މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަކީ ކޮބާ؟

ދައުލަތުގެ އިދާރާތަކުން އުފައްދާ ނުވަތަ ގެންގުޅޭ ނުވަތަ ބަލަހައްޓާ މައުލޫމާތު ހޯދައި ލިބިގަތުމަކީ ކޮންމެ މީހަކަށްމެ ލިބިގެންވާ ހައްގެކެވެ. 12 ޖަނަވަރީ 2014 ގައި ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް، 12 ޖުލައި 2014 ގައި ޢަމަލުކުރަން ފެށުނު ޤާނޫނު ނަންބަރު 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ ދަށުން ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ކޮންމެ މީހަކަށްމެ ލިބިދީފައިވެއެވެ. 

މީގެ ސަބަބުން ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހޯދައި އެ ތަންތަނުގެ ލިޔެކިޔުންތައް ބަލައި ދިރާސާ ކުރުމުގެ ފުރުސަތު ހުޅުވިގެންދެއެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަކީ ސަރުކާރުގެ ޓްރާންސްޕޭރެންސީ އަދި ޖަވާބުދާރީކުރުވުން އިތުރުވެގެންދާ ކަމެކެވެ. "ޓްރާންސްޕޭރެންސީ' މިއީ މީރާ ގަބޫލުކުރާ ފަސް ހަމައިގެ ތެރެއިން އެއް ހަމައަށް ވުމާއެކު މީރާގެ އަމާޒަކީ ޓެކްސް ދައްކާ ފަރާތްތަކަށް ހުޅުވާލެވިފައިވާ، ދެ ފުށް ފެންނަ މުއައްސަސާއަކަށް ވުމެވެ.

މީރާގެ ވެބްސައިޓް ފަރުމާކުރެވިފައިވަނީ އެންމެ ފަހުގެ މައުލޫމާތު އެއް ތަނަކުން ލިބޭނެފަދަ ގޮތަކަށެވެ. މީގެ އިތުރުން، މީރާގެ އަހަރީ ރިޕޯޓުގައި މީރާއަށް ބަލައިގަންނަ ދައުލަތުގެ އާމްދަނީ އާ ބެހޭ މައުލޫމާތާއި، މީރާއިން ހިންގާ އެކިއެކި ހަރަކާތްތަކާއި، އިދާރީ ހިންގުމާ ބެހޭ މައުލޫމާތުގެ އިތުރުން ވެސް ތަފާތު އެތައް މައުލޫމާތެއް ހިމެނޭނެއެވެ.

މައުލޫމާތު ހޯދުމަށް އެދި މީރާއަށް ހުށަހެޅުން

  1. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ޤާނޫނުގެ ދަށުން މައުލޫމާތަށް އެދުމަށް MIRA 907 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން މައުލޫމާތަށް އެދުން) މި ފޯމު ހުށަހަޅާށެވެ.
  2. މައުލޫމާތަށް އެދި ހުށަހަޅާ މީހަކީ ޖިސްމާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ނުވަތަ ލިޔަންކިޔަން ނުދަތުމުގެ ސަބަބުން ލިޔުމުން ހުށަހެޅުމެއް ހުށަހެޅުމަށް އުޒުރުވެރިވާ މީހަކު ކަމުގައިވާނަމަ އެ ހުށަހެޅުން މީރާގެ އިންފޮމޭޝަން އޮފިސަރަށް އަނގަބަހުން ހުށަހެޅިދާނެއެވެ.
  3. ކުރިންދެންނެވި ފަދަ އުޒުރެއް ނެތްކަމުގައިވާނަމަ، މަޢުލޫމާތު ހޯދުމަށް މީރާއާމެދު ކުރާ ކޮންމެ މުޢާމަލާތެއް ކުރަންވާނީ ލިޔުމުންނެވެ. ނުވަތަ MIRA 907 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން މައުލޫމާތަށް އެދުން) މި ފޯމު މެދުވެރިކޮށެވެ.
  4. އޮންލައިންކޮށް މައުލޫމާތު ހޯދައި ލިބިގަތުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ މަހޯލި ޕޯޓަލް މެދުވެރިކޮށްވެސް ހުށަހެޅިދާނެއެވެ 

