12 ވަނަ މާއްދާގެ (ފ) ގައިވާ އިސްތިސްނާ

ބައިނަލްއަޤްވާމީ ދަތުރުފަތުރުގައި ކަނޑުބޯޓު ނުވަތަ މަތިންދާބޯޓު އޮޕަރޭޓްކުރާ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކަށް (މަތިންދާބޯޓު އަދި ކަނޑު ބޯޓު ޗާޓަރުކޮށްދޭ އަދި ކުއްޔަށް ދޭ ފަރާތްތައްވެސް ހިމެނޭގޮތުން) އިންކަމް ޓެކްސް ޤާނޫނުގެ 12 ވަނަ މާއްދާގެ (ފ) ގެ ދަށުން، ޤާނޫނުގެ 11 ވަނަ މާއްދާގެ (ޑ) ގައި ބަޔާންކުރާ އާމްދަނީން ޓެކްސް ދެއްކުމުން އިސްތިސްނާއަށްއެދި ހުށަހެޅޭނެއެވެ. އަދި ޤާނޫނުގެ 12 ވަނަ މާއްދާގެ (ފ) ގެ ދަށުން، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ކުއްޔަށްދޭ ފަރާތްތަކަށްވެސް ކަނޑު ބޯޓު ނުވަތަ މަތިންދާބޯޓު ނުވަތަ މަތިންދާބޯޓެއްގެ އެއަރވަރދިނަސްއަށް ނުވަތަ ކަނޑުބޯޓެއްގެ ސީވަރދިނަސްއަށް ކޮންމެހެން ބޭނުންވާ އިކުއިޕްމަންޓް ކުއްޔަށްދީގެން ލިބޭ އާމްދަނީން ޓެކްސް ދެއްކުމުންވެސް އިސްތިސްނާއަށް އެދި ހުށަހެޅޭނެއެވެ. މި އިސްތިސްނާ ދޭނީ އިސްތިސްނާއަށް އެދި ހުށަހަޅާ ފަރާތް ވަޒަންވެރިވެފައިވާ ގައުމުން ނުވަތަ ސަރަހައްދުން، ކަނޑުބޯޓު ނުވަތަ މަތިންދާބޯޓު އޮޕަރޭޓްކުރާ ނުވަތަ ޗާޓަރުކުރާ ނުވަތަ ކުއްޔަށް ދޭ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތްތަކަށް، އާމްދަނީން ނަގާ ޓެކުހުން ނުވަތަ އެނޫންވެސް އެފަދަ ޓެކުހަކުން ހަމަ އެ ހާލަތުގައި އިސްތިސްނާއެއް ދޭނަމަ ނުވަތަ އެ އާމްދަނީން އެ ގައުމުގައި ނުވަތަ ސަރަހައްދުގައި ޓެކްސް ދައްކަންނުޖެހޭކަމަށް ކޮމިޝަނަރ ޖެނެރަލަށް ޤަބޫލުކުރެވޭނަމައެވެ.

އިސްތިސްނާއަށް އެދި ހުށަހެޅުން

12 ވަނަ މާއްދާގެ (ފ) ގައިވާ އިސްތިސްނާއަށް އެދި ހުށަހަޅާނެގޮތް

މި އިސްތިސްނާއަށް އެދި MIRA 607 ފޯމާއެކު އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

  • އިސްތިސްނާއަށް އެދި ހުށަހަޅާ ފަރާތުގެ ހިންގުމާއި ކޮންޓްރޯލް އޮތް ތަން ކަށަވަރުކޮށްދީފައިވާ އެ ފަރާތުގެ އެކްސްޓާނަލް އޮޑިޓަރުގެ ބަޔާން
  • އިސްތިސްނާއަށް އެދޭ ފަރާތަކީ ކަނޑުބޯޓެއް ނުވަތަ މަތިންދާބޯޓެއް ނުވަތަ އިކުއިޕްމަންޓެއް ކުއްޔަށްދޭ ފަރާތެއްނަމަ، ކުއްޔަށްދިނުމުގެ މުއާމަލާތާ ގުޅުންހުރި އެއްބަސްވުންތަކާއި އެހެނިހެން ލިޔެކިޔުންތައް

ޤާނޫނުގެ 12 ވަނަ މާއްދާގެ (ފ) ދަށުން އިސްތިސްނާއަކަށް އެދި ހުށަހެޅުމެއް ލިބުމާއެކު، އެ ފަރާތް ވަޒަންވެރިވެފައިވާ ޖުރިސްޑިކްޝަންގައި ރެސިޕްރޮކަލް އިސްތިސްނާއެއް ނެތްނަމަ، އެ ޖުރިސްޑިކްޝަންގެ ޓެކްސް އިދާރާއާ މީރާއިން މުއާމަލާތު ކުރާނެއެވެ. ފުރަތަމަ މުއާމަލާތުކުރާ ތާރީޚުން ފެށިގެން 3 މަސް ދުވަހުގެ ތެރޭގައި ރެސިޕްރޮކަލް އިސްތިސްނާއެއް ގާއިމުނުކުރެވިއްޖެނަމަ، އެ ހުށަހެޅުން ނިމުމަކަށް ގެނެސް އެ ކަން އިސްތިސްނާއަށް އެދި ހުށަހެޅި ފަރާތަށް އަންގާނެއެވެ. ރެސިޕްރޮކަލް އިސްތިސްނާއެއް އޮތްނަމަ ނުވަތަ ރެސިޕްރޮކަލް އިސްތިސްނާއެއް ގާއިމުކުރެވިއްޖެނަމަ، އެ ފަރާތުން ހުށަހެޅި ހުށަހެޅުމާ ގުޅިގެން ނިންމި ނިންމުން އެ ހުށަހެޅުން ހުށަހެޅި ފަރާތަށް މީރާއިން އަންގާނެއެވެ. އިސްތިސްނާ ދެވިއްޖެނަމަ، އިސްތިސްނާ ދެވުނު ތާރީޚުގެ ގޮތުގައި ކަނޑައެޅޭނީ ހުށަހަޅަން ލާޒިމުކުރާ ހުރިހައި ލިޔެކިޔުމެއް މީރާއަށް ހުށަހެޅި ތާރީޚެވެ.

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