އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް އަމަލުކުރަން ފެށުމާއެކު ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު ވަނީ އުވާލެވިފައެވެ. ނަމަވެސް، ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ލާޒިމުވާ ކަންތަތައް 2020 ވަނަ އަހަރާއި ހަމައަށް ކުރިއަށް ދާނެއެވެ. މީގެ ތެރޭގައި 2019 ވަނަ އަހަރުގެ ބީ.ޕީ.ޓީ ބަޔާން ހުށަހެޅުން ހިމެނެއެވެ.
ބީ.ޕީ.ޓީ އަކީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 5/2011) ގެ ދަށުން ދިވެހިރާއްޖޭގައި ކުރާ އެންމެހައި ވިޔަފާރިތަކުގެ ފައިދާއިން ނެގޭ ޓެކުހެކެވެ. މި ޤާނޫނު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވުނީ 18 ޖޫން 2011 ގައެވެ. މި ތާރީޚުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި މި ޤާނޫނަށް އަމަލުކުރަން ފެށޭނެ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.
ކުންފުނިތަކާއި ޕާޓްނަރޝިޕްތަކާއި ވަކި ފަރުދުން އަދި ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ނުވަތަ ދިވެހިރާއްޖޭގައި ވިޔަފާރިކުރާ އެންމެހައި ފަރާތަކަކުން މި ޤާނޫނުގެ ދަށުން ޓެކްސް ދައްކަންޖެހެއެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތަކަށް ދައްކާ ބައެއް ފައިސާއިންވެސް މި ޤާނޫނުގެ ދަށުން ޓެކްސް ދައްކަންޖެހެއެވެ. ތިރީގައި މި ވަނީ ބީ.ޕީ.ޓީ ޤާނޫނުގެ ދަށުން ޓެކްސް ދައްކާ ރޭޓުތަކެވެ.
| ކުންފުނިތަކާއި ޕާޓްނަރޝިޕްތައް އަދި އެހެނިހެން ފަރާތްތައް | 15 އިންސައްތަ |
| ދިވެހިރާއްޖެއިން ބޭރުން ލިބޭ ފައިދާ | 5 އިންސައްތަ |
| ވިތުހޯލްޑިންގ ޓެކްސް | 10 އިންސައްތަ |