ޤާނޫނާއި ގަވާއިދު

×

ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު (އުވައިލެވިފައި)

5/2011

ނެރުނު ތާރީޚް: 18 ޖަނަވަރީ 2011
ޑައުންލޯޑް: | އިނގިރޭސި | ދިވެހި |

1. ތަޢާރުފާއި ނަން

(ހ) މިއީ، ދިވެހިރާއްޖޭގައި ކުރާ ވިޔަފާރީގެ ފައިދާއިން ޓެކްސް ނަގާނެ އޮނިގަނޑެއް އެކުލަވާލައި، އެ އޮނިގަނޑަށް ޢަމަލުކުރުމުގައި ގެންގުޅެންޖެހޭ އުޞޫލުތައް ބަޔާންކުރާ ޤާނޫނެވެ.

(ށ) މި ޤާނޫނަށް ކިޔާނީ "ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު" އެވެ.

2. ދިވެހިރާއްޖެއިން ބޭރުން ލިބޭ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގޭ ގޮތް

(ހ) މި މާއްދާ ހިނގާނީ، ހިސާބުކުރުމުގެ މުއްދަތަކަށް ބަލާއިރު އަދި އެ ހިސާބުކުރުމުގެ މުއްދަތު ހަމަވާ ޓެކްސް އަހަރުގައި މި މާއްދާގެ (ށ) ގައިވާ ޝަރުޠުތައް ފުރިހަމަވާ، ޕާޓްނަރޝިޕްއަކަށްނުވާ ކޮންމެ ކުންފުންޏަކަށެވެ.

(ށ) ދިވެހިރާއްޖެއިން ބޭރުން ލިބޭ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގޭނީ ތިރީގައިއެވާ ޝަރުޠުތައް ފުރިހަމަވާނަމައެވެ.

(1) ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ ދަށުން، އެކުންފުނި ރަޖިސްޓަރީކުރެވިފައިވުމާއި، ދިވެހިރާއްޖެއިން ބޭރުގައި ވަޒަންވެރިވެފައިވާ ކުންފުންޏަކަށް ނުވުން؛

(2) މި މުއްދަތުގެ ތެރޭގައި އެކުންފުންޏަށް އާމްދަނީ ލިބިފައިވަނީ:

(ހ) ދިވެހިރާއްޖެއިން ބޭރުގައި މުޅިން ހިންގާފައިވާ ވިޔަފާރިއަކުން، ނުވަތަ؛

(ށ) ދިވެހިރާއްޖެއިން ބޭރުގައި ވަޒަންވެރިވެފައިވާ ފަރާތަކުން ދޫކޮށްފައިވާ ނުވަތަ ދީފައިވާ ބޮންޑް، ޙިއްޞާ، ޑިބެންޗަރ، ލޯނު ނުވަތަ އެނޫންވެސް ފައިނޭންޝަލް އިންސްޓްރޫމަންޓަކުން ނުވަތަ؛

(ނ) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތަކުން ދިވެހިރާއްޖެއިން ބޭރުގައި ހިންގާ ކެޕިޓަލް ޕްރޮޖެކްޓެއްގެ ބޭނުމަށްޓަކައި ދޫކޮށްފައިވާ ނުވަތަ ދީފައިވާ ބޮންޑް، ޙިއްޞާ، ޑިބެންޗަރ، ލޯނު ނުވަތަ އެނޫންވެސް ފައިނޭންޝަލް އިންސްޓްރޫމަންޓަކުން ނުވަތަ؛

(ރ) އެއްވެސް ބާވަތެއްގެ ލޯނަކުން، ނުވަތަ ދިވެހިރާއްޖެއިން ބޭރުގައި ވަޒަންވެރިވެފައިވާ ފަރާތަކުން ދައްކަންޖެހޭ އެއްވެސް ރޯޔަލްޓީއަކުން ނުވަތަ؛

(ބ) ދިވެހިރާއްޖެއިން ބޭރުގައި ހުރި އެއްވެސް ނުއުފުލޭ  މިލްކިއްޔާތަކުން؛ އަދި

(ޅ) އެހެން އެއްވެސް ވިޔަފާރިއެއް ހިންގަމުން ނުގެންދާ ނުވަތަ އާމްދަނީއެއް ލިބޭނެ އެހެން އެއްވެސްގޮތެއް ނެތުން.

(3) މި ޤާނޫނުގައި އެހެންގޮތަކަށް ކަނޑައެޅިފައިވާ ޙާލަތުގައި މެނުވީ، ޓެކްސް އަހަރެއްގައި ކުންފުންޏެއްގެ ޓެކްސް ނެގޭ ފައިދާއިން އެ ކުންފުންޏެއްގެ ނަމުގައި ޓެކްސް ދައްކަންޖެހޭނެއެވެ. އެކުންފުންޏެއްގެ ޓެކްސް ނެގޭނެ ފައިދާއަކަށްވާނީ، މި ޤާނޫނާ އެއްގޮތްވާގޮތަށް ހިސާބުކުރެވިގެން އަދި އެ ފައިދާއިން މި ޤާނޫނު ހުއްދަކުރާގޮތަށް މެނުވީ އެހެން އެއްވެސް ޢަދަދެއް އުނިކުރުމަކާނުލައި، އެ އަހަރެއްގައި އެ ކުންފުންޏަށް ލިބިފައިވާ ފައިދާގެ ޖުމްލަ ޢަދަދެވެ. އަދި، އެ ފައިދާ ލިބުނީ ރާއްޖެއިން ނުވަތަ ރާއްޖެއިން ބޭރުންކަމުގައި ވިޔަސް އަދި އެ ފައިދާ ރާއްޖެއަށް ލިބިފައި ނުވަތަ ފޮނުވިފައި ނުވިނަމަވެސް، އެ ފައިދާއިން ޓެކްސް ނެގޭނެއެވެ.

3. ކުންފުނިތަކުގެ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުން

(ހ) މި ޤާނޫނުގައި އެހެންގޮތަކަށް ކަނޑައެޅިފައިވާ ޙާލަތުގައި މެނުވީ، ކޮންމެ ޓެކްސް އަހަރެއްގައި، ޕާޓްނަރޝިޕްއަކަށް ނުވާ ކުންފުންޏެއްގެ އެ އަހަރެއްގެ ޓެކްސް ނެގޭ ފައިދާއިން އެ ކުންފުނީގެ ނަމުގައި ޓެކްސް ދައްކަންޖެހޭނެއެވެ.

(ށ) އެ ކުންފުންޏެއްގެ ޓެކްސް ނެގޭނެ ފައިދާއަކަށް ވާނީ، މި ޤާނޫނާ އެއްގޮތްވާގޮތަށް ހިސާބުކުރެވިގެން އަދި އެ ފައިދާއިން މި ޤާނޫނު ހުއްދަކުރާގޮތަށް މެނުވީ އެހެން އެއްވެސް ޢަދަދެއް އުނިކުރުމަކާނުލައި، އެ އަހަރެއްގައި އެ ކުންފުންޏަށް ލިބިފައިވާ ފައިދާގެ ޖުމްލަ ޢަދަދެވެ. އަދި އެ ފައިދާ ލިބުނީ ރާއްޖެއިން ނުވަތަ ރާއްޖެއިން ބޭރުންކަމުގައި ވިޔަސް އަދި އެ ފައިދާ ރާއްޖެއަށް ލިބިފައި ނުވަތަ ފޮނުވިފައި ނުވިނަމަވެސް، އެ ފައިދާއިން ޓެކްސް ނެގޭނެއެވެ.

(ނ) އެ ކުންފުންޏަކީ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ކުންފުންޏެއް ނޫންނަމަ، އެ ކުންފުނީގެ އެއްވެސް އަހަރެއްގެ ޓެކްސް ނެގޭނެ ފައިދާ ބިނާކުރާނީ އަންނަނިވި ކަންކަމަށެވެ.

(1) ދިވެހިރާއްޖޭގައި ކުއްޔަށް ދޫކޮށްފައިވާ ބިމަކުން ނުވަތަ ޢިމާރާތަކުން ކުލީގެ ގޮތުގައި އެ ކުންފުންޏަށް ލިބޭ އެންމެހައި ކުލި؛

(2) އެ ކުންފުނީގެ އެހެން އެއްވެސް ފައިދާއެއްގެ ފުރިހަމަ ޢަދަދު. އެ ޢަދަދަކީ، ދިވެހިރާއްޖޭގައި ހުރި ދާއިމީ މަރުކަޒެއްގެ ޒަރީޢާއިން އެ ކުންފުނިން ހިންގާފައިވާ ވިޔަފާރިއަކުން ނުވަތަ ވިޔަފާރިއެއްގެ ބަޔަކުން ލިބުނުކަމަށް ނިސްބަތްކުރެވޭ، މި ޤާނޫނާ އެއްގޮތްވާގޮތަށް ހިސާބުކުރެވިގެން، އަދި އެ މިންވަރުން މި ޤާނޫނު ހުއްދަކުރާގޮތަށް މެނުވީ އެހެން އެއްވެސް ޢަދަދެއް އުނިކޮށްފައިނުވާ މުޅި ޖުމްލަ ފައިދާއެވެ. އަދި،

(3) އެ އަހަރުތެރޭގައި ދިވެހިރާއްޖޭގައި ދިރިއުޅެފައިވާ މީހަކު ނުވަތަ އެ އަހަރު ތެރޭގައި އެއްވެސް ފަހަރަކު ދިވެހިރާއްޖޭގައި ދާއިމީ މަރުކަޒެއް ހިންގި މީހަކު ދައްކަންޖެހިފައިވާ މި މާއްދާގެ

(2) ވަނަ ނަންބަރުގެ މާނައިގައި ނުހިމެނޭ ކޮންމެ ރޯޔަލްޓީއެއް ނުވަތަ މެނޭޖްމަންޓް ފީއެވެ.

(ރ) މި މާއްދާގެ (ނ) ގެ މާނައިގައި ހިމެނޭ ކުންފުންޏަކުން، ޓެކްސް ދައްކަންޖެހޭނީ، ޕާޓްނަރއެއްގެ ގޮތުގައި ނޫންގޮތަކަށް، އެއް ވިޔަފާރިއަށްވުރެ ގިނަ ވިޔަފާރިއަކުން ނުވަތަ އެއްގޮތަކަށްވުރެ ގިނަގޮތްތަކަކުން ލިބޭ އާމްދަނީއަކުންނަމަ، އެ ކުންފުންޏެއްގެ ޓެކްސް ނެގޭ ފައިދާއަށްވާނީ، އެ ހުރިހާ ފައިދާގެ ޖުމްލަ ޢަދަދެވެ.

(ބ) އެ އަހަރެއްގައި އެ ކުންފުންޏެއްގެ ޓެކްސް ބިނާ ކުރެވޭ ފައިދާއެއްގެ ޢަދަދު ކަނޑައަޅާނީ އެ ކުންފުނީގެ ހިސާބުކުރުމުގެ މުއްދަތުތަކަށް ބަލާފައެވެ.\

(ޅ) އުވާލެވޭ ކުންފުނިތަކާމެދު ޢަމަލުކުރާނެގޮތް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.

4. އެހެނިހެން ފަރާތްތަކުގެ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގޭ ގޮތް

(ހ) މި ޤާނޫނުގައި އެހެންގޮތަކަށް ކަނޑައެޅިފައިވާ ޙާލަތުގައި މެނުވީ، ކޮންމެ ޓެކްސް އަހަރެއްގައި، ޕާޓްނަރޝިޕްއަކަށް ނުވަތަ ކުންފުންޏަކަށް ނުވާ، ދިވެހިރާއްޖޭގައި ވިޔަފާރިއެއް ނުވަތަ ވިޔަފާރިތަކެއް ނުވަތަ ވިޔަފާރީގެ ބައެއް ހިންގަމުންގެންދާ މީހެއްގެ އެ އަހަރެއްގެ ޓެކްސް ބިނާކުރެވޭ ފައިދާއަކުން އެ މީހެއްގެ ނަމުގައި ޓެކްސް ދައްކަންޖެހޭނެއެވެ.

(ށ) އެފަދަ ކޮންމެ މީހެއް ހިންގާ ކޮންމެ ވިޔަފާރިއެއްގެ ޓެކްސް ބިނާކުރެވޭ ފައިދާއަކަށް ވާނީ ތިރީގައި ބަޔާންކުރެވޭ ޢަދަދުތަކުގެ ޖުމްލައެވެ.

(1) ދިވެހިރާއްޖޭގައި ބިން ނުވަތަ ޢިމާރާތުގެ ކުލީގެ ގޮތުގައި އެ މީހަކަށް ލިބޭ އެންމެހައި ކުލި؛

(2) މި ޤާނޫނާ އެއްގޮތްވާގޮތަށް ހިސާބުކުރެވިގެން، އަދި އެ މިންވަރުން މި ޤާނޫނު ހުއްދަކުރާގޮތަށް މެނުވީ އެއްވެސް ޢަދަދެއް އުނިކުރުމަކާނުލައި، އެވިޔަފާރި ނުވަތަ އެވިޔަފާރިތަކުގެ އެހެން އެއްވެސް ފައިދާއެއްގެ ފުރިހަމަ ޢަދަދު؛ އަދި

(3) އެ އަހަރުތެރޭގައި ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ މީހަކު ނުވަތަ އެ އަހަރުތެރޭ އެއްވެސް ފަހަރަކު ދިވެހިރާއްޖޭގައި ދާއިމީ މަރުކަޒެއް ހިންގި މީހަކު ދައްކަންޖެހިފައިވާ، އަދި އެ މީހަކަށް ލިބިފައިވާ (އެ ފައިދާތަކުގައި އެކުލެވިގެންނުވާ) ކޮންމެ ރޯޔަލްޓީއެއް ނުވަތަ މެނޭޖްމަންޓް ފީ އެއް.

(ނ) މި ޤާނޫނުގައި އެހެންގޮތަކަށް ކަނޑައެޅިފައިވާ ޙާލަތުގައި މެނުވީ، ޓެކްސް އަހަރެއްގައި އެ މީހަކީ ކުންފުންޏަކަށް ނުވާނަމަ، އެހެންނަމަވެސް، ދިވެހިރާއްޖޭގައި ދިރިއުޅެމުންގެންދާނަމަ؛ އަދި ކަނޑުބޯޓު ނުވަތަ މަތިންދާބޯޓު ދުއްވުމުގެ ވިޔަފާރި ހިންގާނަމަ، އެ ޓެކްސް އަހަރު އެ ވިޔަފާރީގެ ޓެކްސް ބިނާކުރެވޭ ފައިދާއިން، އެހެނީ، އެ ވިޔަފާރީގެ އެ އަހަރުގެ އެންމެހައި  ފައިދާއިން، އެ ވިޔަފާރީގެ ނަމުގައި ޓެކްސް ދައްކަންޖެހޭނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި [ކަނޑުބޯޓު ނުވަތަ މަތިންދާބޯޓު ދުއްވުމުގެ ވިޔަފާރި] ކަމަށް ބުނެފައި އެވަނީ، ބައިނަލްއަޤްވާމީ ދަތުރުފަތުރު ކުރަމުންގެންދާ ކަނޑުބޯޓެއް ނުވަތަ މަތިންދާބޯޓެއްގެ ވެރިއެއް ނުވަތަ އެފަދަ އުޅަނދެއް ޗާޓަރކޮށްގެން އުޅޭ މީހެއް ކުރާ ވިޔަފާރިއަކަށެވެ.

(ބ) މި މާއްދާގެ ދަށުން އެއްވެސް ޓެކްސް އަހަރެއްގައި، މީހަކަށް، ޕާޓްނަރއެއްގެ ގޮތުގައި ނޫންގޮތަކަށް ވިޔަފާރިއެއް ނުވަތަ އާމްދަނީ ލިބޭ އެއްގޮތަށްވުރެ ގިނަ ގޮތްތަކަކުން ނުވަތަ ވިޔަފާރިތަކަކުން ލިބޭ ފައިދާއިން ޓެކްސް ބިނާކުރަންޖެހޭނަމަ، އެ މީހެއްގެ ޓެކްސް ބިނާކުރެވޭ ފައިދާއަކަށްވާނީ، އެ ހުރިހާ ފައިދާގެ ޢަދަދުތަކެއް އެއްކުރުމުން ނުކުންނަ ޖުމްލަ ޢަދަދަށެވެ.

5. ޕާޓްނަރޝިޕްތަކުގެ ވިޔަފާރީގެ ފައިދާއިން ޓެކްސް ބިނާކުރެވޭ ގޮތް

(ހ) ޓެކްސް އަހަރެއްގައި ކޮންމެ ޕާޓްނަރޝިޕްއަކަށްވެސް، އެ ޕާޓްނަރޝިޕްއަކީ ޤާނޫނު ނަންބަރު 9/96 (ޕާޓްނަރޝިޕާބެހޭ ޤާނޫނު) ގެ ދަށުން، ރަޖިސްޓަރީ ކުރެވިފައިވާ ޕާޓްނަރޝިޕްއަކަށް ވާނަމަވެސް ނުވަތަ ނުވާނަމަވެސް، ތިރީގައި ބަޔާންކުރެވޭ މާއްދާތައް ރައްދުވާނެއެވެ.

(1) އެ ޕާޓްނަރޝިޕްގެ އެ އަހަރުގެ ޓެކްސް ބިނާކުރެވޭ ފައިދާ، ނުވަތަ އެއްވެސް ގެއްލުމެއް، ހިސާބުކުރަންވާނީ، އެ ޕާޓްނަރޝިޕްއަކީ ވިޔަފާރީގެ ވަކި ޝަޚްޞެއްގެ ގޮތުގައި ބަލާފައެވެ.

(2) ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް ދައްކަންޖެހޭނީ، އެ ޕާޓްނަރޝިޕްގެ ނަމުގައެވެ.

(3) އެފަދަ ޕާޓްނަރޝިޕްއެއްގައި ހިމެނޭ ޕާޓްނަރއެއް ޓެކްސް ދައްކަންޖެހޭ މިންވަރު ބެލުމުގައި އެ ޕާޓްނަރޝިޕްގެ ފައިދާއިން އޭނާއަށް ލިބޭ ޙިއްޞާއެއް ނުވަތަ އޭނާއަށް އެ ޕާޓްނަރޝިޕްއިން ލިބޭ ގެއްލުމެއް ނަމަވެސް ނުހިމެނޭނެއެވެ.

(4) އެ އަހަރެއްގައި ޕާޓްނަރއެއްގެ ގޮތުގައި ހުރި ކޮންމެ މީހަކުވެސް، މި ޤާނޫނުގެ ދަށުން، އެ ފައިދާއިން ބިނާކުރެވޭ އަދި ދައްކަންޖެހޭ ޓެކްސް ދެއްކުމަށް ވަކިވަކިންވެސް އަދި އެކުއެކުގައިވެސް ޒިންމާވާންޖެހޭނެއެވެ.

(ށ) އެއްވެސް ޕާޓްނަރޝިޕްއެއްގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި، ޕާޓްނަރޝިޕްގެ ފައިދާގެ ޙިއްޞާއަށް ޕާޓްނަރއަށް ދައްކާ ފައިސާއެއް ނުވަތަ ޕާޓްނަރ ދީފައިވާ ފައިސާއަށްވާ އިންޓްރަސްޓަށް އެއްވެސް ޢަދަދެއް އުނިކޮށްގެން ނުވާނެއެވެ.

6. ފައިސާ ދައްކާ ހިސާބުން ޓެކްސް ނެގޭ ރޯޔަލްޓީއާއި އެހެނިހެން ފައިސާ

(ހ) ތިރީގައި ބަޔާންކުރެވޭގޮތަށް ދައްކާ ފައިސާއަކީ، އެއްވެސް ޓެކްސް އަހަރެއްގައި ދިވެހިރާއްޖޭގައި ދިރިއުޅެމުން ނުގެންދާ މީހަކަށް ދައްކާފައިވާ، ނުވަތަ އެ ޓެކްސް އަހަރުގައި ދައްކަންޖެހިފައިވާ ފައިސާއެއްނަމަ، އެ ފައިސާ ދައްކާ ފަރާތުން މި މާއްދާގެ ދަށުން ޓެކްސް ދައްކަންޖެހޭނެ ފައިސާއެވެ.

(1) ވިޔަފާރީގެ ގޮތުން ބޭނުންކުރާ ޕްލާންޓް، މެޝިނަރީ، އިކުއިޕްމަންޓް އަދި އެނޫންވެސް މުދާ ބޭނުންކުރުމަށް ދައްކަންޖެހޭ ކުލި، ރޯޔަލްޓީ، ނުވަތަ އެނޫންވެސް އެފަދަ ފައިސާ؛

(2) ދިރާސާކުރުމާއި ތަރައްޤީކުރުމަށް ދައްކާ ފައިސާ؛

(3) ކޮމްޕިއުޓަރ ސޮފްޓްވެއަރ ބޭނުންކުރުމަށް ދައްކާ ފައިސާ؛

(4) ހިންގުމުގެ ގޮތުން، އަމިއްލަގޮތުން ނުވަތަ ޓެކްނިކަލްގޮތުން ދޭ ޚިދުމަތަށް ދައްކާ ފައިސާ، އަދި ވަޒީފާއަކުން ލިބޭ އާމްދަނީއަކަށް ނުވާ އެނޫންވެސް ފީއެއް ނުވަތަ ކޮމިޝަނެއް؛

(5) ޢާންމުންގެ މުނިފޫހިފިލުވައިދޭ މީހުންނަށް އެމީހުން ދައްކުވައިދޭ ޙަރަކާތްތަކަށް ދެވޭ އުޖޫރައެއް؛

(6) ދިވެހިރާއްޖޭގައި ސިނަމާ ފިލްމުތައް (ކޮންމެ ފޯމެޓްއެއްގައި ނަމަވެސް) ބެލުމަށް ދައްކަންޖެހޭ ކުލި.

(ށ) މި މާއްދާގައި "ދައްކާ ފައިސާ" ގެ މާނައިގައި އެއްވެސް އަގެއްހުރި އެއްޗެއް ބަދަލުކުރާ ކުރުން، ފައިސާކަމުގައި ވީނަމަވެސް ނުވަތަ ނުވީނަމަވެސް، ހިމެނޭނެއެވެ.

(ނ) ސަރުކާރުގެ ފަރާތުން ނުވަތަ ދިވެހިރާއްޖޭގައި ވިޔަފާރިއެއް ނުހިންގާ ވަކިފަރުދެއްގެ ފަރާތުން ދައްކާފައިވާ އެއްވެސް ފައިސާއެއްގެ މައްޗަށް މި މާއްދާއެއް ނުހިނގާނެއެވެ.

(ރ) މި މާއްދާގައި "ޢާންމުންގެ މުނިފޫހިފިލުވައިދޭ މީހާ" ކަމަށް ބުނެފައި އެވަނީ، ސްޓޭޖް، ރޭޑިއޯ ނުވަތަ ޓެލެވިޜަންގެ ޒަރިޢާއިން ޙަރަކާތްތެރިވާ މީހުންނާއި، މިޔުޒިކުކުޅޭ މީހުންނާއި، ކުޅިވަރު ކުޅުންތެރިންނާއި އެ ނޫންވެސް އެފަދަ ފަންނެއް ނުވަތަ މަސައްކަތެއްގައި ޙަރަކާތްތެރިވާ މީހުންނަށެވެ.

7. ޓެކްސްގެ މިންވަރުތައް

(ހ) އެއްވެސް ޓެކްސް އަހަރެއްގައި، މި ޤާނޫނުގެ 2 ވަނަ މާއްދާގައި ހިމެނޭ އެ އަހަރެއްގެ ޓެކްސް ބިނާކުރެވޭ ފައިދާއަކުން ޓެކްސް ދައްކަންޖެހޭނީ ތިރީގައި ބަޔާންކުރެވޭ މިންވަރަށެވެ.

(1) ޓެކްސް އަހަރެއްގައި، އެ އަހަރުގެ ޓެކްސް ބިނާކުރެވޭ ފައިދާ -/500,000 (ފަސް ލައްކަ) ރުފިޔާ އަށްވުރެ އިތުރުނުވާނަމަ، %0 (ސުމެއް އިންސައްތަ).

(2) ޓެކްސް އަހަރެއްގައި، އެއަހަރުގެ ޓެކްސް ބިނާކުރެވޭ ފައިދާ -/500,000 (ފަސް ލައްކަ) އަށްވުރެ އިތުރުވާނަމަ، އިތުރުވާ ޢަދަދެއްގެ %5 (ފަހެއް އިންސައްތަ).

(ށ) އެއްވެސް ޓެކްސް އަހަރެއްގައި، މި ޤާނޫނުގެ 2 ވަނަ މާއްދާއާއި 6 ވަނަ މާއްދާގައި ނުހިމެނޭ ފަރާތްތައް އެ އަހަރެއްގެ ޓެކްސް ބިނާކުރެވޭ ފައިދާއަކުން ޓެކްސް ދައްކަންޖެހޭނީ ތިރީގައި ބަޔާންކުރެވޭ މިންވަރަށެވެ.

(1) ޓެކްސް އަހަރެއްގައި، އެ އަހަރުގެ ޓެކްސް ބިނާކުރެވޭ ފައިދާ -/500,000 (ފަސް ލައްކަ) ރުފިޔާއަށްވުރެ އިތުރުނުވާނަމަ، %0 (ސުމެއް އިންސައްތަ).

(2) ޓެކްސް އަހަރެއްގައި، އެ އަހަރުގެ ޓެކްސް ބިނާކުރެވޭ ފައިދާ -/500,000 (ފަސް ލައްކަ) ރުފިޔާއަށްވުރެ އިތުރުވާނަމަ،  އިތުރުވާ ޢަދަދެއްގެ %15 (ފަނަރަ އިންސައްތަ). 

(ނ) މި މާއްދާގައި "ޓެކްސް ބިނާކުރެވޭ ފައިދާ" ކަމަށް ބުނެފައި އެވަނީ، ޓެކްސް ނެގުމަށް ހެދިފައިވާ ޤާނޫނުތަކުގައި ކަނޑައެޅިފައިވާގޮތަށް ހިސާބުކުރެވިފައިވާ އެފަދަ ފައިދާއަށެވެ.

(ރ) މި ޤާނޫނުގެ 6 ވަނަ މާއްދާގެ ދަށުން، ދައްކާފައިވާ ފައިސާގެ ގޮތުގައި ޓެކްސް ބިނާކުރަންޖެހޭ ފައިސާއިން ދައްކަންޖެހޭނީ %10 (ދިހައެއް އިންސައްތަ) ގެ މިންވަރުންނެވެ.

(ބ) އެއްވެސް ފަރާތަކުން ("ހޯލްޑިންގ ކުންފުނި") އެ ކުންފުންޏާއި، އެ ކުންފުނީގެ ދަށުގައިވާ ކުންފުނި ("ސަބްސިޑިއަރީ") ތަކުގެ މާލީ ކަންތައްތައް ދައްކުވައިދޭ ކޮންސޮލިޑޭޓެޑް އެކައުންޓްސްތައް އެމް.އައި.އާރް.އޭ އަށް ހުށަހަޅަންޖެހޭނެކަމަށް ގަވާއިދުގައި ބުނެފައިވާ ޙާލަތެއްގައި، ހޯލްޑިންގ ކުންފުންޏަށާއި، ކޮންމެ ސަބްސިޑިއަރީއަކުން މި މާއްދާގެ (ށ) އަށް ޢަމަލުކުރަންވާނެއެވެ. ނަމަވެސް، އެ މާއްދާގައި ބުނެފައިވާ -/500,000 (ފަސް ލައްކަ) ރުފިޔާގެ ބަދަލުގައި ބަލަންވާނީ ތިރީގައިވާ ފޯމިއުލާއާ އެއްގޮތްވާ ގޮތުގެމަތިން، އަންނަ ޢަދަދަކަށެވެ.

500,000/ (1+A) ރ.

“A” ނިސްބަތް ވަނީ، ދިވެހިރާއްޖޭގައި ޓެކްސް ދައްކަންޖެހޭ ސަބްސިޑިއަރީތަކުގެ ޢަދަދެވެ.

