ދާއިމީ މަރުކަޒު

ދާއިމީ މަރުކަޒެއް މެދުވެރިކޮށް ދިވެހިރާއްޖޭގައި ވިޔަފާރިކޮށްގެން ލިބޭ އާމްދަނީއަކީ ދިވެހިރާއްޖެއިން ލިބޭ އަދި އެއިން ދިވެހިރާއްޖޭގައި ޓެކްސް ދައްކަންޖެހޭނެ އާމްދަނީއެކެވެ.

ދާއިމީ މަރުކަޒަކީ ކޮބައިކަން އިންކަމް ޓެކްސް ޤާނޫނުގެ 79 ވަނަ މާއްދާގެ (ހވ) ގައި ބަޔާންކޮށްފައިވާނެއެވެ.

ދާއިމީ މަރުކަޒެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުން

އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނާއި އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދަށް ރިއާޔަތްކޮށް، ދާއިމީ މަރުކަޒުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރާނީ އޯ.އީ.ސީ.ޑީ މޮޑެލް ޓެކްސް ކޮންވެންޝަން އޮން އިންކަމް އެންޑް އޮން ކެޕިޓަލް (2017) ގެ 7 ވަނަ މާއްދާގެ (2) ގައި ބަޔާންކޮށްފައިވާ އާންމު އުސޫލު ބޭނުންކޮށްގެންނެވެ.

އެއް ދާއިމީމަރުކަޒަށްވުރެ ގިނަ ދާއިމީ މަރުކަޒު މެދުވެރިކޮށް ވިޔަފާރިކުރާ ފަރާތެއްނަމަ އެ ދާއިމީ މަރުކަޒުތަކުގެ ތެރެއިން އެއް ރޭޓެއްގައި ޓެކްސް ދައްކަންޖެހޭ ދާއިމީ މަރުކަޒުތައް އެއްކޮށް އެއް ހިސާބެއް ތައްޔާރުކޮށް ޓެކްސް ދައްކަންޖެހޭނެއެވެ.

އުނިކުރުންތައް

ވަޒަންވެރިވެފައިވާ ފަރާތްތަކެކޭ އެއްގޮތަށް، ދާއިމީ މަރުކަޒަކަށް ވެސް، ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އެއްވެސް ޚަރަދެއް އުނިކުރެވޭނީ، އެއީ އެ މުއްދަތުގައި ހިނގައިފައިވާ ދާއިމީ މަރުކަޒުގެ ޚަރަދަކަށްވެފައި، އެ ޚަރަދު އެކުގައިވެސް ހިނގައިފައިވަނީ އެ ދާއިމީ މަރުކަޒުގެ ޖުމުލަ އާމްދަނީ ހޯދުމަށް އެކަނި ކަމަށް ވާނަމައެވެ.

ހިސާބުކުރާ މުއްދަތެއްގެ ތެރޭގައި ޚަރަދެއް ހިނގާފައިވަނީ ޖުމުލަ އާމްދަނީ ހޯދުމަށް އެކަނި ކަމަށް ނުވާނަމަ، އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އެ ޚަރަދު އުނިކުރެވޭނީ އެ ފަރާތެއްގެ ޖުމުލަ އާމްދަނީ ހޯދުމަށް އެ ޚަރަދު ހިނގި ނިސްބަތުންނެވެ.

ކޮންމެ ޚަރަދެއްވެސް އުނިކުރެވޭނީ އެ ޚަރަދެއް ހިނގައިފައިވާ މިންވަރަކަށް އެންމެ ފަހަރަކުއެވެ.

ބައެއް ޚަރަދުތައް އުނިކުރުމަށް ހާއްސަ އުސޫލުތަކެއްވެއެވެ.

ހެޑްއޮފީސް ޚަރަދު: ހެޑް އޮފީސް ޚަރަދުގެ ގޮތުގައި އެއްވެސް ހިސާބުކުރާ މުއްދަތެއްގައި އުނިކުރެވޭނީ އެ ދާއިމީ މަރުކަޒުން އާންމުކޮށްކުރާ ވިޔަފާރިން އެ މުއްދަތުގައި ލިބުނު ޖުމުލަ އާމްދަނީގެ ގިނަވެގެން %3 އެވެ.

ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް ދައްކައިފައިވާ އާމްދަނީ: ދާއިމީ މަރުކަޒަކުން އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރާއިރު، އެ ފަރާތަކަށް ލިބިފައިވާ ވިތުހޯލްޑިންގ ޓެކްސް އުނިކޮށްފައިވާ އާމްދަނީ އުނިކުރަން އިޚްތިޔާރު ކުރެވިދާނެއެވެ. އެ ގޮތަށް އިޚްތިޔާރުކޮށްފިނަމަ، އެ އާމްދަނީ ހޯދުމަށް ހިނގި އެއްވެސް ޚަރަދެއް އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރާއިރު އުންޏެއް ނުކުރެވޭނެއެވެ.

