ރީފަންޑް

އެ އަހަރަކަށް ހުށަހަޅާ  ޓެކްސް ބަޔާނުގައިވާ ދައްކަންޖެހޭ ޓެކުހުގެ އަދަދަށްވުރެ، އެހައި ތަނަށް ޓެކުހުގެ ގޮތުގައި (އިންޓެރިމް ޕޭމަންޓް ނުވަތަ މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސްގެ ގޮތުގައި) ދައްކައިފައިވާ އަދަދު އިތުރުވާނަމަ، އެ އިތުރުވި އަދަދު ރީފަންޑް ކޮށްދިނުމަށް އެދި ހުށަހެޅިދާނެއެވެ. އިތުރަށް ދައްކައިފައިވާ ޓެކުހުގެ މިންވަރު އިންކަމް ޓެކްސް ބަޔާން ހުށަހެޅުމުން ނުވަތަ ބަޔާން އިސްލާހުކުރުމުން އެނގިގެންދާނެއެވެ.

އިތުރަށް ދައްކައިފައިވާ އަދަދު މީރާއިން ރީފަންޑުކުރާނީ ކިހިނެތް؟

ތިޔަ ފަރާތުން ޓެކްސް ބަޔާން އިސްލާހުކުރުމުން ނުވަތަ އިންކަމް ޓެކްސް ބަޔާނެއް ހުށަހެޅުމުން، އިތުރަށް ދައްކައިފައިވާ ޓެކުހުގެ އަދަދު މީރާއިން ރީފަންޑްކޮށްދޭނެއެވެ. ރީފަންޑް ޕްރޮސެސްކުރާ ވަގުތު، އެ ފަރާތުން މީރާއަށް އެއްވެސް ފައިސާއެއް ދައްކަން އޮތްނަމަ، އެ ފައިސާއާ އަޅައިކަނޑާނެއެވެ. މިގޮތަށް އަޅައިކެނޑުމަށްފަހު، ބާކީ އަދަދެއް އޮތްނަމަ އެ އަދަދެއް ފައިސާއިން ރީފަންޑުކޮށްދޭނެއެވެ. މީރާއަށް ދައްކަންޖެހޭ އަދަދެއް ނެތްނަމަ، އިތުރަށް ދައްކައިފައިވާ އަދަދު، ކުރިއަށް ހުރި މުއްދަތުތަކުގައި ދައްކަންޖެހޭނެ އަދަދުން އަޅައިކެނޑުމަށް ނުވަތަ ތިންވަނަ ފަރާތަކުން މީރާއަށް ދައްކަންޖެހޭ ފައިސާއަކާ އަޅައިކެނޑުމަށް އެދެވިދާނެއެވެ.

އިތުރަށް ދައްކައިފައިވާ އަދަދެއް މީރާއިން ރީފަންޑުކޮށްދޭނީ ދިވެހި ރުފިޔާއިންނެވެ. އެހެންނަމަވެސް، އެމެރިކާ ޑޮލަރުން މީރާއަށް ދެއްކުމަށް ލާޒިމުކޮށްފައިވާ ޓެކުހެއް ނުވަތަ ފައިސާއަކާ ގުޅޭ ރީފަންޑެއްނަމަ، އެ ރީފަންޑެއް ދޭނީ އެމެރިކާ ޑޮލަރުންނެވެ.

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