ޤާނޫނާއި ގަވާއިދު

×
ޓެކްސް ރޫލިންގ

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނާއި ގަވާއިދަށް ޢަމަލުނުކޮށްފިނަމަ ކުރެވޭ ޖޫރިމަނާ

TR-2015/G30

ނެރުނު ތާރީޚް: 24 ޑިސެންބަރު 2015
ކޮންސޮލިޑޭޓް ކުރެވުނު ތާރީޚް: 24 ޑިސެންބަރު 2015
ޑައުންލޯޑް: | އިނގިރޭސި | ދިވެހި |

މިއީ ޤާނޫނު ނަންބަރު 14/2011 މެދުވެރިކޮށް އިސްލާހުކޮށްފައިވާ ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 84 ވަނަ މާއްދާގެ ދަށުން ނެރެފައިވާ ރޫލިންގއެކެވެ. އެހެން ގޮތަކަށް ބަޔާންކޮށްފައިވާ ހާލަތެއްގައި މެނުވީ، ޤާނޫނަށް ޙަވާލާދީފައިވާ ތަންތަނުގައި ޙަވާލާދީފައި އެ ވަނީ އިސްލާހުކޮށްފައިވާ ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އަށެވެ. އަދި ގަވާއިދަށް ޙަވާލާދީފައިވާ ތަންތަނުގައި ޙަވާލާދީފައި އެ ވަނީ އިސްލާހުކޮށްފައިވާ ގަވާއިދު ނަންބަރު 2011/R-43 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދު) އަށެވެ. ޓެކްސް ދައްކާ ފަރާތްތަކުން މި ރޫލިންގއަށް ތަބާވުމަށް ޤާނޫނީ ގޮތުން ލާޒިމުކުރެއެވެ.

 

ތައާރަފު

1. މި ރޫލިންގ ގައި ބަޔާންކޮށްފައި ވާނީ، ޤާނޫނާއި ގަވާއިދުގެ ބައެއް މާއްދާތަކަށް ޢަމަލުނުކޮށްފިނަމަ ކުރެވޭ ޖޫރިމަނާއާއި، ޖޫރިމަނާ ކަނޑައެޅުމުގައި ޢަމަލުކުރާނެ އުސޫލެވެ.

2. ޤާނޫނުގެ 42 ވަނަ މާއްދާގައި ވަނީ:

ޓެކްސް އިންވޮއިސްގައި ހިމަނަންޖެހޭ މަޢުލޫމާތު

(ހ) ... ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން ތައްޔާރުކުރާ ޓެކްސް އިންވޮއިސްގައި އަންނަނިވި މަޢުލޫމާތު ހިމަނަންވާނެއެވެ.

(1) ފާޅުކަންބޮޑު ގޮތެއްގައި ފެންނާނެހެން "ޓެކްސް އިންވޮއިސް" މިގޮތަށް ލިޔެފައި އޮތުން؛

(2) މުދާ ވިއްކާ ފަރާތުގެ ނުވަތަ ޚިދުމަތް ފޯރުކޮށްދޭ ފަރާތުގެ ނަމާއި، އެޑްރެސް އަދި ޓިން؛

(3) މުދާ ގަތް ފަރާތުގެ ނުވަތަ ޚިދުމަތް ލިބިގަތް ފަރާތުގެ ނަމާއި، އެޑްރެސް އަދި ޓިން؛

(4) އިންވޮއިސް ނަންބަރު؛

(5) އިންވޮއިސް ދޫކުރި ތާރީޚު؛

(6) ވިއްކި މުދަލުގެ ޢަދަދާއި ތަފްޞީލު ނުވަތަ ފޯރުކޮށްދިން ޚިދުމަތުގެ ތަފްޞީލު؛

(7) މުދަލަށް ނުވަތަ ޚިދުމަތަށް ދައްކަންޖެހޭ ޖީ.އެސް.ޓީގެ ޢަދަދު ނުހިމެނޭގޮތުން މުދަލުގެ ނުވަތަ ޚިދުމަތުގެ އަގު؛

