ޤާނޫނާއި ގަވާއިދު

×

ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު (ކޮންސޮލިޑޭޓްކުރެވިފައި)

2013/R-45

ނެރުނު ތާރީޚް: 30 މެއި 2013
ކޮންސޮލިޑޭޓް ކުރެވުނު ތާރީޚް: 09 މާރިޗު 2023
ޑައުންލޯޑް: | އިނގިރޭސި | ދިވެހި |

1. ތަޢާރުފާއި ނަން

(ހ) މިއީ ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ ދަށުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ލިބިދޭ އިޚުތިޔާރުގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ. 

(ށ) މި ގަވާއިދަށް ކިޔާނީ "ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު" އެވެ. 

2. މަޤުޞަދު

މި ގަވާއިދުގެ މަޤުޞަދަކީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު ތަންފީޛުކުރުމުގައި، އެ ޤާނޫނުގެ މަޤުޞަދުތައް އެންމެ ފުރިހަމައަށް ހާސިލުކުރެވޭނެ ގޮތެއްގެ މަތިން މީރާ އާއި ޓެކްސް ދައްކާ ފަރާތްތަކުން އަދި ޓެކްސްއާބެހޭ ޤާނޫނުތައް އެ ފަރާތްތަކެއްގެ މައްޗަށް ހިނގާ އެހެނިހެން ފަރާތްތަކުން ޢަމަލުކުރާނެ ގޮތުގެ ތަފުސީލު ބަޔާންކުރުމެވެ.

3. ރަޖިސްޓަރީކުރުން

ޤާނޫނުގެ 21 ވަނަ މާއްދާގެ (ށ) ގެ ދަށުން ނުވަތަ އެ ނޫންވެސް ގޮތަކަށް ލިބޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ޓެކްސް ޤާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން ރަޖިސްޓަރީކުރަން ޖެހޭނެކަމަށް މީރާއަށް ގަބޫލުކުރެވޭ ފަރާތްތައް، އެ ޤާނޫނުގެ ދަށުން ނުވަތަ ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށް އެ ފަރާތްތަކަށް އެންގުމުގެ އިޚުތިޔާރު، ކޮމިޝަނަރ ޖެނެރަލަށް ލިބިގެންވެއެވެ. 

4. މަސްއޫލުވާ މީހާ

(ހ) ޓެކްސް ޤާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން މީރާގައި ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ފަރާތަކީ ފަރުދެއް ނޫންނަމަ، ޤާނޫނުގެ 22 ވަނަ މާއްދާގައިވާ ގޮތުގެ މަތީން މަސްއޫލުވާ މީހަކު އައްޔަނު ކުރަންވާނެއެވެ.

(ށ) މަސްއޫލުވާ މީހާގެ ގޮތުގައި، ކުންފުންޏަކުން ނުވަތަ ޕާޓްނަރޝިޕަކުން މި މާއްދާގެ (ހ) ގެ ދަށުން ކަނޑައެޅިގެން ވަކި މީހަކު އައްޔަނު ކޮށްފައިނުވާ ހާލަތުތަކުގައި އެ ފަރާތެއްގެ މަސްއޫލުވާ މީހާކަމަށް ބެލެވޭނީ، އަންނަނިވި ފަރާތްތަކެވެ.

(1) ކުންފުންޏެއްނަމަ، އެ ކުންފުންޏެއްގެ މެނޭޖިންގ ޑިރެކްޓަރ؛

(2) ޕާޓްނަރޝިޕެއްނަމަ، އެ ޕާޓްނަރޝިޕެއްގެ މެނޭޖިންގ ޕާޓްނަރ.

(ނ) ޓެކްސް ޤާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ފަރާތަކީ ފަރުދެއްނަމަ، ރަޖިސްޓަރީކުރަން ހުށަހަޅާއިރު، މަސްއޫލުވާ މީހަކު އައްޔަނު ކުރުމުގެ އިޚުތިޔާރު އެ ފަރާތަށް ލިބިގެންވެއެވެ.

(ރ) މަސްއޫލުވާ މީހާ މީރާއަށް އެއްބާރުލުން ދިނުމާއެކު، އޭނާގެ ޒިންމާތަކާ ގުޅޭގޮތުން ޓެކްސް ޤާނޫނުތަކާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ކަންކަމަށް ފުރިހަމައަށް ތަބާވާންވާނެއެވެ.

5. މަސްއޫލުވާ މީހާގެ ޒިންމާ

(ހ) ޓެކްސް ދައްކާ ފަރާތުން މަސްއޫލުވާ މީހަކު ޢައްޔަންކުރުމަކުން އެ ފަރާތުން އަދާކުރަންޖެހޭ ޒިންމާތަކުން އެ ފަރާތް ބަރީޢައެއް ނުވާނެއެވެ. ނަމަވެސް، މަސްއޫލުވާ މީހާ އަދާކުރާ ޒިންމާތަކަކީ ޓެކްސް ދައްކާ ފަރާތުން އަދާކުރާ ޒިންމާތަކެއްގެ ގޮތުގައި ބެލެވޭނެއެވެ.

(ށ) ޓެކްސް ދައްކާ ފަރާތަށް މީރާއިން އަންގަންޖެހޭ އެންގުންތަކާއި ފޮނުވަންޖެހޭ ލިޔެކިޔުންތައް ޓެކްސް ދައްކާ ފަރާތުގެ މަސްއޫލުވާ މީހާއަށް ފޮނުވުމުން، އެ ތަކެތި ޓެކްސް ދައްކާ ފަރާތަށް ފޮނުވުނީކަމުގައި ބެލެވޭނެއެވެ.

6. މަޢުލޫމާތު ބަދަލުވުން

އަންނަނިވި ކަންތައްތަކުން ކަމެއް މެދުވެރިވެއްޖެނަމަ، އެ ކަމެއް މެދުވެރިވި ތާރީޚުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ޓެކްސް ދައްކާ ފަރާތުން ނުވަތަ އެ ފަރާތުގެ މަސްއޫލުވާ މީހާ އެކަން މީރާއަށް އަންގަންވާނެއެވެ.

(ހ) ޓެކްސް ދައްކާ ފަރާތުން އިތުރު ވިޔަފާރި ހަރަކާތެއް ފެށުން.

(ށ) މީރާއަށް ދީފައިވާ، ޓެކްސް ދައްކާ ފަރާތުގެ މަޢުލޫމާތެއް ނުވަތަ އެ ފަރާތުން ހިންގާ ވިޔަފާރި ހަރަކާތަކާ ގުޅޭ މަޢުލޫމާތެއް ބަދަލުވުން؛

(ނ) ޓެކްސް ދައްކާ ފަރާތުން އައްޔަނުކޮށްފައިވާ މަސްއޫލުވާ މީހާ ނުވަތަ އޭނާގެ މަޢުލޫމާތެއް ބަދަލުވުން.

7. ރަޖިސްޓަރީ ނުކުރުމުގެ ކުށުގެ އަދަބު

ޓެކްސް ޤާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން ރަޖިސްޓަރީކުރަންޖެހޭ ފަރާތަކުން ރަޖިސްޓަރީކޮށްފައި ނުވާނަމަ، އެ ކުށުގެ މަދަނީ އަދަބަކީ، ޤާނޫނުގެ 65 ވަނަ މާއްދާއާއި ޤާނޫނުގެ 67 ވަނަ މާއްދާގެ ދަށުން، 5,000/- (ފަސްހާސް) ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމެވެ. އަދި އެ ކުށުގެ ޖިނާއީ އަދަބަކީ، ކުށް ކުރި ފަރާތް 1 (އެކެއް) މަސްދުވަހާއި 6 (ހައެއް) މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ގޭގައި ބަންދުކުރުމެވެ.

8. ރަޖިސްޓަރީން އުނިކުރުން

(ހ) އަންނަނިވި ކަންތައްތަކުންކުރެ ކަމެއް މެދުވެރިވެއްޖެނަމަ "ރަޖިސްޓަރީން އުނިކުރުން" (MIRA106) ފޯމު ފުރިހަމަކުރުމަށްފަހު އެ ފޯމުގައި ކަނޑައަޅައިފައިވާ އެންމެހައި މަޢުލޫމާތާއި ލިޔެކިޔުންތަކާއެކު، އެ ޙާލަތެއް މެދުވެރިވި ތާރީޚުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި މީރާއަށް ހުށަހަޅަންވާނެއެވެ.

(1) އެ ފަރާތުގެ ވިޔަފާރި ނުވަތަ ވިޔަފާރި ޙަރަކާތެއް ހުއްޓައިލުން ނުވަތަ ވިއްކައިލުން؛

(2) ޓެކްސް ދައްކާ ފަރާތް އިފްލާސްކުރުން؛

(3) ޓެކްސް ދައްކާ ފަރާތް މަރުވުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފޯމު މީރާއަށް ހުށަހެޅުމަށް ޒިންމާވާނީ:

(1) މި މާއްދާގެ (ހ) ގެ (1) އިން (2) އަށް ހުރި ކަންތައްތަކުންކުރެ ކަމަކާ ގުޅިގެންނަމަ، ޓެކްސް ދައްކާ ފަރާތުންނެވެ.

(2) މި މާއްދާގެ (ހ) ގެ (3) އާ ގުޅިގެންނަމަ، އަދި ޓެކްސް ދައްކާ ފަރާތުން މަސްއޫލުވާ މީހަކު ޢައްޔަންކޮށްފައިވާނަމަ، އެ ގޮތުން ޢައްޔަންކޮށްފައިވާ މީހެކެވެ. ޓެކްސް ދައްކާ ފަރާތުން މަސްއޫލުވާ މީހަކު ޢައްޔަންކޮށްފައިނުވާނަމަ، އޭނާގެ ވާރިޘުންނެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މީރާއަށް ލިބޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ޓެކްސް ދައްކާ ފަރާތްތަކުގެ ރަޖިސްޓަރީން ނުވަތަ ވަކި ޓެކުހެއްގެ ރަޖިސްޓަރީން އެ ފަރާތެއް އުނިކުރުމަށްފަހު ނުވަތަ ވަކި ވިޔަފާރި ހަރަކާތެއް ރަޖިސްޓަރީން އުނިކުރުމަށްފަހު އެ ކަން އެ ފަރާތަށް އެންގުމުގެ އިޚުތިޔާރު ކޮމިޝަނަރ ޖެނެރަލަށް ލިބިގެންވެއެވެ.

9. އިލެކްޓްރޯނިކް ޒަރީޢާ

ޤާނޫނުގެ 20 ވަނަ މާއްދާގެ ބޭނުމަށް، އިލެކްޓްރޯނިކް ޒަރީއާ ކަމަށް ބުނެފައި އެ ވަނީ، އީމެއިލް ނުވަތަ މީރާގެ ވެބްސައިޓް ނުވަތަ މީރާގެ އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް އޮންލައިންކޮށް ދެވޭ ޚިދުމަތްތަކަށެވެ. 

10. އީމެއިލް މެދުވެރިކޮށް ލިޔެކިޔުން ހުށަހެޅުން

ޓެކްސް ދައްކާ ފަރާތުން މީރާއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް އީމެއިލް މެދުވެރިކޮށް ހުށަހެޅުމުގައި ޢަމަލުކުރަންވާނީ އަންނަނިވި ގޮތުގެ މަތިންނެވެ.

(ހ) އީމެއިލުގައި ލިޔެކިޔުމެއް އެޓޭޗްކުރާނަމަ އެއީ އެ ލިޔެކިޔުމެއްގެ އަސްލުގެ ސްކޭން ކޮޕީއަކަށްވާންވާނެއެވެ.

(ށ) އީމެއިލް މެދުވެރިކޮށް ހުށަހަޅާ ފޯމްތަކާއި އެއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް އީމެއިލް ކުރާނީ، ސުރުޚީއަކަށް އެ ފޯމެއްގެ ނަންބަރު ޖެހުމަށްފަހު އެ ފޯމުގައި ބަޔާންކޮށްފައިވާ އީމެއިލް އެޑްރެހަށެވެ.

(ނ) ލިޔެކިޔުމެއް ފޮނުވަންވީ ވަކި އީމެއިލް އެޑްރެހެއް މީރާއިން އަންގައިފައިނުވާނަމަ އެ ލިޔެކިޔުމެއް އީމެއިލް ކުރާނީ [email protected] އަށެވެ.

(1-ނ) ޓެކްސް ޤާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން މީރާގައި ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން އީމެއިލް މެދުވެރިކޮށް މީރާއަށް ހުށަހަޅާ ލިޔެކިޔުންތައް އީމެއިލް ކުރަންވާނީ، މީރާގައި ރަޖިސްޓަރީކޮށްފައިވާ އެ ފަރާތުގެ އީމެއިލް އެޑްރެހަކުންނެވެ.

(2-ނ) މި މާއްދާގެ (ށ) ނުވަތަ (ނ) ނުވަތަ (1-ނ) ގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް، އީމެއިލް މެދުވެރިކޮށް ހުށަހަޅާ ލިޔެކިޔުންތައް ބަލައިނުގަތުމުގެ އިޚްތިޔާރު މީރާއަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ށ) އާއި (ނ) އާއި (1-ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އީމެއިލް މެދުވެރިކޮށް ޓެކްސް ބަޔާނެއް ހުށަހެޅޭނީ، އެ ކަމަށް މީރާއިން ހުއްދަ ދިނުމުންނެވެ.  އެ ނޫން ގޮތަކަށް އީމެއިލް މެދުވެރިކޮށް ހުށަހަޅާ ޓެކްސް ބަޔާންތަކާއި އެއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ބަލައެއްނުގަނެވޭނެއެވެ.

(ބ) މީރާއިން ކަނޑައަޅާ ޝަރުޠުތަކެއް ފުރިހަމަވާ ޓެކްސް ދައްކާ ފަރާތްތަކާ މީރާއިން ކުރާ އެންމެހައި މުޢާމަލާތްތައް ކުރާނީ ހަމައެކަނި އިލެކްޓްރޯނިކް ޒަރީޢާ މެދުވެރިކޮށް ކަމަށް ކަނޑައެޅުމުގެ ބާރު ކޮމިޝަނަރ ޖެނެރަލަށް ލިބިގެންވެއެވެ. މި ފަދަ މުޢާމަލާތްތައް ކުރުމަށް ބޭނުންކުރެވޭނީ، އެ ފަދަ ޓެކްސް ދައްކާ ފަރާތްތަކުން މީރާގައި ރަޖިސްޓަރީކޮށްފައިވާ އީމެއިލް އެޑްރެސް ނުވަތަ އެ ފަރާތުގެ މީރާކަނެކްޓް އެކައުންޓްތަކެވެ.

11. ލިޔެކިޔުން ބަލައިގަތުން

(ހ) ޓެކްސް ދައްކާ ފަރާތުން މީރާއަށް ހުށަހަޅާ ލިޔެކިޔުމަކީ ފުރިހަމަ ލިޔެކިޔުމެއް ނޫންކަމަށް މީރާއަށް ގަބޫލުކުރެވޭނަމަ، އެ ލިޔެކިޔުމެއް ގަބޫލު ނުކުރުމުގެ އިޚުތިޔާރު މީރާއަށް ލިބިގެންވެއެވެ.

(ށ) އެއްވެސް ފަރާތަކުން މީރާއަށް ހުށަހަޅައިފައިވާ ލިޔެކިޔުމެއް ފުރިހަމަ ނޫންކަމަށް އެ ފަރާތަށް މީރާއިން އަންގައިފިނަމަ، އެ ފަރާތުން އެ ލިޔެކިޔުމެއް ހުށަހެޅުމުގެ ޒިންމާ ފުރިހަމަކޮށްފައިވާ ކަމަކަށް ނުބެލެވޭނެއެވެ.

11-1. ލިޔެކިޔުން ރައްދުވިކަމަށް ބެލުން

(ހ) ޓެކްސް ދައްކާ ފަރާތުން މިރާގައި ރަޖިސްޓަރީކޮށްފައިވާ އެ ފަރާތުގެ ލިޔެކިޔުން ފޮނުވަންވީ އެޑްރެހަށް މީރާއިން ލިޔެކިޔުމެއް ރަޖިސްޓަރީ ޕޯސްޓުގެ ޒަރީޢާއިން ނުވަތަ ކޫރިއަރ ޚިދުމަތެއް މެދުވެރިކޮށް ފޮނުވައިފިނަމަ، ޓެކްސް ދައްކާ ފަރާތަށް އެ ލިޔެކިޔުން ރައްދުވީ ކަމަށް ބެލެވޭނެއެވެ.

(ށ) ޓެކްސް ދައްކާ ފަރާތުން މީރާގައި ރަޖިސްޓަރީކޮށްފައިވާ އީމެއިލް އެޑްރެހަށް މީރާއިން ލިޔެކިޔުމެއް ފޮނުވައިފިނަމަ، ޓެކްސް ދައްކާ ފަރާތަށް އެ ލިޔެކިޔުން ރައްދުވީ ކަމަށް ބެލެވޭނެއެވެ.

(ނ) ޓެކްސް ދައްކާ ފަރާތުގެ މީރާކަނެކްޓް ޕްރައިމަރީ އެކައުންޓުން ފެންނާނޭހެން މީރާއިން ލިޔެކިޔުމެއް ހިއްސާކޮށްފިނަމަ، ޓެކްސް ދައްކާ ފަރާތަށް އެ ލިޔެކިޔުން ރައްދުވީކަމަށް ބެލެވޭނެއެވެ.

(ރ) ޓެކްސް ދައްކާ ފަރާތަށް މީރާއިން އެއް ވަސީލަތަށްވުރެ ގިނަ ވަސީލަތްތައް މެދުވެރިކޮށް ލިޔެކިޔުމެއް ފޮނުވައިފިނަމަ، އެ ފަރާތަށް އެ ލިޔެކިޔުން ރައްދުވި ތާރީޚުކަމަށް ބަލާނީ، އެ ލިޔެކިޔުމެއް ފުރަތަމަ ރައްދުވި ތާރީޚެވެ.

12. (އުވައިލެވިފައި.)

13. ލިޔެކިޔުންތަކުގެ އަސްލު ހުށަހެޅުން

(ހ) މި ބާބުގައިވާ ގޮތުގެ މަތިން އިލެކްޓްރޯނިކް ޒަރީޢާއަކުން ހުށަހަޅާ ލިޔެކިޔުންތަކުގެ އަސްލު ހުށަހެޅުމަށް ޓެކްސް ދައްކާ ފަރާތަށް މީރާއިން އަންގައިފިނަމަ، އެ ގޮތުން އަންގާ މުއްދަތެއްގެ ތެރޭގައި އެ ލިޔެކިޔުންތައް މީރާއަށް ހުށަހަޅަންވާނެއެވެ.

(ށ) އިލެކްޓްރޯނިކް ޒަރީޢާއެއް މެދުވެރިކޮށް ނުވަތަ އެ ނޫންވެސް ގޮތަކަށް މީރާއިން ލިޔެކިޔުމެއް ބަލައިގަތުމަކީ އެ ލިޔެކިޔުން ފުރިހަމަކަމަށް ނުވަތަ ޞައްޙަކަމަށް މީރާއިން ގަބޫލުކުރުން ކަމަކަށް ނުބެލެވޭނެއެވެ.

13-1. ލިޔެކިޔުންތަކުގައި ސޮއިކުރުން

ޤާނޫނުގެ 17 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތުތަކުގައި މެނުވީ، ވަކި ލިޔުމެއްގައި ނުވަތަ ލިޔުންތަކެއްގައި ސޮއިކުރުމަށް މީރާގެ އިދާރީ އޮނިގަނޑާއި ހިންގުމުގެ ނިޒާމުގެ ތެރެއިން ހުއްދަ ލިބިގެން މީރާގެ މުވައްޒަފަކު ސޮއިކޮށްފައިވާ ލިޔުމަކީ، ޤާނޫނުގެ 17 ވަނަ މާއްދާގެ ބޭނުމަށް ކޮމިޝަނަރ ޖެނެރަލް ހުއްދަ ދީފައިވާ މީހަކު ސޮއިކޮށްފައިވާ ލިޔުމެއް ކަމުގައި ބެލެވޭނެއެވެ.

13-2. ނޯޓިސްތައް

މި ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ނޯޓިސްތަކެއް ވެސް ދޭންވާނީ ލިޔުމުންނެވެ. އަދި އީމެއިލް މެދުވެރިކޮށް ކުރާ މުޢާމަލާތްތަކާއި މީރާކަނެކްޓް މެދުވެރިކޮށް ކުރާ މުޢާމަލާތްތަކަކީ ޤާނޫނާއި މި ގަވާއިދުގެ ބޭނުމަށް ލިޔުމެއްކަމަށް ބެލެވޭނެއެވެ.

14. ބަލަހައްޓަންޖެހޭ ރިކޯޑުތައް

(ހ) ޤާނޫނުގެ 27 ވަނަ މާއްދާގެ އާންމުކަން އުނިނުވާ ގޮތުގެ މަތިން، އެ ފަރާތެއްގެ މައްޗަށް ޓެކްސްއާބެހޭ ޤާނޫނެއް ހިނގާ ކޮންމެ ފަރާތަކުންމެ، އެ ފަރާތެއްގެ އާމްދަނީ، ޚަރަދު، ކެޕިޓަލް އެލަވަންސް، ޓެކްސް ކްރެޑިޓް، އައުޓްޕުޓް ޓެކްސް، އިންޕުޓް ޓެކްސް، މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކުހުގެ އުނިއިތުރުކުރުންތައް، ދައްކަންޖެހޭ ޓެކްސް އަދި ވިތުހޯލްޑިންގ ޓެކުހުގެ އަދަދު ހިސާބުކުރުމަށް ބޭނުންވާނެ ރިކޯޑުތައް ބަލަހައްޓަންވާނެއެވެ. އޭގެ ތެރޭގައި އަންނަނިވި ރިކޯޑުތައް ހިމެނެއެވެ.

