އިންކަމް ޓެކުހަކީ އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 25/2019) ގެ ދަށުން ނަގާ ޓެކުހެކެވެ. މި ޤާނޫނު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވުނީ 17 ޑިސެންބަރު 2019 ގައެވެ. އަދި މި ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފަށައިފައިވަނީ 1 ޖަނަވަރީ 2020 އިން ފެށިގެންނެވެ. އެހެން ނަމަވެސް، އުޖޫރައިގެ އާމްދަނީން ޓެކްސް ނަގަން ފަށައިފައިވަނީ 1 އެޕްރީލް 2020 އިން ފެށިގެންނެވެ. މި ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފެށުމާއެކު ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު އަދި ދިވެހިރާއްޖޭގައި ހިނގަމުންދާ ވިޔަފާރި ބޭންކްތަކުގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނޫ އުވި އެ ޤާނުނުތަކުގެ ދަށުން ހިނގަމުންދިޔަ ޓެކުހުގެ ނިޒާމު މި ޤާނޫނުގެ ދަށަށް ވަނީ ބަދަލުވެފައެވެ.
ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތްތަކުން، އެ ފަރާތްތަކަށް ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުން ލިބޭ އާމްދަނީން ޓެކްސް ދައްކަންޖެހޭނެއެވެ. ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކާއި ދިވެހިރާއްޖޭގައި ވަގުތީގޮތުން ވަޒަންވެރިވެފައިވާ ފަރާތްތަކުން ޓެކްސް ދައްކަންޖެހޭނީ އެ ފަރާތްތަކަށް ދިވެހިރާއްޖެއިން ލިބޭ އާމްދަނީންނެވެ.
ފަރުދުން ޓެކްސް ދައްކަންޖެހޭ ރޭޓުތަކާއި ޓެކްސް ބްރެކެޓްތައް ތިރީގައި އެ ވަނީއެވެ. ފަރުދެއް ދައްކަންޖެހޭ ޓެކުހުގެ ޖުމުލަ ހިސާބުކުރާނީ، އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީގެ ޖުމުލަ ވަކިވަކި ޓެކްސް ބްރެކެޓްތަކަށް ބަހަލައިގެން، އެ ޓެކްސް ބްރެކެޓްތަކުގައި ޓެކްސް ނެގޭ ރޭޓުގައެވެ.
| ހިސާބުކުރާ މުއްދަތެއްގެ ތެރޭގައި ލިބޭ ޓެކްސް ބިނާކުރެވޭ އާމްދަނީގެ ބްރެކެޓު | ޓެކްސް ރޭޓު |
| 720,000 ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ | 0% |
| 720,000 ރުފިޔާއަށްވުރެ ބޮޑު، ނަމަވެސް 1,200,000 ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ | 5.5% |
| 1,200,000 ރުފިޔާއަށްވުރެ ބޮޑު، ނަމަވެސް 1,800,000 ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ | 8% |
| 1,800,000 ރުފިޔާއަށްވުރެ ބޮޑު، ނަމަވެސް 2,400,000 ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ | 12% |
| 2,400,000 ރުފިޔާއަށްވުރެ ބޮޑު | 15% |