(8) މުދަލަށް ނުވަތަ ޚިދުމަތަށް ދައްކަންޖެހޭ ޖީ.އެސް.ޓީގެ ޢަދަދު؛

(9) ޖީ.އެސް.ޓީ ހިމެނޭގޮތުން އެ މުދަލަކަށް ނުވަތަ ޚިދުމަތަކަށް ދައްކަންޖެހޭ ޖުމްލަ އަގު، ނުވަތަ މުދަލުގެ އަގުގެ ތެރޭގައި ނުވަތަ ޚިދުމަތުގެ އަގުގެ ތެރޭގައި ޖީ.އެސް.ޓީގެ ޢަދަދު ހިމެނިފައިވާނަމަ އެކަން.

3. ޤާނޫނުގެ 43 ވަނަ މާއްދާގައި ވަނީ:

ޓެކްސް އިންވޮއިސްގެ ބަދަލުގައި ރަސީދު ދޫކުރުން

ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން ވިއްކާ މުދަލެއް ގަންނަނީ ނުވަތަ ފޯރުކޮށްދޭ ޚިދުމަތެއް ލިބިގަންނަނީ ރަޖިސްޓަރީކޮށްފައިވާ ފަރާތެއް ނޫން އެހެން ފަރާތެއް ކަމުގައިވާނަމަ، އެ މުޢާމަލާތާ ގުޅިގެން ޓެކްސް އިންވޮއިސެއްގެ ބަދަލުގައި ރަސީދެއް ދޫކުރުމުގެ އިޚްތިޔާރު އެ މުދަލެއް ވިއްކާ ނުވަތަ ޚިދުމަތެއް ފޯރުކޮށްދޭ ފަރާތަށް ލިބިގެންވެއެވެ. މިގޮތުން ދޫކުރާ ރަސީދުގައި އަންނަނިވި މަޢުލޫމާތު ހިމަނަންވާނެއެވެ.

(ހ) ރަޖިސްޓަރީކޮށްފައިވާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ޓިން؛

(ށ) ފައިސާ ދެއްކި ތާރީޚު؛

(ނ) ރަސީދު ނަންބަރު؛

(ރ) މުދަލުގެ ޢަދަދާއި ތަފްޞީލު ނުވަތަ ޚިދުމަތުގެ ތަފްޞީލު؛

(ބ) މުދަލަށް ނުވަތަ ޚިދުމަތަށް ދައްކަންޖެހޭ ޖީ.އެސް.ޓީގެ ޢަދަދު ނުހިމެނޭގޮތުން މުދަލުގެ ނުވަތަ ޚިދުމަތުގެ އަގު؛

(ޅ) މުދަލަށް ނުވަތަ ޚިދުމަތަށް ދައްކަންޖެހޭ ޖީ.އެސް.ޓީގެ ޢަދަދު؛

(ކ) ޖީ.އެސް.ޓީ ހިމެނޭގޮތުން އެ މުދަލަކަށް ނުވަތަ ޚިދުމަތަކަށް ދައްކަންޖެހޭ ޖުމްލަ އަގު، ނުވަތަ މުދަލުގެ އަގުގެ ތެރޭގައި ނުވަތަ ޚިދުމަތުގެ އަގުގެ ތެރޭގައި ޖީ.އެސް.ޓީގެ ޢަދަދު ހިމެނިފައިވާނަމަ އެކަން.

4. ޤާނޫނުގެ 48 ވަނަ މާއްދާގައި ވަނީ:

ރެކޯޑު ބެލެހެއްޓުން

...

(ށ) މި ޤާނޫނުގެ ބޭނުމަށް ތައްޔާރުކުރާ ޓެކްސް އިންވޮއިސްތަކާއި، ރަސީދުތަކާއި، ކްރެޑިޓް ނޯޓުތަކާއި، ޑެބިޓް ނޯޓުތަކުގެ ނަންބަރަކީ ސޮފްޓްވެއަރއަކުން ޖެނެރޭޓްކުރާ ނަންބަރަކަށް ނުވާނަމަ، އެ ލިޔުންތަކުގައި ޕްރީޕްރިންޓަޑް ސީރިއަލް ނަންބަރެއް ހިމަނަންވާނެއެވެ.

