2024-2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭންގެ ޚުލާސާ

2024-2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭންގެ ޚުލާސާ

ޓެކްސް އިދާރާގެ ހައިސިއްޔަތުން މީރާއިން މަސައްކަތް ކުރަނީ، ޓެކުހުގެ ޤާނޫނުތައް ހަރުދަނާކަމާއެކު ތަންފީޒުކުރުމުގެ ތެރެއިން، ޓެކްސް ދައްކާ ފަރާތްތައް ބާރުވެރިކުރުވައި އާންމުންގެ މެދުގައި ޓެކުހުގެ ނިޒާމަށް އޮންނަ އިތުބާރު ދެމެހެއްޓުމަށެވެ. އަޅުގަނޑުމެން އެންމެ އިސްކަމެއްދެނީ، ޓެކުހާ ގުޅުންހުރި އިލްތިޒާމްތައް ފުރިހަމަކުރުމަށް ޓެކްސް ދައްކާ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ތެރެއިން އެ ފަރާތްތަކުން އަމިއްލަ އިޚުތިޔާރުގައި ޓެކުހުގެ ޤާނޫނުތަކަށް ތަބާވުން ނުވަތަ 'ވޮލަންޓްރީ ކޮމްޕްލަޔަންސް' އިތުރުކުރުމާއި ތަންފީޒީ ފިޔަވަޅުތައް މެދުވެރިކޮށް ޓެކުހުގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ތަބާނުވުން ނުވަތަ 'ނޮން-ކޮމްޕްލަޔަންސް' މަދުކުރުމަށެވެ.

މީރާގެ މަގުސަދުތަކަށް ވާސިލުވުމުގައި، ހުޅުވައިލެވިފައިވާ އަދި ދެ ފުށް ފެންނަ ސިޔާސަތެއް ގެންގުޅުމަކީ އަޅުގަނޑުމެންގެ އަރައިހުރި އަސާސްތަކެވެ. މި ގޮތުން، ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ހަރަކާތްތައް ޝާއިޢުކުރުމުގެ ބޭނުމަކީ މީރާއިން އަޅާނެ ފިޔަވަޅުތައް ދުރާލައި ޓެކްސް ދައްކާ ފަރާތްތަކަށް އަންގައިދިނުމާއި، ޓެކުހާ ގުޅޭ އިލްތިޒާމްތައް އަދާކުރުމަށް ޓެކްސް ދައްކާ ފަރާތްތަކުން ސަމާލުކަންދޭ މިންވަރު އިތުރުކޮށް، ނަތީޖާއެއްގެ ގޮތުން ވޮލަންޓްރީ ކޮމްޕްލަޔަންސް އިތުރުވެގެންދިޔުމެވެ.

2023 އިން 2024 ވަނަ އަހަރަށް ކަނޑައަޅައިފައިވާ ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ހަރަކާތްތަކުގެ ތެރޭގައި ހިމެނެނީ؛

އާންމު ކޮމްޕްލަޔަންސް ހަރަކާތްތައް

އާންމު ކޮމްޕްލަޔަންސް ހަރަކާތްތަކުގެ ތެރޭގައި ހިމެނެނީ ޓެކްސް ކޮމްޕްލަޔަންސް އިތުރުކުރުމަށް މީރާއިން ދާއިމީ ސިފައެއްގައި ކުރަމުން ގެންދާ މަސައްކަތްތަކެވެ. މި ގޮތުން، ޖީ.އެސް.ޓީ ރޭޓުތަކަށް އައި ބަދަލުތައް ހިމެނޭހެން ޤާނޫނާއި ގަވާއިދުތަކަށް ގެނެވޭ އިސްލާހުތަކަށް ޓެކްސް ދައްކާ ފަރާތްތަކާއި އާންމުން އަހުލުވެރިކުރުވުމާއި، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ޓެކްސް ދައްކާ ފަރާތްތަކަށް ޒިޔާރަތްކޮށް، ޓެކުހާ ގުޅޭ އިލްތިޒާމްތައް ފުރިހަމަކުރުމަށް މަގުފަހިކޮށްދިނުމާއި، ވަކި ހާއްސަ ސިނާއަތްތަކަށް އަމާޒުކޮށްގެން ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމާއި، ޓެކްސް ބަޔާން ހުށަހެޅުން ފަސޭހަކޮށްދިނުމާއި، ޓެކުހާ ގުޅުންހުރި އިލްތިޒާމްތައް ކަނޑައެޅިފައިވާ ސުންގަޑިއަށް ފުރިހަމަކުރުމާ ގުޅޭ ގޮތުން ޓެކްސް ދައްކާ ފަރާތްތަކާ މުއާމަލާތުކުރުމާއި، މި ފަދަ އެހެނިހެން އާންމު ކޮމްޕްލަޔަންސް ހަރަކާތްތައް ހިންގުމަށް ރޭވިފައިވެއެވެ. ހަމައެއާއެކު، ޓެކުހުގެ ޤާނޫނުތަކަށް ތަބާނުވާ ފަރާތްތައް އަވަހަށް ދެނެގަނެ، ޓެކުހުގެ ޤާނޫނުތަކަށް ތަބާވުމަށް ހިތްވަރުދިނުމުގެ ގޮތުން އެކަށީގެންވާ ފިޔަވަޅުތައް އަޅުގަނޑުމެން އަޅާނަމެވެ.

