1. ބުނެވިދިޔަ ގަވާއިދުގެ 106 ވަނަ މާއްދާގެ (ނ) އާއި (ރ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
106.
(ނ) އެ ފަރާތެއްގެ ފަންކްޝަނަލް ކަރަންސީއަކީ ރުފިޔާ ފިޔަވައި އެހެން ކަރަންސީއެއް ކަމުގައި ވާ ނަމަ، އެ ފަރާތެއްގެ ޕްރެޒެންޓޭޝަން ކަރަންސީއަކީ އެމެރިކާ ޑޮލަރެވެ.
(ރ) މި މާއްދާގެ (ނ) ހިނގާނީ، ޓެކްސް އަހަރު 2024 އިން ފެށިގެންނެވެ.
2. ބުނެވިދިޔަ ގަވާއިދުގެ 106 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.
106. (1-ރ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޓެކްސް އަހަރު 2024 އަށް ހުށަހަޅަންޖެހޭ ފުރަތަމަ އިންޓެރިމް ބަޔާން ތައްޔާރުކުރުމަށް، މި މާއްދާގެ (ނ) ރައްދެއް ނުވާނެއެވެ.
3. ބުނެވިދިޔަ ގަވާއިދުގެ 107 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރުތަކެއް އިތުރުކުރުން.
107.
(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ ބަޔާން ހުށަހަޅަންޖެހޭ ފަރާތުގެ ފަންކްޝަނަލް ކަރަންސީއަކީ ރުފިޔާ ފިޔަވައި އެހެން ކަރަންސީއެއް ނަމަ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ބަޔާންތައް ތައްޔާރުކުރަންވާނީ އެމެރިކާ ޑޮލަރުންނެވެ.
(ރ) މި މާއްދާގެ (ނ) އަށް ޢަމަލުކުރާނީ 31 އޮކްޓޫބަރު 2024 ގައި ނުވަތަ އެ ތާރީޚުގެ ފަހުން ނިމޭ މުއްދަތުތަކަށް ބަޔާން ތައްޔާރުކުރުމަގައެވެ.
(ބ) މި މާއްދާގެ ބޭނުމަށް ކަރަންސީ ބަދަލުކުރަންވާނީ އިންޓަރނޭޝަނަލް އެކައުންޓިންގ ސްޓޭންޑަޑް 21 (ދަ އިފެކްޓްސް އޮފް ޗޭންޖަސް އިން ފޮރިން އެކްސްޗޭންޖް ރޭޓްސް) ގައި ބަޔާންކޮށްފައިވާ ހަމަތަކުގެ މަތީން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ޝާއިޢުކުރާ، އެ ފަދަ ބަދަލުކުރުންތައް ނިސްބަތްވާ ތާރީޚުގެ އެކްސްޗޭންޖް ރޭޓުގެ 2%± ("ޕްލަސް އޯ މައިނަސް" ދޭއް އިންސައްތަ) އަށްވުރެ ތަފާތު ބޮޑު ނޫން އެކްސްޗޭންޖް ރޭޓެއް ބޭނުންކޮށްގެންނެވެ.
4. ބުނެވިދިޔަ ގަވާއިދުގެ 108 ވަނަ މާއްދާ އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
108. ޓެކްސް ދައްކަންޖެހޭ ކަރަންސީ
(ހ) އެ ފަރާތެއްގެ ޕްރެޒެންޓޭޝަން ކަރަންސީއަކީ ރުފިޔާ ކަމުގައި ވާ ނަމަ، ޤާނޫނުގެ 41 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައްކަންޖެހޭ ޓެކްސް، މީރާއަށް ދައްކަންވާނީ އަދި އެ މާއްދާގެ (ށ) ގެ ދަށުން ދައްކަންޖެހޭ އިންޓެރިމް ޕޭމަންޓް މީރާއަށް ދައްކަންވާނީ ރުފިޔާއިން ނުވަތަ އެމެރިކާ ޑޮލަރުންނެވެ.
(ށ) އެ ފަރާތެއްގެ ޕްރެޒެންޓޭޝަން ކަރަންސީއަކީ އެމެރިކާ ޑޮލަރު ކަމުގައި ވާ ނަމަ، ޤާނޫނުގެ 41 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައްކަންޖެހޭ ޓެކްސް މީރާއަށް ދައްކަންވާނީ އަދި އެ މާއްދާގެ (ށ) ގެ ދަށުން ދައްކަންޖެހޭ އިންޓެރިމް ޕޭމަންޓް މީރާއަށް ދައްކަންވާނީ އެމެރިކާ ޑޮލަރުންނެވެ.
(ނ) މި މާއްދާގެ (ށ) ހިނގާނީ ޓެކްސް އަހަރު 2024 އިން ފެށިގެންނެވެ.
(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޓެކްސް އަހަރު 2024 އަށް ދައްކަންޖެހޭ ފުރަތަމަ އިންޓެރިމް ޕޭމަންޓް ދެއްކުމަށް މި މާއްދާގެ (ށ) ރައްދެއް ނުވާނެއެވެ.
(ބ) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް، މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އަދި ކެޕިޓަލް ގެއިންސް ވިތުހޯލްޑިންގ ޓެކްސް ދައްކަންވާނީ ރުފިޔާއިން ނުވަތަ އެމެރިކާ ޑޮލަރުންނެވެ.
(ޅ) މި މާއްދާގެ (ބ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ ޓެކްސް ދައްކަންޖެހޭ ފަރާތުގެ ފަންކްޝަނަލް ކަރަންސީއަކީ ރުފިޔާ ފިޔަވައި އެހެން ކަރަންސީއެއް ނަމަ، މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ޓެކްސްތައް މީރާއަށް ދައްކަންވާނީ އެމެރިކާ ޑޮލަރުންނެވެ.
(ކ) މި މާއްދާގެ (ޅ) އަށް ޢަމަލުކުރާނީ، 31 އޮކްޓޫބަރު 2024 ގައި ނުވަތަ އެ ތާރީޚުގެ ފަހުން ނިމޭ މުއްދަތުތަކަށް ފައިސާ ދެއްކުމުގައެވެ.
(އ) މި މާއްދާގެ (ހ) ގެ ދަށުން ނުވަތަ (ބ) ގެ ދަށުން އެމެރިކާ ޑޮލަރުން ޓެކްސް ދެއްކުމަށް އިޚްތިޔާރުކުރުމުން، އެ ފަރާތަކުން ދައްކަންޖެހޭ ޓެކުހުގެ އަދަދު ރުފިޔާއިން އެމެރިކާ ޑޮލަރަށް ބަދަލުކުރަން ޖެހިއްޖެ ނަމަ ބަދަލުކުރާނީ، 15/42 (ފަނަރަ ރުފިޔާ ސާޅީސް ދެ ލާރި) އަށް 1 (އެކެއް) އެމެރިކާ ޑޮލަރުގެ ރޭޓުންނެވެ.
5. މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.