ޤާނޫނާއި ގަވާއިދު

×

ރެމިޓަންސް ޓެކްސް ގަވާއިދު

2016/R-86

ނެރުނު ތާރީޚް: 29 ސެޕްޓެންބަރު 2016
ކޮންސޮލިޑޭޓް ކުރެވުނު ތާރީޚް: 16 ޖަނަވަރީ 2017
ޑައުންލޯޑް: | އިނގިރޭސި | ދިވެހި |

1. ތައާރަފާއި ނަން

(ހ) މިއީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 93 ވަނަ މާއްދާގެ ދަށުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ލިބިފައިވާ ބާރުގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ "ރެމިޓެންސް ޓެކްސް ގަވާއިދު" އެވެ.

2. މަގުސަދު

މި ގަވާއިދުގެ މަގުސަދަކީ، ޤާނޫނުގެ 11 ވަނަ ބާބުގެ ދަށުން ރެމިޓެންސް ޓެކްސް ނެގޭނެ އުސޫލުތަކާއި ހަމަތައް ކަނޑައެޅުމެވެ.

3. ރެމިޓެންސް ޓެކުހަށް ރަޖިސްޓަރީކުރުން

(ހ) މި ގަވާއިދަށް ޢަމަލުކުރަން ފަށާއިރު ދިވެހިރާއްޖޭގައި ހިންގާ ބޭންކުތަކާއި ފައިސާ ފޮނުވައިދިނުމުގެ ޚިދުމަތްދޭ އޭޖެންސީތައް، މި ގަވާއިދަށް ޢަމަލުކުރަން ފެށުމާއެކު މީރާއިން ރެމިޓެންސް ޓެކުހަށް ރަޖިސްޓަރީކުރުމަށްފަހު، ކަމާބެހޭ މައުލޫމާތު އެ ފަރާތަށް ފޯރުވައިދެވޭނެއެވެ.

(ށ) މި ގަވާއިދަށް ޢަމަލުކުރަން ފަށާ ފަހުން ދިވެހިރާއްޖޭގައި ޤާއިމްކުރާ ބޭންކުތަކާއި ފައިސާ ފޮނުވައިދިނުމުގެ ޚިދުމަތްދޭ އޭޖެންސީތައް، އެ ފަރާތަކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ލައިސަންސް ދޫކުރާ ތާރީޚުން ފެށިގެން މީރާއިން ރެމިޓެންސް ޓެކުހަށް ރަޖިސްޓަރީކުރުމަށްފަހު، ކަމާބެހޭ މައުލޫމާތު އެ ފަރާތަށް ފޯރުވައިދެވޭނެއެވެ.

(ނ) ބޭންކުތަކާއި ފައިސާ ފޮނުވައިދިނުމުގެ ޚިދުމަތްދޭ އޭޖެންސީތައް ރެމިޓެންސް ޓެކުހަށް ރަޖިސްޓަރީކުރެވޭނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކަމާބެހޭ ލައިސަންސް ދޫކޮށްފައިވާ ފަރާތުގެ ނަމުގައެވެ. އަދި ކޮންމެ ބޭންކެއް އަދި ފައިސާ ފޮނުވައިދިނުމުގެ ޚިދުމަތްދޭ އޭޖެންސީއެއް ރެމިޓެންސް ޓެކުހަށް ރަޖިސްޓަރީކުރެވޭނީ ވަކިންނެވެ.

(ރ) ބޭންކަކަށް ނުވަތަ ފައިސާ ފޮނުވައިދިނުމުގެ ޚިދުމަތްދޭ އޭޖެންސީއަކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ލައިސަންސް ދޫކުރާ ތާރީޚުން ފެށިގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި ދުވަހުގެ ތެރޭގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން މީރާއަށް އެ ކަން ލިޔުމުން އަންގަންވާނެއެވެ.

4. ޓިން

މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކުރާ ކޮންމެ ބޭންކަކަށާއި ފައިސާ ފޮނުވައިދިނުމުގެ ޚިދުމަތްދޭ އޭޖެންސީއަކަށް ޓެކްސްޕޭޔަރ އައިޑެންޓިފިކޭޝަން ނަންބަރު (ޓިން) އެއް ދެވޭނެއެވެ.