ހާއްސަ ކޮމްޕްލަޔަންސް ހަރަކާތްތައް

މި ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭންގެ ހާއްސަ ކޮމްޕްލަޔަންސް ހަރަކާތްތައް އަމާޒުކޮށްފައިވާނީ، ރަޖިސްޓަރީކުރުމާއި، ބަޔާން ހުށަހެޅުމާއި، ފައިސާދެއްކުން އަދި ސައްހަ މައުލޫމާތު ހުށަހެޅުމާ ގުޅޭ ގޮތުން ފާހަގަކުރެވޭ ރިސްކުތަކަށް މުނާސަބު ފިޔަވަޅު އެޅުމަށެވެ. މި ގޮތުން، ޓެކުހުގެ ޤާނޫނުތަކަށް ތަބާވުމުގައި، ޓެކުހުގެ ވަކި ބާވަތްތަކާއި، ޓެކްސް ދައްކާ ފަރާތްތަކުގެ ކުޑަބޮޑު މިން އަދި  އެކި ސަރަހައްދުތަކުން ފާހަގަކުރެވޭ މައްސަލަތަކަށް ހާއްސަ އަހަންމިއްޔަތުކަމެއް ދެވިގެންދާނެއެވެ.

ޓެކްސް ދައްކާ ފަރާތްތަކުގެ ސައްހަ އަދި އަދާހަމަ ދަފުތަރެއް ބެލެހެއްޓުން

ޓެކްސް ދައްކާ ފަރާތްތަކުގެ ދަފުތަރުގައި ހިމެނޭ ގިނަ އަދަދެއްގެ ކުދި އަދި އެންމެ ކުދި ފަންތީގެ ޓެކްސް ދައްކާ ފަރާތްތަކަކީ ޓެކުހުގެ އާމްދަނީގައި ހިއްސާވާ މިންވަރު ނިސްބަތުން ދަށް، އެހެންނަމަވެސް ޓެކުހާ ގުޅުންހުރި ގިނަ އިލްތިޒާމްތަކެއް ފުރިހަމަ ނުކުރާ ބަޔަކަށް ވުމުގެ ސަބަބުން ޓެކްސް ދައްކާ ފަރާތްތަކުގެ މުޅި އާބާދީގެ ކޮމްޕްލަޔަންސްގެ ނިސްބަތް ޖުމުލަގޮތެއްގައި ދަށްވެއެވެ. ޓެކްސް ދައްކާ ފަރާތްތަކުގެ ދަފުތަރު ރައްކާތެރިކުރުމަށާއި އަދާހަމަކުރުމަށްޓަކައި، ދަފުތަރުގައި ދެމިތިބުން ލާޒިމުނުވާ ފަރާތްތައް ދަފުތަރުން އުނިކުރުމުގެ ކެމްޕޭނެއް ފެށިގެންދާނެއެވެ. މި ކެމްޕޭންގެ މައިގަނޑު އަމާޒަކީ ވިޔަފާރިނުކުރާ ޓެކްސް ދައްކާ ފަރާތްތަކަށް، އެ ފަރާތްތަކުން ޓެކުހާ ގުޅިގެން ދައްކަންޖެހިފައިވާ ޖޫރިމަނާތައް ލުއިކޮށްދީގެން އަދި ޓެކުހުގެ ޤާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން އެ ފަރާތްތަކަށް ދެވެންހުރި އެހެނިހެން ލުއިތައް ފޯރުކޮށްދީގެން، އެ ފަރާތްތައް ޓެކްސް ދައްކާ ފަރާތްތަކުގެ ދަފުތަރުން އުނިކުރުމެވެ.

ޓެކްސް ކުރެވޭ އާމްދަނީގެ މިންވަރު އިތުރުކުރުމަށްޓަކައި، އެތެރޭގެ ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި، އޮންލައިން ވިޔަފާރިތައް އަދި ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ބިދޭސީންނަށް އަމާޒުކޮށްގެން އެ ފަރާތްތައް ރަޖިސްޓަރީކުރުވުމުގެ ޕްރޮގްރާމްތައް ހިންގޭނެއެވެ. މީގެ އިތުރުން، އެހެން ސިނާއަތްތަކުގައި ހަރަކާތްތެރިވާ ވިޔަފާރިތަކުގެ ތެރެއިން މީރާގައި ރަޖިސްޓަރީނުކޮށް ހިންގާ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ދާއިމީ ސިފައެއްގައި ކުރިއަށް ގެންދެވޭނެއެވެ.

