ސުން-ރޭޓުގައި ޖީ.އެސް.ޓީ ނެގޭ މުދަލާއި ޚިދުމަތްތައް

މުދަލެއް ނުވަތަ ޚިދުމަތަކުން "ސުން ރޭޓުގައި" ޖީ.އެސް.ޓީ ނެގުމުގެ މާނައަކީ އެ މުދަލެއް ނުވަތަ ޚިދުމަތަކުން 0% ގައި ޖީ.އެސް.ޓީ ދައްކަންޖެހުމެވެ. ސުންރޭޓުގެ މުދަލާއި ޚިދުމަތް ފޯރުވައިދީގެން ލިބޭ އާމްދަނީއަކީ މުދާ ވިއްކާ ނުވަތަ ޚިދުމަތް ފޯރުވައިދޭ ފަރާތުގެ ޖީ.އެސް.ޓީ ނެގޭ އާމްދަނީގެތެރޭގައި ހިމެނޭބައެކެވެ.

މުދަލެއް ނުވަތަ ޚިދުމަތަކުން ސުން-ރޭޓުގައި ޖީ.އެސް.ޓީ ނެގުމުގެ މާނައަކީ؛

  • މުދާ ނުވަތަ ޚިދުމަތް ލިބިގަންނަ ފަރާތުގެ ކިބައިން، މުދާ ނުވަތަ ޚިދުމަތް ފޯރުވައިދޭ ފަރާތުން ޖީ.އެސް.ޓީ ނަގައިގެން ނުވާނެއެވެ.
  • ސުން-ރޭޓުގައި ޖީ.އެސް.ޓީ ނެގޭ މުދަލެއް ނުވަތަ ޚިދުމަތެއް ފޯރުވައިދިނުމާ ގުޅިގެން ދައްކާ އިންޕުޓް ޓެކްސް، ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތަށް އުނިކުރެވޭނެއެވެ.
  • ޖީ.އެސް.ޓީއަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތަކުން ޖީ.އެސް.ޓީއަށް ރަޖިސްޓަރީ ކޮށްފައިވާ އެހެން ފަރާތަކަށް ސުން-ރޭޓުގެ މުދަލެއް ނުވަތަ ޚިދުމަތެއް ފޯރުވައިދޭނަމަ، ޓެކްސް އިންވޮއިސްއެއް ފޯރުކޮށްދެންޖެހޭނެއެވެ.

ސުން-ރޭޓުގައި ޖީ.އެސް.ޓީ ނެގޭ މުދަލެއް ނުވަތަ ޚިދުމަތެއް ފޯރުވައިދޭ ފަރާތަކުން އެ މުއާމަލާތްތަކުގެ ރިކޯޑު ބަލަހައްޓަންވާނެއެވެ. އަދި ޖީ.އެސް.ޓީ ބަޔާނުގައި އެ މައުލޫމާތު ހިމަންނަންޖެހޭނެއެވެ.

ސުން-ރޭޓޫގެ މުދަލާއި ޚިދުމަތް ތިން ބަޔަކަށް ބެހެއެވެ.

  1. ޖީ.އެސް.ޓީ ޤާނޫނުގެ ޖަދުވަލު 1 ގައި ލިސްޓުކޮށްފައިވާ އަސާސީ މުދާ
  2. ދިވެހިރާއްޖޭން އެކްސްޕޯޓް ކުރެވޭ މުދަލާއި ޚިދުމަތްތައް
  3. ހިނގަހިނގާ ހުރި ވިޔަފާރިއެއް ވިއްކައިލުން

ސުން-ރޭޓޫގައި ޖީ.އެސް.ޓީ ނެގޭ އަސާސީ މުދަލުގެ ލިސްޓު

އަސާސީ މުދަލުގެ ގޮތުގައި ޤާނޫނުގެ ޖަދުވަލު 1 ގައި ސުން-ރޭޓުގައި ޖީ.އެސް.ޓީ ނެގޭ 22 ބާވަތެއް ބަޔާންކޮށްފައިވެއެވެ.

  1. ހަނޑޫ، ހަކުރު، ފުށް
  2. ލޮނު
  3. ކިރު
  4. ކުކިންގ އޮއިލް
  5. ބިސް
  6. ސައިފަތް
  7. ކަނޑުމަސް، ފަރުމަސް، ރާއްޖޭގައި ބަނދުކޮށްފައިވާ މަސް އަދި ރިހާކުރު
  8. އަލުވި، ފިޔާ
  9. ހަވާދު އުފެއްދުމަށް ބޭނުންކުރާ ބާވަތްތައް (ދިރި، ދަވިއްގަނދު، ކޮތަނބިރި، ރީނދޫ، ލޮނުމެދު، އިނގުރު، މިރުސް، ތެޅި މިރުސް، ފޮނިތޮށި، ކާފޫރުތޮޅި، އަސޭމިރުސް، މި ނޫންވެސް މި ބާވަތުގެ ތަކެތި)
  10. ދިޔާ ހަކުރާއި، ކާށި، ކުރުނބާ، ރުކުރާ، އަދި ކުރޮޅ
  11. ތަރުކާރީގެ ބާވަތްތަކުގެ ތެރެއިން ކެރެޓު، ކެބެޖް، ތޮޅި އަދި ޓޮމާޓޯ
  12. މޭވާގެ އެންމެހާ ބާވަތްތައް
  13. ޕާން، ބަނަސް، ފާރޮށި
  14. ތުއްތު ކުދިންގެ ކާނާ
  15. ކުޑަކުދިންގެ ނެޕީ  އަދި ބޮޑެތި މީހުންގެ ނެޕީ: ފޮތި ނެޕީވެސް ހިމެނޭހެން، ހުރިހައި ބާވަތެއްގެ ކުޑަކުދިންގެ ނެޕީއާއި ބޮޑެތިމީހުންގެ ނެޕީން ޖީ.އެސް.ޓީ ނަގާނީ ސުން-ރޭޓުގައެވެ.
  16. ކައްކާ ގޭސް، ޑީސަލް އަދި ޕެޓްރޯލް: ސުން-ރޭޓުގައި ޖީ.އެސް.ޓީ ނަގާނީ ކައްކާ ގޭސް، ޑީސަލް އަދި ޕެޓްރޯލުންނެވެ. ކަރާސީނު އަދި ޖެޓް ފިއުލްއިން ޖީ.އެސް.ޓީ ނަގާނެއެވެ. އަޑީތެލުންވެސް ޖީ.އެސް.ޓީ ނަގާނެއެވެ.
  17. ސެނިޓަރީ ނެޕްކިން، ޓެމްޕޮން، މެންސްޓްރުއަލް ކަޕް އަދި އެފަދަ ތަކެތި.

ސުން-ރޭޓުގައި ޖީ.އެސް.ޓީ ނަގާ މުދަލާއި ޚިދުމަތްތަކާ ގުޅޭ ހާއްސަ އުސޫލުތަކެއް ކަނޑައެޅިފައިވެއެވެ. މި އުސޫލުތަކާއި ޝަރުތުތަކާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ތިރީގައިވާ ގައިޑުތައް ބަލާށެވެ.

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