަކުދިން، ޑިޕާޗަރ ޓެކްސް އިން އިސްތިސްނާ ވޭތޯ ބެލުމުގައި ޢަމަލުކުރަނީ ކޮން ޢުސޫލަކުން؟

ދިވެހިރާއްޖޭގެ އެއަރޕޯޓަކުން، އޮރިޖިނޭޓްވާ ޓިކެޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ކުޑަ ކުއްޖެއްގެ އަތުން ޑިޕާޗަރ ޓެކްސް ނެގޭނީ، އެ ކުއްޖާ ދިވެހިރާއްޖޭން ބޭރަށް ފުރާ ދުވަހު 2 އަހަރު ފުރިފައިވާނަމަ. ދިވެހިރާއްޖެއިން ބޭރުގެ އެއަރޕޯޓަކުން އޮރިޖިނޭޓްވާ ޓިކެޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ކުޑަކުއްޖެއްގެ އަތުން ޑިޕާޗަރ ޓެކްސް ނެގޭނީ، އެ ޓިކެޓް އޮރިޖިނޭޓްވި އެއަރޕޯޓުން އެ ކުއްޖާ ފުރި ދުވަހު 2 އަހަރު ފުރިހަމަވެފައިވާނަމަ.

7 - "ޑިޕްލޮމެޓިކް އިމިއުނިޓީ" ލިބިފައިވާ ފަރާތެއްތޯ ބެލުމުގައި ޢަމަލުކުރަނީ ކޮން ޢުސޫލަކުން؟

  • ވިއެނާ ކޮންވެންށަން އޮން ޑިޕްލޮމެޓިކް ރިލޭށަން (1961) ގައި ބަޔާންކޮށްފައިވާ އިމްތިޔާޒުތަކާއި ހިމާޔަތްތައް ހައްގުވާ، ބޭރުގެ ޑިޕްލޮމެޓިކް މިޝަންއެއްގެ މެންބަރުންގެ ގޮތުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ބިދޭސީން.
  • މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން "ޑިޕްލޮމެޓިކް ކްލިއަރެންސް" ދޭ ފްލައިޓްތަކުން ރާއްޖޭން ބޭރަށް ފުރާ އެންމެހައި ފަސިންޖަރުން.

8 - "ޓްރާންސިޓް ފަސިންޖަރުން" އަކީ ކޮބާ؟

ޓްރާންސިޓް ފަސިންޖަރުނަކީ، އެއް ޤައުމަކުން ފުރައިގެން އަނެއް ޤައުމަކަށްދާ މަގުމަތީގައި، ފްލައިޓް ބަދަލުކުރުންފަދަ ބޭނުމަކަށް 24( ސައުވީސް( ގަޑިއިރަށްވުރެ ދިގުނޫން މުއްދަތަކަށް ދިވެހިރާއްޖޭގައި މަޑުކުރާ ފަސިންޖަރުން.

9 - ޑިޕާޗަރ ޓެކުހާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއަށް ރަޖިސްޓަރީ ކުރަންޖެހެނީ ކޮންފަރާތްތަކެއް؟

ޑިޕާޗަރ ޓެކުހާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއަށް ރަޖިސްޓަރީ ކުރަންޖެހެނީ އެއަރޕޯޓް ހިންގާ ފަރާތްތަކާއި ދިވެހިރާއްޖެއަށް ޝެޑިއުލްޑް ފްލައިޓް އޮޕަރޭޓްކުރާ އެއަރލައިންތައް.

ދިވެހިރާއްޖެއަށް ޝެޑިއުލްޑް ފްލައިޓް އޮޕަރޭޓްކުރާ އެއަރލައިނުން ފުރާ ފަސިންޖަރުން އަތުން އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ނެގުމާއި ފައިސާ ދެއްކުމަކީ އެ އެއަރލައިން ގެ ޒިންމާއެއް.

ދިވެހިރާއްޖެއަށް ޝެޑިއުލްޑް ފްލައިޓް އޮޕަރޭޓްކުރާ އެއަރލައިނެއްގެ މަތިންދާބޯޓަކުން ނޫން ގޮތަކަށް، ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން، އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސް ނެގުމާއި، ފައިސާ ދެއްކުމަކީ އެ ބޯޓެއް ފުރި އެއަރޕޯޓް ހިންގާ ފަރާތުގެ ޒިންމާއެއް.

10 - ޑިޕާޗަރ ޓެކުހާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން ރަޖިސްޓަރީން އުނިކުރުމަށް ހުށަހާޅާނީ ކޮންތާރީޚެއްގައި؟

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ހުއްދަ ބާޠިލުކުރާ، ނުވަތަ އެހެން ފަރާތަކަށް އެ ހުއްދަ ބަދަލުކުރާ، ނުވަތަ އެ ހުއްދައިގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 15 ދުވަހުގެ ތެރޭގައި، އެ ފަރާތުގެ ރެޖިސްޓްރޭޝަން ބާޠިލުކުރުމަށް އެދި އެ ފަރާތުން މީރާއަށް ލިޔުމުން ހުށަހަޅަންވާނެ.

11 - އެއަރޕޯޓް ޓެކުހާއި ފީގެ ބަޔާން ހުށަހަޅައި ފައިސާ ދައްކަންޖެހޭ ސުންގަޑިއަކީ ކޮބާ؟

ކޮންމެ ކަލަންޑަރުމަހަކަށް، އެއަރޕޯޓް ތެކުހާއި ފީގެ ބަޔާން ހުށަހަޅައި ފައިސާ މީރާއަށް ދައްކަންޖެހޭ. ބަޔާން ހުށަހަޅައި ފައިސާ ދައްކަންޖެހޭ ސުންގަޑިއަކީ ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަސް.

12 - އެއަރޕޯޓް ޓެކުހާއި ފީގެ ބަޔާން ހުށަހަޅުމަށް ފުރަން ޖެހެނީ ކޮންފޯމެއް؟

އެއަރޕޯޓް ޓެކުހާއި ފީގެ ބަޔާން ( MIRA 530)

13 - އެއަރޕޯޓް ޓެކުހާއި ފީ ދައްކަންޖެހޭނީ ކޮން ބާވަތެއްގެ ފައިސާއަކުން؟

ކޮންމެ ބާވަތެއްގެ ފައިސާއިން އެއަރޕޯޓް ތެކުހާއި ފީ ނަގާފައިވީނަމަވެސް، އެ ފައިސާ މީރާއަށް ދައްކަންޖެހޭނީ އެމެރިކާ ޑޮލަރުން.

14 - އެއަރޕޯޓް ޓެކުހާއި ފީ އަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ބަލަހައްޓަންޖެހޭ ލިޔެކިޔުންތަކަކީ ކޮބާ؟

ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނާއި ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު ގެ ދަށުން ބަލަހައްޓަން ޖެހޭ ރެކޯޑުތަކުގެ އިތުރުން، އެއަރޕޯޓް ތެކުހާއި ފީގެ ބޭނުމަށް ތިރީގައިމިވާ ރެކޯޑުތައް ބަލަހައްޓަންޖެހޭ.

  • އެކި ފަރާތްތަކުން އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސްއާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބެންޖެހޭ ފައިސާ ހޯދުމަށްޓަކައި އެ ފަރާތްތަކަށް ފޮނުވާ އިންވޮއިސްތަކާއި، ފައިސާ ލިބުމުން ތައްޔާރުކުރާ ރަސީދުތަކާއި، ފައިސާ ހޯދުމަށްޓަކައި އެ ފަރާތްތަކާ ދެމެދު ލިޔުމުން ކުރެވޭ އެނޫންވެސް މުޢާމަލާތުތައް.
  • އެ އެއަރލައިނުން އޮޕަރޭޓްކުރާ، ނުވަތަ އެ އެއަރޕޯޓުން ފުރާ ފްލައިޓްތަކުގެ މެނިފެސްޓް.
  • އެއަރޕޯޓް ތެކުހާއި ފީ ގެ ގޮތުގައި ދައްކަންޖެހޭ ޓެކުހުގެ އަދަދަކީ ޞައްޙަ އަދަދެއްކަން ސާބިތުކޮށްދެވޭނެ އެންމެހައި ލިޔެކިޔުންތައް

1 - މުއާޞަލާތީ ޚިދުމަތްތަކުން ޖީ.އެސް.ޓީ ނަގަނީ ކޮން ރޭޓެއްގައި؟

ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ ވިޔަފާރިތަކުން ދޭ މުއާޞަލާތީ ޚިދުމަތްތަކުން %6 ގައި

ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުން ދޭ މުއާޞަލާތީ ޚިދުމަތްތަކުން %12 ގައި.   

2 - މުއާޞަލާތީ ޚިދުމަތްތަކުގެ ތެރެއިން ޖީ.އެސް.ޓީ ނެގޭނީ ކޮން ޚިދުމަތް ތަކަކުން؟

ސަރުކާރުގެ ކަމާބަހޭ އިދާރާއެއްގައި ނުވަތަ ދައުލަތުގެ ކަމާބެހޭ މުއައްސަސާއެއްގައި ރަޖިސްޓަރީކޮށްގެން ފޯރުވައިދޭ ޕޯސްޓްގެ ޚިދުމަތް ފިޔަވައި އެނޫން

އެންމެހައި މުއާޞަލާތީ ޚިދުމަތްތަކުން ޖީ.އެސް.ޓީ ނެގޭނެ. ޖީ.އެސް.ޓީއިން އިސްތިސްނާވާ ޕޯސްޓުގެ ޚިދުމަތްތަކުގެ ތެރޭގައި ކޫރިއަރ ސަރވިސް ނުހިމެނޭ

3 - ފޯނު ކާޑު، ރާސްޓަސް، ރިލޯޑު ފަދަ ޚިދުމަތްތަކުންވެސް ޖީ.އެސް.ޓީ ނަގާނެތަ؟

ފޯނު ކާޑު، ރާސްޓަސް، ރިލޯޑް ފަދަ ޚިދުމަތްތަކުންވެސް ޖީ.އެސް.ޓީ ނަގާނެ

4 - އިންޓަރނެޓް ބިލުން ޖީ.އެސް.ޓީ ނަގާނެތަ؟

އިންޓަރނެޓް ބިލުން ޖީ.އެސް.ޓީ ނަގާނެ

5 - ސައިބަރ ކެފޭތަކުން ހޯދާ އިންޓަރނެޓްގެ ޚިދުމަތުން ޖީ.އެސް.ޓީ ނަގާނެތަ؟

މި ޚިދުމަތުން ޖީ.އެސް.ޓީ ނަގާނެ

6 - މައި ޓޯން، ޕްރޭއަރ އެލާރޓް ފަދަ ޚިދުމަތްތަކުން ޖީ.އެސް.ޓީ ނަގާނެތަ؟

މި ފަދަ ޚިދުމަތްތަކުން ޖީ.އެސް.ޓީ ނަގާނެ

7 - އެސް.އެމް.އެސް ޕެކޭޖުން ޖީ.އެސް.ޓީ ނަގާނެތަ؟

އެސް.އެމް.އެސް ޕެކޭޖުން ޖީ.އެސް.ޓީ ނަގާނެ

8 - އިންޓަރނެޓް ޕެކޭޖް ތަކުން ޖީ.އެސް.ޓީ ނަގާނެތަ؟

އިންޓަރނެޓް ޕެކޭޖް ތަކުން ޖީ.އެސް.ޓީ ނަގާނެ

9 - ޕްރީޕެއިޑް ޚިދުމަތް ބޭނުންކޮށްގެން ދައްކާ ޒަކާތުން ޖީ.އެސް.ޓީ ނަގާނެތަ؟

ޕްރީޕެއިޑް ޚިދުމަތް ބޭނުންކޮށްގެން ދައްކާ ޒަކާތުން ޖީ.އެސް.ޓީ އެއް ނުނެގޭނެ  

10 - ދިރާގު ނުވަތަ އުރީދޫ ކަސްޓަމަރެއް، ދިވެހިރާއްޖެއިން ބޭރުގައި ހުރެ ދިރާގު ނުވަތަ އުރީދޫގެ ޓެލެކޮމިއުނިކޭޝަން ޚިދުމަތެއް ހޯދާކަމުގައި ވާނަމަ އެ ޚިދުމަތުން ޖީ.އެސް.ޓީ ނަގާނެތަ؟

ޖީ.އެސް.ޓީ ނަގާނެ. އެ ޚިދުމަތް ބަލާނީ ދިވެހިރާއްޖޭގައި ދެވުނު ޚިދުމަތެއްގެ ގޮތުގައި.

11 - ބޭރު ގައުމެއްގެ ޓެލެކޮމް އޮޕަރޭޓަރެއްގެ ކަސްޓަމަރެއް ދިވެހިރާއްޖޭގައި ހުރެ ރޯމިންގ ޚިދުމަތް ހޯދާކަމުގައި ވާނަމަ އެ ޚިދުމަތުން ޖީ.އެސް.ޓީ ނަގާނެތަ؟

ޖީ.އެސް.ޓީ ނުނަގާނެ. އެފަދަ ޚިދުމަތް ބަލާނީ ދިވެހިރާއްޖެއިން އެކްސްޕޯޓު ކުރެވުނު ޚިދުމަތެއްގެ ގޮތުގައި. އެކްސްޕޯޓު ކުރެވޭ އެއްވެސް މުދަލަކުން ނުވަތަ

ޚިދުމަތަކުން ޖީ.އެސް.ޓީ އެއް ނުނެގޭނެ.

12 - ޕްރީޕެއިޑް ކާޑު އަދި އިލެކްޓްރޯނިކް ވައުޗަރުގެ ޖީ.އެސް.ޓީ ލާޒިމުވާ ވަގުތު ކަނޑައަޅާނީ ކިހިނެއް؟

އާންމުކޮށް ޖީ.އެސް.ޓީ ލާޒިމުވާ ވަގުތު ކަނޑައެޅުމުގައި ބަލާ އުސޫލަށް. އެއީ ޕްރީޕެއިޑް ކާޑު ނުވަތަ އިލެކްޓްރޯނިކް ވައުޗަރަށް ޓެކްސް އިންވޮއިސް

ތައްޔާރުކުރާ ވަގުތާއި ފައިސާ އަދާކުރާ ވަގުތުގެ ތެރެއިން ކުރިން އަންނަ ވަގުތު.

13 - ފިހާރަތަކުން ވިއްކާ ފޯނު ކާޑުގައި އަގު ޖަހާނީ ކިހިނެއް؟

ފޯނު ކާޑުގެ އަގު ޖަހައިފައި ހުންނަންވާނީ ޖީ.އެސް.ޓީ ނުހިމަނައި. އަދި އެ އަގުގެ އިތުރަށް ޖީ.އެސް.ޓީ ނަގާނެކަން ކަސްޓަމަރަށް ފަސޭހަކަމާއެކު

ފެންނާނެހެން ލިޔެވިފައި ހުންނަންވާނެ.

