2026-2025 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭންގެ ޚުލާސާ
ޓެކްސް އިދާރާގެ ހައިސިއްޔަތުން މީރާއިން މަސައްކަތް ކުރަނީ، ޓެކުހުގެ ޤާނޫނުތައް ހަރުދަނާކަމާއެކު ތަންފީޒުކުރުމުގެ ތެރެއިން، ޓެކްސް ދައްކާ ފަރާތްތައް ބާރުވެރިކުރުވައި އާންމުންގެ މެދުގައި ޓެކުހުގެ ނިޒާމަށް އޮންނަ އިތުބާރު ދެމެހެއްޓުމަށެވެ. އަޅުގަނޑުމެން އެންމެ އިސްކަމެއްދެނީ، ޓެކުހާ ގުޅުންހުރި އިލްތިޒާމްތައް ފުރިހަމަކުރުމަށް ޓެކްސް ދައްކާ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ތެރެއިން އެ ފަރާތްތަކުން އަމިއްލަ އިޚުތިޔާރުގައި ޓެކުހުގެ ޤާނޫނުތަކަށް ތަބާވުން ނުވަތަ 'ވޮލަންޓްރީ ކޮމްޕްލަޔަންސް' އިތުރުކުރުމާއި ތަންފީޒީ ފިޔަވަޅުތައް މެދުވެރިކޮށް ޓެކުހުގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ތަބާނުވުން ނުވަތަ 'ނޮން-ކޮމްޕްލަޔަންސް' މަދުކުރުމަށެވެ.
މިގޮތުން، މި ޕްލޭން ޝާއިރުކުރުމުގެ މަޤްސަދަކީ މީރާއިން ކުރިއަށް ގެންދިއުމަށް ރާވައިފައިވާ ކޮމްޕްލަޔަންސް ހަރަކާތްތައް ދުރާލައި ޓެކްސް ދައްކާ ފަރާތްތަކަށް އަންގައިދިނުމާއި، ޓެކުހާ ގުޅޭ އިލްތިޒާމްތައް އަދާކުރުމަށް ޓެކްސް ދައްކާ ފަރާތްތަކުން ސަމާލުކަންދޭ މިންވަރު އިތުރުކޮށް، ނަތީޖާއެއްގެ ގޮތުން ވޮލަންޓްރީ ކޮމްޕްލަޔަންސް އިތުރުވެގެންދިޔުމެވެ.
2025 އިން 2026 ވަނަ އަހަރަށް ކަނޑައަޅައިފައިވާ ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ހަރަކާތްތަކުގެ ތެރޭގައި ހިމެނެނީ؛
ރަޖިސްޓަރީ ކުރަންޖެހޭ ޓެކްސް ދައްކާ ފަރާތްތައް ރަޖިސްޓަރީ ކުރުވުމާއި ޓެކްސް ދައްކާ ފަރާތްތަކުގެ ސައްހަ ރަޖިސްޓްރީއެއް ބެލެހެއްޓުން
ވަކިވަކި ދާއިރާތަކަށް އަމާޒުކޮށް ރަޖިސްޓަރީކުރުވުމުގެ ގޮތުން ދިވެހިރާއްޖޭގައި ދާއިމީ މަރުކަޒުތަކުގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ދިވެހިރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި، ކުލީގެ އާމްދަނީ ލިބޭ ފަރާތްތަކާއި، ޕްރޮފެޝަނަލް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި، އޮންލައިން ވިޔަފާރިތަކުގެ އިތުރުން ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ބިދޭސީންނަށް އަމާޒުކޮށްގެން ޓެކުހަށް ރަޖިސްޓަރީކުރުވުމުގެ ޕްރޮގްރާމްތައް ހިންގޭނެއެވެ. މީގެ އިތުރުން، އެހެން ސިނާއަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން ޓެކުހަށް ރަޖިސްޓަރީނުކޮށް ހިންގާ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ދާއިމީ ސިފައެއްގައި ކުރިއަށް ގެންދެވޭނެއެވެ.