5. ގަވާއިދުގެ 10 ވަނަ މާއްދާގައި ވަނީ:

ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓް

...

(ށ) ރަޖިސްޓަރީކޮށްފައިވާ ކޮންމެ ފަރާތަކުންމެ، އެ ފަރާތަކީ ޖީ.އެސް.ޓީ އަށް ރަޖިސްޓަރީކޮށްފައިވާ ފަރާތެއްކަން އެންގުމުގެ ބޭނުމަށް، އެ ފަރާތުން ޓެކްސް ނެގޭ ޙަރަކާތްތައް ހިންގާ ކޮންމެ ތަނެއްގައި، މީރާއިން ދޫކޮށްފައިވާ ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓް ޢާންމުކޮށް ފެންނަން ހުންނާނެހެން ބަހައްޓަންވާނެއެވެ.

6. ގަވާއިދުގެ 13 ވަނަ މާއްދާގައި ވަނީ:

ރަޖިސްޓަރީ ނުކޮށް ޖީ.އެސް.ޓީ ނެގުން މަނާކުރުން

(ހ) އެއްވެސް ފަރާތަކުން، ޤާނޫނާއި މި ގަވާއިދުގައިވާ ގޮތުގެމަތިން މީރާގައި ރަޖިސްޓަރީނުކޮށް، ނުވަތަ ރަޖިސްޓަރީ ކުރިކަމުގައިވިޔަސް ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓްގައިވާ ތާރީޚުގެ ކުރިން، ނުވަތަ ރަޖިސްޓަރީ ބާޠިލުކުރުމަށްފަހު، މުދަލާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ އަތުން ޖީ.އެސް.ޓީ ނެގުމަކީ ކުށެކެވެ.

7. ގަވާއިދުގެ 92 ވަނަ މާއްދާގައި ވަނީ:

ރިކޯޑު ބެލެހެއްޓުން

(ހ) ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ދައްކަންޖެހޭ ޓެކުހުގެ އަދަދަކީ ޞައްޙަ އަދަދެއްކަން ދައްކައިދިނުމުގެ ބޭނުމަށް، އަންނަނިވި ލިޔެކިޔުންތައް ބަލަހައްޓަންވާނެއެވެ.

(1) ރަޖިސްޓަރީކޮށްފައިވާ ފަރާތުން ތައްޔާރުކޮށްފައިވާ ޓެކްސް އިންވޮއިސްތަކާއި ރަސީދުތައް، އަދި އެ ފަރާތަށް ލިބިފައިވާ ޓެކްސް އިންވޮއިސްތަކާއި ރަސީދުތައް؛

(2) ކްރެޑިޓް ނޯޓް، ޑެބިޓް ނޯޓް، އަދި މިނޫނަސް ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން ފޯރުވައިދިން ނުވަތަ ލިބިގަތް މުދަލެއްގެ ނުވަތަ ޚިދުމަތެއްގެ އަގަށް އުނިއިތުރެއް އައިކަން ދައްކުވައިދޭ ލިޔެކިޔުންތައް؛

(3) ކޮންމެ ޖީ.އެސް.ޓީ ބަޔާނެއްގައިވެސް އައުޓްޕުޓް ޓެކުހުގެ ގޮތުގައި ހިމަނާފައިވާ އަދަދުގެ ތަފުސީލު ދައްކުވައިދޭ ސްޓޭޓްމަންޓަކާއި، އިންޕުޓް ޓެކުހުގެ ގޮތުގައި ހިމަނާފައިވާ އަދަދުގެ ތަފުސީލު ދައްކުވައިދޭ ސްޓޭޓްމަންޓެއް؛

(4) މުދާ އިމްޕޯޓްކުރިކަން ނުވަތަ އެކްސްޕޯޓްކުރިކަން ސާބިތުކޮށްދޭ ލިޔެކިޔުންތައް؛

(5) ވިޔަފާރީގެ ބޭނުމަށް ނޫން އެހެން ބޭނުންތަކަށް ނުވަތަ ރަޖިސްޓަރީކޮށްފައިވާ ފަރާތުގެ އަމިއްލަ ބޭނުމަށް ހޯދާ މުދަލާއި ޚިދުމަތުގެ ތަފުސީލު، އަދި އަމިއްލަ ބޭނުމަށް ނަގާ ތަކެތީގެ ތަފުސީލު؛