(ޅ) ޓެކްސް އަހަރެއްގައި މީހެއްގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރަނީ، 12 (ބާރަ) މަސް ދުވަހަށްވުރެ ކުރު މުއްދަތަކަށް ބަލާފައި ކަމުގައިވަނީނަމަ، މަތީގައި -/500,000 (ފަސް ލައްކަ) ރުފިޔާ ކަމުގައި ބުނެފައިވާ ކޮންމެ ޢަދަދެއް އެ މިންގަނޑަށް ފެތޭގޮތަށް ކުޑަކުރެވޭނެއެވެ.

8. ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުން: ޢާންމު މާއްދާތައް

(ހ) މި ޤާނޫނުގެ މާއްދާތަކާ އެއްގޮތްވާ ގޮތުގެމަތިން، ޓެކްސް ނެގުމަށް ބެލެވޭ އަހަރެއްގެ ފައިދާގެ ފުރިހަމަ ޢަދަދަކީ:

(1) އެމީހަކީ މާލީ ހިސާބު ތައްޔާރުކުރާ މީހެއްނަމަ، ނުވަތަ މި ޤާނޫނުގެ ދަށުން ނުވަތަ ދިވެހިރާއްޖޭގެ އެހެން އެއްވެސް ޤާނޫނެއްގެ ދަށުން، މާލީ ހިސާބު ތައްޔާރުކުރަންޖެހޭ މީހެއްނަމަ، އެ އަހަރުތެރޭ ނުވަތަ އެ އަހަރުގެ ނިޔަލަށް ނިމޭ ހިސާބު ބަލާ މުއްދަތު ނުވަތަ މުއްދަތުތަކުގައި ލިބިފައިވާ ފައިދާ؛

(2) އެހެން ހުރިހާ ޙާލަތުތަކުގައި، ޓެކްސް ދައްކަންޖެހޭ މީހެއްގެ ނުވަތަ ފަރާތެއްގެ ޓެކްސް ބިނާކުރެވޭނީ މި ޤާނޫނުގައިވާ ގޮތުގެމަތިންނެވެ.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ހިމެނޭ މީހެއްގެ ޓެކްސް ނެގުމަށް ބެލޭ އެ އަހަރެއްގެ ޓެކްސް ބިނާކުރެވޭ ފައިދާއެއް ހިސާބުކުރާނީ،  މި ޤާނޫނާއި، ޤާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކާ އެއްގޮތަށް، ނުވަތަ ވަކި ގޮތަކަށް ލާޒިމުކޮށްފައިނުވާނަމަ، ހިސާބުކުރުމުގައި ޢާންމުކޮށް ޤަބޫލުކުރެވޭ އުޞޫލުތައް ބޭނުންކޮށްގެންނެވެ.

(ނ) ވިޔަފާރިއެއް ހިންގަމުންގެންދާ މީހަކަށް ނުވަތަ ފަރާތަކަށް ދައްކާފައިވާ ފައިސާއަކީ، މި ޤާނޫނުގެ 10 ވަނަ މާއްދާގެ (ރ) ގެ (7) ވަނަ ނަންބަރާ އެއްގޮތްވާ ގޮތުގެމަތިން، ހިސާބުކުރުމުން އުނިކުރެވިފައިވާ ދަރަންޏެއްގެ ފުރިހަމަ ނުވަތަ ބައެއްގެ ޚަލާޞްކުރުމެއްކަމަށް ވަނީނަމަ، އެ ފައިސާ ބަލަންޖެހޭނީ އެ ފައިސާ ލިބުނު އަހަރު އެ ވިޔަފާރިއަށް ލިބުނު ފައިސާއެއްގެ ގޮތުގައެވެ.

9. ކުއްޔަށް ކެނޑޭ ބައިތައް

(ހ) އެއްވެސް މީހަކު ނުވަތަ ފަރާތެއް، ޓެކްސް އަހަރެއްގައި އެ މީހަކަށް ދިވެހިރާއްޖޭގައި ހުރި ނުއުފުލޭ މުދަލުގެ ކުއްޔަށް ލިބޭ ފައިސާއިން ޓެކްސް ދައްކަން ޖެހުމުން، މި މާއްދާގެ ދަށުން ޓެކްސް އަހަރެއްގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމަށް ޚިޔާރުކޮށްފިނަމަ، މި ޤާނޫނުގެ 8 ވަނަ މާއްދާ، އަދި މި ޤާނޫނުގެ ދަށުން ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި ލިބޭ ކުއްޔަށް އެއްވެސް ޢަދަދެއް ހިސާބުކުރުމުން އުނިކުރުމަށް ހުއްދަކުރާ އެހެން އެއްވެސް މާއްދާއެއް، އެ މައްޗަކަށް ނުހިނގާނެއެވެ.

(ށ) މި މާއްދާއަށް ޢަމަލުކުރާނަމަ، ޓެކްސް އަހަރެއްގައި ލިބުނު ކުލީގެ ޢަދަދުން %20 (ވިހި އިންސައްތަ) އެ އަހަރެއްގެ އެ މީހެއްގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުން އުނިކުރެވިދާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން އެއްވެސް އަހަރަކަށް އެއްވެސް މީހަކު ނިންމާފައިވާ ގޮތެއް، އެ މީހެއްގެ އެ އަހަރުގެ ޓެކްސް ބަޔާނުގައި ފާހަގަކުރެވިފައި އޮންނަންވާނެއެވެ. އަދި މިގޮތަށް ނިންމުމެއް ބަދަލުކުރެވޭނީ، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

(ރ) މި މާއްދާގެ ބޭނުމަށް "ކުލި" ކަމަށް ބުނެފައި އެވަނީ، ނުއުފުލޭ މިލްކިއްޔާތެއް ބޭނުންކުރުމަށް ބަދަލުގައި ދެވޭ އެއްވެސް އަގަކަށެވެ. މީގެތެރޭގައި އެއްވެސް ގޮތަކަށް ދެވޭ ފައިސާކަމުގައި ވީނަމަވެސް، އަދި ކޮންމެ ގޮތަކަށް ސިފަކުރެވުނު ކަމުގައިނަމަވެސް، ޚިދުމަތުގެ އަގުގެގޮތުގައި ލިބޭ ކޮންމެ އެއްޗެއް ހިމެނެއެވެ.

10. އުނިކުރެވިދާނެ ޢަދަދުތައް

(ހ) މި ޤާނޫނާއި، އަދި ޚާއްޞަކޮށް، މި މާއްދާގެ (ނ) އާއި (ރ) އާ އެއްގޮތްވާ ގޮތުގެމަތިން، ޓެކްސް އަހަރެއްގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި، ހަމައެކަނި އާމްދަނީއެއް ހޯދުމުގެ މަޤްޞަދުގައި އެ އަހަރަކު ހިނގާފައިވާ ޚަރަދެއް ފިޔަވައި އެހެން އެއްވެސް ޢަދަދެއް ހިސާބުކުރުމުން އުނިކުރެވިގެން ނުވާނެއެވެ.

(ށ) ކޮންމެވެސް ވަރަކަށް އާމްދަނީއެއް ހޯދުމަށް، އަދި ކޮންމެވެސް ވަރަކަށް އެހެން މަޤްޞަދަކަށްޓަކައި ހިނގާފައިވާ ޚަރަދު ޖެހޭނީ އެމް.އައި.އާރް.އޭ ގެ ހުއްދައާ އެކުގައި އެ ތަފާތު މަޤްޞަދުތަކުގެ ދެމެދު އިންޞާފުވެރި އަދި އެކަށީގެންވާ ގޮތެއްގެމަތިން ބަހާލާށެވެ. އަދި މިގޮތަށް ބަހާލުމުން، މި މާއްދާގެ (ހ) ގެ މާނައިގައި ހިމެނޭ ޚަރަދުކަމަށް ބެލެވޭނީ، ހަމައެކަނި ފައިދާއެއް ހޯދުމުގެ މަޤްޞަދުގައި ހިނގިކަމަށް ބެލެވިފައިވާ ބައި އެކަންޏެވެ.

(ނ) ކުންފުންޏެއް ނުވަތަ ވިޔަފާރިކުރާ ތަނެއްގެ ހިސާބުކުރުމުގެ މުއްދަތު ނިމެނީ، 31 ޑިސެމްބަރު ނޫން އެހެން ދުވަހަކުނަމަ، އެފަދަ ހިސާބުކުރުމުގެ މުއްދަތެއްގެ ތެރޭގައި ހަމައެކަނި ފައިދާއެއް ހޯދުމުގެ މަޤްޞަދުގައި ހިނގާފައިވާ ޚަރަދުތައް، މި މާއްދާގެ ބޭނުމަށް، ބެލެވޭނީ އެ ހިސާބުކުރުމުގެ މުއްދަތު ނިމޭ ޓެކްސް އަހަރުތެރޭ ހިނގި ޚަރަދުތަކެއްކަމަށެވެ.

(ރ) މި މާއްދާގެ (ހ) ގައި އެހެންގޮތަކަށް މާނަކުރެވެން އޮތްކަމުގައި ވީނަމަވެސް، ތިރީގައި ބަޔާންކުރެވޭ ޚަރަދުތަކާ އެލަވަންސްތަކަކީ އެމް.އައި.އާރް.އޭ އިން ހަދާ ގަވާއިދެއްގެ ދަށުން، ޓެކްސް އަހަރެއްގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުން އުނިކުރެވިދާނެ ބައިތަކެކެވެ.

(1) މި ޤާނޫނުގެ 12 ވަނަ މާއްދާގައި ރައްދުވާ ޚަރަދުތައް، އެ މާއްދާގެ (ބ) ގައިވާ ގޮތުގެމަތިން، އުނިކުރުމަށްފަހު، އެހެންނަމަވެސް، އެއީ ޓެކްސް ބިނާކުރެވޭ ފައިދާ ނިސްބަތްވާ ހިސާބުކުރުމުގެ މުއްދަތުގައި ފެށޭނަމަ، ނުވަތަ ޓެކްސް އަހަރުގައި ހިސާބު ގެންގުޅެފައިނުވާ ނުވަތަ ގެންގުޅެން ނުޖެހޭ މީހެއްނަމަ؛

(2) ގަވާއިދުތަކުން ހުއްދަކުރާ އެންމެ ބޮޑު މިންވަރަކަށް، ކެޕިޓަލް އެލަވަންސް؛

(3) އެ ޢަދަދުތައް އުނިކުރަން ގަވާއިދުތަކުން ހުއްދަކުރާ އެންމެ ބޮޑު މިންވަރަކަށް، ހެޑް އޮފީސް ޚަރަދުތައް؛

(4) މުވައްޒަފުންގެ ވެލްފެއަރއަށް އަމާޒުކޮށް ޓެކްސް އަހަރު ހިނގާފައިވާ އެމް.އައި.އާރް.އޭ އިން ހުއްދަކޮށްފައިވާ އެއްވެސް ޚަރަދެއް؛

(5) ޕެންޝަން ފައިސާދެއްކުމަށް ޓެކްސް އަހަރު ހިނގާފައިވާ އެމް.އައި.އާރް.އޭ އިން ހުއްދަކޮށްފައިވާ އެއްވެސް ޚަރަދެއް؛

(6) ޓެކްސް ބިނާކުރެވޭ އަހަރަށް ނިސްބަތްވާ އޮޑިޓް ފީ؛

(7) މި މާއްދާގެ (ކ) އާ އެއްގޮތްވާ ގޮތުގެމަތިން، ފައިސާ އަނބުރާ ނުލިބޭނެކަން އެ ޓެކްސް އަހަރުގައި އެމް.އައި.އާރް.އޭ އަށް ޔަޤީންވީ ދަރަންޏެއް، އެދަރަންޏަކުން އާމްދަނީއެއް އުފެއްދިފައިވާނަމަ؛

(8) ލިބިފައިވާ ފައިސާއަކީ، ވިތްހޯލްޑިންގ ޓެކްސް ދައްކާފައިވާ ފައިސާއެއްނަމަ، އެ ލިބުނު ޢަދަދު، އަދި؛

(9) އުނިކުރެވިދާނެކަމަށް މި ޤާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކުން ކަނޑައަޅާ އެހެން އެއްވެސް ޢަދަދެއް.

(ބ) މި މާއްދާގެ (ޅ) އާ އެއްގޮތްވާ ގޮތުގެމަތިން، އެއްވެސް ފަރާތަކުން އެމް.އައި.އާރް.އޭ އިން ޤަބޫލުކުރާ،  އިސްލާމްދީން ކުރިއެރުވުން، ފަޤީރުންނަށް އެހީވުން، ޞިއްޙީ ޚިދުމަތްދިނުން، ތަޢުލީމުދިނުން ނުވަތަ އެފަދަ ޢާންމު މަންފާއެއް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ޙަރަކާތްތެރިވުމަށް އުފައްދާފައިވާ ޖަމާޢަތެއް ނުވަތަ ޖަމްޢިއްޔާއެއް ނުވަތަ ޢާންމު އިދާރާއަކަށް ހަދިޔާކުރާ ފައިސާއަކީ، އެ ފައިސާދިން ޓެކްސް އަހަރުގެ އެމީހެއްގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި، އެ ހިސާބުކުރުމުން އުނިކުރެވިދާނެ އެއްޗެކެވެ.

(ޅ) އެއްވެސް ޓެކްސް އަހަރެއްގައި މީހެއްގެ ޓެކްސް ހިސާބުކުރުމުގައި މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ހަދިޔާގެ ގޮތުގައި އުނިކުރެވޭނެ އެންމެ ބޮޑު ޢަދަދަކީ، ހަދިޔާއެއްގެ ގޮތުގައި ދެވޭ ޢަދަދާއި، ލޮސް ރިފީލް އުނިކުރުމުގެ ކުރިން ބިނާކުރެވޭ ފައިދާގެ %5 (ފަހެއް އިންސައްތަ) އަށްވުރެ އިތުރުނުވާ ޢަދަދެކެވެ.

(ކ) މި ޤާނޫނަށް ޢަމަލުކުރަން ފެށޭ ދުވަހުގެ ކުރިން ނިމޭ ހިސާބުކުރުމުގެ މުއްދަތެއްގެ ތެރޭގައި އުފެދުނު ދަރަންޏެއް މި މާއްދާގެ (ރ) ގެ (7) ވަނަ ނަންބަރުގެ ދަށުން ފައިސާ އަނބުރާ ނުލިބޭނެ ދަރަންޏެއްގެ ގޮތުގައި ހިސާބުކުރުމުގައެއް ނުހިމެނޭނެއެވެ.

11. އުނިނުކުރެވޭ އެހެން ޢަދަދުތައް

(ހ) މި ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ ޢާންމުކަން އުނިނުވާގޮތަށް، ޓެކްސް އަހަރެއްގައި މީހެއްގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި، ތިރީގައި ބަޔާންކުރެވޭ ޚަރަދުތަކެއް އުނިކުރުމަކަށް ހުއްދައެއް ނުދެވޭނެއެވެ.

(1) ދިރިއުޅުމަށް ނުވަތަ އަމިއްލަ ބޭނުންތަކަށް ކުރާ ޚަރަދުތައް؛

(2) ގަވާއިދެއްގެ ދަށުން ހުއްދަކޮށްފައިވާ ގޮތަކަށް މެނުވީ، ކެޕިޓަލް އެސެޓްއެއްގެ ފެންވަރު ރަނގަޅުކުރުމަށް ނުވަތަ އެއަށް އިތުރެއް ގެނައުމަށް، ނުވަތަ ބަދަލެއް ގެނައުމަށް ހިނގާ ޚަރަދުވެސް އެކުލެވޭ މާނައެއްގައި ކުރެވޭ ކެޕިޓަލް ޚަރަދު؛

(3) ފައިދާ އުފެއްދުމުގެ މަޤްޞަދުގައިނޫން އެހެން މަޤްޞަދެއްގައި ހިފާފައިވާ ނުވަތަ ބޭނުންކޮށްފައިވާ ޢިމާރާތެއް ނުވަތަ ޢިމާރާތެއްގެ ބައެއްގެ ކުލި ނުވަތަ އެއާ ގުޅިފައިވާ ޚަރަދު؛

(4) ގަވާއިދުން ހުއްދަކުރާގޮތެއްގައި މެނުވީ، އެމީހެއްގެ މިލްކިއްޔާތުގައި ހުރި ނުވަތަ އެމީހަކު ކުއްޔަށް ހިފާފައިހުރި، އަދި އޭނާގެ ވިޔަފާރި ހިންގުމުގެ ކަންތައްތަކާ ގުޅިގެން ބޭނުންކުރެވޭ، އެއްވެސް ތަނެއްގެ ކުލި؛

(5) އެމް.އައި.އާރް.އޭ އިން ޤަބޫލުކުރާ އެއްވެސް ބޭންކެއް ނުވަތަ މާލީ އިދާރާއަކަށް ދައްކަންޖެހޭ އިންޓްރެސްޓް ފިޔަވައި، އަހަރަކު %6 (ހައެއް އިންސައްތަ) ގެ ރޭޓަށްވުރެ މަތިން އިންޓްރެސްޓް ދައްކަންޖެހޭނަމަ، އެ އިތުރުވި މިންވަރެއް؛

(6) މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތައްވެސް ހިމެނޭގޮތަށް އެއްވެސް ޤާނޫނަކާއެއްގޮތަށް ޢަމަލުނުކުރެވުމުގެ ސަބަބުން ދައްކަންޖެހޭ އެއްވެސް ޖޫރިމަނާއެއް، ނުވަތަ އިންޓްރެސްޓެއް.

(ށ) މި ޤާނޫނުގެ އެއްވެސް މާއްދާއެއްގެ ދަށުން އެއްވެސް ޚަރަދެއް ހިސާބުކުރުމުން އުނިކުރުމަށް ހުއްދަކޮށްފައިވާނަމަ، މި ޤާނޫނުގެ އެހެން މާއްދާއެއްގެ ދަށުން، ހަމަ އެ ޚަރަދެއް ހިސާބުކުރުމުން އުނިކުރުން ހުއްދައެއް ނުކުރެވޭނެއެވެ.

(ނ) މީގެ އިތުރުން، އެކަމަކު މި މާއްދާގެ (ރ) އާ އެއްގޮތްވާ ގޮތުގެމަތިން، ޓެކްސް އަހަރެއްގައި މީހެއްގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި ތިރީގައިވާގޮތަށް ދޭންޖެހޭ އުޖޫރައެއް ހިސާބުކުރުމުން އުނިކުރަން ހުއްދައެއް ނުދެވޭނެއެވެ.

(1) އެ އުޖޫރައަކީ، ކުންފުންޏަކުން ދޭންޖެހޭ އެއްޗެއްނަމަ، އެކުންފުނީގެ ޑިރެކްޓަރެއް ނުވަތަ އެކުންފުނީގައި އެކަށީގެންވާ މަޞްލަޙަތެއް އޮތް މީހެއް ނުވަތަ ކުންފުނީގެ އެކުވެރިއެއް ނުވަތަ ޑިރެކްޓަރަކާ ނުވަތަ އެފަދަ މީހަކާ ތިމާގެ ނުވަތަ އެކުވެރިއެއްނަމަ، ނުވަތަ؛

(2) އެ އުޖޫރައަކީ، ޓްރަސްޓްއަކުން ނުވަތަ ޖަމާޢަތަކުން ދައްކަންޖެހޭ އެއްޗެއްނަމަ، އެ ޓްރަސްޓްގެ ނުވަތަ އެ ޖަމާޢަތުގެ މެންބަރެއް އަދި އެފަދަ ޓްރަސްޓީއަކާ ނުވަތަ ޖަމާޢަތުގެ މެންބަރަކާ ގުޅުމެއްހުރި މީހެއްނަމަ، ނުވަތަ؛

(3) އެ އުޖޫރައަކީ، ޕާޓްނަރޝިޕަކުން ދޭންޖެހޭ އެއްޗެއްނަމަ، އެޕާޓްނަރޝިޕްގެ ޕާޓްނަރއެއް ނުވަތަ ޕާޓްނަރޝިޕްގައި އެކަށީގެންވާ މަޞްލަޙަތެއް އޮތް މީހެއް ނުވަތަ ޕާޓްނަރޝިޕްގެ އެކުވެރިއެއް ނުވަތަ ޕާޓްނަރަކާ ތިމާގެ ނުވަތަ އެކުވެރިއެއްނަމަ.

(ރ) މި މާއްދާގެ (ނ) ގައި ނިސްބަތްކޮށްފައިވާ، އަދި އެ ޓެކްސް އަހަރުގައި ދައްކަންޖެހޭ، އުޖޫރައިގެ ޖުމްލަ ބަޔާންކޮށްފައިވާ ފައިދާގެ %10 (ދިހައެއް އިންސައްތަ) އަށްވުރެ އިތުރުނުވާނަމަ، މި މާއްދާގެ (ނ) ގެ ބާރު އޭގެ މައްޗަކަށް ނުހިނގާނެއެވެ.

(ބ) މި މާއްދާގެ މަޤްޞަދަށްޓަކައި، ވަކިފަރުދެއް އެމީހަކާ ތިމާގެކަމަށްވާނީ، އެއީ އެމީހެއްގެ އަނބި ނުވަތަ ފިރި، ދަރި، މަންމަ ނުވަތަ ބައްޕަ، ބޭބެ ނުވަތަ ފިރިހެން ކޮއްކޮ، ދައްތަ ނުވަތަ އަންހެން ކޮއްކޮ، ނުވަތަ އެއީ، އެމީހެއްގެ ދޮންދަރި، ދޮންބައްޕަ ނުވަތަ ދޮންމަންމަ، ނުވަތަ ދޮންބައްޕަގެ ނުވަތަ ދޮންމަންމަގެ ދަރިއެއް ނަމައެވެ. އަދި

(ޅ) މި މާއްދާގެ ބޭނުމަށް ތިރީގައިވާ މީހުންނަކީ ގުޅުންހުރި ފަރާތްތަކެއްގެ ގޮތުގައި ބެލެވޭނެއެވެ.

(1) އެއް ޕާޓްނަރޝިޕްއެއްގެ ދެ ޕާޓްނަރުން؛

(2) ދެ ޝަޚްޞެއް، އެކަކު އަނެކަކާ ދެމެދުއޮތް ގުޅުމަށް ބަލާއިރު، އެއީ މި ޤާނޫނުގެ 7 ވަނަ މާއްދާގެ (ބ) ގެ މާނައިގައި ހިމެނޭ ހޯލްޑިންގ ކުންފުނި ނުވަތަ އޭގެ ދަށުން ހިނގާ ކުންފުންޏެއް؛

(3) އެކަކު އަނެކަކާ ތިމާގެ ފަރުދުން؛

އަދި، އެއްވެސް މީހަކީ ދެވަނަ މީހަކާ ގުޅުމެއްހުރި މީހަކަށްވާނަމަ، އެ ދެވަނަ މީހަކާ ގުޅުމެއް ހުރި ކޮންމެ އެހެން މީހަކާވެސް އޭނާއާއި ގުޅުންހުރިކަމަށް ބެލެވޭނެއެވެ.

(ކ) "ބަޔާންކޮށްފައިވާ ފައިދާ" ގެ މާނައަކީ، ޓެކްސް ބިނާކުރެވުނު ފައިދާއާއި، މި ޤާނޫނުގެ 10 ވަނަ މާއްދާގެ (ބ) ގައި ކަނޑައެޅިފައިވާގޮތަށް ހިސާބުކުރުމުން އުނިކުރެވިދާނެ ކޮންމެ ހަދިޔާއެއްގެ ޢަދަދާއި، މި މާއްދާގެ (ނ) ގައި ބުނެފައިވާ އެއްވެސް އުޖޫރައެއްގެ ޖުމްލައެވެ.

12. ވިޔަފާރިކުރުމުގެ ކުރިން އަދި ރަޖިސްޓަރީކުރުމުގެ ކުރިން ހިނގާ ޚަރަދު

(ހ) ވިޔަފާރިއެއް ފެށުމުގެ ކުރިން އެ ވިޔަފާރީގެ ބޭނުމަކަށް ހިނގާފައިވާ ޚަރަދު ބެލެވޭނީ، އެ ވިޔަފާރިއެއް ހިނގަން ފަށާ ފުރަތަމަ ދުވަހު ހިނގާފައިވާ ޚަރަދުކަމަށެވެ.

(ށ) ތިރީގައިވާ އެއްވެސް މާއްދާއަކަށް ފެތޭ އެއްވެސް ޚަރަދަކަށް، މި މާއްދާގެ (ހ) ރައްދެއްނުވާނެއެވެ.

(1) މި މާއްދާގެ (ނ) ނުވަތަ؛

(2) މި ޤާނޫނުގެ 10 ވަނަ މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގެ ދަށުން ހެދޭ ގަވާއިދު، ނުވަތަ އެ ވިޔަފާރި ކުރިއަށް ގެންދިއުމުން، އެ ގަވާއިދަށް ފެތޭނެ، ނުވަތަ އެ ޚަރަދެއް ހިނގި ދުވަސްވަރު އެ ގަވާއިދަށް ޢަމަލުކުރަމުން ގެންދިޔަކަމުގައިވީނަމަ ނުވަތަ؛

ދާއިމީ މަރުކަޒެއް ޤާއިމުކޮށްފައިވާނަމަ، އެ ދާއިމީ މަރުކަޒެއް އުފެއްދުމުގެ ކުރިން ދިވެހިރާއްޖެއިން ބޭރުގައި އެ ޚަރަދު ހިނގާފައިވާނަމަ، ނުވަތަ ވަކިފަރުދެއް ހިންގާ ވިޔަފާރިއެއްނަމަ، އެވަކިފަރުދަކު ދިވެހިރާއްޖެއިން ބޭރުގައި ދިރިއުޅެމުންގެންދަނިކޮށް، ދިވެހިރާއްޖެއިން ބޭރުގައި އެ ޚަރަދު ހިނގާފައިވާނަމައެވެ.

(ނ) ޚަރަދު ހިނގާފައިވަނީ:

(1) ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ ދަށުން، ކުންފުންޏެއް ރަޖިސްޓަރީކުރެވޭ ދުވަހުގެ ("ރަޖިސްޓަރީކުރެވޭ ދުވަސް") ކުރިން، އަދި؛

(2) އެ ކުންފުނި އުފެއްދުމާގުޅިގެން ނުވަތަ އެހެންގޮތަކުން ކުންފުނީގެ މަޤްޞަދުތަކަށްޓަކައިނަމަ؛

އެ ޚަރަދުތަކަކީ ރަޖިސްޓަރީކުރެވޭ ދުވަހު އެ ކުންފުނިން ހިނގާފައިވާ ޚަރަދުތަކެއްކަމަށް ބެލެވޭނެއެވެ.

(ރ) ކުންފުންޏެއް ނުވަތަ މަރުކަޒަކުން ހިނގާފައިވާ ޚަރަދަކީ، މި މާއްދާގެ (ހ) ނުވަތަ (ނ) ގެ ދަށުން، ވަކި ތާރީޚެއްގައި ("ފެށޭ ތާރީޚު") ހިނގާފައިވާ ޚަރަދެއްކަމަށް ކަނޑައެޅިފައިވާނަމަ، އެ ފެށޭ ތާރީޚުގައި ނުވަތަ އެ ތާރީޚުގެ ކުރިން، އެ ކުންފުންޏަކަށް ނުވަތަ އެ މަރުކަޒަކަށް ނުވަތަ އެ ކުންފުނީގެ ނުވަތަ އެ މަރުކަޒުގެ ފައިދާއަށް ލިބޭ ނުވަތަ ޖަމާވާ އާމްދަނީގެ ޢަދަދުން އެ ޚަރަދު ކެނޑޭނެއެވެ.