ހަމަމިއާއެކު ޓެކްސް ދައްކާ ފަރާތްތަކުގެ ދަފުތަރުގައި ވިޔަފާރިނުކުރާ ގިނަ އަދަދެއްގެ ފަރާތްތައް ހިމެނޭއިރު، މި ފަރާތްތަކުން ޓެކުހުގެ އިލްތިޒާމްތައް ފުރިހަމައަށް އަދާކުރަމުން ނުދާކަންވަނީ ފާހަގަކުރެވިފައެވެ. މިކަމުގެ ސަބަބުން ޖުމުލަ ގޮތެއްގައި މުޅި ޓެކްސް ޕޮޕިއުލޭޝަންގެ ކޮމްޕްލަޔަންސްއަށް އަސަރުކުރެއެވެ. މި ގޮތުން ޓެކްސް ދައްކާ ފަރާތްތަކުގެ ދަފުތަރު އަދާހަމަކޮށް ސައްހަކަން ދެމެހެއްޓުމަށްޓަކައި، ދަފުތަރުގައި ދެމިތިބުން ލާޒިމުނުވާ ފަރާތްތައް ދަފުތަރުން އުނިކުރުމުގެ ކެމްޕޭނެއް ފެށިގެންދާނެއެވެ.
ސުންގަޑިއަށް ބަޔާން ހުށަހެޅުމުގެ ނިސްބަތް އިތުރުކޮށް، ހުށަހަޅާ ބަޔާންތަކުގެ ފުރިހަމަކަން ކަށަވަރުކުރުން
އެންމެކުދި ގިންތީގައި ހިމެނޭ ޓެކްސް ދައްކާ ފަރާތްތަކުން ވަގުތަށް ޓެކްސް ބަޔާން ހުށަހެޅުމުގެ ރޭޓް ނިސްބަތުން ދަށްކަމަށާއި ބައެއް ފަރާތްތަކުން ވިޔަފާރި ހިންގި ނަމަވެސް ގަވާއިދުން ޓެކްސް ބަޔާން ހުށަނާޅާކަން ވަނީ ފާހަގަކުރެވިފައެވެ. މީގެ އިތުރުން ބޮޑެތި ޓެކްސް ދައްކާ ފަރާތްތަކުން އިންކަމް ޓެކްސް ބަޔާނާއެކު ހުށަހަޅާ ޝެޑިއުލްތަކާއި އެހެނިހެން ސަޕޯޓިންގ ޑޮކިއުމަންޓްތައް ފުރިހަމައަށް ހުށަނާޅާކަން ވަނީ ފާހަގަކުރެވިފައެވެ. ސުންގަޑިއަށް ބަޔާން ހުށަހެޅުމުގެ ނިސްބަތް ރަނގަޅު ކުރުމަށާއި ހުށަހަޅާ ބަޔާން ތަކުގެ ސައްހަކަން ކަށަވަރުކުމަށްޓަކައި ސިލްސިލާ ގޮތެއްގައި ގިނަ ހަރަކާތްތަކެއް ކުރުމަށްވަނީ ރޭވިފައެވެ. މި ގޮތުން، ސުންގަޑީގެ ކުރިން ބަޔާން ހުށަހަޅަން ހަނދާންކޮށްދިނުމާއި، ހޭލުންތެރިކުރުމުގެ ސެޝަންތައް ކުރިއަށް ގެންދިޔުމާއި، ސިސްޓަމް ވެލިޑޭޝަންތައް ގާއިމުކުރުމާއި، ޓެކްސް ނެގުމުގެ މަސައްކަތުގެ ތެރޭގައި މީރާއަށް ލިބޭ އަދި ތިންވަނަ ފަރާތްތަކުން ހޯދާ މައުލޫމާތަށް ބިނާކޮށް ބަޔާން ހުށަނާޅާ ރިސްކު ބޮޑު ފަރާތްތައް މޮނިޓަރ ކުރެވިގެންދާނެއެވެ. މީގެ އިތުރުން، ޓެކްސް ދައްކާ ފަރާތްތަކަށް ގުޅުމާއި ޒިޔާރަތްކުރުން ފަދަ ހަރަކާތްތައް މެދުވެރިކޮށް ޓެކްސް ދައްކާ ފަރާތްތަކުގެ ކޮންޕްލަޔަންސް ރަނގަޅުކުރުމަށް މަސައްކަތް ކުރެވިގެންދާނެއެވެ. އަދި ރިޕޯޓް ނުކުރާ ޓެކުހުގެ އަދަދު ހޯދުމަށްޓަކައި ރިސްކު ބޮޑު ފަރާތްތަކުގެ ފާސްޓް-ޓްރެކް އޮޑިޓްތައް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
ސުންގަޑިއަށް ފައިސާ ދައްކާ ނިސްބަތް އިތުރުކުރުމާއި ވަގުތަށް ޓެކްސް އާމްދަނީ ބަލައިގަނެވޭކަން ޔަޤީންކުރުން
ފައިސާ ދެއްކުމާ ގުޅޭ އިލްތިޒާމްތައް ވަގުތަށް ފުރިހަމަކުރާ ނިސްބަތް އެދެވޭ މިންވަރަށްވުރެ ދަށްވުމުގެ އިތުރުން، ގިނަ ދުވަސްވީ ދަރަނިތައް ހޯދުމަށް ދިމާވާ ދަތިތަކާއި، ފަހުގެ މުއްދަތުތަކުގެ ދަރަނިތައް އިތުރުވަމުން ދިޔުމަކީ ޓެކްސް ނިޒާމު ހިންގުމަށް މި ވަގުތު ކުރިމަތި ވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. މީގެ އިތުރުން، ޤާނޫނާއި ގަވާއިދުތަކުގެ ދަށުން ދެވޭ ލުއިތަކާއެކުވެސް ބައެއް ޓެކްސް ދައްކާ ފަރާތްތަކުން އެއްބަސްވެފައިވާ އިންސްޓޯލްމަންޓް ޕްލޭންތަކާ އެއްގޮތަށް ދައްކަންޖެހޭ ފައިސާ ދައްކަމުންނުދާކަން ވަނީ ފާހަގަކުރެވިފައެވެ.
