މީރާއިން ލައިސަންްސް ދީފައިވާ ޓެކްސް އޭޖެންޓުން

ޓެކްސް އޭޖެންޓުންނަކީ ޓެކްސް ދައްކާ ފަރާތްތަކަށް އާންމުކޮށް ހުޅުވައިލައިގެން ޓެކްސް އޭޖެންޓުގެ ޚިދުމަތްދިނުމަށްޓަކައި މީރާއިން ޓެކްސް އޭޖެންޓުކަމުގެ ލައިސަންސް ދީފައިވާ ފަރާތްތަކެވެ. ޓެކްސް އޭޖެންޓުންގެ ގަވާއިދު ބެލުމަށް މިތަނަށް ކްލިކްކޮށްލާށެވެ.

ޓެކްސް އޭޖެންޓުންގެ މަސައްކަތުގެ އިޚްތިޞާޞް

  • ޓެކްސް ދައްކާ ފަރާތުން ދައްކަންޖެހޭ ޓެކުހުގެ އަދަދު ހިސާބުކުރުން
  • ޓެކްސް ދައްކާ ފަރާތުން ހުށަހަޅަންޖެހޭ ޓެކްސް ބަޔާންތައް ތައްޔާރުކުރުން
  • ޓެކްސް ދައްކާ ފަރާތުން މީރާއަށް ހުށަހަޅަންޖެހޭ އެހެނިހެން އެންގުންތަކާއި ސްޓޭޓްމަންޓްތައް ތައްޔާރުކުރުމާއި، އެ ފަރާތުން ދައްކަންޖެހޭ ޓެކުހުގެ އަދަދާ ގުޅިގެން ނުވަތަ އެ ފަރާތުގެ ޤާނޫނީ ޒިންމާތަކާ ނުވަތަ ހައްގުތަކާ ގުޅިގެން މީރާއަށް ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް ތައްޔާރުކުރުން
  • މީރާއިން ނިންމި ނިންމުމަކާމެދު ޓެކްސް ދައްކާ ފަރާތުން އިއުތިރާޒުކުރަން ބޭނުންވާނަމަ، އެ ކަމާ ގުޅޭ ލިޔެކިޔުންތައް ތައްޔާރުކުރުން
  • ޓެކުހުގެ ބޭނުމަށް، ޓެކްސް ދައްކާ ފަރާތުގެ މާލީ ހިސާބުތައް ތައްޔާރުކޮށްދިނުން
  • ޓެކްސް ދައްކާ ފަރާތާ ގުޅޭ ކަންކަމުގައި އެ ފަރާތުގެ ބަދަލުގައި މީރާއާ މުޢާމަލާތްކުރުން

ޓެކްސް އޭޖެންޓެއް އައްޔަންކުރި ކަމުގައިވިޔަސް ޓެކްސް ދެއްކުމާއި ޓެކުހާ ގުޅިގެން އަދާކުރަންޖެހޭ އެންމެހައި އިލްތިޒާމްތައް އަދާކުރުމުގައި ޒިންމާވާނެ ފަރާތަކީ ޓެކްސް ދއްކާ ފަރާތުގެ ގޮތުގައި މީރާގައި ރަޖިސްޓަރީވެފައިވާ ފަރާތެވެ.

ޓެކްސް އޭޖެންޓުކަމުގެ ކެޓަގަރީތައް

ޓެކްސް އޭޖެންޓުންނަށް ދޭ ހުއްދަ ބެހެނީ ދެ ކެޓަގަރީއަކަށެވެ. ކެޓަގަރީ 1 އަދި ކެޓަގަރީ 2 ގެ ޓެކްސް އޭޖެންޓުންގެ ޝަރުތުތައް ތިރީގައި މި ވަނީއެވެ. ޓެކްސް އޭޖެންޓަކީ ޓެކްސް ދައްކާ ފަރާތުގެ މުވައްޒަފެއްކަމުގައި ވެގެން ނުވާނެއެވެ.

ކެޓަގަރީ 1

  • ކެޓަގަރީ 1 ގެ ޓެކްސް އޭޖެންޓުންނަށް، ޓެކްސް ދައްކާ ފަރާތްތަކުގެ ތެރެއިން ކޮންމެ ފަރާތަކަށް ވެސް ޓެކްސް އޭޖެންޓުކަމުގެ ޚިދުމަތް ދެވިދާނެ
  • އެކައުންޓަންސީ ދާއިރާއިން ނުވަތަ އޮޑިޓިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ލެވެލްއަކަށް ފެތޭ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ މީރާއިން ގަބޫލުކުރާ ޕްރޮފެޝަނަލް އެކައުންޓަންސީ ބޮޑީއެއްގެ ފުލީ ކޮލިފައިޑް މެންބަރަކަށް ވުން
  • ކެޓަގަރީ 1 ގެ ޓެކްސް އޭޖެންޓުކަމުގެ ފެންވަރު ހުރިތޯ ބެލުމަށް މީރާއިން ދޭ އިމްތިޙާނަކުން ފާސްވުން (85%)
  • ދިވެހި ރައްޔިތެއް ކަމުގައި ވުން

ކެޓަގަރީ 2

  • ކެޓަގަރީ 2 ގެ ޓެކްސް އޭޖެންޓުންނަށް، ޓެކްސް އޭޖެންޓުކަމުގެ ޚިދުމަތް ދެވޭނީ އެ ފަރާތަކަށް އަހަރެއްގެ ތެރޭގައި ލިބޭ ޖުމުލަ އާމްދަނީ 10,000,000 ރުފިޔާ އަށްވުރެ އިތުރުނުވާ ޓެކްސް ދައްކާ ފަރާތްތަކަށް
  • އެކައުންޓަންސީ، އޮޑިޓިންގ، ފައިނޭންސް، އިކޮނޮމިކްސް، ބިޒްނަސް ނުވަތަ ޤާނޫނީ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ލެވެލްއަކަށް ފެތޭ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ މީރާއިން ގަބޫލުކުރާ ޕްރޮފެޝަނަލް އެކައުންޓަންސީ ބޮޑީއެއްގެ އެފިލިއޭޓް ނުވަތަ ފުލީ ކޮލިފައިޑް މެންބަރަކަށް ވުން
  • ކެޓަގަރީ 2 ގެ ޓެކްސް އޭޖެންޓުކަމަށް ކުރިމަތިލާ ފަރާތްތަކަށް މީރާއިން ހިންގާ ކޯސް ފުރިހަމަކޮށްފައިވުން
  • ކެޓަގަރީ 2 ގެ ޓެކްސް އޭޖެންޓުކަމުގެ ފެންވަރު ހުރިތޯ ބެލުމަށް މީރާއިން ދޭ އިމްތިޙާނަކުން ފާސްވުން (75%)
  • ދިވެހިރައްޔިތެއްކަމުގައިވުން
©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