އިންކަމް ޓެކުހަކީ އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 25/2019) ގެ ދަށުން ނަގާ ޓެކުހެކެވެ. މި ޤާނޫނު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވުނީ 17 ޑިސެންބަރު 2019 ގައެވެ. އަދި މި ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފަށައިފައިވަނީ 1 ޖަނަވަރީ 2020 އިން ފެށިގެންނެވެ. އެހެން ނަމަވެސް، އުޖޫރައިގެ އާމްދަނީން ޓެކްސް ނަގަން ފަށައިފައިވަނީ 1 އެޕްރީލް 2020 އިން ފެށިގެންނެވެ. މި ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފެށުމާއެކު ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު އަދި ދިވެހިރާއްޖޭގައި ހިނގަމުންދާ ވިޔަފާރި ބޭންކްތަކުގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނޫ އުވި އެ ޤާނުނުތަކުގެ ދަށުން ހިނގަމުންދިޔަ ޓެކުހުގެ ނިޒާމު މި ޤާނޫނުގެ ދަށަށް ވަނީ ބަދަލުވެފައެވެ.
ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތްތަކުން، އެ ފަރާތްތަކަށް ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުން ލިބޭ އާމްދަނީން ޓެކްސް ދައްކަންޖެހޭނެއެވެ. ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކާއި ދިވެހިރާއްޖޭގައި ވަގުތީގޮތުން ވަޒަންވެރިވެފައިވާ ފަރާތްތަކުން ޓެކްސް ދައްކަންޖެހޭނީ އެ ފަރާތްތަކަށް ދިވެހިރާއްޖެއިން ލިބޭ އާމްދަނީންނެވެ.
ބޭންކުތަކަކީ ދިވެހިރާއްޖޭގެ ބޭންކިންގއާ ބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 24/2010) ގެ ދަށުން ލައިސަންސް ދީފައިވާ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ނުވަތަ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތްތަކެވެ.
އިންކަމް ޓެކްސް ޤާނޫނުގެ ބޭނުމަށް، ބޭންކަކީ ޓެކްސް ނެގޭ ވަކި ފަރާތެކެވެ.
ބޭންކުތަކުން ޓެކުހުގެ ގޮތުގައި ދައްކަންޖެހޭނީ އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީގެ 25% ގެ ރޭޓުގައެވެ.