/ ށ. އަދި ނ. އަތޮޅުގެ ރަށްތަކަށް ފުޅާ ދާއިރާއެއްގައި ލޯންޗު ފެރީގެ ޚިދުމަތްދޭ "ހޯޕް ޓްރެވަލްސް"އިން ގަސްދުގައި ޓެކުހަށް މަކަރު ހެދިކަމުގެ ތުހުމަތުގައި މީރާއިން ތަހުގީގުކޮށް ދައުވާކުރަން ފޮނުވައިފި
News Image

ށ. އަދި ނ. އަތޮޅުގެ ރަށްތަކަށް ފުޅާ ދާއިރާއެއްގައި ލޯންޗު ފެރީގެ ޚިދުމަތްދޭ "ހޯޕް ޓްރެވަލްސް"އިން ގަސްދުގައި ޓެކުހަށް މަކަރު ހެދިކަމުގެ ތުހުމަތުގައި މީރާއިން ތަހުގީގުކޮށް ދައުވާކުރަން ފޮނުވައިފި

17 އޯގަސްޓު 2025

"ހޯޕް ޓްރެވަލްސް"ގެ ނަމުގައި ށ. އަދި ނ. އަތޮޅުގެ ރަށްތަކަށް ލޯންޗު ފެރީގެ ޚިދުމަތްދޭ ފަރާތެއް ކަމުގައިވާ ހޯޕް ހޯލްޑިންގްސް ވިޔަފާރިން ގަސްދުގައި ޓެކުހަށް މަކަރުހެދިކަމަށް ތުހުމަތުކުރެވޭތީ، އެ މައްސަލަ ތަހުގީގުކޮށް، ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މީރާއިން ހުށަހަޅައިފިއެވެ. މި މައްސަލައަކީ 01 ޖުލައި 2020 އިން 31 މޭ 2023ގެ ނިޔަލަށް ހިމެނޭ ޓެކްސް ނެގޭ މުއްދަތުތަކަށް ހޯޕް ހޯލްޑިންގްސްއިން މީރާއަށް ހުށަހަޅައިފައިވާ ޖީ.އެސް.ޓީ ބަޔާންތަކާއި ޓެކްސް އަހަރު 2020 އަދި ޓެކްސް އަހަރު 2021އަށް ހުށަހަޅައިފައިވާ އިންކަމް ޓެކްސް ބަޔާންތަކުގައި ދޮގު މައުލޫމާތު ހިމަނައިފައިވާކަމަށް ތުހުމަތުކުރެވޭތީ، އަދި އެކަން ކޮށްފައިވަނީ ގަސްދުގައި ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ނިޔަތުގައިކަމަށް ބެލެވޭތީ މީރާއިން ތަހުގީގުކުރަން ފެށި މައްސަލައެކެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، ހޯޕް ހޯލްޑިންގްސް ޕާޓްނަރޝިޕް މީރާގައި ޖީ.އެސް.ޓީއަށް ރަޖިސްޓަރީ ކޮށްފައި ވީނަމަވެސް، އެ ވިޔަފާރީގެ ދަށުން ހިންގާ "ހޯޕް ޓްރެވަލްސް" ހަރަކާތް މީރާގައި ރަޖިސްޓަރީނުކޮށް ގިނަ ދުވަސްތަކަކަށް ވަނީ ހިންގައިފައެވެ. އަދި ތަހުގީގު ކުރި މުއްދަތުގެ ތެރޭގައި މި ވިޔަފާރި ހަރަކާތް ހިންގައިގެން ލިބިފައިވާ ޖުމުލަ އާމްދަނީގެ 89 އިންސައްތަ މީރާއަށް ހުށަހަޅައިފައިވާ ޖީ.އެސް.ޓީ ބަޔާންތަކުގައި ހިމަނައިފައި ނުވެއެވެ. މި ގޮތުން މި މުއްދަތަށް ޓެކްސް ދައްކާ ފަރާތަށް ލިބިފައިވާ އާމްދަނީގެ ތެރެއިން 54 (ފަންސާސް ހަތަރެއް) މިލިއަން ރުފިޔާ އާއި ޖީ.އެސް.ޓީގެ ގޮތުގައި 3 މިލިޔަނަށް ވުރެ ގިނަ ރުފިޔާ މީރާއަށް ރިޕޯޓުކޮށްފައި ނުވާކަން ވަނީ ފާހަގަ ކުރެވިފައެވެ. މީގެ އިތުރުން ޓެކްސް އަހަރު 2020 އަދި 2021 އަށް ހުށަހަޅައިފައިވާ އިންކަމް ޓެކްސް ބަޔާންތަކުގައި 29 (ނަވާވީސް) މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ހިމަނައިފައިނުވާކަން މީރާގެ ތަހުގީގަށް ވަނީ ހޯދިފައެވެ.

މި ތަހުގީގުގައި މީރާއިން ވަނީ ޓެކްސް ދައްކާ ފަރާތުގެ ވިޔަފާރިއާ ގުޅޭ ލިޔެކިޔުންތައް ބަލަހައްޓާ އެ ފަރާތުގެ އޮފީސް ބަލައި ފާސްކުރުމުގެ އިތުރުން މައުލޫމާތު ހޯދުމަށާއި ކުށުގެ ތުހުމަތުގައި މީހުން ހާޒިރުކޮށް ބަޔާން ނަގައިފައެވެ. މި މައްސަލައިގައި، ހޯޕް ހޯލްޑިންގްސް ވިޔަފާރީގެ އިތުރުން ވިޔަފާރީގެ އެއް ޕާޓްނަރ ކަމުގައިވާ ޝަހުދު އިބްރާހީމްމަނިކު އަދި ވިޔަފާރީގައި އިސްކޮށް ހަރަކާތްތެރިވެފައިވާ ފަރާތެއް ކަމުގައިވާ މުޙައްމަދު ޢަލީގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މީރާއިން ހުށަހަޅައިފައިވެއެވެ.

ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނުގެ 64 ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ ޓެކްސް ދެއްކުމަށް، އެނގިހުރެ، ގަސްދުގައި އެއްކިބާވުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކުރުމަކީ ކުށެކެވެ. އަދި އެ ފަދަ ކުށެއް ކުރުމަށް ޓެކްސް ދައްކަންޖެހޭ މީހަކަށް އެހީތެރިވެދިނުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކުރުމަކީ ވެސް ކުށެކެވެ. ޓެކުހާ ގުޅޭ މި ފަދަ ކުށެއް، އޮޅުވާލުމެއް ނުވަތަ މަކަރެއް ހަދަމުންދާކަމަށް ފާހަގަކުރެވޭ ފަރާތްތަކާމެދު ޢަމަލުކުރާނޭ ގޮތް އެކަށައެޅުމަށްޓަކައި އެކުލަވައިލައިފައިވާ މީރާގެ "ޓެކްސް ކްރައިމް މިޓިގޭޝަން ސްޓްރެޓެޖީ"އާ އެއްގޮތަށް އެ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުންދާނެކަމަށް މީރާއިން ވަނީ ފާހަގަކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް: Tax Crime Mitigation Strategy - MIRA - Maldives Inland Revenue Authority

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