(6) ހިލޭ ނުވަތަ ކޮމްޕްލިމެންޓަރީ އުސޫލުން ފޯރުވައިދޭ މުދަލާއި ޚިދުމަތުގެ ތަފުސީލު، އަދި ގެއްލޭ މުދަލާއި، ހަލާކުވާ މުދަލާއި، މުދާ ލިބިގަތް ފަރާތުން އަނބުރައި ރައްދުކުރާ މުދަލުގެ ތަފުސީލު؛

(7) ވިޔަފާރީގެ އެއްބަސްވުންތައް؛

(8) އެ ފަރާތަކުން ޖީ.އެސް.ޓީގެ ގޮތުގައި ދައްކަންޖެހޭ އަދަދު ހިސާބުކުރުމަށް ބޭނުންވާނެ އެހެނިހެން ލިޔެކިޔުންތައް.

(ށ) ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ބަލަހައްޓަންޖެހޭނެކަމަށް މި މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ ލިޔެކިޔުންތަކުގެ ލިސްޓަށް، ކޮމިޝަނަރ ޖެނެރަލް ޢާންމުކުރާ އެންގުމެއްގެ ދަށުން ބައެއް އިތުރު ކުރެވިދާނެއެވެ.

(ނ) މި މާއްދާގެ ދަށުން ބަލަހައްޓަންޖެހޭ ރަސީދުތަކާއި އެއާ ގުޅުންހުރި ލިޔެކިޔުންތައް ބަލަހައްޓަންވާނީ، ރަޖިސްޓަރީކޮށްފައިވާ ފަރާތުން ފޯރުވައިދިން މުދަލަކާ ނުވަތަ ޚިދުމަތަކާ ގުޅޭ ފައިސާ ލިބުނު ދުވަހާއި ލިބުނު ގޮތް މީރާއިން ބަލަން ބޭނުންވެއްޖެ ހިނދެއްގައި ފަސޭހަކަމާއެކު އެކަންކަން ބެލޭނެފަދަ ގޮތަކަށެވެ.

8. ގަވާއިދުގެ 109 ވަނަ މާއްދާގައި ވަނީ:

ޖީ.އެސް.ޓީ ހިމަނައިގެން އަގު ޖެހުން

(ހ) ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން ފޯރުވައިދޭ މުދަލާއި ޚިދުމަތުގެ އަގު، މުދަލާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ފެންނާނޭހެން ޖަހައިފައި ހުންނަންވާނެއެވެ. އަދި މި މާއްދާގެ (ށ) އަދި (ނ) ގައި ބަޔާންކޮށްފައިވާ ހާލަތުތައް ފިޔަވައި އެހެން ހާލަތުތަކުގައި އަގު ޖަހައިފައި ހުންނަންވާނީ އެ މުދަލުން ނުވަތަ ޚިދުމަތުން ޖީ.އެސް.ޓީ ގެ ގޮތުގައި ނެގޭ އަދަދު ހިމަނައިގެންނެވެ.

(ށ) ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން ފޯރުވައިދޭ މުދަލާއި ޚިދުމަތް ފޯރުވައިދިނުމަށް ސަރވިސް ޗާޖެއް ނަގާނަމަ، ޖީ.އެސް.ޓީ ގެ ގޮތުގައި ނެގޭ އަދަދު ނުހިމަނައި މުދަލުގެ ނުވަތަ ޚިދުމަތުގެ އަގު ޖަހައިފައި ބެހެއްޓިދާނެއެވެ. އަދި މި ގޮތަށް އަގު ޖަހާނަމަ، އަގު ޖަހައިފައި ހުންނަންވާނީ މުދަލާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކުން މުދާ ނުވަތަ ޚިދުމަތް ލިބިގަތުމަށް އެ ފަރާތަށް ދައްކަންޖެހޭ ފައިސާގެ ޖުމުލަ އަދަދު ހިސާބުކުރެވޭނެފަދަ ގޮތަކަށެވެ. މި އަކުރަށް ޢަމަލުކުރާނީ މި މާއްދާގެ (ނ) އާ ޚިލާފުނުވާނެ ގޮތުގެ މަތިންނެވެ.