މީރާ 907 v19.1

  ޑައުންލޯޑް:   DV EN

މަޢުލޫމާތަކަށް އެދި ހުށަހެޅުމުން މީރާއިން ޢަމަލުކުރާ ގޮތް

  1. ހޯދުމަށް އެދިފައިވާ މައުލޫމާތަކީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އިސްތިސްނާ ކުރެވިގެންވާ މައުލޫމާތަކަށްވާނަމަ، ނުވަތަ އެއްވެސް އިދާރާއަކުން އާންމު އުސޫލުން ފީއެއް ދައްކައިގެން ނުވަތަ ފީއެއް ނުދައްކާ ނަމަވެސް ބޭނުން ފަރާތަކަށް ބެލެން ހުންނަ މައުލޫމާތެއް ކަމުގައިވާނަމަ، ނުވަތަ މީރާގެ ސިޔާސަތުތަކާ އެއްގޮތަށް، އެއްވެސް ފީއެއް ނެގުމަކާ ނުލައި، އާންމު އުސޫލެއްގެ ގޮތުން މީހުންނަށް ފެންނާނެހެން ހާމަކުރެވިފައިވާ މައުލޫމާތަށްވާނަމަ، ނުވަތަ އެއީ ވަކި ޓެކްސް ދައްކާ ފަރާތަކާ ބެހޭ މައުލޫމާތު ކަމުގައިވާނަމަ، އެފަދަ ހުށަހެޅުމެއް/މައުލޫމާތެއް ދޫނުކުރުމަށް މީރާގެ އިންފޮމޭޝަން އޮފިސަރަށް ކަނޑައެޅިދާނެއެވެ.
  2. އާންމު އުސޫލެއްގެ ގޮތުން، މައުލޫމާތަކަށް އެދުމުން 21 ދުވަހުގެ ތެރޭގައި އެ މައުލޫމާތު ފޯރުކޮށްދެވޭނެއެވެ. އެހެންނަމަވެސް، ހޯދުމަށް އެދިފައިވަނީ ވަރަށް ގިނަ އަދަދެއްގެ މައުލޫމާތު ކަމުގައިވެފައި، އެކަން ކުރުމަށް ވަރަށް ގިނަ ވަގުތު އަދި ދިރާސާކުރަން ޖެހޭ ކަމަށްވާނަމަ، 21 ދުވަސް ހަމަވުމުގެ ކުރިން ގިނަވެގެން 14 ދުވަހަށް އެ މުއްދަތު އިތުރުކޮށް، މައުލޫމާތު ހޯދުމަށް އެދުނު ފަރާތަށް ލިޔުމުން މިކަން އަންގާނެއެވެ.
  3. އަދި ހޯދުމަށް އެދިފައިވާ މަޢުލޫމާތަކީ މީރާގެ އުސޫލުތަކާއެއްގޮތަށް ދޫކުރެވެން ނެތް މަޢުލޫމާތަކަށް ވާނަމަ އެކަންވެސް އެފަރާތަކަށް ލިޔުމަކުން އަންގާނެއެވެ.

ފީނެގުން

އާންމު އުސޫލެއްގެ ގޮތުން މައުލޫމާތު ފޯރުކޮށްދިނުމަށް އެއްވެސް ފީއެއް ނުނަގާނެއެވެ. އެހެންނަމަވެސް، އެދިފައިވާ މައުލޫމާތު ފޯރުކޮށްދިނުމަށް މީރާއިން ބޮޑު ޚަރަދެއް ކުރަންޖެހޭނަމަ، އެ މައުލޫމާތު ފޯރުކޮށްދިނުމަށް ފީއެއް ނެގުމަކީ އެކަށީގެންވާ ކަމެކެވެ. މައުލޫމާތު ފޯރުކޮށްދިނުމަށް ފީއެއް ނަގާނަމަ، މައުލޫމާތު ފޯރުކޮށްދިނުމުގެ ކުރިން މައުލޫމާތު ހޯދުމަށް އެދުނު ފަރާތަށް އެ ކަން އެންގޭނެއެވެ.

އިސްތިއުނާފު ކުރުން

އިންފޮމޭޝަން އޮފިސަރުގެ ނިންމުމާމެދު ހިތްހަމަނުޖެހޭ ފަރާތްތަކުން އެކަމުގެ ޝަކުވާ 30 ދުވަހުގެ ތެރޭގައި މީރާގެ މުރާޖަޢާ ކޮމިޓީއަށް ހުށަހެޅިދާނެއެވެ. މިފަދަ ޝަކުވާތައް 30 ދުވަހުގެ ތެރޭގައި މުރާޖަޢާ ކޮމިޓީން ބަލައި ނިންމަންވާނެއެވެ.

 

 

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