ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް ޕޮލިސީ

ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް ޕޮލިސީ

ޓެކްސް އިދާރާގެ ހައިސިއްޔަތުން އަޅުގަނޑުމެން މަސައްކަތްކުރާނީ ޓެކުހުގެ ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި ބައިނަލްއަޤްވާމީ އިދާރާތަކާއި އެހެނިހެން ގުޅުންހުރި ފަރާތްތަކާ ގުޅިގެން، ޓެކްސް ދައްކާ ފަރާތްތައް ބާރުވެރިކުރުވައި އާންމުންގެ މެދުގައި ޓެކުހުގެ ނިޒާމަށް އޮންނަ އިތުބާރު އިތުރުކުރުމަށްޓަކައި ހަރުދަނާ އަދި ފުރިހަމަ ޚިދުމަތްތަކެއް ފޯރިވައިދިނުމަށެވެ.

ދިވެހިރާއްޖޭގައި ޢަމަލުކުރަމުން ގެންދަނީ ޓެކްސް ދައްކާ ފަރާތްތަކުން ދައްކަންޖެހޭ ޓެކުހުގެ އަދަދު އެ ފަރާތްތަކުން އަމިއްލައަށް ކަނޑައަޅާ ޓެކުހުގެ ނިޒާމެއް ނުވަތަ 'ސެލްފް-އެސެސްމަންޓް' ޓެކްސް ނިޒާމެއްކަމުން، އަންނަނިވި އިލްތިޒާމްތައް ފުރިހަމަކުރުމަކީ ޓެކްސް ދައްކާ ފަރާތްތަކުގެ ޒިންމާއެކެވެ.

·        ޤާނޫނުގައިވާ ގޮތުގެ މަތިން މީރާގައި ރަޖިސްޓަރީކުރުން

·        ކަނޑައަޅައިފައިވާ ސުންގަޑިއަށް ޓެކްސް ބަޔާންތަކާއި ލިޔެކިޔުންތައް ހުށަހެޅުން

·        ސައްހަ އަދި ފުރިހަމަ މައުލޫމާތު ހުށަހެޅުން

·        ދައްކަންޖެހޭ ޓެކުހުގެ ފުރިހަމަ އަދަދު ކަނޑައަޅައިފައިވާ ސުންގަޑިއަށް ދެއްކުން

އަޅުގަނޑުމެންގެ މަގުސަދަކީ ޓެކުހާގުޅޭ އިލްތިޒާމްތައް އަދާކުރުން ލުއި ފަސޭހަކޮށްދީގެން ޓެކްސް ދައްކާ ފަރާތްތަކުން އަމިއްލަ އިހުތިޔާރުގައި ޓެކުހުގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ތަބާވުން ނުވަތަ 'ވޮލަންޓްރީ ކޮމްޕްލަޔަންސް' އިތުރުކުރުމާއި، ތަންފީޒީ ފިޔަވަޅުތައް މެދުވެރިކޮށް ޓެކުހުގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ތަބާނުވުން ނުވަތަ 'ނޮން-ކޮމްޕްލަޔަންސް' މަދުކުރުމެވެ. މި މަގުސަދު ހާސިލުކުރުމަށްޓަކައި އަޅުގަނޑުމެން ގެންގުޅޭނީ 'ރިސްކް ބޭސްޑް' އުސޫލުގެ މައްޗަށް އިންތިޒާމްވެވޭ ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް އޮނިގަނޑެކެވެ. މި އޮނިގަނޑުގެ ދަށުން ޓެކްސް ދައްކާ ފަރާތްތަކުގެ ބާވަތަށާއި ކުޑަބޮޑުމިނަށް ބަލައި، ކޮމްޕްލަޔަންސް ރިސްކްތައް ދެނެގަނެ، ވަޒަންކޮށް، ގިންތިކޮށް، އެ ފަރާތްތަކާމެދު ޢަމަލުކުރާނެ ގޮތްތައް ކަނޑައެޅޭނެއެވެ. މި ގޮތުން ދިވެހިރާއްޖޭގެ އިދާރާތަކާއި ބައިނަލްއަޤްވާމީ އިދާރާތައް މެދުވެރިކޮށް ތިންވަނަ ފަރާތުން ހޯދާ މައުލޫމާތުތަކާއި ޓެކްސް ދައްކާ ފަރާތްތަކުން މީރާއަށް ހުށަހަޅާ މައުލޫމާތުތައް އަޅައިކިޔައި، ޓެކްސް ދައްކާ ފަރާތްތަކުގެ ކޮމްޕްލަޔަންސް ރިސްކްތައް މަރުކަޒީ ގޮތެއްގައި ދެނެގަނެ ގިންތިކުރެވިގެންދާނެއެވެ. ޓެކުހުގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ޓެކްސް ދައްކާ ފަރާތްތަކުން ތަބާވުމުގައި ގެންގުޅޭ ސުލޫކު ގިންތިކޮށް، އޭގެ ރިސްކް ލެވެލްއާ މުނާސަބުވާނެ ގޮތަށް ފިޔަވަޅު އެޅުމަށްޓަކައި އަޅުގަނޑުމެން ބޭނުންކުރާނީ ތިރީގައިވާ މޮޑެލްއެވެ.