5. ރެމިޓެންސް ޓެކްސް ރެޖިސްޓްރޭޝަން ސެޓްފިކެޓް

(ހ) މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކުރާ ކޮންމެ ބޭންކަކަށާއި ފައިސާ ފޮނުވައިދިނުމުގެ ޚިދުމަތްދޭ އޭޖެންސީއަކަށް ރެމިޓެންސް ޓެކްސް ރެޖިސްޓްރޭޝަން ސެޓްފިކެޓެއް ދޫކުރެވޭނެއެެވެ.

(ށ) ރަޖިސްޓަރީކޮށްފައިވާ ކޮންމެ ތަނަކުންމެ، އެ ތަނަކީ ރެމިޓެންސް ޓެކުހަށް ރަޖިސްޓަރީކޮށްފައިވާ ތަނެއް ކަން އަންގައިދިނުމުގެ ބޭނުމަށް، މީރާއިން ދޫކޮށްފައިވާ ރެމިޓެންސް ރެޖިސްޓްރޭޝަން ސެޓްފިކެޓް އާންމުކޮށް ފެންނަން ހުންނާނެހެން އެ ތަނެއްގައި ބަހައްޓަންވާނެއެވެ.

6. ރަޖިސްޓަރީ ބާޠިލުކުރުން

(ހ) ބޭންކެއްގެ ނުވަތަ ފައިސާ ފޮނުވައިދިނުމުގެ ޚިދުމަތްދޭ އޭޖެންސީއެއްގެ ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބާޠިލުކުރާ ތާރީޚުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، އެ ފަރާތުގެ ރެމިޓެންސް ޓެކްސް ރެޖިސްޓްރޭޝަން ބާޠިލުކުރުމަށް އެދި އެ ހުއްދަ އޮތް ފަރާތުން މީރާއަށް ލިޔުމުން ހުށަހަޅަންވާނެއެވެ.

(ށ) ބޭންކެއްގެ ނުވަތަ ފައިސާ ފޮނުވައިދިނުމުގެ ޚިދުމަތްދޭ އޭޖެންސީއެއްގެ ލައިސަންދް ބާޠިލުކުރާ ތާރީޚުން ފެށިގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން މީރާއަށް އެ ކަން ލިޔުމުން އަންގަންވާނެއެވެ.

7. "ދިވެހިރާއްޖެއިން ބޭރަށް ފައިސާ ފޮނުވުން"

(ހ) ޤާނޫނުގެ 11 ވަނަ ބާބުގެ ބޭނުމަށް، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ކުރާ އަންނަނިވި ކަންކަމަކީ ދިވެހިރާއްޖެއިން ބޭރަށް ފައިސާ ފޮނުވުން ކަމުގައި ބެލެވޭނެއެވެ.

(1) ބޭންކެއް ނުވަތަ ފައިސާ ފޮނުވައިދިނުމުގެ ޚިދުމަތްދޭ އޭޖެންސީއެއް މެދުވެރިކޮށް ދިވެހިރާއްޖެއިން ބޭރަށް ފައިސާ ފޮނުވުން.

(2) ދިވެހިރާއްޖޭގައި ހުޅުވާފައިވާ ބޭންކު އެކައުންޓުގައި ހުރި ފައިސާ، ދިވެހިރާއްޖެއިން ބޭރުން ނަގުދު ފައިސާގެ ގޮތުގައި ނެގުން.

(3) ދިވެހިރާއްޖޭގައި ހިންގާ ބޭންކަކުން ދޫކޮށްފައިވާ ޕްރީޕެއިޑް ކޭޝް ކާޑެއް ބޭނުންކޮށްގެން، ދިވެހިރާއްޖެއިން ބޭރުން ނަގުދު ފައިިސާ ނެގުން

(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ މުޢާމަލާތްތަކަށް މި ގަވާއިދުގެ ދަށުން ރެމިޓެންސް ޓެކްސް ދައްކަންޖެހޭނީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ކަނޑައަޅާ ތާރީޚަކުން ފެށިގެންނެވެ.