(ބ) ފެށޭ ތާރީޚުގައި ނުވަތަ އެ ތާރީޚުގެ ކުރިން އެ ކުންފުންޏަކަށް ނުވަތަ އެ މަރުކަޒަކަށް ނުވަތަ އެ ކުންފުނީގެ ނުވަތަ އެ މަރުކަޒުގެ ފައިދާއަށް ލިބޭ ނުވަތަ ޖަމާވާ އާމްދަނީގެ ޢަދަދު، މި މާއްދާގެ (ހ) ނުވަތަ (ނ) ގެ ދަށުން ފެށޭ ތާރީޚުގައި ހިނގާފައިވާ ޚަރަދެއްކަމަށް ކަނޑައަޅާފައިވާ ޚަރަދުގެ ޢަދަދަށްވުރެ އިތުރުވާނަމަ، އެ އިތުރުވާ ޢަދަދު ބެލެވޭނީ، އެ ކުންފުނި ނުވަތަ އެ މަރުކަޒަށް އެ ތާރީޚުގައި ޖަމާވާ އާމްދަނީކަމަށެވެ.

13. ގެއްލުންވުމުން ދެވޭ ޢިނާޔަތް

(ހ) މި ޤާނޫނުގެ އެހެން މާއްދާތަކާ ޚިލާފުނުވާގޮތަކަށް، އެއްވެސް ޓެކްސް އަހަރެއްގައި، އެއްވެސް މީހެއްގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި، އެ އަހަރުގައި އެ މީހަކަށް ގެއްލުންވެފައިވާކަން ދައްކާނަމަ، އެ ގެއްލުންވީ ޢަދަދާއެއްވަރުގެ ޢަދަދެއް ޖެހިގެން އަންނަ ޓެކްސް އަހަރުގެ އެމީހެއްގެ ޓެކްސް ބިނާކުރެވޭ ފައިދާއިން ކަނޑާގޮތަށް، އަދި ހަމައެގޮތަށް، ދެން ޖެހިގެން އަންނަ ޓެކްސް އަހަރުތަކުގައިވެސް ކަންތައް ކުރެވިދާނެއެވެ.

(ށ) އެ ގެއްލުންވީ ޓެކްސް އަހަރުގެ ޓެކްސް ބަޔާނުގައި، ގެއްލުންވުމުން ދެވޭ ޢިނާޔަތް، އެ ގެއްލުމަކަށް ހޯދަން ހުށަހަޅައިގެން މެނުވީ، މި މާއްދާގެ (ހ) ގެ ދަށުން ޢަމަލެއް ނުކުރެވޭނެއެވެ.

(ނ) އެ ގެއްލުންވީ ޓެކްސް އަހަރު ނިމޭތާ 5 (ފަހެއް) އަހަރަށްވުރެ އިތުރަށް މި މާއްދާގެ (ހ) ގެ ދަށުން ގެއްލުންވީ ޢަދަދު ކަނޑަމުން ގެންގޮސްގެން ނުވާނެއެވެ. އަދި މި މާއްދާގެ ދަށުން ބެލެވޭނީ، އެ ގެއްލުންވީ ތަރުތީބުން (ކުރިންވީ ގެއްލުން، ފަހުންވީ ގެއްލުމުގެ ކުރިން) ކަނޑަމުން ގެންދާކަމަށެވެ.

(ރ) އެ ގެއްލުމަކީ، މުޢާމަލާތެއް ނުވަތަ އެހެން އެއްވެސް ބާވަތެއްގެ ކަންކުރުމަށް ނިންމިފައިވާ ގޮތެއްގެ ނަތީޖާއަކަށްވެފައި، އަދި، އެ މުޢާމަލާތްތަކުން އެއްވެސް ފައިދާއެއްވީނަމަ، އެ ގެއްލުންވީ ޓެކްސް އަހަރުގެ ތެރޭގައި އެ މީހެއްގެ ޓެކްސް ބިނާކުރެވޭ ފައިދާގެ ބައެއްގެ ގޮތުގައި، އެ ފައިދާ ހިމެނިގެން މެނުވީ މި މާއްދާގެ ދަށުން އެއްވެސް ޢަދަދެއް ގެއްލުމެއްގެ ގޮތުގައި، ގެއްލުންވުމުން ދެވޭ ޢިނާޔަތް ހޯދުމަށް، އެއްވެސް މީހަކު ހުށަހަޅައިގެން ނުވާނެއެވެ.

(ބ) މި ޤާނޫނަށް ޢަމަލުކުރަން ފެށޭ ދުވަހުގެ ކުރިން ނިމޭ ހިސާބުކުރުމުގެ މުއްދަތެއްގެ ތެރޭގައި ވެފައިވާ ގެއްލުންތަކެއް ފަހުގެ މުއްދަތަކަށް ނުގެންދެވޭނެއެވެ.

14. އިންޝުއަރެންސް ކުންފުނިތަކާބެހޭ ޚާއްޞަ މާއްދާތައް

(ހ) މި ޤާނޫނުގެ އެހެން އެއްވެސް މާއްދާއެއް އެހެންގޮތަކަށް މާނަކުރެވެން އޮތް ކަމުގައިވީނަމަވެސް، ތިރީގައިވާ މާއްދާތަކަށް ޢަމަލުކުރެވޭނެއެވެ.

(ށ) ލައިފް އިންޝުއަރކޮށްދޭ ކުންފުންޏެއް ފިޔަވައި، އެހެން އިންޝުއަރެންސް ކުންފުންޏަކަށް ލިބޭ ފައިދާގެ ނުވަތަ އިތުރުވާ އިތުރުވުންތަކުގެ އެއްބައި ލިބެނީ، ދިވެހިރާއްޖެއިން ބޭރުގައި ކަމަށްވާނަމަ، ޓެކްސް އަހަރެއްގައި ޓެކްސް ބިނާކުރެވޭ އިތުރުވުންތައް ނުވަތަ ފައިދާކަމުގައި ބަލާނީ:

(1) ދިވެހިރާއްޖެއިން ލިބިފައިވާ ނުވަތަ ލިބޭނެ ޖުމްލަ ފައިސާއާއި، އިންޓްރެސްޓްއާއި، އެހެން އާމްދަނީ (އިންޝުއަރކޮށްފައިވާ ފަރާތްތަކަށް އަނބުރާ ދައްކާ ޕްރީމިއަމްއާއި، އަދި ރީ-އިންޝުއަރކުރުމަށް ދައްކާ ޕްރީމިއަމް އުނިކުރުމަށްފަހު) އިން، އަދި؛

(2) މިގޮތަށް ހެދުމުން ލިބޭ ބާކީ ޢަދަދުން އެ ކުންފުނީގެ ޙަރަކާތްތަކާގުޅޭ ގޮތުން އެފަދަ ރިސްކްތަކަށް އެ ކުންފުނިން ފަހަށް ބަހައްޓާ (ރިޒަރވް) ނިސްބަތަކުން އެ ހިސާބުކުރުމުގެ މުއްދަތު ނިމޭއިރު، ބޭނުންނުކޮށް ބެހެއްޓިފައިވާ ރިޒަރވް އުނިކުރުމަށްފަހު، އަދި؛

(3) އެ ހިސާބުކުރުމުގެ މުއްދަތު ފެށުނުއިރު، ދިމާވެފައިނުވާ އެފަދަ ރިސްކްތަކަށް އިސްވެ ބަޔާންކުރެވުނުގޮތަށް ހިސާބުކުރެވޭ ރިޒަރވް އެއްކުރުމަށްފަހު؛

(4) މިގޮތުން ނުކުންނަ ބާކީ ޢަދަދަކުން، ޙަޤީޤީ ގެއްލުމުގެ ޢަދަދު (ރީ-އިންޝުއަރަންސްގެ ދަށުން އަނބުރާ ލިބޭ ޢަދަދު އުނިކުރުމަށްފަހު) އާއި، ދިވެހިރާއްޖޭގައި އެޖެންސީ ހިންގުމަށް ދިޔަ ޚަރަދާއި، އެ ކުންފުނީގެ މައި އޮފީހުގެ ޚަރަދުތަކަށް އެކަށީގެންވާ ނިސްބަތެއް އުނިކުރުމުން ނުކުންނަ ޢަދަދެކެވެ.

(ނ) މި މާއްދާގެ (ރ) އާ ޚިލާފުނުވާ ގޮތުގެމަތިން، ލައިފް އިންޝުއަރކޮށްދޭ ކުންފުންޏެއްގެ (އެއީ، މިއުޗުއަލް ނުވަތަ ޕްރޮޕަރައިޓަރީ ކަމުގައިވިޔަސް) ޓެކްސް ބިނާކުރެވޭ ފައިދާކަމުގައިވާނީ، އިންވެސްޓްމަންޓުން ލިބޭ އާމްދަނީއިން ހިންގުމުގެ ޚަރަދުތައް (ކޮމިޝަން ހިމެނޭގޮތަށް) އުނިކުރުމުން ނުކުންނަ ޢަދަދެވެ.

(ރ) އެފަދަ ކުންފުންޏަކަށް ރާއްޖެއިން ބޭރުން ޕްރީމިއަމް ލިބޭނަމަ، ފައިދާ ނުވަތަ އިތުރުވުން ކަމުގައި ބަލާނީ، އެ ކުންފުންޏަށް ލިބުނު ޖުމްލަ ޕްރީމިއަމްތަކުގެ ތެރެއިން، ރާއްޖޭގައި އެޖެންސީ ހިންގުމަށް ހިނގާ ޚަރަދާއި، އެ ކުންފުނީގެ މައި އޮފީހުގެ ޚަރަދަށް އެކަށީގެންވާ ނިސްބަތެއް ކެނޑުމަށްފަހު، ރާއްޖެއިން ލިބުނު ޖުމްލަ ޕްރީމިއަމްތަކުގެ ނިސްބަތާ އެއްވަރަށް، އެ ކުންފުނީގެ ޖުމްލަ އިންވެސްޓްމަންޓް އާމްދަނީގެ ނިސްބަތްކަމުގައިވާ ޢަދަދެކެވެ.

15. ބޭންކުތަކާއި، ޗެރިޓީތަކާއި، ބޭރު އިންވެސްމެންޓްތަކަށް ދެވޭ އިސްތިސްނާ

(ހ) ތިރީގައިވާ ފަރާތްތަކަށް މި މާއްދާ ފިޔަވައި، މި ޤާނޫނުގެ އެހެން އެއްވެސް މާއްދާއެއް ރައްދެއްނުވާނެއެވެ.

(1) މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ؛

(2) ޤާނޫނު ނަންބަރު 9/85 (ދިވެހިރާއްޖޭގައި ހިނގަމުންދާ ވިޔަފާރި ބޭންކުތަކުގެ ފައިދާއިން ޓެކްސް ނެގުމާބެހޭ ޤާނޫނު) ގެ ދަށުން، ބޭންކަށް ލިބޭ ފައިދާއިން ޓެކްސް ދައްކަންޖެހޭ އެއްވެސް ބޭންކެއް؛

(3) އިސްލާމްދީން ކުރިއެރުވުން، ފަޤީރުންނަށް އެހީވުން، ޞިއްޙީ ޚިދުމަތް ދިނުން، ތަޢުލީމުދިނުން ނުވަތަ އެފަދަ ޢާންމު މަންފާއެއް ކުރިއެރުވުމުގެ މަޤްޞަދުގައި ޙަރަކާތްތެރިވުމަށް އުފައްދާފައިވާ އެމް.އައި.އާރް.އޭ އިން ހުއްދަކުރާ ޖަމާޢަތެއް ނުވަތަ ޖަމްޢިއްޔާއެއް ނުވަތަ ޢާންމު އިދާރާއެއް.

(ށ) މި ޤާނޫނަށް ޢަމަލުކުރަންފަށާ ދުވަހުގެ ފަހުން، ޤާނޫނު ނަންބަރު 25/79 (ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްމަންޓްއާބެހޭ ޤާނޫނު) ގެ ދަށުން، ވެވޭ އެއްބަސްވުމެއްގެ ބައިވެރިއަކަށްވާ މީހަކަށް، އެ އެއްބަސްވުމުން މިފަދަ އިސްތިސްނާއެއް ދޭނަމަ، މި ޤާނޫނުގެ ދަށުން ޓެކްސް ދެއްކުމުން އިސްތިސްނާ ވާނެއެވެ.

(ނ) މި ޤާނޫނަށް ޢަމަލުކުރަން ފަށާ ދުވަހުގެ ކުރިން، އެފަދަ އެއްބަސްވުންތަކުގައި ޓެކްސް ދެއްކުމުން އިސްތިސްނާކުރެވުނުކަމަށް ބުނެފައިވާ ބުނުމަކީ، މި ޤާނޫނުގެ މަޤްޞަދަށްޓަކައި އެއްވެސް ބާރެއް ހިނގާނެ ބުނުންތަކެއް ނޫނެވެ.

16. ކަނޑުބޯޓު ނުވަތަ މަތިންދާބޯޓު ދުއްވުމުގެ ވިޔަފާރިތަކަށް ދެވޭ އިސްތިސްނާ

(ހ) ޓެކްސް އަހަރެއްގައި ދަތުރުފަތުރު ކުރަމުންގެންދާ ކަނޑުބޯޓެއް ނުވަތަ މަތިންދާބޯޓެއްގެ ވެރިއެއް ނުވަތަ އެފަދަ އުޅަނދެއް ޗާޓަރކޮށްގެން އުޅޭ މީހެއް، އެފަދަ ވެރިއެއް ނުވަތަ ޗާޓަރކޮށްގެން އުޅޭ މީހެއްގެ ގޮތުގައި ކުރާ އެފަދަ ވިޔަފާރިއެއްގެ ފައިދާއަކުން؛ އެމީހާ،

(1) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާނަމަ؛ އަދި

(2) އެހެން އެއްވެސް ވިޔަފާރިއެއް ނުހިންގާނަމަ؛

އެފަދަ މީހަކު ވަޒަންވެރިވެފައިވާ ޤައުމަކުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ މީހަކަށް ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސްއިން ނުވަތަ އެފަދަ އެހެން ޓެކްސްއަކުން އެފަދަ އިސްތިސްނާއެއް ދީފައިވާކަމަށް ކޮމިޝަނަރ ޖެނެރަލްއަށް ޤަބޫލުކުރެވޭނަމަ، ޓެކްސް ދެއްކުމުން އިސްތިސްނާވާނެއެވެ.

(ށ) މި މާއްދާގެ ބޭނުމަށްޓަކައި، ކުންފުންޏެއް ޤައުމެއްގައި ވަޒަންވެރިވެފައިވާ ކަމަށް ބެލެވޭނީ އެ ކުންފުނި ހިންގުމުގެ މައިގަނޑު މަސައްކަތް ކޮންޓްރޯލް ކުރެވޭ ޤައުމެއްގައެވެ.

17. ޓެކްސް ބަޔާނާއި އަމިއްލައަށް ޓެކްސް ބިނާކުރުން

(ހ) ކުންފުނިތަކާއި ޕާޓްނަރޝިޕްތަކުގެ އިތުރުން އެއްވެސް ޤާނޫނެއްގެ ދަށުން، މާލީ ހިސާބުތައް ތައްޔާރުކުރަންޖެހޭ ފަރާތްތައް ފިޔަވައި، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ ދަށުން، ރަޖިސްޓަރީ ކުރަންޖެހޭ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ އަހަރެއްގެ ޖުމްލަ އާމްދަނީ އެމް.އައި.އާރް.އޭ އިން ކަނޑައަޅާ ވަކި ޢަދަދަށްވުރެ އިތުރުނުވާނަމަ، އެ ފަރާތްތަކުން ޓެކްސް ބަޔާން ހުށަހެޅުމުން އިސްތިސްނާ ކުރެވިދާނެއެވެ.

(ށ) ކޮންމެ ޓެކްސް އަހަރެއްގައި، ޓެކްސް ދައްކަންޖެހޭ ކޮންމެ މީހަކު އެ އަހަރެއްގެ އެމީހެއްގެ "ޓެކްސް ބަޔާން" ތައްޔާރުކޮށް ހުށަހަޅަންޖެހޭނެއެވެ. އަދި ތިރީގައިވާ މަޢުލޫމާތު އެލިޔުމުގައި ހިމަނަންޖެހޭނެއެވެ.

(1) މި ޤާނޫނާއެއްގޮތަށް ތައްޔާރުކުރެވިފައިވާ އެމީހެއްގެ އެ އަހަރުގެ ޓެކްސް ބިނާކުރެވޭ  ފައިދާ ނުވަތަ އެ އަހަރު ލިބިފައިވާ ގެއްލުމުގެ ހިސާބުކުރުމެއް؛ އަދި

(2) މި ޤާނޫނުގެ ދަށުން އެމީހަކު އެ އަހަރަކަށް ދައްކަންޖެހޭނެ ޓެކްސްއެއްވާނަމަ، އެ ޓެކްސްގެ ބިނާކުރުމެއް.

(ނ) އެއްވެސް ޓެކްސް އަހަރެއްގައި މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން، އެއްވެސް މީހަކު ހުށަހަޅާ ޓެކްސް ބަޔާނެއްގައި ހިމެނޭ ބިނާކުރުމަކީ، އެ އަހަރަށް އެމީހަކު ދައްކަންޖެހޭ ޓެކްސްގެ ބިނާކުރުމެވެ. އަދި އެއީ އަމިއްލައަށް ބިނާކުރުންކަމަށް ކިޔޭނެއެވެ.

(ރ) ޓެކްސް އަހަރެއްގެ ތެރޭގައި ނިމޭ އެއްވެސް މުއްދަތަކަށް ހިސާބުތައް ތައްޔާރުކުރުން އެއްވެސް މީހެއްގެ މައްޗަށް ގަވާއިދުން ލާޒިމުކުރާނަމަ، އެ ޓެކްސް އަހަރުގެ އެ މީހެއްގެ ޓެކްސް ބަޔާން އެމް.އައި.އާރް.އޭ އަށް ހުށަހަޅަންޖެހޭނީ ތިރީގައިވާ ތާރީޚުތަކުގެ ތެރެއިން ފަހުން އަންނަ ތާރީޚުގައެވެ.

(1) އެ އަހަރުގައި ނިމޭ އެމީހެއްގެ ހިސާބުކުރާ މުއްދަތު ހަމަވާ ދުވަހުން ފެށިގެން 6 (ހައެއް) މަސްދުވަސް ހަމަވާ ތާރީޚު؛ ނުވަތަ

(2) ވިދިގެން އަންނަ ޓެކްސް އަހަރުގެ އޭޕްރީލް 30؛

(ބ) މި މާއްދާގެ (ރ) ގައި ނުހިމެނޭ މީހަކު ހުށަހަޅަންޖެހޭ ޓެކްސް ބަޔާނެއް ހުށަހަޅަންޖެހޭނީ، ވިދިގެން އަންނަ ޓެކްސް އަހަރުގެ 30 އޭޕްރީލްގައި ނުވަތަ އޭގެ ކުރިންނެވެ.

(ޅ) އެއްވެސް އަހަރެއްގައި މީހެއްގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި، އެ އަހަރަކު އެމީހާއަށް ގެއްލުމެއް ލިބިފައިވާކަމަށް ދައްކާނަމަ، އެމީހެއްގެ އެ އަހަރެއްގެ ޓެކްސް ބަޔާނުގައި އެ ގެއްލުމުގެ ޢަދަދު ބަޔާންކުރަންވާނެއެވެ.

(ކ) މި ޤާނޫނުގައި ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ދުވަސްކަމުގައި ބުނެފައި އެވަނީ، މި މާއްދާގެ ދަށުން އެމް.އައި.އާރް.އޭ އަށް އެ ޓެކްސް ބަޔާން ހުށަހަޅަންޖެހޭ އެންމެފަހު ދުވަހަށް ނިސްބަތްކޮށްފައެވެ.

18. ބައެއް ޙާލަތްތަކުގައި ޓެކްސް ބަޔާން ހުށަހެޅުމަށް އެންގުމަށް އެމް.އައި.އާރް.އޭ އަށް ލިބިގެންވާ ބާރު

(ހ) މި މާއްދާ ރައްދުވާނީ އެއްވެސް މީހަކު ދިވެހިރާއްޖެ ދޫކޮށްފައި ދާން ގަސްތުކުރާކަން ނުވަތަ ކުންފުންޏެއްނަމަ، އުވާލުން ނޫންގޮތަކަށް ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވުން ހުއްޓާލަން ގަސްތުކުރާކަން، ނުވަތަ އެއްވެސް ފައިސާއެއް ނުވަތަ މުދަލެއް ދިވެހިރާއްޖެއިން ބޭރަށް ބަދަލުކުރަން ގަސްތުކުރާކަން، އަދި މިކަމުގެ ސަބަބުން އާމްދަނީއަށް އުނިކަމެއް އަތުވެދާނެކަމަށް އެމް.އައި.އާރް.އޭ އަށް ޤަބޫލުކުރެވޭ ކޮންމެ ޙާލަތެއްގައެވެ.

(ށ) އެމް.އައި.އާރް.އޭ ގެ އެންގުމަކުން، އެ އެންގުމުގައި ބަޔާންކޮށްފައިވާ މުއްދަތެއްގެ ނުވަތަ މުއްދަތުތަކެއްގެ ޓެކްސް ބަޔާން 7 (ހަތެއް) ދުވަހުގެ ތެރޭގައި ނުވަތަ އެމް.އައި.އާރް.އޭ އިން އެ އެންގުމުގައި ކަނޑައަޅާ އެއަށްވުރެ ދިގު މުއްދަތެއްގެ ތެރޭގައި، ހުށަހެޅުމަށް އެމް.އައި.އާރް.އޭ އިން އެމީހަކަށް އެންގިދާނެއެވެ. އަދި އެ ބަޔާނުގައި ތިރީގައިވާ މަޢުލޫމާތުތައް ހިމަނަންޖެހޭނެއެވެ.

(1) މި ޤާނޫނާ އެއްގޮތަށް ތައްޔާރުކުރެވިފައިވާ އެމީހެއްގެ އެ މުއްދަތުގެ ޓެކްސް ބިނާކުރެވޭ ފައިދާ ނުވަތަ އެ މުއްދަތުގައި ލިބިފައިވާ ގެއްލުމުގެ ހިސާބު.

(2) މި ޤާނޫނުގެ ދަށުން، އެމީހަކު އެ މުއްދަތަކަށް ދައްކަންޖެހޭނެ ޓެކްސްއެއްވާނަމަ، އެ ޓެކްސްގެ ބިނާކުރުމެއް.

(ނ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން، އެއްވެސް މީހަކު އެއްވެސް މުއްދަތަކަށް ބިނާކޮށް ހުށަހަޅާ ޓެކްސް ބަޔާނެއްގައި ހިމެނޭ ބިނާކުރުމަކީ، އެ މުއްދަތު ނުވަތަ މުއްދަތުތައް، ނިމޭ ޓެކްސް އަހަރަށް ނުވަތަ އަހަރުތަކަށް އެމީހަކު ދައްކަންޖެހޭ ޓެކްސްގެ ބިނާކުރުމެކެވެ. މިގޮތަށް ބިނާކުރާ ކުރުމަށް ކިޔާނީ، އަމިއްލައަށް ޓެކްސް ބިނާކުރުން ކަމުގައެވެ. އަދި މިގޮތަށް ބިނާކުރެވޭ ކޮންމެ ޓެކްސްއެއްވާނީ، މި ޤާނޫނުގެ އެހެން އެއްވެސް މާއްދާއެއް އެހެން ގޮތަކަށް މާނަކުރެވެންއޮތް ކަމުގައިވީނަމަވެސް، އެ ބަޔާނެއް ހުށަހަޅަންޖެހޭ ދުވަހުން ފެށިގެން ނުވަތަ އެ ގަސްތުކޮށްފައިވާ ފުރުން ނުވަތަ ބަދަލުކުރުން ނުވަތަ ދިވެހިރާއްޖޭގައި އެ ކުންފުނި ވަޒަންވެރިވެފައިވުން ނިމުމަކަށް އަންނަ ދުވަހުން ފެށިގެން (މިއިން އެންމެ އަވަހަށްޖެހޭ ދުވަހަކުން ފެށިގެން) 7 (ހަތެއް) ދުވަހުގެ ތެރޭގައި ދައްކަންޖެހޭ އެއްޗަކަށެވެ.

(ރ) މި މާއްދާގެ ދަށުން ހުށަހެޅޭ ބަޔާނެއްގައި، ފައިދާ ނުވަތަ ގެއްލުންތަކުގެ ޢަދަދު ހިސާބުކުރުމުގެ މަޤްޞަދަށްޓަކައި، މި ޤާނޫނުގައި ޓެކްސް އަހަރުކަމަށް ނުވަތަ ހިސާބުކުރުމުގެ މުއްދަތުކަމަށް ބުނެފައިވާ ޙާލަތްތަކުގައި މާނަކުރާނީ، އެ އެންގުމުގައި ކަނޑައަޅާފައިވާ މުއްދަތަކަށް ނިސްބަތްކުރާ ކަމަށެވެ.

(ބ) އެ އެންގުމަކާއެއްގޮތަށް ހުށަހެޅޭ ބަޔާނެއް ފުރިހަމަ ޓެކްސް އަހަރަކާ ދިމާނުވާނަމަ، މި ޤާނޫނުގައި އިންޓްރެސްޓްއާއި، ޖޫރިމަނާއާގުޅޭ މާއްދާތަކާއި، ޓެކްސްއާއި، އިންޓްރެސްޓްއާއި، ޖޫރިމަނާ ހޯދުމާގުޅޭ މާއްދާތައް ހިންގޭނީ، އެއީ ޓެކްސް އަހަރެއްގެ ގޮތުގައި ބަލައިގެންނެވެ.

(ޅ) އެއްވެސް ތާރީޚެއްގައި އެއްވެސް މީހެއްގެ މައްޗަށް މި މާއްދާގެ (ހ) ގެ ދަށުން ބަޔާނެއް ހުށަހަޅަން އަންގާ އެންގުމެއްގައި އެމީހަކު އެ ތާރީޚެއްގެ ކުރިން މި ޤާނޫނުގެ 17 ވަނަ މާއްދާގެ ދަށުން ހުށަހަޅާފައިވާ ޓެކްސް ބަޔާނެއްގައި ހިމެނޭ އެއްވެސް މުއްދަތެއް ހިމެނިގެން ނުވާނެއެވެ.

(ކ) މި މާއްދާގެ ދަށުން ޓެކްސް ބަޔާނެއް ހުށަހެޅުމުން، 17 ވަނަ މާއްދާގެ ދަށުން ހުށަހަޅަންޖެހޭ ބަޔާނެއް ހުށަހަޅަންޖެހުމުން އެއްކިބައެއް ނުވެއެވެ. އެހެންނަމަވެސް، މި މާއްދާގެ ދަށުން ހުށަހަޅާ ބަޔާނަކަށް ބިނާކޮށް އެމް.އައި.އާރް.އޭ އަށް ޓެކްސް ދައްކާފައިވަނިކޮށް، 17 ވަނަ މާއްދާގައިވާ ބަޔާނެއް ހުށަހަޅައިފިނަމަ، 17 ވަނަ މާއްދާގެ ބަޔާނުގައި ޓެކްސް ބިނާކުރާ ފައިދާ ނުވަތަ ގެއްލުމުގެ ޢަދަދުން، މި މާއްދާގެ ދަށުން ހުށަހަޅާ ޓެކްސް ބަޔާނުގައިވާ ޓެކްސް އުނިކުރަންޖެހޭނެއެވެ.

19. ޓެކްސް ބަޔާން އިޞްލާޙުކުރުން

(ހ) އެމީހަކު ހުށަހަޅާފައިވާ ޓެކްސް ބަޔާނެއް އިޞްލާޙުކުރަން ބޭނުންވާ މީހަކު އެ ބަޔާނެއް ހުށަހަޅަންޖެހޭ ތާރީޚުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި އެމް.އައި.އާރް.އޭ އަށް ފޮނުވާ އެންގުމަކުން، އެ ބަޔާން އިޞްލާޙުކުރެވިދާނެއެވެ.

(ށ) އެމް.އައި.އާރް.އޭ އިން މީހެއްގެ ޓެކްސް ބަޔާނުގައި ފެންނަން ހުރި ކުށްތަކާއި، އުނިވެފައިހުރި ބައިތައް، އެ ބަޔާނެއް ހުށަހަޅަންޖެހޭ ތާރީޚުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި، ނުވަތަ އެ ބަޔާނެއް ހުށަހެޅުނީ، އެ ހުށަހަޅަންޖެހޭ ތާރީޚުގެ ފަހުން ކަމުގައިވާނަމަ، އެ ހުށަހެޅުނު ދުވަހުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި އެ މީހަކަށް ފޮނުވާ އެންގުމަކުން އެ ބަޔާން އިޞްލާޙުކުރެވިދާނެއެވެ.