ދާއިމި މަރުކަޒާއި ދާއިމީ މަރުކަޒުގެ ހެޑް އޮފީހަކީ ޓެކުހުގެ ބޭނުމަށް ވަކި ދެ ފަރާތެވެ. އަދި މި ދެފަރާތުގެ ދެމެދުގައި ހިނގާ ވިޔަފާރީގެ މުއާމަލާތްތައް ކުރިއަށްގެންދަންވާނީ އާމްސް ލެންތު އުސޫލާއެއްގޮތަށެވެ.

ޓެކްސް ރޭޓުތައް

ދާއިމީ މަރުކަޒުތަކުގެ ޓެކްސް ރޭޓު ބިނާވާނީ އެ ދާއިމީ މަރުކަޒުގެ ބާވަތުގެ މައްޗަށެވެ.

ފަރުދެއްނަމަ ޓެކްސް ދައްކާނީ އަންނަނިވި ރޭޓުތަކުގައެވެ.

ހިސާބުކުރާ މުއްދަތެއްގެ ތެރޭގައި ލިބޭ ޓެކްސް ބިނާކުރެވޭ އާމްދަނީގެ ބްރެކެޓު (އަހަރަކަށް) ޓެކްސް ރޭޓު
720,000 ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ 0%
720,000 ރުފިޔާއަށްވުރެ ބޮޑު، ނަމަވެސް 1,200,000 ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ 5.5%
1,200,000 ރުފިޔާއަށްވުރެ ބޮޑު، ނަމަވެސް 1,800,000 ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ 12%
1,800,000 ރުފިޔާއަށްވުރެ ބޮޑު، ނަމަވެސް 2,400,000 ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ 15%

ފަރުދުންނާއި ބޭންކުތައް ފިޔަވައި އެހެނިހެން ފަރާތްތަކުން ޓެކްސް ދައްކާނީ އަންނަނިވި ރޭޓުތަކުގައެވެ.

ހިސާބުކުރާ މުއްދަތެއްގެ ތެރޭގައި ލިބޭ ޓެކްސް ބިނާކުރެވޭ އާމްދަނީގެ ބްރެކެޓު (އަހަރަކަށް) ޓެކްސް ރޭޓު
500,000 ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ 0%
500,000 ރުފިޔާ އަށްވުރެ ބޮޑު 5.5%

ބޭންކުތަކުން ޓެކްސް ދައްކާނީ ޓެކްސް ބިނާކުރެވޭ އާމްދަނީގެ 25% ރޭޓުގައެވެ.

ދާއިމީ މަރުކަޒު އިންކަމް ޓެކުހަށް ރަޖިސްޓަރީކުރަން ޖެހޭނެތަ؟

ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ދާއިމީ މަރުކަޒުތައް އިންކަމް ޓެކުހަށް ރަޖިސްޓަރީކުރަން ޖެހޭނެއެވެ.

ދާއިމީ މަރުކަޒުން އިންކަމް ޓެކްސް ބަޔާން ހުށަހަޅަން ޖެހޭނެތަ؟

ދާއިމީ މަރުކަޒެއް މެދުވެރިކޮށް ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ހުރިހައި ފަރާތަކުން އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭނެއެވެ.

އިންކަމް ޓެކްސް ބަޔާން ހުށަހަޅާނީ ކިހިނެތް؟

އިންކަމް ޓެކްސް ބަޔާން މީރާކަނެކްޓް މެދުވެރިކޮށް އޮންލައިންކޮށް ހުށަހެޅޭނެއެވެ. މީރާކަނެކްޓް މެދުވެރިކޮށް ބަޔާން ހުށަހެޅުމަށް މި ތަނަށް ކްލިކްކޮށްލާށެވެ.

ތިޔަ ފަރާތުން އިންކަމް ޓެކްސް ބަޔާން ހުށަހަޅަންވާނީ މީރާކަނެކްޓް މެދުވެރިކޮށް އޮންލައިންކޮށެވެ.

އިންކަމް ޓެކްސް ބަޔާން ހުށަހެޅުމަށް އެހީތެރިކަން ބޭނުންތަ؟ މި ތަނަށް ކްލިކްކޮށްލާ!

ފައިސާ ދެއްކުން

އަހަރެއްގެ މައްޗަށް ތިޔަ ފަރާތަށް ލިބޭ ޖުމުލަ އާމްދަނީ 20 މިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ އިތުރުނަމަ، ތިޔަ ފަރާތުން އިންކަމް ޓެކްސް ދައްކަން ޖެހޭނީ އޮންލައިންކޮށް މީރާކަނެކްޓް މެދުވެރިކޮށެވެ. މީރާކަނެކްޓް މެދުވެރިކޮށް ފައިސާ ދެއްކުމަށް މި ލިންކަށް ކްލިކް ކޮށްލާށެވެ.

އަހަރެއްގެ މައްޗަށް ތިޔަ ފަރާތަށް ލިބޭ ޖުމުލަ އާމްދަނީ 20 މިލިއަން ރުފިޔާއަށްވުރެ އިތުރުނުވާނަމަ، ތިޔަ ފަރާތުން ބޭނުންވަނީނަމަ، މީރާގެ އޮފީހަކަށް ނުވަތަ ކަލެކްޝަން ސެންޓަރަކަށް އައިސް އިންކަމް ޓެކްސް ދެއްކިދާނެއެވެ.

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