(1) ވިޔަފާރި ނުވަތަ ވިޔަފާރި ޙަރަކާތްތަކާ ގުޅޭ އެންމެހައި މުދަލާއި ދަރަންޏާ ގުޅޭ ރިކޯޑުތައް (މީގެ ތެރޭގައި އަމިއްލަ ބޭނުމަށް ނަގައިފައިވާ މުދަލާއި ފައިސާ އަދި ހަލާކުވެގެން ނުވަތަ ގެއްލިގެން ނުވަތަ އެ ނޫންވެސް ސަބަބަކާހުރެ ބޭނުން ނުކުރެވޭ ޙާލަތެއްގައި ހުރި މުދަލުގެ ތަފުސީލުވެސް ހިމެނޭގޮތުން)؛

(2) ވިޔަފާރި ނުވަތަ ވިޔަފާރި ޙަރަކާތްތަކުން ދުވަހުން ދުވަހަށް ލިބޭ އަދި ޚަރަދުކުރެވޭ ފައިސާއާ ގުޅޭ ރިކޯޑުތައް؛

(3) ވިއްކައިފައިވާ އަދި ގަނެފައިވާ މުދަލާއި ޚިދުމަތާ ގުޅޭ އިންވޮއިސް، ރަސީދު، ޕޭމަންޓް ވައުޗަރ، ކްރެޑިޓް ނޯޓް، ޑެބިޓް ނޯޓް އަދި މި ފަދަ އެހެނިހެން ލިޔެކިޔުންތައް؛

(4) ޖަރނަލްތަކާއި ލެޖަރތައް ފަދަ ވިޔަފާރީގެ ނުވަތަ ވިޔަފާރި ޙަރަކާތުގެ މުޢާމަލާތްތައް ރިކޯޑުކުރާ އެކައުންޓިންގ ރިކޯޑުތައް؛

(5) ވިޔަފާރީގައި ނުވަތަ ވިޔަފާރި ޙަރަކާތްތަކުގައި ބޭނުންކޮށްފައިވާ އެކައުންޓިންގ ސިސްޓަމުގެ ތަފުސީލު ބަޔާންކޮށްދޭ ޗާޓް އޮފް އެކައުންޓްސް، ކޯޑް އޮފް އެކައުންޓްސް، އެކައުންޓިންގ އިންސްޓްރަކްޝަން މެނުއަލް އަދި ޕްރޮގްރާމް ޑޮކިއުމެންޓޭޝަން؛

(6) އެކްރޫއަލް ބޭސިސް އަށް ހިސާބުތައް ބަލަހައްޓާ ފަރާތެއްނަމަ ކޮންމެ ހިސާބުކުރާ މުއްދަތެއް ނިމޭއިރު ހުރި އިންވެންޓަރީ، ޑެޓަރސް (އަނބުރައި ނުލިބޭނެ ދަރަނީގެ ގޮތުގައި ފޮތްތަކުން އުނިކޮށްފައިވާ އަދަދުތައްވެސް ހިމެނޭ ގޮތުން) އަދި ކްރެޑިޓަރސް ގެ ތަފުސީލު؛

(7) އެ ފަރާތުގެ މުވައްޒަފުންނަށް ނުވަތަ އޮފިސަރުންނަށް ނުވަތަ އެއިން މީހެއްގެ މަންފާއަށް ކޮށްފައިވާ ޚަރަދުތަކާއި ދީފައިވާ ޢިނާޔަތްތަކުގެ ތަފުސީލު (އެ ފަރާތުގެ ޑިރެކްޓަރުން، އެކަށީގެންވާ މަސްލަހަތެއް އޮތް ހިއްސާދާރުން، ޓްރަސްޓީން ނުވަތަ ޕާޓްނަރުންނަށް އަދި އެ ފަރާތްތަކާ ގުޅުންހުރި އެހެން ފަރާތްތަކަށް ކޮށްފައިވާ ޚަރަދުތަކާއި ދީފައިވާ ޢިނާޔަތްތައް ވަކިވަކިން އެނގޭނެހެން)؛

(8) ވިޔަފާރީގެ މުޢާމަލާތްތަކާ ގުޅޭ ގޮތުން ވެފައިވާ އެއްބަސްވުންތައް؛

(9) ބިލް އޮފް ލޭޑިންގ، އެއަރވޭ ބިލް، ކަސްޓަމްސް އެކްސްޕޯޓް ޑެކްލަރޭޝަން، ކަސްޓަމްސް އިމްޕޯޓް ޑެކްލަރޭޝަން، އިމްޕޯޓްކުރުމާ ގުޅޭ އެންމެހައި ލިޔެކިޔުންތަކާއި އެކްސްޕޯޓްކުރުމާ ގުޅޭ އެންމެހައި ލިޔެކިޔުންތައް؛

(10) ބޭންކް ސްޓޭޓްމަންޓް އަދި ބޭންކް އެކައުންޓް މެދުވެރިކޮށް ކުރާ އެންމެހައި މުޢާމަލާތްތަކުގެ ތަފުސީލު އަންގައިދޭ އެހެނިހެން ލިޔެކިޔުންތައް؛

(11) މާލީ ހިސާބުތަކާއި އެއާ ގުޅޭ ބަޔާންތައް؛

(12) އިންޓަރނެޓް މެދުވެރިކޮށް ކުރާ މުޢާމަލާތްތަކާ ގުޅޭ އެންމެހައި ލިޔެކިޔުންތައް؛

(12-1) ފައިސާއިން ދޭ އުޖޫރައިގެ ތަފުސީލު؛

(12-2) ފައިސާއިން ނޫންގޮތަށް ދޭ އުޖޫރައިގެ ތަފުސީލު؛

(12-3) އުޖޫރައިގެ ގޮތުގައި ފައިސާއިން ލިބޭ އާމްދަނީގެ ތަފުސީލު؛

(12-4) އުޖޫރައިގެ ގޮތުގައި ފައިސާއިން ނޫންގޮތަށް ލިބޭ އާމްދަނީގެ ތަފުސީލު؛

(12-5) އުފުލޭ މުދަލެއް ނުވަތަ ނުއުފުލޭ މުދަލެއް ނުވަތަ ފިކުރީ މުދަލެއް ނުވަތަ ޣައިރު މާއްދީ މުދަލެއް ތަޞައްރުފުކޮށްގެން ލިބޭ އާމްދަނީގެ ތަފުސީލު؛

(13) އެ ފަރާތުގެ އާމްދަނީ އާއި ޚަރަދު އަދި އެ ފަރާތުގެ ޓެކްސް ބަޔާން ނުވަތަ މާލީ ހިސާބުތަކުގައިވާ އަދަދުތަކުގެ ޞައްޙަކަން ޔަގީންކުރުމަށް ބޭނުންވާނެ އެހެނިހެން ލިޔެކިޔުންތައް؛

(14) ޓެކްސް ދައްކާ ފަރާތުން ބެލެހެއްޓުމަށް ޓެކްސްއާބެހޭ ޤާނޫނެއްގެ ދަށުން ލާޒިމުކުރާ އެހެނިހެން ލިޔެކިޔުންތައް.

(ށ) މި މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގެ ބޭނުމަށް، އެކަށީގެންވާ މަޞްލަޙަތެއް އޮތް ހިއްސާދާރުން ކަމަށް ބުނެފައި އެވަނީ، ވޯޓުލުމުގެ ޙައްގު ލިބިދޭ ހިއްސާތަކުގެ ތެރެއިން މަދުވެގެން 5% (ފަހެއް އިންސައްތަ) ހިއްސާގެ މައްޗަށް ވޯޓުލުމުގެ ބާރު ހިންގޭ މީހުންނަށެވެ. 

(ނ) ޓެކްސް ދައްކާ ފަރާތުން ތައްޔާރުކުރާ އިންވޮއިސް، ރަސީދު، ޑެބިޓް ނޯޓު އަދި ކްރެޑިޓް ނޯޓުތަކުގެ ނަންބަރަކީ ސޮފްޓްވެއަރއަކުން ޖެނެރޭޓްކުރާ ނަންބަރަކަށް ނުވާނަމަ، އެ ލިޔެކިޔުންތަކުގައި ޕްރީޕްރިންޓަޑް ސީރިއަލް ނަންބަރެއް އޮންނަންވާނެއެވެ.

15. ރިކޯޑު ބަލަހައްޓަންޖެހޭ ތަނާއި ބަސް

(ހ) ޤާނޫނުގެ 27 ވަނަ މާއްދާ އާއި މި ގަވާއިދުގެ 14 ވަނަ މާއްދާގެ ދަށުން ބަލަހައްޓަންޖެހޭ އެންމެހައި ރިކޯޑުތައް ބަލަހައްޓަންވާނީ ދިވެހިރާއްޖޭގައި އެ ފަރާތަކުން އާންމުކޮށް ވިޔަފާރި ހިންގާ ތަނެއްގައި ނުވަތަ ދިވެހިރާއްޖޭގައި ހުރި އެ ނޫންވެސް ތަނެއްގައި، މީރާއިން ބޭނުންވެއްޖެ ހިނދެއްގައި އެ ރިކޯޑުތައް ބެލޭނެ ގޮތަކަށެވެ. އަދި އެ ލިޔެކިޔުންތައް ހުންނަންވާނީ ފަސޭހައިން ކިޔަން އެނގޭނެހެންނެވެ.

(ށ) ޓެކްސް ދައްކާ ފަރާތުގެ ލިޔެކިޔުންތައް ބަލަހައްޓަނީ ދިވެހިބަސް ނުވަތަ އިނގިރޭސިބަސް ފިޔަވައި އެހެން ބަހަކުންނަމަ، މީރާއިން އެދިއްޖެ ހިނދެއްގައި މީރާއިން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި އެ ފަރާތުން އެ ލިޔެކިޔުންތައް ދިވެހިބަހަށް ނުވަތަ އިނގިރޭސިބަހަށް ތަރުޖަމާކޮށްދޭންވާނެއެވެ.

16. އިލެކްޓްރޯނިކް ފޯމެޓެއްގައި ރިކޯޑު ބެލެހެއްޓުން

(ހ) ޓެކްސް ދައްކާ ފަރާތުގެ ރިކޯޑުތައް އިލެކްޓްރޯނިކް ފޯމެޓެއްގައި ބެލެހެއްޓޭނީ އަންނަނިވި ޝަރުޠުތައް ފުރިހަމަވާނަމައެވެ.

(1) މީރާއިން ބޭނުންވެއްޖެ ހިނދެއްގައި އެ ރިކޯޑުތައް ކަރުދާހަށް ޕްރިންޓްކުރެވުން؛

(2) މީރާއިން ބޭނުންވެއްޖެ ހިނދެއްގައި އެ ރިކޯޑުތަކަށް އެކްސެސް ވެވޭނެ ގޮތަށް ހުރުން؛

(3) އެއް ފޯމެޓުން އަނެއް ފޯމެޓަށް ބަދަލުކުރާއިރު އެ ބަދަލުކުރެވުނު ރިކޯޑުތައް އޭގެ އަސްލާ އެއްގޮތްކަން ޔަގީންކުރެވޭ ގޮތަށް ހުރުން؛

(4) މެނުއަލްކޮށް ތައްޔާރުކޮށްފައިވާ ރިކޯޑުތައް އިލެކްޓްރޯނިކް ފޯމެޓަކަށް ބަދަލުކުރާނަމަ، އެ ލިޔެކިޔުންތައް ޕޯޓަބަލް ޑޮކިއުމަންޓް ފޯމަޓް (ޕީ.ޑީ.އެފް) ގައި ހުރުން؛

(5) ހުއްދަ ލިބިފައިވާ ފަރާތްތައް ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އެ ރިކޯޑުތަކަށް ބަދަލެއް ނުގެނެވުން؛

(6) ރިކޯޑުތައް ބަލަހައްޓާ ސޮފްޓްވެއަރގެ ނުވަތަ ލިޔެކިޔުންތަކުގެ ސޮފްޓް ކޮޕީގެ ބެކަޕް ހުރުން؛

(7) ރިކޯޑުތަކުގެ ނުވަތަ އެ ރިކޯޑުތަކަށް ގެންނަ ބަދަލުތަކުގެ އޮޑިޓް ޓްރެއިލް ނެގޭ ގޮތަށް ހުރުން.

(ށ) އިލެކްޓްރޯނިކް ފޯމެޓެއްގައި ހުރި ރިކޯޑެއް ކަރުދާހަށް ޕްރިންޓްކުރުމަށް މީރާއިން އަންގައިފިނަމަ އެ ރިކޯޑުގެ އަސްލު ތައްޔާރުކުރެވުނު ތާރީޚު، އެ ޕްރިންޓުން އެނގެން އޮންނަންވާނެއެވެ.

16-1. ލިޔެކިޔުންތަކާއި މާލީ ހިސާބުތައް ނުބެލެހެއްޓުމުގެ ކުށުގެ އަދަބު

ޤާނޫނުގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ނުވަތަ މި ބާބުގައި ބަޔާންކޮށްފައިވާ ގޮތަށް ރިކޯޑު ބަލަހައްޓައިފައި ނުވާނަމަ، އެ ކުށުގެ މަދަނީ އަދަބަކީ، ޤާނޫނުގެ 65 ވަނަ މާއްދާއާއި 67 ވަނަ މާއްދާގެ ދަށުން، -/5000 (ފަސްހާސް) ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމެވެ. އަދި އެ ކުށުގެ ޖިނާއީ އަދަބަކީ، ކުށް ކުރި ފަރާތް 1 (އެކެއް) މަސްދުވަހާއި 6 (ހައެއް) މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ގޭގައި ބަންދުކުރުމެވެ.

17. ކުރަމުންދާ އޮޑިޓަކާ ގުޅޭ ރިކޯޑުތައް

ޤާނޫނުގެ 27 ވަނަ މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މީރާއިން ކުރަމުންދާ އޮޑިޓަކަށް ބޭނުންވެދާނެ ރިކޯޑުތައް، އެ އޮޑިޓް ނިމެންދެން ބެހެއްޓުމަށް އެ ފަރާތަކަށް އެންގުމުގެ އިޚުތިޔާރު ކޮމިޝަނަރ ޖެނެރަލަށް ލިބިގެންވެއެވެ.

17-1. އޮޑިޓްކުރުން

(ހ) ޓެކްސް ދައްކާ ފަރާތެއްގެ ހިސާބުތަކާއި ލިޔެކިޔުންތައް، ޤާނޫނުގެ ތިންވަނަ ބާބުގެ ދަށުން އޮޑިޓްކުރުމުގައި މީރާއިން ޢަމަލުކުރާންވާނީ "ރިސްކް ބޭސްޑް ޓެކްސް އޮޑިޓިންގ" ގެ އުސޫލުތަކާ އެއްގޮތަށް، އަންނަނިވި ގޮތުގެ މަތީންނެވެ.

(1) ކޮންމެ އޮޑިޓެއް ވެސް ކުރިޔަށް ގެންދާންވާނީ އެ އޮޑިޓުގެ ސްކޯޕް އަދި އެ އޮޑިޓެއްގައި ފާހަގަކުރެވޭ ރިސްކްތަކަށް ރިޢާޔަތްކުރުމަށްފަހު، "އޮޑިޓް ޕްރޮސީޖަރ" ތައް ކަނޑައަޅައި، އެ ޕްރޮސީޖަރތައް ހިމެނޭ ގޮތަށް އެކުލަވައިލެވޭ އޮޑިޓް ޕްލޭނަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

(2) އޮޑިޓްކުރުމުގައި ޓެކްސް ދައްކާ ފަރާތުގެ އެންމެހައި މުޢާމަލާތްތަކަށް ބެލުމުގެ ބަދަލުގައި ސާމްޕަލްގެ ގޮތުގައި ހޮވައިލެވޭ މުޢާމަލާތްތަކުން ނެރެވޭ ނަތީޖާއަށް ބަލައިގެން އޮޑިޓް ނިންމިދާނެއެވެ.

(3) އޮޑިޓެއް ނިންމުމުގައި، މި މާއްދާގެ (2) ވަނަ ނަންބަރުގައިވާ ގޮތަށް ނެގުނު ސާމްޕަލްގައި ހިމެނޭ އެއް މުޢާމަލާތް ނުވަތަ އެއް ބާވަތުގެ ގިނަ މުޢާމަލާތްތަކުން ފާހަގަ ކުރެވުނު މައްސަލަތަކުގެ އަދަދު ނުވަތަ ނަތީޖާ މެޓީރިއަލް ނޫންނަމަ، އަދި އެ އޮޑިޓުގައި ބެލުނު ހުރިހާ މުޢާމަލާތްތަކުން ފާހަގަކުރެވުނު މައްސަލަތަކުގެ ޖުމުލަ އަދަދު ނުވަތަ ނަތީޖާ މެޓީރިއަލް ނޫންނަމަ، އެ އޮޑިޓްކުރެވޭ މުއްދަތަށް އަދަދެއް ކަނޑަނާޅައި އެ އޮޑިޓު ނިންމިދާނެއެވެ.

(4) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެއްވެސް އޮޑިޓެއްގައި އެ އޮޑިޓްކުރެވޭ މުއްދަތަށް ޓެކްސް ދައްކާ ފަރާތުން ކަނޑައަޅައިފައިވާ ޓެކުހުގެ އަދަދަށް އޮޑިޓުން ގެނެވޭ މުޅި ޖުމުލަ ބަދަލަކީ، މެޓީރިއަލިޓީ ތްރެޝޯލްޑްގެ ގޮތުގައި މީރާއިން ކަނޑައަޅައިފައި އޮންނަ އަދަދު ނަމަ، ނުވަތަ އެއަށްވުރެ ކުޑަ އަދަދެއް ނަމަ، އެ އޮޑިޓްކުރެވޭ މުއްދަތަށް އަދަދެއް ކަނޑަނާޅައި އެ އޮޑިޓް ނިންމިދާނެއެވެ.

(ށ) ޓެކްސް ދައްކާ ފަރާތުން އެ އޮޑިޓްކުރެވޭ މުއްދަތަށް ޓެކްސް ބަޔާނެއް ހުށަހަޅައިފައި ނުވާނަމަ، މި މާއްދާ އެ އޮޑިޓަކަށް ރައްދެއް ނުވާނެއެވެ.

18. ނޯޓިސް ފޮނުވުން

(ހ) ޤާނޫނުގެ 30 ވަނަ މާއްދާގެ ދަށުން، ޓެކްސް ދައްކާ ފަރާތެއް އޮޑިޓް ކުރަން ފެށުމުގެ ކުރިން، އެ ފަރާތް އޮޑިޓްކުރާކަން އަންގާ އެންގުމެއް ("އޮޑިޓް ނޯޓިސް") އެ ފަރާތަށް ފޮނުވަންވާނެއެވެ. އަދި މި އެންގުމުގައި އަންނަނިވި މަޢުލޫމާތު ހިމަނަންވާނެއެވެ.

(1) ޓެކްސް ދައްކާ ފަރާތުގެ ނަމާއި އެޑްރެސް އަދި ޓިން؛

(2) އޮޑިޓް ކުރަން ބޭނުންވާ މުއްދަތު؛

(3) އޮޑިޓް ފެށޭނެކަމަށް ލަފާކުރެވޭ ތާރީޚު؛

(4) އޮޑިޓް ކުރުމުގައި މީރާގެ އޮފިސަރުން ބަލާނެކަމަށް ލަފާކުރެވޭ ލިޔެކިޔުންތައް؛

(5) އޮޑިޓް ކުރުމާ ހަވާލުވެ ހުރި މީރާގެ އޮފިސަރުގެ ނަން.

(ށ) އޮޑިޓް ކުރުމާ ހަވާލުވެ ހުރި މީރާގެ އޮފިސަރާއެކު، ކޮމިޝަނަރ ޖެނެރަލް ކަނޑައަޅާ އިތުރު ފަރާތްތައްވެސް އޮޑިޓުގައި ބައިވެރިކުރެވިދާނެއެވެ.

(ނ) ޓެކްސް ދައްކާ ފަރާތުން ޓެކުހާ ގުޅޭ ޖިނާއީ ކުށެއް ކޮށްފިކަމަށް ނުވަތަ ކުރަމުންދާކަމަށް މީރާއަށް ތުހުމަތުކުރެވޭނަމަ، އެ ކުށާ ގުޅިގެން އެ ފަރާތް ތަހުޤީޤު ކުރެވޭކަން އެ ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.

(ރ) މީރާއިން އޮޑިޓެއް ނުވަތަ ތަހުޤީޤެއް ފެށުމުގެ ކުރިން އެ އޮޑިޓަށް ނުވަތަ ތަހުޤީޤަށް ބޭނުންވާ މަޢުލޫމާތު ހޯދުމުގެ ގޮތުން ނުވަތަ އެ ކަމަށް ތައްޔާރުވުމުގެ ގޮތުން ކުރެވޭ މަސައްކަތްތައް ކުރުމަކަށް މި މާއްދާގެ ދަށުން އެންގުމެއް ފޮނުވާކަށް ނުޖެހޭނެއެވެ.

(ބ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކަނޑައަޅައިފައިވާ ސުންގަޑީގެ ނިޔަލަށް ޓެކްސް ބަޔާން ހުށަނޭޅުމުގެ ސަބަބުން ޓެކުހުގެ ގޮތުގައި އެއްވެސް ފަރާތަކުން ދައްކަންޖެހޭ އަދަދު މީރާއިން ކަނޑައަޅާ ހާލަތުގައި، އޮޑިޓް ނޯޓިސް ނޫން އެހެން ލިޔުމެއް މެދުވެރިކޮށް ވެސް، އެ ފަރާތް އޮޑިޓްކުރާކަން އެ ފަރާތަށް އެންގިދާނެއެވެ. އަދި މި ހާލަތުގައި ފޮނުވާ ލިޔުމުގައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ހިމެނުން ލާޒިމެއް ނޫނެވެ.

19. ޓެކްސް ދައްކާ ފަރާތުގެ އިދާރީ އޮފީހަށާއި ވިޔަފާރި ހިންގާ ތަންތަނަށް ވަނުމުގެ ބާރު

ޓެކްސް ދައްކާ ފަރާތަށް މި ގަވާއިދުގެ 18 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން އޮޑިޓް ނޯޓިސް ފޮނުވުމަށްފަހު، ޤާނޫނުގެ 30 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ކަންކަން ހާސިލުކުރުމުގެ ބޭނުމަށް، ކޮމިޝަނަރ ޖެނެރަލް ހުއްދަ ދީފައިވާ މީރާގެ އޮފިސަރުންނަށް އެ ފަރާތުގެ އިދާރީ އޮފީހަށާއި ވިޔަފާރި ހިންގާ ތަންތަނަށް ވަދެވިދާނެއެވެ.

20. ޓެކްސް ދައްކާ ފަރާތުން ލިޔެކިޔުން ހޯދުން

ޤާނޫނުގެ 31 ވަނަ މާއްދާގެ (ށ) ގެ ދަށުން ފޮނުވާ އެންގުން ("ލިޔެކިޔުން ހުށަހެޅުމަށް އަންގާ އެންގުން") ގައި އަންނަނިވި މަޢުލޫމާތު ހިމަނަންވާނެއެވެ.

(ހ) ޓެކްސް ދައްކާ ފަރާތުގެ ނަމާއި އެޑްރެސް އަދި ޓިން؛

(ށ) ހުށަހެޅުމަށް އަންގާ ލިޔެކިޔުންތައް؛

(ނ) ލިޔެކިޔުންތައް ހުށަހެޅުމަށް ދެވޭ މުއްދަތު.

21. ތިންވަނަ ފަރާތަކުން ލިޔެކިޔުން ހޯދުން

ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގެ ދަށުން ފޮނުވާ އެންގުން ("ލިޔެކިޔުން ހުށަހެޅުމަށް ތިންވަނަ ފަރާތަކަށް އަންގާ އެންގުން") ގައި އަންނަނިވި މަޢުލޫމާތު ހިމަނަންވާނެއެވެ.

(ހ) އެ އެންގުން ރައްދުވާ ފަރާތުގެ ނަމާއި އެޑްރެސް؛

(ށ) އެ އެންގުމާ ގުޅޭ ޓެކްސް ދައްކާ ފަރާތުގެ ނަމާއި އެޑްރެސް އަދި ޓިން؛

(ނ) ހުށަހެޅުމަށް އަންގާ ލިޔެކިޔުންތައް؛

(ރ) ލިޔެކިޔުންތައް ހުށަހެޅުމަށް ދެވޭ މުއްދަތު؛

(ބ) އެ އެންގުން ފޮނުވަންޖެހުނު ސަބަބު.

21-1. ހުށަހަޅަން އަންގާ ލިޔެކިޔުން ހުށަނޭޅުމުގެ އަދަބު

ޤާނޫނުގެ 31 ވަނަ މާއްދާގެ (ށ) އާއި މި ގަވާއިދުގެ 20 ވަނަ މާއްދާގެ ދަށުން ފޮނުވާ އެންގުން ("ލިޔެކިޔުން ހުށަހެޅުމަށް އަންގާ އެންގުން") ގައި ހުށަހެޅުމަށް އަންގައިފައިވާ ލިޔެކިޔުމެއް އެ އެންގުމުގައި ދީފައިވާ މުއްދަތުގެ ތެރޭގައި މީރާއަށް ހުށަހަޅައިފައި ނުވާނަމަ، ނުވަތަ ޤާނޫނުގެ 32 ވަނަ މާއްދާއާއި މި ގަވާއިދުގެ 21 ވަނަ މާއްދާގެ ދަށުން ފޮނުވާ އެންގުން ("ލިޔެކިޔުން ހުށަހެޅުމަށް ތިންވަނަ ފަރާތަކަށް އަންގާ  އެންގުން") ގައި ބަޔާންކޮށްފައިވާ ލިޔެކިޔުމެއް އެ އެންގުމުގައި ދީފައިވާ މުއްދަތުގެ ތެރޭގައި މީރާއަށް ހުށަހަޅައިފައި ނުވާނަމަ، އެ ކުށުގެ މަދަނީ އަދަބަކީ، ޤާނޫނުގެ 65 ވަނަ މާއްދާއާއި ޤާނޫނުގެ 67 ވަނަ މާއްދާގެ ދަށުން، އެ ލިޔެކިޔުން ހުށަނާޅާ ހިނގާ ކޮންމެ ދުވަހަކަށް، -/50 (ފަންސާސް) ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމެވެ. އަދި އެ ކުށުގެ ޖިނާއީ އަދަބަކީ، ކުށް ކުރި ފަރާތް 1 (އެކެއް) މަސްދުވަހާއި 6 (ހައެއް) މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ގޭގައި ބަންދުކުރުމެވެ.