(ނ) މީހަކު ފޮނުވާފައިވާ ޓެކްސް ބަޔާން އިޞްލާޙުކުރުމުގެ އެންގުން އެމް.އައި.އާރް.އޭ އަށް އެ ލިބޭތާ، 12 (ބާރަ) މަސްދުވަހުގެ ތެރޭގައި އެ އެންގުމުގައިވާ ފެންނަންހުރި ކުށްތަކާއި، އުނިވެފައިހުރި ބައިތައް، އެ މީހަކަށް ފޮނުވާ އެންގުމަކުން، އެ ބަޔާން އިޞްލާޙުކުރެވިދާނެއެވެ. އަދި މި އެންގުމަށް ޢަމަލުކުރެވޭނީ، ޓެކްސް ބަޔާނަށް ގެނައި އިޞްލާޙެއްގެ ގޮތުގައެވެ.

(ރ) މި މާއްދާގެ ދަށުން ޢަމަލުކުރެވޭ އިޞްލާޙެއް ބެލެވޭނީ، އެމް.އައި.އާރް.އޭ އަށް އެންމެ ފުރަތަމަ ފަހަރު އެ ޓެކްސް ބަޔާން ލިބުނުއިރުވެސް އެ އިޞްލާޙު ހިމެނިފައިވާ ކަމުގައެވެ.

20. ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުން

(ހ) އެމް.އައި.އާރް.އޭ އަށް، މި މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން، ކޮންމެ މީހަކަށްވެސް އަންގާ އެންގުމަކުން، އެ އެންގުމުގައި ކަނޑައެޅި ބަޔާންކުރެވިފައިވާ ޓެކްސް އަހަރު ނުވަތަ އަހަރުތަކެއްގައި އެމީހެއްގެ ޓެކްސްގެ ކަންތައްތަކަށް ބަލަން ގަސްތުކުރާކަމާއި، މި ބެލުމުގެ މަޤްޞަދަކީ އެ ބުނެވިފައިވާ އަހަރުތަކުގައި އެމީހެއްގެ ޓެކްސް ބިނާކުރެވޭ ފައިދާ ނުވަތަ ގެއްލުން އަދި ބިނާކުރެވުނު ޓެކްސް ސާފުކުރުންކަމުގައި ބަޔާންކޮށް، އެންގިދާނެއެވެ. އަދި މިފަދަ އެންގުންތަކަށް، މި ޤާނޫނުގައި ނިސްބަތްކުރާނީ، "ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުން" މިގޮތަށެވެ.

(ށ) މި މާއްދާގެ (ނ) އާ ތަޢާރުޟްނުވާ ގޮތުގެމަތިން، އެއްވެސް މީހަކު ޓެކްސް އަހަރެއްގެ ޓެކްސް ބަޔާނެއް ހުށަހެޅީ، ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ދުވަހު ނުވަތަ އެއަށްވުރެ ކުރިންކަމަށްވާނަމަ، ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ދުވަހުން ފެށިގެން  12 (ބާރަ) މަސްދުވަސް ހަމަވުމުގެ ކުރިން އެމީހަކަށް ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުމެއް އޭނާއަށް ފޮނުވިދާނެއެވެ.

(ނ) އެއްވެސް މީހަކު ޓެކްސް އަހަރެއްގެ ޓެކްސް ބަޔާނެއް ހުށަހަޅާފައިވަނީ، ބަޔާން ހުށަހަޅަންޖެހޭ ދުވަހުގެ ފަހުންކަމަށް ވަނީނަމަ، ނުވަތަ މި ޤާނޫނުގެ 19 ވަނަ މާއްދާގެ ދަށުން، ޓެކްސް އަހަރެއްގެ ޓެކްސް ބަޔާނެއް އިޞްލާޙުކުރިކަމުގެ އެންގުމެއް ފޮނުވާފައިވާނަމަ، އެ ބަޔާން ހުށަހެޅި ދުވަހުން، ނުވަތަ އެ އިޞްލާޙުކުރިކަމުގެ އެންގުމުގެ ތާރީޚުން ފެށިގެން 12 (ބާރަ) މަސްދުވަސް ހަމަވުމުގެ ކުރިން އެމީހަކަށް ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުމެއް އޭނާއަށް ފޮނުވިދާނެއެވެ.

(ރ) ޓެކްސް އަހަރެއްގެ ޓެކްސް ބަޔާނެއް މީހަކު ހުށަހަޅާފައިނުވާނަމަ، އެމް.އައި.އާރް.އޭ އިން އެ މީހަކަށް ކޮންމެ ވަގުތެއްގައިވެސް ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުމެއް ފޮނުވިދާނެއެވެ.

(ބ) އަދި އެމް.އައި.އާރް.އޭ އިން، މި ޤާނޫނުގެ 26 ވަނަ މާއްދާގެ ދަށުން ވިތްހޯލްޑިންގ ޓެކްސްގެ، ޓެކްސް ބަޔާނެއް ހުށަހަޅާފައިވާ ކޮންމެ މީހަކަށްވެސް، ނުވަތަ އެކަށީގެންވާ ސަބަބުތަކެއް ހުރެގެން އެމް.އައި.އާރް.އޭ އަށް ޤަބޫލުކުރެވޭ ގޮތުގައި އެ މާއްދާއާ އެއްގޮތަށް ބަޔާނެއް ހުށަހަޅާފައިނުވާ މީހަކަށް، އެމީހަކު އެމް.އައި.އާރް.އޭ އަށް ދައްކަންޖެހޭ ފުރިހަމަ މިންވަރަށް ވިތްހޯލްޑިންގ ޓެކްސް ދައްކައިފިކަން ސާބިތުކުރުމުގެ މަޤްޞަދުގައި، ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުމެއް ފޮނުވިދާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގެ ދަށުން ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުމެއް، ވިތްހޯލްޑިންގ ޓެކްސްގެ، ޓެކްސް ބަޔާނެއް ހުށަހަޅާފައިވާ ދުވަހުން ފެށިގެން 12 (ބާރަ) މަސްދުވަސް ހަމަވުމުގެ ކުރިން، އަދި އެ ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުމުގެ ތާރީޚުގެ ކުރިއަށް ހިނގާފައިވާ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ދައްކާފައިވާ ނުވަތަ ލިބިފައިވާ އެއްވެސް ފައިސާއަކާގުޅޭ ގޮތުން އެންގިދާނެއެވެ.

(ކ) އެކަށީގެންވާ ސަބަބުތަކެއް ހުރެގެން އެމް.އައި.އާރް.އޭ އަށް ޤަބޫލުކުރެވޭ ގޮތުގައި އެއްވެސް މީހަކު ގަސްތުގައި ނުވަތަ މަކަރާއި ޙީލަތުން ވިތްހޯލްޑިންގ ޓެކްސްވެސް ހިމެނޭގޮތަށް، އެއްވެސް ޓެކްސްއެއް ދެއްކުމުން ރެކިފައިވާކަމަށް ވާނަމަ، އެފަދަ ގޮތަކަށް ޤަބޫލުކުރެވޭވަރަށް ނުވަތަ ޤަބޫލުކުރެވިދާނެވަރަށް ފުދޭވަރުގެ މަޢުލޫމާތު އެމް.އައި.އާރް.އޭ އަށް ލިބޭތާ 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައި، ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުމެއް ފޮނުވިދާނެއެވެ.

21. އެމް.އައި.އާރް.އޭ ގެ ބިނާކުރުން

(ހ) މި މާއްދާ ރައްދުވާނީ، އެއްވެސް ޓެކްސް އަހަރަކާމެދު ("ޚިލާފުވި އަހަރު") އެއްވެސް މީހަކަށް ("ޚިލާފުވި މީހާ") ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުމެއް އަންގާފައިވާނަމައެވެ. އަދި މި މާއްދާގެ ދަށުން ނިންމާ ނިންމުމަކަށް ނިސްބަތްކުރާނީ "އެމް.އައި.އާރް.އޭ ގެ ބިނާކުރުން" މިހެންނެވެ.

(ށ) އެމް.އައި.އާރް.އޭ އިން، އެފަރާތަށް ލިބިފައިވާ މަޢުލޫމާތާއި، ޤަބޫލުކުރެވޭގޮތަށް ބަލާފައި އެންމެ ރަނގަޅުގޮތަކަށް، ޚިލާފުވި އަހަރުގެ ޚިލާފުވި މީހާގެ ޓެކްސް ބިނާކުރެވޭ ފައިދާ ނުވަތަ ގެއްލުންތަކުގެ ޢަދަދާއި، އަދި އެ އަހަރަށް އެ ފައިދާއިން ނުވަތަ އެ އަހަރަށް އެ މީހަކަށް ލިބިފައިވާ ގެއްލުމުން، ޓެކްސް ދައްކަންޖެހޭނެނަމަ، އެ ޓެކްސްގެ ޢަދަދެއް، ކަނޑައަޅައި ނިންމިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ނިންމާފައިވާ ގޮތެއް، އެ ޚިލާފުވި މީހާއަށް އަންގަންވާނެއެވެ. މިގޮތުން:

(1) އެ ޚިލާފުވި އަހަރަށް ޓެކްސް ބަޔާނެއް ލިބިފައިވާނަމަ، (ހުށަޅަންޖެހޭ ދުވަހަށް ނުވަތަ އެއަށްވުރެ ފަހުން ނަމަވެސް)، އެ އެންގުންވާނީ، އެ ޓެކްސް ބަޔާނަށް ގެނެވޭ އިޞްލާޙެއް (އެ ބަޔާނެއްގެ ތާރީޚުން ފެށިގެން ނުވަތަ ބަޔާން ހުށަހަޅަންޖެހޭ ދުވަސް، މިއިން ކުރިން އަންނަ ދުވަހެއް) ކަމަށެވެ. ނުވަތަ؛

(2) އެފަދަ ޓެކްސް ބަޔާނެއް ނެތްނަމަ، އެ އެންގުން ވާނީ، މި މާއްދާގެ ދަށުން ޚިލާފުވި އަހަރަށް ކުރެވުނު ޓެކްސް ބިނާކުރެވުމެއްކަމަށެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން އަންގާ އެންގުމެއް އޮންނަންޖެހޭނީ ލިޔުމަކުންނެވެ. އަދި އެ އެންގުމުގައި ތިރީގައިވާ މަޢުލޫމާތު ހިމަނަންޖެހޭނެއެވެ.

(1) ޚިލާފުވި މީހާގެ ނަމާއި، އެޑްރެސް؛

(2) ޚިލާފުވި އަހަރު؛

(3) މި މާއްދާގެ (ށ) ގެ ދަށުން ޚިލާފުވި އަހަރަށް އެމް.އައި.އާރް.އޭ އިން ކަނޑައެޅި ޓެކްސް ބިނާކުރެވޭ ފައިދާ ނުވަތަ ގެއްލުމުގެ ޢަދަދު؛

(4) ރަޖިސްޓަރީކޮށްފައިވާ ފަރާތުގެ ޓިން؛

(5) ދައްކަންޖެހޭ ކަމަށް ކަނޑައެޅުނު ޓެކްސްގެ ޢަދަދު؛

(6) ކަނޑައެޅުނު ޓެކްސްގެ ޢަދަދު ދައްކަންޖެހޭ ތާރީޚު؛

(ބ) މި މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގެ ދަށުން، މީހެއްގެ މައްޗަށް ބިނާކުރެވުނު ޓެކްސްއެއް، އެބިނާކުރުމަށް ރައްދުވާނެ އިންޓްރެސްޓް ނުވަތަ އަދަބުތައް ކަނޑައެޅުމުގެ ބޭނުމަށްޓަކައި، ބެލެވޭނީ، އެމީހެއްގެ ޚިލާފުވީ އަހަރުގެ ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ދުވަހު ބިނާކުރެވުނުކަމަށެވެ.

(ޅ) ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުމުގައި އެއް އަހަރަށްވުރެ ގިނަ އަހަރު ހިމަނާފައިވާނަމަ، އެއިން ކޮންމެ އަހަރަކަށްވެސް މި މާއްދާގެ (ށ)، (ނ)، (ރ)، އަދި (ބ) ވަކިވަކިން ރައްދުވާނެއެވެ.

(ކ) ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުން އެމީހަކަށް އެންގޭތާ 3 (ތިނެއް) އަހަރުދުވަސް ހަމަވާ ފަހުން މި މާއްދާގެ (ނ) ގެ ދަށުން، އެންގުމެއް އަންގައިގެން ނުވާނެއެވެ.

22. ލިޔެކިޔުންތައް، ހިސާބުތައް އަދި އޮޑިޓްކުރުން

ޓެކްސް ދައްކަންޖެހޭ އެއްވެސް މީހަކު ބަލަހައްޓަންޖެހޭ ލިޔެކިޔުންތަކާއި، ޓެކްސް އަހަރެއްގައި ޓެކްސް ބަޔާނެއް ހުށަހަޅަންޖެހޭ ކޮންމެ މީހަކު ބަލަހައްޓަންޖެހޭ އަދި އެމް.އައި.އާރް.އޭ އަށް ފޮނުވަންޖެހޭ ހިސާބުތަކާއި، އެފަދަ ހިސާބުތައް އޮޑިޓްކުރުމާބެހޭ ގޮތުން ގަވާއިދު ހެދުމުގެ ބާރު ކޮމިޝަނަރ ޖެނެރަލް އަށް ލިބިގެންވެއެވެ.

23. އިންޓެރިމް ޕޭމަންޓް

(ހ) ޓެކްސް އަހަރެއްގައި، މި މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން، ފުރިހަމަ އިންޓެރިމް ޕޭމަންޓް، އެ ޓެކްސް އަހަރުގެ ޖުލައި މަހުގެ 31 ގައި ނުވަތަ އޭގެ ކުރިން، އަދި ދެވަނަ އިންޓެރިމް ޕޭމަންޓް ޖެހިގެން އަންނަ ޓެކްސް އަހަރުގެ ޖެނުއަރީ މަހުގެ 31 ގައި ނުވަތަ އޭގެ ކުރިން އެމް.އައި.އާރް.އޭ ގެ އެއްވެސް އެންގުމަކާ ނުލައި ދައްކަންޖެހޭނެއެވެ.

(ށ) މި ޤާނޫނުގެ ދަށުން ޓެކްސް އަހަރެއްގައި ޓެކްސް ދައްކަންޖެހޭ މީހެއްނަމަ، ފުރަތަމަ އަދި ދެވަނަ އިންޓެރިމް ޕޭމަންޓް ނިމިގެންދިޔަ ޓެކްސް އަހަރުގެ އޭނާގެ ބިނާކުރެވުނު ޓެކްސްގެ ޢަދަދުގެ ދެބައިކުޅަ އެއްބަޔާއެއްވަރުގެ ޢަދަދަކަށް ވާންޖެހޭނެއެވެ.

(ނ) ނިމިގެންދިޔަ ޓެކްސް އަހަރުގައި، މި ޤާނޫނުގެ ދަށުން ޓެކްސް ދައްކަންޖެހޭ މީހެއްނޫންނަމަ، އެމީހަކު ޖެހޭނީ ޖެހިގެން އަންނަ ޓެކްސް އަހަރުގައި އޭނާގެ ބިނާކުރެވޭނެ ޓެކްސްގެ ޢަދަދު ޢަދުލުވެރިގޮތަކަށް ލަފާކުރުމަށްފަހު، މި މާއްދާގެ (ހ) ގެ ދަށުން ދައްކާ ފުރަތަމަ އަދި ދެވަނަ އިންޓެރިމް ޕޭމަންޓްގެ ޢަދަދު، ޖެހިގެން އަންނަ ޓެކްސް އަހަރުގެ އޭނާގެ ބިނާކުރެވޭނެ، ޓެކްސްގެ ލަފާކުރެވޭ ޢަދަދުގެ ދެބައިކުޅަ އެއްބަޔާއެއްވަރުގެ ޢަދަދަކަށް ވާންޖެހޭނެއެވެ.

(ރ) މި ޤާނޫނުގެ ދަށުން ޓެކްސް ދައްކަންޖެހޭ ފުރަތަމަ އަހަރުގައި، ޓެކްސް ދައްކަންޖެހޭ މީހެއްނަމަ، އެމީހަކު ޖެހޭނީ އެ ޓެކްސް އަހަރުގައި އޭނާގެ ބިނާކުރެވޭނެ ޓެކްސްގެ ޢަދަދު ޢަދުލުވެރި ގޮތަކަށް ލަފާކުރުމަށްފަހު، މި މާއްދާގެ (ހ) ގެ ދަށުން، ފުރަތަމަ ދައްކާ ފައިސާއާއި ދެވަނައަށް ދައްކާ ފައިސާ، މިއިން ކޮންމެ އެއްޗެއް، ޓެކްސް އަހަރުގައި އޭނާގެ ބިނާކުރެވޭނެ، ޓެކްސްގެ ލަފާކުރެވޭ ޢަދަދުގެ ދެބައިކުޅަ އެއްބަޔާއެއްވަރުގެ ޢަދަދަކަށް ވާންޖެހޭނެއެވެ.

(ބ) ޓެކްސް ބަޔާނެއް ހުށަހަޅަންޖެހޭ ދުވަހަށް ހުށަހެޅިފައިވީ ނަމަވެސް، ނުވަތަ ހުށަނޭޅޭ ނަމަވެސް، ނުވަތަ މި ޤާނޫނުގެ 20 ވަނަ މާއްދާ ނުވަތަ 21 ވަނަ މާއްދާގެ ދަށުން، އިޞްލާޙުކުރެވުނު ނުވަތަ ބަދަލުކުރެވުނު ނަމަވެސް ނުވަތަ ނޫން ނަމަވެސް، މި މާއްދާ ރައްދުވާނެއެވެ.

(ޅ) މި ޤާނޫނުގެ 6 ވަނަ މާއްދާގެ ދަށުން، ވިތްހޯލްޑިންގ ޓެކްސްއަކަށް މި މާއްދާއެއް ރައްދެއްނުވާނެއެވެ.

(ކ) ނިމިގެންދިޔަ ޓެކްސް އަހަރުގައި އެއްވެސް މީހެއްގެ ބިނާކުރެވުނު ޓެކްސްގެ ޢަދަދަކީ -/2,000 (ދެހާސް) ރުފިޔާ އަށްވުރެ ބޮޑު ނޫން ޢަދަދެއްނަމަ، ނޫނީ މި މާއްދާގެ (ނ) ނުވަތަ (ރ) ގެ ދަށުން ކުރިއަށް ދައްކާ އިންޓެރިމް ޕޭމެންޓްގެ ޖުމްލައަކީ -/2,000 (ދެހާސް) ރުފިޔާ އަށްވުރެ ބޮޑު ނޫން ޢަދަދެއްނަމަ، މި މާއްދާއެއް ރައްދެއްނުވާނެއެވެ.

(އ) މި މާއްދާގެ ދަށުން ޓެކްސް ދައްކަންޖެހޭ ދުވަހު ނުވަތަ އެ ދުވަހުގެ ކުރިން ނުދައްކާ ޓެކްސްއަށް، އެ ޓެކްސް ދައްކަންޖެހޭ ދުވަހުގެ ފަހުން 1 (އެކެއް) މަސް ދުވަހުން ފެށިގެން ނުދައްކާހުރި ޓެކްސް ދައްކާ ނިމެންދެން އަހަރަކު %5 (ފަހެއް އިންސައްތަ) ގެ ރޭޓްއިން "އިންޓްރެސްޓް" ދައްކަންޖެހޭނެއެވެ.

24. ފައިނަލް ޕޭމަންޓް

(ހ) ފައިނަލް ޕޭމަންޓެއްގެ ގޮތުގައި އެއްވެސް ޢަދަދެއް ދައްކަންޖެހިފައިވާނަމަ، މި ޤާނޫނުގެ 17 ވަނަ މާއްދާގެ ދަށުން، ޓެކްސް ބަޔާނެއް ހުށަހަޅަންޖެހޭ ކޮންމެ މީހަކުވެސް، އެ ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ދުވަހުގެ ކުރިން،  އެމް.އައި.އާރް.އޭ ގެ ފަރާތުން އެއްވެސް އެންގުމަކާނުލައި، މި މާއްދާގެ ދަށުން އެ އަހަރަކަށް ދައްކަންޖެހޭ ޓެކްސްގެ ފައިސާ ދައްކަންޖެހޭނެއެވެ.

(ށ) ޓެކްސް އަހަރެއްގައި މި މާއްދާގެ ދަށުން، އެއްވެސް މީހަކު ދައްކަންޖެހޭ ޓެކްސްގެ ފައިސާގެ ޢަދަދަށް ވާނީ (ހުރިނަމަ)، އެ އަހަރަށް އެ މީހެއްގެ ބިނާކުރެވުނު ޓެކްސްގެ ޢަދަދުގެ ތެރެއިން ތިރީގައިވާ ޢަދަދުތަކުގެ ޖުމްލައަށްވުރެ އިތުރުވާ ޢަދަދެވެ.

(1) ޓެކްސް އެ އަހަރުގެ އެ މީހަކު ދައްކާފައިވާ އިންޓެރިމް ޕޭމަންޓްތައް، އަދި؛

(2) އޭގެ ކުރީގެ އެއްވެސް ޓެކްސް އަހަރެއްގައި އިތުރަށް ދެއްކިފައިވާ އަދި އެމް.އައި.އާރް.އޭ އިން އެ މީހަކަށް އަނބުރާ ނުދައްކާ ހުރި އެއްވެސް ޢަދަދެއްގެ ޓެކްސް.

(ނ) މި މާއްދާގެ ދަށުން ޓެކްސް ދައްކަންޖެހޭ ދުވަހު ނުވަތަ އެ ދުވަހުގެ ކުރިން ނުދައްކާ ޓެކްސްއަށް، އެ ޓެކްސް ދައްކަންޖެހޭ ދުވަހުގެ ފަހުން 1 (އެކެއް) މަސްދުވަސް ހަމަވާ ތާރީޚުން ފެށިގެން ޓެކްސް ދައްކާ ނިމެންދެން އަހަރަކު %5 (ފަހެއް އިންސައްތަ) ގެ އިންޓްރެސްޓް ދައްކަންޖެހޭނެއެވެ.

25. ވިތްހޯލްޑިންގ ޓެކްސް ހިސާބުކުރުމާއި، ދެއްކުން

(ހ) މި ޤާނޫނުގެ 6 ވަނަ މާއްދާގައި ބުނާ އެއްވެސް ފައިސާއަކަށް ނިސްބަތްކޮށް ޓެކްސް ބިނާކޮށްފައިވާނަމަ؛

(1) އެ ފައިސާ ދައްކަންޖެހޭ މީހާ ދައްކަންޖެހޭ ޖުމްލަ ފައިސާއިން އެ ޓެކްސްގެ ޢަދަދު ކަނޑަންވާނެއެވެ. އަދި؛

(2) އެ ޓެކްސްއަކީ، ފައިސާ ދައްކަންޖެހޭ މީހާ އެމް.އައި.އާރް.އޭ އަށް ދައްކަންޖެހޭނެ ޓެކްސްއެއްކަމަށް ބަލައި، އެމީހެއްގެ ފަރާތުން އެ ޓެކްސް ނެގޭނެއެވެ. އަދި؛

(3) އެ ދައްކާފައިވާ ފައިސާ ދެއްކި ތާރީޚު ނުވަތަ ހިސާބުތަކުން އަޅައިކެނޑުނު ތާރީޚު، މިއިން އަވަހަށް އަންނަ ދުވަހެއް ހިމެނޭ މަހާއި ޖެހިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން އެމް.އައި.އާރް.އޭ އަށް އެ ޓެކްސް ދައްކަންޖެހޭނެއެވެ.

(ށ) ދައްކާފައިވާ އެއްވެސް ފައިސާއަކުން މި މާއްދާގެ (ހ) ގެ ދަށުން، ޓެކްސް ކަނޑަންޖެހޭ މީހާ ތިރީގައިވާ މަޢުލޫމާތު ހިމަނައިގެން، އެމް.އައި.އާރް.އޭ އިން ކަނޑައަޅާފައިވާގޮތަށް ތައްޔާރުކޮށްފައިވާ ޓެކްސް ބަޔާނެއް، އޭގައި ހިމެނިފައިވަނީ، ތެދު މަޢުލޫމާތުކަމަށް އެމީހަކު އިޤުރާރުވެ، އެ ޓެކްސްއާއެކު އެމް.އައި.އާރް.އޭ އަށް ރައްދުކުރަންވާނެއެވެ.

(1) ދައްކާފައިވާ ފައިސާގެ ޖުމްލައާއި ކުރުގޮތަކަށް އެ ފައިސާއަކީ ކޮންކަމަކާގުޅޭ ފައިސާއެއްކަން؛

(2) އެ ފައިސާ ދެއްކި ނުވަތަ ފޮތްތަކުން އަޅައިކެނޑުނު ތާރީޚު؛

(3) އެ ފައިސާ ލިބުނު މީހާގެ ނަމާއި އެޑްރެސް، އަދި އެ ފައިސާ ފޮނުވުނު އެޑްރެސް ނުވަތަ އެކައުންޓް؛

(4) މި މާއްދާގެ ދަށުން ކަނޑަންޖެހޭ ޓެކްސް؛

އަދި ބޭނުންވެދާނެ އިތުރުއެހެން މަޢުލޫމާތުވެސް ހިމަނަންވާނެއެވެ. އަދި ކަނޑައަޅާފައިވާގޮތަށް ތައްޔާރުކޮށްފައިވާ ވިތްހޯލްޑިންގ ޓެކްސްގެ ސެޓްފިކެޓެއް މި މާއްދާގެ (ށ) ގައި ބުނެފައިވާ ދުވަހުން ފެށިގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ދައްކާފައިވާ ފައިސާ ލިބެންވީ މީހާއަށް ފޮނުވަންޖެހޭނެއެވެ.

(ނ) ދައްކާ އެއްވެސް ފައިސާއަކުން މި މާއްދާގެ ދަށުން ނަގަންޖެހޭ އެއްވެސް ޓެކްސްއެއް މި މާއްދާގެ (ށ) ގައިވާގޮތަށް ނަގާފައިވާކަމަށް ނުވާނަމަ، އެ ޓެކްސް ކަނޑަންޖެހޭ މީހާ، އެ ޓެކްސް ނުކަނޑާހުރި ދުވަސްތަކަށް އެ ޓެކްސްއަށް މަހަކު %1 (އެކެއް އިންސައްތަ) ގެ ރޭޓުން އިންޓްރެސްޓް  އެމް.އައި.އާރް.އޭ އަށް ދައްކަންޖެހޭނެއެވެ.

(ރ) މި މާއްދާގެ ދަށުން ޓެކްސް ނެގޭ ފައިސާ ލިބެންޖެހޭ މީހާއަށް މި މާއްދާގެ ދަށުން ޓެކްސްއަށް ނެގުނު އެއްވެސް ޢަދަދެއް އެހެން އެއްވެސް މީހެއްގެ އަތުން ހޯދުމުގެ ޙައްޤެއް ލިބިގެންނުވެއެވެ.

(ބ) ދައްކާ އެއްވެސް ފައިސާއަކުން މި މާއްދާގެ ދަށުން ނަގަންޖެހޭ އެއްވެސް ޓެކްސްއެއް މި މާއްދާގައިވާ ގޮތަށް އެމް.އައި.އާރް.އޭ އަށް ދައްކާފައިނުވާނަމަ، އެ ޓެކްސް ބެލެވޭނީ:

(1) އެ ޓެކްސް ހިފަހައްޓަންޖެހޭ މީހާގެ މައްޗަށް، އަދި

(2) އެ ދައްކާ ފައިސާ ލިބިފައިވާ މީހާގެ މައްޗަށް ބިނާކުރެވިފައިވާ ޓެކްސް ކަމަށެވެ.