ސުންގަޑިއަށް ބަޔާން ހުށަހަޅާ ނިސްބަތް އިތުރުކުރުން

އެހެން ސިނާއަތްތަކާ އަޅައިބަލާއިރު، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ އިތުރުން އިމާރާތްކުރުމާއި ދަތުރުފަތުރު ކުރުމުގެ ސިނާއަތުގައި ސުންގަޑިއަށް ބަޔާން ހުށަހަޅާ މިންވަރު ދަށްކަމަށް ފާހަގަވެފައިވެއެވެ. ބަޔާން ހުށަހަޅާ ނިސްބަތް އިތުރުކުރުމަށް ސިލްސިލާގޮތެއްގައި ކޮމްޕްލަޔަންސް ފިޔަވަޅުތައް އެޅުމަށް ރޭވިފައިވެއެވެ. މި ގޮތުން، ދުރާލާ އެޅިގެންދާ ފިޔަވަޅެއްގެ ގޮތުގައި ސުންގަޑީގެ ކުރިން ބަޔާން ހުށަހަޅަން ހަނދާންކޮށްދިނުމާއި، ސުންގަޑި ހަމަވުމުން އެޅިގެންދާ ފިޔަވަޅުތަކެއްގެ ގޮތުގައި، ޓެކްސް ދައްކާ އެހެނިހެން ފަރާތްތަކުން ހުށަހަޅާ މައުލޫމާތާއި ތިންވަނަ ފަރާތުން ލިބެންހުންނަ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ބަޔާން ހުށަހަޅައިފައިނުވާ ރިސްކު ބޮޑު ފަރާތްތައް ގަވާއިދުން މޮނިޓަރކުރުމާއި، ޓެކްސް ދައްކާ ފަރާތްތަކަށް ގުޅައިގެން އަދި އެ ފަރާތްތަކުގެ ވިޔަފާރި ހަރަކާތްތަކަށް ޒިޔާރަތްކޮށްގެން ނުވަތަ އެ ނޫންވެސް ގޮތްގޮތުން، ބަޔާން ހުށަނާޅާ ފަރާތްތަކާއި ލަހުން ބަޔާން ހުށަހަޅާ ފަރާތްތަކުގެ ސުލޫކު ބަދަލު ކުރުމަށް މަސައްކަތްކުރުން ހިމެނެއެވެ. މީގެ އިތުރުން، ބަޔާން ހުށަނާޅާ ފަރާތްތަކުގެ ތެރެއިން ރިސްކު ބޮޑު ފަރާތްތަކަށް އަމާޒުކޮށްގެން ރިޕޯޓުކޮށްފައިނުވާ ޓެކުހުގެ މިންވަރު ހޯދުމަށްޓަކައި، ފާސްޓް-ޓްރެކް އޮޑިޓްތައް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

ސުންގަޑިއަށް ފައިސާ ދައްކާ ނިސްބަތް އިތުރުކުރުން

ފައިސާ ދެއްކުމާ ގުޅޭ އިލްތިޒާމްތައް ވަގުތަށް ފުރިހަމަކުރާ ނިސްބަތް އެދެވޭ މިންވަރަށްވުރެ ދަށްވުމުގެ އިތުރަށް، މި ކަން ބެލެވިފައިވަނީ ޓެކްސް ނިޒާމު ހިންގުމުގައި ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމުގައެވެ. އެންމެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުގެ %22 ސުންގަޑިއަށް ޓެކްސް ދައްކާފައިނުވާއިރު، ހާއްސަ ގޮތެއްގައި އިންކަމް ޓެކުހުގެ ފައިސާ ސުންގަޑިއަށް ނުދައްކާކަން ފާހަގަކުރެވިފައިވެއެވެ. މީގެ އިތުރުން، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ޓެކްސް ދައްކާ ގިނަ ފަރާތްތައް މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސް ސުންގަޑިއަށް ނުދައްކާކަން ވަނީ ފާހަގަކުރެވިފައެވެ. ޓެކްސް ދައްކާ އެންމެހައި ފަރާތްތަކުން ވެސް ފައިސާ ދެއްކުމާ ގުޅޭ އިލްތިޒާމްތައް ގަވާއިދުން ފުރިހަމަކުރުމާއެކު، ޓެކުހުގެ ޤާނޫނުތަކަށާއި ގަވާއިދުތަކަށް ބޯލަނބާ ބައެއްގެ ގޮތުގައި ދެމިތިބުމަށް އިލްތިމާސްކުރަމެވެ.

