ޓްރާންސްފަރ ޕްރައިސިންގ އަކީ މުދަލެއް ގަނެވިއްކުން، ޚިދުމަތެއް ފޯރުވައިދިނުން، ޣައިރު މާއްދީ މުދަލެއް ބަދަލުކުރުން ނުވަތަ ބޭނުންކުރުންފަދަ މި ނޫންވެސް މުއާމަލާތެއް ގުޅުންހުރި ދެ ފަރާތެއްގެ ދެމެދުގައި ކުރުވޭހިނދު އެ މުއާމަލާތަކާ ގުޅިގެން އަގު ކަނޑައެޅުމެވެ. ޓްރާންސްފަރ ޕްރައިސިންގ ގަވާއިދުތަކުގެ މަގްސަދަކީ ވިޔަފާރި ހަރަކާތަކުން އެ ފަރާތާއި ގުޅުންހުރި ފަރާތްތަކާއި ދެމެދުކުރެވޭ މުއާމަލާތްތަކުގައި އާމްސް ލެންތް އުސޫލުތަކާއި އެއްގޮތަށް ޢަމަލުކުރަމުން ގެންދާކަން ޔަގީންކުރުމެވެ. މީރާއިން ބަލައިގެންފައިވާ ފަދައިން އާމްސް ލެންތް އުސޫލަކީ، ޓެކްސް ދައްކާ ފަރާތްތަކުން ގުޅުންހުރި ފަރާތްތަކާއި ދެމެދު ކުރެވޭ ކޮންޓްރޯލްޑް މުއާމަލާތްތަކުގައި އަގު ކަނޑައެޅުމުގައި، ބައިނަލްއަގްވާމީ ގޮތުން ވެސް ބަލައިގެންފައިވާ އުސޫލެކެވެ.
އާމްދަނީން ޓްކްސް ނެގުމުގެ ޤާނޫނުގެ 67 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ޓެކްސް ދައްކާ ފަރާތްތަކުން އެ ފަރާތުގެ ޓެކްސް ނެގޭ އާމްދަނީ ހިސާބުކުރުމުގައި، އެ މުއާމަލާތެއްގެ ނުވަތަ އިންތިޒާމެއްގެ އަސްލު އަގު ތަފާތުވި ނަމަވެސް، ޓެކުހުގެ ބޭނުމަށް އާމްސް ލެންތް އުސޫލުތަކާއި އެއްގޮތަށް ޢަމަލުކުރަންވާނެއެވެ.
"އާމްސް ލެންތް އުސޫލު" ކަމަށް ބުނެފައި އެ ވަނީ، ގުޅުންހުރި ފަރާތްތަކުގެ ތެރޭގައި ނުހިމެނޭ ފަރާތްތަކުން، މުސްތަޤިއްލުކަމާއެކު އަދި އަޅައިކިއޭ ޙާލަތްތަކުގައި އެ އިންތިޒާމެއް ނުވަތަ މުއާމަލާތެއް ކުރިނަމަ ކުރާނެ ނުވަތަ ކުރިމަތިކުރުވާނެ ޝަރުތުތަކާ އެއްގޮތަށް އެ އިންތިޒާމެއް ނުވަތަ މުއާމަލާތެއް ކުރާނެ އުސޫލަށެވެ.
އާމްސްލެންތު އުސޫލު ތަޠްބީޤްކުރުން ބިނާވާނީ، މުޢާމަލާތުގައި ބައިވެރިވާ ފަރާތްތަކަކީ މުސްތަޤިއްލު ފަރާތްތަކެއްކަމަށްވުމާއެކު، ބައިވެރިވާ މުއާމަލާތަކީ އަޅައިކިޔޭނެ ހާލަތެއްގައި ހިނގައިފައިވާ އަޅައިކިޔޭނެފަދަ މުއާމަލާތަކަށްވާ ހާލަތުގައި ކުރިމަތިވާނެ ޝަރުތުތަކާއި، ކޮންޓްރޯލް ކޮށްފައިވާ މުއާމަލާތެއްގެ ޝަރުތުތަކާ އަޅައިކިޔުމުގެ މައްޗަށެވެ. (މި ގޮތަށް އަޅައިކިޔުމަށް ކޮމްޕެރަބިލިޓީ އެނަލިސިސްއޭ ކިޔައެވެ.) މި ފަދަ އެނަލިސިސްއެއްގައި މައިގަނޑު ދެ ބައެއް ހިމެނެއެވެ.