އަދި މިގޮތުން، އެ ބިނާކުރެވުނު ޓެކްސް ދެއްކުމަށް އެފަދަ މީހުން ވަކިވަކިންވެސް އަދި އެކުގައިވެސް ޒިންމާވާންޖެހޭނެއެވެ.

(ޅ) މި މާއްދާގެ (ބ) ގެ ދަށުން އެއްވެސް މީހެއްގެ މައްޗަށް ޓެކްސް ބިނާކުރެވުނުކަމަށް ބެލެވޭނަމަ، އެމީހަކު ދައްކަންޖެހޭ ޓެކްސްއެއްކަމަށް  އެމް.އައި.އާރް.އޭ އަށް އެނގުނު ނުވަތަ އެނގެންޖެހޭނެކަމަށް ބެލެވޭ ތާރީޚުން ފެށިގެން 3 (ތިނެއް) އަހަރުގެ ތެރޭގައި އެމީހަކު ދައްކަންޖެހޭ ޓެކްސް ބިނާކުރެވޭކަމުގެ ނޯޓިސްއެއް ދިނުމުގެ އިޚްތިޔާރު އެމް.އައި.އާރް.އޭ އަށް ލިބިގެންވެއެވެ. އަދި ޓެކްސްއާބެހޭ ޤާނޫނު ތަކުގައި ވަކި ތާރީޚަކުން ފެށިގެން ނުވަތަ ވަކިކަމެއް ދިމާވުމުން ހިނގާ މުއްދަތެއްގެ ތެރޭގައި ކަމެއްކުރަންޖެހޭނަމަ، ބަލަންޖެހޭނީ މި މާއްދާގެ ދަށުން ޓެކްސް ބިނާކުރުން އަންގާ ދުވަހުން ފެށިގެން ހިނގާ މުއްދަތެއްގެ ގޮތުގައެވެ.

(ކ) މި މާއްދާގެ ދަށުން މީހަކު އުނިކުރަންޖެހޭ ޓެކްސްއެއް އުނިކޮށްފައިނުވި ނަމަވެސް، އެމީހަކު ހިފަހައްޓަންޖެހިފައިވާ ޓެކްސްގެ ޢަދަދު ލިބޭ މިންވަރަށް އެމީހަކު ކުރިން ނުވަތަ ފަހުން ދެއްކި ފައިސާގެ ތެރޭގައި ހުރިކަމަށް  އެމް.އައި.އާރް.އޭ އަށް ޤަބޫލުކުރެވޭނަމަ، މި މާއްދާގެ ދަށުން އެމީހަކު ހިފަހައްޓަންޖެހިފައިވާ ޓެކްސްއިން އިސްތިސްނާވާކަމަށް އެންގުމުގެ އިޚްތިޔާރު އެމް.އައި.އާރް.އޭ އަށް ލިބިގެންވެއެވެ.

(އ) ދައްކާފައިވާ އެއްވެސް ފައިސާއަކުން އުނިކުރަންޖެހޭ ޓެކްސް މި މާއްދާގެ (ށ) އާ އެއްގޮތްވާގޮތަށް ހިސާބުކުރެވިފައި ނުވާނަމަވެސް، މި މާއްދާގެ (ށ) ގެ ދަށުން ބަޔާނެއް ހުށަހަޅަންޖެހޭނެއެވެ. އަދި އެފަދަ ޙާލަތެއްގައި، އެ ފައިސާ ދައްކާފައި ނުވަތަ ލިބިފައިވާ މިއިން އެންމެ ކުރިން އަންނަ ތާރީޚާ ޖެހިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން، އެމް.އައި.އާރް.އޭ އަށް ބަޔާން ހުށަހަޅަންޖެހޭނެއެވެ.

26. ބިނާކުރުމަށް އިންކާރުކުރާ ކުރުން

(ހ) އެއްވެސް މީހެއްގެ މައްޗަށް މި ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން އެމް.އައި.އާރް.އޭ ގެ ބިނާކުރުމެއް ހެދިފައިވާނަމަ، އެމް.އައި.އާރް.އޭ އިން އެކަށީގެންވާ އެންމެއަވަސް ފުރުޞަތެއްގައި އެމީހަކަށް އެކަން އަންގަންވާނެއެވެ. އަދި މި އެންގުމުގައި އެމީހެއްގެ ބިނާކުރެވުނު ޓެކްސް ނެގޭ ފައިދާއާއި، އޭނާގެ ބިނާކުރެވުނު ޓެކްސްއާއި، އޭނާ ދައްކަންޖެހޭ ޓެކްސްގެ ޢަދަދާއި، އެއްވެސް އިންޓްރެސްޓްއެއް ނުވަތަ ޖޫރިމަނާއެއް ދައްކަންޖެހޭތޯއާއި، މި މާއްދާގެ ދަށުން އެމީހަކަށް ލިބިގެންވާ ޙައްޤުތައް ބަޔާންކޮށްފައި ހުންނަންޖެހޭނެއެވެ. އަދި މި މާއްދާގެ ދަށުން އަންގާ އެންގުމަށް މި ޤާނޫނުގެ ދަށުން ނިސްބަތްކުރާނީ "ޓެކްސް ބިނާކުރެވުނުކަން އަންގާ އެންގުން" މިހެންނެވެ.

(ށ) މި މާއްދާގެ ދަށުން ނުވަތަ މި ޤާނޫނުގެ 25 ވަނަ މާއްދާގެ ދަށުން ޓެކްސް ބިނާކުރެވުނުކަން އަންގާ އެންގުމެއް ރައްދުވާ ކޮންމެ މީހަކުވެސް އެމް.އައި.އާރް.އޭ އަށް އަންގާ އެންގުމަކުން އެ ބިނާކުރުމަށް އިންކާރު ކުރެވިދާނެއެވެ. މި މާއްދާގައި ޓެކްސް ބިނާކުރެވުނުކަން އަންގާ އެންގުމެއް ރައްދުވާ މީހާއަކީ "ބިނާކުރެވުނު މީހާ" އެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން އަންގާ އެންގުމެއްގައި ("އިންކާރުކުރާކަމުގެ އެންގުން") ބިނާކުރެވުނު މީހާ އެ ބިނާކުރުމަށް އިންކާރުކުރާ ސަބަބުތައް ބަޔާންކުރަންވާނެއެވެ.

(ރ) ޓެކްސް ބިނާކުރެވުނުކަން އަންގާ އެންގުން ރައްދުވާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެއަށް އިންކާރުކުރާކަމުގެ އެންގުމެއް އެމް.އައި.އާރް.އޭ އަށް ރައްދުކުރަންޖެހޭނެއެވެ. އެހެންނަމަވެސް، އެމް.އައި.އާރް.އޭ އަށް ޤަބޫލުކުރެވޭ ގޮތުގައި ބިނާކުރެވުނު މީހާއަށް އިންކާރުކުރާކަމުގެ އެންގުން އެ ހުއްދަކޮށްފައިވާ 30 (ތިރީސް) ދުވަހުގެ މުއްދަތުގެ ތެރޭގައި ހުށަނޭޅުނީ އެކަށީގެންވާ އުޒުރެއް (ދިވެހިރާއްޖޭގައި ނެތުމުން ނުވަތަ ބަލިވެގެން ނުވަތަ އެހެންކޮންމެވެސް ސަބަބެއް) އޮވެގެންކަމަށް ވަނީނަމަ، އެމް.އައި.އާރް.އޭ އިން އެކަމުގެ ބާވަތަށް ބަލާފައި، އެކަށީގެންވާ ވަރަކަށް އެ މުއްދަތު އިތުރުކޮށްދެވިދާނެއެވެ.

(ބ) ބިނާކުރެވުނު ޓެކްސްއާމެދު އިންކާރުކުރުމަށް ހުއްދަކޮށްފައިވާ 30 (ތިރީސް) ދުވަހުގެ މުއްދަތު ހަމަވުމުގެ ކުރިން ޓެކްސް ނެގުމާބެހޭ ޤާނޫނުތަކުގެ ދަށުން ދައްކަންޖެހޭ އެންމެހައި ޢަދަދުތަކެއް، އިންޓްރެސްޓްއާއި ޖޫރިމަނާތައް ހިމެނޭގޮތަށް، އަދި އެ އިންކާރުކުރަނީ ޓެކްސްގެ ޢަދަދާ މެދުގައިވީނަމަވެސް، އެމް.އައި.އާރް.އޭ އަށް ފުރިހަމައަށް އަދާކޮށްފައިވުމުން މެނުވީ، އެ އިންކާރުކުރާކަމުގެ އެންގުމެއް ޞައްޙައެއް ނުވާނެއެވެ.

(ޅ) އިންކާރުކުރާކަމުގެ އެންގުމެއް ލިބުމުން އެމް.އައި.އާރް.އޭ އިން އެ ބިނާކުރުން އަލުން ބަލަންވާނެއެވެ. އަދި އެމް.އައި.އާރް.އޭ އިން ބިނާކުރެވުނު މީހާއަށް:

(1) އެމީހާގެ އާމްދަނީއާބެހޭ ގޮތުން އެމް.އައި.އާރް.އޭ އިން ބޭނުންވާ ތަފްޞީލުތައް ހުށަހެޅުމަށް، އަދި

(2) އެ އާމްދަނީއާގުޅޭ ގޮތުން އޭނާގެ ޙަވާލުގައި ނުވަތަ އޭނާގެ ބެލުމުގެ ދަށުގައިހުރި ހުރިހާ ފޮތްތަކާއި ލިޔެކިޔުންތައް ހުށަހެޅުމަށްވެސް، އެންގިދާނެއެވެ.

(ކ) އެކަށީގެންވާ ސަބަބުތަކެއް ހުރެގެން އެމް.އައި.އާރް.އޭ އަށް ޤަބޫލުކުރެވޭ ގޮތުގައި އެ ބިނާކުރުމަކާބެހޭ ގޮތުން އެއްވެސް މީހަކަށް ހެކިބަސް ދެވޭނެކަމަށްވާނަމަ، އެންގުމަކުން އެމީހަކަށް ވަކި ތަނަކަށް ވަކި ގަޑިއަކަށް ހާޒިރުވާން އަންގާ، ހުވައިއެއްގެ ދަށުން ނުވަތަ އެނޫންގޮތަކަށްވިޔަސް، އެމް.އައި.އާރް.އޭ އިން އެމީހަކާ ސުވާލުކުރެވިދާނެއެވެ. އެހެންނަމަވެސް، އެއްވެސް މީހަކު ޝަރީޢަތުގެ މަޖިލީހުގައި ދިނުން ލާޒިމުނުކުރެވޭ އެއްވެސް ހެކިބަހެއް މި މާއްދާގެ ދަށުގައި ދިނުން ލާޒިމެއް ނުކުރެވޭނެއެވެ.

(އ) އެމީހެއްގެ މައްޗަށް ޓެކްސް ބިނާކުރެވުނު މީހާ، އެ ބިނާކުރުމަށް އިންކާރުކޮށްފައިވާނަމަ، އަދި ފަހުން އޭނާގެ މައްޗަށް ޓެކްސް ބިނާކުރެވެންވީ ޢަދަދާމެދު އެމް.އައި.އާރް.އޭ އާއެކު، އެއްބަސްވުމަކަށް އާދެވިއްޖެނަމަ، އެ އެއްބަސްވުމާއެއްގޮތަށް އެ ބިނާކުރުން އިޞްލާޙުކޮށްފައި އެމީހާއަށް ފޮނުވަންވާނެއެވެ.

(ވ) އެމް.އައި.އާރް.އޭ އިން އެ ބިނާކުރުން އަލުން ބެލުމަށްފަހު، އެ ބިނާކުރުމުގެ ކޮންމެވެސް ބައެއް އެއީ ރަނގަޅުނޫން ބައެއްކަމަށް ކަނޑައަޅައިފިނަމަ، އެމް.އައި.އާރް.އޭ އިން އެ ބިނާކުރުން އިޞްލާޙުކޮށްފައި އެމީހާއަށް ފޮނުވަންވާނެއެވެ.

(މ) އެމް.އައި.އާރް.އޭ އިން އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެ އިންކާރުކުރިކަމެއް ބަލައި، އެކަމަކާމެދުގޮތެއް ނިންމައި، އަދި ގޮތެއް ނިންމުނުހާއަވަހަށް އެ އިންކާރުކުރި މީހާއަށް އޭގެ ނަތީޖާ އަންގަން ޖެހޭނެއެވެ.

(ފ) އިންކާރުކުރާކަމުގެ އެންގުމަކާމެދު، އެ އިންކާރުކުރި ބިނާކުރުމުގައި ވަނީ މާބޮޑު ޢަދަދެއްކަމަށް އެމް.އައި.އާރް.އޭ އިން ނިންމައިފިނަމަ، އެކަށީގެންވާ އަވަސް މުއްދަތެއްގެ ތެރޭގައި އެމް.އައި.އާރް.އޭ އިން އިތުރު ބިނާކުރުމެއް ނެރެންވާނެއެވެ. އަދި އިތުރަށް ދައްކާފައި އެއްވެސް ފައިސާއެއްވާނަމަ، އެ ބިނާކުރުމަށް އިންކާރުކުރި މީހަކަށް އެ ފައިސާ އަނބުރާ ދައްކާ ނުވަތަ އެމީހަކު ދައްކަންޖެހިފައިވާ އެހެން ޓެކްސްގެ ޢަދަދަކުން، އެ ޢަދަދު އުނިކުރަންވާނެއެވެ.

(ދ) ތިރީގައިވާ ޝަރުޠުތައް ފުރިހަމަވުމުން މެނުވީ ބިނާކުރެވުނު މީހާއަށް، ބިނާކުރުމަކާމެދު ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް އިސްތިއުނާފަށް ހުށައެއްނޭޅޭނެއެވެ:

(1) މި މާއްދާގެ ދަށުން އެބިނާކުރުމަށް އިންކާރުކުރާކަމުގެ ޞައްޙަ އެންގުމެއް އޭނާ އަންގާފައިވުން، އަދި

(2) އެމް.އައި.އާރް.އޭ އިން މި މާއްދާގެ ދަށުން އެބިނާކުރުން އަލުންބަލައި ނިންމާފައިވުން، އަދި ބިނާކުރެވުނު މީހާ އެމް.އައި.އާރް.އޭ ގެ ނިންމުމާމެދު އަދިވެސް ހިތްހަމަނުޖެހިފައި ހުރުން.

27. އިސްތިއުނާފު ކުރުން

ބިނާކުރުންތަކާއި ޖޫރިމަނާތަކާމެދު އިސްތިއުނާފުކުރުމަށް، އަދި ޓެކްސް ނެގުމާބެހޭ ޤާނޫނުތަކާއެއްގޮތަށް ހުށަހެޅޭ މައްސަލަތައް ބަލާނީ ޓެކްސް އެޕީލް ޓްރައިބިއުނަލް އިންނެވެ.

28. ކުޑަކުއްޖަކާމެދު އެންގޭ އެންގުންތައް ނަފީ ކުރުން

(ހ) ޓެކްސް ނެގުމަށް ބެލެވޭ އެއްވެސް އަހަރެއް ފެށޭ ދުވަހު ޢުމުރުން 18 އަހަރު ހަމަނުވާ މީހަކު (ކުޑަކުއްޖަކު) ޓެކްސް އަހަރެއްގައި ދިވެހިރާއްޖޭގައި ވިޔަފާރިއެއް ހިންގަމުން ގެންދާނަމަ، ޓެކްސް ނެގުމާބެހޭ ޤާނޫނުތަކުގެ އެންމެހައި މަޤްޞަދުތަކަށްޓަކައި ބެލެވޭނީ އެ ވިޔަފާރި ހިންގަމުން ގެންދަނީ:

(1) އެ ވިޔަފާރި ކުޑަކުއްޖާއަށް ބަދަލުކުރީ އެހެން މީހަކުނަމަ، އެ ބަދަލުކުރި މީހާ، ނުވަތަ

(2) މި މާއްދާގެ (1) ވަނަ ނަންބަރު ރައްދުނުވާނަމަ، ކުޑަކުއްޖާގެ ބައްޕަ، ނުވަތަ ކުޑަކުއްޖާގެ ބައްޕަ ނިޔާވެފައިވާނަމަ، ގަވާއިދުތަކާއެއްގޮތަށް ކަނޑައެޅޭ ނުވަތަ ޢައްޔަންކުރެވޭ މީހާއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ވިޔަފާރި ހިންގަނީ ކުޑަކުއްޖަކު ނަމަ،

(1) މި ޤާނޫނުން ނުވަތަ މި ޤާނޫނުގެ ދަށުން ލާޒިމުކުރާ އެއްވެސް ކަމަކާއެއްގޮތަށް ޢަމަލުކުރުމުގެ ޒިންމާއަކީ، އެ ކުއްޖާގެ އަމިއްލަ ޒިންމާއެއް ނޫނެވެ. ނަމަވެސް،

(2) ޓެކްސް ނެގުމާބެހޭ ޤާނޫނުތަކާ އެއްގޮތަށް، އެ ވިޔަފާރިއާބެހޭ ޓެކްސް ބަޔާން ހުށަހެޅުމާއި، ދައްކަންޖެހޭ އެއްވެސް ޓެކްސްއެއް، އިންޓްރެސްޓްއެއް އަދި ޖޫރިމަނާއެއްވެސް ދެއްކުމަކީ އެ ވިޔަފާރި ހިންގަމުން ގެންދާކަމަށް ބެލެވޭ މީހާގެ ޒިންމާއެކެވެ.

29. ޓްރާންސްފަރ ޕްރައިޒިންގ

(ހ) މި މާއްދާ ރައްދުވާނީ ޓެކްސް އަހަރެއްގައި މީހެއްގެ ("ފުރަތަމަ މީހާ") ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި އެމީހަކާ އެހެން މީހަކާދެމެދު ("ދެވަނަ މީހާ") ސީދާ ނުވަތަ ނުސީދާ ގޮތަކަށް ކުރެވިފައިވާ މުޢާމަލާތްތަކަށް ބަލަންޖެހޭނަމަ، އަދި   އެ ދެމީހުންނަކީވެސް ގުޅުންހުރި ފަރާތްތަކެއްކަމަށް ވާނަމައެވެ.

(ށ) މި މާއްދާގެ މަޤްޞަދަށްޓަކައި، ދެމީހުންގެ މެދުގައި ނުސީދާގޮތަކަށް މުޢާމަލާތެއް ހިނގާފައިވާކަމަށް ބެލެވޭނީ ގުޅިފައިހުރި މުޢާމަލާތްތަކެއް ހުރިނަމަ އަދި، މި ދެމީހުންނަކީ އެއް މުޢާމަލާތެއްގެ ބައިވެރިން ކަމުގައި ނުވީނަމަވެސް ނުވަތަ ވީނަމަވެސް، މި މުޢާމަލާތްތަކުގެ ތެރެއިން އެކެއް ނުވަތަ އެއަށްވުރެ ގިނަ މުޢާމަލާތުގައި ބައިވެރިންކަމުގައި ވާނަމައެވެ.

(ނ) މި މާއްދާގެ މަޤްޞަދަށްޓަކައި، އެކަކު އަނެކަކާ ގުޅުން ހުރިކަމަށް ބެލެވޭނީ؛

(1) އެކަކުގެ މައްޗަށް އަނެކަކުގެ ބާރު ހިނގާނަމަ ނުވަތަ ދެމީހުންގެ މައްޗަށްވެސް ބާރު ހިންގަނީ އެކަކުނަމަ، ނުވަތަ

(2) އެކަކު އެއީ، އަނެކަކުގެ ތިމާގެ މީހެއްނަމައެވެ.

(ރ) މި މާއްދާގެ (ނ) ގެ މަޤްޞަދަށްޓަކައި، މީހަކު އެއީ އެހެން މީހެއްގެ ތިމާގެ މީހަކަށްވާނީ އެމީހަކީ

(1) އެމީހެއްގެ އަނބި ނުވަތަ ފިރިމީހާ؛ ނުވަތަ

(2) އެމީހެއްގެ ނުވަތަ އެމީހެއްގެ އަންބެއް ނުވަތަ ފިރިއެއްގެ ބޭބެއެއް ނުވަތަ ދައްތައެއް ނުވަތަ ކޮއްކޮއެއް، ނުވަތަ މަންމަ ނުވަތަ ބައްޕަ ނުވަތަ މާމަ ނުވަތަ ކާފަ، ނުވަތަ ދަރި

(3) މި މާއްދާގެ (2) ގައި ހިމެނޭ އެއްވެސް މީހެއްގެ އަންބެއް ނުވަތަ ފިރިއެއް ނަމައެވެ. އަދި "ދަރި" ގެ މާނައިގައި ދޮންދަރިވެސް ހިމެނެއެވެ.

(ބ) މި މާއްދާގައި، "އާމްސް ލެންތު ޓަރމްސް" އަކީ މުޢާމަލާތްތަކަށް ނިސްބަތްކުރާއިރު، އެކަކު އަނެކަކާ ގުޅުމެއް ނެތް ދެމީހަކު އެ މުޢާމަލާތެއް ކުރާނަމަ އެ މުޢާމަލާތެއް ކުރާނެ، ނުވަތަ ކުރާނެކަމަށް ބެލެވޭނެ އުޞޫލުތަކެވެ.

(ޅ) (1) ޓެކްސް ބިނާކުރުމުގައި މުޢާމަލާތްތަކަށް ބަލަންޖެހިއްޖެނަމަ:

އެމުޢާމަލާތެއް ކުރި އުސޫލުތަކަކީ "އާމްސް ލެންތު ޓަރމްސް" އެއްގޮތް އުޞޫލުތަކެއް ނޫންނަމަ، އަދި

(2) އާމްސް ލެންތު ޓަރމްސްތަކާ އެއްގޮތަށް އެ މުޢާމަލާތް ކުރުމުން ވާނެވަރަށްވުރެ ފުރަތަމަ މީހާގެ ޓެކްސް ބިނާކުރެވޭ ފައިދާ ކުޑަނަމަ، ނުވަތަ އެމީހާގެ ޓެކްސް ބިނާކުރެވޭ ގެއްލުންތައް ބޮޑުނަމަ، އެމީހާގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރާނީ، އެމުޢާމަލާތެއް ޙަޤީޤަތުގައި ހިންގި އުޞޫލުތަކަކީ އާމްސް ލެންތު ޓަރމްސް ތަކެއް ނޫންކަމުގައިވިޔަސް، އާމްސް ލެންތު ޓަރމްސްތަކާ އެއްގޮތަށް ކުރި މުޢާމަލާތެއްގެ ގޮތުގައެވެ.

(ކ) އެ މުޢާމަލާތަކީ ގުޅުންހުރި މީހުންތަކެއް މެނުވީ ނުކުރާނެ މުޢާމަލާތެއްނަމަ، ފުރަތަމަ މީހާގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި އެމުޢާމަލާތް ހިމަނައިގެން ނުވާނެއެވެ.

(އ) ތިރީގައިވާ ކަންކަން ފުރިހަމަވާ ޙާލަތްތަކުގައި މި މާއްދާގެ (ވ) ރައްދުވާނެކަމަށް އެމް.އައި.އާރް.އޭ އިން އެންގިދާނެއެވެ.

(1) މުޢާމަލާތްތަކާ ގުޅިގެން، ޓެކްސް ނެގުމަށް ބެލެވޭ އަހަރެއްގެ ފުރަތަމަ މީހާގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި މި މާއްދާގެ (ޅ) ނުވަތަ (ކ) ރައްދުވާނަމަ، އަދި

(2) ދެވަނަ މީހާ ("އެދޭ މީހާ") މި މާއްދާގެ ދަށުން ޙައްލެއް ހޯދުމަށް  އެމް.އައި.އާރް.އޭ އަށް އެދޭނަމަ، އަދި

(3) އެމް.އައި.އާރް.އޭ އަށް ޤަބޫލުކުރެވޭ ގޮތުގައި، މި މާއްދާގެ މި ބަޔަށް ނުބަލާ އެދޭ މީހާގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި އެމުޢާމަލާތްވެސް ހިމެނޭނެނަމަ.

(ވ) މި މާއްދާގެ މި ބައި ރައްދުވާނަމަ، އެމުޢާމަލާތަށް ބަލާފައި، ފުރަތަމަ މީހާގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައި މި މާއްދާގެ (ޅ) ނުވަތަ (ކ) އިން ރައްދުވީ ބައި، އެދޭ މީހާގެ ޓެކްސް ބިނާކުރެވޭ ފައިދާ ހިސާބުކުރުމުގައިވެސް ހިމަނާނީއެވެ.

(މ) މި މާއްދާގެ (އ) ގެ ދަށުން ޙައްލެއް ހޯދުމަށް އެދެންޖެހޭނީ، މި މާއްދާގެ (އ) ގެ (1) ވަނަ ނަންބަރުގައި ބުނެފައިވާ ޓެކްސް އަހަރުގެ ފުރަތަމަ މީހާގެ މައްޗަށް ޓެކްސް ބިނާކުރެވޭތާ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ލިޔުމަކުންނެވެ.

(ފ) މި މާއްދާގެ (އ) ގެ ދަށުން ހޯދަން އެދިފައިވާ ޙައްލެއް ހޯދައިދިނުމަށް ގެންނަންޖެހޭ ބަދަލުތަކާ ބިނާކުރުންތައް ކުރަންވާނެއެވެ.

30. ޓެކްސް ދެއްކުމުގެ ޒިންމާއިން އެއްކިބާވުމަށް ނުވަތަ ކުޑަކުރުމަށް އަޅާ ފިޔަވަޅުތައް

(ހ) މި ޤާނޫނަށް ޢަމަލުކުރަން ފެށޭ ދުވަހުގެ ކުރިން ނުވަތަ ފަހުން ކަމުގައި ވީނަމަވެސް، އެއްވެސް މުޢާމަލާތެއްގެ މައިގަނޑު މަޤްޞަދަކީ ނުވަތަ މައިގަނޑު އެއް މަޤްޞަދަކީ އެއްވެސް ޓެކްސް އަހަރެއްގައި ޓެކްސް ދެއްކުމުގެ ޒިންމާއިން އެއްކިބާވުން ނުވަތަ  ޓެކްސް ދައްކަންޖެހޭ މިންވަރު ކުޑަކުރުން ކަމުގައި އެމް.އައި.އާރް.އޭ އިން ޤަބޫލުކުރެވޭ ވަރުގެ އެކަށީގެންވާ ސަބަބުތަކެއް ހުރިނަމަ، މި މާއްދާގެ (ރ) ގައި ބަޔާންކުރެވިފައިވާ ބާރުތަކުންކުރެ ބާރެއް ބޭނުންކުރުމުގެ ޙައްޤު އެމް.އައި.އާރް.އޭ އަށް ލިބިގެންވެއެވެ.

(ށ) މި ޤާނޫނުގެ 29 ވަނަ މާއްދާއަށް ފެތޭ އެއްވެސް މުޢާމަލާތްތަކަށް މި މާއްދާގެ (ހ) ރައްދެއް ނުވާނެއެވެ.

(ނ) އެ ޓެކްސް ދެއްކުމުގެ ޒިންމާއިން އެއްކިބާވުން ނުވަތަ ޓެކްސް ދައްކަންޖެހޭ މިންވަރު ކުޑަކުރުން ހޯދާފައިވަނީ ދޭއް ނުވަތަ އެއަށްވުރެ ގިނަ މުޢާމަލާތްތަކެއްގެ ނަތީޖާ އެއްކުރުމުން ކަމަށްވާނަމަވެސް، ނުވަތަ ދޭއް ނުވަތަ އެއަށްވުރެ ގިނަ މުޢާމަލާތްތަކާއި ކުންފުންޏެއް އުވާލުމުގެ ނަތީޖާ އެއްކުރުމުން ކަމަށްވާނަމަވެސް، މި މާއްދާގެ (ހ) ރައްދުވާނެއެވެ. އަދި މިފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، މި މާއްދާގައި އެއް މުޢާމަލާތަށް ނިސްބަތްކޮށްފައި ހުރި ޢިބާރާތްތައް މި މާނަ ދޭހަވާގޮތަށް ކިޔަންޖެހޭނެއެވެ.

