ޖީ.އެސް.ޓީ މަސައްކަތް ކުރާ ގޮތް

ޖީ.އެސް.ޓީ ނެގޭނީ ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ޖީ.އެސް.ޓީއިން އިސްތިސްނާވާ މުދަލާއި ޚިދުމަތް އަދި ސުންރޭޓުގެ މުދަލާއި ޚިދުމަތް ފިޔަވައި އެހެނިހެން މުދަލާއި ޚިދުމަތުން ޖީ.އެސް.ޓީ ނަގަން ޖެހޭނެއެވެ. ތިރީގައި އެ ވަނީ ދިވެހިރާއްޖޭގެ ޖީ.އެސް.ޓީ ނިޒާމުގެ މައިގަޑު ސިފަތަކެވެ.

  • ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިއަކުން ފޯރުވައިދޭ މުދަލާއި ޚިދުމަތުގެ އަގުގެ ތެރެއަށް އިތުރުކުރެވިގެން ކަސްޓަމަރުގެ އަތުން ނަގާ ޖީ.އެސް.ޓީ (އައުޓްޕުޓް ޓެކްސް)ގެ އަދަދުން ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ އެހެން ފަރާތަކުން ހޯދައިފައިވާ މުދަލާއި ޚިދުމަތާ ގުޅިގެން އެ ފަރާތަށް ދައްކައިފައިވާ ޖީ.އެސް.ޓީ (އިންޕުޓް ޓެކްސް)، އިންޕުޓް ޓެކްސް އުނިކުރަން ހުއްދަކުރާ ޝަރުތުތައް ފުރިހަމަވާނަމަ، އުނިކުރެވިދާނެއެވެ.
  • އިންޕުޓް ޓެކްސް އުނިކުރަން އެދޭނަމަ، ސައްހަ ޓެކްސް އިންވޮއިސްއެއް އޮންނަންވާނެއެވެ. އަދި ޖީ.އެސް.ޓީ ބަޔާނާއެކު އިންޕުޓް ޓެކްސް ސްޓޭޓްމަންޓް ހުށަހަޅަން ޖެހޭނެއެވެ.
  • ތިޔަ ފަރާތުން ފޯރުވައިދިން މުދަލާއި ޚިދުމަތުގެ އަގުގެ ތެރޭގައި ހިމަނައިގެން ނަގައިފައިވާ ޖީ.އެސް.ޓީގެ އަދަދު ތިޔަ ފަރާތުގެ އިންޕުޓް ޓެކުހުގެ ޖުމުލައަށްވުރެ އިތުރުނަމަ، އެ އަދަދަކީ ޖީ.އެސް.ޓީގެ ގޮތުގައި މީރާއަށް ދައްކަންޖެހޭ އަދަދެވެ.
  • ތިޔަ ފަރާތުން ފޯރުވައިދިން މުދަލާއި ޚިދުމަތުގެ އަގުގެ ތެރޭގައި ހިމަނައިގެން ނަގައިފައިވާ ޖީ.އެސް.ޓީގެ އަދަދު ތިޔަ ފަރާތުގެ އިންޕުޓް ޓެކުހުގެ ޖުމުލައަށްވުރެ މަދުނަމަ، އެ އަދަދަކީ ކުރިއަށް ހުރި ޓެކްސް ނެގޭ މުއްދަތުތަކުގައި ޖީ.އެސް.ޓީގެ ގޮތުގައި ދައްކަން ޖެހޭ އަދަދުން އަޅައި ކެނޑިދާނެ އަދަދެވެ.
  • ޖީ.އެސް.ޓީއަށް ރަޖިސްޓަރީ ނުކުރާ ފަރާތްތަކާއި އިސްތިސްނާ މުދަލާއި ޚިދުމަތް ފޯރުވައިދޭ ފަރާތްތަކަށް، އެ ފަރާތުގެ ޚަރަދުތަކުގެ ތެރޭގައި ހިމެނޭ އިންފުޓް ޓެކުހުގެ އަދަދަކީ އުނިކުރެވޭނެ އަދަދެއް ނޫނެވެ.
©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