22. އޮޑިޓް ރިޕޯޓް

(ހ) ޤާނޫނުގެ 30 ވަނަ މާއްދާގެ ދަށުން ކުރާ އޮޑިޓެއް ނިމުމުން އެ އޮޑިޓަކުން ފާހަގަ ކުރެވުނު ކަންތައްތައް ބަޔާންކޮށް ތައްޔާރުކުރެވޭ އޮޑިޓް ރިޕޯޓެއް، ޓެކްސް ދައްކާ ފަރާތަށް މީރާއިން ފޮނުވަންވާނެއެވެ.

(ށ) ޓެކްސް ދައްކާ ފަރާތުން ދައްކަންޖެހޭ ޓެކުހުގެ އަދަދު، ޤާނޫނުގެ 39 ވަނަ މާއްދާގެ (ހ) ގެ ދަށުން މީރާއިން ކަނޑައަޅައިފިނަމަ، މީރާއިން އެ ފަރާތަށް ފޮނުވާ އޮޑިޓް ރިޕޯޓާއެކު، މި ގަވާއިދުގެ 24 ވަނަ މާއްދާގައި ބަޔާންކުރާ އެންގުން ފޮނުވަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ޓެކްސް ދައްކާ ފަރާތަށް ފޮނުވާ އޮޑިޓް ރިޕޯޓުގައި، ޓެކްސް ދައްކާ ފަރާތުން އިޞްލާޙުކުރަންޖެހޭ ކަމެއް ފާހަގަކޮށްފައިވާނަމަ، އެ ކަން އިޞްލާޙުކުރުމަށްފަހު އެ ކަމުގެ ތަފުސީލު ނުވަތަ އެ ކަން އިޞްލާޙުކުރެވިފައި ނުވާނަމަ އެ ކަން އިޞްލާޙު ނުކުރެވުނު ސަބަބާއި އިޞްލާޙުކުރެވޭނެ ކަމަށް ލަފާކުރެވޭ ތާރީޚު، އެ ރިޕޯޓު ފޮނުވާތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި ނުވަތަ ކޮމިޝަނަރ ޖެނެރަލް ކަނޑައަޅާ އެ ނޫންވެސް މުއްދަތެއްގެ ތެރޭގައި، ޓެކްސް ދައްކާ ފަރާތުން މީރާއަށް އަންގަންވާނެއެވެ.

23. މީރާއިން އަދަދު ކަނޑައެޅުން

(ހ) ޤާނޫނުގެ 39 ވަނަ މާއްދާގެ (ހ) ގެ ދަށުން މީރާއިން އަދަދެއް ކަނޑައެޅުމުގައި ރިޢާޔަތްކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

(1) އެ ފަރާތުން ފޯރުވައިދޭ ނުވަތަ އެ ފަރާތުން ގަންނަ މުދަލާއި ޚިދުމަތާ އެއްފަދަ އެހެން މުދަލާއި ޚިދުމަތުގެ ބާޒާރުގެ އަގު؛

(2) އޮޑިޓްކުރާ މުއްދަތާ ދިމާވާ، ފާއިތުވި އަހަރުތަކުގެ މުއްދަތުތަކުގައި އެ ފަރާތުން ފޯރުވައިދީފައިވާ ނުވަތަ އެ ފަރާތުން ގަނެފައިވާ މުދަލާއި ޚިދުމަތާ އެއްފަދަ މުދަލާއި ޚިދުމަތުގެ އެވްރެޖް އަގު؛

(3) އެ ފަރާތުން ފޯރުވައިދޭ ނުވަތަ ގަންނަ މުދަލާއި ޚިދުމަތާ އެއްފަދަ އެހެން މުދަލާއި ޚިދުމަތުގެ އެހެން ޤައުމުތަކުގެ އެވްރެޖް އަގު؛

(4) ފާއިތުވި އަހަރުތަކުގައި އެ ފަރާތަކުން ދައްކައިފައިވާ ނުވަތަ ދައްކަންޖެހިފައިވާ ޓެކުހުގެ އަދަދު؛

(5) އެ ފަރާތުން ކުރާ ވިޔަފާރި ނިސްބަތްވާ ސިނާޢަތެއްގައި ހިމެނޭ އެ ގިންތީގެ އެހެން ޓެކްސް ދައްކާ ފަރާތްތަކުން އެ މުއްދަތުގައި ދައްކައިފައިވާ ނުވަތަ ދައްކަންޖެހިފައިވާ ޓެކުހުގެ އެވްރެޖް؛

(6) މީރާގެ އިންޓެލިޖެންސްއަށް ނުވަތަ ދައުލަތުގެ އެހެން އިދާރާތަކުން ލިބޭ މަޢުލޫމާތު؛

(7) އެހެން ޓެކްސް ދައްކާ ފަރާތަކުން ހުށަހަޅައިފައިވާ ޓެކްސް ބަޔާންތަކާއި އެހެނިހެން ލިޔެކިޔުންތަކުގައި ހިމެނޭ، އޮޑިޓްކުރެވޭ ފަރާތާބެހޭ މަޢުލޫމާތު؛

(8) އެ ފަރާތުގެ ބޭންކް ސްޓޭޓްމަންޓްތަކުގައި ހިމެނޭ މަޢުލޫމާތު ނުވަތަ ބޭންކް އެކައުންޓް މެދުވެރިކޮށް ކުރާ މުޢާމަލާތްތައް އަންގައިދޭ އެހެނިހެން ލިޔެކިޔުންތަކުގައި ހިމެނޭ މަޢުލޫމާތު؛

(9) އެ ފަރާތުން ނަގުދު ފައިސާއިން ކޮށްފައިވާ ޚަރަދު؛

(10) އެ ފަރާތުން ނަގުދު ފައިސާއިން ނޫން ގޮތަކަށް ކޮށްފައިވާ ޚަރަދު؛

(11) އެ ފަރާތުގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަޞްލަޙަތުތަކާއި އަރަންޏާއި ދަރަނީގެ މަޢުލޫމާތު؛

(12) އެ ފަރާތުން މުދާ ގަތުމަށް ނުވަތަ ޚިދުމަތް ފޯރުވައިދިނުމަށް ޚަރަދުކުރާ މިންވަރާއި އެ މުދަލެއް ވިއްކާއިރު ނުވަތަ ޚިދުމަތް ފޯރުވައިދޭއިރު ފައިދާގެ ގޮތުގައި އިތުރުކުރާ މިންވަރު؛

(13) އެ ފަރާތުން ކުރާ ވިޔަފާރި ނިސްބަތްވާ ޞިނާޢަތެއްގައި ހިމެނޭ އެ ގިންތީގެ ޓެކްސް ދައްކާ އެހެން ފަރާތްތަކުގެ އާމްދަނީ؛

(14) އެ ފަރާތުން ކުރާ ވިޔަފާރި ނިސްބަތްވާ ޞިނާޢަތެއްގައި ހިމެނޭ އެ ގިންތީގެ ޓެކްސް ދައްކާ އެހެން ފަރާތްތަކުން މުދާ ގަތުމަށް ނުވަތަ ޚިދުމަތް ފޯރުކޮށްދިނުމަށް ކޮށްފައިވާ ޚަރަދުގެ ނިސްބަތާއި ފައިދާގެ ނިސްބަތް؛

(15) އުޖޫރަ ދޭ ފަރާތުގެ އާމްދަނީއާއި ޚަރަދުގެ ބަޔާންތަކާއި ހިސާބުތައް.

(16) ކޮމާޝަލް ޑޭޓާބޭސްތަކުން ލިބެން ހުންނަ މަޢުލޫމާތު.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް އަދަދު ކަނޑައެޅުމުގައި ސާމްޕްލިންގ ބޭނުންކުރެވިދާނެއެވެ.

(1-ށ) މި މާއްދާގެ (ހ) ގެ (13) ވަނަ ނަންބަރުގެ ނުވަތަ (14) ވަނަ ނަންބަރުގެ ބޭނުމަށް އަންނަނިވި މަޢުލޫމާތު ބޭނުންކުރެވިދާނެއެވެ.

(1) މީރާއަށް ހުށަހަޅާ ޓެކްސް ބަޔާންތަކާއި ލިޔެކިޔުންތަކުގައި ހިމެނޭ މަޢުލޫމާތު؛

(2) ދައުލަތުގެ އިދާރާތަކުން އާންމުކުރާ މަޢުލޫމާތު؛

(3) ދައުލަތުގެ އިދާރާތަކުން މީރާއަށް ފޯރުކޮށްދޭ މަޢުލޫމާތު؛

(4) އެ ޞިނާޢަތެއްގެ ރަސްމީ ފަރާތްތަކުން އާންމުކުރާ މަޢުލޫމާތު.

(2-ށ) ޤާނޫނުގެ 39 ވަނަ މާއްދާގެ (ހ) ގެ ދަށުން މީރާއިން އަދަދެއް ކަނޑައެޅުމުގައި، ނުސީދާކޮށް އާމްދަނީ ހިސާބުކުރުމަށް ނުވަތަ ދެނެގަތުމަށް، އަންނަނިވި އިންޑައިރެކްޓް އިންކަމް މެޝަރމަންޓް މެތަޑްތައް ނުވަތަ އެނޫންވެސް މެތަޑްތައް ބޭނުންކުރެވިދާނެއެވެ.

(1) ސޯރސް އެންޑް އެޕްލިކޭޝަން އޮފް ފަންޑްސް މެތަޑް؛

(2) ބޭންކް ޑިޕޮޒިޓްސް އެންޑް ކޭޝް އެކްސްޕެންޑިޗަރ މެތަޑް؛

(3) މާކަޕް މެތަޑް؛

(4) ޔުނިޓް އެންޑް ވޮލިއުމް މެތަޑް؛

(5) ނެޓް ވާރތު މެތަޑް.

(3-ށ) ޤާނޫނުގެ 39 ވަނަ މާއްދާގެ (ހ) ގެ ދަށުން އަދަދެއް ކަނޑައެޅުމުގައި، ގުޅުންހުރި ފަރާތްތަކުގެ މެދުގައި ކޮށްފައިވާ ކޮންޓްރޯލް އޮތް މުޢާމަލާތެއްގެ އާމްސް ލެންތު އަގު ކަނޑައެޅުމަށް ޓަކައި، ގަވާއިދު ނަންބަރު 2020/R-43 (ޓްރާންސްފަރ ޕްރައިސިންގ ގަވާއިދު) ގެ 8 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ޓްރާންސްފަރ ޕްރައިސިންގ މެތަޑްތައް ބޭނުންކުރެވިދާނެއެވެ.

(ނ) ޓެކްސް ދައްކާ ފަރާތުން އެއްވެސް މުއްދަތަކަށް ހުށަހަޅަންޖެހޭ ޓެކްސް ބަޔާން، ކަނޑައަޅައިފައިވާ ސުންގަޑީގެ ނިޔަލަށް ހުށަނޭޅުމުގެ ސަބަބުން ޓެކުހުގެ ގޮތުގައި އެ ފަރާތުން ދައްކަންޖެހޭ އަދަދު މީރާއިން ކަނޑައަޅައިފިނަމަ، ޤާނޫނުގެ  65 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ބޭނުމަށް ދުވަސް ގުނާނީ، އެ ގޮތުން އަދަދު ކަނޑައެޅުނު ދުވަހާ ހަމައަށެވެ. އަދި މި ހާލަތުގައި ޓެކްސް ދައްކާ ފަރާތުން އެ މުއްދަތަށް ޓެކްސް ބަޔާން ހުށަހަޅައިގެން ނުވާނެއެވެ.

(ރ) ޓެކްސް ދައްކާ ފަރާތުން ޓެކްސް ބަޔާން ހުށަހަޅައިފައިވަނިކޮށް، އެ ބަޔާން ނިސްބަތްވާ މުއްދަތަށް މީރާއިން ނިންމުމެއް ނިންމައިފިނަމަ، އެ މުއްދަތަށް އެ ފަރާތުން ހުށަހަޅައިފައިވާ ބަޔާން، މީރާއިން ނިންމައިފައިވާ ނިންމުމަކަށް ބަދަލު އަންނަ ގޮތަށް، އެ ފަރާތަކަށް އިޞްލާޙެއް ނުކުރެވޭނެއެވެ. ނަމަވެސް އެ ހާލަތުގައި ޤާނޫނުގެ 42 ވަނަ މާއްދާގެ ދަށުން މީރާގެ ނިންމުމާމެދު އެ ފަރާތަކަށް އިއުތިރާޒު ކުރެވިދާނެއެވެ.

24. ދައްކާންޖެހޭ ޓެކުހުގެ މިންވަރު އަންގާ އެންގުން

(ހ) ޤާނޫނުގެ 39 ވަނަ މާއްދާގެ (ހ) ގެ ދަށުން މީރާއިން ކަނޑައަޅާ އަދަދު އެ ކަނޑައެޅުން ނިސްބަތްވާ ފަރާތަށް އެ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ލިޔުމުން އަންގާ އެންގުމަށް ޙަވާލާދޭނީ "ދައްކާންޖެހޭ ޓެކުހުގެ މިންވަރު އަންގާ އެންގުން" މިފަދައިންނެވެ.

(ށ) ޤާނޫނުގެ 39 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ ބޭނުމަށް، މީރާއިން ކަނޑައަޅާ އަދަދު ހިސާބުކުރުމަށް މީރާއިން ބޭނުންކުރި އަސާސްތަކާއި އެ ހިސާބުކުރުމުގެ ތަފުސީލު ހާމަކުރުމުގައި، ތިންވަނަ ފަރާތެއްގެ މަޢުލޫމާތު ހާމަކުރާންވާނީ، ޤާނޫނުގެ 15 ވަނަ މާއްދާގައި ކަނޑައަޅައިފައިވާ ސިއްރު ހިފެހެއްޓުމާ ޚިލާފުނުވާ ގޮތުގެ މަތިންނެވެ.

25. (އުނިކޮށްފައި)

26. ދައްކަންޖެހި ނުދައްކާ ހުރި ޓެކުހަށް މަދަނީ އަދަބު ކަނޑައެޅުމާއި އިންޓްރެސްޓް އެރުން

(ހ) ޤާނޫނުގެ 39 ވަނަ މާއްދާގެ ދަށުން މީރާއިން އަދަދެއް ކަނޑައަޅައިފިނަމަ، އަދި ޓެކްސް ދައްކާ ފަރާތުން އޮޑިޓްކުރެވުނު މުއްދަތަށް ދައްކައިފައިވަނީ މީރާއިން ކަނޑައެޅި އަދަދަށްވުރެ ކުޑަ އަދަދެއްނަމަ، ޤާނޫނުގެ ދަށުން މަދަނީ އަދަބު ކަނޑައެޅުމުގައި ބަލާނީ، އެއީ އެ ފައިސާ ދައްކަންޖެހޭ ސުންގަޑިން ފެށިގެން ނުދައްކާ އޮތް އަދަދެއް ކަމަށެވެ.

(ށ) ޤާނޫނުގެ 39 ވަނަ މާއްދާގެ ދަށުން މީރާއިން އަދަދެއް ކަނޑައަޅައިފިނަމަ، އަދި ޓެކްސް ދައްކާ ފަރާތުން އޮޑިޓްކުރެވުނު މުއްދަތަށް ދައްކައިފައިވަނީ މީރާއިން ކަނޑައެޅި އަދަދަށްވުރެ ކުޑަ އަދަދެއްނަމަ، އެ މަދުވާ އަދަދަކީ އެ ފައިސާ ދައްކަންޖެހޭ ސުންގަޑިން ފެށިގެން ނުދައްކާ އޮތް އަދަދެއް ކަމަށް ބަލައި، އެ ދުވަހުން ފެށިގެން ޓެކްސް ޤާނޫނުތަކާއި ގަވާއިދުތަކުގައިވާ ގޮތުގެ މަތީން އިންޓްރެސްޓް އަރަމުންދާނެއެވެ.

27. ބޭންކް އެކައުންޓުގެ ތަފްސީލް ހޯދުމަށް އެދުން

ޤާނޫނުގެ 48 ވަނަ މާއްދާގެ ބޭނުމަށް، ޓެކްސް ދައްކާ ފަރާތުގެ ނުވަތަ އެ ފަރާތާ ގުޅުންހުރި ފަރާތެއްގެ ބޭންކް އެކައުންޓުގެ ތަފުސީލު ކަމަށް ބުނެފައި އެ ވަނީ އަންނަނިވި ތަފުސީލަށެވެ.

(ހ) ބޭންކް އެކައުންޓް، ކްރެޑިޓް ކާޑު އަދި ޑެބިޓް ކާޑުތަކުގެ ނަމާއި ނަންބަރު؛

(ށ) ކްރެޑިޓް ކާޑާއި ޑެބިޓް ކާޑުން އަދި ބޭންކް އެކައުންޓް މެދުވެރިކޮށް ކޮށްފައިވާ މުޢާމަލާތްތަކުގެ ތަފުސީލު އަދި ބޭންކް ސްޓޭޓްމަންޓް؛

(ނ) އެއް ބޭންކް އެކައުންޓުން ނުވަތަ ކާޑުން އަނެއް ބޭންކް އެކައުންޓަށް ނުވަތަ ކާޑަށް ޓްރާންސްފަރކޮށްފައިވާ ފައިސާ؛

(ރ) ލޯނާ ގުޅޭ ތަފުސީލުތަކާއި ލޯނާ ގުޅޭ ލިޔެކިޔުންތައް؛

(ބ) ބޭންކް ފައިލްނޯޓުތައް؛

(ޅ) ބޭންކް މެދުވެރިކޮށް ކޮށްފައިވާ މުޢާމަލާތްތައް.

28. ގޯތިގެދޮރަށް ވަދެ ބަލައި ފާސްކުރުމަށް އަމުރެއް ހޯދުން

މީރާއިން ކުރާ އޮޑިޓެއްގެ ބޭނުމަށް، މީހުން ދިރިއުޅޭ ގޯތިގެދޮރަށް ވަދެ ބަލައި ފާސްކުރެވޭނީ އެ ކަން ކުރުމުގެ ކޯޓު އަމުރެއް ލިބިގެންނެވެ.

29. ބަލައި ފާސްކުރުމުގެ އަމުރު ތަންފީޛުކުރުން

ބަލައި ފާސްކުރުމުގެ އަމުރެއްގެ ދަށުން ތަނެއް ބަލައި ފާސްކުރާނަމަ، އެ އަމުރުގެ ދަށުން ލިބިދީފައިވާ ބާރުތަކާ ޚިލާފުނުވާ ގޮތުގެ މަތިން:

(ހ) ބަލައި ފާސްކުރާ ތަނުގައި މީހަކު ހުރިނަމަ އެ ތަނަކާ ހަވާލުވެ ހުރި މީހަކަށް ނުވަތަ ހަވާލުވެ ހުރި ކަމަށް ބެލެވޭ މީހަކަށް، ކަމާ ހަވާލުވެ ހުރި މީރާގެ އޮފިސަރުގެ ނަން ޖަހާފައިވާ އަމުރުގެ ކޮޕީއެއް ދޭންވާނެއެވެ. އަދި ބަލައި ފާސްކުރުމުގެ އަމުރު ތަންފީޛުކުރުމުގެ ގޮތުން އެ ތަނަކަށް ވަނުމަށް ގަސްތުކުރާކަން އަންގަންވާނެއެވެ. އަދި އެ ފަދަ މީހަކު ނެތްނަމަ އެފަދަ ކޮޕީއެއް އެ ތަނަކުން ފަސޭހައިން ފެންނާނެ ތަނެއްގައި ބާއްވަންވާނެއެވެ.

(ށ) ބަލައި ފާސްކުރާ ތަންތަނަށް ވަންނަންވާނީ އެ ތަނަކަށް ނުވަތަ އެ ތަނުގައި ހުރި ތަކެއްޗަށް ވީހާވެސް ގެއްލުން ކުޑަވާނެ ގޮތެއްގެ މަތިންނެވެ.

30. ބަލައި ފާސްކުރުމުގައި ތަކެތި ހިފެހެއްޓުން

(ހ) ބަލައި ފާސްކުރުމުގައި، ޓެކުހާ ގުޅިގެން ބޮޑު އޮޅުވާލުމެއް ހިމެނޭ ކުށަކާ ގުޅޭ ހެއްކެއް ނުވަތަ ޤަރީނާއެއްގެ ގޮތުގައި ބޭނުންކުރެވިދާނެ ކަމަށް އެކަށީގެންވާ ސަބަބުތަކާއެކު ބެލެވޭ ކޮންމެ އެއްޗެއްވެސް، ކަމާ ހަވާލުވެ ހުރި މީރާގެ އޮފިސަރަށް ހިފެހެއްޓިދާނެއެވެ.

(ށ) މި މާއްދާގެ ދަށުން އެއްވެސް އެއްޗެއް ހިފަހައްޓައިފިނަމަ، އެ އެއްޗެއް މީރާގެ ބެލުމުގެ ދަށަށް ގެނެވުނުކަމާއި އޭގެ ސަބަބު އަންގައިދޭ ލިޔުމެއް އެ ހިފެހެއްޓި އެއްޗަކާ ހަވާލުވެގެން ހުރި ފަރާތަށް ނުވަތަ އެ އެއްޗެއްގެ ވެރިފަރާތަށް ދޭންވާނެއެވެ.

31. މީހުން ހާޒިރު ކުރެވޭނެ ގޮތް

(ހ) ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން މީރާއަށް ނުވަތަ މީރާއިން ކަނޑައަޅާ ތަނަކަށް މީހަކު ހާޒިރުކުރާނަމަ، އެ މީހަކު ހާޒިރުކުރަން ބޭނުންވާ ގަޑީގެ މަދުވެގެން 12 (ބާރަ) ގަޑިއިރު ކުރިން އެ މީހަކަށް އެ ކަން އަންގަންވާނެއެވެ

(ށ) މި މާއްދާގެ ދަށުން ފޮނުވާ އެންގުން ("މީރާއަށް ހާޒިރުވުމުގެ އަމުރު") ފޮނުވަންވާނީ ލިޔުމުންނެވެ. އަދި މި އަމުރުގައި އަންނަނިވި މަޢުލޫމާތު ހިމަނަންވާނެއެވެ.

(1) އެންގުން ރައްދުވާ މީހާގެ ނަމާއި އެޑްރެސް؛

(2) ހާޒިރުވާންޖެހޭ ތަން، ތާރީޚު އަދި ގަޑި؛

(3) ހާޒިރުކުރުމުގެ ބޭނުން؛

(4) އިންޓަރވިއުގެ އޯޑިއޯ ނުވަތަ ވީޑިއޯ ރިކޯޑު ކުރެވިދާނެކަން؛

(5) އެ މީހާ އެދޭނަމަ އޭނާގެ ޤާނޫނީ ވަކީލަކަށް އެ އިންޓަރވިއު ކުރާ ތަނުގައި ހުރެވިދާނެކަން.

(ނ) މީރާއަށް ހާޒިރުވުމަށް އަންގައިފައިވަނިކޮށް، އެ އެންގުމާ އެއްގޮތަށް ހާޒިރު ނުވެވޭނެ މަޤުބޫލު އުޒުރެއް މެދުވެރިވެއްޖެނަމަ އިންޓަރވިއު އޮންނާނެ ކަމަށް އެ އެންގުމުގައި ބަޔާންކޮށްފައިވާ ގަޑީގެ މަދުވެގެން 1 (އެކެއް) ގަޑިއިރު ކުރިން މީރާއަށް އަންގަންވާނެއެވެ.

(ރ) މިމާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޚާއްޞަ ހާލަތުތަކުގައި، އެ މާއްދާގައި ކަނޑައަޅައިފައިވާ މުއްދަތަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި މީރާއަށް ނުވަތަ މީރާއިން ކަނޑައަޅާ ތަނަކަށް ހާޒިރުވުމަށް އެންގުމުގެ އިޚުތިޔާރު ކޮމިޝަނަރ ޖެނެރަލަށް ލިބިގެންވެއެވެ.

(ބ) މި މާއްދާގެ ދަށުން މީރާއަށް ހާޒިރުވުމުގެ އަމުރެއް ފޮނުވާފައިވާ ފަރާތަކުން، މި މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ހާޒިރުނުވެވޭނެ ކަން މީރާއަށް ނާންގައި ވިދިވިދިގެން ދެ ފަހަރު އެ އަމުރުގައިވާ ވަގުތަށް ހާޒިރުނުވެއްޖެނަމަ، ނުވަތަ ވިދިވިދިގެން ދެ ފަހަރު އެ އަމުރާ ހަވާލުނުވެއްޖެނަމަ، މޯލްޑިވްސް ޕޮލިސް ސަރވިސް މެދުވެރިކޮށް އެ ފަރާތެއް މީރާއަށް ނުވަތަ މީރާއިން ކަނޑައަޅާ ތަނަކަށް ހާޒިރުކުރެވޭނެއެވެ.