ޓެކްސް ދައްކާ ފަރާތްތަކުގެ މާލީ މައުލޫމާތާއި، ސިނާއަތާއި، ފާއިތުވި މުއްދަތުތަކުގައި ޓެކުހުގެ ޤާނޫނުތަކަށާއި ގަވާއިދުތަކަށް ބޯލަނބާފައިވާ މިންވަރާއި، ތިންވަނަ ފަރާތުން ހޯދާ މައުލޫމާތު، އަދި ސޯޝަލް ނެޓްވޯކް އެނަލިސިސް ފަދަ ކަންކަމަށް ބަލައިގެން، ޓެކްސް ދައްކާ ފަރާތްތަކުގެ ފައިސާ ދެއްކުމާ ގުޅޭ އިލްތިޒާމްތަކުގައި ހުންނަ މައްސަލަތައް ގަވާއިދުން މޮނިޓަރކުރަމުން ގެންދެވޭނެއެވެ. އަދި ލަހުން ފައިސާ ދައްކާ ފަރާތްތަކާއި ފައިސާ ނުދައްކާ ފަރާތްތަކަށް އަމާޒުކޮށްގެން، ސުންގަޑީގެ ކުރިން ދުރާލާ އެޅޭ ފިޔަވަޅެއްގެ ގޮތުގައި ބަޔާން ހުޅަހެޅުމަށް ހަނދާންކޮށްދިނުމާއެކު، ފައިސާ ނުދައްކައި ހުރި ފަރާތްތަކުން އެ އިލްތިޒާމްތައް އަދާކުރުވުމަށް އެޅޭ ފިޔަވަޅުތައް ހަރުދަނާ ކުރުމަށްޓަކައި އެންފޯސްމަންޓް އުސޫލުތައް ވަރުގަދަކުރެވޭނެއެވެ. މީގެ ތެރޭގައި، ނުދައްކައިވާ ޓެކްސް، ބޮޑެތި ފަރާތްތަކުގެ އަތުން ހޯދުމަށް އެ ފަރާތްތަކާ ވަކިވަކިން ބައްދަލުކުރުމާއި، ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމާއި، ބޭންކް އެކައުންޓް ފްރީޒްކުރުމާއި، މަދަނީ ގޮތުން ދައުވާކުރުމާއި، ތިންވަނަ ފަރާތް މެދުވެރިކޮށް ޓެކުހުގެ ގޮތުގައި ލިބެންޖެހޭ އަދަދު ހޯދުން އަދި ސަރުކާރުގެ އިދާރާތައް މެދުވެރިކޮށް ފިޔަވަޅުތައް އެޅުން ހިމެނެއެވެ. މީގެ އިތުރުން، ނޮން-ކޮމްޕްލަޔަންސްއާ ގުޅިގެން ކުރެވޭ ޖޫރިމަނާ އަދި ދެވޭ އަދަބުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ޤާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅޭނެއެވެ.

ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ސައްހަ އަދަދު ރިޕޯޓުކުރުން

ދައްކަންޖެހޭ ޓެކުހުގެ ސައްހަ އަދަދު ރިޕޯޓުކުރުމަކީ ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް އޭގެ މައްޗަށް ބިނާވެފައިވާ އެންމެ މައިގަނޑު އަސާސެވެ. މި ގޮތުން، މި ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭންގެ ދަށުން ހިންގޭ ކޮމްޕްލަޔަންސް ހަރަކާތްތައް އަމާޒުކުރެވިފައިވަނީ، ޓެކްސް ދައްކާ ފަރާތްތައް ނިސްބަތްވާ ވަކި ގުރޫޕުތަކުގައި ހުންނަ، ސައްހަނޫން އަދަދު ރިޕޯޓުކުރުމުގެ މައްސަލަތައް ހޯދައި، އެ ކަމުގައި އެކުލެވިގެންވާ ރިސްކުތައް ދަށްކުރުމަށްޓަކައި އެންމެ މުނާސަބު ހައްލުތައް ހޯދައިދިނުމަށެވެ.

