/ ޖީ.އެސް.ޓީ އާއި ގްރީން ޓެކުހުގެ ބަޔާން ހުށަނާޅާ ފަރާތްތަކުގެ ނަން މީރާއިން ހާމަކޮށްފި
News Image

ޖީ.އެސް.ޓީ އާއި ގްރީން ޓެކުހުގެ ބަޔާން ހުށަނާޅާ ފަރާތްތަކުގެ ނަން މީރާއިން ހާމަކޮށްފި

18 ސެޕްޓެންބަރު 2025

ޓެކުހުގެ ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަ ކުރާ އުސޫލުގެ ދަށުން، 2025 ވަނަ އަހަރުގެ މޭ މަހާ ހަމައަށް، ޖީ.އެސް.ޓީ އާއި ގްރީން ޓެކުހުގެ ބަޔާން ހުށަނާޅާ ފަރާތްތަކުގެ ނަން މީރާއިން ހާމަކޮށްފިއެވެ. މި ގޮތުން، މީރާއިން 08  ސެޕްޓެންބަރު 2025 ގައި ފުރަތަމަ ޝާޢިއުކުރި ލިސްޓުގައި ޖުމުލަ 152 ފަރާތެއް ހިމެނިފައިވެއެވެ. ނަމަވެސް، މި ލިސްޓު ޝާޢިއުކުރުމަށްފަހު، 17 ފަރާތަކުން ޖީ.އެސް.ޓީ އަދި ގްރީން ޓެކުހުގެ ބަޔާން ހުށަހަޅާފައިވާތީ، މި ވަގުތާ ހަމައަށް ޖީ.އެސް.ޓީ އަދި ގްރީން ޓެކުހުގެ ބަޔާން ހުށަނާޅާ ފަރާތްތަކުގެ އަދަދު ވަނީ 135 އަށް ބަދަލުވެފައެވެ.

ޓެކުހުގެ ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަ ކުރާ އުސޫލުގެ ދަށުން، އެ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ކުރިން އެ ފަރާތްތަކަށް ފޯނުން ގުޅައި، ޓެކްސް ނުދައްކާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައަޅާފައިވާ އަދަބުތަކާއި، އެފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތަކުގެ މައުލޫމާތު ފޯރުކޮށްދީ، އެސް.އެމް.އެސްގެ ޒަރިއްޔާއިންވެސް އެ ފަރާތްތަކަށް އެ ކަން އަންގާފައިވާނެއެވެ.

ދައުލަތަށް ދައްކަންޖެހި ނުދައްކައިވާ ޓެކުހާއި އެހެނިހެން ފައިސާ ހޯދުމުގެ ގޮތުން މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އެޅުމަށް ކަނޑައަޅައިފައިވާ އިތުރު ފިޔަވަޅުތައް ވެސް ތަފާތުކުރުމެއްނެތި އަޅަމުންގެންދާނެކަމަށް މީރާއިން މައުލޫމާތު ދެއެވެ. އެހެންކަމުން، މިހާތަނަށް ވެސް ޓެކުހުގެ ބަޔާން ހުށަނާޅާ ފަރާތްތަކުން އެ ބަޔާންތައް ހުށަހެޅުމަށާއި ޓެކްސް ނުދައްކައިވާ ފަރާތްތަކުން ލަސް ނުކުރައްވައި ޓެކްސް ދެއްކުމަށް، ނުވަތަ، މީރާއާއެކު ޓެކްސް ދެއްކުމުގެ އެއްބަސްވުމަކަށް އައުމަށް އިލްތިމާސްކުރަމެވެ.

ގުޅުންހުރި ލިޔުންތައް:

https://www.mira.gov.mv/extended/NonCompliers?act=2

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