8. ޓެކްްސް ހިސާބުކުރުން

ޤާނޫނުގެ 89 ވަނަ މާއްދާގެ ބޭނުމަށް، "ރެމިޓެންސް ޓެކްސް" ގެ ގޮތުގައި މީރާއަށް ދައްކަންޖެހޭ އަދަދު ހިސާބުކުރާނީ އަންނަނިވި އުސޫލުންނެވެ.

(ހ) ދިވެހިރާއްޖެއިން ބޭރަށް ފައިސާ ފޮނުވާ މުއާމަލާތްތަކުން ދައްކަންޖެހޭ ރެމިޓެންސް ޓެކްސް ހިސާބުކުރުމުގައި، ބޭންކުން ނުވަތަ ފައިސާ ފޮނުވައިދިނުމުގެ ޚިދުމަތްދޭ އޭޖެންސީން ކަސްޓަމަރުގެ އަތުން އެ މުއާމަލާތަށް ނަގާ ފީއެއް ނުހިމެނޭނެއެވެ.

(ށ) ދިވެހިރާއްޖެއިން ބޭރަށް ފޮނުވާ ފައިސާގެ އަދަދު ބޭންކުތަކުން ރުފިޔާއަށް ބަދަލުކުރާނީ، އެ ފައިސާ ދިވެހިރާއްޖެއިން ބޭރަށް ފޮނުވި ދުވަހު އެ ފައިސާ ބޭންކުން ވިއްކި ރޭޓު ބޭނުންކޮށްގެންނެވެ.

(ނ)  ދިވެހިރާއްޖެއިން ބޭރަށް ފޮނުވާ ފައިސާގެ އަދަދު ފައިސާ ފޮނުވައިދިނުމުގެ ޚިދުމަތްދޭ އޭޖެންސީތަކުން ރުފިޔާއަށް ބަދަލުކުރާނީ:

(1) ދިވެހިރާއްޖެއިން ބޭރަށް ފައިސާ ފޮނުވަނީ އެމެރިކާ ޑޮލަރުންނަމަ، ފައިސާ ފޮނުވި ދުވަހު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އެމެރިކާ ޑޮލަރަށް ކަނޑައަޅައިފައިވާ އެކްސްޗޭންޖް ރޭޓުގެ މަތީ ރޭޓު ބޭނުންކޮށްގެންނެވެ.

(2) ދިވެހިރާއްޖެއިން ބޭރަށް ފައިސާ ފޮނުވަނީ އެމެރިކާ ޑޮލަރު ނޫން އެހެން ފައިސާއަކުންނަމަ، ފައިސާ ފޮނުވި ދުވަހު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ޝާއިޢުކޮށްފައިވާ ކްރޮސް ރޭޓު ބޭނުންކޮށްގެންނެވެ. ފައިސާ ފޮނުވި ދުވަހު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކްރޮސް ރޭޓު ޝާއިޢުކޮށްފައިނުވާނަމަ، އެ ތާރީޚުގެ ކުރިން އެންމެ ފަހުން ޝާއިޢުކޮށްފައިވާ ރޭޓު ބޭނުންކޮށްގެންނެވެ.

9. ފައިސާ ފޮނުވާ ފަރާތްތަކުގެ އަތުން ޓެކްސް ނެގުން

(ހ) ދިވެހިރާއްޖެއިން ބޭރަށް ފައިސާ ފޮނުވާ ފަރާތްތަކުން ބޭންކުތަކަށާއި ފައިސާ ފޮނުވައިދިނުމުގެ ޚިދުމަތްދޭ އޭޖެންސީތަކަށް ރެމިޓެންސް ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ އަދަދު ދިވެހި ރުފިޔާ ނޫން އެހެން ފައިސާއަކުން ދެއްކުމަށް ބޭންކުތަކަށާއި ފައިސާ ފޮނުވައިދިނުމުގެ ޚިދުމަތްދޭ އޭޖެންސީތަކަށް އެ ތަންތަނުން މަޖުބޫރުކޮށްގެން ނުވާނެއެވެ.