14 - ޓެލެކޮމިއުނިކޭޝަން ޚިދުމަތްތަކުގެ އަގުތައް ހުންނަން ޖެހޭނީ ޖީ.އެސް.ޓީ ހިމެނިގެންތަ؟

ޓެލެކޮމިއުނިކޭޝަން ޚިދުމަތް ފޯރުވައިދޭ ފަރާތްތަކުން، ނުވަތަ އެ ފަރާތްތަކުގެ އޭޖެންޓުން ވިއްކާ މުއާސަލާތީ ޚިދުމަތުގައި އަގު ޖަހަންވާނީ ޖީ.އެސް.ޓީގެ އަދަދު ނުހިމަނައި. އަދި އެ އަގުގެ އިތުރަށް ޖީ.އެސް.ޓީ ނަގާނެކަން ކަސްޓަމަރަށް ފަސޭހަކަމާއެކު ފެންނާނެހެން ލިޔެވިފައި ހުންނަންވާނެ.

15 - ފޯނު ކާޑު ޑިސްޓްރިބިއުޓަރުންގެ ކޮމިޝަން އިން ޖީ.އެސް.ޓީ ނަގާނެތަ؟

ފޯނު ކާޑު ޑިސްޓްރިބިއުޓަރުންގެ ކޮމިޝަން އިން ޖީ.އެސް.ޓީ ނަގާނެ

16 - ރިޒޯޓު ނުވަތަ ގެސްޓުހައުސް ތަކުން، ފޯނުގެ ނުވަތަ އިންޓަނެޓްގެ ޚިދުމަތަށް ކުރާ ޗާޖުން ވެސް ޖީ.އެސް.ޓީ ނަގާނެތަ؟

މި ފަދަ ޚިދުމަތްތަކުން ޖީ.އެސް.ޓީ ނަގާނެ. ނަގާނީ ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ ރޭޓުން.

17 - ޖީ.އެސް.ޓީއަށް ރަޖިސްޓަރީ ނުކުރާ ފަރާތަކަށް، ފޯނު ކާޑު،"ރާސްޓަސް" އަދި "ރީލޯޑު" ފަދަ ޚިދުމަތްތަކުން ޖީ.އެސް.ޓީ ނެގިދާނެތަ؟

ޖީ.އެސް.ޓީ ނެގޭނީ މީރާގައި ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް

18 - "ރާސްޓަސް" އަދި "ރީލޯޑް" އިން ޖީ.އެސް.ޓީ ނެގޭނީ ކިހިނެތް؟

ކަސްޓަމަރު ރާސްޓަސް ނުވަތަ ރީލޯޑް ގަތުމަށް ދޭ ފައިސާގެ އަދަދު އެއްވެސް އުނިއިތުރުކުރުމެއްނެތި ރާސްޓަސް ނުވަތަ ރީލޯޑް ކުރާ ފޯނުގައި ޖެހުމުން ޖީ.އެސް.ޓީގެ އަދަދު  ސިސްޓަމުން އަމިއްލައަށް ކެނޑުމަށްފަހު ކަސްޓަމަރަށް ކްރެޑިޓް ޖަމާވާނެ.

މިސާލު: ކަސްޓަމަރަކު 10 ރުފިޔާ ދިނުމުން، ރާސްޓަސް ނުވަތަ ރީލޯޑް ވިއްކާފަރާތުން ރާސްޓަސް ނުވަތަ ރީލޯޑް ފޯނުގައި އަދަދެއްގެ ގޮތުގައި ޖަހާނީ 10 އެއް. ކަސްޓަމަރަށް ޖަމާވާނީ 9.43 ރުފިޔާގެ ކްރެޑިޓް. އަދި ރާސްޓަސް ނުވަތަ ރީލޯޑް ވިއްކާފަރާތުގެ އެކައުންޓުން ކެނޑޭނީ ވެސް 9.43 ރުފިޔާއޭރުން، ކަސްޓަމަރު އިތުރަށް ޖީ.އެސް.ޓީގެ ގޮތުގައި އަދަދެއް ދައްކާކަށް ނުޖެހޭނެ އަދި ވިއްކާ ފަރާތުން  އެ މުއާމަލާތުގެ ބާކީގެ ގޮތުގައި އެއްވެސް އަދަދެއް ދޭކަށް ނުޖެހޭނެ.

 

19 - ފިހާރައަށް ދެއްކިފައިސާއަށް ވުރެ މަދުން ރާސްޓަސް ނުވަތަ ރީލޯޑް ޖަމާވަނީ ކީއްވެ؟

ރާސްޓަސް ނުވަތަ ރީލޯޑްގެ ކްރެޑިޓުގެ ގޮތުގައި ޖަމާވާނީ ފިހާރައަށް ކަސްޓަމަރު ދެއްކި ފައިސާއިން ޖީ.އެސް.ޓީގެ އަދަދު ކެނޑުމަށް ފަހު ބާކީ އަދަދު.

20 - ޖީ.އެސް.ޓީގެ ގޮތުގައި ކެނޑުނު އަދަދު އެނގޭނީ ކިހިނެއް؟

ރާސްޓަސް ނުވަތަ ރީލޯޑް ވިއްކާ ވިޔަފާރިތަކުން ކަސްޓަމަރަށް ރަސީދު ދޭން އެދެފިނަމަ ޖީ.އެސް.ޓީ ގަވާއިދުގެ ދަށުން ނުވަތަ ކޮންޒިއުމަރ ޕްރޮޓެކްޝަން ޤާނޫނުގެ ދަށުން ކަސްޓަމަރަށް ރަސީދު ދޫކުރަންވާނެ. ރަސީދުގައި ޖީ.އެސް.ޓީގެ ގޮތުގައި ކެނޑުނު އަދަދު އެނގެން އޮންނާނެ.

21 - ރާސްޓަސް ނުވަތަ ރީލޯޑްގެ ގޮތުގައި ލިބޭނެ އަދަދު އަމިއްލައަށް ހޯދާނީ ކިހިނެއް؟

ރާސްޓަސް ނުވަތަ ރީލޯޑް ކުރުމަށް ފިހާރައަށް ދައްކާ ފައިސާ 1.06 އިން ގެއްލާނީ

މިސާލު: ރީލޯޑް ކުރުމަށް ކަސްޓަމަރަކު ދެއްކި އަދަދަކީ -/20ރ ކަމުގައިވާނަމަ، 20 ގެއްލަން 1.06 ހެދުމުން ލިބޭ 18.87 އަކީ ޖީ.އެސް.ޓީ އުނިވުމަށްފަހު

ލިބޭނެ ކުރެޑިޓް

22 - ކޮންމެ ވިޔާފާރިއަކުން ރާސްޓަސް ނުވަތަ ރީލޯޑް ގަތަސް ޖީ.އެސް.ޓީ ކެނޑޭނެތަ؟

ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ކޮންމެ ވިޔަފާރިއަކުން ރާސްޓަސް ނުވަތަ ރީލޯޑް ގަތަސް ޖީ.އެސް.ޓީ ކެނޑޭނެ

23 - ޖީ.އެސް.ޓީއަށް ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރިއަކުން ރާސްޓަސް ނުވަތަ ރީލޯޑް އަގު ބޮޑުވާނެތަ؟

ހުރިހާ ވިޔަފާރިއަކުންވެސް ރާސްޓަސް އަދި ރީލޯޑް ވިއްކާނީ އެއް އަގެއްގައި 

1 - ޖީ.އެސް.ޓީއަށް ރަޖިސްޓަރީ ކުރުމަށް ބޭނުންކުރަނީ ކޮން ފޯމެއް؟

MIRA 105 (ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން) ފޯމު. މީރާގައި ކުރިން ރަޖިސްޓަރީކުރެވިފައި ނުވާނަމަ،MIRA 117 (ރަޖިސްޓަރީކުރުމާއި މައުލޫމާތު ބަދަލުކުރުން) އަދި MIRA 105 ފޯމު ހުށަހަޅަން ޖެހޭނެ.

2 - ޓޫރިޒަމް ދާއިރާނޫން ދާއިރާތަކުގެ މުދަލާއި ޚިދުމަތް ފޯރުވައިދޭ ފަރާތްތަކުން ޖީ.އެސް.ޓީ ބަޔާން ހުށަހަޅަންޖެހޭނީ ކޮން ފޯމެއް ބޭނުންކޮށްގެން؟

MIRA 205  (ޖީ.އެސް.ޓީ ބަޔާން)

3 - ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތް ފޯރުވައިދޭ ފަރާތްތަކުން ޖީ.އެސް.ޓީ ބަޔާން ހުށަހަޅަން ޖެހޭނީ ކޮން ފޯމެއް ބޭނުންކޮށްގެން؟

MIRA 206 (ޖީ.އެސް.ޓީ ބަޔާން)

4 - އިންޕުޓް ޓެކުހުގެ ގޮތުގައި އެއްވެސް އަދަދެއް އުނިކުރަން ބޭނުން ކަމުގައިވާނަމަ ޖީ.އެސް.ޓީ ބަޔާނާއެކު ހުށަހަޅަންޖެހޭނީ ކޮން ލިޔުމެއް؟

އިންޕުޓް ޓެކްސް ސްޓޭޓްމަންޓް

5 - ޖީ.އެސް.ޓީ ބަޔާނާއި އިންޕުޓް ޓެކްސް ސްޓޭޓްމަންޓް ހުށަހަޅާއިރު ބޭނުންކުރަންޖެހޭނީ ކޮން ވާރޝަންއެއް؟

ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ހުރިހާ ފަރާތްތަކުން ވެސް  ހުށަހަޅަން ޖެހޭނީ 22.3 ވާރޝަންގެ ޖީ.އެސް.ޓީ ބަޔާން އަދި 18.1 ވާރޝަންގެ އިންޕުޓް ޓެކްސް ސްޓޭޓްމަންޓް.

6 - ޖީ.އެސް.ޓީ ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ސުންގަޑިއަކީ ކޮބާ؟

ޓެކްސް ނެގޭ މުއްދަތު ނިމިގެން ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަސް
 
(މިސާލު: ތިންމަހުން އެއްފަހަރު ބަޔާން ހުށަހަޅާ ފަރާތްތަކުން ޖަނަވަރީ، ފެބުރުއަރީ އަދި މާރިޗު މަހުގެ ބަޔާން ހުށަހެޅުމގެ ސުންގަޑިއަކީ އެޕްރީލް 28 ވަނަ ދުވަސް)

7 - ޖީ.އެސް.ޓީ ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި ރަސްމީ ބަންދު ދުވަހަކާ ދިމާވާނަމަ، ޖީ.އެސް.ޓީ ބަޔާން ހުށަހަޅަންޖެހޭނީ ކޮން ދުވަހެއްގައި؟

ޖީ.އެސް.ޓީ ބަޔާން ހުށަހަޅައި ފައިސާ ދައްކަން ޖެހޭނީ ޖެހިގެން އަންނަ ރަސްމީ މަސައްކަތު ދުވަހު

8 - ޖީ.އެސް.ޓީ ބަޔާނުގެ އިޤުރާރުގައި ކޮންމެ މީހަކަށްވެސް ސޮއި ކުރެވިދާނެތަ؟

ޖީ.އެސް.ޓީ ބަޔާނުގައި ސޮއި ކުރެވޭނީ ވިޔަފާރީގެ ޤާނޫނީ ވެރިފަރާތަށް ނުވަތަ އެ ފަރާތުގެ ޖީ.އެސް.ޓީ ބަޔާންތަކުގައި ސޮއިކުރުމަށް ހުއްދަދީފައިވާ ފަރާތެއްގެ

ގޮތުގައި މީރާގައި ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށް

9 - މިހާރު ޖީ.އެސް.ޓީ ނެގެނީ ކޮން ރޭޓުތަކަކުން؟

ޓޫރިޒަމް ދާއިރާއިން %12 ގައި އަދި ޓޫރިޒަމް ނޫން އެހެން ދާއިރާތަކުން %6 ގައި

10 - ޖީ.އެސް.ޓީއަށް ރަޖިސްޓަރީ ކުރަން ލާޒިމުވަނީ ކޮން ޝަރުތުތަކެއް ފުރިހަމަވުމުން؟

  • ޓޫރިޒަމް ދާއިރާގެ މުދަލެއް ނުވަތަ ޚިދުމަތެއް ފޯރުވައިދޭނަމަ؛ ނުވަތަ
  • ދިވެހިރާއްޖެއަށް މުދާ އިމްޕޯޓު ކުރާނަމަ؛ނުވަތަ
  • ފާއިތުވި 12 މަސްދުވަހު  ވިއްކި މުދަލާއި ފޯރުވައިދިން ޚިދުމަތުގެ އަގު 1 މިލިއަން ރުފިޔާއަށްވުރެ އިތުރުވާނަމަ؛ނުވަތަ
  • ކުރިޔަށް އޮތް 12 މަސްދުވަހު ވިއްކާނެ މުދަލާއި ފޯރުވައިދޭނެ ޚިދުމަތުގެ އަގު 1 މިލިއަން ރުފިޔާއަށްވުރެ އިތުރުވާނެކަމަށް އަންދާޒާކުރެވޭނަމަ

11 - ޖީ.އެސް.ޓީއަށް ރަޖިސްޓަރީކުރަން ލާޒިމުވާ ޝަރުތެއް ފުރިހަމަނުވިޔަސް ރަޖިސްޓަރީ ކުރެވިދާނެތަ؟

ޖީ.އެސް.ޓީއަށް ރަޖިސްޓަރީ ކުރުން ލާޒިމުވާ ޝަރުތެއް ފުރިހަމަ ނުވިޔަސް، ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްދިނުމަށް އެދި ކޮމިޝަނަރ ޖެނެރަލަށް އަމިއްލައަށް ހުށަހެޅުމުގެ އިޚްތިޔާރު، ހުއްދައެއް ލިބިގެން ހިންގާ ވިޔަފާރިތަކަށާއި ހުއްދައެއް ލިބިގެން ހިންގާ ޚިދުމަތްދޭ ތަންތަނަށް ލިބިގެންވެއެވެ.

12 - ވިޔަފާރިކުރާ ތަނުގައި މުދަލާއި ޚިދުމަތުގެ އަގު ޖަހާފައި ހުންނަން ޖެހޭނީ ކިހިނެއް؟

މުދަލާއި ޚިދުމަތުގައި އަގު ޖަހާފައި ހުންނަން ޖެހޭނީ ޖީ.އެސް.ޓީ ހިމަނައިގެން. މުދާ ނުވަތަ ޚިދުމަތުގައި ޖަހާފައި ހުންނަ އަގުގެ އިތުރަށް ކަސްޓަމަރެއްގެ އަތުން ފައިސާ ނެގިގެން ނުވާނެ.