(ރ) އެމް.އައި.އާރް.އޭ ދެކޭ ގޮތުގައި އެއީ އިންޞާފުވެރި އަދި ޢަދުލުވެރިގޮތް ކަމަށްވާ ޙާލަތުތަކުގައި އެމް.އައި.އާރް.އިން ތިރީގައިވާ ގޮތަށް އެންގިދާނެއެވެ.

(1) އެމް.އައި.އާރް.އޭ ގެ ނަޒަރުގައި އެއްކިބާކުރެވުނު ނުވަތަ ކުޑަކުރެވުނު ޓެކްސްގެ ޢަދަދަށްވުރެ އިތުރުނުވާ ޢަދަދެއް ޓެކްސްގެ ގޮތުގައި ބިނާކުރެވިއްޖެކަން އެންގުން؛

(2) ދައްކާފައިވާ ޓެކްސްގެ ޢަދަދެއް އަނބުރާ ދައްކަންޖެހުން ބާޠިލުކުރެވޭ އެންގުމެއް ނެރުން؛ ނުވަތަ

(3) ދައްކާފައިވާ ޓެކްސްގެ ޢަދަދެއް އަނބުރާ ދައްކާފައިވާނަމަ، އެ ޢަދަދެއް އަނެއްކާ ދެއްކުމަށް ވަކި މުއްދަތެއް ކަނޑައަޅައި އެމުއްދަތުގެ ތެރޭގައި އެ ޢަދަދު ދެއްކުމަށް އެންގުން.

(ބ) ތިރީގައިވާ ކަންތައްތަކާ ގުޅޭ މި ޤާނޫނުގެ މާއްދާތަކުގެ މަޤްޞަދަށްޓަކައި، މި މާއްދާގެ (ރ) ގެ (2) އާއި (3) ގެ ދަށުން އަންގާ އެންގުން ބެލެވޭނީ ބިނާކުރުމެއް ކަމަށެވެ.

(1) ޓެކްސްގެ ބިނާކުރުންތަކަށް އިންކާރުކުރުމާއި، އެ އިންކާރުކުރި ކުރުމަށް ނިންމި ގޮތާމެދު އިސްތިއުނާފަށް ހުށަހެޅުން؛ އަދި

(2) ޓެކްސް ދައްކަންޖެހޭ ތާރީޚުގައި ނުދެއްކުމުން އަރާ އިންޓްރެސްޓް،

(ޅ) އެއްވެސް މުޢާމަލާތެއްގެ މައިގަނޑު މަޤްޞަދަކީ ނުވަތަ މައިގަނޑު އެއް މަޤްޞަދަކީ ވަކިފަރުދެއް ހިންގަމުން ގެންދިޔަ ވިޔަފާރިއަކާ ޙަވާލުވުމުގެ މަޤްޞަދަށް އުފައްދާފައިވާ ކުންފުންޏަކަށް އެކަންކުރަން މަގުފަހިކޮށްދިނުން ކަމަށްވާނަމަ މި މާއްދާގެ (ހ) ރައްދެއް ނުވާނެއެވެ.

31. ޓެކްސް ދެއްކުމުން ރެކުމާގުޅޭ ކުށްކުށް
(ހ) މި މާއްދާއަށް ޢަމަލުކުރާނީ މީހަކު އެނގިހުރެ އަދި ޓެކްސް ދެއްކުމުން ރެކުމުގެ ގަސްތުގައި ނުވަތަ އެހެން އެއްވެސް މީހަކު ޓެކްސް ދެއްކުމުން ރެކުމަށް އެހީތެރިވުމުގެ ގަސްތުގައި

(1) ޓެކްސް ބަޔާނެއް ހުށަހަޅާފައިނުވާނަމަ ނުވަތަ ޓެކްސް ނެގުމާބެހޭ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން އަންގަންޖެހޭ އެއްވެސް އެންގުމެއް ނުވަތަ ދޭންޖެހޭ އެއްވެސް މަޢުލޫމާތެއް ނުދީ ހުރެފިނަމަ؛ ނުވަތަ

(2) ޓެކްސް ބަޔާނެއްގައި ހިމަނަންޖެހޭ އެއްވެސް އާމްދަނީއެއް ނުވަތަ ފައިދާއެއް ނުހިމަނާ ދޫކޮށްލައިފިނަމަ؛ ނުވަތަ

(3) އެއްވެސް ޓެކްސް ބަޔާނެއްގައި ދޮގު މަޢުލޫމާތެއް ނުވަތަ ދޮގު ބަޔާނެއް ދީފިނަމަ؛ ނުވަތަ

(4) ޓެކްސް ނެގުމާބެހޭ ޤާނޫނުތަކުގެ ދަށުން ކުރެވޭ ސުވާލުތަކަށް ނުވަތަ މަޢުލޫމާތު ދިނުމަށް ބުނުމުން އަނގަބަހުން ނަމަވެސް ނުވަތަ ލިޔުމުން ނަމަވެސް ދޮގު ޖަވާބު ދިނުން؛ ނުވަތަ

(5) ދޮގު ހިސާބުތަކެއް އެކުލެވޭ ލިޔުންތަކެއް ތައްޔާރުކޮށްފިނަމަ، ނުވަތަ ބަލަހައްޓައިފިނަމަ، ނުވަތަ އެފަދަ ލިޔުންތަކެއް ތައްޔާރުކުރުމަށް ނުވަތަ ބެލެހެއްޓުމަށް ހުއްދަ ދީފިނަމަ، ނުވަތަ ހިސާބުތަކެއް އެކުލެވޭ ލިޔުންތަކެއް އޮޅުވާލައިފިނަމަ ނުވަތަ އޮޅުވާލުމަށް ހުއްދަ ދީފިނަމަ؛ ނުވަތަ

(6) ގަވާއިދުތަކާ އެއްގޮތަށް އެމް.އައި.އާރް.އޭ އަށް ހިސާބުތައް ނުދައްކައިފިނަމަ، ނުވަތަ ގަވާއިދުން ތައްޔާރުކުރެވިފައިނުވާ ހިސާބުތައް ދައްކައިފިނަމައެވެ. 

އަދި އެފަދަ މީހަކަށް ތިރީގައި ނިސްބަތްކުރާނީ "ޚިލާފުވީ މީހާ"ގެ ގޮތުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްވެސް ޢަމަލެއްކޮށްފި މީހަކު އެކުރީ ކުށެކެވެ. އަދި އޭނާގެ މައްޗަށް އެކުށް ސާބިތުވުމުން އޭނާއަށް ދެވޭނެ އަދަބަކީ -/100,000 (އެއްލައްކަ) ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާކުރުން، ނުވަތަ 6 (ހައެއް) މަސްދުވަހާއި 2 (ދޭއް) އަހަރާ ދެމެދު މުއްދަތަކަށް ގޭގައި ބަންދުކުރުން ނުވަތަ ޖަލަށްލުން ނުވަތަ އަރުވާލުން، ނުވަތަ އެފަދަ ޖޫރިމަނާއާއެކު ގޭގައި ބަންދުކުރުން ނުވަތަ ޖަލަށްލުން ނުވަތަ އަރުވާލުމެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްވެސް ޢަމަލެއްކޮށްފިނަމަ، މި މާއްދާގެ (ށ) ގެ ދަށުން ދެވޭ އަދަބެއްގެ އިތުރުން، ޚިލާފުވީ މީހާއަށް ދެވޭ މަދަނީ އަދަބެއްގެ ގޮތުން، އެކުށެއް ކުރިއިރު ހިނގަމުންދިޔަ ނުވަތަ އެކުށެއް އަމާޒުކޮށްފައިވާ ޓެކްސް އަހަރެއްގައި އޭނާ ދައްކަންޖެހޭ ޓެކްސްގެ ޢަދަދުގެ ދެގުނައާއި އެއްވަރު ޢަދަދެއް އޭނާ ދައްކަންޖެހޭނެއެވެ.

(ރ) މި މާއްދާގެ ދަށުން ބަލަމުންދާ މައްސަލައެއްގައި، އެއްވެސް ބަޔާނެއްގައި ދޮގު ބަޔާނެއް ނުވަތަ މަޢުލޫމާތެއް ހިމަނާފައިވަނީ ވަކި މީހަކު ނުވަތަ އެމީހެއްގެ ފަރާތުންކަން، ނުވަތަ އެދޮގު ބަޔާނެއް ނުވަތަ މަޢުލޫމާތެއް ހިމަނާފައިވަނީ އެމީހަކު ނޫނީ އޭނާގެ ފަރާތުން ބަލަހައްޓާ ހިސާބުތައް އެކުލެވޭ ލިޔުންތަކުގައި ނުވަތަ އެފަދަ އެހެން ލިޔެކިޔުމުގައިކަން ސާބިތުކުރެވިއްޖެނަމަ، މިއާޚިލާފަށް ކަންތައް ހިނގާދިޔަކަން ސާބިތުކުރެވެންދެން، އޭނާ އެ ދޮގު ބަޔާނެއް ނުވަތަ މަޢުލޫމާތެއް ދީފައިވަނީ ޓެކްސް ދެއްކުމުން ރެކުމުގެ ގަސްތުގައިކަމަށް ބެލެވޭނެއެވެ.

32. ޓެކްސް ބަޔާނެއް ހުށަހެޅުމަށް އުޒުރުވެރިވުމާއި ނުރަނގަޅު ޓެކްސް ބަޔާން ހުށަހެޅުންފަދަ ކަންކަމާގުޅޭ ކުށްތައް

(ހ) މި މާއްދާއަށް ޢަމަލުކުރާނީ ޤަބޫލުކުރެވޭފަދަ އުޒުރަކާނުލާ މީހަކު؛

(1) ޓެކްސް ބަޔާނެއް ހުށަނާޅައިފިނަމަ ނުވަތަ ޓެކްސް ނެގުމާބެހޭ ޤާނޫނުތަކުން ކަނޑައަޅާފައިވާ ގޮތަށް އަންގަންޖެހޭ އެއްވެސް އެންގުމެއް ނުވަތަ ދޭންޖެހޭ އެއްވެސް މަޢުލޫމާތެއް ނުދީފިނަމަ؛ ނުވަތަ

(2) އޭނާ ބަޔާނުގައި ހިމަނަންޖެހޭ އޭނާގެ އާމްދަނީ ނުޖަހާ ނުވަތަ ލިބޭވަރަށްވުރެ ކުޑަ ޢަދަދެއް ޖަހައިގެން ނުރަނގަޅު ޓެކްސް ބަޔާނެއް ހުށަހަޅައިފިނަމަ؛ ނުވަތަ

(3) ގަވާއިދުތަކާ އެއްގޮތަށް އެމް.އައި.އާރް.އޭ އަށް ހިސާބުތައް ނުދައްކައިފިނަމަ، ނުވަތަ ގަވާއިދުން ތައްޔާރުކުރެވިފައި ނުވާ ހިސާބުތައް ދައްކައިފިނަމަ؛

(4) ގަވާއިދުތަކުން ލާޒިމުކުރާގޮތަށް ރަނގަޅު ލިޔެކިޔުންތައް ނުބަލަހައްޓައިފިނަމަ؛

(5) އޭނާގެ، ނުވަތަ އެހެން މީހެއްގެ ނުވަތަ ޕާޓްނަރޝިޕްއެއްގެ ޓެކްސް ދައްކަންޖެހޭ މިންވަރު ކަނޑައެޅުމަށް އަސަރުކުރާނެކަމަކާ ނުވަތަ އެއްޗަކާމެދު ނުރަނގަޅު މަޢުލޫމާތު ދީފިނަމަ؛ އެވެ. 

އަދި އެފަދަ މީހަކަށް ތިރީގައި ނިސްބަތްކުރާނީ "ޚިލާފުވި މީހާ" މިހެންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބާވަތުގެ މައްސަލައެއްނަމަ، ޚިލާފުވި މީހާ އެކުރީ ކުށެކެވެ. އަދި އޭނާގެ މައްޗަށް އެކުށް ސާބިތުވުމުން އޭނާއަށް ދެވޭނެ އަދަބަކީ -/250,000 (ދެލައްކަ ފަންސާސް ހާސް) ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާކުރުން، ނުވަތަ 3 (ތިނެއް) މަސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ގޭގައި ބަންދުކުރުން ނުވަތަ ޖަލަށްލުން، ނުވަތަ އެފަދަ ޖޫރިމަނާއާއި އެކު ގޭގައި ބަންދުކުރުން ނުވަތަ ޖަލަށްލުން މިއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބާވަތުގެ މައްސަލައެއްނަމަ، ޚިލާފުވި މީހާ، މި މާއްދާގެ (ށ) ގެ ދަށުން ދެވޭ އަދަބެއްގެ އިތުރުން، ތިރީގައިވާ ގޮތުންކުރެ ގޮތަކަށް ކަނޑައެޅޭ ޢަދަދެއް އެމީހަކު ދައްކަންޖެހޭނެއެވެ.

(1) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު ނުވަތަ (3) ވަނަ ނަންބަރަށް ފެތޭ ބާވަތުގެ މައްސަލައެއްނަމަ، އެބަޔާން، އެންގުން، މަޢުލޫމާތު ނުވަތަ ހިސާބުތައް ދިމާވާ ހިސާބުކުރުމުގެ މުއްދަތަށް އެމީހަކު ދައްކަންޖެހޭ ޓެކްސްގެ ޢަދަދުގެ ދެގުނައާ އެއްވަރުގެ ޢަދަދެއް، ނުވަތަ

(2) އެދިން ނުރަނގަޅު ޓެކްސް ބަޔާނެއްގެ ނުވަތަ މަޢުލޫމާތުގެ ސަބަބުން އޭނާ ޓެކްސް ދައްކަންޖެހޭ މިންވަރުކަމަށް ކަނޑައެޅިފައިވަނީ، ނުވަތަ ބަޔާން ނުވަތަ މަޢުލޫމާތު ޞައްޙަކަމަށް ޤަބޫލުކުރެވުނުނަމަ، ކަނޑައެޅޭނީ އޭނާ ޙަޤީޤަތުގައި ދައްކަންޖެހޭ ވަރަށްވުރެ ކުޑަ ޢަދަދެއްނަމަ، އެ ޢަދަދެއްގެ ދެގުނައާ އެއްވަރުގެ ޢަދަދެއް.

(ރ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު ނުވަތަ (3) ވަނަ ނަންބަރަށް ފެތޭ ބާވަތުގެ މައްސަލައެއްނަމަ، ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް އެމް.އައި.އާރް.އޭ އިން ހުށަހެޅުމުން، އިތުރު މަދަނީ އަދަބެއްގެ ނުވަތަ އަދަބުތަކެއްގެ ގޮތުގައި، ފައިސާ ނުދައްކާ ހިނގާ ކޮންމެ ދުވަހަކަށް -/500 (ފަސްސަތޭކަ) ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދެއް ދެއްކުމަށް އެ ޚިލާފުވި މީހާއަށް އެންގުމުގެ އިޚްތިޔާރު ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ލިބިގެންވެއެވެ.

(ބ) މަތީގައިވާ (ހ) ގެ (4) ވަނަ ނަންބަރަށް ފެތޭ ބާވަތުގެ މައްސަލައެއްނަމަ، ޚިލާފުވި މީހާ -/250,000 (ދެލައްކަ ފަންސާސް ހާސް) ރުފިޔާގެ  ބޮޑުނޫން ޢަދަދަކުން ޖޫރިމަނާއެއް މަދަނީ އަދަބެއްގެ ގޮތުގައި ދައްކަންޖެހޭނެއެވެ.

(ޅ) މި މާއްދާގެ (ށ)، (ނ)، (ރ)، އަދި (ބ) ގައި ކަނޑައެޅިފައިވާ އަދަބުތަކާ ތަޢާރުޒުނުވާ ގޮތަކަށް، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރަށް ފެތޭ ބާވަތުގެ ކަމެއްގައި، ޚިލާފުވި މީހާ އެ ބަޔާނުން އޭނާގެ މައްޗަށް ދައްކަންޖެހޭ ޓެކްސްގެ މިންވަރަށްވުރެ އިތުރުނުވާ ޢަދަދަކުން ޖޫރިމަނާވާނެއެވެ.

(1) ޚިލާފުވި މީހާ، އެ ބަޔާން ހުށަހަޅަންޖެހޭ ދުވަސް ހަމަވެގެން 1 (އެކެއް) އަހަރު ފާއިތުވާއިރުވެސް އެ ހުށަނާޅާހުރެފިނަމަ، އަދި

(2) އޭނާއަށް ޓެކްސް ބިނާކުރެވޭނެ މިންވަރެއް އެ ބަޔާނުން ދައްކާނެނަމަ،

(ކ) އެއްވެސް މީހަކު އޭނާ އެހީތެރިވެގެން ނުވަތަ އެހެން މީހަކު ލައްވާ ތައްޔާރުކުރާ ނުވަތަ ފޮނުވާ އެއްވެސް މަޢުލޫމާތެއް، ބަޔާނެއް، ހިސާބުތަކެއް، ނުވަތަ އެހެން ލިޔެކިޔުމެއް؛

(1) ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސްއާ އެއްވެސް ގުޅުމެއްހުރި ކަމަކަށް ބޭނުންކުރާނެކަން، ނުވަތަ ކޮށްފާނެކަން އޭނާއަށް އެނގޭނަމަ، އަދި

(2) އެއީ ރަނގަޅުނޫން މަޢުލޫމާތުކަން އޭނާއަށް އެނގޭނަމަ، މަދަނީ އަދަބެއްގެ ގޮތުން -/50,000 (ފަންސާސް ހާސް) ރުފިޔާއިން އޭނާ ޖޫރިމަނާ ކުރެވޭނެއެވެ.

(އ) މި ޤާނޫނާ އެއްގޮތަށް ޓެކްސް ބަޔާނެއް ހުށަނޭޅުމުގެ ސަބަބުން ޚިލާފުވި މީހާގެ މައްޗަށް މަދަނީ އަދަބެއް ކަނޑައެޅިއްޖެނަމަ، އޭނާއަށް ބަޔާނުގައި އޭނާ ޓެކްސް ދައްކަންޖެހޭނެ ވަރަކީ ވަކި ވަރަކަށްވުރެ އިތުރުނޫން ޢަދަދެއްކަން އެމް.އައި.އާރް.އޭ އަށް ޤަބޫލުކުރެވޭވަރަށް އޭނާ ސާބިތުކޮށްދީފިނަމަ، އޭނާ އަދަބުގެ ގޮތުގައި ދައްކަންޖެހޭ ފައިސާވެސް އެ ޢަދަދަށްވުރެ ބޮޑު ވެގެން ނުވާނެއެވެ.

33. ޓެކްސް ނުދެއްކުން އަދި އެހެން ގޮތްގޮތުން ޤާނޫނާ ޚިލާފުވުން

(ހ) ވިތްހޯލްޑިންގ ޓެކްސް ނަމަވެސް، އެއްވެސް ޢަދަދެއްގެ ޓެކްސްއެއް އެ ދައްކަންޖެހޭ ދުވަހަށް ނުދައްކާހުރެފި މީހަކަށް ދެވޭނެ މަދަނީ އަދަބަކީ -/250,000 (ދެލައްކަ ފަންސާސް ހާސް) ރުފިޔާއިން ނުވަތަ އެންމެފަހު ދުވަހާހަމައަށް ނުދައްކާހުރި ޓެކްސްގެ ޢަދަދުގެ ދެގުނައާ އެއްވަރުގެ ޢަދަދެއް، މި ދެ ޢަދަދުން ބޮޑު ޢަދަދެއްގެ ޖޫރިމަނާއެއް ދެއްކުމެވެ.

(ށ) ދައްކާ އެއްވެސް ފައިސާއަކުން، މި ޤާނޫނުން ހުއްދަކުރާ ގޮތަކަށް ވިތްހޯލްޑިންގ ޓެކްސް ކެނޑުމަށް އިންކާރުކުރާ ކޮންމެ މީހަކުވެސް މަދަނީ އަދަބެއްގެ ގޮތުން -/50,000 (ފަންސާސް ހާސް) ރުފިޔާއިން ޖޫރިމަނާވާނެއެވެ.

(ނ) މި ޤާނޫނުގެ ދަށުން ވިތްހޯލްޑިންގ ޓެކްސް ނެގެންޖެހޭ އެއްވެސް ޢަދަދަކުން އެ ޓެކްސް އުނިނުކޮށް، އެ ފައިސާއެއް ދައްކަން، ވެވޭ ކޮންމެ އެއްބަސްވުމަކީ ބާޠިލު އެއްޗެކެވެ.

(ރ) ޓެކްސް ނެގުމާބެހޭ ޤާނޫނުތަކުން ލާޒިމުކުރާ އެއްވެސްކަމަކާ އެއްގޮތަށް ޢަމަލުނުކޮށްފި މީހަކު، އެކަމަކަށް އެހެން އެއްވެސް މަދަނީ އަދަބެއް ކަނޑައެޅިފައިނުވާނަމަ، މަދަނީ އަދަބެއްގެ ގޮތުން -/125,000 (އެއްލައްކަ ފަންސަވީސް ހާސް) ރުފިޔާއިން ޖޫރިމަނާވާނެއެވެ.

(ބ) މި ޤާނޫނުގެ ދަށުން ކުށެއް ކުރިކަމަށް އެއްވެސް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ، އެ ކުށަކަށް އެހެން އެއްވެސް ޖިނާއީ އަދަބެއް ކަނޑައެޅިފައިނުވާނަމަ، އޭނާއަށް ދެވޭނެ އަދަބަކީ -/250,000 (ދެލައްކަ ފަންސާސް ހާސް) ރުފިޔާއަށްވުރެ ބޮޑު ނޫން ޢަދަދަކުން ޖޫރިމަނާކުރުން ނުވަތަ  ގިނަވެގެން 3 (ތިނެއް) މަސްދުވަހުގެ މުއްދަތަކަށް ގޭގައި ބަންދުކުރުން ނުވަތަ ޖަލަށްލުން މިއެވެ.

34. އެމް.އައި.އާރް.އޭ އިން އަދަބު ކަނޑައެޅުން

(ހ) މި ޤާނޫނުގެ ދަށުން މަދަނީ އަދަބު ކަނޑައަޅާނީ އެމް.އައި.އާރް.އޭ ގެ ނިންމުމަކުންނެވެ.

(ށ) ވަކި ޢަދަދެއް ކަނޑައަޅާފައިނުވާ އަދަބެއްނަމަ، އެއީ ދައްކަންޖެހޭ ޓެކްސްއަށް ބިނާކުރަންޖެހިފައިވާ ޢަދަދެއްނަމަ، އެ އަދަބުގެ ޢަދަދަކީ އެމް.އައި.އާރް.އޭ ގެ ނަޒަރުގައި ރަނގަޅު ޢަދަދުކަމަށްވާނެ، އަދި އެ އަދަބަކީ އިޚްތިޔާރަށް ބިނާކުރެވިފައިވާ ޢަދަދެއްނަމަ، އެ އަދަބުގެ ޢަދަދަކީ އެމް.އައި.އާރް.އޭ ގެ ނަޒަރުގައި އެކަށީގެންވާ ޢަދަދެއްކަމަށްވާނެ ޢަދަދެކެވެ.

(ނ) މި މާއްދާގެ ދަށުން އަދަބު ކަނޑައެޅިއްޖެނަމަ، އެ ފައިސާ ދައްކަންޖެހޭ މީހާއަށް އެންގުމެއްގެ ސިފައިގާ އެންގި، އަދި މި އެންގުމުގައި އެންގުން ނެރުނު ތާރީޚާއި އެ ނިންމާފައިވާ ނިންމުމާމެދު އިސްތިއުނާފަށް ހުށަހެޅޭނެ މުއްދަތުވެސް ބަޔާންކުރެވިފައި އޮންނަންޖެހޭނެއެވެ.

(ރ) މި މާއްދާގެ ދަށުން ނިންމާފައިވާ އަދަބެއްގެ ޢަދަދަކީ ފުދޭވަރަށްވުރެ ކުޑަ އެއްޗަކަށް ވެއްޖެއްކަމަށް އެމް.އައި.އާރް.އޭ އަށް ފާހަގަކުރެވިއްޖެނަމަ، އެ އޮތޯރިޓީން ނިންމާ ނިންމުމަކުން ފުރަތަމައިނުން ކަނޑައެޅެންވީ ޢަދަދަށް، އެ ޢަދަދު ބަދަލުކުރެވިދާނެއެވެ.

(ބ) ދައްކަންޖެހޭ ޓެކްސްއަށް ބިނާކޮށްގެން މި މާއްދާގެ ދަށުން އަދަބެއް ކަނޑައަޅާފައިވަނިކޮށް، އެގޮތަށް ކަނޑައެޅުމުގެ ފަހުން، އެގޮތަށް ކަނޑައެޅުމުގައި ބަލާފައިވާ ޓެކްސްގެ ޢަދަދަކީ މާބޮޑު ޢަދަދެއްކަމަށް އެމް.އައި.އާރް.އޭ އަށް ފާހަގަކުރެވޭނަމަ، އެ ނިންމުން އިޞްލާޙުކޮށް، ރަނގަޅު ޢަދަދަށްވާގޮތަށް އެ އަދަބު ބަދަލުކޮށް ނިންމަންޖެހޭނެއެވެ. އަދި އެ ރަނގަޅު ޢަދަދަށްވުރެ އިތުރަށް ފައިސާ ދައްކާފައިވާނަމަ، އެ އިތުރުވާ ޢަދަދު އަނބުރާ ދައްކަންޖެހޭނެއެވެ.

(ޅ) މި މާއްދާގައި، ޓެކްސްއަށް ބިނާކޮށްގެން ކަނޑައަޅާއިފައިވާ އަދަބެއްކަމަށް ބުނެފައި އެވަނީ، ބަދަލުވެދާނެ ޓެކްސް ޢަދަދަކަށް ބަލައިގެން ނިންމަންޖެހޭ ނިންމުމެކެވެ.

35. ޖޫރިމަނާ ދެއްކުން އަދި އިސްތިއުނާފު

(ހ) މި ޤާނޫނުގެ 34 ވަނަ މާއްދާގެ ދަށުން، ކަނޑައެޅިފައިވާ އަދަބެއް، އެ އަދަބު ކަނޑައެޅުނުކަން އެންގި އެންގުން ނެރުނު ދުވަހުން ފެށިގެން 45 (ސާޅީސް ފަހެއް) ދުވަސް ހަމަވުމުގެ ކުރިން ދައްކައި ނިންމަންޖެހޭނެއެވެ. އަދި އެ މުއްދަތުގެ އެންމެފަހު ދުވަހަށް ނިސްބަތްކުރާނީ "އަދަބުގެ ފައިސާ ދައްކަންޖެހޭ ދުވަސް" މިހެންނެވެ.

(ށ) މި ޤާނޫނުގެ 34 ވަނަ މާއްދާގެ ދަށުން، ކަނޑައެޅިފައިވާ އަދަބެއް އެންމެހައި ބޭނުންތަކަށްވެސް ބަލަންޖެހޭނީ އަދަބުގެ ފައިސާ ދައްކަންޖެހޭ ދުވަހު ދައްކަންޖެހިފައިވާ އަދި ބިނާކުރެވިފައިވާ ޓެކްސްގެ ގޮތުގައެވެ.

(ނ) އެ މީހެއްގެ މައްޗަށް މަދަނީ އަދަބެއް ކަނޑައެޅިފައިވާ މީހަކު މި ޤާނޫނުގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް، އެ ނިންމުމާމެދު އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.