32. ހާޒިރުވާއިރު ކާކުކަން އެނގޭފަދަ ލިޔުމެއް ދެއްކުން

މި ބާބުގައިވާ ގޮތުގެ މަތިން ހާޒިރުކުރާ މީހަކަށް، އެއީ ކާކުކަން އަންގައިދޭ ފޮޓޯޖެހި ރަސްމީ ލިޔުމެއް ދެއްކުމަށް މީރާއިން އަންގައިފިނަމަ އެ ފަދަ ލިޔުމެއް ދައްކަންވާނެއެވެ.

33. އިންޓަރވިއު ރިކޯޑު ކުރުން

މި ބާބުގައިވާ ގޮތުގެ މަތިން ހާޒިރުކުރާ މީހަކާ ކުރެވޭ އިންޓަރވިއުގެ އޯޑިއޯ ނުވަތަ ވީޑިއޯ ރިކޯޑު ކުރެވިދާނެއެވެ.

34. ޤާނޫނީ ވަކީލަކު ޢައްޔަންކުރުން

މި ބާބުގައިވާ ގޮތުގެ މަތިން ހާޒިރުކުރާ މީހަކާ އިންޓަރވިއުކުރެވޭއިރު، އޭނާ ޢައްޔަންކުރާ ޤާނޫނީ ވަކީލެއްގެ ހާޒިރުގައި އެ އިންޓަރވިއުކުރެވުމުގެ ޙައްޤު އޭނާއަށް ލިބިގެންވެއެވެ.

35. އިއުތިރާޒުކުރާކަން އެންގުން

(ހ) ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ނިންމި ނިންމުމަކާމެދު، ނުވަތަ މީރާއިން ނިންމި ނިންމުމަކާމެދު ޤާނޫނުގެ 42 ވަނަ މާއްދާގެ ދަށުން ޓެކްސް ދައްކާ ފަރާތުން އިއުތިރާޒު ކުރާނަމަ، އެ ކަން މީރާއަށް ހުށަހަޅާންވާނީ، އެ އިއުތިރާޒުކުރާ ނިންމުމެއް ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ނުވަތަ މީރާއިން އެ ފަރާތަކަށް އެންގި ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، "އިއުތިރާޒުކުރާކަމުގެ އެންގުން" (MIRA 903) ފޯމު މެދުވެރިކޮށް، އެ ފޯމުގައި ކަނޑައަޅައިފައިވާ އެންމެހައި މަޢުލޫމާތާއި ލިޔެކިޔުންތަކާ އެކުގައެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އިއުތިރާޒުކުރާނަމަ އިއުތިރާޒުކުރާ ސަބަބުތަކާއި، އެ ފަރާތުގެ ނަޒަރުގައި އެ ފަރާތުން ދައްކަންޖެހޭ އަދަދަކީ ކޮބައިކަން އަދި އެ އަދަދު ހިސާބުކޮށްފައިވާ ގޮތުގެ ތަފުސީލު ބަޔާންކުރަންވާނެއެވެ.

(1-ށ) ޓެކްސް ދައްކާ ފަރާތަކުން ހުށަހަޅާ އިއުތިރާޒުކުރާކަމުގެ އެންގުމަކަށް ބާރުދިނުމުގެ ގޮތުން، އެ އިއުތިރާޒުކުރާކަމުގެ އެންގުން ރައްދުވާ "ދައްކާންޖެހޭ ޓެކުހުގެ މިންވަރު އަންގާ އެންގުން" ފޮނުވުމާ ހަމައަށް، މީރާއަށް ހުށަހެޅުމަށް މީރާއިން ލިޔުމުން އެދިފައިވާ ލިޔެކިޔުންތަކުގެ ތެރެއިން މީރާއަށް ހުށަހަޅައިފައިނުވާ ލިޔެކިޔުމާއި ހެކި ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

(2-ށ) ޓެކްސް ދައްކާ ފަރާތުން މީރާއަށް ހުށަހަޅައިފައިވާ ޓެކްސް ބަޔާނާއި އެނޫންވެސް ލިޔެކިޔުންތަކާއި، އެ ބަޔާންތަކުގައި ނުވަތަ ލިޔެކިޔުންތަކުގައި އެ ފަރާތުން  ހިސާބުކޮށްފައިވާ އަދަދުތަކާއި ހިމަނައިފައިވާ މަޢުލޫމާތަކީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ނުވަތަ މީރާއިން ނިންމި ނިންމުމެއް ކަމުގައެއް ނުބެލެވޭނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 30 (ތިރީސް) ދުވަސް ގުނުމުގައި ރަސްމީ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތަކެއް ނުހިމެނެއެވެ.

36. ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ ނިންމުން ނުވަތަ މީރާގެ ނިންމުން ބަދަލުކުރުން

މި ބާބުގައިވާ ގޮތުގެ މަތީން ކުރެވޭ އިއުތިރާޒެއްގެ މައްޗަށް ބިނާކޮށް، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ނުވަތަ މީރާގެ ނިންމުން އެއްކޮށް ނުވަތަ އެއިން ބައެއް ބަދަލުކުރެވިދާނެއެވެ. ނުވަތަ އެ ނިންމުން ރަނގަޅު ކަމަށް ކަނޑައެޅިދާނެއެވެ.

37. (އުނިކުރެވިފައި)

38. ސާބިތުކޮށްދިނުމުގެ ޒިންމާ

މީރާއިން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫންކަން ސާބިތުކޮށްދިނުމަކީ އިއުތިރާޒުކުރާ ފަރާތުގެ ޒިންމާއެކެވެ. 

39. މަދަނީ އަދަބު ކަނޑައެޅުމާއި އިންޓްރެސްޓް އަރަމުން ދިއުން

(ހ) ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ ނިންމުމަކާމެދު ނުވަތަ މީރާގެ ނިންމުމަކާމެދު ޓެކްސް ދައްކާ ފަރާތުން މި ބާބުގައިވާ ގޮތުގެ މަތީން އިއުތިރާޒުކޮށްފައިވީ ނަމަވެސް، ޤާނޫނުގެ ދަށުން މަދަނީ އަދަބު ކަނޑައެޅުމަކަށް އެކަން ހުރަހެއް ނާޅައެވެ.

(ށ) ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ ނިންމުމަކާމެދު ނުވަތަ މީރާގެ ނިންމުމަކާމެދު ޓެކްސް ދައްކާ ފަރާތުން މި ބާބުގައިވާ ގޮތުގެ މަތީން އިއުތިރާޒުކޮށްފައިވީ ނަމަވެސް، އެ ފަރާތަކުން ދައްކަންޖެހޭ ފައިސާ ހަމަޔަށް ދައްކައި ޚަލާޞްކޮށްފައި ނުވާހައި ހިނދަކު، އެ ފައިސާ ހަމަޔަށް ނުދެއްކުމުން އަރާ އިންޓްރެސްޓް އަރަމުންދާނެއެވެ.

40. އިއުތިރާޒުކުރުން އަނބުރައި ގެންދިއުން

(ހ) މި ބާބުގެ ދަށުން ކޮށްފައިވާ އިއުތިރާޒުކުރުމެއް އަނބުރައި ގެންދަން ބޭނުންވާނަމަ، އިއުތިރާޒުކުރާ ފަރާތުން ނުވަތަ އެ ފަރާތުގެ މަސްއޫލުވާ މީހާ ނުވަތަ އެ އިއުތިރާޒާ ގުޅިގެން ޢައްޔަންކޮށްފައިވާ ފަރާތުން، އެ ކަން ލިޔުމަކުން މީރާއަށް އަންގަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި، އެ ފަރާތުން އިއުތިރާޒުކުރި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ ނިންމުން ނުވަތަ މީރާގެ ނިންމުން ރަނގަޅުކަމަށް ބެލެވޭނެއެވެ.

41. ޓެކުހާއި ޓެކުހާ ގުޅޭ ފައިސާ ހޯދުމަށް ފިޔަވަޅު އެޅުން

ޤާނޫނެއްގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހައި ހިނދަކު، ޓެކްސް ޤާނޫނެއްގެ ދަށުން ދައްކާންޖެހޭ ފައިސާއެއް ނުދައްކައި ހުރި ފަރާތެއްގެ ކިބައިން އެ ފައިސާ ހޯދުމުގެ ގޮތުން ޤާނޫނުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ ތެރެއިން ވަކި ފިޔަވަޅެއް ނުވަތަ އޭގެ ތެރެއިން އެއް ފިޔަވަޅަށްވުރެ ގިނަ ފިޔަވަޅު ވަކިން ނުވަތަ އެކުއެކީގައި އެޅުމުގެ އިޚުތިޔާރު ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަނަށް ލިބިގެންވެއެވެ. 

42. ޓެކުހާއި، ޓެކުހާ ގުޅޭ ފައިސާ އިންސްޓޯލްމަންޓަށް ބަހައިލައިގެން ދެއްކުމަށް އެދުން

ޓެކްސް ދައްކާ ފަރާތަކާމެދު މި ގަވާއިދުގެ 41 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅަމުން ގެންދިޔަ ނަމަވެސް، އިންސްޓޯލްމަންޓްތަކަކަށް ބަހައިލައިގެން ފައިސާ ދެއްކުމަށް އެދޭ ފަރާތްތަކަށް އެ ފުރުޞަތު، ކަނޑައަޅާ އުސޫލެއްގެ ދަށުން މީރާއަށް ދެވިދާނެއެވެ.

43. ޓެކުހާ ގުޅޭ ޖޫރިމަނާއާއި އިންޓްރެސްޓް ހިނގަމުން ދިއުން

ޓެކްސް ޤާނޫނެއްގެ ދަށުން ދައްކާންޖެހޭ ފައިސާ ނުދައްކައި ހުރި ފަރާތަކާމެދު މި ގަވާއިދުގެ 41 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ފިޔަވަޅެއް އަޅައިފައި އޮތް ނަމަވެސް، ނުވަތަ މި ގަވާއިދުގެ 42 ވަނަ މާއްދާގެ ދަށުން އިންސްޓޯލްމަންޓަށް ބަހައިލައިގެން ފައިސާ ދެއްކުމުގެ ފުރުޞަތު އެ ފަރާތަށް ދީފައި އޮތް ނަމަވެސް، ޤާނޫނުގެ ދަށުން މަދަނީ އަދަބު ކަނޑައެޅުމަށް އެކަން ހުރަހެއް ނާޅައެވެ. އަދި ދައްކާންޖެހި ނުދައްކާ ހުރި ފައިސާ ނުދެއްކުމުގެ ސަބަބުން އެއްވެސް އިންޓްރެސްޓެއް އަރާނަމަ، އެ ފަރާތުން ދައްކާންޖެހޭ ފައިސާ އެއްކޮށް ޚަލާޞްކުރުމާ ހަމަޔަށް އިންޓްރެސްޓް އަރަމުންދާނެއެވެ.

44. ޓެކުހާއި، ޓެކުހާ ގުޅޭ ފައިސާ ނުދައްކާ ފަރާތްތަކާމެދު ޢަމަލުކުރާނެ އުސޫލުތައް ހެދުން 

ޓެކްސް ޤާނޫނެއްގެ ދަށުން ލިބެންޖެހި ނުލިބި ހުރި ފައިސާ ހޯދުމުގައްޔާއި، ޓެކްސް ޤާނުނެއްގެ ދަށުން ދައްކާންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައްޔާއި  އެ ފަރާތްތަކުގެ ނަން ހާމަކުރުމުގައްޔާއި، ޓެކްސް ފައިސާ ދައްކާންޖެހި ނުދައްކާ ފަރާތްތަކުގެ ތެރެއިން ހޯދައި ނުފެނިފައިވާ ފަރާތްތަކާމެދު ޢަމަލުކުރާންވާނީ އެ ކަންކަމާ ގުޅޭގޮތުން މީރާއިން އެކުލަވައިލައި އާންމުކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

44-1. ޓެކުހަށް ނުވާ ފައިސާ ހޯދުމަށް ފިޔަވަޅު އެޅުން

މީރާއަށް ބަލައިގަންނަ ޓެކުހަށް ނުވާ ފައިސާއެއް ނުދައްކައި ހުރި ފަރާތެއްގެ ކިބައިން އެ ފައިސާ ހޯދުމުގެ ގޮތުން، ޤާނޫނުގެ 50 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ ތެރެއިން ވަކި ފިޔަވަޅެއް ނުވަތަ އޭގެ ތެރެއިން އެއް ފިޔަވަޅަށްވުރެ ގިނަ ފިޔަވަޅު ވަކިން ނުވަތަ އެކުއެކީގައި އެޅުމުގެ އިޚުތިޔާރު މީރާއަށް ލިބިގެންވެއެވެ.

44-2. ޓެކުހަށް ނުވާ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުން

މީރާއަށް ބަލައިގަންނަ ޓެކުހަށް ނުވާ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި މީރާއިން ޢަމަލުކުރާނީ، ޓެކްސް ޤާނުނެއްގެ ދަށުން ދައްކާންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމަށް، މި ގަވާއިދުގެ 44 ވަނަ މާއްދާގެ ދަށުން އެކުލަވައިލައި އާންމުކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

44-3. ދައުލަތުގެ އިދާރާއަކުން ޚިދުމަތެއް ދިނުން ހިފެހެއްޓުން

ޓެކުހަށް ނުވާ ފައިސާ ނުދައްކާ ފަރާތަކަށް ޚިދުމަތް ދިނުން ހިފެހެއްޓުމަށް، ޤާނޫނުގެ 50 ވަނަ މާއްދާގެ (ކ) ގެ (3) ވަނަ ނަންބަރުގެ ދަށުން މީރާއިން ދައުލަތުގެ އިދާރާއަކަށް އެންގުމުން، އެ ފައިސާއާ ގުޅުންހުރި ޚިދުމަތްތައް އެ ފަރާތަކަށް ދިނުން، އެހެން ގޮތަކަށް މީރާއިން އެންގުމާ ހަމައަށް މެދުކަނޑައިލާންވާނެއެވެ.

44-4. ޓެކުހަށް ނުވާ ފައިސާ އިންސްޓޯލްމަންޓަށް ބަހައިލައިގެން ދެއްކުމަށް އެދުން

(ހ) ޓެކުހަށް ނުވާ ފައިސާ  ނުދައްކާ ފަރާތަކާމެދު ޤާނޫނުގެ 50 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅަމުން ގެންދިޔަ ނަމަވެސް، އިންސްޓޯލްމަންޓްތަކަކަށް ބަހައިލައިގެން ފައިސާ ދެއްކުމަށް އެދޭ ފަރާތްތަކަށް އެ ފުރުޞަތު، އެ ފައިސާގެ ބެލެނިވެރި އިދާރާއިން ކަނޑައަޅާ އުސޫލެއްގެ ދަށުން މީރާއަށް ދެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) އަށް ޢަމަލުކުރާނީ، ގަވާއިދު ނަންބަރު 2017/R-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ގެ 11.07-1 ވަނަ މާއްދާއާ ޚިލާފުނުވާ ގޮތުގެ މަތިންނެވެ.

44-5. ޓެކުހަށް ނުވާ ފައިސާ ނުދައްކާ ފަރާތުގެ މަޢުލޫމާތު ދައުލަތުގެ އިދާރާތަކާ ހިއްސާކުރުން

(ހ) ޓެކުހަށް ނުވާ ފައިސާ ނުދައްކާ ފަރާތުގެ މަޢުލޫމާތު، އަންނަނިވި އިދާރާތަކާ މީރާއިން ހިއްސާކުރެވިދާނެއެވެ.

(1) މިނިސްޓްރީ އޮފް ފިނޭންސް؛

(2) އެ ފައިސާގެ ބެލެނިވެރި އިދާރާ؛

(3) އެޓަރނީ ޖެނެރަލްގެ އޮފީސް.

(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އިދާރާތަކާ މަޢުލޫމާތު ހިއްސާކުރެވޭނީ މީރާއާއި އެ އިދާރާއިން އެއްބަސްވެ ކަނޑައަޅާ އުސޫލެއްގެ ދަށުންނެވެ.

45. ބޭންކް އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓުމުގައި ޢަމަލުކުރާ އުސޫލު

ޓެކްސް ދައްކަންޖެހޭ ފަރާތްތަކުގެ ބޭންކް އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓުމުގައްޔާއި ބޭންކް އެކައުންޓުން ފައިސާ ނެގުމުގައި ޢަމަލުކުރަންވާނީ އެ ކަމަށް މީރާއިން އެކުލަވައިލައި އާންމުކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

46. ބޭންކް އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓުމުގެ އެންގުމާ ގުޅިގެން ޢަމަލުކުރާނެ ގޮތް

ބޭންކް އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓުމަށް މީރާއިން އެދުމުން، އެ ކަން އަންގައި އެމް.އެމް.އޭ އިން ފޮނުވާ ލިޔުން ބޭންކަށް ލިބުމުން އަންނަނިވި ގޮތުގެ މަތިން ބޭންކުން ޢަމަލުކުރަންވާނެއެވެ.

(ހ) އެ އެންގުން ލިބޭ ވަގުތުން ފެށިގެން، އެ އެންގުމުގައިވާ ގޮތަށް، ޓެކްސް ދައްކާ ފަރާތުގެ އަދި އެ ފަރާތުގެ ވިޔަފާރި ނަންނަމުގައި ހުރި ބޭންކް އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓުން؛

(ށ) އެ އެންގުން ލިބޭތާ ލަސްވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި، އަންނަނިވި މަޢުލޫމާތު މީރާއަށް ލިޔުމުން އެންގުން:

(1) ފައިސާ ހިފެހެއްޓުނު ތާރީޚާއި ގަޑި އަދި އެ ވަގުތު އެ ހިފެހެއްޓުނު ބޭންކް އެކައުންޓުގައި ހުރި ފައިސާގެ އަދަދު؛

(2) ބޭންކް އެކައުންޓާ ގުޅޭގޮތުން އެއްވެސް ކްރެޑިޓް އެރޭންޖްމަންޓެއް ނުވަތަ އެ ނޫންވެސް އެރޭންޖްމަންޓެއް ހަމަޖައްސައިދީފައިވާނަމަ އެ ކަމުގެ ތަފުސީލު، އަދި ބޭންކުން އެ އެކައުންޓުގައިވާ ފައިސާގެ މައްޗަށް އެއްވެސް ރަހުނެއް ނުވަތަ އެ ނޫންވެސް ޗާޖެއް ކޮށްފައިވާނަމަ އެ ކަން؛

(3) ޝަރުޢީ ކޯޓެއްގެ އަމުރަށް ނުވަތަ އެ ނޫންވެސް ގޮތަކުން، އެ އެންގުން ނިސްބަތްވާ ފަރާތުގެ ބޭންކް އެކައުންޓުގައިވާ ފައިސާ ހިފަހައްޓައިފައިވާނަމަ އެ ކަން؛

(4) އެ އެންގުން ރައްދުވާ ފަރާތުގެ އެކައުންޓެއް ބޭންކުގައި ނެތްނަމަ އެ ކަން.

47. ބޭންކް އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓިކަން ޓެކްސް ދައްކާ ފަރާތަށް އެންގުން

އެއްވެސް ފަރާތެއްގެ ބޭންކް އެކައުންޓުގައި ހުރި ފައިސާ މި ބާބުގައިވާ ގޮތުގެ މަތިން ހިފަހައްޓައިފިނަމަ އެ ކަން މީރާއިން ޓެކްސް ދައްކާ ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.

48. ފައިސާ ދެއްކި ދުވަސް ކަނޑައެޅުން

މި ބާބުގައިވާ ގޮތުގެ މަތިން ބޭންކް އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓޭ ހާލަތުތަކުގައި މީރާއަށް ފައިސާ ލިބުނު ދުވަސް ކަމުގައި ބެލެވޭނީ ޕަބްލިކް ބޭންކް އެކައުންޓަށް އެ ފައިސާ ޖަމާވި ދުވަހެވެ.

49. ކަފާލާ ޢައްޔަންކުރުން

(ހ) އެއްވެސް ފަރާތެއްގެ މުދަލެއްގެ މައްޗަށް ޤާނޫނުގެ 46 ވަނަ މާއްދާގެ ދަށުން ޖޫރިމަނާ ކަނޑައަޅާނަމަ، އެ ޖޫރިމަނާގެ އަމުރު ތަންފީޛުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމަށް މީރާއިން ކަފާލާއެއް ޢައްޔަންކުރަންވާނެއެވެ.

(ށ) ކަފާލާގެ ގޮތުގައި ޢައްޔަންކުރާނީ އާންމުކޮށް ފުރުޞަތު ހުޅުވާލުމުން އެ ކަމަށް އެދި ހުށަހަޅާ މީހުންގެ ތެރެއިން މި ގަވާއިދުގެ 50 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ މީހެކެވެ.

(ނ) މި ބާބުގެ ބޭނުމަށް:

(1) "ކަފާލާ" ކަމަށް ބުނެފައި އެވަނީ ޓެކްސް ދައްކާ ފަރާތަކުން ދައްކަންޖެހި ނުދައްކައި ހުރި ފައިސާ ހޯދުމުގެ ގޮތުން މި ގަވާއިދުގެ 51 ވަނަ މާއްދާގައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށް މީރާއިން ޢައްޔަންކުރާ މީހަކަށެވެ.

(2) "ޖޫރިމަނާ" ކަމަށް ބުނެފައި އެ ވަނީ ޓެކްސްއާބެހޭ ޤާނޫނެއްގެ ދަށުން ޓެކްސް ދައްކާ ފަރާތަކުން ދައްކަންޖެހި ނުދައްކައި ހުރި ފައިސާގެ އަދަދު ހޯދުމުގެ ގޮތުން މީރާއިން ކަނޑައަޅާ ވަކި މުދަލަކަށް ނުވަތަ މުދާތަކެއްގެ މައްޗަށް އެ މުދާ ނުވަތަ މުދާތައް ހިފެހެއްޓުމުގެ ގޮތުން ކަނޑައެޅޭ ޗާޖަކަށެވެ.

50. ކަފާލާގެ ޝަރުޠުތައް

މި ބާބުގެ ދަށުން ކަފާލާއެއް ގޮތުގައި ޢައްޔަންކުރާ މީހަކީ އަންނަނިވި ޝަރުޠުތައް ފުރިހަމަވާ މީހަކަށްވާންވާނެއެވެ.

(ހ) މީލާދީ ގޮތުން އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހަކަށްވުން؛

(ށ) ވައްކަން، ޓެކުން، ފޭރުން، މަކަރާއި ޙީލަތް، ޚިޔާނާތް، ރިޝްވަތު ނުވަތަ އިހުމާލުގެ ކުށެއް، ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން؛

(ނ) މާލީ ކަންތައްތަކާ ނުވަތަ ވިޔަފާރިއާބެހޭ އެއްވެސް ޤާނޫނެއްގެ ދަށުން ޝަރީޢަތަށް ކުށެއް ސާބިތުވެފައިވާ މީހަކަށް ނުވުން؛

(ރ) އެ މީހާއާ ހަވާލުކުރެވޭ މައްސަލައެއްގައި އެ މީހާގެ އެއްވެސް މަޞްލަޙަތެއް ނެތް މީހަކަށްވުން؛

(ބ) ކަފާލާގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމުގެ ލަޔާޤަތާއި ޤާބިލިއްޔަތު ހުރި ކަމަށް  މީރާއަށް ގަބޫލުކުރެވޭ މީހަކަށްވުން.