1. ޓޫރިސްޓް ރިޒޯޓްތަކާއި ގެސްޓްހައުސްތައް

ދައުލަތަށް ލިބޭ ޓެކްސް އާމްދަނީގެ ބޮޑުބައެއް ހިސާކުރަނީ، ޓޫރިޒަމާ ގުޅުންހުރި ނުސީދާ ޓެކްސްތައް، ވަކިން ހާއްސަކޮށް ޓޫރިސްޓް ރިޒޯޓުތަކުން ލިބޭ ޓީ.ޖީ.އެސް.ޓީއެވެ. އެހެންނަމަވެސް، ފަތުރުވެރިކަމުގެ ސިނާއަތުގައި ހުރި ކުރިއެރުމަށްވުރެ، އާމްދަނީން ނެގޭ ޓެކުހުގައި ޓޫރިސްޓް ރިޒޯޓުތަކުން ހިއްސާކުރާ މިންވަރު ދަށެވެ. މީގެ މައިގަނޑު ސަބަބަކީ، ހިންގުމުގެ ޚަރަދު ބޮޑުވުމާއި، ބޮޑެތި އަދަދުތަކުން ހަރުމުދާ އަގުމަގުކޮށްފައިވުމާއި، މަދުން ޓެކްސް ކުރެވޭ ޖުރިސްޑިކްޝަންތަކުގައި ހަރަކާތްތެރިވާ އޮފްޝޯރ ކުންފުނިތަކަށް ފައިދާ ފުރޮޅައިލުންފަދަ ހަރަކާތްތައް މަލްޓިނޭޝަނަލް އެންޓަޕްރައިޒް (އެމް.އެން.އީ)ތަކުން ކުރިއަށް ގެންދިޔުމާއި، ޓެކުހުގެ އަދަދު ދަށްކުރުމަށް އެހެނިހެން އުކުޅުތައް ބޭނުންކުރުމެވެ.

މީގެ އިތުރުން، އެދެވޭ މިންވަރަކަށް ހިސާބުތައް ނުބެލެހެއްޓުމާއި ސައްހަ އާމްދަނީ ރިޕޯޓުނުކުރުމަކީ ޓޫރިސްޓް ގެސްޓްހައުސްތަކުން ފާހަގަކުރެވޭ ބައެއް ރިސްކުތަކެވެ. މި ފަދަ ރިސްކުތައް ކުޑަކުރުމުގެ ގޮތުން، ހާއްސަ ގައިޑްލައިންތަކެއް ހެދުމަށްޓަކައި ސިނާއަތުގެ މަސްލަހަތުވެރިންނާ މަޝްވަރާކުރެވޭނެއެވެ. ހަމައެއާއެކު، އަވޮއިޑަންސް ސްކީމްތައް ދެނެގަތުމަށާއި ރިސްކު ބޮޑު ޓެކްސް ދައްކާ ފަރާތްތައް އޮޑިޓް ކުރުމަށް ވެސް ހާއްސަ ސަމާލުކަމެއް ދެވޭނެއެވެ.

2. ޓޫރިސްޓް އުޅަނދުތައް

ޓޫރިސްޓް އުޅަނދުތަކުން ފާހަގަވާ އާންމު ޓެކްސް ރިސްކްތަކުގެ ތެރޭގައި ހިމެނެނީ، އުޅަނދު އޮޕަރޭޓްކުރާ ފަރާތްތަކުން އެ އުޅަނދެއް ތިންވަނަ ފަރާތަކަށް ކުއްޔަށްދީފައި އޮތުމުގެ ސަބަބުން، އޮޕަރޭޓްކޮށްގެން ލިބޭ އާމްދަނީ ރިޕޯޓުނުކުރުމާއި، އެ އުޅަނދުތަކުގައި އިތުރަށް ފޯރުވައިދޭ މުދަލާއި ޚިދުމަތްތަކާ ގުޅޭ އާމްދަނީ ރިޕޯޓުނުކުރުމެވެ. މީގެ އިތުރުން، ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުތަކުން ޓެކުހާ ގުޅޭ އިލްތިޒާމްތައް ފުރިހަމަކުރުމުގައިވެސް މައްސަލަތައް ފާހަގަކުރެވެއެވެ. މި ރިސްކުތައް ކުޑަކުރުމަށްޓަކައި ގެންދިޔުމަށް ކަނޑައެޅިފައިވާ ހާއްސަ ހަރަކާތްތަކުގެ ތެރޭގައި، ގަވާއިދުތައް އިސްލާހުކޮށް، ޓެކުހާ ގުޅޭ އުސޫލުތައް އޮޅުންފިލުވައިދިނުމަށް ވަކި ވަކި ގްރޫޕްތަކަކަށް ހާއްސަކޮށްގެން މައުލޫމާތުދިނުމުގެ ސެޝަންތައް ކުރިއަށް ގެންދިޔުމާއި، އިންސްޕެކްޝަން ހަރަކާތްތަކާއި، ކަމާގުޅުންހުރި މަސްލަހަތުވެރިންގެ ލަފަޔާއެކު ވިޔަފާރި ކުރިއަށްގެންދާ މޮޑެލް ދެނެގަތުމާއި، ރިޕޯޓުނުކުރާ އާމްދަނީ ކަނޑައެޅުމަށްޓަކައި ރިސްކު ބޮޑު ޓެކްސް ދައްކާ ފަރާތްތައް އޮޑިޓްކުރުން ހިމެނެއެވެ.