(ރ) މި ޤާނޫނުގެ 34 ވަނަ މާއްދާގެ ދަށުން ކަނޑައެޅިފައިވާ އަދަބަކީ، އެ އަދަބަކާމެދު ނުވަތަ އެ އަދަބާގުޅޭ ޓެކްސްގެ އެއްވެސް ޢަދަދަކާމެދު އިސްތިއުނާފަށް ހުށަހެޅިފައިވީނަމަވެސް، އެ އަދަބުގެ ފައިސާ ދައްކަންޖެހޭ ދުވަހާހަމައަށް ދައްކާ ނިންމަންޖެހޭނެ އެއްޗެކެވެ. އެހެންނަމަވެސް، އިސްތިއުނާފުން އެ އަދަބު ކުޑަކޮށްފިނަމަ ނުވަތަ ބާޠިލުކޮށްފިނަމަ، އެ އަދަބުގެ ފައިސާދެއްކި ދުވަހުން ފެށިގެން އަހަރަކު %5 (ފަހެއް އިންސައްތަ) ގެ ރޭޓްއިން އިންޓްރެސްޓްއާއެކު އެމް.އައި.އާރް.އޭ އިން އެ ފައިސާ އަނބުރާ ދައްކަންޖެހޭނެއެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން އެއްވެސް މީހަކަށް އެއްވެސް ފައިސާއެއް އަނބުރާ ލިބެންޖެހޭނަމަ، އަދި އެމީހަކު މި ޤާނޫނުގެ ދަށުން އެއްވެސް ފައިސާއެއް ދައްކަންޖެހިފައިވާނަމަ، އެމީހަކަށް އަނބުރާ ލިބޭނީ އެމީހަކު ދައްކަންޖެހޭ ފައިސާއިން އެމީހަކަށް އަނބުރާ ލިބެންޖެހޭ ފައިސާއާއި އޭގެ އިންޓްރެސްޓްގެ ޢަދަދު އެއްކުރުމަށްފަހު ނުވަތަ ކެނޑުމަށްފަހު ބާކީވާ ޢަދަދެކެވެ.

36. ޖޫރިމަނާއާބެހޭ މައްސަލަތަކުގައި ބޭނުންކުރާ ހެކި

(ހ) މި ޤާނޫނުގެ 5 ވަނަ ބާބުގެ ބޭނުމަށްޓަކައި އަދި މި ޤާނޫނުގެ ދަށުން އެއްވެސް ކުށަކާމެދު ހިންގާ އެއްވެސް މައްސަލައެއްގައި، ޓެކްސްގެ މިވެނި ޢަދަދަކީ ބިނާކުރެވިފައިވާ ޓެކްސްކަން އެމް.އައި.އާރް.އޭ އިން ސޮއިކޮށްފައިވާ ލިޔުމަކީ މިކަން ސާބިތުކުރުމަށްޓަކައި ފުދޭނެ ހެއްކެކެވެ.

(ށ) މި ޤާނޫނުގެ 5 ވަނަ ބާބުގެ ބޭނުމަށްޓަކައި އަދި މި ޤާނޫނުގެ ދަށުން އެއްވެސް ކުށަކާމެދު ހިންގާ އެއްވެސް މައްސަލައެއްގައި، އަދަބެއްގެ ގޮތުގައި މިވެނި ޢަދަދެއް ކަނޑައެޅިފައިވާކަން އެމް.އައި.އާރް.އޭ އިން ސޮއިކޮށްފައިވާ ލިޔުމަކީ މިކަން ސާބިތުކުރުމަށްޓަކައި ފުދޭނެ ހެއްކެކެވެ.

37. އަދަބުތަކުން ލުޔެއް ދިނުން

އެމް.އައި.އާރް.އޭ އަށް ފެނިއްޖެނަމަ އަދަބު ލުއިކޮށްދީ، އަދަބެއްގެ މައްސަލައެއް ފަސްކޮށްދީ ނުވަތަ ދެމައްސަލައެއް އެއްކޮށްލައި، އަދި ނިޔާ ކަނޑައެޅުމަށްފަހު، އަދަބު އިތުރަށް ލުއިކޮށްދީ ނުވަތަ އެއްކޮށް މަޢާފުކޮށްދިނުމަކީ، އެމް.އައި.އާރް.އޭ އަށް އިޚްތިޔާރު ލިބިގެންވާ ކަންކަމެވެ.

38. ޖިނާއީ އެހެން މައްސަލަތަކަށް ތަންދިނުން

މި ޤާނޫނުގެ މާއްދާތަކުން އެހެން އެއްވެސް ޤާނޫނެއްގެ ދަށުން ކުރެވޭ އެއްވެސް ޖިނާއީ ދަޢުވާއަކަށް ހުރަހެއް ނޭޅޭނެއެވެ. އެހެންނަމަވެސް، އެއް ކުށަކަށް ދެފަހަރަކު އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ދަޢުވާއެއް ނުކުރެވޭނެއެވެ.

39. ޖިނާއީ މައްސަލަ ހުށަހެޅުމުށާއި ނިންމުންތަކަށް ކަނޑައެޅިފައިވާ މުއްދަތުތަށް

(ހ) އެއްވެސް މީހަކާމެދު މި ޤާނޫނުގެ ދަށުން އެއްވެސް ކުށެއްކުރިކަމުގެ ތުހުމަތުގައި، އެ ކުށެއް ކުރިކަމަށް ތުހުމަތުކުރެވޭ ޓެކްސް އަހަރު ("ޚިލާފުވީ އަހަރު") ނިމޭ ތާރީޚުން ފެށިގެން 6 (ހައެއް) އަހަރު ދުވަހުގެ މުއްދަތެއް ހަމަވުމުގެ ކުރިން، ނުވަތަ ޚިލާފުވީ އަހަރުގެ ޓެކްސް ބިނާކުރެވިފައިވާ ޓެކްސްއަށްވާ ފައިސާ ޓެކްސް އަހަރުގެ ނިމޭތަނުން ފެށިގެން 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތެއް ހަމަވުމުގެ ކުރިން (މި ދެ ތާރީޚުންކުރެ ފުރަތަމަ އަންނަ ތާރީޚެއްގެ ކުރިން) ޝަރީޢަތަށް ހުށަހަޅައިގެން މެނުވީ ޖިނާއީ ދަޢުވާއެއް ނުކުރެވޭނެއެވެ.

(ށ) އެއްވެސް މީހަކާމެދު މި ޤާނޫނުގެ ދަށުންކޮށްފައިވާ އެއްވެސް ޢަމަލަކަށް ނުވަތަ ނުކޮށް ދޫކޮށްލިކަމަކަށް، އެ ކުރިކަމަށް ނުވަތަ ނުކޮށް ދޫކޮށްލިކަމަށް ތުހުމަތުކުރެވޭ ޓެކްސް އަހަރު ("ޚިލާފުވީ އަހަރު") ނިމޭ ތާރީޚުން ފެށިގެން 4 (ހަތަރެއް) އަހަރު ދުވަހުގެ މުއްދަތެއް ހަމަވުމުގެ، ނުވަތަ ޚިލާފުވީ އަހަރުގެ ޓެކްސް ބިނާކުރެވިފައިވާ ޓެކްސްއަށްވާ ޓެކްސް އަހަރުގެ ނިމުން ތާރީޚުން ފެށިގެން 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތެއް ހަމަވުމުގެ (މި ދެ ތާރީޚުންކުރެ ފުރަތަމަ އަންނަ ތާރީޚެއްގެ) ފަހުން އެއްވެސް އަދަބެއް ނުވަތަ އަދަބެއްގެ ޢަދަދެއް ކަނޑައަޅައިގެން ނުވާނެއެވެ.

(ނ) ކުށެއް ކޮށްފައިވާކަން ނުވަތަ އަދަބެއް ކަނޑައަޅަންޖެހޭކަމެއް އެމް.އައި.އާރް.އޭ އަށް ނޭނގޭނަމަ ނުވަތަ އެފަދަ ކަމަކަށް ތުހުމަތުކުރެވޭވަރަށް އެކަށީގެންވާ ސަބަބުތަކެއް ފެނިފައިނުވާނަމަ، މި މާއްދާގެ (ހ) އަދި (ށ) ގައި ބުނެފައިވާ 4 (ހަތަރެއް) އަހަރުގެ މުއްދަތު ހިނގަން ފަށާނީ، ކޮމިޝަނަރއަށް އެކަން އެނގުނު ނުވަތަ ތުހުމަތު ކުރެވޭވަރަށް އެކަށީގެންވާ ސަބަބުތަކެއް ފެނުނު ޓެކްސް އަހަރު ނިމޭ ތާރީޚުން ފެށިގެންނެވެ.

(ރ) މަކަރާއި ޙީލަތް ނުވަތަ ގަސްތުގައި ފަރުވާ ކުޑަކުރުން ނުވަތަ ގަސްތުގައި ޓެކްސް ދެއްކުމުން ރެކުން އެކުލެވޭ އެއްވެސް ކުށެއްނަމަ، އެ ކުށެއް ކުރިކަމަށް ތުހުމަތުކުރެވޭ ތާރީޚުން ފެށިގެން 10 (ދިހައެއް) އަހަރު ދުވަހުގެ ތެރޭގައި އެ މައްސަލަ ކޯޓަށް ފޮނުވައިގެން ޝަރީޢަތް ހިންގިދާނެއެވެ.

(ބ) ކަމެއް ކުރުމުން ނުވަތަ ނުކޮށް ދޫކޮށްލުމުން މަދަނީ އަދަބެއްދެވޭ ކަމެއްގައި މަކަރާއި ޙީލަތް ނުވަތަ ގަސްތުގައި ފަރުވާކުޑަކުރުން ނުވަތަ ގަސްތުގައި ޓެކްސް ދެއްކުމުން ރެކުން އެކުލެވޭ އެއްވެސް މައްސަލައެއްގައި، އެކަމެއް ކުރިކަމަށް ނުވަތަ ނުކޮށް ދޫކޮށްލިކަމަށް ތުހުމަތުކުރެވޭ ތާރީޚުން ފެށިގެން 10 (ދިހައެއް) އަހަރު ދުވަހުގެ ތެރޭގައި އެކަމަށް އަދަބެއް ކަނޑައެޅިދާނެއެވެ.

40. ޖޫރިމަނާއަށް އިންޓްރެސްޓް ނެގުން

މި ޤާނޫނުގެ އެއްވެސް މާއްދާއެއްގެ ދަށުން ކަނޑައެޅޭ ޖޫރިމަނާއެއްގައި، އެ ފައިސާ ދައްކަންޖެހޭ އަދި ދައްކަން ފަށަންޖެހޭ ދުވަހުން ފެށިގެން ދައްކާ ޚަލާޞްކުރާ ދުވަހާ ހަމައަށް އަހަރަކު %5 (ފަހެއް އިންސައްތަ) ގެ ރޭޓްއިން އިންޓްރެސްޓް އަރަމުން ދާނެއެވެ.

41. ޤާނޫނަށް ޢަމަލުކުރަން ފެށުން

މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން، މީލާދީ 6 (ހައެއް) މަސްދުވަސް ފަހުންނެވެ. އަދި މި ޤާނޫނަށް ޢަމަލުކުރަން ފަށާ ދުވަހު ނުވަތަ އެއަށްފަހު ފެށޭ ޓެކްސް އަހަރުތަކުގައި، މި ޤާނޫނުގައި ބަޔާންކުރެވޭގޮތަށް ޓެކްސް ނެގޭނެއެވެ.

42. ގަވާއިދު ހަދައި ހިންގުން

މި ޤާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބުނެފައިނުވާނަމަ، މި ޤާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި، މި ޤާނޫނުގައިވާ ކަންކަން ހިންގާ ބަލަހައްޓާނީ އެމް.އައި.އާރް.އޭ އިންނެވެ. އަދި މި ގަވާއިދުތައް މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ހަދައި ނިންމަންވާނެއެވެ.

43. މާނަ

(ހ) މި ޤާނޫނުގައި، ކަނޑައެޅިގެން އެހެން ގޮތަކަށް ބުނެފައިނުވާހާ ހިނދަކު:

"ހިސާބުކުރުމުގެ މުއްދަތު" ކަމަށް ބުނެފައި އެވަނީ، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ހިސާބުކުރުމުގެ މުއްދަތު ކަމުގައި ބަޔާންކުރާ މުއްދަތަށެވެ.

"ހިސާބުތައް" ކަމަށް ބުނެފައި އެވަނީ، ބެލެންސް ޝީޓް، ފައިދާއާއި ގެއްލުމުގެ ހިސާބު، ހިސާބުތަކާ ގުޅިފައިވާ ޖަދުވަލުތަކާއި، ނޯޓްތައް، ޑިރެކްޓަރުންގެ ރިޕޯޓް، ހިސާބުތަކާގުޅޭ އޮޑިޓަރުންގެ ރިޕޯޓް އަދި މިނޫނަސް އެ ލިޔުންތަކާއި އެކުގައިވާ ނުވަތަ އެ ލިޔުންތަކުގައި ހިމެނިފައިވާ އެހެން ހުރިހާ ލިޔުންތަކަށެވެ.

"ބިނާކުރެވިފައިވާ ޓެކްސް" އަދި "އެސެސްމެންޓް" އަދި މިއާގުޅޭ ލަފުޒުތަކުގައި ހިމެނޭނީ، މި ޤާނޫނުގެ 44 ވަނަ މާއްދާގައި ދެވިފައިވާ މާނަތަކެވެ.

"ޖަމާޢަތް" ކަމަށް ބުނެފައި އެވަނީ، ކުންފުންޏާއި ނުވަތަ ޕާރޓްނަރޝިޕް ފިޔަވައި، ކުންފުނީގެ ސިފައިގައި ނުވަތަ އެހެން ސިފައެއްގައި އެކަކަށްވުރެ ގިނަ މީހުން ބައިވެރިވެގެން ހިންގާ ޖަމާޢަތަށެވެ.

"ވިޔަފާރި" ކަމަށް ބުނެފައި އެވަނީ، ވަޒީފާ އަދާކުރުން ނުހިމެނޭގޮތަށް ތިރީގައިވާ ކަންކަމަށެވެ.

(1) ހުރިހާ ބާވަތެއްގެ ފަންނީ އަދި އެނޫންވެސް މަސައްކަތާއި، އެންމެހައި ވިޔަފާރިއާއި، އުފެއްދުންތެރިކަމާއި، ދަނޑުވެރިކަމާއި، ދަނޑުގޮވާން ކުރުމާއި، ހޯޓިކަލްޗަރއާއި، ލަކުޑި ގަސްހެއްދުމާއި، ފެނުގައި ގަސްގަހާގެހި ހެއްދުމާއި، ކުކުޅުހާ ފަދަ ދޫނީގެ ބާވަތްތައް ގެންގުޅުމާއި ނުވަތަ ގެރިބަކަރި ފަދަ ޖަނަވާރު ގެންގުޅުން، މަސްވެރިކަމާއި، މަސްމަހާމެހި ދިރުވައި ގެންގުޅުމާއި، އަދި އެނޫންވެސް މާލީ ފައިދާއެއް ނުވަތަ އިތުރުކުރުމެއް ހޯދުމުގެ ބޭނުމުގައި ހިންގާ އެންމެހައި ޙަރަކާތްތައް.

(2) ކޮންމެވެސް އަގެއްހުރި މުޤާބިލަކަށް ނުއުފުލޭ މިލްކިއްޔާތެއް ބޭނުންކުރުމުގެ ޙައްޤުދިނުން.

"ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް" ކަމަށް ބުނެފައި އެވަނީ، މި ޤާނޫނުގެ ދަށުން ނެގޭ ޓެކްސްއަށެވެ.

"ޢަމަލުކުރަން ފެށޭ ދުވަސް" ކަމަށް ބުނެފައި އެވަނީ، މި ޤާނޫނަށް ޢަމަލުކުރަންފެށޭ ދުވަހަށެވެ.

"ކުންފުނި" ކަމަށް ބުނެފައި އެވަނީ، ކޮންމެ ތަނެއްގައި ރަޖިސްޓަރީކުރެވިފައިވާ ނުވަތަ އުފައްދާފައިވާ ކޮންމެ ވިޔަފާރީގެ ވަކި ޝަޚްޞަކަށެވެ.

"ކޮންޓްރޯލް" ކަމަށް ބުނެފައި އެވަނީ، މި ޤާނޫނުގެ 45 ވަނަ މާއްދާގައި ދެވިފައިވާ މާނައަށެވެ.

"އެމް.އައި.އާރް.އޭ" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމުގެ އިދާރީ ޤާނޫނު) ގެ ދަށުން [މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ] ގެ ނަމުގައި އުފައްދަވާފައިވާ މުއައްސަސާއަށެވެ.

"ހުށަހަޅަންޖެހޭ ދުވަސް" ކަމަށް ބުނެފައި އެވަނީ، ޓެކްސް ރިޓަރންއާގުޅޭ ގޮތުން، މި ޤާނޫނުގެ 17 ވަނަ މާއްދާގެ ދަށުން، އެ ޓެކްސް ރިޓަރން ހުށަހަޅަންޖެހޭ އެންމެފަހު ދުވަހަށެވެ.

"ވަޒީފާ" ކަމަށް ބުނެފައި އެވަނީ، ވަޒީފާގެ އެއްބަސްވުމެއްގެ ދަށުން އަދާކުރާ ވަޒީފާއަށެވެ.

"ޢާއިލާ" ކަމަށް ބުނެފައި އެވަނީ، ދެމަފިރިންނާއި، އެ ދެމަފިރިންގެ ބަލަދުއަރާ ދަރިންނާއި، ދޮންދަރިންނަށެވެ.

"ޖުމްލަ އާމްދަނީ" ކަމަށް ބުނެފައި އެވަނީ، ޓެކްސް ނެގޭ ފައިދާއާގުޅޭ ގޮތުން މި ޤާނޫނާއެއްގޮތަށް އެއްވެސް ޢަދަދެއް ކެނޑުން ނުވަތަ އުނިކުރުމުގެ ކުރިން އެ ފައިދާތައް ހިސާބުކުރުން ބިނާކުރި އާމްދަނީއަށެވެ.

"ކޮމިޝަނަރ ޖެނެރަލް" ކަމަށް ބުނެފައި އެވަނީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން ޢައްޔަންކޮށްފައިވާ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަށެވެ.

"އެންގުން" ކަމަށް ބުނެފައި އެވަނީ، ލިޔުމަކުން އެންގުމަށެވެ.

"ޓެކްސް ބިނާކުރެވުނުކަން އަންގާ އެންގުން" ކަމަށް ބުނެފައި އެވަނީ، މި ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން އަންގާ އެންގުމަށެވެ.

"ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުން" ކަމަށް ބުނެފައި އެވަނީ، މި ޤާނޫނުގެ 20 ވަނަ މާއްދާގެ ދަށުން އަންގާ އެންގުމަށެވެ. 

"ދާއިމީ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، މި މާއްދާގެ (ބ) އާއި (ޅ) ގެ ދަށުން ދީފައިވާ މާނައަށެވެ.

"މީހާ" ކަމަށް ބުނެފައި އެވަނީ، މި މާއްދާގެ (ކ) އާއެއްގޮތްވާ ގޮތުގެމަތިން، ވަކިފަރުދެއް، ކުންފުންޏެއް، ޕާޓްނަރޝިޕެއް، ކޯޕަރޭޓިވް ސޮސައިޓީއެއް، ޓްރަސްޓެއް އަދި ޖަމާޢަތެއްވެސް ހިމެނޭ ގޮތަށެވެ.

"ކުންފުނީގައި އެކަށީގެން މަސްލަޙަތެއް ލިބިފައިވާ މީހަކު" ކަމުގައި ބުނެފައި އެވަނީ، ވޯޓުލުމުގެ ޙައްޤު ލިބިދޭ ޙިއްޞާތަކުގެ ތެރެއިން މަދުވެގެން %5 (ފަހެއް އިންސައްތަ) ޙިއްޞާގެ މައްޗަށް ވޯޓުލުމުގެ ބާރު ހިންގޭ މީހަކަށެވެ.

"ކަނޑައެޅިފައިވާ ފޯމް" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން ކަނޑައަޅާފައިވާ ފޯމްއަށެވެ.

"ގަވާއިދު" ކަމަށް ބުނެފައި އެވަނީ، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކަށެވެ.

"އުޖޫރަ" ކަމަށް ބުނެފައި އެވަނީ، ޑިރެކްޓަރެއް ނުވަތަ ޕާޓްނަރއެއްގެ ވާޖިބުތައް އަދާކުރުމުގެ ސަބަބުން، ނުވަތަ ޑިރެކްޓަރެއް ނުވަތަ ޕާޓްނަރއެއްގެ މަޤާމު ނުވަތަ ވަޒީފާގައި ހުރުމުގެ ސަބަބުން، ނަގުދު ފައިސާއިން ނޫނަސް ލިބޭ ކޮންމެ ޢިނާޔަތެއްވެސް ހިމެނޭ ގޮތަށެވެ. އެހެންނަމަވެސް، އެ ޢިނާޔަތަކީ ނަގުދު ފައިސާ ނުވަތަ ފައިސާގެ އަގުކަމަށް ނުވާނަމަ، އެ ޢިނާޔަތް ހިމެނޭނީ ގަވާއިދުގެ ދަށުން، އެ ޢިނާޔަތުގެ އަގުކުރުން ހަމަޖައްސާފައިވާ މިންވަރަކަށް އެކަންޏެވެ.

"ވަޒަންވެރި" ކަމަށް ބުނެފައި އެވަނީ، މި ޤާނޫނުގެ 46 ވަނަ މާއްދާގައި ދެވިފައިވާ މާނައަށެވެ.

"ރޯޔަލްޓީ" ކަމަށް ބުނެފައި އެވަނީ، ތިރީގައި ބަޔާންކުރެވިފައިވާ ގޮތަކަށް ދައްކާފައިވާ ފައިސާއަށެވެ.

(1) އެއްވެސް ޢިލްމީ، ފަންނީ ނުވަތަ ތަޙުލީލީ މަސައްކަތެއްގެ ކޮޕީރައިޓްއެއް؛ އެއްވެސް ޕޭޓެންޓްއެއް، ޓްރޭޑްމާކްއެއް، ފަރުމާއެއް ނުވަތަ މޮޑެލްއެއް، ކުރެހުމެއް، ސިއްރު ފޯމިއުލާއެއް، ނުވަތަ ޕްރޮސެސްއެއް؛ ސިނާއީ، މަދަނީ ނުވަތަ ތަޙުލީލީ މަސައްކަތްކުރާ ސާމާނު، މިއިން އެއްވެސް އެއްޗެއް ބޭނުންކުރުމަށް ނުވަތަ ބޭނުންކުރުމުގެ ޙައްޤު ހޯދުމަށް މުޤާބިލެއްގެ ގޮތުގައި ދައްކާ ފައިސާ؛

(2) ސިނާއީ، މަދަނީ ނުވަތަ ތަޙުލީލީ މަސައްކަތްކުރުމުގެ ތަޖުރިބާއާބެހޭ މަޢުލޫމާތު ދިނުމަށްދެވޭ ފައިސާ؛

(3) މަޢުދަން؛ މަޢުދަން އެކުލެވޭ ތެޔޮ އަދި އެހެނިހެން ޤުދުރަތީ ވަސީލަތްތައް ނެގުމަށް މަސައްކަތްކުރުމުގެ ޙައްޤު ދިނުމުގެ މުޤާބިލެއްގެ ގޮތުގައި ދައްކާ ވަކި މިންވަރެއް ކަނޑައެޅިފައިވާ ނުވަތަ ވަކި މިންވަރެއް ކަނޑައެޅިފައިނުވާ ފައިސާ.

"ޓެކްސް ނެގުމާބެހޭ ޤާނޫނުތައް" ކަމަށް ބުނެފައި އެވަނީ، މި ޤާނޫނު ނުވަތަ ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ނުވަތަ މި ދެ ޤާނޫނުންކުރެ ޤާނޫނެއްގެ ދަށުން ހެދިފައިވާ ގަވާއިދުތަކަށެވެ.

"ޓެކްސް ނެގޭ ފައިދާ" ކަމަށް ބުނެފައި އެވަނީ، މި ޤާނޫނުގެ 2 ވަނަ މާއްދާއާއި، 3 ވަނަ މާއްދާއާއި، 4 ވަނަ މާއްދާއާއި، 5 ވަނަ މާއްދާގައި ދެވިފައިވާ މާނައަށެވެ.

"ޓެކްސް ބަޔާން" ކަމަށް ބުނެފައި އެވަނީ، މި ޤާނޫނުގެ 17 ވަނަ މާއްދާ ނުވަތަ 18 ވަނަ މާއްދާގެ ދަށުން ތައްޔާރުކޮށް ހުށަހެޅޭ ރިޓަރން އަދި މީގެ ތެރޭގައި ވަގުތު ފާއިތުވާ ފަހުން ހުށަހެޅޭ ނުވަތަ މި ޤާނޫނުގެ 3 ވަނަ ބާބުގައިވާގޮތަށް އިޞްލާޙުކުރެވިފައިވާ ރިޓަރން ހިމެނޭގޮތަށެވެ.

"ޓެކްސް އަހަރު" ކަމަށް ބުނެފައި އެވަނީ، ކޮންމެ އަހަރެއްގެ 1 ޖެނުއަރީން ފެށިގެން 12 (ބާރަ) މަސްދުވަހުގެ މުއްދަތެވެ. މިސާލަކަށް ޓެކްސް އަހަރު 2012 ގެ މާނައަކީ، 1 ޖެނުއަރީ 2012 ން ފެށިގެން 31 ޑިސެމްބަރު 2012 އަށެވެ.

"ޓިން" ކަމަށް ބުނެފައި އެވަނީ، "ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު" އާއެއްގޮތަށް ކޮންމެ މީހަކަށް ކަނޑައެޅިފައިވާ ޓެކްސް ދައްކާ މީހެއްކަން އަންގައިދޭ ނަންބަރަށެވެ.

"ވިތްހޯލްޑިންގ ޓެކްސް" ކަމަށް ބުނެފައި އެވަނީ، މި ޤާނޫނުގެ 6 ވަނަ މާއްދާގެ ދަށުން ބިނާކުރެވޭ ޓެކްސްއަށެވެ.

(ށ) މި ޤާނޫނު ކިޔަންޖެހޭނީ، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އެކުގައި އެކައްޗެއްގެ ގޮތުގައެވެ. މިހެންކަމުން، މި ޤާނޫނުގައި މާނަކޮށްފައިވާ ކޮންމެ ބަހެއް ނުވަތަ ލަފުޒެއްވެސް، އެހެން މާނައެއް ދޭހަވާގޮތަށް ޢިބާރާތްކޮށްފައިނުވާނަމަ، މާނަކުރާނީ، އެ ޤާނޫނުގައި މާނަކުރާ ގޮތަށެވެ.

(ނ) މި ޤާނޫނުގެ ބޭނުމަށްޓަކައި، ޓެކްސް އަހަރެއްގައި ޓެކްސް ދައްކަންޖެހޭ ފަރާތެއްކަމަށް ވާނީ، އެ ފަރާތަކީ އެ އަހަރެއްގައި ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ކުންފުންޏަކަށްވާނަމަ، ނުވަތަ އެ އަހަރެއްގައި ދިވެހިރާއްޖޭގައި ވިޔަފާރިކުރަމުން ގެންދާ ފަރާތެއްކަމަށްވާނަމަ، ނުވަތަ ޓެކްސް އަހަރެއްގައި އެ ފަރާތެއްގެ ޓެކްސްނެގޭ ފައިދާ، މި ޤާނޫނާއެއްގޮތަށް ހިސާބުކުރުމުގައި ހިމަނަންޖެހޭ އެއްވެސް އާމްދަނީއެއް ނުވަތަ އިތުރުވުމެއް ނުވަތަ ގެއްލުމެއް ވާނަމައެވެ. (އެ އަހަރެއްގައި އެފަރާތެއްގެ ޓެކްސް ނެގޭ އެއްވެސް ފައިދާއެއް ހުރިކަމުގައި ވީނަމަވެސް ނުވަތަ ނެތްކަމުގައި ވީނަމަވެސް މެއެވެ.)

