ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން މީރާއާ މަތިކޮށްފައިވާ މައިގަނޑު ޒިންމާއަކީ ޓެކްސް ޤާނޫނުތައް ތަންފީޒުކުރުމާއި ޓެކްސްއާބެހޭ ސިޔާސަތުތައް ހިންގުމާއި ޤާނޫނީ ގޮތުން ދައުލަތަށް ނަގާ އެންމެހައި ޓެކްސް ނެގުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުމެވެ.
މިގޮތުން ޓެކްސް ދައްކާ ފަރާތްތަކުން ޓެކްސް ހިސާބުކުރަމުން ދަނީ ޓެކުހުގެ ގާނޫނުތަކާ އެއްގޮތަށްތޯ ބެލުމާއި، ޓެކްސް ޤާނޫނާއި އެއްގޮތަށް ޓެކްސްދައްކާ ފަރާތްތަކުން ޓެކުހުގެ ޒިންމާއަދާކުރާކަން ކަށަވަރުކުރުމަކީ މީރާ އިން އަދާކުރަމުންދާ ޤާނޫނީ ޒިންމާއެކެވެ. މި ޒިންމާ އަދާކުރުމުގައި ވިޔަފާރީގެ ބާވަތާއި ކުޑަބޮޑުމިނަށް ބެލުމުގެ ބަދަލުގައި ހުރިހާ ފަރާތްތަކުގެ މެދުގައި ޤާނޫނު ހަމަހަމަކޮށް ތަންފީޒުކުރުމަކީ މީރާއިން ފެށުނީއްސުރެންވެސް ޢަމަލުކުރަމުންދާ އުސޫލެވެ. އަދި މީރާގެ މަސައްކަތްތަކަކީ ކަނޑައެޅިފައިވާ ސްޓްރެޓެޖިކް ޕްލޭނެއްގެ ދަށުން ރޭވިގެން، އާންމު ކުރެވިފައިވާ ކޮމްޕްލަޔަންސް އިމްޕްރޫވަމްންޓް ޕްލޭނަކާ އެއްގޮތަށް ކުރަމުންދާ މަސައްކަތެކެވެ.
މީރާއިން އޮޑިޓްކުރަން ކަނޑައަޅާ ފަރާތްތަކަކީ "ރިސްކް ބޭސްޑް" އުސޫލުގެ މައްޗަށް އިންތިޒާމު ކޮށްފައިވާ، ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް އޮނިގަނޑެއްގެ ތެރެއިން ހަމަހަމަ އުސޫލުތަކަކުން އޮޑިޓް ކުރުމަށް ހޮވޭ ފަރާތްތަކެވެ. މިގޮތުން މީރާއިން ދަނީ ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކާއި އެނޫން ދާއިރާތަކުގެ ވިޔަފާރިތަށްވެސް އޮޑިޓް ކުރަމުންނެވެ. އަދި، މީރާއަށް ލިބޭ އާމްދަނީގެ ބޮޑު އިންސައްތައެއް ލިބެމުންދަނީ ޓޫރިޒަމް ދާއިރާއިންކަންވެސް ފާހަގަ ކުރަމެވެ.
ޓެކްސް ނިޒާމުގެ ތެރެއިން ކުދި ވިޔަފާރިތަކަށް ވަނީ ލުއި އިންތިޒާމުތަކެއް ހަމަޖައްސައިދީފައެވެ. މިގޮތުން ހިސާބު ބެލެހެއްޓުމާއި، އޮޑިޓް ކުރުމާއި ޓެކްސް ބަޔާން ހުށަހެޅުމުގައި ކުދި ވިޔަފާރިތަކަށް ލުއިތަކެއް ދެވިފައި ވެއެވެ. އަދި މީރާގެ މަސައްކަތްތައް ބައްޓަންކޮށްފައިވަނީ ވިޔަފާރިތަކާ ގުޅިގެން، ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުވައިދީގެން ޓެކްސް ކޮމްޕްލަޔަންސް އިތުރުކުރުމުގެ މައްޗަށެވެ. އެހެން ނަމަވެސް ގަސްދުގައި ޓެކްސް ނުދައްކާ ފަރާތްތަކާމެދު ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން މީރާއިން ދަނީ ފިޔަވަޅު އަޅަމުންނެވެ.