(ނ) ޓެލެކޮމިއުނިކޭޝަން ޚިދުމަތްދޭ ފަރާތްތަކާއި، ޓެލެކޮމިއުނިކޭޝަން ޚިދުމަތްދޭ ފަރާތްތަކުގެ އޭޖެންޓުންނާއި، ޓެލެކޮމިއުނިކޭޝަން ޚިދުމަތްތައް ގަނެ ވިއްކާ ފަރާތްތަކުން ފޯރުވައިދޭ ޓެލެކޮމިއުނިކޭޝަން ޚިދުމަތުގެ އަގު ޖަހައިފައި ހުންނަންވާނީ ޖީ.އެސް.ޓީ ގެ ގޮތުގައި ނެގޭ އަދަދު ނުހިމަނައެވެ. އެ ފަދަ ފަރާތްތަކުން ފޯރުވައިދޭ ޓެލެކޮމިއުނިކޭޝަން ޚިދުމަތުގައި އަގު ޖަހައިފައި ހުންނަންވާނީ ޚިދުމަތް ލިބިގަންނަ ފަރާތްތަކުން ޚިދުމަތް ލިބިގަތުމަށް އެ ފަރާތަށް ދައްކަންޖެހޭ ފައިސާގެ ޖުމުލަ އަދަދު ހިސާބުކުރެވޭނެފަދަ ގޮތަކަށެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުން ފޯރުވައިދޭ ޓެލެކޮމިއުނިކޭޝަން ޚިދުމަތުގައި އަގު ޖަހަނީ ޖީ.އެސް.ޓީ ގެ ގޮތުގައި ނެގޭ އަދަދު ނުހިމަނައި ކަން ބަޔާންކުރާ ނޯޓިސްއެއް، އެ ފަރާތްތަކުގެ ޓެކްސް ނެގޭ ޙަރަކާތްތައް ހިންގާ ތަންތަނުގައި ބަހައްޓަންވާނެއެވެ.

(ބ) މި މާއްދާގެ (ނ) އަދި (ރ) އަށް ޢަމަލުކުރާނީ 30 ޖޫން 2016 ގެ ނިޔަލަށެވެ.
 

9. ގަވާއިދުގެ 114 ވަނަ މާއްދާގައި ވަނީ:

ޤާނޫނާއި ގަވާއިދަށް ތަބާވުން

(ހ) ޤާނޫނާއި މި ގަވާއިދުގައި ކަނޑައެޅިފައިވާގޮތަށް ޓެކްސް ނެގުން އިދާރީގޮތުން ތަންފީޒުކުރުމުގެ ބޭނުމުގައި ކޮމިޝަނަރ ޖެނެރަލް އަންގާ އެންމެހައި އެންގުންތަކަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ފުރިހަމައަށް ތަބާވާންޖެހޭނެއެވެ.

(ށ) ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން މި ގަވާއިދުގައި ކަނޑައަޅައިފައިވާ އެއްވެސް ކަމަކާ ޚިލާފުވެއްޖެނަމަ، އަދި އެފަދަ ޚިލާފުވުމަކަށް ޓެކްސްއާބެހޭ ޤާނޫނެއްގައި އަދަބެއް ކަނޑައަޅައިފައި ނުވާނަމަ، 2,000/- (ދެހާސް) ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާވާނެއެވެ.

 

ރޫލިންގ

10. ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން ހިންގާ ޓެކްސް ނެގޭ ހަރަކާތްތަކުން، ޤާނޫނުގެ 42 ވަނަ މާއްދާ އާއި 43 ވަނަ މާއްދާ އާއި 48 ވަނަ މާއްދާ، އަދި ގަވާއިދުގެ 10 ވަނަ މާއްދާ އާއި 13 ވަނަ މާއްދާ އާއި 92 ވަނަ މާއްދާ އާއި 109 ވަނަ މާއްދާއަށް ޢަމަލުކުރުމުގައި އަންނަނިވި ކަންކަން ފުރިހަމަކުރަންވާނެއެވެ.