(ރ) މި ޤާނޫނުގެ މަޤްޞަދަށްޓަކައި؛

(1) އެއްވެސް ގެއްލުމެއް ހިސާބުކުރާނީ، ޓެކްސް ނެގޭ ފައިދާ ހިސާބުކުރަން ބޭނުންކުރާ އުޞޫލުތަކާ އެއްގޮތަށެވެ. އަދި

(2) އެކައުންޓްސްތަކެއްގެ މައްޗަށް ބިނާނުކޮށް ޓެކްސްނެގޭ އާމްދަނީ ހިސާބުކުރާ އެއްވެސް ވަކި ފަރުދަކާގުޅޭ ގޮތުން، މި ޤާނޫނުގައި، ޓެކްސް އަހަރެއްގައި ހިނގާނެ ޚަރަދުތަކެއްކަމަށް ކޮށްފައިވާ ރިޢާޔަތެއް ކޮންމެ ގޮތަކަށް ބަޔާންކޮށްފައި އޮތްކަމުގައި ވީނަމަވެސް، މާނަކުރާނީ އެ އަހަރެއްގައި ދައްކާފައިވާ ފައިސާއަށް ރިޢާޔަތްކުރާ ގޮތަށެވެ.

(ބ) މި ޤާނޫނުގައި، "ދާއިމީ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، މުޅި ވިޔަފާރި ނުވަތަ ވިޔަފާރީގެ ބައެއް ހިންގާ ވަކި ތަނަކަށެވެ. މީގެ ތެރޭގައި ތިރީގައި ބަޔާންކުރެވިފައިވާ ތަންތަން ހިމެނޭނެއެވެ؛

(1) ވިޔަފާރީގެ މެނޭޖްމަންޓް ގާއިމުވެފައިވާ ތަނެއް؛

(2) ގޮތްޕެއް؛

(3) އޮފީހެއް؛

(4) ފެކްޓްރީއެއް؛

(5) ގުދަނެއް؛

(6) ވަރކްޝޮޕެއް؛

(7) ދަނޑު ނުވަތަ ދަނޑުބިމެއް؛

(8) މަޢުދަން ނަގާތަން، ތެޔޮބިން، ނުވަތަ އެހެނިހެންވެސް ޤުދުރަތީ ވަސީލަތްތައް ނަގާ ތަންތަން؛

(9) ޢިމާރާތްތެއް ނުވަތަ މަސައްކަތްކުރާ ސަރަޙައްދެއް ނުވަތަ ޢިމާރާތްކުރުމާއި، އިންސްޓޮލޭޝަން ނުވަތަ އެސެންބްލް ކުރާ ޕްރޮޖެކްޓެއް؛

(10) ކުއްޔަށް ދޫކުރުމަށްޓަކައި ޕްލާންޓާއި މެޝިނަރީ ބެލެހެއްޓުން.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކުރެވިފައިވާ ގޮތަށް ބުރޫނާރާ ގޮތުގެމަތިން، އެއްވެސް ފަރާތަކުން ދިވެހިރާއްޖޭގައި ދާއިމީ މަރުކަޒެއް ގާއިމުކޮށްފައިވާ ކަމަށް ބެލެވޭނީ، އެފަރާތުން؛

(1) ޢިމާރާތެއް ނުވަތަ މަސައްކަތްކުރާ ސަރަޙައްދަކާ ނުވަތަ ޢިމާރާތްކުރުމާއި، އިންސްޓޯލްކުރުމާއި ނުވަތަ އެސެންބްލީ ކުރުމާބެހޭ  މަޝްރޫޢުތަކާ ގުޅިގެން ސުޕަވައިޒް ކުރުމުގެ ޙަރަކާތްތައް ހިންގުން.

(2) ތިރީގައި ބަޔާންކޮށްފައިވާ ކަމެއްކުރުމަށް އެ ފަރާތެއްގެ ބަދަލުގައި އެހެން ފަރާތެއް ދިވެހިރާއްޖޭގައި ހުރުން:

(2.1) ކޮންޓްރެކްޓް ކުރުމުގެ ބާރު ލިބިފައިވުން އަދި އާދަވެގެން އެ ބާރު ބޭނުންކުރުން؛ ނުވަތަ

(2.2) އެ ފަރާތެއްގެ ބަދަލުގައި ތަކެއްޗާއި ނުވަތަ މުދާ ރައްދުކޮށްދިނުމަށްޓަކައި މުދަލުގެ ސްޓޮކް ބެލެހެއްޓުން؛ ނުވަތަ

(2.3) އެ ފަރާތައް ނުވަތަ އެ ފަރާތުގެ ކޮންޓްރޯލް ދަށުގައިވާ ވިޔަފާރިއަކަށް ޢާންމުކޮށް އޯޑަރ ހޯދައި ދިނުން.

(ކ) މި ޤާނޫނުގެ މަޤްޞަދަށްޓަކައި، "ފަރާތް" ކަމަށް ބުނެފައި އެވަނީ، އެއްވެސް ސަރުކާރު އިދާރާއެއް ނުވަތަ ސަރުކާރު އިދާރާއެއްގެ ބަޔަކަށްވާ ތަނެއް ނުހިމެނޭ ގޮތަށެވެ. އެހެންނަމަވެސް، މި މާނައިގައި ވަޒީރަކު، ވަޒީރެއްގެ ޙައިޘިއްޔަތު ނޫން އެހެން ޙައިޘިއްޔަތެއްގައި ޢަމަލުކުރައްވާއިރު ހިމެނޭނެއެވެ.

(އ) މި ޤާނޫނުގެ މަޤްޞަދަށްޓަކައި، ޢިބާރާތްކުރުމުގައި އެކަހެރި ނަން ގިނަނަމުގެ ތެރޭގައި އަދި ގިނަނަން އެކަހެރި ނަމުގެ ތެރޭގައި ހިމެނެއެވެ.

44. ބިނާކުރެވިފައިވާ ޓެކްސް، ބިނާކުރުން އަދި ގުޅުންހުރި ލަފްޒުތައް

(ހ) މި މާއްދާއަކީ، މި ޤާނޫނުގެ މަޤްޞަދަށްޓަކައި "ބިނާކުރެވިފައިވާ ޓެކްސް"، "ބިނާކުރުން" އަދި މިއާ ގުޅިފައިވާ ލަފުޒުތައް މާނަކުރުމުގައި ޢަމަލުކުރަންޖެހޭ މާއްދާއެކެވެ.

(ށ) "ބިނާކުރެވިފައިވާ ޓެކްސް" އަކީ، އަމިއްލައަށް ބިނާކޮށްފައިވާ ނުވަތަ މި ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން އެމް.އައި.އާރް.އޭ އިން  ބިނާކޮށްފައިވާ އެމީހަކު ދައްކަންޖެހޭ ޓެކްސްގެ މިންވަރެވެ.

(ނ) "ބިނާކުރުން" އަކީ، މި ޤާނޫނުގެ 17، 18 ނުވަތަ 21 ވަނަ މާއްދާގެ ދަށުން ބިނާކުރާ ބިނާކުރުމެވެ.

(ރ) "އެމް.އައި.އާރް.އޭ އިން ބިނާކުރުން" އަކީ، މި ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން ބިނާކުރާ ބިނާކުރުމެވެ.

(ބ) "އަމިއްލައަށް ބިނާކުރުން" އަކީ، މި ޤާނޫނުގެ 17 ނުވަތަ 18 ވަނަ މާއްދާގެ ދަށުން ޓެކްސް ބަޔާނެއްގައި ޓެކްސް ދައްކަންޖެހޭ މިންވަރު ކަނޑައެޅުމެވެ. އަދި މި މާނައިގެ ތެރޭގައި މި ޤާނޫނުގެ 19 ވަނަ މާއްދާގެ ދަށުން އެ ޓެކްސް ބަޔާނަކަށް ގެނެވޭ އިޞްލާޙުތައްވެސް ހިމެނެއެވެ.

(ޅ) ބިނާކުރެވިފައިވާ ޓެކްސްގެ އެންމެފަހު މިންވަރުކަމަށް ބަލާނީ:

(1) ބަލާކަން އަންގާ އެންގުމެއް ފޮނުވަން ދެވިފައިވާ މުއްދަތުގެ ތެރޭގައި އެފަދަ އެންގުމެއް ނުފޮނުވާ އެ މުއްދަތު ހަމަވުން؛ ނުވަތަ

(2) މި ޤާނޫނުގެ 26 ވަނަ މާއްދާގެ ދަށުން އިންކާރުކުރަން ދެވިފައިވާ މުއްދަތުގެ ތެރޭގައި އެފަދަ އިންކާރެއް ނުކޮށް އެ މުއްދަތު ހަމަވުމުން؛ ނުވަތަ

(3) އެފަދަ އިންކާރެއް ކޮށްފައިވާނަމަ، އެ އިންކާރާމެދު އެންމެފަހު ގޮތް ނިންމުމުންނެވެ.

(ކ) މި ޤާނޫނުގެ 26 ވަނަ މާއްދާގެ ދަށުން ކުރާ އިންކާރަކާމެދު އެންމެފަހު ގޮތް ނިންމުނުކަމަށް ބެލެވޭނީ 26 ވަނަ މާއްދާގެ ދަށުން އިސްތިއުނާފަށް ހުށަހެޅިދާނެ މުއްދަތުގެ ތެރޭގައި އިސްތިއުނާފަށް ހުށަނޭޅި އެ މުއްދަތު ހަމަވުމުން ނުވަތަ އެފަދަ އިސްތިއުނާފެއް ހުށަހެޅި އެއަށްގޮތެއް ނިންމުމުންނެވެ.

45. "ކޮންޓްރޯލް" ގެ މާނަ

(ހ) މި ޤާނޫނުގެ މަޤްޞަދަށްޓަކައި، ކުންފުންޏެއްގެ ކަންތައްތައް ހިންގާ، ނުވަތަ އެ ކުންފުނީގެ ކަންތައްތައް ސީދާ ނުވަތަ ނުސީދާ ގޮތުގައި ހިންގޭނެ ނުވަތަ ހިންގުމުގެ ޙައްޤެއް ލިބިފައިވާ ފަރާތަކީ، އެ ކުންފުނި ކޮންޓްރޯލްކުރާ ފަރާތްކަމަށް ބެލެވޭނެއެވެ.

(ށ) ވަކިން ޚާއްޞަކޮށް، އެ ފަރާތެއްގެ ކޮންޓްރޯލް ކުންފުންޏަކަށް އޮތްކަމަށް ބެލެވޭނީ އެ ފަރާތަކީ؛

(1) އެކުންފުނީގެ ޙިއްޞާގެ ރައުސްމާލުގެ ނިސްބަތުން ބޮޑުބައި، ނުވަތަ ވިއްކާފައިވާ ޙިއްޞާގެ ރައުސްމާލުގެ ބޮޑުބައި، ނުވަތަ އެ ކުންފުނީގައި ވޯޓުދިނުމުގެ ބާރުގެ ބޮޑުބައި އެ ފަރާތަކަށް ލިބިފައިވާނަމަ ނުވަތަ ހޯދުމުގެ ޙައްޤު ލިބިފައިވާނަމަ؛ ނުވަތަ

(2) ލޯނު ދޫކުރިފަރާތެއްގެ ޙައިޘިއްޔަތުން އެއްވެސް ފަރާތަކަށް ލިބިފައިވާ ޙައްޤަކަށް ބެލުމަކާނުލައި ކުންފުނީގެ މުޅި އާމްދަނީ ހުރިހާ ބައިވެރިންގެ މެދުގައި ބަހާލައިފިނަމަ، އެ ބަހާލެވުނު ޢަދަދުގެ ބޮޑު ބައެއް، ކުންފުނީގެ ވިއްކާފައިވާ ޙިއްޞާގެ ރައުސްމާލުގެ ނިސްބަތުން އެ ފަރާތަކަށް ލިބޭނަމަ ނުވަތަ ހޯދުމުގެ ޙައްޤު ލިބޭނަމަ؛ ނުވަތަ

(3) ކުންފުނި އުވާލުމުން ނުވަތަ އެފަދަ އެހެން ޙާލަތެއް މެދުވެރިވުމުން، ބައިވެރިންގެ މެދުގައި ބަހާލުމަށް ލިބޭނެ ކުންފުނީގެ މިލްކިއްޔާތުގެ ބޮޑު ބައެއް އެފަރާތަކަށް ލިބޭވަރުގެ ޙައްޤުތަކެއް އެ ފަރާތަކަށް ލިބިފައިވާނަމަ ނުވަތަ ހޯދުމުގެ ޙައްޤު ލިބިފައިވާނަމައެވެ.

(ނ) އެއްވެސް ޙައްޤެއް ނުވަތަ މަސްލަޙަތެއް ނުވަތަ ބާރެއް ކުރިއަށް އޮތް ތާރީޚެއްގައި ހޯދުމުގެ ޙައްޤު އެ ފަރާތަކަށް ލިބިފައިވާނަމަ ނުވަތަ އެފަދަ އެއްވެސް ޙައްޤެއް ނުވަތަ މަސްލަޙަތެއް ނުވަތަ ބާރެއް ހޯދުމުގެ ޙައްޤު ކުރިއަށް އޮތް ތާރީޚެއްގައި ލިބޭނެކަމަށް ވާނަމަ، މި މާއްދާގެ ބޭނުމަށްޓަކައި އެ ފަރާތެއް ބެލެވޭނީ އެ ޙައްޤެއް ނުވަތަ މަސްލަޙަތެއް ނުވަތަ ބާރެއް ހޯދުމުގެ ޙައްޤު ލިބިފައިވާ ކަމަށެވެ.

(ރ) މި މާއްދާގެ ބޭނުމަށްޓަކައި، އެއްވެސް ޙައްޤެއް ނުވަތަ ބާރެއް،

(1) އެ ފަރާތެއްގެ ބަދަލުގައި އެހެން ފަރާތަކަށް ލިބިގެންވާނަމަ؛ ނުވަތަ

(2) އެ ފަރާތެއް އަންގާ ގޮތެއްގެމަތިން ނުވަތަ އެ ފަރާތެއްގެ ބަދަލުގައި އެހެން ފަރާތެއްގެ ބޭނުންކުރަން ޖެހިދާނެކަމަށްވާނަމަ، އެ ފަރާތަކަށް އެ ޙައްޤުތަކާ ބާރުތައް ނިސްބަތްވާނެއެވެ.

(ބ) ހަމައެހެންމެ، މި މާއްދާގެ ބޭނުމަށްޓަކައި؛

(1) އެ ފަރާތެއްގެ ނުވަތަ އެ ފަރާތާއެކު، އެ ފަރާތަކާ ގުޅުންހުރި އެއްވެސް ފަރާތްތަކެއްގެ ކޮންޓްރޯލް ދަށުގައިވާ އެއްވެސް ކުންފުންޏެއްގެ ހުރިހާ ޙައްޤަކާއި ބާރުތަކެއް؛ ނުވަތަ

(2) އެފަދަ ދެ ކުންފުނި ނުވަތަ އެއަށްވުރެ ގިނަ ކުންފުނިތަކެއްގެ ހުރިހާ ޙައްޤަކާއި ބާރުތަކެއް؛ ނުވަތަ

(3) އެފަރާތަކާ ގުޅުންހުރި އެއްވެސް ފަރާތެއް ނުވަތަ އެފަދަ ގުޅުންހުރި ދެ ފަރާތެއް ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކެއްގެ ހުރިހާ ޙައްޤަކާއި ބާރުތަކެއް (މި މާއްދާގެ (ރ) ގެ ދަށުން ކުންފުންޏަކަށް ނުވަތަ ގުޅުންހުރި ފަރާތަކަށް ނިސްބަތްކޮށްފައިވާ ހުރިހާ ޙައްޤަކާއި ބާރެއް ހިމެނޭގޮތަށް) އެ މީހަކަށް ނިސްބަތްވާނެއެވެ. އެހެންނަމަވެސް، މި މާއްދާގެ ދަށުން ގުޅުންހުރި ފަރާތަކަށް ނިސްބަތްކުރެވިފައިވާ ޙައްޤުތަކާއި ބާރުތަކެއް ނުހިމެނެއެވެ.

(ޅ) މި މާއްދާގެ ބޭނުމަށްޓަކައި، އެއްވެސް ކުންފުންޏަކަށް ނިސްބަތްކުރާއިރު، ބައިވެރިއެއް ކަމަށް ބުނަނީ އެ ކުންފުނީގެ ރައުސްމާލުގެ ނުވަތަ އާމްދަނީގެ ޙިއްޞާއެއް ނުވަތަ މަސްލަޙަތެއް ލިބިގެންވާ މީހެކެވެ.

(ކ) މި މާއްދާގެ ބޭނުމަށްޓަކައި، އެއްވެސް ފަރާތަކަށް ނިސްބަތްކުރާއިރު، "ގުޅުންހުރި ފަރާތް" ކަމަށް ބުނެފައި އެވަނީ؛

(1) އެ ފަރާތެއްގެ އެއްވެސް ތިމާގެ މީހެއް؛

(2) އެ ފަރާތަކާއެކު ޕާޓްނަރޝިޕްއެއްގައި ހިމެނޭ ފަރާތެއް؛

(3) އެ ފަރާތަކީ، އެ ކުންފުނީގެ އެއްވެސް ޙިއްޞާއެއް ނުވަތަ ޒިންމާއެއްގައި އެއްވެސް މަސްލަޙަތެއް ލިބިފައިވާ މީހެއްނަމަ، އެ ޙިއްޞާތަކާ މަސްއޫލިއްޔަތުގައި މަސްލަޙަތެއް ލިބިފައިވާ އެހެން އެއްވެސް ފަރާތެއް، މިއެވެ.

(އ) މި މާއްދާގެ (ކ) ގެ ބޭނުމަށްޓަކައި، އެއްވެސް މީހެއްގެ ތިމާގެ މީހަކަށް އަނެކަކު ވަނީ، އޭނާއަކީ:

(1) އެ މީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާ؛ ނުވަތަ

(2) މާމަ، ކާފަ، މަންމަ، ބައްޕަ، ދަރިއެއް، އެއްބަނޑު އެއްބަފާ މީހެއް، އެއްބަނޑު މީހެއް، ނުވަތަ އެއްބަފާ މީހެއް؛

(3) މި މާއްދާގެ (2) ވަނަ ނަންބަރުގައި ހިމެނޭ އެއްވެސް މީހެއްގެ އަންބެއް ނުވަތަ ފިރިއެކެވެ. އަދި "ދަރި" ގެ މާނައިގައި ދޮންދަރިންވެސް ހިމެނެއެވެ.

(ވ) މި މާއްދާގެ (ފ) އާ ޚިލާފުނުވާ ގޮތުގެމަތިން، މި ޤާނޫނުގެ ބޭނުމަށްޓަކައި ކުންފުންޏަކާގުޅޭ ގޮތުން "ލޯނުދޫކުރި ފަރާތް" ކަމަށް ބުނެފައި އެވަނީ، ތިރީގައި ބަޔާންކޮށްފައިވާ ފަދަ ދަރަނި ލިބެންޖެހޭ ފަރާތްތަކެވެ.

(1) ތިރީގައިވާ ގޮތުންކުރެ ގޮތަކަށް ކުންފުނިން ދައްކަންޖެހިފައިވާ ދަރަނި؛

ކުންފުނިން ދަރަންޏަށް ނަގާއިފައިވާ ފައިސާ ނުވަތަ ކެޕިޓަލްގެ ގޮތުގައި ކުންފުނިން ހޯދާއިފައިވާ މިލްކިއްޔާތު.

ކުންފުނީގެ ނަމުގައި ލިބޭ އާމްދަނީ ލިބިޤަތުމުގެ ޙައްޤު ހޯދުމުގެ ގޮތުން.

ދަރަނީގެ (އޭގެ ޕްރީމިއަމް ހިމެނޭގޮތަށް) މިންވަރަށްވުރެ މާބޮޑުތަން ދަށް ޢަދަދެއް މުޤާބިލެއްގެ ގޮތުގައި ކުންފުނިން ދައްކަންޖެހޭ އެއްޗެއް.

(2) އަނބުރާ އަތުލެވޭގޮތަށް ކުންފުނިން ދޫކޮށްފައިވާ ލޯނު ފައިސާ.

(މ) މި މާއްދާގެ (ފ) އާ ޚިލާފުނުވާ ގޮތުގެމަތިން، މި މާއްދާގެ (ވ) ގައި ހިމެނޭ ދަރަންޏެއް ނުވަތަ ލޯނު ފައިސާއެއް ލިބެންޖެހޭ ދަރަނިވެރިޔަކަށް ނުވިނަމަވެސް، އޭގެ މަންފާ ލިބިގަތުމުގެ ޙައްޤު އެމީހަކަށް ލިބިގެންވާނަމަ އެ ޙައްޤަކަށް ނިސްބަތްވާ މިންވަރުން އެމީހަކީ، މި މާއްދާގެ ބޭނުމަށްޓަކައި އެ ދަރަންޏެއްގެ ނުވަތަ ލޯނު ފައިސާގެ ލޯނު ދޫކުރި މީހާކަމުގައި ބެލެވޭނެއެވެ.

(ފ) އެމީހަކީ ބޭންކު ވިޔަފާރި ކުރާ މީހެއްނަމަ، އެމީހެއްގެ ވިޔަފާރި ހިންގުމުގެ ތެރޭގައި ކުންފުންޏަކަށް ދޫކުރާ ލޯނަކާ ގުޅިގެން އެ ކުންފުނިން އެ މީހަކަށް ދައްކަންޖެހޭ ދަރަންޏެއް ނުވަތަ ލޯނު ފައިސާއެއްގެ ސަބަބުން އެއީ، ލޯނު ދޫކުރި މީހާ ކަމުގައި ނުބެލެވޭނެއެވެ.

46. ވަޒަންވެރިވުން

(ހ) މި ޤާނޫނުގައި، އެއްވެސް ޓެކްސް އަހަރެއްގައި މީހަކު ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިކަމަށް ބުނެފައި ވަނީ، ވަކި ފަރުދަކަށް ނިސްބަތްކޮށް ބަލާއިރު؛

(1) އެ އަހަރެއްގައި 183 (ސަތޭކަ އަށްޑިހަތިނެއް) ދުވަހަށް، ނުވަތަ އެއަށްވުރެ ގިނަ ދުވަހަށް ދިވެހިރާއްޖޭގައި ހުރެފައިވާ މީހަކަށް؛

(2) ދިވެހިރާއްޖޭގައި ދިރިއުޅެން ގަސްތުކޮށްގެން އެ އަހަރު ދިވެހިރާއްޖެއަށް އައިސްފައިވާ މީހަކަށް؛ ނުވަތަ

(3) އެ އަހަރު ޢާންމުކޮށް ދިވެހިރާއްޖޭގައި ދިރިއުޅެމުން ގެންދިޔަ، އެކަމަކު އެ އަހަރު ނިމުމުގެ ކުރިން ފުރައިގެން ދިޔަ މީހަކަށެވެ.

(ށ) މި ޤާނޫނުގައި ދިވެހިރާއްޖޭގައި ޢާންމު ގޮތެއްގައި ވަޒަންވެރިވެފައިވާ މީހަކަށް ނިސްބަތްކުރާ ކުރުމަކީ  އެމް.އައި.އާރް.އޭ އިން ދެކޭ ގޮތުގައި ވަގުތީ ގޮތުން ރާއްޖެއިން ބޭރަށް ދިއުން ފިޔަވާ އާދައިގެމަތިން ދިވެހިރާއްޖޭގައި ދިރިއުޅޭ މީހަކަށް ނިސްބަތްކުރާ ކުރުމެކެވެ.

(ނ) ޕާޓްނަރޝިޕްއެއް ނުވަތަ ޓްރަސްޓްއެއް ނުވަތަ އެހެން ޖަމްޢިއްޔާއެއްވެސް ދިވެހިރާއްޖޭގައި އެއްވެސް ވިޔަފާރިއެއް ހިންގާނަމަ، މި ޤާނޫނުގެ މަޤްޞަދަށްޓަކައި ބެލެވޭނީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާކަމަށެވެ.

(ރ) މި ޤާނޫނުގެ 16 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން، ދިވެހިރާއްޖޭގައި ހިންގަމުންގެންދާ ކުންފުންޏެއް ބެލެވޭނީ، މި ޤާނޫނުގެ މަޤްޞަދަށްޓަކައި ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާކަމަށެވެ.

(ބ) ދިވެހިރާއްޖެއިން ބޭރުގައި އުފައްދާފައިވާ ކުންފުންޏެއްނަމަ، އެ ކުންފުނި ވަޒަންވެރިވެފައިވާ ތަނަކީ ކޮބައިކަން ނިންމާނީ އެ ކުންފުނި ހިންގުމުގެ މައިގަނޑު މަސައްކަތާއި ކޮންޓްރޯލް ހިނގަމުންދާ ތަނަކަށް ރިޢާޔަތްކޮށްފައެވެ. އެ ތަނަކީ، ކޮންތަނެއްކަން ޔަޤީންކުރެވެން ނެތްނަމަ، އެ ކުންފުނި ވަޒަންވެރިވެފައިވާ ތަންކަމަށް ބަލާނީ، އެ ކުންފުންޏެއް އުފެއްދި ނުވަތަ ރަޖިސްޓަރީކުރެވުނު ތަނެވެ.

(ޅ) މި ޤާނޫނުގެ މަޤްޞަދަށްޓަކައި، އެކުންފުނި؛

(1) އެއްވެސް ވިޔަފާރިއެއް ނުހިންގާނަމަ؛ ނުވަތަ

(2) ދިވެހިރާއްޖެއިން ބޭރުގައި އުވާލެވެމުންދާނަމަ،

އެ ވިޔަފާރިކުރުން ހުއްޓާލުމުގެ ހިނދުކޮޅެއް ކުރިންވެސް، ނުވަތަ އެ ކުންފުނީގެ ކަންތައްތަކުގެ ތެރެއިން އެއްވެސް ބައެއް، ދިވެހިރާއްޖޭގައިނަމަ، ކުންފުނި އުވާލުމަށް ޙަވާލުވާ މީހާ ކުރާނެކަހަލަ މަސައްކަތެއްކުރާ މީހެއްގެ ބެލުމުގެ ދަށަށް ދިއުމުގެ ކުރިން، ބެލެވިފައިވަނީ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ކުންފުންޏެއްގެ ގޮތުގައިކަމަށް ވަނީނަމަ، ބަލާނީ ދިވެހިރާއްޖޭގައި އަދިވެސް ވަޒަންވެރިވެފައިވާކަމަށެވެ.

47. ސުންގަޑި ބަލާއިރު ގުނަން ނުޖެހޭ ދުވަސްތައް

(ހ) މި ޤާނޫނުގެ އެއްވެސް މާއްދާއަކުން އެއްވެސްކަމެއް ވަކި މުއްދަތެއްގެ ތެރޭގައި ކުރުމަށް ލާޒިމުކުރާނަމަ (އަދި ކޮންމެ ޢިބާރާތަކުން މިކަން ޝަރުޠުކޮށްފައިވީ ނަމަވެސް) އެ މުއްދަތެއްގެ އެންމެފަހު ދުވަސް ކަނޑައެޅުމުގައި، އެ މުއްދަތުގެ އެންމެފަހު ރަސްމީ ދުވަހުގެ ފަހުން އަންނަ ދުވަހެއް ނުވަތަ ދުވަސްތަކެއް (ހުރިނަމަ) އެ ދުވަސްތައް ގުނައިގެން ނުވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ރަސްމީ ދުވަހަކީ، ސަރުކާރު އޮފީސްތައް ހުޅުވާފައި ހުންނަ ކޮންމެ ދުވަހެކެވެ.

48. އިންޓްރެސްޓް ދެއްކުން

މި ޤާނޫނުގެ ދަށުން ނެގޭ އިންޓްރެސްޓްއަކީ ދުވަހުން ދުވަހަށް އަރަމުންދާ، އިތުރު އެންގުމަކާނުލައި ދައްކަންޖެހޭ އަދި ބިނާކުރެވިފައިވާ ނުދައްކާހުރި ޓެކްސްގެ ގޮތުގައި ހޯދޭނެ އެއްޗެކެވެ.

49. ޤާނޫނު ތަންފީޛު ކުރުން

މި ޤާނޫނު ކަނޑައެޅިގެން އެހެން ގޮތަކަށް ބުނެފައިނުވާނަމަ، މި ޤާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި، މި ޤާނޫނުގައިވާ ކަންކަން ހިންގާ ބަލަހައްޓާނީ އެމް.އައި.އާރް.އޭ އިންނެވެ.

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