ތިޔައީ ޓެކުހުގެ ބޭނުމަށް ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތެއްތަ؟
ވަޒަންވެރިވެފައިވާ ފަރާތްތައް
ތިރީގައި ބަޔާންކޮށްފައިވާ ޝަރުތުތަކުންކުރެ ޝަރުތެއް ފުރިހަމަވާނަމަ، ތިޔަ ފަރާތް ބެލެވޭނީ ޓެކުހުގެ ބޭނުމަށް ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތެއްގެ ގޮތުގައެވެ.
- ތިޔަ ފަރާތް ދާއިމީކޮށް ދިރިއުޅޭ ތަން ދިވެހިރާއްޖޭގައި ހުރުން؛ ނުވަތަ
- ތިޔަ ފަރާތުން ޓެކްސް އަހަރެއްގެ ތެރޭގައި ފެށޭ ނުވަތަ ނިމޭ 12 މަސްދުވަހުގެ ތެރޭގައި، 183 ދުވަހު ނުވަތަ އެއަށްވުރެ ގިނަ ދުވަހު ދިވެހިރާއްޖޭގައި ހުރެފައިވުން ނުވަތަ ހުންނަން ގަސްތުކުރުން؛ ނުވަތަ
- ތިޔަ ފަރާތަކީ ޓެކްސް އަހަރެއްގެ ތެރޭގައި ދިވެހިރާއްޖެއިން ބޭރަށް ފޮނުވާފައިވާ ދައުލަތުގެ އޮފީހެއްގެ މުވައްޒަފެއް ނުވަތަ އޮފިޝަލެއްކަމުގައިވުން
ދިވެހިރާއްޖޭގައި ވަގުތީގޮތުން ވަޒަންވެރިވެފައިވާ ފަރާތްތައް
ދިވެހިރާއްޖޭގައި ވަގުތީގޮތުން ވަޒަންވެރިވެފައިވާ ފާރާތްތަކަކީ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތްތަކުގެ ތެރެއިން (މަތީގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގައި ވަޒަންވެރިވުމުގެ ޝަރުތުތަކުންކުރެ ޝަރުތެއް ފުރިހަމަވުމާއެކު) ތިރީގައި ބަޔާންކޮށްފައިވާ ދެ ޝަރުތު ފުރިހަމަވާ ފަރާތްތަކެވެ.
- ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ހުރުމުގެ ހުއްދަ ލިބިފައިވާ ބިދޭސީއަކަށްވުން؛ އަދި
- ދިވެއްސަކާ އިނދެގެންއުޅޭ މީހަކަށްނުވުން
ވަޒަންވެރިވެފައި ނުވާ ފަރާތްތައް
ވަޒަންވެރިވެފައިނުވާ ފަރާތްތަކަކީ ވަޒަންވެރިވެފައިވާ ފަރާތްތަކާއި ވަގުތީގޮތުން ވަޒަންވެރިވެފައިވާ ފަރާތްތައް ފިޔަވައި އެ ނޫން އެހެން ފަރާތްތަކެވެ.