3. އިމާރާތްކުރުން

މުޅި ޕްރޮޖެކްޓްގެ އާމްދަނީ ރިޕޯޓުނުކުރުމުގެ ގޮތުން ޓަރންކީ ޕްރޮޖެކްޓްތައް ފަޅިފަޅިކުރުމާއި، ބޭރުގެ ކޮންޓްރެކްޓަރުންނަށް ދައްކާ ފައިސާއާ ގުޅިގެން ދައްކަންޖެހޭ ނޮން-ރެސިޑެންޓް ވިތުހޯލްޑިންގ ޓެކްސް މަދުން ރިޕޯޓުކުރުމަކީ ބިނާވެށި ތަރައްގީކުރުމާ ގުޅޭ ޕްރޮޖެކްޓްތަކުން ފާހަގަވާ އާންމު ރިސްކުތަކެވެ. ހަމައެހެންމެ، ރިއަލް-އެސްޓޭޓް ޑިވެލޮޕަރުން ބާޓަރ އުސޫލުން ހިންގާ ކޮމްޕްލެކްސް މުއާމަލާތްތަކުގެ ސަބަބުން އެ ފަރާތްތަކުގެ ޓެކްސް ރިސްކުތައް އިތުރުވެއެވެ. މީގެ އިތުރުން، އިމާރާތްކުރުމުގެ ސިނާއަތަށް އައިސްފައިވާ ކުރިއެރުމާ ގުޅިގެން، ހާޑްވެއަރ އަދި ފަރުނީޗަރު ވިޔަފާރިތަކަށް ސީދާގޮތުން އަސަރުކުރާނެކަމަށް ބެލެވުނު ނަމަވެސް، އެ ފަރާތްތަކުން ޓެކުހުގެ ގޮތުގައި ރިޕޯޓުކޮށްފައިވާ އަދަދުތައް ސިނާއަތަށް އައި ކުރިއެރުމާ އެއްގޮތަށް އިތުރުވެގެން އައިސްފައިވާކަމަށް ފާހަގަކުރެވިފައެއް ނުވެއެވެ.

އިމާރާތްކުރުމުގެ ސިނާއަތުގައި ހުރި ނޮން-ކޮމްޕްލަޔަންސްގެ މައްސަލަތަކަށް ފިޔަވަޅު އެޅުމުގެ ގޮތުން، ސިނާއަތަށް ހާއްސަކުރެވޭ ގައިޑުތައް ތައްޔާރުކުރުމާއި، ޓެކްސް ދައްކާ ފަރާތްތައް އަހުލުވެރިކުރުވުމާއި، ސިނާއަތުގައި ހަރަކާތްތެރިވާ އެކްސްޕަރޓުންނާއި އެސޯސިއޭޝަންތަކާ ބައްދަލުކޮށް މި ރިސްކުތައް ކުރިމަތިވުމަށް މެދުވެރިވާ ސަބަބުތައް ދެނެގަތުމުގެ އިތުރުން، ރިސްކު ބޮޑު ޓެކްސް ދައްކާ ފަރާތްތަކުގެ އޮޑިޓްތަކާއި ތަހުގީގުތައް ކުރިއަށް ގެންދެވޭނެއެވެ.

4. ހޯލްސޭލް ވިޔަފާރި

ދިވެހިރާއްޖޭގައި ހިންގާ ގިނަ ވިޔަފާރިތައް ނިސްބަތްވަނީ ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ސިނާއަތަށެވެ. މި ސިނާއަތަކީ އިގްތިސާދުގެ މުހިއްމު ދައުރެއް އަދާކުރާ ބަޔަކަށް ވީ ނަމަވެސް، ދައްކަންޖެހޭކަމަށް ރިޕޯޓުކުރާ ޓެކުހުގެ އަދަދުގައި، މި ސިނާއަތުން އަދި ވަކިން ހާއްސަގޮތެއްގައި ހޯލްސޭލް ވިޔަފާރިތަކުން ހިއްސާކުރާ މިންވަރު ދަށެވެ. ރިކޯޑު ބެލެހެއްޓުމާއި އާންމުކޮށް ކުރިމަތިވާ ޓެކްސް ރިސްކުތަކަށް އަހުލުވެރިކުރުވުމަށް ކުރިއަށް ގެންދެވޭ ސެޝަންތަކުގެ ތެރެއިން ޓެކްސް ދައްކާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. މީގެ އިތުރުން، ޓެކްސް ދައްކާ ފަރާތްތަކުގެ ރިކޯޑުތައް ބެލުމުގެ އިންސްޕެކްޝަންތައް ކުރިއަށް ގެންދިޔުމާއި، ތިންވަނަ ފަރާތުން ލިބޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް ރިސްކު ބޮޑު ޓެކްސް ދައްކާ ފަރާތްތައް ދެނެގަނެ، ފާހަގަކުރެވޭ ރިސްކުތަކަށް ރިއާޔަތްކޮށް، އެ ފަރާތްތަކުގެ އޮޑިޓްތައް ކުރިއަށް ގެންދެވޭނެއެވެ.

