ޕްލާސްޓިކް ކޮތަޅުގެ ފީ
ޕްލާސްޓިކް ކޮތަޅުގެ ފީއަކީ ދިވެހިރާއްޖޭގައި ހިންގާ ވިޔަފާރި ޙަރަކާތްތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅުން ކުނި މެނޭޖުކުރުމުގެ ޤާނޫނުގެ ދަށުން ނަގަންޖެހޭ ފީއެކެވެ. މި ފީ ނަގަން ފަށަންޖެހެނީ 18 އެޕްރީލް 2023 އިން ފެށިގެންނެވެ. އަދި ފީ ގެ ގޮތުގައި ނަގަންޖެހެނީ ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް -/2 (ދޭއް) ރުފިޔާއެވެ. ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ވިޔަފާރި ހަރަކާތްތަކުން ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ނަގާ އަދަދަކީ ދައުލަތަށް ނެގޭ ޓެކުހެކެވެ. އަދި އެ ފަރާތްތަކުން ނަގާ ޕްލާސްޓިކް ކޮތަޅުގެ ފީގެ ޖުމްލަ އަދަދު ޓެކްސްގެ ގޮތުގައި މީރާއަށް ހަމައަށް ދައްކަންވާނެއެވެ.
ކުނި މެނޭޖުކުރުމުގެ ޤާނޫނުގައި "ޕްލާސްޓިކް ކޮތަޅު" މާނަކޮށްފައިވަނީ މުދާ އުފުލުމަށް ބޭނުންކުރާ، ޕްލާސްޓިކުން (އޮކްސޯޑިގްރޭޑަބަލް އަދި ސިންތަޓިކް ޕޮލިމަރއިން އުފައްދާފައިވާ، އަމިއްލަ ޒާތުގައި ނެތިފަނާވާ ޑިގްރޭޑަބަލް ޕްލާސްޓިކް ވެސް ހިމެނޭގޮތަށް) ހަދާފައި ހުންނަ ކޮތަޅަށެވެ.
ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ނަގާފައިވާ ޕްލާސްޓިކް ކޮތަޅުގެ ފީގެ އަދަދާގުޅޭ މައުލޫމާތު އެ ފަރާތުގެ ޖީ.އެސް.ޓީ ބަޔާނުގައި ހިމަނަންޖެހޭނެއެވެ. މިގޮތުން ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ނަގާފައިވާ އަދަދުގެ މައުލޫމާތު މީރާއަށް ހުށަހަޅައި ފައިސާ ދައްކަންޖެހޭ ސުންގަޑިއަކީ އެ ފަރާތެއްގެ ޖީ.އެސް.ޓީ ބަޔާން ހުށަހަޅައި ޖީ.އެސް.ޓީ ދައްކަންޖެހޭ ސުންގަޑިއެވެ. ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ނަގާފައިވާ އަދަދު މީރާއަށް ދައްކަންޖެހޭނީ ދިވެހި ރުފިޔާއިންނެވެ.
ތިރީގައި ބަޔާންކޮށްފައިވާ ޕްލާސްޓިކް ކޮތަޅުން ޕްލާސްޓިކް ކޮތަޅުގެ ފީ ނަގާކަށް ނުޖެހޭނެއެވެ.