ލަހުން ފައިސާ ދައްކާ ފަރާތްތަކާއި ފައިސާ ނުދައްކާ ފަރާތްތަކަށް އަމާޒުކޮށްގެން، ސުންގަޑީގެ ކުރިން ދުރާލާ އެޅޭ ފިޔަވަޅެއްގެ ގޮތުގައި ފައިސާ ދެއްކުމަށް ހަނދާންކޮށްދިނުމާއި، ޓެކްސް ރިކަވަރީ ޕްރޮސެސް ރީވެމްޕްކޮށް އާމްދަނީ ބަލައިގަތުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އެންފޯސްމަންޓް އުސޫލުތައް ވަރުގަދަކުރެވޭނެއެވެ. މީގެ ތެރޭގައި، ޓެކްސް ނުދައްކާ ފަރާތްތައް ގަވާއިދުން މޮނިޓަރކުރުމާއި، ބޮޑެތި އަދަދުތަކުން ޓެކްސް ނުދައްކައިވާ ފަރާތްތަކާ ވަކިވަކިން ބައްދަލުކުރުމާއި، ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމާއި، ބޭންކް އެކައުންޓް ފްރީޒްކުރުމާއި، މަދަނީ ގޮތުން ދައުވާކުރުމާއި، ތިންވަނަ ފަރާތް މެދުވެރިކޮށް ޓެކުހުގެ ގޮތުގައި ލިބެންޖެހޭ އަދަދު ހޯދުން އަދި ސަރުކާރުގެ އިދާރާތައް މެދުވެރިކޮށް ފިޔަވަޅުތައް އެޅުން ހިމެނެއެވެ. މީގެ އިތުރުން، ޓެކްސް ދައްކާ ފަރާތްތަކުގެ ސުލޫކަށާއި ދަރަނީގެ ރިކަވަރަބިލިޓީއަށް ބަލައި އެކަށޭނަ ފިޔަވަޅު އެޅުމަށް ޚާއްޞަ އިސްކަމެއް ދެވިގެންދާނެއެވެ.
ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ސައްހަ އަދަދު ރިޕޯޓުކުރުން
މި ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭންގެ ދަށުން ޓެކްސް ދައްކާ ފަރާތްތައް ނިސްބަތްވާ ވަކިވަކި ސެގްމަންޓްތަކުގެ ރިޕޯޓިންގ ކޮމްޕްލަޔަންސް ރަނގަޅު ކުރުމަށްޓަކައި ގިނަ ހަރަކާތްތަކެއް ގެންދިޔުމަށް ވަނީ ރޭވިފައެވެ. މީގެ ތެރޭގައި، ޓެކްސް ދައްކާ ފަރާތްތަކާ ގުޅިގެން މައްސަލަތައް ހައްލުކުރުމާއި، އޮޑިޓް ކުރުން އަދި ޖިނާޢީ ތަހުގީގު ކުރުން ހިމެނެއެވެ. މިގޮތުން 2026ވަނަ އަހަރުގެ ނިޔަލަށް ކޯޕަރޭޓިވް ކޮމްޕްލަޔަންސް ފްރޭމްވޯކެއް ތަންފީޒުކުރުމަށް ޚާއްޞަ އިސްކަމެއް ދެވިގެންދާނެއެވެ. މި ފްރޭމްވޯކްގެ ދަށުން ޓެކްސް ދައްކާ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން އިތުރުކޮށް، މީރާގެ ރިސްކް މިޓިގޭޝަން ސްޓްރެޓެޖީތަކުގެ ނަތީޖާ ރަނގަޅުކުރުމަށް ވަނީ ރޭވިފައެވެ.