(ށ) ވާކް ވީޒާ ލިބިފައިވާ ބިދޭސީންނާއި ވާކް ވީޒާ ލިބިގެން މެނުވީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުން މަނާ ބިދޭސީން ފިޔަވައި އެ ނޫން ފަރާތްތަކުގެ އަތުން ރެމިޓެންސް ޓެކްސް ނަގައިގެން ނުވާނެއެވެ. ދިވެހިރާއްޖެއިން ބޭރަށް ފައިސާ ފޮނުވާ ފަރާތަކީ ވާކް ވީޒާ ނޫން އެހެން ވީޒާއެއް އޮތް ބިދޭސީއެއްކަން ބޭންކަށް ނުވަތަ ފައިސާ ފޮނުވައިދިނުމުގެ ޚިދުމަތްދޭ އޭޖެންސީއަށް ޔަގީންކުރެވެން ނެތްނަމަ، ނުވަތަ ސައްހަ ވީޒާއެއް އޮތް ފަރާތެއްކަން ނުވަތަ ވީޒާގެ މުއްދަތު ހަމަނުވާކަން ކަށަވަރުނުކުރެވޭނަމަ، އެ މުއާމަލާތުން ޤާނޫނާއި މި ގަވާއިދުގައިވާ ގޮތުގެ މަތިން ރެމިޓެންސް ޓެކްސް ނަގަންޖެހޭނެއެވެ. 

(ނ) މި މާއްދާގެ (ށ) ގެ ދަށުން ރެމިޓެންސް ޓެކްސް ނަގައިފައިވާ ފަރާތަކުން، އެ ފަރާތަކީ ރެމިޓެންސް ޓެކްސް ދައްކަން ފަރާތެއް ނޫންކަމަށް ފަހުން ސާބިތުކޮށްދީފިނަމަ، ރެމިޓެންސް ޓެކްސްގެ ގޮތުގައި އެ ފަރާތުގެ އަތުން ނެގުނު ފައިސާ އަނބުރާ ދޭންވާނެއެވެ.

10. ރެމިޓެންސް ޓެކްސް ދެއްކުމުން ބަރީޢަވުމަށް ކުރާ ކަންކަން

(ހ) "ޑިޕެންޑެންޓް ވީޒާ" އެއް އޮތް، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއެއްގެ ޑިޕެންޑެންޓެއް، މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގެ (1) ގައިވާ ގޮތަށް ދިވެހިރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން، ޤާނޫނާއި މި ގަވާއިދުގައިވާ ގޮތުގެ މަތިން ރެމިޓެންސް ޓެކްސް ދައްކަންޖެހޭނެއެވެ.

(ށ) ދިވެހި ރައްޔިތެއް، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއެއްގެ ފަރާތުން މި ގަވާއިދުގެ (7) ވަނަ މާއްދާގެ (ހ) ގެ (1) ގައިވާ ގޮތަށް ދިވެހިރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން، ޤާނޫނާއި މި ގަވާއިދުގައިވާ ގޮތުގެ މަތިން ރެމިޓެންސް ޓެކްސް ދައްކަންޖެހޭނެއެވެ.

(ނ) ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއަކަށް ދިވެހިރާއްޖޭގައި ބޭންކު އެކައުންޓެއް ހުޅުވައިފައި ނެތުމުގެ ސަބަބުން ނުވަތަ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއެއް ވަޒީފާއިން ވަކިވުމުން ދިވެހިރާއްޖޭގައި ހުޅުވައިފައިވާ އޭނާގެ ބޭންކު އެކައުންޓު ބަންދުކުރުމުގެ ސަބަބުން ވަޒީފާ ދިން ފަރާތުން އެ ބިދޭސީ މުވައްޒަފު އެހެން ގައުމެއްގައި ހުޅުވައިފައިވާ ބޭންކު އެކައުންޓަކަށް ފައިސާ ފޮނުވާނަމަ، އެ ފައިސާއިން ޤާނޫނާއި މި ގަވާއިދުގައިވާ ގޮތުގެ މަތިން ރެމިޓެންސް ޓެކްސް ދައްކަންޖެހޭނެއެވެ.