13 - މުދަލާއި ޚިދުމަތުން ސަރވިސް ޗާޖު ނަގާނަމަ ވިޔަފާރިކުރާ ތަންތަނުން އަގުޖެހުމުގައި ގެންގުޅޭނެ އުސޫލަކީ ކޮބާ؟

މިފަދަ ވިޔަފާރިތަކުން ފޯރުވައިދޭ މުދަލާއި ޚިދުމަތުގެ އަގު ޖީ.އެސް.ޓީ ނުހިމަނައި ޖެހިދާނެ. އެހެންނަމަވެސް ޖުމުލަ އަގު ކަސްޓަމަރުންނަށް ހިސާބުކުރެވޭނެގޮތަށް ޖީ.އެސް.ޓީ ނެގޭނެ ރޭޓާއި ސަރވިސް ޗާޖު ނެގޭނެ ރޭޓު އެނގެން އޮންނަންޖެހޭނެ.
 
މިސާލަކަށް ތިޔަ ފަރާތަކީ ކެފޭއެއް ހިންގާ ފަރާތެއްނަމަ، މެނޫގައި ޖީ.އެސް.ޓީ ނުހިމަނައި އަގު ޖެހިދާނެ. އަދި ސަރވިސް ޗާޖު ނަގާ ރޭޓާއި ޖީ.އެސް.ޓީ ނަގާ ރޭޓު މެނޫގައި ބަޔާންކޮށްފައި އޮންނަންވާނެ.

14 - މަރާމާތުކުރުމުގެ ބޭނުމަށް ވަގުތީ ގޮތުން ވިޔަފާރި ބަންދުކޮށްފައި ހުރިނަމަވެސް ނުވަތަ އެއްވެސް ވިޔަފާރިއެއް އެ މުއްދަތުގައި ނުވިނަމަވެސް މީރާއަށް ޖީ.އެސް.ޓީ ބަޔާން ހުށަހަޅަން ޖެހޭނެތަ؟

ޖީ.އެސް.ޓީއަށް ރަޖިސްޓަރީ ކުރުމަށްފަހު ހުރިހާ ފަރާތްތަކުން ޖީ.އެސް.ޓީ ބަޔާން ހުށަހަޅަންޖެހޭ. ވަގުތީގޮތުން ވިޔަފާރި ބަންދުކޮށްފައި ނުވަތަ އެ މުއްދަތުގައި ވިޔަފާރިނުވާ ފަރާތްތަކުންވެސް "ސުން" ބަޔާނެއް މީރާއަށް ހުށަހަޅަންޖެހޭނެ

15 - "ޓައިމް އޮފް ސަޕްލައި" ނުވަތަ ޚިދުމަތް ދެވުނު ވަގުތަކީ ކޮބާ؟

އެ މުޢާމަލާތަކާއި ގުޅިގެން ޓެކްސް އިންވޮއިސް ދޫކުރެވުނު ވަގުތު ނުވަތަ އެމުޢާމަލާތެއްގެ އަގު އަދާކުރެވުނު ވަގުތު؛ މި ދެ ވަގުތުގެ ތެރެއިން ކުރިން އަންނަ ވަގުތެއް.

16 - "ޚިދުމަތް ދެވުނު ވަގުތު" ދެނެގަތުމުގެ ބޭނުމަކީ ކޮބާ؟

އެ މުޢާމަލާތަކާއި ގުޅިގެން ޖީ.އެސް.ޓީ ދައްކަންޖެހޭ ޓެކްސް ނެގޭ މުއްދަތު ކަނޑައެޅުމަށް

1 - ބީ.ޕީ.ޓީއަށް ރަޖިސްޓަރީ ކުރަން ހުށަހަޅަންޖެހޭނީ ކޮން ފޯމެއް؟

MIRA 101 (ޓެކްސް ދައްކާފަރާތް ރަޖިސްޓަރީކުރުން) ފޯމު

2 - ބީ.ޕީ.ޓީއަށް ރަޖިސްޓަރީ ކުރުމަށްޓަކައި އަމިއްލަ ފަރުދުން ހުށަހަޅަންޖެހޭ ލިޔެކިޔުންތަކަކީ ކޮބާ؟

  • ވިޔަފާރީގެ ޤާނޫނީ ވެރިފަރާތުގެ އައިޑީ ކާޑުގެ ކޮޕީ 
  • ވިޔަފާރި ހުއްދައިގެ ކޮޕީ
  • ލައިސަންސް ނުވަތަ ރަޖިސްޓަރީގެ ކޮޕީ
  • ޒިންމާވާ ފަރާތެއް އައްޔަންކޮށްފައިވާނަމަ،  ޒިންމާވާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ އަދި ޒިންމާވާ ފަރާތުން އެކަން ގަބޫލުކުރިކަމުގެ ލިޔުން

3 - ބީ.ޕީ.ޓީއަށް ރަޖިސްޓަރީ ކުރުމަށްޓަކައި ޤާނޫނީ ޝަޚުސުންކަމަށްވާ ކުންފުނި ނުވަތަ ޕާޓްނަރޝިޕްތަކުން ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކަކީ ކޮބާ؟

  • މެނޭޖިން ޑިރެކްޓަރު ނުވަތަ މެނޭޖިން ޕާޓްނަރުގެ އައިޑީ ކާޑުގެ ކޮޕީ
  • ކުންފުނި ނުވަތަ ޕާޓްނަރޝިޕްގެ ރަޖިސްޓަރީގެ ކޮޕީ
  • ޒިންމާވާ ފަރާތެއް އައްޔަންކޮށްފައިވާނަމަ،  ޒިންމާވާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ
  • ބޯޑު ރިޒޮލިއުޝަން

4 - މީރާގައި ބޭންކް އެކައުންޓެއް ރަޖިސްޓަރީ ކުރަން ކޮންމެހެން ލާޒިމުތަ؟

ނޫން. އެހެންނަމަވެސް ފީ ނުވަތަ ޓެކްސް ދައްކަންބޭނުންވަނީ ޗެކުން ކަމުގައިވާނަމަ، އެ ޗެކު ނިސްބަތްވާ ބޭންކް އެކައުންޓް މީރާގރަޖިސްޓްރީކުރެވިފައި

އޮންނަންވާނެ. މީރާގައި ވިޔަފާރި ރަޖިސްޓަރީ ކުރުމަށްފަހުވެސް ބޭންކް އެކައުންޓް ރަޖިސްޓަރީ ކުރެވިދާނެ.  ބޭންކް އެކައުންޓް ރަޖިސްޓަރީކުރުމަށް

ބޭނުންކުރާނީ MIRA101

5 - މީރާގައި ބޭންކް އެކައުންޓް ރަޖިސްޓަރީ ކުރާކަމުގައިވާނަމަ އިތުރަށް ބޭނުންވާނެ ލިޔެކިޔުމަކީ ކޮބާ؟

ބޭންކް އެކައުންޓުގެ ނަންބަރާއި ވެރިފަރާތުގެ ނަން އެނގޭނެފަދަ މައުލޫމާތު ހިމެނޭ، އެކައުންޓް ނިސްބަތްވާ ބޭންކުގެ ލިޔުމެއް ނުވަތަ ބޭންކް އެކައުންޓް ސްޓޭޓްމަންޓުގެ ކޮޕީއެއް

6 - އަމިއްލަ ނަމުގައި އެހެން ފަރާތެއްގެ ބޭންކް އެކައުންޓް ރަޖިސްޓަރީ ކުރެވިދާނެތަ؟ ރަޖިސްޓަރީ ކުރެވޭނަމަ ހުށަހަޅަންޖެހޭ ލިޔެކިޔުންތަކަކީ ކޮބާ؟

ރަޖިސްޓަރީ ކުރެވިދާނެ. ރަޖިސްޓަރީކުރުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތަކަކީ: 

MIRA 101 ފޯމާއެކު، އެކައުންޓް މީރާގައި ރަޖިސްޓަރީ ކުރުމާއިމެދު އެއްވެސް އިޢުތިރާޒެއް ނެތްކަމަށް އެ އެކައުންޓުގެ ވެރިފަރާތުން އެއްބަސްވާ ސިޓީއެއް؛

އަދި ބޭންކް އެކައުންޓުގެ ނަންބަރާއި ވެރިފަރާތުގެ ނަން އެނގޭނެފަދަ މައުލޫމާތު ހިމެނޭ އެކައުންޓް ނިސްބަތްވާ ބޭންކުގެ ލިޔުމެއް ނުވަތަ ބޭންކް އެކައުންޓް

ސްޓޭޓްމަންޓުގެ ކޮޕީއެއް

7 - ބީ.ޕީ.ޓީ ޤާނޫނުގެ ދަށުން ކޮންމެ އަހަރަކު ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކަކީ ކޮބާ؟

  • އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓް MIRA 303 (މި ސްޓޭޓްމަންޓް އަހަރަކު 2 ފަހަރު ހުށަހަޅަންޖެހޭ)
  • ބީ.ޕީ.ޓީ ބަޔާން MIRA 304

8 - އަމިއްލަ ފަރުދުން ބީ.ޕީ.ޓީ ބަޔާން ހުށަހަޅަން ޖެހޭތަ؟

އަމިއްލަ ފަރުދުން ބީ.ޕީ.ޓީ ބަޔާން ހުށަހަޅަން ޖެހޭނީ އެފަރާތެއްގެ:

  • ޖުމުލަ އާމްދަނީ އަހަރެއްގެ ތެރޭގައި 1,000,000 ރުފިޔާ އަށްވުރެ އިތުރުވާނަމަ، ނުވަތަ
  • އަހަރެއްގެ ތެރޭގައި ޓެކްސް ބިނާކުރެވޭ ފައިދާ 500,000 ރުފިޔާ އަށްވުރެ އިތުރުވާނަމަ

9 - އަމިއްލަ ފަރުދުން އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓް ހުށަހަޅަން ޖެހޭތަ؟

އެފަރާތަކީ ބީ.ޕީ.ޓީ ބަޔާން ހުށަހަޅަން ލާޒިމުވާ ފަރާތަކަށްވާނަމަ، އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓް ހުށަހަޅަން ޖެހޭނެ

10 - ޓެކްސް ބިނާކުރެވޭ ފައިދާއަކީ ކޮބާ؟

 ޓެކްސްނެގޭ މުއްދަތުގައި ލިބޭ އާމްދަނީ އިން, އެ މުއްދަތުގައި ކޮށްފައިވާ ވިޔަފާރީގެ ޚަރަދުތަކުގެ ތެރެއިން ބީ.ޕީ.ޓީ ޤާނޫނާއި ގަވާއިދުގެ ދަށުން އުނިކުރުން ހުއްދަކުރާ ޚަރަދުތައް އުނިކުރުމުން ލިބޭ ފައިދާ

11 - އަމިއްލަ ފަރުދުން ފިޔަވައި، އެހެން ހުރިހާ ފަރާތްތަކުން ބީ.ޕީ.ޓީ ބަޔާނާއި އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓް ހުށަހަޅަން ޖެހޭތަ؟

ބީ.ޕީ.ޓީ ޤާނޫނުގެ ދަށުން، އަމިއްލަ ފަރުދުން ފިޔަވާ އެހެން ހުރިހާ ފަރާތްތަކުން ލިބޭ އާމްދަނީއާއި ފައިދާގެ މައްޗަށް ބެލުމެއްނެތި ކޮންމެ ޓެކްސް އަހަރެއްގައިވެސް ބީ.ޕީ.ޓީ ބަޔާނާއި އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓް ހުށަހަޅަންޖެހޭ

12 - އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓަކީ ކޮބާ؟

ހިނގަމުންދާ ޓެކްސް އަހަރުގައި ބީ.ޕީ.ޓީގެ ގޮތުގައި ދައްކަންޖެހޭ އަދަދު ކަނޑައެޅުމަށްޓަކައި ވޭތުވެދިޔަ އަހަރު ބީ.ޕީ.ޓީގެ ގޮތުގައި ދެއްކި އަދަދުގެ މައްޗަށް ބިނާކޮށް ހުށަހަޅާ ލިޔުމެއް. ހިނގަމުންދާ ޓެކްސް އަހަރަކީ ފުރަތަމަ ޓެކްސް އަހަރުކަމުގައިވާނަމަ، އެ އަހަރަށް ލިބޭނެކަމަށް ލަފާކުރެވޭ އާމްދަނީގެ މައްޗަށް ބިނާކޮށް ހުށަހަޅާ ލިއުމެއް.

13 - ހިސާބުތައް ތައްޔާރުކުރުމުގައި ކޭޝް ބޭސިސް އިޚްތިޔާރުކޮށްފިނަމަ ބީ.ޕީ.ޓީ ބަޔާނާއިއެކު ހުށަހަޅަން ޖެހޭނީ ކޮން ލިޔެކިޔުންތަކެއް؟

  • އާމްދަނީއާއި ޚަރަދުގެ ބަޔާން
  • މާލީ ހިސާބުތަކާއި ގުޅޭ ނޯޓްސް

14 - ހިސާބުތައް ތައްޔާރުކުރުމުގައި ކޭޝް ބޭސިސް އިޙްތިޔާރު ކުރެވޭނީ ކޮންކޮން ފަރާތްތަކަކަށް؟

ޓެކްސް އަހަރެއްގައި އާމްދަނީގެ ގޮތުގައި 10 މިލިއަން ރުފިޔާއަށްވުރެ މަދުން އާމްދަނީ ލިބޭ ފަރާތްތަކަށް

15 - އެކްރޫއަލް ބޭސިސްއަށް ހިސާބުތައް ތައްޔާރުކުރާކަމުގައިވާނަމަ ބީ.ޕީ.ޓީ ބަޔާނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކަކީ ކޮބާ؟

  • އާމްދަނީއާއި ޚަރަދުގެ ބަޔާން
  • ސްޓޭޓްމަންޓް އޮފް ފައިނޭންޝަލް ޕޮޒިޝަން (ބެލެންސް ޝީޓް)
  • ފައިސާ ލިބުނު ގޮތާއި ހޭދަވި ގޮތުގެ ބަޔާން
  • ހިއްސާގެ ރައުސުލްމާލަށް އައި ބަދަލުތަކުގެ ބަޔާން
  • މާލީ ހިސާބުތަކާއި ގުޅޭ ނޯޓްސް
  • ޑިރެކްޓަރުންގެ ރިޕޯޓް
  • އޮޑިޓް ރިޕޯޓް

16 - މާލީ ހިސާބުތައް އޮޑިޓު ކުރަން ޖެހޭތަ؟

މާލީ ހިސާބުތައް އޮޑިޓު ކުރަން ޖެހޭނީ އެ ފަރާތަކަށް ޓެކްސް އަހަރެއްގައި ލިބޭ އާމްދަނީ 10 މިލިއަން ރުފިޔާއަށްވުރެ އިތުރުވާނަމަ.