5. ބައިނަލްއަގުވާމީ ދަތުރުފަތުރާއި ލޮޖިސްޓިކްސް

އާންމު ރޭޓުގައި ޖީ.އެސް.ޓީ ނެގޭ ޚިދުމަތްތައް އިސްތިސްނާ ޚިދުމަތްތަކުގެ ގޮތުގައި ގިންތިކުރުމާއި، ދަތުރުފަތުރުގެ ސިނާއަތް ބައިނަލްއަގުވާމީ ކަނޑުދަތުރު އަދި ވައިގެދަތުރުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ސަބަބުން ކުރިއަރަމުންދިޔަ މިންވަރާ އަޅައިބަލާއިރު، އެއާ އެއްވަރުގެ އަދަދެއް ދައްކަންޖެހޭ ޓެކުހުގެ ގޮތުގައި ރިޕޯޓުނުކުރުމަކީ، މި ސިނާއަތުގައި ފާހަގަވާ މައިގަނޑު ރިސްކުތަކެވެ. މި ސިނާއަތަށް ހާއްސަ ޓެކްސް ގަވާއިދުތަކަށް ހޭލުންތެރި ކުރުވުމަށްޓަކައި، އެންސިލަރީ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމުގެ ސެޝަންތައް ކުރިއަށް ގެންދެވޭނެއެވެ. މީގެ އިތުރުން، މި ސިނާއަތުގައި ޢަމަލުކުރާ މިންގަނޑުތައް ރަނގަޅަށް ދެނެގަތުމަށާއި ފާހަގަކުރެވޭ ރިސްކުތައް ހައްލުކުރުމަށްޓަކައި، މެދު އަދި ބޮޑު ފަންތީގެ ޝިޕިންގ ކުންފުނިތައް އާމްދަނީން ނެގޭ ޓެކުހުގެ ބޭނުމަށް އޮޑިޓްކުރެވޭނެއެވެ.

6. ސަރުކާރުން ސަބްސިޑައިޒްކޮށްގެން ހިންގާ ސިނާއަތްތައް

ފާއިތުވި އަހަރުތަކުގައި ސިއްހީ ޚިދުމަތާއި ތައުލީމަށް ސަރުކާރުން ހޭދަކުރާ މިންވަރު ދެގުނައަށް ވުރެ އިތުރުވެފައި ވީ ނަމަވެސް، މި ސިނާއަތްތަކުން އާމްދަނީން ނެގޭ ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ކަމަށް ރިޕޯޓުކުރާ އަދަދުން، އެއާ އެއްވަރުގެ ކުރިއެރުމެއް ފާހަގައެއް ނުކުރެވެއެވެ. އެހެންކަމުން، މި ސިނާއަތްތަކުގެ ޓެކުހާ ގުޅޭ ކަންކަން ރަނގަޅުކުރުމަށްޓަކައި، މި ސިނާއަތްތަކަށް ހާއްސަކޮށްގެން ހިންގޭ ހޭލުންތެރިކުރުމުގެ ސެޝަންތަކާއި، ޓެކްސް ރިސްކުތައް ކުޑަކުރުމަށް ތަންފީޒީ އިދާރާތަކާއި އެހެނިހެން މަސްލަހަތުވެރިންނާ ގުޅިގެން މަސައްކަތްކުރުމާއި، ޓެކުހުގެ ޤާނޫނުތަކަށާއި ގަވާއިދުތަކަށް ތަބާވާ މިންވަރު ބެލުމަށް އިންސްޕެކްޝަންތައް ކުރިއަށް ގެންދިޔުމުގެ އިތުރުން، ރިސްކު ބޮޑު ޓެކްސް ދައްކާ ފަރާތްތަކުގެ އޮޑިޓްތައް ފެށިގެންދާނެއެވެ.