51. ކަފާލާގެ މަސްއޫލިއްޔަތު

ކަފާލާގެ މަސްއޫލިއްޔަތުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

(ހ) ޓެކްސް ދައްކަންޖެހި ނުދައްކައި ހުރި ފަރާތުގެ އުފުލޭ މުދަލާއި ނުއުފުލޭ މުދާ ނުވަތަ މި ފަދަ އެހެންވެސް މިލްކިއްޔާތެއްގެ މައްޗަށް، އެއީ މާއްދީ ނުވަތަ ޣައިރު މާއްދީ މުދަލެއްކަމުގައިވީ ނަމަވެސް، ޤާނޫނުގެ 46 ވަނަ މާއްދާގެ ދަށުން ނެރޭ އަމުރު ތަންފީޛުކުރުން؛

(ށ) ޖޫރިމަނާ ކަނޑައަޅައިފައިވާ މުދާ ވިއްކައިގެން ލިބޭ ފައިސާއިން، ޤާނޫނާއި މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން މީރާއަށް ފައިސާ ދެއްކުން؛

(ނ) ޖޫރިމަނާ ކަނޑައަޅައިފައިވާ މުދަލާ ބެހޭގޮތުން ޝަކުވާ ހުށަހަޅާ ފަރާތްތަކުގެ ޝަކުވާތައް ބަލައި، އެ ކަންކަން ޙައްލުކުރުމަށް ފިޔަވަޅު އެޅުމާއި، އެ މުދަލާ ގުޅޭ ގޮތުން އުފުލޭ ދަޢުވާތަކަށް ޖަވާބުދާރީވުން؛

(ރ) ޖޫރިމަނާ ކަނޑައަޅައިފައިވާ މުދަލަކީ އެއްވެސް ބާވަތެއްގެ ޤާނޫނީ ހިފެހެއްޓުމެއް ނެތް، ތަޞައްރުފުކުރުމުގެ ފުރިހަމަ ފުރުޞަތު އޮތް މުދަލަކަށް ހެދުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށްފަހު، ޤާނޫނާއި މި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އެ މުދާ ވިއްކުން؛

(ބ) ޖޫރިމަނާ ކަނޑައެޅުމަށް ފުރިހަމަކުރަންޖެހޭ އިންވެންޓަރީ ހެދުމަށްޓަކައި ޓެކްސް ދައްކަންޖެހޭ ފަރާތުގެ މިލްކުވެރިކަމުގައި ހުރި މުދަލުގެ މަޢުލޫމާތު އެ ފަދަ މުދަލުގެ ރިކޯޑު ބަލަހައްޓާ އިދާރާތަކުން ހޯދައި އަދި އެ މުދާ ރަހުނު ކުރެވިފައިވާނަމަ އެ މަޢުލޫމާތު ހޯދައި ބެލެހެއްޓުން.

52. މުދަލުގެ އިންވެންޓަރީ ތައްޔާރުކުރުން

(ހ) ޤާނޫނުގެ 46 ވަނަ މާއްދާގެ ދަށުން އެއްވެސް ފަރާތެއްގެ މުދަލުގެ މައްޗަށް ޖޫރިމަނާ ކަނޑައަޅަން ޖެހިއްޖެ ޙާލަތެއްގައި، އެ ކަން ކުރުމަށްޓަކައި އަންނަނިވި ތަފުސީލު ހިމެނޭގޮތަށް، ޓެކްސް ދައްކަންޖެހި ނުދައްކައި ހުރި ފަރާތުގެ މިލްކުވެރިކަމުގެ ދަށުގައިވާ މުދަލުގެ ތެރެއިން ޖޫރިމަނާ ކަނޑައެޅިދާނެ އަދި ވިއްކައިލެވޭނެ މުދަލުގެ އިންވެންޓަރީއެއް ކަފާލާ ތައްޔާރު ކުރަންވާނެއެވެ.

(1) ޖޫރިމަނާ ކަނޑައެޅިދާނެ މުދާ؛

(2) ޖޫރިމަނާ ކަނޑައެޅިދާނެ މުދަލުގެ އަންދާޒާ އަގު (ކޮންމެ މުދަލެއް ވަކިން)؛

(3) ޖޫރިމަނާ ކަނޑައެޅިދާނެ މުދަލުގެ މައްޗަށް އެހެން އެއްވެސް ފަރާތެއްގެ ޙައްޤެއް ނުވަތަ މަސްލަހަތެއް އޮތްކަން އެނގެން އޮތްނަމަ އޭގެ ތަފުސީލު.

(ށ) ޓެކްސް ދައްކަންޖެހި ނުދައްކައި ހުރި ފަރާތުގެ މިލްކުވެރިކަމުގެ ދަށުގައިވާ މުދަލުގެ މައްޗަށް ޖޫރިމަނާ ކަނޑައަޅަންވާނީ މި މާއްދާގެ (ހ) ގެ ދަށުން ނެގޭ އިންވެންޓަރީއަށް ބަލައި، އެންމެ ފަސޭހައިން މުދާ ވިއްކޭނެ ކަމަށް މީރާއަށް ގަބޫލުކުރެވޭ ތަރުތީބަކުންނެވެ.

(ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މުދަލުގެ މައްޗަށް ޖޫރިމަނާ ކަނޑައެޅުމުގައި ޓެކްސް ދައްކަންޖެހި ނުދައްކައި ހުރި ފަރާތް ދިރިއުޅޭ ގެދޮރުގެ މައްޗަށް ޖޫރިމަނާ ކަނޑައަޅަންވާނީ އެ ފަރާތުގެ އެހެން އެއްވެސް މުދަލެއް ވިއްކެން ނެތް ހާލަތުގައި ނުވަތަ އެހެން މުދާތައް ވިއްކައިގެންވެސް ނުދައްކައި ހުރި ފައިސާ ޚަލާޞްނުވާނަމައެވެ.

53. ޖޫރިމަނާ ކަނޑައެޅިކަމުގެ އެންގުން

ޓެކްސް ދައްކާ ފަރާތެއްގެ މުދަލެއްގެ މައްޗަށް މި ބާބުގައިވާ ގޮތުގެ މަތިން ޖޫރިމަނާއެއް ކަނޑައަޅަންޖެހޭ ހާލަތުތަކުގައި ޖޫރިމަނާ ކަނޑައަޅާނީ އެ ފަރާތަށް ފޮނުވާ އެންގުމަކުންނެވެ. އަދި އެ އެންގުމުގައި އަންނަނިވި މަޢުލޫމާތު ހިމަނަންވާނެއެވެ.

(ހ) ޓެކްސް ދައްކަންޖެހި ނުދައްކައި ހުރި ފަރާތުގެ ނަމާއި އެޑްރެސް އަދި ޓިން؛

(ށ) ނުދައްކައި ހުރި ފައިސާގެ ތަފުސީލު؛

(ނ) ޖޫރިމަނާ ކަނޑައެޅޭ މުދަލުގެ ތަފުސީލު؛

(ރ) ފައިސާ ދެއްކުމަށް ދެވޭ އެންމެ ފަހުގެ މުއްދަތު؛

(ބ) ފައިސާ ދެއްކުމަށް ދެވިފައިވާ މުއްދަތުގައި ފައިސާ ދައްކައި ޚަލާޞް ނުކޮށްފިނަމަ، މުދަލުގެ މައްޗަށް ކަނޑައެޅިފައިވާ ޖޫރިމަނާގެ އަމުރު ތަންފީޛުކުރުމުގެ ގޮތުން އެ މުދާ ވިއްކައިލާނެކަން.

54. ކަނޑައަޅައިފައިވާ ޖޫރިމަނާ ބާޠިލުކުރުން

ވަކި މުދަލެއް ނުވަތަ މުދާތަކެއްގެ މައްޗަށް މި ބާބުގައިވާ ގޮތުގެ މަތިން ކަނޑައަޅައިފައިވާ ޖޫރިމަނާ އަންނަނިވި ހާލަތުތަކުގައި ބާޠިލުވާނެއެވެ.

(ހ) ދައްކަންޖެހި ނުދައްކައި އޮތް ފައިސާ އެއްކޮށް ދައްކައި ޚަލާޞްކުރުން؛

(ށ) ޖޫރިމަނާ ކަނޑައަޅައިފައިވާ މުދާ މި ބާބުގައިވާ ގޮތުގެ މަތިން ވިއްކައިލުން؛ 

(ނ) ޖޫރިމަނާ ކަނޑައަޅައިފައިވާ މުދާ އެކުގައި ނެތި ދިއުން؛

(ރ) މި މާއްދާގެ (ހ) އިން (ނ) އަށް ހުރި އަކުރުތަކުގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން އެ ނޫންވެސް ސަބަބަކާހުރެ، މުދަލެއްގެ މައްޗަށް ކަނޑައަޅައިފައިވާ ޖޫރިމަނާގެ އަމުރު ދޫކޮށްލިކަން މީރާއިން އެ ފަރާތަކަށް ލިޔުމުން އެންގުން.

55. ޚަރަދުތަކަށް ޒިންމާވުން

އެއްވެސް ފަރާތެއްގެ މުދަލެއްގެ މައްޗަށް މި ބާބުގައިވާ ގޮތުގެ މަތިން ޖޫރިމަނާ ކަނޑައެޅިއްޖެނަމަ، އެ މުދާ ވިއްކުމަށް ނުވަތަ ޖޫރިމަނާ ކަނޑައެޅުނު އެންގުން ތަންފީޛުކުރުމަށް ހިނގާ އެންމެހައި ޚަރަދުތަކަށް އެ ޖޫރިމަނާ ކަނޑައެޅުނު ފަރާތުން ޒިންމާ އުފުލަންވާނެއެވެ.

56. ޖޫރިމަނާ ކަނޑައެޅިކަމުގެ އެންގުން ފޮނުވުމަށްފަހު މުދާ ވިއްކުން ނުވަތަ މުދަލަށް ބަދަލެއް ގެނައުން މަނާކުރުން

މި ގަވާއިދުގެ 53 ވަނަ މާއްދާގެ ދަށުން އެންގުމެއް ފޮނުވައިފައިވަނިކޮށް، މީރާގެ ހުއްދައާ ނުލައި، ޖޫރިމަނާ ކަނޑައެޅުނު މުދަލުގެ އަގަށް އަސަރެއް ފޯރާ ފަދަ އެއްވެސް ބަދަލެއް އެ މުދަލަށް ގެނެސްގެން ނުވާނެއެވެ. އަދި މީރާގެ ހުއްދައާ ނުލައި އެ ފަދަ މުދަލެއްގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލުކޮށް ނުވަތަ ރަހުނުކޮށް ނުވަތަ ވިއްކައިގެން ނުވާނެއެވެ.

57. ޖޫރިމަނާގެ އަމުރު ތަންފީޛުކުރުން

ޖޫރިމަނާގެ އަމުރު ތަންފީޛުކުރުމުގައި ޢަމަލުކުރަންވާނީ އަންނަނިވި ގޮތުގެ މަތިންނެވެ.

(ހ) ޖޫރިމަނާ ކަނޑައެޅުނު މުދަލަކީ ސަރުކާރުގެ އެއްވެސް އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ މުދަލެއްނަމަ، ޖޫރިމަނާ ކަނޑައެޅިކަމުގެ އެންގުމުގެ ކޮޕީއެއް އެ އިދާރާއަކަށް ފޮނުވަންވާނެއެވެ.

(ށ) މި ގަވާއިދުގެ 53 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވާއިރުވެސް ފައިސާ ދައްކައިފައިނުވާނަމަ ނުވަތަ ފައިސާ ދެއްކުމާ ގުޅޭ ގޮތުން މީރާއާއެކު އެއްބަސްވުމަކަށް އައިސްފައިނުވާނަމަ، ޖޫރިމަނާ ކަނޑައެޅުނު މުދާ ވިއްކާކަން، އަންނަނިވި މަޢުލޫމާތާއެކު، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެއެވެ.

(1) މުދާ ވިއްކަނީ ނީލަމެއްގައިނަމަ ނީލަން ބާއްވާ ތާރީޚާއި ވަގުތު އަދި ތަން؛

(2) މުދާ ވިއްކަނީ ބީލަމުގެ އުސޫލުންނަމަ ބީލަން ހުށަހެޅުމުގެ ސުންގަޑި؛

(3) ޖޫރިމަނާ ކަނޑައަޅައިފައިވާ މުދަލުގެ ތަފުސީލު؛

(4) މުދާ ވިއްކުމުގެ ޝަރުޠުތައް؛

(5) ކަފާލާއެއްގެ ގޮތުގައި ޢައްޔަންކޮށްފައިވާ މީހާގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރު

(ނ) މި މާއްދާގެ (ށ) ގެ (1) ނުވަތަ (2) ގައި ބަޔާންކޮށްފައިވާ ވަގުތުގެ ކުރިން ދައްކަންޖެހި ނުދައްކައި ހުރި ފައިސާ ދައްކައި ޚަލާޞްކޮށްފިނަމަ، ޖޫރިމަނާ ކަނޑައަޅައިފައިވާ މުދާ ވިއްކައިގެން ނުވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައިވާ ފަދަ ޙާލަތެއްގައި، ޖޫރިމަނާ ކަނޑައެޅުމުގެ ގޮތުން އަދި ޖޫރިމަނާ ކަނޑައެޅުނު މުދާ ވިއްކުމާ ގުޅޭ ކަންކަން ހަމަޖެއްސުމުގައި މީރާއިން ނުވަތަ ކަފާލާ ޚަރަދުކޮށްފައިވާ އެންމެހައި ފައިސާ، ޓެކްސް ދައްކާ ފަރާތުން މީރާއަށް ދައްކަންވާނެއެވެ. އަދި މި އަދަދު ހޯދުމުގައި ޢަމަލުކުރެވޭނީ އެއީ ދައްކަންޖެހި ނުދައްކައި ހުރި ޓެކުހުގެ އަދަދެއް ކަމަށް ބަލައި ޓެކްސްއާބެހޭ ޤާނޫނުތަކާއި ގަވާއިދުތަކުގައި މި ފަދަ ފައިސާ ހޯދުމުގައި ޢަމަލުކުރުމަށް ކަނޑައަޅައިފައިވާ ގޮތުގެ މަތިންނެވެ.

(ބ) ޖޫރިމަނާ ކަނޑައަޅައިފައިވާ މުދާ ވިއްކަންވާނީ މި މާއްދާގެ (ށ) ގައިވާ މަޢުލޫމާތު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރުމަށްފަހު، މަދުވެގެން 5 (ފަހެއް) ދުވަސް ފަހުން، އެ މުދަލެއް ގަތުމަށް އެކަށީގެންވާ އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށެވެ.

(ޅ) ޖޫރިމަނާ ކަނޑައެޅުމާ ގުޅިގެން ވިއްކާ މުދަލެއް ގަތުމަށް ނުވަތަ އެ މުދަލަކާ ގުޅުންހުރި އެއްވެސް މަސްލަހަތެއް، ސީދާކޮށް ނުވަތަ ނުސީދާކޮށްވިޔަސް ހޯދުމަށް މީރާގެ މުވައްޒަފެއް ނުވަތަ މުވައްޒަފެއްގެ ތިމާގެ މީހެއް ނުވަތަ ކަފާލާ ނުވަތަ ކަފާލާގެ ތިމާގެ މީހެއް ނުވަތަ ޤާނޫނުގެ ދަށުން ޢައްޔަންކޮށްފައިވާ އެއްވެސް ފަރާތަކުން މަސައްކަތްކޮށްގެން ނުވާނެއެވެ.

(ކ) މުދާ ވިއްކައިގެން ލިބޭ ފައިސާ ބޭނުންކުރަންވާނީ އަންނަނިވި ތަރުތީބަށް އިސްކަންދީގެންނެވެ. އަދި މިގޮތުގެ މަތިން ބޭނުންކުރުމަށްފަހު އެއްވެސް ފައިސާއެއް ބާކީވާނަމަ، އެ ބާކީވާ އަދަދެއް ޓެކްސް ދައްކާ ފަރާތަށް ދޭންވާނެއެވެ.

(1) މި ބާބުގެ ދަށުން މުދާ ވިއްކުމުގެ ޚަރަދުތައް ހޯދުން؛

(2) ކަފާލާގެ އުޖޫރަ ދިނުން؛

(3) ދައްކަންޖެހި ނުދައްކައި ހުރި ފައިސާ ޚަލާޞްކުރުން.

58. ކަފާލާގެ އުޖޫރަ

މި ގަވާއިދުގެ 49 ވަނަ މާއްދާގެ (ހ) ގެ ދަށުން ޢައްޔަންކުރެވޭ ކަފާލާގެ އުޖޫރަ ކަނޑައަޅާނީ އަދި އޭނާގެ މަސްއޫލިއްޔަތު އަދާކުރުމަށް ހިނގާ އެންމެހައި އިދާރީ ޚަރަދުތައް ހަމަޖައްސާނީ މީރާއާ އެ ފަރާތާ ދެމެދު އެއްބަސްވާ ގޮތެއްގެ މަތިންނެވެ.

59. ކަފާލާ ވަކިކުރުން

ކަފާލާ ގެ މަސްއޫލިއްޔަތު އަދާނުކުރެވޭ ކަމަށް މީރާއަށް ގަބޫލުކުރެވޭނަމަ، އެ ފަރާތަށް ލިޔުމުން އެންގުމަށްފަހު ކަފާލާގެ މަސްއޫލިއްޔަތުން އެ ފަރާތް ވަކިކުރުމުގެ އިޚުތިޔާރު މީރާއަށް ލިބިގެންވެއެވެ.

60. ޗެކުން ފައިސާ ބަލައިގަތުން

(ހ) މީރާއަށް ޗެކުން ފައިސާ ދެއްކުމަށް އެދޭ ފަރާތްތަކުން، ފައިސާ ދެއްކުމަށް ބޭނުންކުރާނެ ބޭންކް އެކައުންޓުތައް، މީރާއިން އަންގާ ގޮތެއްގެ މަތިން މީރާގައި ރަޖިސްޓަރީކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓަރީކުރުމަށް ހުށަހަޅާ ބޭންކް އެކައުންޓަކީ ދިވެހިރާއްޖޭގައި ހިންގާ ބޭންކެއްގެ އެކައުންޓަކަށްވާންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކޮމިޝަނަރ ޖެނެރަލް ކަނޑައަޅާ ވަކި ހާލަތުތަކެއްގައި، މީރާގައި ރަޖިސްޓަރީކޮށްފައިނުވާ ބޭންކް އެކައުންޓެއްގެ ޗެކަކުންވެސް ފައިސާ ބަލައިގަތުމުގެ އިޚުތިޔާރު ކޮމިޝަނަރ ޖެނެރަލަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ވަކި އަދަދަކަށްވުރެ ކުޑަ އަދަދެއްގެ ޗެކުން ފައިސާ ބަލައި ނުގަތުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަނަށް ލިބިގެންވެއެވެ.

61. ޗެކު އަނބުރައި ލިބުން

މީރާއަށް ހުށަހަޅާ ޗެކެއް އެއްވެސް ސަބަބަކާހުރެ އަނބުރައި ލިބިއްޖެނަމަ، އެ ޗެކު ދޫކުރި ފަރާތުން ނުވަތަ ޓެކްސް ދައްކާ ފަރާތުން މީރާއަށް ހުށަހަޅާ އިތުރު ޗެކު ގަބޫލު ނުކުރުމުގެ އިޚުތިޔާރު މީރާއަށް ލިބިގެންވެއެވެ.

62. މަޢުލޫމާތު ހާމަކުރުމުގެ ހަމަތައް

(ހ) ޤާނޫނު ނަންބަރު 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) އާ އެއްގޮތްވާ ގޮތުގެ މަތިން މީރާގެ މަސައްކަތާ ގުޅޭ މަޢުލޫމާތު ހޯދުމަށް އެދި ހުށަހަޅާ ފަރާތްތަކަށް، މި މާއްދާގެ (ށ) އާ ޚިލާފުނުވާ ގޮތުގެ މަތިން އެ މަޢުލޫމާތު ފޯރުވައިދޭނެއެވެ.

(ށ) އަންނަނިވި މަޢުލޫމާތުތަކަށް މި މާއްދާގެ (ހ) ރައްދެއް ނުވާނެއެވެ.

(1) އެ މަޢުލޫމާތެއް ހާމަކޮށްގެންނުވާނެ ކަމަށް ދިވެހިރާއްޖޭގެ އެއްވެސް ޤާނޫނެއްގައި ބަޔާންކޮށްފައިވާ މަޢުލޫމާތު؛

(2) އެ މަޢުލޫމާތު ހާމަކޮށްފިނަމަ، ސިއްރު ނުހިފެހެއްޓިކަމުގެ ދަޢުވާ މީރާގެ މައްޗަށް އުފުލިދާނެ ފަދަ މަޢުލޫމާތު؛

(3) ހާމަކުރެވޭ މަޢުލޫމާތަކީ، ވަގުތާއި ހާލަތު ނިޔާކުރާ ގޮތުން އެ މަޢުލޫމާތު ހާމަކުރުމަކީ އެންމެ އިންސާފުވެރި ނުވަތަ އެންމެ މަސްލަހަތު ހުރިގޮތް ކަމުގައި ނުވެދާނެ ފަދަ މަޢުލޫމާތު؛

(4) ވަކި ފަރާތަކާބެހޭ މަޢުލޫމާތު ހޯދުމަށް އެ ފަރާތެއްގެ ހުއްދައާނުލައި ހުށަހަޅައިފިނަމަ އެ ފަދަ މަޢުލޫމާތު؛

(5) މީރާއިން އެހެން މުއައްސަސާއަކުން ހޯދައިފައިވާ މަޢުލޫމާތު ނުވަތަ މީރާއިން ކުރާ މަސައްކަތާ ގުޅޭގޮތުން މީރާއަށް އޭގެ މިލްކުވެރިކަން ނެތް މަޢުލޫމާތު؛

(6) ޤާނޫނާ ޚިލާފު ޢަމަލެއް ހިނގާކަމުގެ މަޢުލޫމާތު ފޯރުވައިދޭ ފަރާތް ހާމަވެދާނެ ފަދަ މަޢުލޫމާތު؛

(7) މީރާއިން ކޮށްފައިވާ ނުވަތަ ކުރަމުންދާ އޮޑިޓަކާ ގުޅޭ މަޢުލޫމާތު.

(ނ) މި މާއްދާގެ (ށ) ގެ (4) ގައި ބަޔާންކޮށްފައިވާ ހުއްދަ ވާންވާނީ ލިޔުމުން ދީފައިވާ ހުއްދައަކަށެވެ. މި ގޮތުން ހުއްދަ ދީފައިވަނީ ވަކި ފަރާތަކަށް މަޢުލޫމާތު ފޯރުވައިދިނުމަށްނަމަ، އެ ހުއްދައިގައި، ހުއްދަ ދެވުނު ފަރާތުގެ ނަމާއި އެޑްރެހާއި އައި.ޑީ ކާޑު ނަންބަރު ނުވަތަ ރަޖިސްޓަރީ ނަންބަރު އަދި ހުއްދަ ދެވުނު ބޭނުމާއި ހުއްދަ ދެމިއޮންނާނެ މުއްދަތު ބަޔާންކޮށްފައި އޮންނަންވާނެއެވެ. މި ފަދަ މަޢުލޫމާތު ބަޔާންނުކޮށް ދެވޭ ހުއްދައެއް ބެލެވޭނީ 3 (ތިނެއް) މަސްދުވަހަށް ވަކި ފަރާތަކަށް ޚާއްޞަނުކޮށް ދޫކޮށްފައިވާ ހުއްދައެއްކަމުގައެވެ.

63. ދައުލަތުގެ މުއައްސަސާތަކަށް މަޢުލޫމާތު ހާމަކުރުން

ދައުލަތުގެ ނުވަތަ ސަރުކާރުގެ މުއައްސަސާއަކާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން އަދާކުރަންޖެހޭ ޒިންމާތައް ފުރިހަމަކުރުމުގެ ގޮތުން، އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ޓެކްސް ދައްކާ ފަރާތަކާބެހޭ މަޢުލޫމާތު ޤާނޫނުގެ 15 ވަނަ މާއްދާއާ ޚިލާފުނުވާ ގޮތެއްގެ މަތިން އެ މުއައްސަސާއަކަށް ފޯރުވައިދިނުމުގެ އިޚުތިޔާރު މީރާއަށް ލިބިގެންވެއެވެ.

64. ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުން

ޤާނޫނުގެ 16 ވަނަ މާއްދާގެ (ނ) ގެ ދަށުން، ޓެކްސްއާބެހޭ ޤާނޫނެއްގެ ދަށުން ފައިސާ ނުދައްކާ ފަރާތުގެ މަޢުލޫމާތު ހާމަކުރަންވާނީ މީރާއިން ކަނޑައަޅާ އުސޫލެއްގެ ދަށުންނެވެ.