(ހ) ޤާނޫނުގެ 42 ވަނަ މާއްދާ އަދި 43 ވަނަ މާއްދާ އާ އެއްގޮތްވާ ގޮތުގެ މަތިން ޓެކްސް އިންވޮއިސް އަދި ރަސީދު ދޫކުރުން؛

(ށ) ޓެކްސް އިންވޮއިސް އަދި ރަސީދުގެ އައިޑެންޓިފިކޭޝަން ނަންބަރަކީ ސޮފްޓްވެއަރއަކުން ޖެނެރޭޓްކުރާ ނަންބަރަކަށް ނުވާނަމަ، ޕްރީޕްރިންޓަޑް ސީރިއަލް ނަންބަރު ޖަހާފައިވާ ޓެކްސް އިންވޮއިސް އަދި ރަސީދު ދޫކުރުން؛

(ނ) ވިޔަފާރި ހިންގާ ތަނުގައި ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓް ޢާންމުކޮށް ފެންނަން ހުންނާނެހެން ބެހެއްޓުން؛

(ރ) ޤާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން މީރާގައި ޖީ.އެސް.ޓީއަށް ރަޖިސްޓަރީކުރުމުގެ ކުރިން މުދަލާއި ޚިދުމަތް ލިބިގަންނަ ފަރާތުގެ އަތުން ޖީ.އެސް.ޓީ ނުނެގުން؛

(ބ) މުދާ ނުވަތަ ޚިދުމަތުގެ ޖީ.އެސް.ޓީ ކްލެސިފިކޭޝަން އެނގޭނެހެން އާމްދަނީ ބެލެހެއްޓުން (އެ މުދާ ނުވަތަ ޚިދުމަތަކީ ޖީ.އެސް.ޓީ ނެގުމުން އިސްތިސްނާ ކުރެވިފައިވާ، ނުވަތަ ޖީ.އެސް.ޓީ ޤާނޫނުގެ ހުދޫދުގެ ތެރޭގައި ނުހިމެނޭ، ނުވަތަ ސުން-ރޭޓުގައި ޖީ.އެސް.ޓީ ނެގޭ، ނުވަތަ %6 ނުވަތަ %12 ގައި ޖީ.އެސް.ޓީ ނެގޭ މުދަލެއް ނުވަތަ ޚިދުމަތެއްކަން އެނގޭނެހެން އާމްދަނީ ބެލެހެއްޓުން)؛

(ޅ) ޓެކްސް ނެގޭ މުދަލާއި ޚިދުމަތްތަކުން ކަނޑައެޅިފައިވާ ރޭޓުގައި ޖީ.އެސް.ޓީ ނެގުން؛

(ކ) ޖީ.އެސް.ޓީ ނެގުމުން އިސްތިސްނާ ކުރެވިފައިވާ މުދަލާއި ޚިދުމަތްތަކުން އަދި ޖީ.އެސް.ޓީ ޤާނޫނުގެ ހުދޫދުގެ ތެރޭގައި ނުހިމެނޭ މުއާމަލާތްތަކުން ޖީ.އެސް.ޓީ ނުނެގުން؛

(އ) ގަވާއިދުގެ 109 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން މުދަލާއި ޚިދުމަތުގައި އަގުޖަހާފައި ބެހެއްޓުން.

11. ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން ހިންގާ ޓެކްސް ނެގޭ ހަރަކާތަކުން މި ރޫލިންގގެ 10 ވަނަ ޕެރެގްރާފާ އެއްގޮތްވާ ގޮތުގެ މަތިން ޢަމަލުނުކުރާކަމަށް މީރާއަށް ފާހަގަކުރެވިއްޖެނަމަ، އެ ކަން އިސްލާހުކުރުމަށް އަންގާ ނޯޓިސްއެއް، ރަޖިސްޓަރީކޮށްފައިވާ ފަރާތަށް މީރާއިން ފޮނުވާނެއެވެ.