1. ޓޫރިސްޓް ރިސޯޓްސް އަދި މަލްޓިނޭޝަނަލް އެންޓަޕްރައިސަސް (އެމް.އެން.އީ)
ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރަނީ ޓޫރިސްޓް ރިސޯޓްތަކުން ނަގާ ޓީ.ޖީ.އެސް.ޓީ ފަދަ އިންޑައިރެކްޓް ޓެކްސްތަކެވެ. ނަމަވެސް ރިސޯޓްތަކުން އިންކަމް ޓެކުހުގެ ގޮތުގައި މި ސިނާއަތުގެ ކުރިއެރުމާ އެއްވަރުގެ އަދަދެއް ރިޕޯޓް ނުކުރާކަން ވަނީ ފާހަގަވެފައެވެ. މީގެ މައިގަނޑު ސަބަބަކީ، ހިންގުމުގެ ޚަރަދު ބޮޑުވުމާއި، ބޮޑެތި އަދަދުތަކުން ހަރުމުދާ އަގުމަގުކޮށްފައިވުމާއި، މަދުން ޓެކްސް ކުރެވޭ ޖުރިސްޑިކްޝަންތަކުގައި ހަރަކާތްތެރިވާ އޮފްޝޯރ ކުންފުނިތަކަށް ފައިދާ ފުރޮޅައިލުންފަދަ ހަރަކާތްތައް މަލްޓިނޭޝަނަލް އެންޓަޕްރައިޒް (އެމް.އެން.އީ) ތަކުން ކުރިއަށް ގެންދިޔުމާއި، ޓެކުހުގެ އަދަދު ދަށްކުރުމަށް އެހެނިހެން އުކުޅުތައް ބޭނުންކުރުމެވެ.
މީގެ އިތުރުން، ޓްރާންސްފާ ޕްރައިސިންގ ޑޮކިއުމަންޓްތައް ރަނގަޅަށް ނުބެލެހެއްޓުމާއި އިންކަމް ޓެކްސް ރިޓަރންގެ ޝެޑިއުލް 4 ގައިވާ މައުލޫމާތު ފުރިހަމައަށް ހާމަނުކުރުމަކީ މި ސެގްމަންޓުގައި ފާހަގަކުރެވޭ ޑޮކިއުމަންޓޭޝަން ރިސްކްތަކެކެވެ. މި ފަރާތްތަކުގެ މެދުގައި ފާހަގަކުރެވޭ ރިޕޯޓިންގ އަދި ޑޮކިއުމަންޓޭޝަން ރިސްކްތައް ހައްލުކުރުމަށްޓަކައި ސްޓޭކްހޯލްޑަރުންނާއެކު ފޯރަމްތަކާއި ސިމްޕޯޒިއަމްތައް އިންތިޒާމްކޮށް، ސެގްމަންޓަށް ޚާއްޞަ ގައިޑެއް ތައްޔާރުކުރުމާއެކު، އެވޮއިޑެންސް ސްކީމްތައް ދެނެގަނެ ހައި ރިސްކް ފަރާތްތައް އޮޑިޓްކުރުމާއި، ޤާނޫނުތަކަށް އިސްލާހު ގެނައުމަށް ހުށަހެޅުމަށްވެސް ވަނީ ރޭވިފައެވެ.