64-1. މިއުޗުއަލް އެގްރީމަންޓް ޕްރޮސީޖަރއެއް ކުރިޔަށް ގެންދިއުމަށް އެދި ހުށަހެޅުން

(ހ) ޤާނޫނުގެ 51 ވަނަ މާއްދާ ނުވަތަ 1-51 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ އެއްބަސްވުމެއްގައި ކަނޑައަޅައިފައިވާ ގޮތާ ޚިލާފަށް ޓެކްސް ދައްކާން ޖެހިއްޖެކަމަށް ނުވަތަ ދައްކާންޖެހިދާނެކަމަށް ޤަބޫލުކުރެވޭނަމަ، މިއުޗުއަލް އެގްރީމަންޓް ޕްރޮސީޖަރއެއް މެދުވެރިކޮށް އެކަން ޙައްލުކުރުމަށް، އެ ފަދަ އެއްބަސްވުމެއް ރައްދުވާ ފަރާތަކުން ދިވެހިރާއްޖޭގެ ކޮމްޕިޓަންޓް އޮތޯރިޓީއަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ރައްދުވާނީ، ޤާނޫނުގެ 51 ވަނަ މާއްދާ ނުވަތަ 1-51 ވަނަ މާއްދާގެ ދަށުން ވެފައިވާ އެ އެއްބަސްވުމުގައި، މިއުޗުއަލް އެގްރީމަންޓް ޕްރޮސީޖަރއެއް މެދުވެރިކޮށް އެ ފަދަ މައްސަލަތައް ޙައްލުކުރުމަށް، އެ އެއްބަސްވުމުގައި ބައިވެރިވާ ޤައުމުތަކުން އެއްބަސްވެފައިވާނަމައެވެ.

(ނ) މިއުޗުއަލް އެގްރީމަންޓް ޕްރޮސީޖަރއެއް މެދުވެރިކޮށް މައްސަލަ ޙައްލުކުރުމަށް އެދި ހުށަހަޅާ ފަރާތްތަކުން އެ ކަމަށް އެދި ހުށަހަޅާންވާނީ، "މިއުޗުއަލް އެގްރީމަންޓް ޕްރޮސީޖަރ ކުރިޔަށް ގެންދިއުމަށް އެދުން" (MIRA 921) ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމުގައި ކަނޑައަޅައިފައިވާ އެންމެހައި މަޢުލޫމާތާއި ލިޔެކިޔުންތަކާ އެކުގައެވެ.

64-2. މިއުޗުއަލް އެގްރީމަންޓް ޕްރޮސީޖަރއެއް ކުރިޔަށް ގެންދިއުމަށް އެދެވިދާނެ ހާލަތުތައް

މި ގަވާއިދުގެ 1-64 ގެ ދަށުން، މިއުޗުއަލް އެގްރީމަންޓް ޕްރޮސީޖަރއެއް ކުރިޔަށް ގެންދިއުމަށް އެދެވިދާނެ ކަންކަމުގެ ތެރޭގައި، އަންނަނިވި ކަންކަން ހިމެނެއެވެ.

(ހ) ޓްރާންސްފަރ ޕްރައިސިންގއާ ގުޅޭ މައްސަލަތައް؛

(ށ) ޖުރިޑިކަލް ނުވަތަ އިކޮނޮމިކް ޑަބަލް ޓެކްސޭޝަންއާ ގުޅޭ މައްސަލަތައް؛

(ނ) ވަޒަންވެރިފައިވާ ޤައުމު ކަނޑައެޅުމާ ގުޅޭ މައްސަލަތައް؛

(ރ) ދާއިމީ މަރުކަޒަށް ނިސްބަތްވާ ފައިދާގެ މިންވަރު ކަނޑައެޅުމާ ގުޅޭ މައްސަލަތައް؛

64-3. މިއުޗުއަލް އެގްރީމަންޓް ޕްރޮސީޖަރ ބެހިގެންވާ މަރުޙަލާތައް

(ހ) މިއުޗުއަލް އެގްރީމަންޓް ޕްރޮސީޖަރގެ ފުރަތަމަ މަރުޙަލާގައި ހިމެނޭނީ އަންނަނިވި ކަންކަމެވެ.

(1) މީރާއަށް މައްސަލަ ހުށަހެޅުން؛

(2) އެ މައްސަލައަކީ އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ހުށަހެޅިފައިވާ މައްސަލައެއްތޯ މީރާއިން ކަނޑައެޅުން؛

(3) އެހެން ކޮމްޕިޓަންޓް އޮތޯރިޓީއަކާ މަޝްވަރާކުރުމެއް ނެތި، މީރާއަށް އެކަނި މައްސަލަ ޙައްލުކުރެވެން އޮތްނަމަ، މީރާއިން އެ މައްސަލަ ޙައްލުކޮށްދިނުން.

(ށ) މިއުޗުއަލް އެގްރީމަންޓް ޕްރޮސީޖަރގެ ދެވަނަ މަރުޙަލާގައި ހިމެނޭނީ، ފުރަތަމަ މަރުޙަލާގައި މައްސަލަ ޙައްލުނުވާ ހާލަތުގައި، އެއްބަސްވުމުގައި ދިވެހިރާއްޖެ ފިޔަވައި ބައިވެރިވާ ޤައުމާ ނުވަތަ ޤައުމުތަކާ މަޝްވަރާކޮށްގެން މައްސަލަ ޙައްލުކުރުމެވެ.

64-4. ޓެކްސް ޤާނޫނެއްގެ ދަށުން އަދާކުރާންޖެހޭ އިލްތިޒާމަކަށް ބަދަލެއް ނައުން

(ހ) މިއުޗުއަލް އެގްރީމަންޓް ޕްރޮސީޖަރއެއް ކުރިޔަށް ގެންދިއުމަށް އެއްވެސް ފަރާތަކުން ހުށަހަޅައިފައިވީ ނަމަވެސް، ޓެކްސް ޤާނޫނެއްގެ ދަށުން އަދާކުރާންޖެހޭ އިލްތިޒާމަކުން އެ ފަރާތެއް އިސްތިސްނާއެއް ނުވާނެއެވެ.

(ށ) މިއުޗުއަލް އެގްރީމަންޓް ޕްރޮސީޖަރއެއް ނިމުމުން، އިތުރަށް މީރާއަށް ޓެކްސް ދެއްކިފައިވާކަމަށް ކަނޑައެޅޭ ހާލަތުގައި، އިތުރަށް ދެއްކިފައިވާ އަދަދަކީ ޓެކްސް ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަނބުރައި ރައްދުކުރެވޭނެ އަދަދެކެވެ.

64-5. ހުށަހެޅުން އަނބުރާ ގެންދިއުން

މިއުޗުއަލް އެގްރީމަންޓް ޕްރޮސީޖަރއެއް ކުރިޔަށް ގެންދިއުމަށް މި ބާބުގެ ދަށުން ހުށަހަޅައިފައިވާ ހުށަހެޅުމެއް އިތުރަށް ކުރިޔަށް ގެންދަން ބޭނުންނުވާނަމަ، އެ ކަން ލިޔުމުން މީރާއަށް އަންގާންވާނެއެވެ.

64-6. މިއުޗުއަލް އެގްރީމަންޓް ޕްރޮސީޖަރއެއް ކުރިޔަށް ގެންދަން ހުށަނޭޅޭނެ ހާލަތުތައް

ޓެކްސް އެޕީލް ޓްރައިބިއުނަލުން ނުވަތަ ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކުން ނިހާއީ ޙުކުމެއް ކޮށްފައި އޮތްކަމަކާ ގުޅިގެން، މިއުޗުއަލް އެގްރީމަންޓް ޕްރޮސީޖަރއެއް ކުރިޔަށް ގެންދިއުމަށް ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

64-7. މާނަކުރުން

މި ބާބާއި ކޮމަން ރިޕޯޓިންގ ސްޓޭންޑަޑްގެ ބޭނުމަށް އަންނަނިވި ލަފުޒުތަކާއި ޢިބާރާތްތައް މާނަކުރާންވާނީ އަންނަނިވި ގޮތުގެ މަތިންނެވެ.

(ހ) "ރިޕޯޓިންގ ފައިނޭންޝަލް އިންސްޓިޓިއުޝަން" ކަމުގައި ބުނެފައި އެވަނީ ނޮން-ރިޕޯޓިންގ ފައިނޭންޝަލް އިންސްޓިޓިއުޝަނަކަށްނުވާ، ދިވެހިރާއްޖޭގެ ކޮންމެ ފައިނޭންޝަލް އިންސްޓިޓިއުޝަނަކަށެވެ.

(ށ) "ދިވެހިރާއްޖޭގެ ފައިނޭންޝަލް އިންސްޓިޓިއުޝަން" ކަމުގައި ބުނެފައި އެވަނީ:

(1) ދިވެހިރާއްޖެއިން ބޭރުގައި ހުރި އެ ފަރާތުގެ އެއްވެސް ބްރާންޗެއް ނުހިމެނޭ ގޮތުން، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ކޮންމެ ފައިނޭންޝަލް އިންސްޓިޓިއުޝަނަކަށް؛

(2) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފައިނޭންޝަލް އިންސްޓިޓިއުޝަނެއްގެ ދިވެހިރާއްޖޭގައި ހުރި ކޮންމެ ބްރާންޗަކަށެވެ.

(ނ) "ފައިނޭންޝަލް އިންސްޓިޓިއުޝަން" ކަމުގައި ބުނެފައި އެވަނީ، ކަސްޓޯޑިއަލް އިންސްޓިޓިއުޝަންތަކަށާއި، ޑިޕޮޒިޓަރީ އިންސްޓިޓިއުޝަންތަކަށާއި، އިންވެސްޓްމަންޓް އެންޓިޓީތަކަށާއި، ސްޕެސިފައިޑް އިންޝުއަރެންސް ކުންފުނިތަކަށެވެ.

(ރ) "ކަސްޓޯޑިއަލް އިންސްޓިޓިއުޝަން" ކަމުގައި ބުނެފައި އެވަނީ، އެ އެންޓިޓީން ކުރާ ވިޔަފާރީގެ އެކަށީގެންވާ މިންވަރެއް އެއީ އެހެން ފަރާތެއްގެ ބޭނުމަށް ފައިނޭންޝަލް އެސެޓްތައް ބަލަހައްޓައިދިނުން ކަމުގައިވާ އެންޓިޓީތަކަށެވެ. އެހެން ފަރާތެއްގެ ބޭނުމަށް ފައިނޭންޝަލް އެސެޓްތައް ބަލަހައްޓައިދިނުމަކީ އެ އެންޓިޓީން ކުރާ ވިޔަފާރީގެ އެކަށީގެންވާ މިންވަރެއްކަމުގައި ބެލެވޭނީ، ފައިނޭޝަލް އެސެޓް ބަލަހައްޓައިދީގެންނާއި އެއާ ގުޅުންހުރި މާލީ ޚިދުމަތްތައް ފޯރުކޮށްދީގެން ލިބޭ ޖުމުލަ އާމްދަނީ، އަންނަނިވި މުއްދަތުތަކުގެ ތެރެއިން ކުރު މުއްދަތުގައި އެ އެންޓިޓީގެ ޖުމުލަ އާމްދަނީގެ %20 (ވިހި އިންސައްތަ) އާ އެއްވަރުނަމަ ނުވަތަ އެއަށްވުރެ ބޮޑުނަމައެވެ.

(1) އެ ފަދަ އެންޓިޓީއެއްތޯ ބަލާ އަހަރުގެ ކުރީ އަހަރުގެ 31 ޑިސެންބަރު (ނުވަތަ ހިސާބުކުރުމުގެ މުއްދަތަކީ ކަލަންޑަރު އަހަރެއް ނޫންނަމަ ހިސާބުކުރުމުގެ މުއްދަތުގެ ފަހު ދުވަސް) އަށް ނިމުނު 3 (ތިނެއް) އަހަރުގެ މުއްދަތު؛

(2) އެ އެންޓިޓީ އުފެދުނު ފަހުން ހިނގައިފައިވާ މުއްދަތު.

(ބ) "ޑިޕޮޒިޓަރީ އިންސްޓިޓިއުޝަން" ކަމަށް ބުނެފައި އެވަނީ ބޭންކިންގ ނުވަތަ އެ ފަދަ އެހެން ވިޔަފާރިއެއް ހިންގާ، އެ ވިޔަފާރީގެ އާންމު މަސައްކަތުގެ ތެރޭގައި ޑިޕޮޒިޓް ބަލައިގަތުން ހިމެނޭ އެންޓިޓީތަކަށެވެ.

(ޅ) "އިންވެސްޓްމަންޓް އެންޓިޓީ" ކަމުގައި ބުނެފައި އެވަނީ:

(1) އެ އެންޓިޓީގެ މައިގަނޑު މަސައްކަތެއްގެ ގޮތުގައި، އަންނަނިވި ހަރަކާތްތަކާއި އޮޕަރޭޝަންތަކުގެ ތެރެއިން 1 (އެކެއް) ނުވަތަ އެއަށްވުރެ ގިނަ ކަންތައްތައް ކަސްޓަމަރަކަށް ކޮށްދޭ ނުވަތަ ކަސްޓަމަރެއްގެ ބަދަލުގައި ކުރާ އެންޓިޓީތައް:

(i) މަނީ މާކެޓު އިންސްޓްރުމަންޓްތައް ގަނެވިއްކުން (ޗެކު، ބިލު، ޑިޕޮޒިޓް ސެޓްފިކެޓް، ޑިރިވެޓިވް، ނުވަތަ އެ ފަދަ އެހެން އިންސްޓްރުމަންޓްތައް)؛ ބޭރު ފައިސާ ގަނެވިއްކުން؛ އިންޓްރެސްޓް ރޭޓު އަދި އިންޑެކްސް އިންސްޓްރުމަންޓް އެކްސްޗޭންޖްކުރުން؛ ޓްރާންސްފަރ ކުރެވޭ ސެކިއުރިޓީ ގަނެވިއްކުން؛ ނުވަތަ ކޮމޯޑިޓީ ފިއުޗަރޒް ގަނެވިއްކުން؛

(ii) އިންޑިވިޖުއަލް ނުވަތަ ކަލެކްޓިވް ޕޯޓްފޯލިއޯ މެނޭޖުކުރުން؛

(iii) އެހެން ފަރާތެއްގެ ބަދަލުގައި ފައިނޭންޝަލް އެސެޓް ނުވަތަ ފައިސާ އިންވެސްޓުކުރުން ނުވަތަ އެޑްމިނިސްޓަރކުރުން ނުވަތަ މެނޭޖުކުރުން؛

(2) ޑިޕޮޒިޓަރީ އިންސްޓިޓިއުޝަނަކުން ނުވަތަ ކަސްޓޯޑިއަލް އިންސްޓިޓިއުޝަނަކުން ނުވަތަ ސްޕެސިފައިޑް އިންޝުއަރެންސް ކުންފުންޏަކުން ނުވަތަ މި މާއްދާގެ (ޅ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ އިންވެސްޓްމަންޓް އެންޓިޓީއަކުން މެނޭޖްކުރާ، އަދި އެ އެންޓިޓީއެއްގެ ޖުމުލަ އާމްދަނީ ލިބެނީ މައިގަނޑުގޮތެއްގައި ފައިނޭންޝަލް އެސެޓްތަކުގައި އިންވެސްޓުކުރުމުން ނުވަތަ ރީއިންވެސްޓުކުރުމުން ނުވަތަ ފައިނޭންޝަލް އެސެޓް ގަނެވިއްކުމުން ކަމުގައިވާ އެންޓިޓީތަކަށެވެ.

(ކ) މި މާއްދާގެ (ޅ) ގެ (1) ވަނަ ނަންބަރު ނުވަތަ (2) ވަނަ ނަންބަރު އެ އެންޓިޓީއަކަށް ރައްދުވާނީ، އަންނަނިވި މުއްދަތުގެ ތެރެއިން ކުރު މުއްދަތުގެ ތެރޭގައި ރެލަވަންޓް ހަރަކާތްތަކަށް ނިސްބަތްވާ ޖުމުލަ އާމްދަނީ، އެ އެންޓިޓީގެ އާމްދަނީގެ %50 (ފަންސާސް އިންސައްތަ) އާ އެއްވަރުވާނަމަ ނުވަތަ އެއަށްވުރެ ބޮޑުވާނަމައެވެ. 

(1) އެ ފަދަ އެންޓިޓީއެއްތޯ ބަލާ އަހަރުގެ ކުރީ އަހަރުގެ 31 ޑިސެންބަރަށް ނިމުނު 3 (ތިނެއް) އަހަރުގެ މުއްދަތު؛

(2) އެ އެންޓިޓީ އުފެދުނު ފަހުން ހިނގައިފައިވާ މުއްދަތު.

(އ) "ފައިނޭންޝަލް އެސެޓް" ގެ މާނައިގެ ތެރޭގައި، ސެކިއުރިޓީ (މިސާލަކަށް ކޯޕަރޭޝަނެއްގެ ސްޓޮކް؛ ގިނަ ބައެއްގެ ހިއްސާ އޮންނަ ނުވަތަ ހިއްސާ ގަނެވިއްކުން އާންމުންނަށް ހުޅުވައިލެވިފައިވާ ޕާޓްނާރޝިޕެއްގެ ނުވަތަ ޓްރަސްޓެއްގެ ޕާޓްނަރޝިޕް މަޞްލަޙަތު ނުވަތަ ބެނެފިޝަލް އޯނަރޝިޕް މަޞްލަޙަތު؛ ނޯޓު، ބޮންޑު، ޑިބެންޗަރ ނުވަތަ އެނޫންވެސް ދަރަނިވެރިކަން އަންގައިދޭ އެއްޗެއް)، ޕާޓްނަރޝިޕް މަޞްލަޙަތު، ކޮމޯޑިޓީ، ސްވޮޕް (މިސާލަކަށް، އިންޓްރެސްޓް ރޭޓު ސްވޮޕް، ކަރަންސީ ސްވޮޕް، ބޭސިސް ސްވޮޕް، އިންޓްރެސްޓް ރޭޓް ކެޕް، އިންޓްރެސްޓް ރޭޓް ފްލޯ، ކޮމޯޑިޓީ ސްވޮޕް، އިކުއިޓީ ސްވޮޕް، އިކުއިޓީ އިންޑެކްސް ސްވޮޕް އަދި އެނޫންވެސް އެ ފަދަ އެއްބަސްވުންތައް)، އިންޝުއަރެންސް ކޮންޓްރެކްޓް ނުވަތަ އެނުއިޓީ ކޮންޓްރެކްޓް، ނުވަތަ، ފިއުޗަރޒް ނުވަތަ ފޯވަރޑް ކޮންޓްރެކްޓް ނުވަތަ އޮޕްޝަން ވެސް ހިމެނޭގޮތުން ސެކިއުރިޓީއެއްގެ ނުވަތަ ޕާޓްނަރޝިޕް މަޞްލަޙަތެއްގެ ނުވަތަ ކޮމޯޑިޓީއެއްގެ ނުވަތަ ސްވޮޕެއްގެ ނުވަތަ އިންޝުއަރެންސް ކޮންޓްރެކްޓެއްގެ ނުވަތަ އެނުއިޓީ ކޮންޓްރެއްގެ އެއްވެސް މަޞްލަޙަތެއް ހިމެނެއެވެ.  އެހެންނަމަވެސް، ފައިނޭންޝަލް އެސެޓުގެ މާނައިގެ ތެރޭގައި ބިން ނުވަތަ އިމާރާތުގެ މާނައިގެ ތެރޭގައި ހިމެނޭ މުދަލެއްގައި ދަރަންޏަކަށް ނުވާގޮތަށް އަދި ސީދާގޮތުން އޮންނަ މަޞްލަޙަތެއް ނުހިމެނޭނެއެވެ.

(ވ) "ސްޕެސިފައިޑް އިންޝުއަރެންސް ކުންފުނި" ކަމުގައި ބުނެފައި އެވަނީ، އިންޝުއަރެންސް ކުންފުނިތަކުގެ ތެރެއިން (އިންޝުއަރެންސް ކުންފުންޏެއްގެ ހޯލްޑިންގ ކުންފުނި ވެސް ހިމެނޭގޮތުން)، ކޭޝް ވެލިއު އިންޝުއަރެންސް ކޮންޓްރެކްޓް ނުވަތަ އެނުއިޓީ ކޮންޓްރެކްޓް ދޫކުރާ ނުވަތަ އެ ފަދަ ކޮންޓްރެކްޓަކާ ގުޅިގެން އެއްވެސް އަދަދެއް ދައްކާންޖެހޭ ކޮންމެ އެންޓިޓީއަކަށެވެ.

(މ) "ނޮން-ރިޕޯޓިންގ ފައިނޭންޝަލް އިންސްޓިޓިއުޝަން" ކަމުގައި ބުނެފައި އެވަނީ:

(1) ސްޕެސިފައިޑް އިންޝުއަރެންސް ކުންފުންޏަކުން ނުވަތަ ކަސްޓޯޑިއަލް އިންސްޓިޓިއުޝަނަކުން ނުވަތަ ޑިޕޮޒިޓަރީ އިންސްޓިޓިއުޝަނަކުން ހިންގާ ބާވަތުގެ މާލީ ނުވަތަ ގަނެވިއްކުމުގެ ހަރަކާތަކާ ގުޅުންހުރި ޒިންމާއެއްގެ ދަށުން ލިބޭ ފައިސާއަށް ރައްދުނުވާ ގޮތަށް، ދައުލަތުގެ އެންޓީޓީތަކަށް، ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކަށް ނުވަތަ ޖަމާޢަތްތަކަށް، ނުވަތަ ސެންޓްރަލް ބޭންކަށް؛

(2) ބްރޯޑް ޕާޓިސިޕޭޝަން ރިޓަޔަރމަންޓް ފަންޑަކަށް؛ ނެރޯ-ޕާޓިސިޕޭޝަން ރިޓަޔަރމަންޓް ފަންޑްތަކަށް؛ ދައުލަތުގެ އެންޓިޓީއެއްގެ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެއްގެ ނުވަތަ ޖަމާޢަތެއްގެ ނުވަތަ ސެންޓްރަލް ބޭންކުގެ ޕެންޝަން ފަންޑްތަކަށް؛ ކޮލިފައިޑް ކްރެޑިޓް ކާޑް ދޫކުރާ ފަރާތްތަކަށް؛

(3) ޓެކްސް ދެއްކުމުން އެއްކިބާވުމަށް އެ އެންޓިޓީ ބޭނުންކޮށްފާނެކަމުގެ ރިސްކު ކުޑަކަމަށް ބެލެވޭ އަދި މި އަކުރުގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އެންޓިޓީތަކާ އެއްގޮތް ސިފަތަކެއް އެކަށީގެންވާ މިންވަރަކަށް ހުރި، އަދި ދިވެހިރާއްޖޭގެ ޤާނޫނެއްގައި ނޮން-ރިޕޯޓިންގ ފައިނޭންޝަލް އިންސްޓިޓިއުޝަނެއްގެ ގޮތުގައި ކަނޑައަޅައިފައިވާ އެއްވެސް އެންޓިޓީއަކަށް، އެއީ އެ އެންޓިޓީ ނޮން-ރިޕޯޓިންގ ފައިނޭންޝަލް އިންސްޓިޓިއުޝަނެއްގެ ގޮތުގައި އޮންނަ އޮތުން، ކޮމަން ރިޕޯޓިންގ ސްޓޭންޑަޑްގެ މަޤުޞަދުތަކާ ފުށުނާރާނަމަ؛

(4) އެގްޒެމްޓް ކަލެކްޓިވް އިންވެސްޓްމަންޓް ވެހިކަލަށް؛ ނުވަތަ

(5) އެ ޓްރަސްޓެއްގެ ޓްރަސްޓީއަކީ ރިޕޯޓިންގ ފައިނޭންޝަލް އިންސްޓިޓިއުޝަނެއްކަމުގައިވާނަމަ އަދި މި ގަވާއިދުގެ ދަށުން އެ ޓްރަސްޓުގެ ރިޕޯޓަބަލް އެކައުންޓުތަކާ ގުޅިގެން ރިޕޯޓުކުރާންޖެހޭ އެންމެހައި މަޢުލޫމާތު އެ ޓްރަސްޓީ ރިޕޯޓުކުރާނަމަ، އެ ގޮތުން ރިޕޯޓުކުރާ ނިސްބަތުން، ޓްރަސްޓަކަށެވެ.