 

 

އަޅުގަނޑުމެންގެ ކޮމްޕްލަޔަންސް ސްޓްރެޓަޖީތައް ފަރުމާކޮށްފައިވަނީ ޓެކްސް ދައްކާ ފަރާތްތަކުން އަމިއްލަ އިހުތިޔާރުގައި ޓެކުހުގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ތަބާވާ މިންވަރު އިތުރުކުރުވައި، ގިނަ ފަރާތްތައް ކޮމްޕްލަޔަންސް ޕިރަމިޑްގެ އެންމެ ތިރިއަށް ގެންދިއުމަށް އަމާޒުކޮށްގެންނެވެ. މިގޮތުން، ޓެކްސް ދައްކާ ފަރާތްތަކުގެ ތެރެއިން ޤާނޫނުތަކާއި ގަވާއިދުތަކަށް ތަބާވާން ބޭނުންވާ އަދި މަސައްކަތްކުރާ ފަރާތްތަކަށް ލުއިފަސޭހަ އުސޫލުތައް ޤާއިމުކޮށްދީ، އަހުލުވެރިކުރުވައި، އެ ފަރާތްތަކާ ގުޅިގެން ޓެކުހާގުޅޭ އިލްތިޒާމްތައް އަދާކުރުން މަގުފަހިކޮށްދިނުމަށް މަސައްކަތްކުރެވޭނެއެވެ. އަޅުގަނޑުމެންގެ އަމާޒަކީ އަޅުގަނޑުމެންގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް، ޓެކްސް ދައްކާ ފަރާތްތަކަށް ޓެކުހާ ގުޅޭ އިލްތިޒާމްތައް އަދާކުރުމަށްޓަކައި އީޖާދީ ހައްލުތައް ފޯރުކޮށްދުނުމެވެ. މީގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އަޅުގަނޑުމެންގެ ރީޖަނަލް ކޮމްޕްލަޔަންސް ސެންޓަރުތައް މެދުވެރުކޮށް ކަސްޓަމައިޒްޑް ޚިދުމަތްތަކެއް ފޯރުކޮށްދީގެން ޓެކްސް ދައްކާ ފަރާތްތަކުގެ ކޮމްޕްލަޔަންސް އިތުރުކުރުމަށް އެހީތެރިވުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދެވޭނެއެވެ.   

ޓެކްސް ދައްކާ ފަރާތްތަކުގެ ތެރެއިން ޤާނޫނުތަކާއި ގަވާއިދުތަކަށް ތަބާނުވާ ފަރާތްތަކާމެދު އަޅާނެ ތަފާތު އެކި ގިންތީގެ ފިޔަވަޅުތަކާއި އެ ފަދަ ފަރާތްތަކަކީ ޤާނޫނުތަކާއި ގަވާއިދުތަކަށް ތަބާވާ ބަޔަކަށް ހެދުމަށްޓަކައި ހިންގާނެ ހަރަކާތްތައް އަޅުގަނޑުމެންގެ ކޮމްޕަލަޔަންސް ޕްރޮގުރާމްގައި ހިމެނިފައިވެއެވެ. މީގެ ތެރޭގައި، ޓެކްސް ދައްކާ ފަރާތްތަކަށް ޒިޔާރަތްކުރުން، ޓެކުހާ ގުޅޭ މައުލޫމާތު ރިވިއު ކުރުން،  އޮޑިޓް ކުރުން، ޖިނާޢީ ތަހުގީގު ކުރުން އަދި އެހެނިހެން ތަންފީޒީ ފިޔަވަޅުތައް ހިމެނެއެވެ. އަދި ޤާނޫނުތަކާއި ގަވާއިދުތަކަށް ތަބާނުވާ ފަރާތްތައް ފާހަގަކޮށް އެ ފަދަ ޢަމަލުތައް ހުއްޓުވުމަށްޓަކައި އެ ފަރާތްކާމެދު އެކަށީގެންވާ ފިޔަވަޅު އަޅަމުންދާކަން ޔަގީންކުރެވޭނެއެވެ.

އަލަށް ފާހަގަކުރެވޭ ރިސްކުގެ ބާވަތްތަކަށާއި ޓެކްސް ދައްކާ ފަރާތުގެ ސުލޫކަށް އަންނަ ބަދަލުތަކަށް ބިނާކޮށް އަޅުގަނޑުމެންގެ ކޮމްޕްލަޔަންސް ސްޓްރެޓަޖީތަކުގައި ހިމެނޭ ކަންކަމާއި ޢަމަލުކުރާ އުސޫލުތައް އިތުރަށް ހަރުދަނާކޮށް ބަދަލުގެނެގެވޭނެއެވެ.

 

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