2. ގެސްޓްހައުސް އަދި ޓޫރިސްޓް ހޮޓާ
ބެޑް ނައިޓްސް އާއި އޮކިއުޕެންސީ އިތުރުވި ނަމަވެސް މި ސެގްމަންޓުން ރިޕޯޓްކޮށްފައިވާ އާމްދަނީ ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މީގެ އިތުރުން ބޮޑެތި އަދަދުތަކުން ހަރުމުދާ އަގުމަގުކޮށްފައިވުމާއި، އިތުރު ޚިދުމަތްތައް ފޯރުކޮށްދީގެން ހޯދާ އާމްދަނީ ރިޕޯޓް ނުކުރުމާއި، ކުރުމުއްދަތެއްގައި ވިޔަފާރީގެ ވެރިފަރާތް ބަދަލުވާ މިންވަރު އިތުރުވުމާއި، ރެކޯޑް ބެލެހެއްޓުން ދަށްވުމަކީ މި ސެގްމަންޓުގައި ފާހަގަކުރެވޭ ރިސްކުތަކެވެ. މި ރިސްކުތައް ކުޑަކުރުމަށްޓަކައި ގެންދިޔުމަށް ކަނޑައެޅިފައިވާ ހަރަކާތްތަކުގެ ތެރޭގައި، ވަކި ގްރޫޕްތަކަކަށް އަމާޒުކޮށްގެން މައުލޫމާތުދިނުމުގެ ސެޝަންތައް ކުރިއަށް ގެންދިޔުމާއި، ސެގްމަންޓަށް ޚާއްޞަ ގައިޑްލައިންތަކެއް އާންމުކުރުމާއި، އިންސްޕެކްޝަން ހަރަކާތްތަކާއި، ކަމާގުޅުންހުރި މިނިސްޓްރީތަކާ ގުޅިގެން ފާހަގަކުރެވޭ މައްސަލަތައް ހައްލުކުރުމަށްޓަކައި މަސައްކަތް ކުރުމުގެ އިތުރުން ރިޕޯޓުނުކުރާ އާމްދަނީ ކަނޑައެޅުމަށްޓަކައި ރިސްކު ބޮޑު ފަރާތްތަކުގެ އޮޑިޓްތައް ކުރިއަށް ގެންދިޔުން ހިމެނެއެވެ.
3. އިމާރާތްކުރުމާއި ރިއަލް އެސްޓޭޓް
މި ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ފާއިތުވި މުއްދަތުގައި އިމްޕޯޓް ކޮށްފައިވާ މިންވަރު އަދި އިންޓަރެސްޓް ޚަރަދުތައް އިތުރުވެފައިވީ ނަމަވެސް މި ފަރާތްތަކުގެ ޓެކްސް އާމްދަނީ މި މުއްދަތުގައި ވަނީ ވަރަށްބޮޑަށް ދަށްވެފައެވެ. ހަމަމިއާއެކު، އިމާރާތްކުރުމުގެ ޚިދުމަތް ދިނުމުގައި އެއްބަސްވެވޭ ތަފާތު އިންތިޒާމުތަކުގެ ދަށުން ލިބޭ މުގާބިލާ ގުޅިގެން އާމްދަނީ ރިޕޯޓް ނުކުރުމުގެ މައްސަލަތައް ވަނީ ފާހަގަކުރެވިފައެވެ. އަދި ރެޒިޑެންޝަލް ޕްރޮޖެކްޓްތަކުން އެޑްވާންސް ރިޕޯޓް ނުކުރުމާއި، ޖީއެސްޓީ ލާޒިމުވާ ވަގުތު ކަނޑައެޅުމުގެ އުސޫލުތަކާ އެއްގޮތަށް ޢަމަލު ނުކުރުމަކީ މި ސިނާއަތުން ފާހަގަވާ ބޮޑެތި ރިސްކްތަކެވެ.
އިމާރާތްކުރުމުގެ ސިނާއަތުގައި ހުރި ނޮން-ކޮމްޕްލަޔަންސްގެ މައްސަލަތަކަށް ހައްލުކުރުމަށްޓަކައި މި ސިނާއަތަށް ހާއްސަކުރެވޭ ގައިޑުތައް ތައްޔާރުކުރުމާއި، ޓެކްސް ދައްކާ ފަރާތްތައް އަހުލުވެރިކުރުވުމާއި، ސިނާއަތުގައި ހަރަކާތްތެރިވާ އެކްސްޕަރޓުންނާއި އެސޯސިއޭޝަންތަކާ ބައްދަލުކޮށް މި ރިސްކުތައް ކުރިމަތިވުމަށް މެދުވެރިވާ ސަބަބުތައް ދެނެގަތުމުގެ އިތުރުން، ރިސްކު ބޮޑު ޓެކްސް ދައްކާ ފަރާތްތަކުގެ އޮޑިޓްތައް ކުރިއަށް ގެންދެވޭނެއެވެ
4. ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި
އާމްދަނީއާ ނުބައްދަލު ޚަރަދުތައް އަދި ވަކިން ޚާއްޞަކޮށް އިންޓްރެސްޓްގެ ގޮތުގައި އާމްދަނީއިން އުނިކުރާ އަދަދު އިތުރުވުމާއި، ކެޕިޓަލް ޚަރަދުތައް ރެވެނިއު ޚަރަދުގެ ގޮތުގައި ގިންތިކުރުމާއި، އާމްދަނީ ގޯސްކޮށް ގިންތިކުރުމާއި، އިގްތިސާދީ ގޮތުން ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ސެގްމަންޓްތަކުން ރިޕޯޓްކުރާ ޓެކްސް އާމްދަނީ އެ ސެގްމަންޓްތަކުގެ ކުރިއެރުމާ ނުބައްދަލުވުމަކީ މި ސިނާއަތުން ފާހަގަކުރެވޭ މުހިންމު ރިސްކްތަކެވެ.
