މައުލޫމާތު ބަދަލު ކުރުމަކީ ކޮބާ؟

ބައިނަލްއަގްވާމީ ޓެކްސް މައިދާނުގައި ދޭދޭ ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށްޓަކައި ފުރިހަމަގޮތުގައި މައުލޫމާތު ބަދަލުކުރުމަކީ މުހިންމުކަމެކެވެ. އީ.އޯ.އައިގެ ދަށުން މައުލޫމާތު ބަދަލުކުރުމަށްޓަކައި މައިގަނޑު 3 ބައެއް ފުރިހަމަވޭތޯ ޓެކްސް އޮތޯރިޓީތަކުން ކަށަވަރުކުރަންޖެހެއެވެ. މީގެ ތެރޭގައި ވިޔަފާރީގެ ބޭނުމަށް ނުވަތަ ނަފާހޯދުމަށްޓަކައި ގާނޫނީގޮތުން އުފެދިފައިވާ ޝަޙްޞެއް، މުޢާމަލާތެއް ނުވަތަ އިންތިޒާމެއްގެ މައުލޫމާތު މީރާގައި ނުވަތަ ދިވެހިރާއްޖޭގެ އެހެން މުއައްސަސާތަކުގައި ބަލަހައްޓާތޯ ކަށަވަރުކުރުމާއި ތަފްސީލުތައް ބަލަހައްޓަނީ ކޮންމިންވަރަކަށްތޯ ކަށަވަރުކުރުމާއި، ދިވެހިރާއްޖޭގައި ބަލަހައްޓާ މައުލޫމަތަކީ ގާނޫނީ އިމުގެ ތެރެއިން މީރާއަށް ހޯދޭނެ މައުލޫމާތުކަން ކަށަވަރުކުރުމާއި އަދި އެހެން ގައުމުތަކާއި މައުލޫމާތު ބަދަލުކުރުމަށް ބޭނުންވާ ވަސީލަތްތައް މީރާގައި ގާއިމްކުރެވިފައިވޭތޯ ކަށަވަރުކުރުން ހިމެނެއެވެ.

އެހެން ގައުމުތަކާއި އެކު މައުލޫމާތު ބަދަލުކުރެވޭ ތަފާތު ވަސީލަތްތައްވެއެވެ. މީގެ ތެރޭގައި ހިމެނެނީ:

  • އެކްސްޗޭންޖް އޮފް އިންފޮމޭޝަން އޮން ރިކުއެސްޓް (އީ.އޯ.އައި.އާރ) – ޓެކުހާގުޅޭ މުއާހަދާއެއްގެ ދަށުން، އެހެން ގައުމަކުން ޓެކްސްދައްކާ ފަރާތަކާއި ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް އެދުމުން އެ މައުލޫމާތު ބަދަލުކުރުން
  • ސްޕޮންޓޭނިއަސް އެކްސްޗޭންޖް އޮފް އިންފޮމޭޝަން (އެސް.އީ.އޯ.އައި) – އެހެން ގައުމެއްގެ ޓެކުހުގެ ނިޒާމުތައް ތަންފީޒުކުރުމަށް ބޭނުންވާ ކަމަށް މީރާއަށް ގަބޫލުކުރެވޭ މައުލޫމާތު، އެކަމަށް އެދި ހުށަހެޅުމަކާނުލާ ބަދަލުކުރުން
  • އޮޓޮމެޓިކް އެކްސްޗޭންޖް އޮފް އިންފޮމޭޝަން (އޭ.އީ.އޯ.އައި) - ޓެކްސް ދައްކާ ފަރާތްތަކުގެ ހައްގުތައް ނުގެއްލޭގޮތަށް އެހެން ޤައުމުތަކާއިއެކު، ޤާނޫނީ އިމުގެ ތެރެއިން ކަނޑައެޅިފައިވާ ވަކި މައުލޫމާތުތައް ބަދަލުކުރުން. ދިވެހިރާއްޖޭގައި މިވަގުތު ގާއިމްކުރެވިފައިވާ އޭ.އީ.އޯ.އައި ގެ 2 ވަސީލަތަކީ:

ހ) ކޮމަން ރިޕޯޓިންގ ސްޓޭންޑަރޑް (ސީ.އާރ.އެސް) – މުއާހަދާގައި ބައިވެރިވެފައިވާ ގައުމުތަކުގެ ޓެކްސް ދައްކާ ފަރާތްތަކާއި ގުޅޭ ފައިނޭންޝަލް އެކައުންޓްތަކުގެ މައުލޫމާތު ބަދަލުކުރުން

ށ) ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓިންގ (ސީ.ބީ.ސީ.އާރ) – އޯ.އީ.ސީ.ޑީ ބެޕްސް އެކްޝަން 13 ގައި ބަޔާންކޮށްފައިވާ ހަމަތަކަށް ފެތޭ މަލްޓިނޭޝަނަލް އެންޓަޕްރައިސަސް (އެމް.އެން.އީ) ގްރޫޕްތަކުގެ ވިޔަފާރި މުޢާމަލާތްތަކާއި ހިންގުމާގުޅޭ މައުލޫމާތު ބަދަލުކުރުން.

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