ޓޫރިޒަމް ލޭންޑް ރެންޓް

ޓޫރިޒަމް ލޭންޑް ރެންޓް ދައްކަނީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް 2 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 20/2010) ގެ ދަށުންނެވެ. ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ދައްކަންޖެހޭ އަދަދު ބިނާވަނީ އެ ރަށެއްގެ ނުވަތަ ޓޫރިސްޓް ޚިދުމަތްދޭ ތަންތަން ތަރައްޤީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ބިންބިމުގެ ލޭންޑް އޭރިއާއަށް ބަލާފައެވެ.

ރަޖިސްޓަރީކުރުން

މިނިސްޓްރީ އޮފް ޓޫރިޒަމާ އެކު އެގްރީމަންޓުގައި ސޮއި ކުރުމަށްފަހު ޓޫރިސްޓް ޚިދުމަތްދޭ ތަންތަނުގެ ތެރެއިން ޓޫރިޒަމް ލޭންޑް ރެންޓް ދައްކަންޖެހޭ ހުރިހާ ތަނެއް މީރާގައި ރަޖިސްޓަރީ ކުރެވޭނެއެވެ. 

ފައިސާ ދެއްކުން

ޓޫރިޒަމް ލޭންޑް ރެންޓް އޮންލައިންކޮށް މީރާކަނެކްޓް މެދުވެރިކޮށް ނުވަތަ މީރާ ކައުންޓަރަށް ދެއްކިދާނެއެވެ. ޓޫރިޒަމް ލޭންޑް ރެންޓް ދައްކަން ޖެހޭނީ އެމެރިކާ ޑޮލަރުންނެވެ. އެއްވެސް އަދަދެއް 5,000 އެމެރިކާ ޑޮލަރު ނުވަތަ 100,000 ދިވެހި ރުފިޔާއަށް ވުރެ އިތުރު ވާ ކަމުގައިވާނަމަ، ކައުންޓަރުން ބަލައެއް ނުގަންނާނެއެވެ. މި ބާވަތުގެ އަދަދުތައް އޮންލައިންކޮށް ނުވަތަ މޯލްޑިވްސް ރިއަލް ޓައިމް ގްރޮސް ސެޓްލްމަންޓް (އެމް.އާރ.ޓީޖީ.އެސް) މެދުވެރިކޮށް ދެއްކިދާނެއެވެ.  

ސުންގަޑިތައް

ކޮންމެ ކުއާޓަރެއްގެ ކުލި، އެ ކުއާޓަރެއް ފެށުމުގެ ކުރިން ދައްކަންޖެހޭނެއެވެ. ކުއާޓަރުތައް ހަމަޖެހިފައިވާ ގޮތަކީ ޖަނަވަރީން މާރިޗަށް، އެޕްރީލުން ޖޫންއަށް، ޖުލައިން ސެޕްޓެންބަރަށް އަދި އޮކްޓޫބަރުން ޑިސެންބަރަށް، މި ހަތަރު ކުއާޓަރެވެ.

ޖޫރިމަނާ އަދި އަދަބު

ކުއާޓަރު ފެށުމުގެ ކުރިން ޓޫރިޒަމް ލޭންޑް ރެންޓް ނުދައްކައިފިނަމަ، 28 ޖުލައި 2019 ގެ ނިޔަލަށް، ކުލި ނުދައްކާ ފާއިތުވާ ކޮންމެ ދުަވަހަކަށް ނުދައްކާ އޮތް އަދަދުގެ 0.5% ގެ ރޭޓުން ޖޫރިމަނާ އަރަމުންދާނެއެވެ. އަދި 29 ޖުލައި 2019 އިން ފެށިގެން ކުލި ނުދައްކާ ފާއިތުވާ ކޮންމެ ދުވަހަކަށް 0.0493% ގެ ރޭޓުން ޖޫރިމަނާ އަރަމުންދާނެއެވެ. 

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