ރިކޯޑު ބެލެހެއްޓުމަށް އަހުލުވެރިކުރުވުމާއި އެކު އާންމުކޮށް ކުރިމަތިވާ ޓެކްސް ރިސްކުތަކަށް އަހުލުވެރިކުރުވުމަށް ކުރިއަށް ގެންދެވޭ ސެޝަންތަކުގެ ތެރެއިން ޓެކްސް ދައްކާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ ޓެކްސް ދައްކާ ފަރާތްތަކާއި ގުޅިގެން މި ސިނާއަތުގައި ފާހަގަކުރެވިފައިވާ ރިސްކްތައް ކުޑަ ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރޭވިފައެވެ. މީގެ އިތުރުން، ޓެކްސް ދައްކާ ފަރާތްތަކުގެ ރިކޯޑުތައް ބެލުމުގެ އިންސްޕެކްޝަންތައް ކުރިއަށް ގެންދިޔުމާއި، ތިންވަނަ ފަރާތުން ލިބޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް ރިސްކު ބޮޑު ޓެކްސް ދައްކާ ފަރާތްތައް ދެނެގަނެ އެ ފަރާތްތަކުގެ އޮޑިޓްތައް ކުރިއަށް ގެންދެވޭނެއެވެ.
5. ކާބޯތަކެތީގެ ޚިދުމަތްދޭ ވިޔަފާރިތައް
ކާބޯތަކެތީގެ ޚިދުމަތްދޭ ވިޔަފާރިތަކަކީ ދިވެހިރާއްޖޭގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ސިނާއަތެކެވެ. އެހެންނަމަވެސް، މި ސިނާއަތުން ރިޕޯޓްކުރާ ޓެކުހުގެ އާމްދަނީއަށް ބަލާއިރު މި ކުރިއެރުން ނުފެންނަކަން ވަނީ ފާހަގަކުރެވިފައެވެ. ވިޔަފާރިގެ މުއާމަލާތްތައް ހިންގައިފައިވީ ނަމަވެސް އާމްދަނީ މަދުން ރިޕޯޓުކުރުމާއި ހިންގުމުގެ ޚަރަދުތައް ނިސްބަތުން ބޮޑުވުމަކީ މި ސިނާއަތުން ފާހަގަކުރެވޭ ބޮޑެތި ރިސްކްތަކެވެ. މި ސިނާއަތުން ފާހަގަކުރެވޭ ރިސްކްތައް ކުޑަކޮށް، ރިސްކްގެ މިންގަނޑާ އެކަށޭނަ ފިޔަވަޅު އެޅުމުގެ ގޮތުން ރިސްކް ބޮޑު ފަރާތްތައް ހޯދުމަށްޓަކައި، ސިނާއަތަށް ޚާއްޞަކުރެވިގެން ކެމްޕޭނެއް ކުރިއަށް ގެންދެވޭނެއެވެ. ހަމަމިއާއެކު، ޓެކްސް ދައްކާ ފަރާތްތަކުގެ ރިކޯޑުތައް ބެލުމުގެ އިންސްޕެކްޝަންތައް ކުރިއަށް ގެންދިޔުމާއި، ޓެކުހުގެ ގޮތުގައި ނުދައްކައިވާ އަދަދު އަނބުރައި ހޯދުމަށް ރިސްކް ބޮޑު ފަރާތްތަކުގެ އޮޑިޓްތައް ކުރެވޭނެއެވެ.
