2011 ވަނަ އަހަރު ދިވެހިރާއްޖެއަށް ތައާރަފުކުރެވުނު ޒަމާނީ ޓެކުހުގެ ނިޒާމު ހިންގުމުގެ ޒިންމާ ހަވާލުކުރެވިފައިވާ އިދާރާގެ ގޮތުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އުފައްދާފައި ވަނީ 2010 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. މީރާގެ ޅަފަތުގެ އަހަރުތަކުގެ މަސައްކަތްތައް އަމާޒުކުރެވިފައިވަނީ އަލަށް ތައާރަފުކުރެވުނު އެކިއެކި ޓެކްސްތައް ކާމިޔާބުކަމާއެކު ތަންފީޒުކުރުމަށެވެ. އެ ދުވަސްވަރު ތައާރަފުކުރެވުނު ޓެކްސްތަކުގެ ތެރޭގައި ހިމެނެނީ ޓޫރިސްޓް ޚިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޚިދުމަތުގެ އަގުން ނެގޭ ޓެކުހާއި، ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކުހާއި، މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސްއެވެ. މި މުއްދަތުގައި މީރާއިން ވަނީ އިތުބާރު ހިފޭ މުއައްސަސާއެއް ބިނާކުރުމުގެ އިތުރުން ހަރުދަނާ ހިންގުމުގެ އޮނިގަނޑެއް ވެސް ޤާއިމްކޮށްފައެވެ.
މީރާގެ ފުރަތަމަ ސްޓްރެޓީޖިކް ޕްލޭން އެކުލަވައިލައިފައިވަނީ 2015 ވަނަ އަހަރުއެވެ. މި ސްޓްރެޓީޖިކް ޕްލޭނުގައި، ޖުމުލަ 6 ޕްރޮގްރާމެއްގެ ތެރެއިން، 2015 އިން 2019 އަށް މީރާއިން އެންމެ އިސްކަންދޭނެ ކަންތައްތައް ކުރު ގޮތަކަށް ބަޔާންކޮށްފައިވާނެއެވެ. މި ޕްލޭން ނިސްބަތްވާ މުއްދަތު ނިމިގެންދިޔައިރު މި ޕްލޭންގައިވާ ގިނަ ކަންތައްތައް މީރާއިން ކާމިޔާބުކަމާއެކު ހާސިލުކޮށްފައިވެއެވެ. މީރާގެ ދެވަނަ ސްޓްރެޓަޖިކް ޕްލޭން 2020 ވަނަ އަހަރު އެކުލަވާލައިފައި ވީނަމަވެސް، ކޮވިޑް-19 އާ ގުޅިގެން މީރާއިން އިސްކަންދޭ ލަނޑުދަނޑިތަކަށް ބަދަލު ގެނެސް، އިސްލާހުކޮށްފައިވާ ސްޓްރެޓިޖިކް ޕްލޭން 2022 ވަނަ އަހަރު އަލުން ޝާޢިއުކޮށްފައިވާނެއެވެ.
ޤައުމީ ޚިދުމަތުގައި 15 ވަނަ އަހަރަށް މީރާއިން ކުރިމަތިލާއިރު، ކުރިއަށް އޮތްތަނުގައި އިތުރަށް ކުރިއެރުމަށާއި ބަދަލުތަކާއެއްގޮތަށް އެޑަޕްޓްވުމަށްޓަކައި މީރާއިން ތިންވަނަ ސްޓްރެޓިޖިކް ޕްލޭން ވަނީ އެކުލަވާލައިފައެވެ. މިކަހަލަ ކުރިއެރުމަކާ ހަމައަށް މީރާ ދަތުރުކުރާއިރު، ކުރިއަށް އޮތް 4 އަހަރުގެ ސްޓްރެޓީޖިކް ޕްލޭން ރީވެމްޕްކޮށް، ޓެކްސްދައްކާ ފަރާތްތަކަށް ފެސިލިޓޭޓް ކޮށްދޭ މުއައްސަސާއަކަށް ވުމަށް މީރާއިން ބޮޑެތި މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. ކުރިއަށް އޮތް 4 އަހަރަށް އެކުލަވާލައިފައިވާ ސްޓްރެޓީޖިކް ޕްލޭނުގައި ފާހަގަކޮށްލެވޭ އެއްކަމަކީ އޮބްޖެކްޓިވްސް އަދި ކީ ރިސަލްޓްސް (އޯ.ކޭ.އާރް) އެޕްރޯޗް ބޭނުންކޮށްގެން ސްޓްރެޓީޖިކް ލަނޑުދަނޑިތައް އެކުލަވާލައިފައިވާކަމެވެ. މި އެޕްރޯޗް ބޭނުންކުރުމުގެ ސަބަބުން ސްޓްރެޓިޖިކް ލަނޑުދަނޑިތައް މޮނިޓަރކުރުމުގެ ތެރެއިން ޕަރފޯމަންސް ރަނގަޅުކުރުމާއި، ކުރިއަރުވަން ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، ޓްރެކްކުރުމާއި ރީއިވެލުއޭޓްކުރުމަށް ފަސޭހަވެގެން ދާނެއެވެ.
މިއީ މުވައްޒަފުންގެ ޚިޔާލާއި ވިސްނުން ބޭނުންކޮށް އިންކްލޫސިވް އެޕްރޯޗެއްގެ ދަށުން އެކުލަވާލައިފައިވާ ޕްލޭނަކަށް ވުމުން މި ޕްލޭން ކުރިއެރުވުމަށްޓަކައި މަސައްކަތްކޮށް އަދި ޕްލޭންގެ އޯނަރޝިޕް ނެގުމަށް ފަސޭހަވެގެންދާނެއެވެ. މި ޕްލޭންއަކީ އިތުބާރުކުރެވޭ އަދި ޖަވާބުދާރީވެވޭނެ މަގެއް ހިމަނާފައިވާ ޕްލޭނަކަށް ވުމުން އާންމުން މީރާއާ މެދު ދެކޭގޮތް "ތަންފީޒީ" އިދާރާއަކުން "ފެސިލިޓޭޓީވް" އިދާރާއަކަށް ބަދަލުކުރުމަށް މަގުފަހިވެގެން ދާނެއެވެ. އަދި "ގުޅިގެން މީރާ" ކުރިއަރުވައި އަޅުގަނޑުމެންގެ މައިގަނޑު މަޤްސަދުކަމަށްވާ "ހަމަހަމަ އަދި އިންސާފުވެރި ޓެކުހުގެ ނިޒާމެއް ޤާއިމުކޮށް ދިވެހިރައްޔިތުންގެ ދިރިއުޅުން އިތުރަށް ފުރިހަމަކުރުން" ހާސިލުކުރުމަށް އެހީވެގެން ދާނެއެވެ.
ސްޓްރެޓީޖިކް ޕްލޭން (2015 – 2019)
ސްޓްރެޓީޖިކް ޕްލޭން (2020 – 2024)