ކެޕިޓަލް ގެއިންސް ވިތުހޯލްޑިންގ ޓެކްސް (CGWT)
ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް ލިބޭ އަންނަނިވި ބާވަތްތަކުގެ އާމްދަނީން ކެޕިޓަލް ގެއިންސް ވިތުހޯލްޑންގ ޓެކްސް ދައްކަންޖެހޭނެއެވެ.
- ދިވެހިރާއްޖޭގައި ހުރި ނުއުފުލޭ މުދަލެއް ތަޞައްރުފުކޮށްގެން ލިބޭ އާމްދަނީ
- ކުންފުންޏެއްގެ ނުވަތަ ޕާޓްނަރޝިޕެއްގެ ނުވަތަ ޓްރަސްޓެއްގެ ހިއްސާއެއް ނުވަތަ މަސްލަހަތެއް ތަޞައްރުފުކުރާ ހިނދު، ފާއިތުވެދިޔަ 365 ދުވަހުގެ ތެރޭގައި އެއްވެސް އިރެއްގައި، އެ ފަރާތެއްގެ ވެލިއުގެ %50 އަށްވުރެ ބޮޑު ބައެއް ސީދާގޮތުން ވިޔަސް ނުވަތަ ނުސީދާގޮތުން ވިޔަސް ނިސްބަތްވަނީ ދިވެހިރާއްޖޭގައި ހުރި ނުއުފުލޭ މުދަލަކަށް ކަމަށް ވާނަމަ، އެ ހިއްސާއެއް ނުވަތަ މަސްލަހަތެއް ތަޞައްރުފުކޮށްގެން ލިބޭ ފައިދާ؛
- ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ކުންފުންޏެއް ނުވަތަ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ޕާޓްނަރޝިޕެއް ނުވަތަ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ޓްރަސްޓެއްގެ ހިއްސާއެއް ނުވަތަ މަސްލަހަތެއް ތަޞައްރުފުކޮށްގެން ލިބޭ އާމްދަނީ؛
- މަތީގައި ބަޔާންކޮށްފައިވާ މުދަލަކާ ގުޅޭ އޮޕްޝަނެއް، ނުވަތަ އެއިން މުދަލެއް ގަތުމުގެ ޙައްޤެއް ތަޞައްރުފުކޮށްގެން ލިބޭ އާމްދަނީ؛
- ދިވެހިރާއްޖޭގައި ބޭނުންކުރާ ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ފިކުރީ ނުވަތަ ޣައިރު މާއްދީ މުދަލެއް ތަޞައްރުފުކޮށްގެން، ނުވަތަ އެއިން މުދަލެއް ތަޞައްރުފުކުރުމަށް ދިވެހިރާއްޖޭގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުން ލިބޭ އާމްދަނީ
ކެޕިޓަލް ގެއިންސް ވިތުހޯލްޑިންގ ޓެކްސް ރޭޓް
ކެޕިޓަލް ގެއިންސް ވިތުހޯލްޑިންގ ޓެކްސް ރޭޓަކީ އެ މުޢާމަލާތް ރަށްދުވާ ފައިސާގެ ޖުމުލަ އަދަދުގެ %10 އެވެ.
ކެޕިޓަލް ގެއިންސް ވިތުހޯލްޑިންގ ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުން
ކެޕިޓަލް ގެއިންސް ވިތުހޯލްޑިންގ ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދައްކާނީ ވިތުހޯލްޑިންގ އޭޖެންޓެވެ. މި ޓެކްސް ބަޔާން ނިސްބަތްވާ ތާރީޚުގައި ހިނގައިފައިވާ ހުރިހައި މުއާމަލާތެއް ބަޔާނުގައި ހިމަނަންވާނެއެވެ.
ކެޕިޓަލް ގެއިންސް ވިތުހޯލްޑިންގ ޓެކްސް ބަޔާނަކީ MIRA 608 އެވެ. މި ބަޔާން މިހާރު ކައުންޓަރަށް ހުށަހެޅޭނެއެވެ.
ވިތުހޯލްޑިންގ އޭޖެންޓު ވިތުހޯލްޑިންގ ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑިއަކީ އަންނަނިވި ތާރީޚުތަކުންކުރެ ކުރިން އަންނަ ތާރީޚެކެވެ.
- މުއާމަލާތުގެ ސަބަބުން ވިތުހޯލްޑިންގ އޭޖެންޓު މުދަލުގެ މިލްކުވެރިފަރާތްކަމުގައި ވާ ތާރީޚް؛ ނުވަތަ
- ފައިސާ ލިބޭ ފަރާތަށް އެ މުޢާމަލާތާ ގުޅިގެން ފައިސާ ދައްކާ ތާރީޚް
ކެޕިޓަލް ގެއިންސް ވިތުހޯލްޑިންގ ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދައްކަންޖެހޭ ކަރަންސީ
ތިޔަ ފަރާތުގެ ފަންކްޝަނަލް ކަރަންސީއަކީ ރުފިޔާ ކަމުގައިވާނަމަ، ކެޕިޓަލް ގެއިންސް ވިތުހޯލްޑިންގ ޓެކްސް ބަޔާން ތައްޔާރުކުރަންޖެހޭނީ ރުފިޔާއިންނެވެ. އަދި ރުފިޔާ ނުވަތަ އެމެރިކާ ޑޮލަރުން ވިތުހޯލްޑިންގ ޓެކްސް ދެއްކުމަށް އިޙްތިޔާރު ކުރެވިދާނެއެވެ.
ތިޔަ ފަރާތުގެ ފަންކްޝަނަލް ކަރަންސީއަކީ ރުފިޔާ ފިޔަވައި އެހެން ކަރަންސީއެއްނަމަ، ކެޕިޓަލް ގެއިންސް ވިތުހޯލްޑިންގ ޓެކްސް ބަޔާން ތައްޔާރުކުރަންޖެހޭނީ އެމެރިކާ ޑޮލަރުންނެވެ. އަދި ކެޕިޓަލް ގެއިންސް ވިތުހޯލްޑިންގ ޓެކްސް ދައްކަންޖެހޭނީ ވެސް އެމެރިކާ ޑޮލަރުންނެވެ.