6. ދަތުރުފަތުރުގެ ޚިދުމަތްދޭ ފަރާތްތައް
މި ސިނާއަތުގައި އަލަށް ރަޖިސްޓަރީކުރާ ވިޔަފާރިތަކުގެ އަދަދު އިތުރުވެފައިވީ ނަމަވެސް މި ކުރިއެރުން ޓެކްސް ހިސާބުތަކުން ފެނިފައެއް ނުވެއެވެ. މީގެ އިތުރުން، ކެޕިޓަލް އަދި ރެވެނިއު ޚަރަދުތައް އުނިކުރުމުގައި ނުރަނގަޅު އުސޫލުތައް ބޭނުންކޮށްފައިވުން، ބޮޑެތި އަދަދުތަކުން އިންޓްރެސްޓާއި ކެޕިޓަލް އެލަވަންސް އުނިކޮށްފައިވުން، އަދި ވިޔަފާރިގެ މުއާމަލާތްތައް ހިންގައިފައިވީ ނަމަވެސް އާމްދަނީގެ ސައްހަ އަދަދު ރިޕޯޓް ނުކުރުމަކީ މި ސިނާއަތުން ފާހަގަކުރެވިފައިވާ ބޮޑެތި ރިސްކްތަކެވެ. މި ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން ވަކިން ޚާއްޞަކޮށް ފެރީ ޚިދުމަތްދޭ ފަރާތްތަކުގެ މެދުގައި މި ރިސްކްތައް ބޮޑުކަން ވަނީ ފާހަގަކުރެވިފައެވެ. މީގެ އިތުރުން، އާންމު ރޭޓުގައި ޖީ.އެސް.ޓީ ނެގޭ ޚިދުމަތްތައް އިސްތިސްނާ ޚިދުމަތްތަކުގެ ގޮތުގައި ގިންތިކުރުމަކީ، ބައިނަލްއަޤްވާމީ ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ މެދުގައި ފާހަގަކުރެވިފައިވާ އެންމެ ބޮޑު އެއް ރިސްކެވެ. މި ސިނާއަތުން ފާހަގަވާ ރިސްކްތައް ހައްލުކުރުމަށްޓަކައި ސިނާއަތަށް ޚާއްޞަ މައުލޫމާތު ސެޝަންތައް އިންތިޒާމްކޮށް، ބައިނަލްއަޤްވާމީ ދަތުރުފަތުރުގެ ސިނާއަތުގައި ހަރަކާތްތެރިވާ މެދު އަދި ބޮޑެތި ޓެކްސް ދައްކާ ފަރާތްތަކަށް އަމާޒުކޮށް ޚާއްޞަ އިންސްޕެކްޝަންތަކެއް ކުރިއަށް ގެންދެވޭނެއެވެ. މީގެ އިތުރުން، ފެރީ ޚިދުމަތްދޭ ފަރާތްތަކުގެ ތެރެއިން ރިސްކް ބޮޑު ފަރާތްތަކުގެ އޮޑިޓްތައް ކުރިއަށް ގެންދިޔުމަށް ޚާއްޞަ އިސްކަމެއް ދެވޭނެއެވެ.
7. ޕްރޮފެޝަނަލް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް
ޕްރޮފެޝަނަލް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން، ޚާއްޞަކޮށް އެއް ގޮތަށް ވުރެ ގިނަ ގޮތްގޮތުން އާމްދަނީ ލިބޭނަމަ، އާމްދަނީން ނެގޭ ޓެކްސް ރިޕޯޓުކުރުމުގެ އިލްތިޒާމްތައް ފުރިހަމަނުކުރުމަކީ މި ދާއިރާގައި އޮތް ރިސްކެކެވެ. މި ސެގްމަންޓުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން ކުރިއަށްއޮތް ދެ އަހަރު އެންމެ ބޮޑު އިސްކަމެއް ދެވިގެންދާނީ މެޑިކަލް އޮފިސަރުންނާއި، ޤާނޫނީ ވަކީލުންނާއި އަދި އެކައުންޓިންގ ޕްރޮފެޝަންގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި ހުރި ޓެކްސް ރިސްކްތައް ކުޑަ ކުރުމަށެވެ. މި ގޮތުން، މި ފަރާތްތައް ޓެކުހަށް އަހުލުވެރިކުރުވުމަށްޓަކައި، ކަމާބެހޭ އިދާރާތަކާ ގުޅިގެން ވޯކްޝޮޕްތަކާއި މައުލޫމާތު ދިނުމުގެ ސެޝަންތައް ކުރިއަށް ގެންދެވޭނެއެވެ. މީގެ އިތުރުން، ތިންވަނަ ފަރާތުން ލިބޭ މައުލޫމާތަށް ބިނާކޮށް ރިސްކު ބޮޑު ފަރާތްތައް ދެނެގަތުމާއި، ފާހަގަކުރެވޭ ރިސްކުގެ މިންގަނޑަށް ރިއާޔަތްކޮށް މުނާސަބު ފިޔަވަޅުތައް އެޅިގެންދާނެއެވެ.