17 - ބީ.ޕީ.ޓީގެ ބޭނުމަށް ޤާނޫނުން ހުއްދަކުރާ އުނި ކުރެވޭނެ ޚަރަދުތަކަކީ ކޮބާ؟

އުސޫލެއްގެ ގޮތުން ވިޔަފާރިއާ ގުޅުން ހުރި އެންމެހާ ޚަރަދެއް؛

އެ ޚަރަދަކީ ބީ.ޕީ.ޓީ ޤާނޫނު އަދި ގަވާއިދުގެ ދަށުން ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި އުނިކުރުން މަނާ ކުރެވިފައިވާ ނުވަތަ އުނިކުރެވޭ ވަކި މިންވަރެއް ކަނޑައެޅިފައިވާ ޚަރަދަކަށް ނުވާނަމަ އުނިކުރެވޭނެ.

18 - ބީ.ޕީ.ޓީ ބަޔާން ހުށަހެޅުމަށް ބޭނުން ކުރަންޖެހޭނީ ކޮންފޯމެއް؟

MIRA 304 (ބީޕީޓީ ބަޔާން)

19 - އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓް ހުށަހެޅުމަށް ބޭނުންކުރަންޖެހޭނީ ކޮންފޯމެއް؟

MIRA 303  (އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓް)

1 - ވިތުހޯލްޑިންގ ޓެކްސް އަކީ ކޮބާ؟

ވިތުހޯލްޑިންގ ޓެކުހަކީ، ޓެކުހުގެ ބޭނުމަށް ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ނުވާ ފަރާތްތަކަށް ދައްކާ ޕޭމަންޓްތަކުގެ ތެރެއިން، ޤާނޫނުގައި ކަނޑައަޅާފައިވާ ވަކި ޕޭމަންޓްތަކަކުން ކަނޑައެޅިގެންވާ ޕަސެންޓެއް އުނިކުރުމަށްފަހު މީރާއަށް ދައްކަންޖެހޭ ޓެކުހެއް.

2 - ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭނީ ކޮން ޝަރުތުތަކެއް ފުރިހަމަވެގެން؟

ވިތުހޯލްޑިންގ ޓެކުހުގެގޮތުގައި އުނިކުރަންޖެހޭނީ، ދެ ޝަރުތެއް ފުރިހަމަވުމުން. އެއީ:

  • އެ ފައިސާއަކީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތަކަށް ދައްކާ ފައިސާއަކަށްވުން
  •  އެ ފައިސާއަކީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމާ ބެހޭ ޤާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޕޭމަންޓުތަކުގެ ތެރެއިން ޕޭމަންޓަކަށް ވުން

3 - ވިތުހޯލްޑިންގ ޓެކްސް ނެގޭ ރޭޓަކި ކޮބާ؟

ވިތުހޯލްޑިންގ ޓެކްސް ދައްކަންޖެހޭ ޕޭމަންޓުގެ ޖުމުލަ އަދަދުގެ %10

4 - ވިތުހޯލްޑިންގ ޓެކްސް ދައްކަން ނުޖެހެނީ ކޮންކޮން ފަރާތްތަކެއް؟

  • ވިޔަފާރި ނުކުރާ އަމިއްލަ ފަރުދުން
  •  ސަރުކާރު

5 - ވިތުހޯލްޑިންގ ޓެކްސް ހުށަހަޅަން ޖެހޭނީ ކޮން ފޯމެއް މެދުވެރިކޮށް؟

MIRA 301   (ވިތުހޯލްޑިންގ ޓެކްސް ބަޔާން)

6 - ވިތުހޯލްޑިންގ ޓެކްސް ބަޔާން އަދި ފައިސާ ދައްކަންޖެހޭ ސުންގަޑި އަކީ ކޮބާ؟

ވިތުހޯލްޑިންގ ޓެކްސް އުނިކުރާ މަހާ ވިދިގެން އަންނަ މަހުގެ 15 ވަނަ ދުވަސް

7 - ވިތުހޯލްޑިންގ ޓެކްސް ބަޔާނާއެކު އިތުރު ލިޔެކިޔުމެއް ހުށަހަޅަންޖެހޭނެތަ؟

ނުޖެހޭނެ

8 - ވިތުހޯލްޑިންގ ޓެކްސް ދެއްކުމުން މީރާއިން ލިޔެކިޔުމެއް ދޫކުރާނެތަ؟

މީރާއަށް ވިތުހޯލްޑިންގ ޓެކްސް ބަޔާން އަދި ފައިސާ ހުށަހެޅުމުން، ވިތުހޯލްޑިންގ ޓެކްސް ސެޓްފިކެޓެއް ލިބޭނެ. މި ސެޓްފިކެޓްގައި ބަޔާންކޮށްފައިވާނީ ވިތުހޯލްޑިންގ ޓެކުހުގެގޮތުގައި އުނިކޮށްފައިވާ އަދަދު. މި ސެޓްފިކެޓަކީ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތަށް ފޮނުވަންޖެހޭ ލިޔުމެއް.

9 - ވިތުހޯލްޑިންގ ޓެކްސް ދައްކަންޖެހޭނީ ކޮން ފައިސާއަކުން؟

ދިވެހި ރުފިޔާއިން

1 - އެންމެ ފުރަތަމަ ފަހަރު ވާރކް ޕާމިޓް ފީ ދައްކާއިރު ބޭނުންވާނީ ކޮން ލިޔެކިޔުމެއް؟

  • ޕާސްޕޯޓުގެ ބަޔޯޑާޓާ ޕޭޖު (1 އަހަރުގެ މުއްދަތު) ކުލަ ކޮޕީ
  • ވަޒީފާއަށް އައްޔަން ކުރެވުނުކަމުގެ ލިޔުން
  • މެޑިކަލް ރިޕޯޓު
  • ދިވެހި ފަރުދަކާ ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކުރެވިފައިވާ ކުންފުންޏަކާއި މުވައްޒަފާ ދެމެދު ކުރެވިފައިވާ (ސޮއި ކުރެވިފައިވާ) އެއްބަސްވުމުގެ ކޮޕީ

2 - ވާރކް ޕާމިޓް ފީ އަތޮޅު ކައުންސިލްތަކުން ބަލައިގަންނާނެތަ؟

ނޫން. ވާރކް ޕާމިޓް ފީ ބަލައިގަންނަނީ ހަމައެކަނި އޮންލައިންކޮށް.

3 - އެންމެ ކުޑަ މުއްދަތަކަށް ވާރކް ޕާމިޓް ފީ ދެއްކޭނީ ކިހާ މުއްދަތަކަށް؟

1 މަސް. އެންމެ ގިނަވެގެން ޕާސްޕޯޓުގެ މުއްދަތު ހަމަވާ ދުވަސް ނުވަތަ ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވާ ދުވަހާ ހިސާބަށް.

4 - ވާރކް ޕާމިޓް ފީގެ ގޮތުގައި މަހަކަށް ދައްކަންޖެހެނީ ކިހާވަރެއް؟

ކޮންމެ މަހަކަށް 350ރ. 

5 - ވާރކް ޕާމިޓް ފީ ދެއްކުމަށް ލާޒިމްވާނީ ކޮން ފަރާތެއް؟

ބިދޭސީ މީހާއަށް ވަޒީފާދިންފަރާތް.

6 - ޑިޕޮސިޓުގެ ރީފަންޑު ހޯދުމަށްޓަކައި ޢަމަލުކުރަންޖެހޭނީ ކިހިނެއް؟

މިނިސްޓަރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ގުޅުއްވާ.

7 - އެންމެ ފަހުން ފައިސާ ދެއްކި ރަސީދު ހޯދުމަށްޓަކައި ޢަމަލު ކުރާނީ ކިހިނެތް؟

އެކްސްޕެޓް ސިސްޓަމުން އޮންލައިންކޮށް ރަސީދު ޑައުންލޯޑް ކުރެވޭނެ.

8 - ވާރކް ޕާމިޓް ފީއާ ބެހޭ މަޢުލޫމާތު ފޯނުން ލިބޭނެތަ؟

މީރާގެ ހޮޓްލައިން 1415 އަށް ގުޅުމުން ވާރކް ޕާމިޓް ފީއާ ބެހޭ ބައެއް މައުލޫމާތު ލިބޭނެ.

1 - މީރާއަށް އޮންލައިންކޮށް ފައިސާ ދެއްކޭނީ ކޮން ފަރާތްތަކަކަށް؟

މީރާގެ އޮންލައިން ޕޯރޓަލް، މީރާކަނެކްޓް ބޭނުންކުރައްވާ ފަރާތްތަކަށް.

 

2 - މީރާކަނެކްޓް އެކައުންޓެއް ނެތްނަމަ މީރާކަނެކްޓް އެކައުންޓަކަށް އެދޭނީ ކިހިނެއް؟

މީރާ ވެބްސައިޓްގައިވާ މީރާކަނެކްޓް ޕޯރޓަލް މެދުވެރިކޮށް ނުވަތަ މީރާކަނެކްޓް އެކައުންޓް ރިކުއެސްޓް ފޯމު މީރާއަށް ހުށަހަޅައިގެން.

3 - މީރާއަށް އޮންލައިންކޮށް ފައިސާ ދެއްކުމަށް، މީރާގައި ބޭންކް އެކައުންޓް ރަޖިސްޓަރީކުރަން ޖެހޭނެތަ؟

ނުޖެހޭނެ.

4 - މީރާއަށް އޮންލައިންކޮށް ފައިސާ ދެއްކޭނެ ގޮތްތަކަކީ ކޮބާ؟

  • އެމް.އާރް.ޓީ.ޖީ.އެސް
  • ވާރު ކާޑު
  • ބީ.އެމް.އެލް ޑެބިޓް އަދި ކްރެޑިޓް ކާޑު
  • އުރީދޫ އެމް ފައިސާ
  • ދިރާގުޕޭ

5 - އޮންލައިންކޮށް ފައިސާދައްކަން ޚިޔާރު ކުރަންވީ ކީއްވެ؟

  • ފަސޭހަވާނެ
  • ރައްކާތެރިވާނެ
  • އަވަހަށް ފައިސާ ދައްކާލެވޭނެ
  • އިތުބާރުކުރެވޭނެ
  • ގޭގަ ހުރެގެން ބަޔާން ހުށަހަޅައި ފައިސާ ދައްކާލެވޭނެ، އަދި ރަސީދު ވަގުތުން ލިބޭނެ

6 - އޮންލައިންކޮށް ފައިސާ ދެއްކޭނީ ކޮންކަހަލަ ޕޭމަންޓްތަކަކަށް؟

ހުރިހައި ވައްތަރެއްގެ ޓެކުހާއި ޓެކުހަށް ނުވާ ފައިސާ މީރާގެ އޮންލައިން ޕޯޓަލް މީރާ ކަނެކެކްޓް މެދުވެރިކޮށް ނުވަތަ ވާރުޕޭ މެދުވެރިކޮށް ދެއްކޭނެ

7 - އެއްގަމުގައި ދުއްވާ އުޅަނދުތަކުގެ އަހަރީ ފީ އޮންލައިންކޮށް ދައްކާ ކަމުގައިވަންޏާ، އަހަރީ ފީ ދެއްކިކަމުގެ ސްޓިކާ ލިބޭނީ ކިހިނެއް؟

އޮންލައިން ސްޓިކާ ތިޔަ ފަރާތުގެ އީމެއިލްއަށް ލިބިގެންދާނެ. ވާރުޕޭ މެދުވެރިކޮށް ސްޓިކާ އަލުން ޑައުންލޯޑްވެސް ކުރެވޭނެ.

8 - އެމް.އާރް.ޓީ.ޖީ.އެސް މެދުވެރިކޮށް ފައިސާ ދައްކާނީ ކިހިނެއް؟

މީރާއިން ފޮނުވާ އެމް.އާރް.ޓީ.ޖީ.އެސް ރެމިޓެންސް ރިކުއެސްޓް ފޯމު ފުރިހަމަކުރުމަށްފަހު އެ ބޭފުޅެއްގެ ބޭންކް އެކައުންޓް ހުންނަ ބޭންކަކަށް ފޯމު ހުށަހެޅުމުން.

9 - އެމް.އާރް.ޓީ.ޖީ.އެސް ފޯމު ލިބޭނީ ކިހިނެއް؟

ތިޔަ ފަރާތުގެ މީރާކަނެކްޓް އެކައުންޓުގެ ޕެންޑިންގ ޓާސްކްބައިން އެމް.އާރ.ޓީ.ޖީ.އެސް ފޯމު ޖެނެރޭޓުކުރެވޭނެ

10 - އެމް.އާރް.ޓީ.ޖީ.އެސް މެދުވެރިކޮށް ފައިސާ ދެއްކިކަމުގެ ހެއްކަކީ ކޮބާ؟

ތިޔަ ފަރާތުގެ އެމް.އާރ.ޓީ.ޖީ.އެސް ފޯމު ބޭންކުން ޕްރޮސެސް ކުރުމުން، މީރާ ކަނެކްޓްގެ ޕޭމަންޓް ހިސްޓްރީން ފައިސާ ދެއްކިކަމުގެ ރަސީދު ޑައުންލޯޑުކުރެވޭނެ

11 - އެމް.އާރް.ޓީ.ޖީ.އެސް މެދުވެރިކޮށް ދައްކާ ފައިސާ މީރާއަށް ލިބޭނީ ކޮންއިރަކު؟

ބޭންކުތަކުން ރެމިޓެންސް ރިކުއެސްޓް ޕްރޮސެސްކުރުމަށްފަހު މީރާއަށް ފައިސާ ލިބޭނެ.

12 - އެމް.އާރް.ޓީ.ޖީ.އެސް މެދުވެރިކޮށް ކޮންމެ ދުވަހަކު ފައިސާ ދެއްކުމަށް ކަނޑައެޅިފައިވާ ސުންގަޑިއަކީ ކޮބާ؟

ބޭންކުތަކުން ކަނޑައަޅައިފައިވާ ސުންގަޑީގެ ކުރިން އެމް.އާރް.ޓީ.ޖީ.އެސް ފޯމު ހުށަހަޅަން ޖެހޭނެ (އާންމުކޮށް މެންދުރު 12ގެ ކުރިން). އެކި ބޭންކުތަކުން ތަފާތު ސުންގަޑިތައް ކަނޑައަޅައިފާނެ.

