ސްޓްރެޓީޖިކް ޕްލޭން

2011 ވަނަ އަހަރު ދިވެހިރާއްޖެއަށް ތައާރަފުކުރެވުނު ޒަމާނީ ޓެކުހުގެ ނިޒާމު ހިންގުމުގެ ޒިންމާ ހަވާލުކުރެވިފައިވާ އިދާރާގެ ގޮތުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އުފައްދާފައި ވަނީ 2010 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. މީރާގެ ޅަފަތުގެ އަހަރުތަކުގެ މަސައްކަތްތައް އަމާޒުކުރެވިފައިވަނީ އަލަށް ތައާރަފުކުރެވުނު އެކިއެކި ޓެކްސްތައް ކާމިޔާބުކަމާއެކު ތަންފީޒުކުރުމަށެވެ. އެ ދުވަސްވަރު ތައާރަފުކުރެވުނު ޓެކްސްތަކުގެ ތެރޭގައި ހިމެނެނީ ޓޫރިސްޓް ޚިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޚިދުމަތުގެ އަގުން ނެގޭ ޓެކުހާއި، ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކުހާއި، މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސްއެވެ. މި މުއްދަތުގައި މީރާއިން ވަނީ އިތުބާރު ހިފޭ މުއައްސަސާއެއް ބިނާކުރުމުގެ އިތުރުން ހަރުދަނާ ހިންގުމުގެ އޮނިގަނޑެއް ވެސް ޤާއިމްކޮށްފައެވެ.

މީރާގެ ފުރަތަމަ ސްޓްރެޓީޖިކް ޕްލޭން އެކުލަވައިލައިފައިވަނީ 2015 ވަނަ އަހަރުއެވެ. މި ސްޓްރެޓީޖިކް ޕްލޭނުގައި، ޖުމުލަ 6 ޕްރޮގްރާމެއްގެ ތެރެއިން، 2015 އިން 2019 އަށް މީރާއިން އެންމެ އިސްކަންދޭނެ ކަންތައްތައް ކުރު ގޮތަކަށް ބަޔާންކޮށްފައިވާނެއެވެ. މި ޕްލޭން ނިސްބަތްވާ މުއްދަތު ނިމިގެންދިޔައިރު މި ޕްލޭންގައިވާ ގިނަ ކަންތައްތައް މީރާއިން ކާމިޔާބުކަމާއެކު ހާސިލުކޮށްފައިވެއެވެ.

ގައުމީ ޚިދުމަތިގައި 10 ވަނަ އަހަރަށް މީރާއިން ކުރިމަތިލާއިރު، ވޭތުވެދިޔަ އަހަރުތަކުގައި މީރާއިން ހާސިލްކޮށްފައިވާ ކަންތައްތަކަށް ބަލައި، ކުރިއަށްއޮތް ތަނުގައި މީރާގެ މަސައްކަތުގެ އަމާޒު ވެސް ބަދަލުވެގެންދާނެއެވެ. މީރާގެ ދެވަނަ ސްޓްރެޓީޖިކް ޕްލޭނުގައި 2020 އިން 2024 އަށް މީރާއިން އެންމެ އިސްކަންދޭ ކަންތައްތައް، 13 ޕްރޮގްރާމެއްގެ ދަށުން، ބަޔާންކުރެވިފައިވާނެއެވެ. މި ޕްލޭނުގައި ހިމެނޭ ބައިތަކުގެ ތެރެއިން އައު އިންކަމް ޓެކްސް ޤާނޫނެއްގެ ދަށުން ޓެކްސް ނަގަން ފެށުމަށް ކުރަން ޖެހޭ މަސައްކަތްތަކާއި، ބައިނަލްއަޤްވާމީ ޓެކުހުގެ ސްޓެންޑަރޑްތަކާ އެއްގޮތަށް މީރާގެ މަސައްކަތްތައް ބައްޓަންކުރުން ކުރަން ޖެހޭ ކަންތައްތައް ހިމެނިފައިވާނެއެވެ. އަދި ދިވެހިރާއްޖޭގެ ނެޝަނަލް ޑިވެލޮޕްމަންޓް ޕްލޭންގެ ދަށުން މީރާގެ ޒިންމާތައް އަދާކުރުމަށް ކުރަންޖެހޭ ކަންތައްތައް ވެސް ހިމެނިފައިވާނެއެވެ.

މި ސްޓްރެޓީޖިކް ޕްލޭނަކީ މީރާގެ އިސް މުވައްޒަފުންގެ މެދުގައި ކުރެވުނު ގިނަގުނަ މަޝްވަރާތަކުގެ ތެރެއިން އުފައްދާފައިވާ ޕްލޭނެކެވެ. މި ޕްލޭން އެކުލަވައިލުމުގެ ހުރިހާ މަރުހަލާއެއްގައި ވެސް މީރާގެ އިސް މުވައްޒަފުން ޝާމިލުވެފައިވެއެވެ. މީގެ އިތުރުން، މި ޕްލޭން އެކުލަވައިލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތާ ގުޅޭގޮތުން، ސްޓްރެޓީޖިކް ޕްލޭން ކުރުމާބެހޭ ތަޖުރިބާކާރެއް ކަމުގައިވާ އިންޓަނޭޝަނަލް މަނިޓަރީ ފަންޑުގެ މސ. ބާބަރާ އޭބެއަރ ގެ އިރުޝާދު ލިބުނެވެ.

މީރާގެ ހުރިހާ މުވައްޒަފުންނާއި "ސްޓޭކްހޯލްޑަރސް" ގެ ކިބައިން، މި ސްޓްރެޓީޖިކް ޕްލޭނުގައިވާ ކަންތައްތައް ހާސިލުކުރުމަށް ކެނޑިނޭޅި މަސައްކަތްކުރުމަށް މީރާއިން އެދެމެވެ. އެންމެން އެކުގައި މަސައްކަތްކޮށްގެން މީރާއިން އެދޭފަދަ ގާބިލު އަދި ޕްރޮފެޝަނަލް މުއައްސަސާއަކަށް މީރާ ހެދޭނެކަން ޔަގީނެވެ.

ސްޓްރެޓީޖިކް ޕްލޭން (2015 – 2019)

ސްޓްރެޓީޖިކް ޕްލޭން (2020 – 2024)