8. ހައި-ނެޓް-ވޯރތު އިންޑިވިޖުއަލްސް
ހައި-ނެޓް-ވޯރތު އިންޑިވިޖުއަލްސް ނުވަތަ އަމިއްލަ ފަރުދުންގެ ތެރެއިން މާލީ ތަނަވަސްކަން އެންމެ ބޮޑު ފަރާތްތަކުގެ ކޮމްޕްލަޔަންސް މޮނީޓަރކޮށް އެ ފަރާތްތަކުން ޓެކުހުގެ ގޮތުގައި ސައްހަ އަދަދު ރިޕޯޓް ކުރާކަން ކަށަވަރުކުރުމަށްޓަކައި މި ސެގްމަންޓަށް ޚާއްޞަ އޮނިގަނޑެއް ޤާއިމުކުރެވޭނެއެވެ. މިގޮތުން، މި ސެގްމަންޓަށް ނިސްބަތްވާ ފަރާތްތައް ކަނޑައެޅޭ ޝަރުތުތަކެއްގެ ދަށުން ދެނެގަނެ، އެ ފަރާތްތަކުން ހިންގާ ކޮމްޕްލެކްސް މާލީ މުއާމަލާތްތަކާ ގުޅިފައިވާ ޓެކްސް ރިސްކްތައް ކުޑަކުރުމަށް ޚާއްޞަ ސްޓްރެޓެޖީތައް ތަންފީޒުކުރެވޭނެއެވެ. މި އޮނިގަނޑުގެ ދަށުން ބާރުއަޅާނީ ޓެކުހާ ގުޅުންހުރި މައްސަލަތައް އަވަހަށް ހައްލުކުރުމަށާއި، ޓެކުހުގެ ގޮތުގައި ސައްހަ އަދަދު ރިޕޯޓްކުރުމުގެ އިތުރުން އަމިއްލަ އިހްތިޔާރުގައި ޓެކުހުގެ ޤާނޫނާއި ގަވާއިދަށް ތަބާވާ މިންވަރު އިތުރުކުރުމަށެވެ. މީގެ އިތުރުން އިންކަމް ޓެކްސް ބަޔާނުގެ ޝެޑިއުލް 3 ހިމެނޭ ގޮތަށް ކަމާބެހޭ ޤާނޫނާއި ގަވާއިދަށް އިސްލާހު ގެނައުމަށް ހުށަހެޅޭނެއެވެ. އަދި ޓެކުހުގެ ސައްހަ އަދަދު ކަށަވަރުކުރުމަށްޓަކައި ރިސްކް ބޮޑު ފަރުދުންގެ އޮޑިޓްތައް ކުރިއަށް ގެންދެވޭނެއެވެ.
ނިންމުން
މި ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭންގައި ކުރިއަށް ގެންދިޔުމަށް ރާވައިފައިވާ ހަރަކާތްތަކުގެ އިތުރުން، އީޖާދީ ހައްލުތައް ތައާރަފުކޮށް ހިންގުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ޚާއްޞަ އިސްކަމެއް ދެވިގެންދާނެއެވެ. މިގޮތުން ސިސްޓަމް އިންޓަގްރޭޝަން އާއި ޑޭޓާ އެނަލިޓިކްސް ބޭނުންކޮށްގެން ޑޭޓާ މެނޭޖްމަންޓް އިތުރަށް ފުރިހަމަކޮށް މަސައްކަތްތައް އޮޓޮމޭޓް ކުރުމަށްވަނީ ރޭވިފައެވެ. މީގެ އިތުރުން އީ-އިންވޮއިސިންގ ތަންފީޒުކޮށް، ޓެކްސް ދައްކާ ފަރާތްތަކަށް ފޯރުވައިދޭ ޚިދުމަތް ލުއިފަސޭހަކޮށް، "އެފަޓް ލެސް" ޓެކްސް ނިޒާމެއް އުފެއްދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެއެވެ.
މި ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭންގައި ހިމަނައިފައިވާ ހަރަކާތްތައް ކުރިއަށް ގެންދެވޭނީ 2025 އަދި 2026 ވަނަ އަހަރުގެ ތެރޭގައެވެ. އަލަށް ފާހަގަކުރެވޭ ރިސްކުގެ ބާވަތްތަކަށް ރިއާޔަތްކޮށް އަޅުގަނޑުމެންގެ ކޮމްޕްލަޔަންސް ސްޓްރެޓަޖީތަކުގައި ހިމެނޭ ކަންކަމާއި ޢަމަލުކުރާ އުސޫލުތައް އިތުރަށް ހަރުދަނާކޮށް ބަދަލުގެނެވޭނެއެވެ.