7. ޕްރޮފެޝަނަލް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް

ޕްރޮފެޝަނަލް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން، ހާއްސަކޮށް އެއް ފަރާތަށްވުރެ ގިނަ ފަރާތުން އާމްދަނީ ލިބޭނަމަ، އާމްދަނީން ނެގޭ ޓެކްސް ރިޕޯޓުކުރުމުގެ އިލްތިޒާމްތައް ފުރިހަމަނުކުރުމަކީ މި ދާއިރާގައި އޮތް ރިސްކެކެވެ. ޕްރޮފެޝަނަލް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ތެރޭގައި، މެޑިކަލް އޮފިސަރުންނާއި، އުގަންނައިދޭ ފަރާތްތަކާއި، ޤާނޫނީ ވަކީލުންނާއި، އެކައުންޓެންޓުން އަދި މި ނޫނަސް އިތުރު ފަރާތްތައް ހިމެނެއެވެ. މި ފަރާތްތައް ޓެކުހަށް އަހުލުވެރިކުރުވުމަށްޓަކައި، ކަމާބެހޭ އިދާރާތަކާ ގުޅިގެން ވޯކްޝޮޕްތަކާއި މައުލޫމާތު ދިނުމުގެ ސެޝަންތައް ކުރިއަށް ގެންދެވޭނެއެވެ. މީގެ އިތުރުން، ތިންވަނަ ފަރާތުން ލިބޭ މައުލޫމާތަށް ބިނާކޮށް ރިސްކު ބޮޑު ފަރާތްތައް ދެނެގަތުމާއި، ފާހަގަކުރެވޭ ރިސްކުގެ މިންގަނޑަށް ރިއާޔަތްކޮށް މުނާސަބު ފިޔަވަޅުތައް އެޅިގެންދާނެއެވެ.

8. އިންފޯމަލް ސެކްޓަރގައި ހިންގާ ވިޔަފާރިތައް

ފާއިތުވި އަހަރުތަކުގައި މީރާއަށް ލިބިފައިވާ ޝަކުވާތަކާއި އިންޓެލިޖެންސް މައުލޫމާތުން ދައްކާ ގޮތުގައި ނުރަސްމީ ވިޔަފާރިތައް ނުވަތަ އިންފޯމަލް ސެކްޓަރގައި ހިންގާ ވިޔަފާރިތަކުގެ ޓެކްސް ކޮމްޕްލަޔަންސް ރިސްކުތައް ދަނީ އިތުރުވަމުންނެވެ. ޓެކްސް ދައްކާ ފަރާތްތަކުގެ މެދުގައި ހަމަހަމަކަން ގާއިމުކުރުމަށާއި ޓެކުހުގެ އާމްދަނީ ފުޅާކުރުމުގެ ގޮތުން އިންފޯމަލް ސެކްޓަރގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ޓެކްސް ކޮމްޕްލަޔަންސް ރަނގަޅުކުރުމަށް މީރާއިން އިސްކަންދޭނެއެވެ. މި ގޮތުން، ޓެކްސް ދައްކާ ފަރާތްތަކާއި ވިޔަފާރި ޖަމިއްޔާތަކާ ގުޅިގެން، ޓެކުހުގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ޓެކްސް ދައްކާ ފަރާތްތައް އަހުލުވެރިކުރުވައި، ލުއިފަސޭހަ އުސޫލުތައް ގާއިމުކޮށްދީ އެ ފަރާތްތަކުގެ ރިސްކް ލެވެލްއާ މުނާސަބުވާނެ އެންފޯސްމަންޓް ފިޔަވަޅު ތަންފީޒުކުރުމަށް މީރާއިން މަސައްކަތްކުރާނެއެވެ.

ނިންމުން

މި ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭންގައި ކުރިއަށް ގެންދިޔުމަށް ރާވައިފައިވާ ހަރަކާތްތަކުގެ އިތުރުން، ސަރުކާރުގެ މުއައްސަސާތަކާއި، ތަންފީޒީ އިދާރާތައް އަދި ކަމާބެހޭ އެހެނިހެން މަސްލަހަތުވެރިންގެ ފަރާތުން ލިބޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ނޮން-ކޮމްޕްލަޔަންސް ދެނެގަނެ، އެކަން ހުއްޓުވުމުގެ މަސައްކަތްތައް ދާއިމީ ގޮތެއްގައި ކުރިއަށް ގެންދެވޭނެއެވެ.

މި ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭންގައި ހިމަނައިފައިވާ ހަރަކާތްތައް ކުރިއަށް ގެންދެވޭނީ 2023 އަދި 2024 ވަނަ އަހަރުގެ ތެރޭގައެވެ. އަލަށް ފާހަގަކުރެވޭ ރިސްކުގެ ބާވަތްތަކަށާއި ޓެކްސް ދައްކާ ފަރާތުގެ ސުލޫކަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް އަޅުގަނޑުމެންގެ ކޮމްޕްލަޔަންސް ސްޓްރެޓަޖީތަކުގައި ހިމެނޭ ކަންކަމާއި ޢަމަލުކުރާ އުސޫލުތައް އިތުރަށް ހަރުދަނާކޮށް ބަދަލުގެނެވޭނެއެވެ.

 

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