13 - އެމް.އާރް.ޓީ.ޖީ.އެސް މެދުވެރިކޮށް ފައިސާ ދައްކާނަމަ، މީރާއަށް ފައިސާ ލިބުން ލަސްވެގެން އެއްވެސް ޖޫރިމަނާއެއްވާނެތަ؟

ސުންގަޑިއަށް މީރާއަށް ފައިސާ ލިބިފައިނުވާނަމަ، ފައިސާ ނުދައްކާ ވޭތުވާ ދުވަސްތަކަށް ޖޫރިމަނާ އަރާނެ

14 - އެމް.އާރް.ޓީ.ޖީ.އެސް މެދުވެރިކޮށް ފައިސާދައްކާނަމަ، ފައިސާ ދެއްކިކަމުގެ ރަސީދު ލިބޭނީ ކޮންއިރަކު؟

މީރާގެ ސިސްޓައިމްއިން ޕޭމަންޓް ދެއްކިކަށް އަޕްޑޭޓް ވުމުން، މީރާކަނެކްޓް މެދުވެރިކޮށް ރަސީދު ޑައުންލޯޑް ކުރެވޭނެ

15 - އެމް.އާރް.ޓީ.ޖީ.އެސް ޚިދުމަތް ބޭނުންކުރާނަމަ ބޭންކުން އެއްވެސް ފީއެއް ނުވަތަ ކޮމިޝަނެއް ނަގާނެތަ؟

ކޮންމެ ޓްރާންސެކްޝަނަކަށް ބޭންކުން ކަނޑައަޅައިފައިވާ ކޮމިޝަނެއް ޗާޖްކޮށްފާނެ. އެކި ބޭންކުތަކުން ޗާޖުކުރާ ރޭޓު ތަފާތު ވެދާނެ.

16 - "ވާރު ކާޑު" އަކީ ކޮބާ؟

ބީ.އެމް.އެލް އާއި މީރާއިން ތައާރަފުކޮށްފައިވާ މީރާކަނެކްޓް މެދުވެރިކޮށް ހަމައެކަނި މީރާއަށް އޮންލައިންކޮށް ފައިސާ ދެއްކުމަށް ހާއްސަކުރެވިފައިވާ ކާޑެއް. ވެރިފަރާތުގެ އެކައުންޓާއި ލިންކުކުރެވިފައިވާ، މި ކާޑު މަސައްކަތް ކުރާނީ ޑެބިޓް ކާޑެއްގޮތަށް.

17 - ކާޑު ގެއްލިއްޖެނަމަ ޢަމަލުކުރާނީ ކިހިނެއް؟

ލަސްނުކޮށް ބޭންކަށް އަންގަންވާނެ.

18 - ވާރު ކާޑު ބޭނުންކުރަންވީ ކީއްވެ؟

މީރާކަނެކްޓް މެދުވެރިކޮށް ރައްކާތެރިކަމާ އެކީ ފައިސާދެއްކޭނެ. ޕީ.އޯ.އެސް މެޝިންތަކާއި، އޭ.ޓީ.އެމް އަދި އީ-ކޮމާސް ވެބްސައިޓްތަކުގައި ވާރު ކާޑު މަސައްކަތެއް ނުކުރާނެ.

19 - ވާރު ކާޑަށް އެދޭނީ ކިހިނެއް؟

ވާރު ކާޑު އެޕްލިކޭޝަން ފޯމު، ބެންކް އޮފް މޯލްޑިވްސްގެ ބިޒްނަސް ސެންޓަރަށް ނުވަތަ، އަތޮޅުތެރޭގައި ގާއިމުކޮށްފައިވާ ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗަކަށް ހުށަހެޅިދާނެ

20 - ވާރު ކާޑު ލިބޭނީ ކިތައް ދުވަސް ތެރޭގައި؟

މި މައުލޫމާތު ހޯއްދެވުމަށް ބޭންކް އޮފް މޯލްޑިވްސްއާ ގުޅުއްވާ

21 - ވާރު ކާޑަށް އަހަރީ ފީއެއް ނުވަތަ ކާޑު ދޫކުރާއިރު ފީއެއް ނަގާނެތަ؟

ނުނަގާނެ.

22 - ކިތައް ބޭންކު އެކައުންޓަށް ވާރު ކާޑު ލިންކު ކުރެވޭނެތަ؟

ވާރު ކާޑު ލިންކު ކުރެވޭނީ އެންމެ އެކައުންޓަކަށް. އެހެންކަމުން ރުފިޔާ އަދި ޑޮލަރުން ފައިސާދައްކާނަމަ ވަކިވަކި ވާރު ކާޑު ބޭނުންވާނެ.

23 - ވާރު ކާޑުން ފައިސާދެއްކޭ އެންމެ މަތީ އަދަދަކީ ކޮބާ؟

ވެރިފަރާތުގެ އެކައުންޓް ބެލެންސްގައިވާ އަދަދަށް ދެއްކޭނެ. 

24 - ވާރު ކާޑު ނުވަތަ ބީ.އެމް.އެލް ޑެބިޓް އަދި ކުރެޑިޓް ކާޑު މެދުވެރިކޮށް ފައިސާ ދައްކާނަމަ ހަދާނީ ކިހިނެއް؟

މީރާކަނެކްޓް މެދުވެރިކޮށް ބަޔާން ހުށަހެޅުމަށްފަހު، 'ޕޭމަންޓް އޮބްލިގޭޝަން' ޚިޔާރުކުރުމަށްފަހު އޮންލައިންކޮށް ފައިސާދެއްކުން ޚިޔާރުކޮށް ފައިސާ ދައްކަން ބޭނުންވާ ކާޑުގެ މައުލޫމާތު ފުރިހަމަކޮށްލާ.

25 - މީރާކަނެކްޓް މެދުވެރިކޮށް ބަޔާން ހުށަނާޅާ، އޮންލައިންކޮށް ފައިސާދެއްކޭނެތަ؟

މީރާކަނެކްޓް އެކައުންޓުގައި ފެންނަން ހުންނަ ކޮންމެ ޕޭމަންޓެއްވެސް ދެއްކޭނެ. ބަޔާން ހުށަހެޅުމުން މީރާކަނެކްޓް އެކައުންޓުން ދައްކަންޖެހޭ އަދަދު އަޕްޑޭޓްކުރެވޭނެ. މީގެ އިތުރުން ޓެކްސް ބަޔާނަކަށް ނިސްބަތްނުވާ ފައިސާތައް މިސާލަކަށް އެއްގަމުގައި ދުއްވާ އުޅަނދުތަކުގެ އަހަރީ ފީ އަދި ކުންފުނީގެ އަހަރީ ފީ މީރާކަނެކްޓް މެދުވެރިކޮށް ދައްކާލެވޭނެ.

26 - ބަޔާންތައް އީމެއިލްކޮށްފައި ފައިސާ އޮންލައިންކޮށް ދެއްކޭނެތަ؟

ނުދެއްކޭނެ، އޮންލައިންކޮށް ފައިސާދެއްކޭނީ ހަމައެކަނީ މީރާކަނެކްޓް މެދުވެރިކޮށް ބަޔާންހުށަހަޅާ ފަރާތްތަކަށް.

27 - އޮންލައިންކޮށް ބަޔާން ހުށަހެޅުމަށްފަހު ކައުންޓަރަށް ފައިސާ ދެއްކޭނެތަ؟

އާދެ، އޮންލައިންކޮށް ދެއްކުން ލާޒިމުކުރާ ފައިސާ ފިޔަވައި އެހެން ފައިސާ ކައުންޓަރަށް ދެއްކޭނެ.

28 - ވާރު ކާޑު އަދި ބީ.އެމް.އެލް ޑެބިޓް ނުވަތަ ކުރެޑިޓް ކާޑު މެދުވެރިކޮށް ފައިސާދެއްކުނުކަން ޔަގީންކުރާނީ ކިހިނެއް؟

ފައިސާދެއްކުމުން މެސެޖެއް ލިބޭނެ. އަދި ރަޖިސްޓަރީކޮށްފައިވާ އީމެއިލް އެޑްރެސްއަށް ޕޭމަންޓް ކޮންފަމޭޝަންއެއް ފޮނުވޭނެ. މީގެ އިތުރުން ބޭންކުން ޕޭމަންޓް ޕްރޮސެސްވުމުން އެސް.އެމް.އެސްއެއް ފޮނުވާނެ.

29 - ވާރު ކާޑު އަދި ބީ.އެމް.އެލް ޑެބިޓް ނުވަތަ ކުރެޑިޓް ކާޑު މެދުވެރިކޮށް ފައިސާ ދައްކާނަމަ ރަސީދުކޮޅެއް ލިބޭނެތަ؟

އޮންލައިންކޮށް ފައިސާދެއްކުމުން، ވަގުތުން ރަސީދު ލިބޭނެ. އަދި ފަހަށް ރައްކާކުރަން ބޭނުންނަމަ ރަސީދު ސޭވް ކުރެވިދާނެ ނުވަތަ ޕްރިންޓް ކުރެވިދާނެ. މީގެ އިތުރުން ވާރު ކާޑު، ބީ.އެމް.އެލް ޑެބިޓް ނުވަތަ ކުރެޑިޓް ކާޑު އަދި އެމް.އާރް.ޓީ.ޖީ.އެސް މެދުވެރިކޮށް ފައިސާ ދެއްކުމުން ރަޖިސްޓަރީކޮށްފައިވާ އީމެއިލް އެޑްރެސްއަށް ރަސީދު ފޮނުވޭނެ.

1 - "ގްރީން ޓެކްސް"އަކީ ކޮބާ؟

ގްރީން ޓެކުހަކީ ޓޫރިސްޓް ރިޒޯޓް، ޓޫރިސްޓް ހޮޓާ، ޓޫރިސްޓް އުޅަނދު އަދި ޓޫރިސްޓް ގެސްޓްހައުސްތަކުގައި ތިބޭ ޓޫރިސްޓުން އަތުން ނެގޭ ޓެކްސްއެއް. 

 

2 - "ޓޫރިސްޓުން"ނަކީ ކޮބާ؟

ޓޫރިސްޓުންނަކީ ދިވެހިރާއްޖެއަށް އަންނަ ދިވެހި ރައްޔިތުން ނޫން  "ރެސިޑެންޓް ޕާރމިޓް" ނެތް ކޮންމެ މީހެއް.

3 - "ރެސިޑެންޓް ޕާރމިޓް"އަކީ ކޮބާ؟

ރެސިޑެންޓް ޕާރމިޓްއަކީ، ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، ޓޫރިސްޓެއްނޫން ގޮތަކަށް ދިވެހިރާއްޖޭގައި ހުރުމަށް ކަމާބެހޭ ފަރާތުންދޭ ހުއްދައެއް.

4 - ގްރީން ޓެކްސް ނަގަން ފެށުނީ ކޮންއިރަކު؟

ގްރީން ޓެކްސް ނަގަން ފެށުނީ 1 ނޮވެންބަރު 2015 ގައި. ޓޫރިސްޓް ގެސްޓްހައުސްތަކުން ގްރީން ޓެކްސް ނަގަން ފެށުނީ 1 އޮކްޓޫބަރު 2016 އިން ފެށިގެން.

5 - ގްރީން ޓެކްސް ނެގޭ ރޭޓަކީ ކޮބާ؟

ޓޫރިސްޓް ރިޒޯޓް، ޓޫރިސްޓް ހޮޓާ އަދި ޓޫރިސްޓް އުޅަނދުތަކުން ގްރީން ޓެކްސް ނެގެނީ ކޮންމެ 24 ގަޑިއިރަކަށް 6 އެމެރިކާ ޑޮލަރުގެ ރޭޓުން. ގެސްޓްހައުސްތަކުން ގްރީން ޓެކްސް ނެގޭނީ ކޮންމެ 24 ގަޑިއިރަކަށް 3 އެމެރިކާ ޑޮލަރުގެ ރޭޓުން

6 - ގްރީން ޓެކްސް ނަގާ ޓޫރިޒަމް ދާއިރާގެ ޚިދުމަތްދޭ ތަންތަނަކީ ކޮބާ؟

ގްރީން ޓެކްސް ނަގާނީ، ހަމައެކަނި ޓޫރިސްޓް ރިޒޯޓް، ޓޫރިސްޓް ހޮޓާ، ޓޫރިސްޓް އުޅަނދު އަދި ޓޫރިސްޓް ގެސްޓްހައުސްތަކުން. ޓޫރިސްޓް އުޅަނދުތަކުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރާ ބޭރުގެ ޓޫރިސްޓް އުޅަނދުތައް ވެސް ހިމެނޭ. 

7 - ބޭރުގެ ޓޫރިސްޓް އުޅަނދުތަކަކީ ކޮބާ؟

ބޭރުގެ ޓޫރިސްޓް އުޅަނދުތަކަކީ، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިނުވާ އުޅަނދުތަކުގެ ތެރެއިން، "ޕަރމިޓް ފޮރ ފޮރިން ޓްއަރިސްޓް ވެސެލްސް ޓު ކްރޫޒް އެންޑް ހާރބަރ އިން ދަ މޯލްޑިވްސް" ގެ ދަށުން ދިވެހިރާއްޖެ އަންނަ އުޅަނދުތައް. ބޭރުގެ ޓޫރިސްޓް އުޅަނދަކުން ގްރީން ޓެކްސްއާ ގުޅިގެން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރާނީ، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ ދަށުން، އެފަދަ އުޅަނދަކުން ޢައްޔަންކުރާ ލޯކަލް އޭޖެންޓު. 

8 - ޓޫރިސްޓް ގެސްޓްހައުސްތަކުން ގްރީން ޓެކްސް ނަގާނެތަ؟

1 އޮކްޓޫބަރު 2016 އިން ފެށިގެން ޓޫރިސްޓް ގެސްޓްހައުސްތަކުން ގްރީން ޓެކްސް ނަގާނެ.

9 - ދިވެހި ރައްޔިތުންނާއި ރެސިޑެންޓް ޕާރމިޓް އޮންނަ ފަރާތްތަކުގެ އަތުން ވެސް ގްރީން ޓެކްސް ނެގޭނެތަ؟

ގްރީން ޓެކްސް ނެގޭނީ ހަމައެކަނި ޓޫރިސްޓް ރިޒޯޓް، ޓޫރިސްޓް ހޮޓާ، ޓޫރިސްޓް އުޅަނދު އަދި ޓޫރިސްޓް ގެސްޓްހައުސްތަކުގައި ތިބޭ ޓޫރިސްޓުންގެ އަތުން. 

