ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކުހަކީ، ޤާނޫނުގެ 55 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބާވަތުގެ ފައިސާއެއް ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް ލިބޭނަމަ، އެ ފައިސާއިން ދިވެހިރާއްޖޭގައި ޓެކްސް ދެއްކުމަށް އޮންނަ އުސޫލެކެވެ. ޓެކުހަށްވާ އަދަދު އުނިކޮށް އެ އަދަދު މީރާއަށް ދެކުމުގެ އިލްތިޒާމް ޤާނޫނުން މަތިކޮށްފައިވަނީ ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތާއެވެ.
ތިރީގައިވާ ތާވަލުގައި އެ ވަނީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ ބާވަތުގެ އާމްދަނީއާއި އެ އާމްދަނީން ޓެކްސް އުނިކުރަންޖެހޭ ރެޓުތަކެވެ.
| # | ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަށް ލިބޭ އާމްދަނީގެ ބާވަތް | ޓެކްސް ރޭޓް |
| 1 | ދިވެހިރާއްޖޭގައި ހުރި ނުއުފުލޭ މުދަލަކުން ލިބޭ ކުލި | 10% |
| 2 | ރޯޔަލްޓީ | 10% |
| 3 | އިންޓްރެސްޓް (މީރާއިން ޤަބޫލުކުރާ ބޭންކަކަށް ނުވަތަ ބޭންކު-ނޫން މާލީ އިދާރާއަކަށް ނޫން ފަރާތަކަށް ލިބޭ) | 10% |
| 4 | ޑިވިޑެންޑް | 10% |
| 5 | ޓެކްނިކަލް ސަރވިސް ފީ | 10% |
| 6 | ދިވެހިރާއްޖޭގައި ފޯރުކޮށްދޭ ޚިދުމަތަކަށް ލިބޭ ކަމިޝަން | 10% |
| 7 | ދިވެހިރާއްޖޭގައި މުނިފޫހިފިލުވައިދޭ މީހުންގެ ހަރަކާތްތަކަށް ލިބޭ އާމްދަނީ | 10% |
| 8 | ދިވެހިރާއްޖޭގައި ދިރާސާކުރުމާއި ތަރައްގީކުރުމަށް (ރިސަރޗް އެންޑް ޑިވެލޮޕްމަންޓަށް) ލިބޭ އާމްދަނީ | 10% |
| 9 | އިންޝުއަރެންސް ޕްރީމިއަމް | 10% |
| 10 | ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރަކަށް ލިބޭ އާމްދަނީ | 5% |
ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް ދިވެހިރާއްޖެއިން ލިބޭ އާމްދަނީން ވިތުހޯލްޑިންގ ޓެކްސް ދައްކާފައިވާނަމަ، އަދި އެ އާމްދަނީ ލިބިފައިވަނީ ދިވެހިރާއްޖޭގައި ހުރި އެ ފަރާތުގެ ދާއިމީ މަރުކަޒެއްގެ އާމްދަނީއެއްގެ ގޮތުގައި ނޫންނަމަ، ނުވަތަ ޤާނޫނުގައިވާ ގޮތުގެ މަތިން އިންކަމް ޓެކްސް ބަޔާން ހުށަހެޅުމުގެ ފުރުސަތު އެ ފަރާތަށް ނެތްނަމަ، އެ ގޮތުން ދައްކައިފައިވާ ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކުހުގެ އަދަދަކީ އެ އާމްދަނީން ދައްކަންޖެހޭ ފައިނަލް ޓެކުހުގެ އަދަދެވެ.
ދިވެހިރާއްޖޭގައި ދައިމީ މަރުކަޒެއް ނެތް ކަމުގައިވިޔަސް އަންނަނިވި ފަރާތްތަކަށް، އިންކަމް ޓެކްސް ބަޔާން ހުށަހަޅަން އިޚްތިޔާރު ކުރެވިދާނެއެވެ.
ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން (ނޮން-ރެސިޑެންޓް ވިތުހޯލްޑިންގ ޓެކްސް ބަޔާން) (MIRA 602) ހުށަހަޅައި ޓެކްސް މީރާއަށް ދައްކާނީ ވަޒަންވެރިވެފައިނުވާ ފަރާތަށް ފައިސާ ދައްކާ (ދިވެހިރާއްޖޭގައި ވިޔަފާރިކުރާ) ފަރާތުންނެވެ. މި ބަޔާން ހުށަހަޅާނީ ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ ބާވަތުގެ ފައިސާއެއް އެ މަހެއްގައި ދައްކައިފައިވާނަމަ ނުވަތަ ދައްކަންޖެހޭނަމައެވެ. ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތަކުން ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން ހުށަހަޅައި ޓެކްސް މީރާއަށް ދެއްކުމުގެ ސުންގަޑިއަކީ ވިދިގެން އަންނަ މަހުގެ 15 ވަނަ ދުވަހެވެ. މި ބަޔާނާއެކު އިތުރު ލިޔެކިޔުމެއް ހުށަހަޅާކަށް ނުޖެހޭނެއެވެ. އެހެންނަމަވެސް، ނޮން-ރެސިޑެންޓް ވިތުހޯލްޑިންގ ޓެކްސް ދައްކަން ނުޖެހުނު ނަމަވެސް، ޓްރިޓީއެއްގެ ދަށުން ނުވަތަ ޤާނޫނުގެ 12 ވަނަ މާއްދާގެ (އ) ގެ ދަށުން ހެދޭ އެއްބަސްވުމެއްގެ ދަށުން ނުވަތަ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކުހުން އިސްތިސްނާކުރެވިފައިވާ ބާވަތުގެ ފައިސާއެއް ދައްކާނަމަ، ކަމާ ގުޅުންހުރި ލިޔެކިޔުންތައް ބަލަހައްޓަންވާނެއެވެ. ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން ހުށަހަޅަންޖެހޭނީ މީރާކަނެކްޓް މެދުވެރިކޮށް އޮންލައިންކޮށެވެ. ފައިސާ ދައްކަންޖެހޭނީ މީރާކަނެކްޓް ނުވަތަ އެމް.އާރު.ޓީ.ޖީ.އެސް (މޯލްޑިވްސް ރިއަލް ޓައިމް ގްރޮސް ސެޓްލްމަންޓް) މެދުވެރިކޮށެވެ.
ތިޔަ ފަރާތުގެ ފަންކްޝަނަލް ކަރަންސީއަކީ ރުފިޔާ ކަމުގައިވާނަމަ، ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން ތައްޔާރުކުރަންޖެހޭނީ ރުފިޔާއިންނެވެ. އަދި ރުފިޔާ ނުވަތަ އެމެރިކާ ޑޮލަރުން ވިތުހޯލްޑިންގ ޓެކްސް ދެއްކުމަށް އިޙްތިޔާރު ކުރެވިދާނެއެވެ.
ތިޔަ ފަރާތުގެ ފަންކްޝަނަލް ކަރަންސީއަކީ ރުފިޔާ ފިޔަވައި އެހެން ކަރަންސީއެއްނަމަ، ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން ތައްޔާރުކުރަންޖެހޭނީ އެމެރިކާ ޑޮލަރުންނެވެ. އަދި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް ދައްކަންޖެހޭނީ ވެސް އެމެރިކާ ޑޮލަރުންނެވެ.
ބަޔާން ހުށަހެޅުމަށް ނުވަތަ ފައިސާ ދެއްކުމަށް މީރާ ކަނެކްޓް ބޭނުންކުރާށެވެ.
ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް ބަޔާން ހުށަހެޅި ފަރާތަށް، މީރާކަނެކްޓް މެދުވެރިކޮށް ވިތުހޯލްޑިންގ ޓެކްސް ސެޓްފިކެޓް ޑައުންލޯޑް ކުރެވޭނެއެވެ.
ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަށް އެ ފަރާތަށް ފައިސާ ދެއްކި ފަރާތުގެ ކިބައިން މި ސެޓްފިކެޓަށް އެދެވޭނެއެވެ. މި ގޮތުން ސެޓްފިކެޓް ނިސްބަތްވާ ޓެކްސް އަހަރާ ޖެހިގެން އަންނަ ޓެކްސް އަހަރުގެ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ކުރިން، ވިތުހޯލްޑިންގ ޓެކްސް ނެގުނު ފައިސާ ލިބެންޖެހޭ ފަރާތަކުން އެދިއްޖެނަމަ، އެ ސެޓްފިކެޓް އެ ފަރާތަށް ފޮނުވަންވާނެއެވެ.
ވިތުހޯލްޑިންގ ޓެކްސް އުނިކުރި ފަރާތުން ވިތުހޯލްޑިންގ ޓެކްސް ސެޓްފިކެޓް ފޯރުވައިދިނުމަށް އިންކާރުކޮށްފިނަމަ، އެ ފަރާތުގެ ކިބައިން ސެޓްފިކެޓަށް އެދުމުންވެސް އެ ސެޓްފިކެޓް ލިބިފައިނުވާކަމުގެ ދަލީލާއެކު މިރާއަށް ހުށަހެޅުމުން، އެ ސެޓްފިކެޓް ވިތުހޯލްޑިންގ ޓެކްސް ދައްކާ ފަރާތަށް މީރާއިން ދޫކުރާނެއެވެ. މި ގޮތަށް އެދި ހުށަހަޅާނީ [email protected] އަށް އީމެއިލް މެދުވެރިކޮށެވެ.