12. ރަޖިސްޓަރީކޮށްފައިވާ ފަރާތަކަށް މި ރޫލިންގގެ 11 ވަނަ ޕެރެގްރާފްގެ ދަށުން ނޯޓިސްއެއް ފޮނުވައިފިނަމަ؛

(ހ) ނޯޓިސްގައި ފާހަގަކޮށްފައިވާ ކަންކަން އިސްލާހުކުރުމަށްފަހު، ނޯޓިސް ފޮނުވާ ތާރީޚުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި މީރާއަށް ލިޔުމުން އަންގަންވާނެއެވެ.

(ށ) ނޯޓިސްގައި ފާހަގަކޮށްފައިވާ ކަންކަން އިސްލާހުކޮށްފައިވޭތޯ ބެލުމަށް، ނޯޓިސް ފޮނުވާ ތާރީޚުން ފެށިގެން 15 (ފަނަރަ) ދުވަސް ހަމަވުމުން މީރާގެ މުވައްޒަފުން އެ ވިޔަފާރި ހިންގާ ތަނަށް ޒިޔާރަތްކުރާނެއެވެ.

13. މި ރޫލިންގގެ 12 ވަނަ ޕެރެގްރާފްގެ (ށ) ގެ ދަށުން ކުރެވޭ ޒިޔާރަތުގައި، އިސްލާހުކުރުމަށް އަންގާފައިވާ ކަންކަން އިސްލާހުކޮށްފައިނުވާކަމަށް މީރާގެ އޮފިސަރުންނަށް ފާހަގަކުރެވިއްޖެނަމަ، ރަޖިސްޓަރީކޮށްފައިވާ ފަރާތް 2,000 (ދެ ހާސް) ރުފިޔާއިން ޖޫރިމަނާވާނެއެވެ. އަދި މި ޖޫރިމަނާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ދައްކަން ވާނެއެވެ. 

14. ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން ހިންގާ އެއްވެސް ޓެކްސް ނެގޭ ހަރަކާތަކަށް މި ރޫލިންގގެ 11 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ ނޯޓިސް މީރާއިން ފޮނުވާނީ، ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އެ ހަރަކާތުން ޢަމަލުނުކުރާކަމަށް މީރާއަށް ފާހަގަކުރެވޭ ފުރަތަމަ ފަހަރު އެކަންޏެވެ. ޓެކްސް ނެގޭ ހަރަކާތަކުން މި ރޫލިންގގެ 10 ވަނަ ޕެރެގްރާފާ އެއްގޮތްވާ ގޮތުގެ މަތިން ޢަމަލުނުކުރާކަމަށް ތަކުރާރުކޮށް މީރާއަށް ފާހަގަކުރެވިއްޖެނަމަ، (11 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ ނޯޓިސް ފޮނުވުމަކާ ނުލައި) ރަޖިސްޓަރީކޮށްފައިވާ ފަރާތް 2,000 (ދެ ހާސް) ރުފިޔާއިން ޖޫރިމަނާވާނެއެވެ. އަދި މި ޖޫރިމަނާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ދައްކަން ވާނެއެވެ.

15. މި ރޫލިންގގެ 13 ވަނަ ޕެރެގްރާފާއި 14 ވަނަ ޕެރެގްރާފްގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޖޫރިމަނާ ނޯޓިސްގައި ފާހަގަކޮށްފައިވާ ކަންކަން ނޯޓިސް ފޮނުވި ތާރީޚުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އިސްލާހުކޮށްފިނަމަ އެ ޖޫރިމަނާ ދައްކާކަށް ނުޖެހޭނެއެވެ. ނޯޓިސްގައި ފާހަގަކޮށްފައިވާ ކަންކަން އިސްލާހުކުރުމަށްފަހު، ނޯޓިސް ފޮނުވާ ތާރީޚުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި މީރާއަށް ލިޔުމުން އަންގަންވާނެއެވެ.

 

ޢަމަލުކުރަން ފެށުން

16. މި ރޫލިންގއަށް ޢަމަލުކުރަން ފަށާނީ 1 ޖަނަވަރީ 2016 އިން ފެށިގެންނެވެ.

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