10 - ގްރީން ޓެކްސް ނެގުމާއި ގްރީން ޓެކްސްގެ ގޮތުގައި ނަގާ ފައިސާ މީރާއަށް ދެއްކުމަކީ ކާކުގެ ޒިންމާއެއްތަ؟

ގްރީން ޓެކްސް ނެގުމާއި ގްރީން ޓެކްސްގެ ގޮތުގައި ނަގާ ފައިސާ މީރާއަށް ދެއްކުމަކީ ޓޫރިސްޓް ރިޒޯޓް، ޓޫރިސްޓް ހޮޓާ، ޓޫރިސްޓް އުޅަނދު އަދި ޓޫރިސްޓް ގެސްޓްހައުސްތައް އޮޕަރޭޓްކުރާ ފަރާތުގެ ޒިންމާއެއް. އޮޕަރޭޓްކުރާ ފަރާތްކަމުގައި ބެލެވޭނީ މިނިސްޓްރީ އޮފް ޓޫރިޒަމްއިން "އޮޕަރޭޓިންގ ލައިސަންސް" ދީފައިވާ ފަރާތް

11 - ގްރީން ޓެކްސްއަށް ރަޖިސްޓަރީކުރާނީ ކިހިނެއް؟

ގްރީން ޓެކްސް ނަގާނީ، ޓޫރިސްޓް ރިޒޯޓް، ޓޫރިސްޓް ހޮޓާ، ޓޫރިސްޓް އުޅަނދުގައި  ޓޫރިސްޓް ހޭދަކުރާ ކޮންމެ 24 ގަޑިއިރަކަށް 6 އެމެރިކާ ޑޮލަރުގެ ރޭޓުން. ޓޫރިސްޓް ގެސްޓްހައުސްއެއް ނަމަ، ގްރީން ޓެކްސް ނަގާނީ އެތަނުގައި ޓޫރިސްޓް ހޭދަކުރާ ކޮންމެ 24 ގަޑިއިރަކަށް 3 އެމެރިކާ ޑޮލަރުގެ ރޭޓުން. އެހެންނަމަވެސް އެ ޓޫރިސްޓް އެ ތަނުން ޗެކް-އައުޓްވާ 24 ގަޑިއިރުގެ ބްލޮކަށް ގްރީންޓެކްސް ދައްކަންޖެހޭނީ، އެ 24 ގަޑިއިރުގެ ތެރޭގައި އޭނާ އެ ތަނުގައި މަދުވެގެން 12 ގަޑިއިރު ހޭދަކޮށްފައި ވާ ނަމަ. 12 ގަޑިއިރަށްވުރެ މަދުން ހޭދަކޮށްފައިވާނަމަ، އެ 24 ގަޑިއިރަށް ގްރީން ޓެކްސް ދައްކާކަށް ނުޖެހޭނެ..

12 - ގްރީން ޓެކްސްއަށް ރަޖިސްޓަރީކޮށްފައިވާނަމަ، ގްރީން ޓެކްސް ސެޓްފިކެޓް ފެންނާނެ ގޮތަށް ބަހައްޓަންޖެހޭނެތަ؟

ގްރީން ޓެކްސްއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް ދޫކޮށްފައިވާ ސެޓްފިކެޓްއަކީ ޚިދުމަތް ހޯދާ ފަރާތްތަކަށް ފެންނާނެހެން ވިޔަފާރި ހިންގާ ތަނުގައި ބަހައްޓަންޖެހޭ އެއްޗެއް.

13 - ބޭރުގެ ޓޫރިސްޓް އުޅަނދުތައް ގްރީން ޓެކްސްއަށް ރަޖިސްޓަރީކުރަނީ ކިހިނެއް؟

ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރު ގްރީން ޓެކްސްއަށް ރަޖިސްޓަރީކުރެވޭނީ އެ އުޅަނދެއްގެ ލޯކަލް އޭޖެންޓުގެ ނަމުގައި. 

14 - "12-އަވަރ ރޫލް"އަކީ ކޮބާ؟

ގްރީން ޓެކްސް ނަގާނީ، ޓޫރިސްޓް ހޭދަކުރާ ކޮންމެ 24 ގަޑިއިރަކަށް 6 އެމެރިކާ ޑޮލަރުގެ ރޭޓުން.  އެހެންނަމަވެސް އެ ޓޫރިސްޓް އެ ތަނުން ޗެކް-އައުޓްވާ 24 ގަޑިއިރުގެ ބްލޮކަށް ގްރީންޓެކްސް ދައްކަންޖެހޭނީ، އެ 24 ގަޑިއިރުގެ ތެރޭގައި އޭނާ އެ ތަނުގައި މަދުވެގެން 12 ގަޑިއިރު ހޭދަކޮށްފައި ވާ ނަމަ. 12 ގަޑިއިރަށްވުރެ މަދުން ހޭދަކޮށްފައިވާނަމަ، އެ 24 ގަޑިއިރަށް ގްރީން ޓެކްސް ދައްކާކަށް ނުޖެހޭނެ.

15 - މަސް ނިމޭ އިރު ޗެކް-އައުޓް ނުވާ ގެސްޓުން އެ މަހަށް ދައްކަންޖެހޭ ގްރީން ޓެކުހުގެ އަދަދު ހިސާބުކުރާނީ ކިހިނެއް؟

މަސް ނިމޭ އިރު ޗެކް-އައުޓް ނުވާ ގެސްޓުން އެ މަހަށް ދައްކަންޖެހޭ ގްރީން ޓެކްސް އަދަދު ހިސާބުކުރުމުގައި ވެސް 12-އަވަރ ރޫލްއަށް ބަލަން ޖެހޭ. އެހެން ނަމަވެސް 24 ގަޑިއިރުގެ ބްލޮކް 2 މަހަށް ބެހިގެންދާ ހާލަތުތަކުގައި، އެ ބްލޮކަށް ދައްކަންޖެހޭ ގްރީން ޓެކްސް ދައްކާނީ ކޮންމަހެއްގައިތޯ ކަނޑައަޅަން ޖެހޭ. އެ ގޮތުން އެ 24 ގަޑިއިރުގެ ބްލޮކަށް އެ މަހުގައި ގްރީން ޓެކްސް ދައްކަންޖެހޭނީ، އެ 24 ގަޑިއިރު ގުނަން ފަށާ ވަގުތުން ފެށިގެން އެ މަސް ނިމޭ ދުވަހުގެ 23:59 އާ ހަމައަށް އޭނާ އެ ތަނުގައި މަދުވެގެން 12 ގަޑިއިރު ހޭދަކޮށްފައިވާ ނަމަ. އެ ނޫން ހާލަތުތަކުގައި އެ 24 ގަޑިއިރުގެ ބްލޮކަށް ގްރީން ޓެކްސް ދައްކަންޖެހޭނީ ޖެހިގެން އަންނަ މަހުގައި. 

16 - ޗެކް-އިންވާ ވަގުތާއި ޗެކް-އައުޓްވާ ވަގުތަކީ ކޮބާ؟

ގްރީން ޓެކުހުގެ ބޭނުމަށް، އެއްވެސް މީހަކު ޓޫރިސްޓް ރިޒޯޓަކަށް، ޓޫރިސްޓު ހޮޓަލަކަށް، ޓޫރިސްޓު އުޅަނދަކަށް ނުވަތަ ޓޫރިސްޓް ގެސްޓްހައުސްއަކަށް ޗެކް-އިން ވީ ވަގުތުކަމުގައި ބަލާނީ، އެ މީހަކީ އެ ތަނުގައި ހުންނަ މީހެއްގެ ގޮތުގައި އެ ތަނުގެ ސިސްޓަމްގައި ނުވަތަ ލިޔެކިޔުންތަކުގައި ރިކޯޑުކުރާ ވަގުތު. އަދި އެ މީހާ އެ ތަނުން ޗެކް-އައުޓް ވީ ވަގުތުކަމުގައި ބަލާނީ، އެ ތަނުގެ ސިސްޓަމްގައި ނުވަތަ ލިޔެކިޔުންތަކުގައި އެ މީހާ ޗެކް-އައުޓްވީ ކަމަށް ރިކޯޑުކުރާ ވަގުތު. 

17 - ހިލޭ ނުވަތަ ކޮމްޕްލިމެންޓަރީ އުސޫލުން ބައިތިއްބާ ޓޫރިސްޓުންނަށް ގްރީން ޓެކްސް ދައްކަންޖެހޭނެތަ؟

ހިލޭ ނުވަތަ ކޮމްޕްލިމެންޓަރީ އުސޫލުން ބައިތިއްބާ ޓޫރިސްޓުންނަށް ވެސް ގްރީން ޓެކްސް ދައްކަންޖެހޭނެ. 

18 - ތުއްތުކުދިންނަށް ގްރީން ޓެކްސް ދައްކަންޖެހޭނެތަ؟

ޓޫރިސްޓް ވިސާގައި ރާއްޖެ އަންނަ ތުއްތުކުދިންނަށް ވެސް ގްރީން ޓެކްސް ދައްކަން ޖެހޭނެ. ވަކި ޕާސްޕޯޓެއް ނެތް ތުއްތުކުއްޖެއްކަމުގައި ވީނަމަވެސް ޢަމަލުކުރާނީ ހަމަ މި އުސޫލުން. 

19 - "ފްލައިޓް ކްރޫ"އިން އަތުން ގްރީން ޓެކްސް ނެގޭނެތަ؟

ފްލައިޓް ކްރޫއިން ރާއްޖެއަށް އަންނަނީ "ޖެނެރަލް ޑެކްލަރޭޝަން (ޖީ.ޑީ)" އެއްގެ ދަށުން ކަމުގައިވާތީ ޓޫރިސްޓުންގެ ގޮތުގައި ނުބެލެވޭ. އެހެންކަމުން އެ ފަރާތްތަކުގެ އަތުން ގްރީން ޓެކްސް އެއް ނުނެގޭނެ.

20 - ބޭރުގެ ޓޫރިސްޓް އުޅަނދުތަކުގެ ފަޅުވެރިންގެ އަތުން ގްރީން ޓެކްސް ނެގޭނެތަ؟

ބޭރުގެ ޓޫރިސްޓް އުޅަނދުތަކުގެ ފަޅުވެރިން، ރާއްޖެއަށް އަންނަނީ "ކްރޫ ވިސާ" އެއްގެ ދަށުން ކަމުގައިވާތީ  ޓޫރިސްޓުންގެ ގޮތުގައި ނުބެލެވޭ. އެހެންކަމުން އެ ފަރާތްތަކުގެ އަތުން ގްރީން ޓެކްސް އެއް ނުނެގޭނެ.

21 - މީހަކު، ޓޫރިސްޓް ރިޒޯޓަކުން، ޓޫރިސްޓު ހޮޓަލަކުން ނުވަތަ ޓޫރިސްޓު އުޅަނދަކުން ޗެކް-އައުޓްވުމަށްފަހު އަލުން އެ ތަނަކަށް ޗެކް-އިން ވެއްޖެނަމަ ކަންތައް ކުރަންޖެހޭނީ ކޮން އުސޫލަކުން؟

މީހަކު، ޓޫރިސްޓް ރިޒޯޓަކުން، ޓޫރިސްޓު ހޮޓަލަކުން، ޓޫރިސްޓު އުޅަނދަކުން ނުވަތަ ޓޫރިސްޓް ގެސްޓްހައުސްއަކުން ޗެކް-އައުޓް ވާތާ 12 ގަޑިއިރުގެ ތެރޭގައި އަލުން އެ ތަނަކަށް ޗެކް-އިން ވެއްޖެނަމަ، އެ މީހަކު ދައްކަންޖެހޭ ގްރީން ޓެކުހުގެ އަދަދު ހިސާބުކުރާނީ ޗެކް-އައުޓް ނުވާ މީހެއްގެ ގޮތުގައި ބަލައިގެން.   

22 - ގްރީން ޓެކްސް ބަޔާން ހުށަހަޅަންޖެހެނީ ކިހިނެއް؟

ކޮންމެ ކަލަންޑަރު މަހެއްގެ ގްރީން ޓެކްސް ބަޔާނާއި އިންފޮމޭޝަން ޝީޓް ހުށަހެޅުމުގެ ސުންގަޑިއަކީ ވިދިގެން އަންނަ މަހުގެ 28 ވަނަ ދުވަސް. ގްރީން ޓެކްސް ބަޔާން ހުށަހަޅަންޖެހޭނީ މީރާގެ އޮންލައިން ޕޯޓަލް މީރާ ކަނެކްޓް މެދުވެރިކޮށް އޮންލައިންކޮށް. އިންފޮމޭޝަން ޝީޓް އަޕްލޯޑް ކުރުމުން އޮޓަމެޓިކުން ގްރީން ޓެކްސް ބަޔާން ފުރިގެންދާނެ.

 

23 - ގްރީން ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދައްކަންޖެހޭ ސުންގަޑިއަކީ ކޮބާ؟

ކޮންމެ ކަލަންޑަރުމަހަކަށް، ގްރީން ޓެކްސް ބަޔާން ހުށަހަޅައި ފައިސާ މީރާއަށް ދައްކަންޖެހޭ. ބަޔާން ހުށަހަޅައި ފައިސާ ދައްކަންޖެހޭ ސުންގަޑިއަކީ ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަސް.

24 - "އިންފޮމޭޝަން ޝީޓް"އަކީ ކޮބާ؟

އިންފޮމޭޝަން ޝީޓްއަކީ، ޓޫރިސްޓް ރިޒޯޓް، ޓޫރިސްޓު ހޮޓާ އަދި ޓޫރިސްޓު އުޅަނދުތަކުގައި، ބަޔާން ހުށަހަޅަންޖެހޭ މުއްދަތުގެ ތެރޭގައި އެ ތަނެއްގައި ތިބި ގެސްޓުންގެ މައުލޫމާތު ހިމަނައިގެން، މީރާއިން ކަނޑައަޅާ ވަކި ފޯމެޓަކަށް ތައްޔާރުކުރެވޭ ލިޔުމެއް. މި ލިޔުމަކީ ގްރީން ޓެކްސް ބަޔާނާއެކު މީރާއަށް ހުށަހަޅަންޖެހޭ ލިޔުމެއް. ގްރީން ޓެކްސް ބަޔާނާއި އިންފޮމޭޝަން ޝީޓް ހުށަހަޅަންޖެހެނީ މީރާކަނެކްޓް ޕްލަސް މެދުވެރިކޮށް އޮންލައިންކޮށް ކަމަށްވާތީ، އިންފޮމޭޝަން ޝީޓް ހުށަހެޅުމުން ގްރީން ޓެކްސް ބަޔާން ސިސްޓަމްއިން ތައްޔާރުކުރެވިގެންދާނެ. އިންފޮމޭޝަން ޝީޓްގެ ފޯމެޓް އަދި ފުރިހަމަކުރަންޖެހޭ ގޮތުގެ އިރުޝާދު، މީރާގެ ވެބްސައިޓްއިން ލިބެން ހުންނާނެ. 

25 - ކުރިން ހުށަހަޅައިފައިވާ ގްރީން ޓެކްސް ބަޔާނެއް އިޞްލާޙުކުރަން ބޭނުންނަމަ ހަދަންޖެހޭނީ ކިހިނެއް؟

ގްރީން ޓެކްސް ބަޔާން ހުށަހެޅުމަށްފަހު، އެ ބަޔާން ހުށަހަޅަންޖެހޭ ތާރީޚުން ފެށިގެން ހިނގާ 12 މަސް ދުވަހުގެ ތެރޭގައި އެ ބަޔާން އިޞްލާޙުކުރުމަށްފަހު އަލުން މީރާއަށް ހުށަހެޅިދާނެ. މި ގޮތަށް ހުށަހަޅާ އިޞްލާޙުކުރެވިފައިވާ ބަޔާނާއެކު، އެ ބަޔާނެއް އިޞްލާޙުކުރަން ޖެހުނު ސަބަބުގެ ތަފުސީލާއި ކަމާ ގުޅޭ ލިޔެކިޔުންތައް ހުށަހަޅަންޖެހޭނެ. އިސްލާހުކުރެވުނު ބަޔާނުގައި  ދައްކަންޖެހޭ ޓެކުހުގެ ގޮތުގައި ކަނޑައަޅާފައިވާ އަދަކީ، އެ މުއްދަތަށް އެންމަފަހުން ހުށަހެޅި ބަޔާނުގައިވާ އަދަދަށް ވުރެ ދަށް އަދަދެއްނަމަ، އިޞްލާޙުކުރެވިފައިވާ ބަޔާން މީރާއިން ގަބޫލުކުރާނީ އެ ބަޔާން ރިވިއުކުރުމަށްފަހު. 