(ފ) "ޕްރީއެގްޒިސްޓިންގ އެކައުންޓް" ކަމަށް ބުނެފައި އެވަނީ، ރިޕޯޓިންގ ފައިނޭންޝަލް އިންސްޓިޓިއުޝަނެއްގައި 31 ޑިސެންބަރު 2020 އާ ހަމައަށް ހުރި ފައިނޭންޝަލް އެކައުންޓުތަކަށެވެ.

(ދ) "ނިއު އެކައުންޓް" ކަމުގައި ބުނެފައި އެވަނީ، ރިޕޯޓިންގ ފައިނޭންޝަލް އިންސްޓިޓިއުޝަންގައި ހުރި 1 ޖަނަވަރީ 2021 ގައި ނުވަތަ އޭގެ ފަހުން ހުޅުވައިފައިވާ ފައިނޭންޝަލް އެކައުންޓްތަކަށެވެ.

(ތ) "ޕްރީއެގްޒިސްޓިންގ އިންޑިވިޖުއަލް އެކައުންޓް" ކަމުގައި ބުނެފައި އެވަނީ، 1 (އެކެއް) ނުވަތަ އެއަށްވުރެ ގިނަ ފަރުދުންގެ ނަމުގައި އޮންނަ ޕްރީއެގްޒިސްޓިންގ އެކައުންޓަށެވެ.

(ލ) "ލޯވަރ ވެލިއު އެކައުންޓް" ކަމުގައި ބުނެފައި އެވަނީ، 31 ޑިސެންބަރު 2020 ގައި އެ އެކައުންޓުގެ ޖުމުލަ ބާކީ ނުވަތަ ވެލިއު 1,000,000 (އެއް މިލިޔަން) އެމެރިކާ ޑޮލަރަށްވުރެ ބޮޑުނޫން، ޕްރީއެގްޒިސްޓިންގ އިންޑިވިޖުއަލް އެކައުންޓުތަކަށެވެ.

(ގ) "ހައި ވެލިއު އެކައުންޓު" ކަމަށް ބުނެފައި އެވަނީ، 31 ޑިސެންބަރު 2020 ގައި ނުވަތަ އޭގެ ފަހުން އަންނަ އެއްވެސް އަހަރެއްގެ 31 ޑިސެންބަރުގައި، އެ އެކައުންޓުގެ  ޖުމުލަ ބާކީ ނުވަތަ ވެލިއު، 1,000,000 (އެއް މިލިޔަން) އެމެރިކާ ޑޮލަރަށްވުރެ ބޮޑު، ޕްރީއެގްޒިސްޓިންގ އިންޑިވިޖުއަލް އެކައުންޓުތަކަށެވެ.

(1-ގ) "ރިޕޯޓަބަލް  ޖުރިސްޑިކްޝަން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖެ ފިޔަވައި އެހެން ކޮންމެ ޖުރިސްޑިކްޝަނަކަށެވެ.

(ޏ) މި ބާބުގައި އެހެން ގޮތަށް މާނަކޮށްދީފައިނުވާނަމަ، މި ބާބުގައި ބަޔާންކޮށްފައިވާ އިބާރާތްތަކާއި ލަފުޒުތައް މާނަކުރާނީ، މި ގަވާއިދުގެ 8-64 ވަނަ މާއްދާގައި ހަވާލާދީފައިވާ ކޮމަން ރިޕޯޓިންގ ސްޓޭންޑަޑްގައި، އެ އިބާރާތް ނުވަތަ އެ ލަފުޒެއް މާނަކޮށްފައިވާ ގޮތަށެވެ.

64-8. ކޮމަން ރިޕޯޓިންގ ސްޓޭންޑަޑް

(ހ) ޤާނޫނުގެ 2-51 ވަނަ މާއްދާގެ ބޭނުމަށް ކޮމަން ރިޕޯޓިންގ ސްޓޭންޑަޑަކީ އޯ.އީ.ސީ.ޑީއިން ޝާއިޢުކޮށްފައިވާ، "ސްޓޭންޑަޑް ފޮރ އޮޓޮމެޓިކް އެކްސްޗޭންޖް އޮފް ފައިނޭންޝަލް އެކައުންޓް އިންފޮރމޭޝަން އިން ޓެކްސް މެޓަރޒް (ސެކަންޑް އެޑިޝަން)" ގެ ބާބު B ގައި (ގެނެވޭ އިޞްލާޙުތައް ވެސް ހިމެނޭގޮތުން) ބަޔާންކޮށްފައިވާ ކޮމަން ރިޕޯޓިންގ ސްޓޭންޑަޑެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮމަން ރިޕޯޓިންގ ސްޓޭންޑަޑްގައި ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތަށް، މަޢުލޫމާތު ހުށަހެޅުމާއި، ރިކޯޑު ބެލެހެއްޓުމާއި، ޑިއުޑިލިޖެންސް ކުރިޔަށް ގެންދިއުމަކީ، މި ބާބު ރައްދުވާ ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުގެ ޒިންމާއެކެވެ.

64-9. ޕްރީއެގްޒިސްޓިންގ އެކައުންޓްތައް

(ހ) ޕްރީއެގްޒިސްޓިންގ އިންޑިވިޖުއަލް އެކައުންޓެއް 31 ޑިސެންބަރު 2020 ގެ ނިޔަލަށް ހައި ވެލިއު އެކައުންޓަކަށް ވެފައި ނުވިޔަސް، އެ އަހަރާ ވިދިގެން އަންނަ ކަލަންޑަރު އަހަރުގެ އެންމެ ފަހު ދުވަހުގައި އެ އެކައުންޓު ހައި ވެލިއު އެކައުންޓަކަށް ވެއްޖެނަމަ، ހައި ވެލިއު އެކައުންޓަކަށް އެ އެކައުންޓު ވި އަހަރާ ވިދިގެން އަންނަ ކަލަންޑަރު އަހަރުގެ ތެރޭގައި އެ އެކައުންޓާ ގުޅޭގޮތުން، އެ ރިޕޯޓިންގ ފައިނޭންޝަލް އިންސްޓިޓިއުޝަނުން، ކޮމަން ރިޕޯޓިންގ ސްޓޭންޑަޑުގައި ބަޔާންކޮށްފައިވާ ފުޅާ ދާއިރާގައި ރިވިއުކުރުމުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ރިވިއުއެއް ފުރިހަމަކުރާންވާނެއެވެ. އަދި އެ ރިވިއުގެ މައްޗަށް ބިނާކޮށް އެ އެކައުންޓު ރިޕޯޓަބަލް އެކައުންޓެއްގެ ގޮތުގައި ކަނޑައެޅިއްޖެނަމަ، އެ އެކައުންޓު ރިޕޯޓަބަލް އެކައުންޓެއްގެ ގޮތުގައި ކަނޑައެޅުނު އަހަރާއި އެ އަހަރާ ވިދިގެން އަންނަ ކޮންމެ އަހަރަކަށް ނިސްބަތްވާ، އެ އެކައުންޓާ ގުޅޭގޮތުން ކޮމަން ރިޕޯޓިންގ ސްޓޭންޑަޑްގެ ދަށުން ރިޕޯޓުކުރާންޖެހޭ މަޢުލޫމާތު، އަހަރަކު އެއްފަހަރު، ރިޕޯޓިންގ ފައިނޭންޝަލް އިންސްޓިޓިއުޝަނުން ރިޕޯޓުކުރާންވާނެއެވެ.

(ށ) ކޮމަން ރިޕޯޓިންގ ސްޓޭންޑަޑްގެ ބޭނުމަށް:

(1) ޕްރީއެގްޒިސްޓިންގ އިންޑިވިޖުއަލް އެކައުންޓުތައް ރިވިއުކުރުން 31 ޑިސެންބަރު 2021 ގެ ނިޔަލަށް ފުރިހަމަކުރާންވާނެއެވެ.

(2) އެކައުންޓުގެ ޖުމުލަ ބާކީ ނުވަތަ ވެލިއު، 31 ޑިސެންބަރު 2020 ގައި 250,000 (ދެ ލައްކަ ފަންސާސް ހާސް) އެމެރިކާ ޑޮލަރަށްވުރެ ބޮޑު ޕްރީއެގްޒިސްޓިންގ އެންޓިޓީ އެކައުންޓުތަކުގެ ރިވިއުތައް 31 ޑިސެންބަރު 2021 ގެ ނިޔަލަށް ފުރިހަމަކުރާންވާނެއެވެ.

(3) ޕްރީއެގްޒިސްޓިންގ އެންޓީޓީ އެކައުންޓެއްގެ ޖުމުލަ ބާކީ ނުވަތަ ވެލިއު 31 ޑިސެންބަރު 2020 ގައި 250,000 (ދެ ލައްކަ ފަންސާސް ހާސް) އެމެރިކާ ޑޮލަރަށްވުރެ ކުޑަ ނަމަވެސް، އޭގެ ފަހުން އަންނަ ކަލަންޑަރު އަހަރެއްގެ 31 ޑިސެންބަރުގައި އެ އެކައުންޓުގެ ޖުމުލަ ބާކީ ނުވަތަ ވެލިއު 250,000 (ދެ ލައްކަ ފަންސާސް ހާސް) އެމެރިކާ ޑޮލަރަށްވުރެ ބޮޑުވެއްޖެނަމަ، އެ ބޮޑުވާ އަހަރާ ވިދިގެން ފެށޭ އަހަރުގެ ނިޔަލަށް، އެ އެކައުންޓުތަކުގެ ރިވިއުތައް ފުރިހަމަކުރާންވާނެއެވެ.

64-10. ރަޖިސްޓަރީ ކުރުމަށް އެދި ހުށަހެޅުން

(ހ) ގަވާއިދު ނަންބަރު 2013/R-45 (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު) އަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދަށް ޢަމަލުކުރާން ފަށާ ތާރީޚުގައި، އެއްވެސް ފަރާތަކީ "ރިޕޯޓިންގ ފައިނޭންޝަލް އިންސްޓިޓިއުޝަން" އެއްނަމަ، މި މާއްދާގެ ދަށުން މީރާގައި ރަޖިސްޓަރީ ކުރުމަށް، އެ ގަވާއިދަށް ޢަމަލަކުރާން ފަށާ ތާރީޚުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި ހުށަހަޅާންވާނެއެވެ.

(ށ) ގަވާއިދު ނަންބަރު 2013/R-45 (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު) އަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދަށް ޢަމަލުކުރާން ފަށާ ތާރީޚުގެ ފަހުން ރިޕޯޓިންގ ފައިނޭންޝަލް އިންސްޓިޓިއުޝަނެއް ކަމުގައިވާ ފަރާތްތަކުން، ޝަރުޠު ފުރިހަމަވި ތާރީޚުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި، މި މާއްދާގެ ދަށުން މީރާގައި ރަޖިސްޓަރީކުރުމަށް ހުށަހަޅާންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ފަރާތްތަކުން އެ ކަމަށް އެދި ހުށަހަޅަންވާނީ، "ރިޕޯޓިންގ ފައިނޭންޝަލް އިންސްޓިޓިއުޝަން ރަޖިސްޓަރީކުރުން" (MIRA 119) ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމުގައި ކަނޑައަޅައިފައިވާ އެންމެހައި މަޢުލޫމާތާއި ލިޔެކިޔުންތަކާ އެކުގައެވެ.

64-11. ކޮމަން ރިޕޯޓިންގ ސްޓޭންޑަޑް ރިޕޯޓު

(ހ) ކޮމަން ރިޕޯޓިންގ ސްޓޭންޑަޑްގެ ދަށުން މަޢުލޫމާތު ހުށަހަޅާންޖެހޭ ފަރާތްތަކުން، ކޮންމެ ކަލަންޑަރު އަހަރަކަށް ހުށަހަޅާންޖެހޭ މަޢުލޫމާތު ހިމަނައިގެން ވިދިގެން އަންނަ ކަލަންޑަރު އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް، "ކޮމަން ރިޕޯޓިންގ ސްޓޭންޑަޑް ރިޕޯޓު" ހުށަހަޅާންވާނެއެވެ.

(ހ-1) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިޕޯޓު މީރާއަށް ހުށަހަޅަންވާނީ މީރާއިން ކަނޑައަޅާ ފޯމެޓެއްގައި، މީރާގެ "ކޮމަން ރިޕޯޓިންގ ސްޓޭންޑަޑް ސިސްޓަމް" މެދުވެރިކޮށް، އޮންލައިންކޮށެވެ.

(ށ) މި ބާބުގެ ބޭނުމަށް މަޢުލޫމާތު ހުށަހަޅާންޖެހޭ ފުރަތަމަ ކަލަންޑަރު އަހަރަކީ 2021 ވަނަ އަހަރެވެ.

64-12. މަޢުލޫމާތު ހުށަނޭޅުމުގެ އަދަބުތައް

ކޮމަން ރިޕޯޓިންގ ސްޓޭންޑަޑާ އެއްގޮތަށް، ޤާނޫނު 3-51 ގެ ދަށުން ހުށަހަޅާންޖެހޭ މަޢުލޫމާތު ހުށަނޭޅުމުގެ އަދަބު ކަނޑައަޅާނީ، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 65 ވަނަ މާއްދާގެ ދަށުންނެވެ.

65. (އުވައިލެވިފައި)

66. (އުވައިލެވިފައި)

67. ޓެކްސް ދައްކަންޖެހޭ ކުޑަކުދިންނާ ގުޅޭ ޒިންމާތައް

ޓެކްސް ދައްކާ ފަރާތަކީ، ޓެކްސްއާބެހޭ ޤާނޫނުގެ ދަށުން އެ ކަމެއް ކުރުން ލާޒިމުވާ ދުވަހު، ޢުމުރުން 18 (އަށާރަ) އަހަރު ނުފުރޭ ކުޑަކުއްޖެއްނަމަ، ޓެކްސްއާބެހޭ ޤާނޫނުތަކުގެ ބޭނުމަށް އެ ކުއްޖާގެ ވިޔަފާރި ނުވަތަ ވިޔަފާރި ޙަރަކާތް ހިންގަމުން ގެންދާ ކަމަށް ބެލެވޭނީ:

(ހ) އެ ވިޔަފާރިއަކީ ކުޑަކުއްޖާއަށް އެހެން މީހަކު ބަދަލުކޮށްފައިވާ ވިޔަފާރިއެއްނަމަ، އެ ބަދަލުކުރި މީހާ؛ ނުވަތަ

(ށ) މި މާއްދާގެ (ހ) ގައިވާ ފަރާތް ކަމުގައި ނުވާނަމަ، އެ ކުއްޖާގެ ބައްޕަ، ނުވަތަ ބައްޕަ މަރުވެފައިވާނަމަ އެ ކުއްޖާގެ ޝަރުޢީ ބަލަދުވެރިޔާއެވެ.

68. އެއްބާރުލުން ދިނުން

(ހ) ޤާނޫނުގެ 26 ވަނަ މާއްދާގެ (ޅ) ގެ ބޭނުމަށް، ކޮމިޝަނަރ ޖެނެރަލް އަދި ކޮމިޝަނަރ ޖެނެރަލް ކަނޑައަޅާ މީހަކަށް ނުވަތަ ބަޔަކަށް ފުރިހަމައަށް އެއްބާރުލުން ދިނުމުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

(1) މީރާއިން ކުރާ އޮޑިޓަކަށް ނުވަތަ ތަޙުޤީޤަކަށް ބޭނުންވާ އެންމެހައި ރިކޯޑުތަކުގެ ކޮޕީ ނުވަތަ މީރާއިން ބޭނުންވެއްޖެ ހާލަތެއްގައި އޭގެ އަސްލު ފޯރުވައިދިނުމާއި، ރިކޯޑުތަކުގެ ކޮޕީ ހެއްދުމަށް މީރާގެ އޮފިސަރުންނަށް މަގުފަހިކޮށްދިނުން؛

(2) ޓެކްސް ދައްކާ ފަރާތުން ކުރާ ވިޔަފާރިއާ ގުޅިގެން މުޢާމަލާތްކޮށްފައިވާ ފަރާތްތަކުގެ މަޢުލޫމާތު ފޯރުވައިދިނުން ނުވަތަ އެ ފަރާތްތަކާއި މީރާއާ މުޢާމަލާތުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުން؛

(3) ޓެކްސް ދައްކާ ފަރާތުގެ އިދާރީ އޮފީހަށް ނުވަތަ ވިޔަފާރި ހިންގާ ތަނަކަށް މީރާގެ އޮފިސަރުން ދާނަމަ، އެ ދާ ބޭނުމެއް ފުރިހަމަކުރެވެންދެން މީރާގެ އޮފިސަރުންނަށް އެ ތަނެއްގައި މަސައްކަތްކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުން؛

(4) މީރާގެ އޮފިސަރުން ކުރާ ސުވާލުތަކަށް އެކަށީގެންވާ ފެންވަރަށް ޖަވާބުދާރީވުމާއި، މީރާގެ އޮފިސަރުން އަންގާ އެންގުންތަކަށް އިޖާބަދިނުން؛

(5) ޓެކްސް ދައްކާ ފަރާތުގެ ރިކޯޑުތައް ބެލުމަށް މިރާއިން ބޭނުންވެއްޖެނަމަ، އަދި އެ ތަކެތި ބަހައްޓައިފައިވަނީ މީހުން ދިރިނޫޅޭ ރަށެއްގައިނަމަ، މީރާއިން އެދިއްޖެ ހާލަތެއްގައި، އެ ތަނަކަށް މީރާގެ ކަމާބެހޭ އޮފިސަރުން ދަތުރުކޮށް އެ ތަނެއްގައި ހުރި ރިކޯޑުތައް ބެލޭނެ އިންތިޒާމު ހަމަޖައްސައިދިނުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ފުރިހަމަޔަށް އެއްބާރުލުން ނުދޭ ފަރާތްތައް -/2,000 (ދެހާސް) ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.

69. އިތުރަށް ދައްކާ ފައިސާ ރީފަންޑް ކުރުން

(ހ) ޓެކްސް ބަޔާނެއް ހުށަހެޅުމުގެ ނަތީޖާއަކީ ނުވަތަ އިޞްލާޙުކުރުމުގެ ނަތީޖާއަކީ، އެ މުއްދަތަށް ދައްކަންޖެހޭ މިންވަރަށްވުރެ އިތުރަށް ޓެކްސް ދައްކައިފައި ވުން ކަމަށް ވާނަމަ، އިތުރަށް ދައްކައިފައިވާ ޓެކުހުގެ މިންވަރު މީރާއިން އެ ފަރާތަކަށް ރީފަންޑް ކުރުމުގައި ޢަމަލުކުރާނީ އަންނަނިވި ގޮތަށެވެ.

(1) ރީފަންޑް ޕްރޮސެސްކުރާ ވަގުތު އެ ފަރާތުން މީރާއަށް ދައްކަންޖެހި ނުދައްކައި ހުރި ފައިސާއެއް ހުރިނަމަ، އެ ފައިސާއާ އަޅައިކެނޑުން؛

(2) މި އަކުރުގެ (1) ވަނަ ނަންބަރު ރައްދުނުވާނަމަ، ނުވަތަ މި އަކުރުގެ (1) ވަނަ ނަންބަރުގައިވާ ގޮތަށް ޢަމަލު ކުރުމަށް ފަހުގައި، ރީފަންޑް ކުރަންޖެހޭ އަދަދެއް އޮތް ނަމަ، ޓެކްސް ދައްކާ ފަރާތަށް ފައިސާއިން އެ އަދަދު ދިނުން.

(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އިތުރަށް ދައްކައިފައިވާ ފައިސާއާ ގުޅޭގޮތުން އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށް ޢަމަކުރުމަށް ޓެކްސް ދައްކާ ފަރާތަށް އިޚްތިޔާރު ކުރެވިދާނެއެވެ.

(1) ކުރިޔަށް ހުރި މުއްދަތުތަކުގައި އެ ފަރާތުން މީރާއަށް ދައްކަންޖެހޭ ފައިސާއާ އަޅައިކެނޑުމަށް ޓަކައި މީރާގައި ބެހެއްޓުން؛

(2) ތިންވަނަ ފަރާތަކުން މީރާއަށް ދައްކަންޖެހޭ ފައިސާއަކާ އަޅައިކެނޑުން.

(ނ) އެއްވެސް ފަރާތަކުން މީރާއަށް އިތުރަށް ދައްކައިފައިވާ ފައިސާއަކަށް މި މާއްދާގެ (ހ) ރައްދުނުވާނަމަ، އެ ގޮތުން އިތުރަށް ދައްކައިފައިވާ ފައިސާ އަނބުރައި ހޯދުމަށް އެދޭނަމަ، "އެޖަސްޓްމަންޓް/ރީފަންޑަށް އެދުން" (MIRA 904) ފޯމު ފުރިހަމަކުރުމަށްފަހު މީރާއަށް ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމާ ނިންމުމަކާ ގުޅިގެން ނުވަތަ ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކުން ކުރާ ހުކުމަކާ ގުޅިގެން ރީފަންޑެއް ދޭންޖެހޭ ހާލަތުގައި، އެ ރީފަންޑް ހޯދުމަށް މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ "އެޖަސްޓްމަންޓް/ރީފަންޑަށް އެދުން" (MIRA 904) ފޯމު ހުށަހަޅާކަށް ނުޖެހޭނެއެވެ. އަދި، އެފަދަ ހާލަތެއްގައި ރީފަންޑް ދިނުމުގައި، މީރާއަށް އެ ވަގުތު ދައްކަންޖެހި ނުދައްކައި ހުރި ފައިސާއާ އަޅައިކެނޑުމަކާ ނުލައި ރީފަންޑް ދެވޭނެއެވެ. އެހެން ނަމަވެސް، އެ ފަރާތުން އެދޭނަމަ، ރީފަންޑް ކުރަންޖެހޭ ފައިސާ، އެ ފަރާތުން އެ ވަގުތު މީރާއަށް ދައްކަންޖެހި ނުދައްކައި ހުރި ފައިސާއާ އަޅައިކެނޑުމަށް ނުވަތަ ކުރިޔަށްހުރި މުއްދަތުތަކުގައި މީރާއަށް ދައްކަންޖެހޭ ފައިސާއާ އަޅައިކެނޑުމަށް ޓަކައި މީރާގައި ބެހެއްޓުމަށް އިޚްތިޔާރު ކުރެވިދާނެއެވެ.

(ބ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް،  ފައިސާ ދެއްކުމުގެ ތެރޭގައި ދިމާވާ  "ޕޭމަންޓް ޕްރޮސެސިންގ އެރަރ" އެއްގެ ސަބަބުން، ދައްކަންޖެހޭ މިންވަރަށްވުރެ އިތުރަށް ފައިސާ ދެއްކޭ ހާލަތުގައި އެ ފައިސާގެ ރީފަންޑް ހޯދުމަށް މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ "އެޖަސްޓްމަންޓް/ރީފަންޑަށް އެދުން" (MIRA 904) ފޯމު ހުށަހަޅާކަށް ނުޖެހޭނެއެވެ. އަދި އެފަދަ ހާލަތެއްގައި ރީފަންޑް ދިނުމުގައި، މީރާއަށް އެ ވަގުތު ދައްކަންޖެހި ނުދައްކައި ހުރި ފައިސާއާ އަޅައިކެނޑުމަކާ ނުލައި ރީފަންޑް ދެވޭނެއެވެ. އެހެން ނަމަވެސް، އެ ފަރާތުން އެދޭނަމަ، ރީފަންޑްކުރަންޖެހޭ ފައިސާ، އެ ފަރާތުން އެ ވަގުތު މީރާއަށް ދައްކަންޖެހި ނުދައްކައި ހުރި ފައިސާއާ އަޅައިކެނޑުމަށް ނުވަތަ ކުރިޔަށްހުރި މުއްދަތުތަކުގައި މީރާއަށް ދައްކަންޖެހޭ ފައިސާއާ އަޅައިކެނޑުމަށް ޓަކައި މީރާގައި ބެހެއްޓުމަށް އިޚްތިޔާރު ކުރެވިދާނެއެވެ.

