ތައާރަފް

އިންކަމް ޓެކުހަކީ އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 25/2019) ގެ ދަށުން ނަގާ ޓެކުހެކެވެ. މި ޤާނޫނު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވުނީ 17 ޑިސެންބަރު 2019 ގައެވެ. އަދި މި ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފަށައިފައިވަނީ 1 ޖަނަވަރީ 2020 އިން ފެށިގެންނެވެ. އެހެން ނަމަވެސް، އުޖޫރައިގެ އާމްދަނީން ޓެކްސް ނަގަން ފަށައިފައިވަނީ 1 އެޕްރީލް 2020 އިން ފެށިގެންނެވެ. މި ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފެށުމާއެކު ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު އަދި ދިވެހިރާއްޖޭގައި ހިނގަމުންދާ ވިޔަފާރި ބޭންކްތަކުގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނޫ އުވި އެ ޤާނުނުތަކުގެ ދަށުން ހިނގަމުންދިޔަ ޓެކުހުގެ ނިޒާމު މި ޤާނޫނުގެ ދަށަށް ވަނީ ބަދަލުވެފައެވެ.

ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތްތަކުން، އެ ފަރާތްތަކަށް ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުން ލިބޭ އާމްދަނީން ޓެކްސް ދައްކަންޖެހޭނެއެވެ. ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކާއި ދިވެހިރާއްޖޭގައި ވަގުތީގޮތުން ވަޒަންވެރިވެފައިވާ ފަރާތްތަކުން ޓެކްސް ދައްކަންޖެހޭނީ އެ ފަރާތްތަކަށް ދިވެހިރާއްޖެއިން ލިބޭ އާމްދަނީންނެވެ.

ޕާޓްނަރޝިޕް

ޕާޓްނަރޝިޕަކީ ޤާނޫނީ ވަކި ޝަހުޟެއްކަމުން އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީން ޓެކްސް ދެއްކުމުގެ ޒިންމާ އުފުލަންޖެހޭނެ ފަރާތަކީ އެ ޕާޓްނަރޝިޕެކެވެ.

އިންކަމް ޓެކުހުގެ ބޭނުމަށް ޕާޓްނަރޝިޕް ބެހިގެންވަނީ ދެ ބަޔަކަށެވެ.

  1. ޕާޓްނަރޝިޕް ޤާނޫނު (ޤާނޫނު ނަންބަރު 13/2011) ގެ ދަށުން ޕާޓްނަރޝިޕެއްގެ ގޮތުގައި ކަނޑައަޅާ ފަރާތްތައް
  2. ޑީމްޑް ޕާޓްނަރޝިޕް

ޑީމްޑް ޕާޓްނަރޝިޕަކީ، ވިޔަފާރި ހަރަކާތަކުން ލިބޭ ޖުމުލަ އާމްދަނީއާއި ޚަރަދު ނުވަތަ ފައިދާ ނުވަތަ ގެއްލުން ހިއްސާކުރާ 2 ނުވަތަ އެއަށްވުރެ ގިނަ މީހުންނެވެ. އެއީ އެ އާމްދަނީ ލިބޭ ހަރަކާތުގެ ނުވަތަ މުދަލުގެ މިލްކުވެރިކަން އެ ފަރާތްތަކުން ހިއްސާނުކުރިކަމުގައިވީ ނަމަވެސް ނުވަތަ އެ ހަރަކާތް ހިންގަނީ ވަކި ނަމެއް ނެތިކަމަށްވީ ނަމަވެސް މެއެވެ.

ޑީމްޑް ޕާޓްނަރޝިޕް އަދި ޕާޓްނަރޝިޕަކުން، ޓެކްސް ހިސާބުކޮށް، ޓެކްސް ބަޔާން ހުށަހަޅައި ޓެކްސް ދެއްކުމުގައި ޢަމަލުކުރާނީ އެއްގޮތަކަށެވެ.

ޓެކްސް ރޭޓުތައް

ޕާޓްނަރޝިޕްތަކުން ޓެކްސް ދައްކަންޖެހޭ ރޭޓު ތިރީގައި އެ ވަނީއެވެ.

ހިސާބުކުރާ މުއްދަތެއްގެ ތެރޭގައި ލިބޭ ޓެކްސް ބިނާކުރެވޭ އާމްދަނީގެ ބްރެކެޓު (އަހަރަކަށް) ޓެކްސް ރޭޓު
500,000 ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ 0%
500,000 ރުފިޔާ އަށްވުރެ ބޮޑު 15%
©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