26 - ގްރީން ޓެކްސް ބަޔާނާއެކު ހުށަހަޅަންޖެހޭ އެހެން ލިޔެކިޔުންތަކަކީ ކޮބާ؟

ގްރީން ޓެކްސް ބަޔާނާއެކު ހުށަހަޅަންޖެހޭނީ ހަމައެކަނި އިންފޮމޭޝަން ޝީޓް. 

27 - ޖީ.އެސް.ޓީ ޤާނުނުގެ ދަށުން ދޫކުރެވޭ ޓެކްސް އިންވޮއިސްއެއްގައި ގްރީން ޓެކުހުގެ އަދަދު ހިމެނިދާނެތަ؟

ޓެކްސް އިންވޮއިސްއެއްގައި ގްރީން ޓެކުހުގެ އަދަދު ހިމެނިދާނެއެވެ. އެހެންނަމަވެސް، ގްރީން ޓެކްސްއިން ޖީ.އެސް.ޓީ ނަގައިގެން ނުވާނެ. 

28 - ޤާނޫނު ނުވަތަ ގަވާއިދާ ޚިލާފަށް ނެގިފައިވާ ގްރީން ޓެކްސްއަށް ހަދަންޖެހެނީ ކިހިނެއް؟

ޤާނޫނު ނުވަތަ ގަވާއިދާ ޚިލާފަށް ނެގިފައިވާ ގްރީން ޓެކްސްގެ ފައިސާ، އަނބުރާ އެ ދެއްކި ފަރާތައް ނުދޭހާ ހިނދަކު، އެ ފައިސާއަކީ މީރާއަށް ދައްކަންޖެހޭ ޓެކުހެއް. 

29 - ގްރީން ޓެކްސްއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ބަލަހައްޓަންޖެހޭ ލިޔެކިޔުންތަކަކީ ކޮބާ؟

ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނުގެ ދަށުން، ވިޔަފާރިކުރާ ހުރިހާ ފަރާތްތަކެއް ވެސް ވިޔަފާރީގެ އެންމެހައި ރިކޯޑުތައް ރަނގަޅަށް ބަލަހައްޓަންޖެހޭ. އޭގެ އިތުރަށް، ގްރީން ޓެކްސްގެ ބޭނުމަށް"ގެސްޓް ރެޖިސްޓަރ" އަދި"ގެސްޓް ރެޖިސްޓްރޭޝަން ކާޑު" ބަލަހައްޓަންވާނެ. އެ ތަނަށް ޗެކް-އިން ވާ ދިވެހި ރައްޔިތުންގެ އައި.ޑީ ކާޑު ކޮޕީ އަދި ރެސިޑެންޓް ޕާރމިޓް އޮންނަ ފަރާތްތަކުގެ ވިސާގެ ކޮޕީ ވެސް ބަލަހައްޓަންޖެހޭ. 

30 - ސުންގަޑިއަށް ގްރީން ޓެކްސް ބަޔާން ހުށަނާޅާނަމަ ޖޫރިމަނާއަކީ ކޮބާ؟

ސުންގަޑިއަށް ބަޔާން ހުށަނާޅާ ވޭތުވާ ކޮންމެ ދުވަހަކަށް 50 ރުފިޔާ އަދި ދައްކަންޖެހޭ ޓެކުހުގެ އަދަދުގެ %0.5

31 - ގްރީން ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ސުންގަޑިއަށް ނުދައްކައިފިނަމަ ޖޫރިމަނާއަކީ ކޮބާ؟

ގްރީން ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ސުންގަޑިއަށް ނުދައްކާ ވޭތުވެގެންދާ ކޮންމެ ދުވަހަކަށް، ނުދައްކާ އޮތް އަދަދުގެ %0.05.

32 - ގްރީން ޓެކްސް ދައްކަންޖެހޭނީ ކޮން ބާވަތެއްގެ ފައިސާއަކުން؟

ގްރީން ޓެކްސް މީރާއަށް ދައްކަންޖެހޭނީ އެމެރިކާ ޑޮލަރުން 

33 - ގްރީން ޓެކުހާ ގުޅޭ ޖޫރިމަނާތައް ދައްކަންޖެހެނީ ކޮން ފައިސާއަކުން؟

ބަޔާން ހުށަހެޅުން ލަސްވެގެން، ދުވާލަކަށް 50 ރުފިޔާގެ މަގުން ކުރެވޭ ޖޫރިމަނާ ދައްކަންޖެހޭނީ ދިވެހި ރުފިޔާއިން. އެނޫން ޖޫރިމަނާތައް ދައްކަންޖެހޭނީ އެމެރިކާ ޑޮލަރުން.

34 - އަހަރެންނަކީ ވާރކް ވިސާއެއްގެ ދަށުން ޓޫރިސްޓް ރިޒޯޓެއްގައި މަސައްކަތްކުރަމުން އަދި ދިރިއުޅެމުން އަންނަ ބިދޭސީއެއް. ވިސާގެ މުއްދަތު ހަމަވުމުން، ޓޫރިސްޓު ރިޒޯޓެއްގައި ހުންނާތީވެ، އަހަރެންގެ އަތުން ގްރީން ޓެކްސް ނަގާނެތަ؟

"ގެސްޓް ރޫމް"އެއްގައި ނުހުންނަނަމަ ގްރީން ޓެކްސްއެއް ނުނެގޭނެ. ގެސްޓް ރޫމް ގޮތުގައި ބެލެވެނީ ގެސްޓުން ތިބުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްއިން ހުއްދަދެވިފައިވާ ކޮޓަރިތައް. 

35 - އަހަރެންނަކީ ވާރކް ވިސާއެއްގެ ދަށުން ޓޫރިސްޓް ރިޒޯޓެއްގައި މަސައްކަތްކުރަމުން އަދި ދިރިއުޅެމުން އަންނަ ބިދޭސީއެއް. އަހަރެންގެ އާއިލާ އަހަރެން ދިރިއުޅޭ ރިޒޯޓަށް އައިސް، މުވައްޒަފުންނަށް ޚާއްޞަކުރެވިފައިވާ ކޮޓަރިއެއްގައި ކުޑަ ދުވަސްކޮޅެއްގައި ތިބި ކަމުގައިވީ ނަމަވެސް ގްރީން ޓެކްސް ދައްކަންޖެހޭނެތަ؟

ޓޫރިސްޓް ވިސާގެ ދަށުން ރާއްޖެ އައިސް އުޅޭނަމަ، ޓޫރިސްޓު ރިޒޯޓެއްގެ ކޮންމެތަނެއްގައި ތިބި ކަމުގައިވީނަމަވެސް، ގްރީން ޓެކްސް ދައްކަންޖެހޭނެ. 

36 - ގްރީން ޓެކްސްގެ ބޭނުމަށް، މި ޓެކްސް ދައްކަން ނުޖެހޭ ފަރާތްތައް ޗެކް-އިން އަދި ޗެކް-އައުޓް ވާ ވަގުތުތައް ރިކޯޑުކުރަންޖެހޭނެތަ؟

ގްރީން ޓެކްސް ދައްކަން ނުޖެހޭ ފަރާތްތައް ޗެކް-އިން އަދި ޗެކް-އައުޓް ވާ ވަގުތު ރިކޯޑު ކުރަންޖެހޭނީ ގެސްޓް ރޫމެއްގައި އެފަދަ ފަރާތެއް ތިބޭ ކަމުގައި ވާނަމަ.

37 - މިނިސްޓްރީ އޮފް ޓޫރިޒަމްއިން ގެސްޓް ރޫމްއެއްގެ ގޮތުގައި ހުއްދަ ދީފައިނުވާ ތަނެއްގައި ޓޫރިސްޓަކު ބަހައްޓާނަމަ، ގްރީން ޓެކްސް ނަގަންޖެހޭނެތަ؟

ޓޫރިސްޓް ވިސާގެ ދަށުން ރާއްޖެ އަންނަ ޓޫރިސްޓަކު، ގްރީން ޓެކުހަށް ރަޖިސްޓަރީކޮށްފައިވާ ތަނެއްގައި ހުންނަ ނަމަ އެ މީހެއްގެ އަތުން ގްރީން ޓެކްސް ނަގަންޖެހޭނެ.

38 - ގްރީން ޓެކްސްއާ ބެހޭ އިތުރު މައުލޫމާތު ހޯދާނީ ކިހިނެއް؟

ގްރީން ޓެކްސް ގައިޑް އަދި MIRA 501  އާއި MIRA 502 ފުރިހަމަ ކުރާނެ ގޮތުގެ އިރުޝާދު މީރާގެ ވެބްސައިޓްއިން ލިބެން ހުންނާނެ. އިތުރު މައުލޫމާތު ހޯދުމަށް މީރާގެ ހޮޓްލައިން 1415 އަށް ގުޅާ ނުވަތަ [email protected] އަށް އީމެއިލްކޮށްލާ. 

1 - "ރެމިޓެންސް ޓެކްސް" އަކީ ކޮބާ؟

ރެމިޓެންސް ޓެކުހަކީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ދިވެހިރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ނެގޭ ޓެކުހެއް. މި ޓެކްސް ނެގެނީ، 25 އޮގަސްޓު 2016 ގައި ރައީސުލްޖުމުހޫރިއްޔާ ތަޞްދީޤުކުރެއްވި، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ ދަށުން.

2 - ރެމިޓެންސް ޓެކްސް ނެގޭ ރޭޓަކީ ކޮބާ؟ އަދި އެ ޓެކްސް ހިސާބުކުރެވެނީ ކިހިނެއް؟

ރެމިޓެންސް ޓެކްސްގެ ގޮތުގައި ނެގެނީ ދިވެހިރާއްޖެއިން ބޭރަށް ފޮނުވާ ފައިސާގެ އަދަދުގެ %3. މިސާލަކަށް، ބޭންކު ޗާރޖްތައް ކެނޑުމަށްފަހު، ދިވެހިރާއްޖެއިން ބޭރަށް ފޮނުވަނީ 500 އެމެރިކާ ޑޮލަރުކަމުގައި ވާނަމަ ރެމިޓެންސް ޓެކްސްގެ ގޮތުގައި 15 އެމެރިކާ ޑޮލަރު ދައްކަން ޖެހޭނެ.

3 - ރެމިޓެންސް ޓެކްސް ނަގަން ފެށުނީ ކޮންއިރަކު؟

ރެމިޓެންސް ޓެކްސް ނަގަން ފެށުނީ 1 އޮކްޓޫބަރު 2016 ގައި.

4 - ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އަތުން ރެމިޓެންސް ޓެކްސް ނެގުމަކީ ކާކުގެ ޒިންމާއެއް؟

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އަތުން ރެމިޓެންސް ޓެކްސް ނެގުމަކީ ދިވެހިރާއްޖޭގައި ހިންގާ ބޭންކުތަކާއި ދިވެހިރާއްޖެއިން ބޭރަށް ފައިސާ ފޮނުވައިދިނުމުގެ ޚިދުމަތްދޭ ފަރާތްތަކުގެ ޒިންމާއެއް.

5 - "ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން" އަކީ ކޮބާ؟

ރެމިޓެންސް ޓެކުހުގެ ބޭނުމަށް "ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން" އަކީ ޤާނޫނު ނަންބަރު 2007/1 (ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު) ގެ ދަށުން ދޫކުރާ ވާކް ވީޒާ ލިބިފައިވާ ބިދޭސީންނާއި އެ ފަދަ ވީޒާއެއް ލިބިފައި ނެތްކަމުގައިވިއަސް ނުވަތަ އެފަދަ ވީޒާގެ މުއްދަތު ހަމަވެފައިވީކަމުގައިވިއަސް ވާކް ވީޒާ ލިބިގެން މެނުވީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުން މަނާ ބިދޭސީން. އެހެންކަމުން، ރެމިޓެންސް ޓެކްސް ދައްކަން ޖެހޭނީ ވާކް ވީޒާ ކެޓަގަރީއަށް ފެތޭ ބިދޭސީން އެކަނި.

6 - ދިވެހި ރައްޔިތުންގެ އަތުން ރެމިޓެންސް ނެގޭނެތަ؟

ނޫން. ދިވެހި ރައްޔިތުންގެ އަތުން ރެމިޓެންސް ނުނަގާނެ.

7 - އެހެނިހެން ކެޓަގަރީތަކުގެ ވީޒާ (މިސާލަކަށް، ޑިޕްލޮމެޓިކް ވީޒާ، ބިޒްނަސް ވީޒާ، ޑިޕެންޑެންޓް ވީޒާ، ރެސިޑެންޓް ވީޒާ ފަދަ ވީޒާއެއް) އޮންނަ ފަރާތްތަކުން ރެމިޓެންސް ޓެކްސް ދައްކަން ޖެހޭނެތަ؟

ނޫން. ރެމިޓެންސް ޓެކްސް ދައްކަން ޖެހޭނީ ވާކް ވީޒާ އޮންނަ ނުވަތަ އޮންނަން ޖެހޭ ފަރާތްތަކުން އެކަނި.

8 - "ދިވެހިރާއްޖެއިން ބޭރަށް ފައިސާ ފޮނުވުން" ކަމުގައި ބެލެވެނީ ކޮން ކަންތައްތަކެއް؟

"ދިވެހިރާއްޖެއިން ބޭރަށް ފައިސާ ފޮނުވުން" ކަމުގައި ބެލެވެނީ ބޭންކެއް ނުވަތަ ބޭރަށް ފައިސާ ފޮނުވައިދިނުމުގެ ޚިދުމަތްދޭ ފަރާތެއް މެދުވެރިކޮށް ދިވެހިރާއްޖެއިން ބޭރަށް ފައިސާ ފޮނުވުން އަދި ދިވެހިރާއްޖޭގައި ހުޅުވާފައިވާ ބޭންކު އެކައުންޓެއްގައި ހުރި ފައިސާ ދިވެހިރާއްޖެއިން ބޭރުން ނަގުދު ފައިސާގެ ގޮތުގައި ނެގުން.