(ޅ) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ދައްކަންޖެހޭ އަދަދަށްވުރެ އިތުރަށް ފައިސާ ދައްކައިފައިވާ މީހަކު މަރުވެއްޖެނަމަ، އެ މީހާގެ ވާރިޘުން މީރާއަށް ހުށަހެޅުމުން، އެ މީހާ އިތުރަށް ދައްކައިފައިވާ ފައިސާ، ޝަރުޢީ ކޯޓަކުން ކަނޑައަޅާ ގޮތެއްގެ މަތީން، ވާރިޘުންނަށް އަނބުރައި ދެވޭނެއެވެ. މި ގޮތުން، އެ މީހާ އިތުރަށް ދައްކައިފައިވާ ފައިސާ، ވާރިޘުންނަށް އަނބުރައި ދެވޭނީ މީރާއަށް ދައްކަންޖެހި ނުދައްކައި ހުރި ފައިސާއާ އަޅައިކެނޑުމަށް ފަހުގައެވެ.

(ކ) ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) ގެ ދަށުން މީރާގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތެއްގެ އައުޓްޕުޓް ޓެކުހަށްވުރެ އެ ފަރާތެއްގެ އިންޕުޓް ޓެކްސް އިތުރުވާ ހާލަތްތަކަކީ، ޤާނޫނާއި މި ގަވާއިދުގެ ބޭނުމަށް އިތުރަށް ފައިސާ ދެއްކުން ކަމުގައެއް ނުބެލެވޭނެއެވެ. އަދި އެ ގޮތުން އިތުރުވާ އަދަދަކީ އެ ފަރާތެއްގެ އައުޓްޕުޓް ޓެކުހުން އަޅައިކެނޑޭނެ އަދަދެކެވެ.

(އ) އިތުރަށް ދައްކައިފައިވާ ފައިސާ މި މާއްދާގެ ދަށުން ރީފަންޑް ކުރުމުގެ ކުރިން، ރިސްކަށް ނުވަތަ މީރާއިން ކަނޑައަޅާ ތްރެޝޯލްޑަކަށް ރިޢާޔަތްކޮށް، ރިވިއުއެއް ނުވަތަ ރީފަންޑަށް އެދިފައިވާ ފަރާތުގެ އޮޑިޓެއް ކުރުމުގެ އިޚްތިޔާރު މީރާއަށް ލިބިގެންވެއެވެ.

(ވ) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އަންނަނިވި ހާލަތްތަކުގައި އުފެދޭ ރީފަންޑެއް ދީފިނަމަ، އެ ފަރާތަކުން ދައްކަންޖެހޭ ޓެކުހެއް އެ ފަރާތެއްގެ ކިބައިން ނުހޯދިދާނެކަމަށް، އެކަށީގެންވާ ސަބަބުތަކަކާއެކު ކޮމިޝަނަރ ޖެނެރަލަށް ގަބޫލުކުރެވޭނަމަ، އެފަދަ ރީފަންޑެއް ދެވޭނީ މީރާއިން ކުރާ އޮޑިޓަކަށް ފަހުގައެވެ.

(1) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތަކުން، ޤާނޫނު ނަންބަރު 25/2019 (އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު) ގެ ދަށުން އިންޓެރިމް ބަޔާނެއް ނުވަތަ އިންކަމް ޓެކްސް ބަޔާނެއް ހުށަހެޅުން؛

(2) ޤާނޫނު ނަންބަރު 25/2019 (އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު) ގެ 48 ވަނަ މާއްދާގެ ދަށުން ޓެކްސް ބަޔާނެއް ހުށަހެޅުން.

69-1. ރީފަންޑްކުރާ ފައިސާ ބޭންކް އެކައުންޓަށް ޖަމާކުރުން

(ހ) މި ގަވާއިދުގެ 69 ވަނަ މާއްދާގެ ދަށުން ރީފަންޑްކޮށްދޭ ފައިސާ ޖަމާކުރާނީ ޤާނޫނު ނަންބަރު 24/2010 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނު) ގެ ދަށުން ބޭންކިންގ ވިޔަފާރި ކުރުމަށް ލައިސަންސް ދީފައިވާ ބޭންކެއްގައި ހުޅުވައިފައި އޮންނަ ބޭންކް އެކައުންޓަކަށް ނުވަތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި އޮންނަ އެކައުންޓަކަށެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އަންނަނިވި ހާލަތްތަކުގައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ބޭންކް އެކައުންޓެއް ނޫން އެހެން ބޭންކް އެކައުންޓަކަށް، ރީފަންޑްކޮށްދޭ ފައިސާ ޖަމާކުރެވިދާނެއެވެ.

(1) ރީފަންޑްކޮށްދެވޭ ފަރާތަކީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ނުވާ އަދި ދިވެހިރާއްޖޭގައި އެ ފަރާތުގެ ދާއިމީ މަރުކަޒެއް ނެތް ފަރާތަކަށްވުން؛ ނުވަތަ

(2) ރީފަންޑްކޮށްދެވޭ ފަރާތަކީ އަންނަނިވި ހުރިހާ ޝަރުޠުތައް ފުރިހަމަވާ ފަރުދަކަށް ވުން.

i. ދިވެހިރައްޔިތެއް ކަމުގައި ނުވުން؛

ii. ދިވެހިރާއްޖޭގައި ދިރިއުޅޭ ފަރާތަކަށް ނުވުން؛

iii. މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ބޭންކް އެކައުންޓެއް ނެތް ފަރާތަކަށްވުން.

(ނ) މި މާއްދާގެ ދަށުން ބޭންކް އެކައުންޓަކަށް ފައިސާ ޖަމާކުރުމަށް ބޭންކް ޗާޖެއް ނުވަތަ ފީއެއް ނުވަތަ ކަމިޝަނެއް ނަގާނަމަ، އެ ޚަރަދަކީ  ރީފަންޑްކޮށްދެވޭ ފަރާތުން ދައްކަންޖެހޭނެ ޚަރަދެކެވެ.

69-2. ރީފަންޑްކޮށްދޭ ކަރަންސީ

(ހ) މި ގަވާއިދުގެ 1-69 ވަނަ މާއްދާގެ ދަށުން ރީފަންޑް ފައިސާ ބޭންކް އެކައުންޓަށް ޖަމާކޮށްދޭނީ ރުފިޔާއިންނެވެ.

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެމެރިކާ ޑޮލަރުން މީރާއަށް ދެއްކުމަށް ލާޒިމުކޮށްފައިވާ ޓެކުހެއް ނުވަތަ ފައިސާއެއްގެ ރީފަންޑް ދޭނީ އެމެރިކާ ޑޮލަރުންނެވެ.

70. އަދަބު ލުއިކޮށްދިނުން

(ހ) ޤާނޫނުގެ 75 ވަނަ މާއްދާގެ (ހ) ގެ ދަށުން، އަދަބު ލުއިކޮށްދިނުމަށް އެދި ކޮމިޝަނަރ ޖެނެރަލަށް ހުށަހަޅާ ހުށަހެޅުމެއްގައި، އަދަބު ލުއިކޮށްދިނުމަށް އެދޭ ސަބަބާއި އޭގެ ތަފުސީލު ހިމަނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅުމެއް ލިބިއްޖެނަމަ އަދަބު ލުއިކޮށްދެވޭނީ އަންނަނިވި ކަންތައްތަކަށް ރިޢާޔަތްކުރުމަށްފަހު ކޮމިޝަނަރ ޖެނެރަލް ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.

(1) އެ ފަރާތެއްގެ މައްޗަށް އަދަބު ކަނޑައަޅައިފައިވާ ސަބަބު؛

(2) ޓެކްސްއާބެހޭ ޤާނޫނުތަކުގެ ދަށުން އެ ފަރާތަކުން ކުރަންޖެހޭ ކަންތައްތައް ކުރަމުން އައިސްފައިވާ ގޮތް؛

(3) ޓެކްސްއާބެހޭ ޤާނޫނުތަކުގެ ދަށުން އެ ފަރާތެއްގެ މައްޗަށް އެހެން އަދަބެއް ކަނޑައަޅައިފައިވާކަން ނުވަތަ ނޫންކަން؛

(4) އެ ފަރާތުން މީރާއަށް އެއްބާރުލުން ދީފައިވާ މިންވަރު.

71. މުއްދަތު އިތުރުކޮށްދިނުން

(ހ) ޤާނޫނުގެ 77 ވަނަ މާއްދާގެ ދަށުން މުއްދަތު އިތުރުކުރުމަށް އެދި ހުށަޅަންވާނީ، އެ ކަމެއް ކުރުމަށް ކަނޑައަޅައިފައިވާ މުއްދަތު ހަމަވުމުގެ ކުރިންނެވެ. އަދި މި ގޮތުން ހުށަހަޅާ ހުށަހެޅުމެއްގައި މުއްދަތު އިތުރުކޮށްދިނުމަށް އެ ފަރާތަކުން އެދޭ ސަބަބާއި، އެ ކަމެއް ފުރިހަމަކުރެވޭނެ ކަމަށް އެ ފަރާތުން ލަފާކުރާ މުއްދަތު ހިމަނަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅުމެއް ލިބިއްޖެނަމަ މުއްދަތު އިތުރުކޮށްދެވޭނީ ވަގުތާއި ޙާލަތަށް އަދި އެ ކަމެއް ފުރިހަމަކުރެވޭނެ ކަމަށް ޓެކްސް ދައްކާ ފަރާތުން ހުށަހަޅާ މުއްދަތަށް ރިޢާޔަތްކުރުމަށްފަހު ކޮމިޝަނަރ ޖެނެރަލް ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.

(ނ) މި މާއްދާގެ ދަށުން މުއްދަތު އިތުރުކޮށްދިނުމުގައި ވަކި ޝަރުޠަކާއެކު މުއްދަތު އިތުރުކޮށްދިނުމުގެ އިޚުތިޔާރު ކޮމިޝަނަރ ޖެނެރަލަށް ލިބިގެންވެއެވެ.

(ރ) މުއްދަތު އިތުރުކޮށްދިނުމަށް އެދި ވަކި ފަރާތަކުން ހުށަހަޅައިފައިނުވިނަމަވެސް، ކޮމިޝަނަރ ޖެނެރަލަށް ފެނިއްޖެ ޙާލަތެއްގައި، ވަކި ޓެކުހެއް ނުވަތަ ވަކި ގިންތީގެ ޓެކްސް ދައްކާ ފަރާތްތަކަކަށް މުއްދަތު އިތުރުކޮށްދެވިދާނެއެވެ.

(ބ) ޤާނޫނުގެ 77 ވަނަ މާއްދާގެ ބޭނުމަށް، މަޤުބޫލު އުޒުރެއް ކަމަށް ބެލެވޭނީ އަންނަނިވި ކަންތައްތަކުންކުރެ ކަމެކެވެ.

(1) އެކްސިޑެންޓެއް ނުވަތަ ޤުދުރަތީ ކާރިސާއެއް ކުރިމަތިވުން؛

(2) އެ ކަމެއް ކުރުމަށް ނުކުޅެދޭ ފަދަ ބައްޔެއްވުން؛

(3) ޓެކްސް ދައްކާ ފަރާތުގެ ކޮންޓްރޯލުން ބޭރުގައިވާ ކަމަށް ކޮމިޝަނަރ ޖެނެރަލަށް ގަބޫލުކުރެވޭ އެ ނޫންވެސް ކަމެއް ކުރިމަތިވުން.

(ޅ) މި މާއްދާގެ (ބ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މާލީ ދަތިކަމެއް ދިމާވުމަކީ މަޤުބޫލު އުޒުރެއްކަމަކަށް ނުބެލެވޭނެއެވެ.

71-1. މުއްދަތު ގުނުން

(ހ) ޤާނޫނުގައި ނުވަތަ މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ޤާނޫނާއި މި ގަވާއިދުގައި ދުވަހުން ބަޔާންކޮށްފައިވާ މުއްދަތުތައް ގުނާނީ، ރަސްމީ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައެވެ.

(ށ) އެ އުސޫލެއްގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، މީރާއިން ހަދައިފައިވާ އުސޫލެއްގައި ދުވަހުން ބަޔާންކޮށްފައިވާ މުއްދަތުތައް ގުނާނީ، ރަސްމީ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައެވެ.

(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޤާނޫނުގެ 43 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު ގުނާނީ، ރަސްމީ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެންނެވެ. އެހެން ނަމަވެސް، އެ މުއްދަތު ހަމަވަނީ ރަސްމީ ބަންދު ދުވަހަކަށް ނުވަތަ ސަރުކާރު ބަންދު ދުވަހަކަށް ކަމަށްވާނަމަ، އެ މުއްދަތު ހަމަވާ ތާރީޚަކީ އެ ބަންދު ދުވަހަށް ފަހު އެންމެ އަވަހަށް އަންނަ ރަސްމީ މަސައްކަތު ދުވަހެވެ.

72. ޓެކްސް ދައްކާ ފަރާތް މަރުވުން

(ހ) ޓެކްސް ދައްކާ މީހަކު މަރުވެއްޖެނަމަ، އޭނާ މަރުވި ދުވަހުން ފެށިގެން، ލަސްވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އޭނާގެ ވާރިސުން އެ ކަން މީރާއަށް އަންގަންވާނެއެވެ. މި ގޮތަށް އަންގާއިރު، އެ މީހާ މަރުވިކަން އެނގޭނެ ރަސްމީ ލިޔުމެއް ނުވަތަ ލިޔުމެއްގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

(ށ) މަރުވި މީހާގެ ޓެކުހާ ގުޅޭ އިލްތިޒާމުތަކަށް ޒިންމާވާނެ ފަރާތެއް ނުވަތަ ފަރާތްތަކެއް ކަނޑައެޅުމަށް ޓަކައި، އެ މީހާ މަރުވި ދުވަހުން ފެށިގެން ލަސްވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެ މައްސަލަ ޝަރުޢީ ކޯޓަށް ހުށަހެޅުމަކީ އޭނާގެ ވާރިސުންގެ ޒިންމާއެކެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް، މަރުވި މީހާގެ ވާރިސުން ޢަމަލުކޮށްފައި ނުވާނަމަ، މަރުވި މީހާގެ ޓެކުހާ ގުޅޭ އިލްތިޒާމުތަކަށް ޒިންމާވާނެ ފަރާތެއް ނުވަތަ ފަރާތްތަކެއް ކަނޑައެޅުމަށް ޓަކައި މީރާއަށް އެ މައްސަލަ ޝަރުޢީ ކޯޓަށް ހުށަހެޅިދާނެއެވެ.

(ރ) ޓެކްސް ދައްކާ ފަރާތް މަރުވެފައިވީ ނަމަވެސް، ދިރިހުރި މީހަކަށް ލިބިދެވޭ ފަދައިން ޓެކްސް ޤާނޫނުތަކުގެ ދަށުން ލިބިދޭ އެންމެހައި ޙައްޤުތައް، މަރުވި މީހާގެ ޓެކުހާ ގުޅޭ އިލްތިޒާމުތަކަށް ޒިންމާވާ ފަރާތަށް ލިބިދޭންވާނެއެވެ.

(ބ) މި މާއްދާ ތަންފީޒުކުރުމުގެ ބޭނުމަށް، އަންނަނިވި މަޢުލޫމާތު ހޯދުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގައްޔާއި ޝަރުޢީ ކޯޓުތަކުގައި މީރާއިން އެދެވިދާނެއެވެ.

(1) މަރުވި މީހާގެ ޓެކުހާ ގުޅޭ އިލްތިޒާމުތަކަށް ޒިންމާވާނެ ފަރާތެއް ނުވަތަ ފަރާތްތަކެއް، މި މާއްދާގެ (ށ) ގެ ދަށުން  ކަނޑައެޅުމަށް ޓަކައި، ޝަރުޢީ ކޯޓަށް ހުށަހަޅައިފައިވާ ފަރާތްތަކުގެ ނަމާއި އެޑްރެހާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ނުވަތަ ޕާސްޕޯޓު ނަންބަރާއި ގަޟިއްޔާ ނަންބަރު؛

(2) މި މާއްދާގެ (ބ) ގެ (1) ވަނަ ނަންބަރު ރައްދުވާ، މަރުވި މީހާގެ ނަމާއި، އެޑްރެހާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ނުވަތަ ޕާސްޕޯޓު ނަންބަރު.

73. (އުނިކޮށްފައި).

74. (އުނިކޮށްފައި).

75. (އުނިކޮށްފައި).

75-1. ބެނެފިޝަލް އޯނަރޝިޕްގެ މަޢުލޫމާތު

(ހ) ބެނެފިޝަލް އޯނަރޝިޕްގެ މަޢުލޫމާތު، އަންނަނިވި ހާލަތުތަކުގައި މީރާއަށް ނެގިދާނެއެވެ.

(1) ޤާނޫނުގެ 51 ވަނަ މާއްދާ ނުވަތަ 1-51 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ އެއްބަސްވުމެއްގެ ދަށުން އެދޭ އެދުމެއްގެ ބޭނުމަށް؛

(2) ޤާނޫނުގެ 51 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ އެއްބަސްވުމެއްގެ ދަށުން ލިބިދެވޭ ޢިނާޔަތްތަކާއި ލުއިތައް ތަންފީޛު ކުރުމުގެ ބޭނުމަށް؛

(3) މީރާއިން ކުރިއަށް ގެންދާ އޮޑިޓެއް ނުވަތަ ތަޙުޤީޤެއްގެ ބޭނުމަށް؛

(4) އިންޓަރނޭޝަނަލް ޓެކްސް ކޮމްޕްލައަންސް ރިސްކްތައް ދެނެގަތުމަށް.

(ށ) މި މާއްދާގެ (ހ) ގެ (1) ގެ ބޭނުމަށް މީރާއިން ހޯދާ ބެނެފިޝަލް އޯނަރޝިޕްގެ މަޢުލޫމާތު ހިއްސާކުރާނީ ނުވަތަ ބަދަލުކުރާނީ އެ އެއްބަސްވުމެއްގައި ކަނޑައަޅައިފައިވާ ގޮތުގެ މަތިންނެވެ.

(ނ) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ޤާނޫނުގެ 51 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ދިވެހިރާއްޖެ ފިޔަވައި އެ އެއްބަސްވުމެއްގައި ބައިވެރިވެފައިވާ އެހެން ޤައުމެއްގައި ވަޒަންވެރިވެފައިވާ ފަރާތަކަށް އެ އެއްބަސްވުމެއްގެ ދަށުން ލިބިދެވޭ ޢިނާޔަތްތަކާއި ލުއިތައް ލިބޭނީ، އެ ފަރާތުގެ ބެނެފިޝަލް އޯނަރުން ވެސް އެ ޤައުމެއްގައި ވަޒަންވެރިވެފައިވާ ނަމައެވެ.

75-2. އުވައިލެވޭ ޓެކްސް ރޫލިންގތައް

(ހ) ގަވާއިދު ނަންބަރު R-40/2021 (ގަވާއިދު ނަންބަރު 2013/R-45، ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދު) އަށް ޢަމަލުކުރާން ފަށާ ތާރީޚުން ފެށިގެން، ޓެކްސް ރޫލިންގ TR-2015/A2 (އިއުތިރާޒުކުރާ މައްސަލަ ބަލާ މަރުޙަލާގައި ލިޔެކިޔުން ހުށަހެޅުން) އުވުނީއެވެ.

(ށ) ގަވާއިދު ނަންބަރު 2023/R-88 (ގަވާއިދު ނަންބަރު 2013/R-45، ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދަށް 7 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދު) އަށް ޢަމަލުކުރާން ފަށާ ތާރީޚުން ފެށިގެން، ޓެކްސް ރޫލިންގ TR-2017/A11 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން ފަރުދުންނާއި "ޑީމްޑް ޕާޓްނަރޝިޕް" ރަޖިސްޓަރީކުރުން) އުވުނީއެވެ.

75-3. ޓެކްސް ރޫލިންގ އިޞްލާޙުކުރުން

ގަވާއިދު ނަންބަރު 2023/R-88 (ގަވާއިދު ނަންބަރު 2013/R-45، ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދަށް 7 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދު) އަށް  ޢަމަލުކުރާން ފަށާ ތާރީޚުން ފެށިގެން، ޓެކްސް ރޫލިންގ TR-2017/A12 (ޓެކްސް ބަޔާން އިޞްލާޙުކުރުން) ގެ 8 ވަނަ ޕެރެގްރާފް އުވުނީއެވެ.

76. ޓެކްސްއާބެހޭ ޤާނޫނުތަކާ އެކުގައި މި ގަވާއިދު ކިޔުން

މި ގަވާއިދު ކިޔާނީ ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އާއި ޓެކްސްއާބެހޭ ޤާނޫނުތަކާއި އެ ޤާނޫނުތަކުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާ އެކުގައެވެ. އަދި މި ގަވާއިދުގައި މާނަކޮށްފައިނުވާ ކޮންމެ ލަފުޒެއް ނުވަތަ ޢިބާރާތެއް، ކަނޑައެޅިގެން އެހެން ގޮތަކަށް ދޭހަނުވާހާ ހިނދަކު މާނަކުރާނީ، އެ ޤާނޫނުތަކާއި ގަވާއިދުތަކުގައި އެ ލަފުޒެއް ނުވަތަ ޢިބާރާތެއް މާނަކޮށްފައިވާ ގޮތަކަށެވެ.

77. މާނަކުރުން

(ހ) މި ގަވާއިދުގެ ބޭނުމަށް، އެކަހެރި ނަމުގެ ތެރޭގައި ގިނަ ނަން އަދި ގިނަ ނަމުގެ ތެރޭގައި އެކަހެރި ނަން ހިމެނެއެވެ.

(ށ) (އުނިކޮށްފައި)

(ނ) "ކޮމިޝަނަރ ޖެނެރަލް" ކަމަށް ބުނެފައި އެ ވަނީ، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ ދަށުން ޢައްޔަންކޮށްފައިވާ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަށެވެ.

"އެމް.އެމް.އޭ" ކަމަށް ބުނެފައި އެ ވަނީ، ޤާނޫނު ނަންބަރު 6/81 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު) ގެ ދަށުން އުފައްދައިފައިވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށެވެ.

"ވިޔަފާރި" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 25/2019 (އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު) ގެ 79 ވަނަ މާއްދާގެ (ހހ) ގައި "ވިޔަފާރި" އަށް ދީފައިވާ މާނައިގައެވެ.

"ވިޔަފާރި ހިންގާ ތަންތަން" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 25/2019 (އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު) ގެ 79 ވަނަ މާއްދާގެ (ހހ) ގައި ބަޔާންކޮށްފައިވާ ވިޔަފާރިއެއް ހިންގާ ތަންތަނަށެވެ.

"މީރާ" ކަމަށް ބުނެފައި އެ ވަނީ، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ ދަށުން އުފައްދައިފައިވާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށެވެ.

"ފައިސާ" ކަމަށް ބުނެފައި އެ ވަނީ، ފައިސާއާއި ފައިސާއިން އަގުކުރެވޭ ކޮންމެ އެއްޗެއް ހިމެނޭގޮތުންނެވެ.

"ޤާނޫނު" ކަމަށް ބުނެފައި އެ ވަނީ، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އާއި އެ ޤާނޫނަށް ގެނެސްފައިވާ އިޞްލާޙުތައް ހިމެނޭ ގޮތުންނެވެ.

"ޖީ.އެސް.ޓީ" ކަމަށް ބުނެފައި އެ ވަނީ، ޤާނޫނު ނަންބަރު 10/2010 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) ގެ ދަށުން، ދިވެހިރާއްޖޭގައި ވިއްކާ މުދަލާއި ދޭ ޚިދުމަތުގެ އަގުން ނެގޭ ޓެކުހަށެވެ.

"ވިޔަފާރި ޙަރަކާތް" ކަމަށް ބުނެފައި އެ ވަނީ، ވިޔަފާރީގެ ތެރޭގައި ހިމެނޭ ވަކިވަކި ޙަރަކާތްތަކަށެވެ. މިސާލަކަށް ފިހާރައެއް، ރެސްޓޯރަންޓެއް، ޓޫރިސްޓް ރިޒޯޓެއް، ޓޫރިސްޓް އުޅަނދެއް، ކުއްޔަށްދީފައިވާ ގެއެއް.

"ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު) ގެ 1-21 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދައިފައިވާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށެވެ.

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