1. ކޮންޓްރޯލް ކޮށްފައިވާ މުޢާމަލާތް ސައްހަކަމާއެކު ބަޔާންކޮށްދިނުމުގެ ބޭނުމުގައި، ގުޅުންހުރި ފަރާތްތަކުގެ މެދުގައިވާ މާލީ ނުވަތަ ވިޔަފާރީގެ ގުޅުންތައް ފާހަގަ ކުރުމާއި، އެ ފަދަ ގުޅުންތަކާއި ލާމެހިފައިވާ ޝަރުތުތާކާއި އިޤްތިޞާދީގޮތުން މުނާސަބު ހާލަތްތައް ފާހަގަކުރުން؛ އަދި
2. މުސްތަޤިއްލު ފަރާތްތަކުގެ ދެމެދުގައި ވެފައިވާ އަޅައިކިޔޭ މުޢާމަލާތްތަކުގެ އިޤްތިޞާދީގޮތުން މުނާސަބު ހާލަތްތަކާއި ޝަރުތުތައް، ސައްހަކަމާއެކު ބަޔާންކޮށްފައިވާ ގޮތުގެމަތިން، ކޮންޓްރޯލް ކޮށްފައިވާ މުއާމާލާތަކުން ކުރިމަތިކުރުވާ އިޤްތިސާދީގޮތުން މުނާސަބު ހާލަތްތަކާއި ޝަރުތުތައް އަޅައިކިޔުން.
ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭޝަން ހުށަހެޅުމުގައި ދިވެހިރާއްޖެއިން ބޭނުންކުރަނީ ތްރީ-ޓިއަރޑް އެޕްރޯޗެކެވެ. ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭޝަންގައި ހިމެނެނީ؛
އިންކަމް ޓެކްސް ޤާނޫނުގެ 68 ވަނަ މާއްދާއިން ލާޒިމުކުރާ ގޮތުގެމަތިން، ގުޅުންހުރި ފަރާތްތަކުގެ ދެމެދުގައި ކުރެވޭ ކޮންޓްރޯލްކޮށްފައިވާ މުޢާމަލާތްތަކާ ގުޅިގެން ޓްރާންސްފަރ ޕްރައިސިން ޑޮކިއުމެންޓޭޝަން (މާސްޓަރ ފައިލް އަދި ލޯކަލް ފައިލް) ތައްޔާރުކޮށް ބެލެއްޓުމާއި ހުށަހެޅުން ޓްރާންސްފަރ ޕްރައިސިންގ ގަވާއިދުގެ ދަށުން، ޓެކްސް ދައްކާ ފަރާތްތަކުގެ މައްޗަށް ލާޒިމުކޮށް ތަންފީޒުކުރެވޭނެއެވެ.
ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭޝަންގެ ސަބަބުން، ޓެކްސް ދައްކާ ފަރާތްތަކުން ގުޅުންހުރިފަރާތްތަކާ ދެމެދު ކޮށްފައިވާ، ކޮންޓްރޯލް ކޮށްފައިވާ މުޢާމަލާތްތަކާ ގުޅިގެން އާމްސްލެންތު އުސޫލަށް އެ ފަރާތުން ތަބާވެފައިވާ މިންވަރު ބަޔާންކޮށްދިނުމަށް މަގުފަހިކޮށްދިނުމުގެ އިތުރުން ފަހި އަދި ވަރުގަދަ ޓްރާންސްފަރ ޕްރައިސިންގ ރިސްކް އެސެސްމަންޓެއް ހެދުމަށް ބޭނުންވާނެ މުނާސަބު އަދި ބުރަދަންހުރި މައުލޫމާތު މީރާއަށް ލިބިގެންދާނެއެވެ.
ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭޝަނާއި ބެހޭ އިތުރު މައުލޫމާތު ހޯދެއްވުމަށް ޓްރާންސްފަރ ޕްރައިޒިންގ ޑޮކިއުމެންޓޭޝަންސް ގައިޑްލައިން ބައްލަވާށެވެ.