9 - އަހަރެން ޑެބިޓް ކާޑް ބޭނުންކޮށްގެން ދިވެހިރާއްޖޭގައި ހުޅުވާފައިވާ ބޭންކު އެކައުންޓެއްގައި ހުރި ފައިސާ ދިވެހިރާއްޖެއިން ބޭރުން ނަގައިފިނަމަ، އެ މުއާމަލާތަށް ރެމިޓެންސް ޓެކްސް ދައްކަން ޖެހޭނެތަ؟

މި ފަދަ މުއާމަލާތްތަކުން ރެމިޓެންސް ޓެކްސް ނަގާނެ

10 - އަހަރެން ޑެބިޓް ކާޑް ބޭނުންކޮށްގެން، ދިވެހިރާއްޖެއިން ބޭރުން ގަންނަ މުދަލަށް ނުވަތަ ހޯދާ ޚިދުމަތަށް ފައިސާ ދައްކައިފިނަމަ އެ މުއާމަލާތަށް ރެމިޓެންސް ޓެކްސް ދައްކަން ޖެހޭނެތަ؟

ނޫން. އެފަދަ މުއާމަލާތަކަށް ރެމިޓެންސް ޓެކްސް ދައްކަން ނުޖެހޭނެ.

11 - އަހަރެން ދިވެހިރާއްޖެއިން ބޭރަށް ފުރައިގެންދާއިރު ގެންދާ ނަގުދު ފައިސާއިން ރެމިޓެންސް ޓެކްސް ދައްކަން ޖެހޭނެތަ؟

ނޫން. ފުރައިގެންދާއިރު ގެންދާ ނަގުދު ފައިސާއިން ރެމިޓެންސް ޓެކްސް ދައްކަން ނުޖެހޭނެ.

12 - އަހަރެން ބޭންކަށް ނުވަތަ ބޭރަށް ފައިސާ ފޮނުވައިދިނުމުގެ ޚިދުމަތްދޭ ފަރާތަށް ރެމިޓެންސް ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ އަދަދު އެމެރިކާ ޑޮލަރުން ދެއްކުމަށް، އެ ފަދަ ފަރާތަކުން މަޖުބޫރު ކުރެވިދާނެތަ؟

ދިވެހިރާއްޖެއިން ބޭރަށް ފައިސާ ފޮނުވާ ފަރާތްތަކުން ބޭންކުތަކަށް ނުވަތަ ފައިސާ ފޮނުވައިދިނުމުގެ ޚިދުމަތްދޭ އޭޖެންސީތަކަށް ރެމިޓެންސް ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ އަދަދު ދިވެހި ރުފިޔާ ނޫން އެހެން ފައިސާއަކުން ދެއްކުމަށް އެ ތަންތަނުން މަޖުބޫރުކޮށްގެން ނުވާނެ.

1 - ކުދި ވިޔަފާރިތަކުގެ ޖޫރިމަނާ މާފުކޮށްދިނުމާ ބެހޭ އުސޫލުގެ ބޭނުމަކީ ކޮބާ؟

މިއީ ޓެކުހާގުޅޭގޮތުން ކުދި ވިޔަފާރިތަކަށް ދިމާވެފައިވާ ޖޫރިމަނާގެ މައްސަލަތައް ހައްލުކޮށްދިނުމަށް 3 މަސް ދުވަހަށް ހުޅުވާލެވޭ ހާއްސަ ފުރުޞަތެކެވެ. މިއީ ޖޫރިމަނާ މާފު ކުރުމުގައި މިހާރު ޢަމަލު ކުރަމުންދާ އާންމު އުސޫލުގެ އިތުރުން، ކުދި ވިޔަފާރިތަކަށް ދެވޭ ޚާއްޞަ ޢިނާޔަތެކެވެ.

2 - މި އުސޫލުގެ ބޭނުމަށް ކުދި ވިޔަފާރި ކަމުގައި ބަލަނީ ކިހާވަރެއްގެ ވިޔަފާރިތަކެއް؟

އަހަރެއްގެ ތެރޭގައި 10 މިލިއަނަށްވުރެ މަދުން ޢާމްދަނީ ލިބޭ ފަރާތްތައް

3 - މި އުސޫލުގެ ދަށުން މާފުކުރެވެނީ ކޮންކޮން ޖޫރިމަނާއެއް؟

ވިޔަފާރި ފައިދާއިން ނެގޭ ޓެކްސް (ބީ.ޕީ.ޓީ) އާއި މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސް (ޖީ.އެސް.ޓީ) އާ ގުޅިގެން ހުށަހަޅަންޖެހޭ ޓެކްސް ބަޔާނާއި ދައްކަންޖެހޭ ފައިސާއާ ގުޅޭގޮތުން އަރާފައިވާ ޖޫރިމަނާއާއި ނޮން ރެޖިސްޓަރޭޝަން އަދި ނޮން ކޮމްޕްލަޔަންސްއާ ގުޅިގެން އަރާފައިވާ ޖޫރިމަނާއެވެ. 

4 - މާފުކޮށްދެވެނީ ކޮން މުއްދަތެއްގެ ޖޫރިމަނާއެއް؟

މާފުކޮށްދެވޭނީ 31 މާރިޗް 2017ގެ ނިޔަލަށް ނިމިފައިވާ ޓެކްސް ނެގޭ މުއްދަތުތަކާގުޅޭ ޖޫރިމަނާއެވެ. މިގޮތުން 2011 އިން ފެށިގެން ނިމިގެންދިޔަ މާރޗް މަހާ ހަމައަށް ޑިއުވެފައި ހުރި ހުރިހާ ޓެކުހާ ބެހޭ އިލްތިޒާމުތަކާގުޅިގެން ވެފައިވާ ޖޫރިމަނާތަކަށް މި އުސޫލުގެ ދަށުން ލުއި ލިބިގެން ދާނެއެވެ.

5 - ޖޫރިމަނާ މާފުކުރުމުގައި ބަލަނީ ކޮންކޮން ކަންތައްތަކަކަށް؟

1. އެ ފަރާތުން ހުށަހަޅަންޖެހޭ އެންމެހައި ޓެކްސް ބަޔާންތަކެއް ހުށަހަޅާފައިވުން

2. މާފުކޮށްދޭ ޖޫރިމަނާ ފިޔަވައި އެފަރާތަކުން ދައްކަންޖެހޭ އެންމެހައި ފައިސާ ދައްކާފައިވުން، ނުވަތަ ފައިސާ ދެއްކުމުގެ އެއްބަސްވުމަކަށް އައިސްފައިވުން.

3. ކޯޓުން ހުކުމެއް ކޮށްފައިވާ މައްސަލައަކާގުޅޭ ޖޫރިމަނާ އަކަށް ނުވުން

4. އިންވެސްޓިގޭޝަނަކާގުޅޭ ޖޫރިމަނާއަކަށް ނުވުން

5. ޓެކުހާ ގުޅިގެން އަދާކުރަން ޖެހޭ އިލްތިޒާމުތައް އަދާކުރުމުގައި ތަކުރާރުކޮށް އިހުމާލުވެ، މަކަރުހަދާ ފަރާތެއްގެ ގޮތުގައި މީރާއަށް ފާހަގަކުރެވިފައިވާ ފަރާތެއްކަމުގައި ނުވުން.

6 - ޖޫރިމަނާ މާފުކޮށްދިނުމަށް އެދި ހުށަހެޅޭނީ ކިހާ ދުވަހެއް ވަންދެން؟

ޖޫރިމަނާ މާފުކޮށްދިނުމަކީ މީރާއިން އަބަދުވެސް ކުރަމުން އަންނަ ކަމެކެވެ. ނަމަވެސް، މި ހުޅުވާލެވުނު ހާއްސަ އިނާޔަތުގެ ދަށުން، ޖޫރިމަނާ މާފުކުރުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅަން ޖެހެނީ 30 ޖޫން 2017 ކުރިންނެވެ.  

7 - ޖޫރިމަނާ މާފުކޮށްދިނުމަށް އެދޭ ފަރާތްތަކުން އަމަލުކުރަން ޖެހެނީ ކިހިނެއް؟

ޝަރުތު ހަމަވާ ފަރާތްތަކުން އެ ކަމަށް އެދި ހުށަހަޅަން ޖެހޭނީ 910MIRA  ފޯމެވެ. މި ފޯމު މީރާގެ ޓެކްސްޕެޔަރ ސަރވިސް ސެންޓަރަށް ނުވަތަ މާލެ ނޫން ރަށްރަށުގައި ނަމަ އެ ރަށްރަށުގައި ގާއިމުކުރެވިފައިވާ މީރާގެ އޮފީސްތަކަށް އަދި އެނޫން ރަށްރަށުގެ ރަށު ކައުންސިލްގެ އިދާރާއަށް ހުށަހެޅިދާނެއެވެ.

8 - ޖޫރިމަނާ މާފުކޮށްދިނުމަށް ހުށަހަޅާ ފަރާތެއްގައި ހުންނަންޖެހޭ ޝަރުތުތައް ހަމަނުވާނަމަ، އިތުރު ފުރުޞަތެއް އެ ފަރާތްތަކަށް ލިބޭނެތަ؟

ޖޫރިމަނާގެ މާފަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކަނޑައެޅިފައިވާ ޝަރުތު ފުރިހަމަ ނުވާ ފަރާތެއްނަމަ، އެ ކަންތައްތައް ފުރިހަމަ ކުރުމަށް އަންގައި، 15 ދުވަހުގެ މުއްދަތެއް ދެވޭނެއެވެ. މި މުއްދަތުގެ ތެރޭގައި އެ ފަރާތަކުން ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ފުރިހަމަކޮށްފިނަމަ، އެ ފަރާތުގެ ޖޫރިމަނާ މާފުކޮށްދެވޭނެއެވެ. 

1 - މީރާގެ އޮފީހެއްނެތް ރަށެއް ނަމަ މުދަލު ޒަކާތް ބަލައިގަންނާނީ ކޮންތަނަކަށް؟

މީރާގެ އޮފީހެއް ނެތް ރަށެއް ނަމަ އެ ރަށެއް ރަށު ކައުންސިލްގެ އިދާރާއިން މުދަލު ޒަކާތް ބަލައި ގަންނާނެ.

2 - މުދަލު ޒަކާތް ދެއްކުމަށްޓަކައި ބޭނުންކުރާނީ ކޮން ފޯމެއް؟

MIRA 510 ފޯމު

3 - މުދަލު ޒަކާތާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ބޭނުންވާ ނަމަ ހަދާނީ ކިހިނެއް؟

މުދަލު ޒަކާތާ ގުޅޭ ދީނީ ސުވާލެއް ނުވަތަ މުދަލު ޒަކާތް ހިސާބުކުރުމާ ގުޅޭ ސުވާލެއް އޮތް ނަމަ ގުޅާނީ އިސްލާމިކް މިނިސްޓްރީގެ ފޯން ނަންބަރު 800 300 8901 އަށް. މުދަލު ޒަކާތް ބަލައިގަތުމާ ގުޅޭ ސުވާލެއް ނަމަ ގުޅާނީ މީރާގެ ހޮޓްލައިން 1415 އަށް.

4 - މުދަލު ޒަކާތުގެ ނިޞާބަކީ ކިހާ މިންވަރެއް؟

މުދަލު ޒަކާތުގެ ނިޞާބު މީރާގެ ވެބްސައިޓުގެ ހޯމްޕޭޖުން ފެންނާނެ.

1 - ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް އަކީ ކޮބާ؟

ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް އަކީ، ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތަކުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް ދައްކާ ވަކި ބާވަތެއްގެ ފައިސާއިން ކަނޑައެޅިފައިވާ ޕަސެންޓެއް އުނިކުރުމަށްފަހު މީރާއަށް ދައްކަންޖެހޭ ޓެކުހެއް. މި ޓެކްސް ނަގަނީ އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ 55 ވަނަ މާއްދާގެ ދަށުން.

2 - ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަން ޖެހޭ ފައިސާގެ ބާވަތްތަކަކީ ކޮބާ އަދި އެ ބާވަތްތަކުގެ ފައިސާއިން އުނިކުރަންޖެހޭ ރޭޓްތަކަކީ ކޮބާ؟

 

 

ފައިސާގެ ބާވަތް

  ރޭޓް

1

ދިވެހިރާއްޖޭގައި ހުރި ނުއުފުލޭ މުދަލެއްގެ ކުލި

10%

2

ރޯޔަލްޓީ؛

10%

3

އިންޓްރެސްޓް (އެ އިންޓްރެސްޓް ދައްކަނީ މީރާއިން ޤަބޫލުކުރާ ބޭންކަކަށް ނުވަތަ ބޭންކު-ނޫން މާލީ އިދާރާއަކަށް ކަމަށްނުވާނަމަ)

10%

4

ޑިވިޑެންޑް

10%

5

ޓެކްނިކަލް ސަރވިސް ފީ

10%

6

ދިވެހިރާއްޖޭގައި ފޯރުކޮށްދޭ ޚިދުމަތަކަށް ދައްކާ ކަމިޝަން

10%

7

ދިވެހިރާއްޖޭގައި މުނިފޫހިފިލުވައިދޭ މީހުންގެ ޙަރަކާތްތަކަށް ދައްކާ ފައިސާ

10%

8

ދިވެހިރާއްޖޭގައި ދިރާސާކުރުމާއި ތަރައްޤީކުރުމަށް (ރިސަރޗް އެންޑް ޑިވެލޮޕްމަންޓަށް) ދައްކާ ފައިސާ

10%

9

ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް އިންޝުއަރެންސް ޕްރީމިއަމްގެ ގޮތުގައި ދައްކާ ފައިސާ

10%

10

ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރަކަށް ދައްކާ ފައިސާ

5%

 

3 - ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކުހުގެ ބަޔާން ހުށަހަޅުމަށް ފުރަން ޖެހެނީ ކޮންފޯމެއް؟

ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން (MIRA 602)

4 - ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދައްކަންޖެހޭ ސުންގަޑިއަކީ ކޮބާ؟

ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ ބަވަތެއްގެ ފައިސާ ދައްކާފައިވާ މަހާއި ޖެހިގެން އަންނަ މަހުގެ 15 ވަނަ ދުވަސް.

5 - ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް ބަޔާނުގެ މުއްދަތަކީ ކޮބާ؟

ކޮންމެ މީލާދީ މަހަކަށްވެސް ހުށާހަޅަން ޖެހޭނީ ވަކި ޓެކްސް ބަޔާނެކެވެ.

6 - ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ ބަވަތެއްގެ ފައިސާ ދައްކާފައި ނުވިނަމަވެސް އެ މުއްދަތުގައި މީރާއަށް ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން ހުށަހަޅަން ޖެހޭނެތަ؟

ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ ބަވަތެއްގެ ފައިސާ ދައްކާފައި ނުވާނަމަ އެ މުއްދަތުގައި މީރާއަށް ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން ހުށަހަޅާކަށް ނުޖެހޭނެ.