(ރ)  ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއެއް، ނުވަތަ "ޑިޕެންޑެންޓް ވީޒާ" އެއް އޮތް، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއެއްގެ ޑިޕެންޑެންޓެއް، ނުވަތަ ދިވެހި ރައްޔިތެއް، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ އެހެން ބިދޭސީއެއް ގެ ފައިސާ ދިވެހިރާއްޖެއިން ބޭރަށް ގެންދަން މަސައްކަތްކޮށްފިނަމަ، އެއީ ރެމިޓެންސް ޓެކްސް ދެއްކުމުން ބަރީޢަވުމަށް ކުރި ކަމެއްގެ ގޮތުގައި ޤާނޫނުގެ 92 ވަނަ މާއްދާގެ (ށ) ގެ ދަށުން ބެލެވޭނެއެވެ.

 

11. ރެމިޓެންސް ޓެކްސް ބަޔާން

(ހ) ބޭންކުތަކާއި ފައިސާ ފޮނުވައިދިނުމުގެ ޚިދުމަތްދޭ އޭޖެންސީތަކުން ރެމިޓެންސް ޓެކްސް ހިސާބުކުރާނީ، އަދި ޤާނޫނުގެ 91 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރެމިޓެންސް ޓެކްސް ބަޔާން މީރާއަށް ހުށަހަޅާނީ، ޤާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިންނެވެ.

(ށ) ބޭންކުތަކާއި ފައިސާ ފޮނުވައިދިނުމުގެ ޚިދުމަތްދޭ އޭޖެންސީތަކުން ކޮންމެ ކަލަންޑަރު މަހަކާ ގުޅޭ ގޮތުން MIRA 520 (ރެމިޓެންސް ޓެކްސް ބަޔާން) ތައްޔާރުކޮށް، ޖެހިގެން އަންނަ މަހުގެ 15 ވަަނަ ދުވަހުގެ ނިޔަލަށް މީރާއަށް އެ ބަޔާން ހުށަހަޅަންޖެހޭނެއެވެ.

(ނ) ބޭންކު ނުވަތަ ފައިސާ ފޮނުވައިދިނުމުގެ ޚިދުމަތްދޭ އޭޖެންސީ މެދުވެރިކޮށް ރެމިޓެންސް ޓެކްސް ދައްކަންޖެހޭ މުއާމަލާތެއް ނުހިނގިކަމުގައި ވިޔަސް، އެ ތަނުގެ ރެމިޓެންސް ޓެކްސް ރެޖިސްޓްރޭޝަން ބާޠިލުނުކުރާހާ ހިނދަކު، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރެމިޓެންސް ޓެކްސް ބަޔާން، އެ އަކުރުގައިވާ ގޮތުގެ މަތިން މީރާއަށް ހުށަހަޅަންޖެހޭނެއެވެ.

12. އިންފޮމޭޝަން ޝީޓު ހުށަހެޅުން

ބޭންކުތަކާއި ފައިސާ ފޮނުވައިދިނުމުގެ ޚިދުމަތްދޭ އޭޖެންސީތަކުން ހުށަހަޅާ ރެމިޓެންސް ބަޔާނާއެކު، މީރާއިން ކަނޑައަޅާ ފޯމެޓެއްގައި އިންފޮމޭޝަން ޝީޓެއް ހުށަހަޅަންވާނެއެވެ. މި އިންފޮމޭޝަން ޝީޓުގައި، އެ މަހުގެ ތެރޭގައި އެ ތަނުން ކޮށްފައިވާ ރެމިޓެންސް ޓެކްސް ދައްކަންޖެހޭ އެންމެހައި މުއާމަލާތްތަކާބެހޭ މައުލޫމާތު ހިމަނަންވާނެއެވެ.

13. އޮންލައިންކޮށް ރެމިޓެންސް ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުން ލާޒިމިކުރުން

(ހ) މި ގަވާއިދުގެ 11 ވަނަ މާއްދާގެ ދަށުން ހުށަހަޅަންޖެހޭ ރެމިޓެންސް ޓެކްސް ބަޔާނާއި، މި ގަވާއިދުގެ 12 ވަނަ މާއްދާގެ ދަށުން ހުށަހަޅަންޖެހޭ އިންފޮމޭޝަން ޝީޓު މީރާއަށް ހުށަހަޅަންވާނީ، މީރާގެ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. 

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޓެކްސް ދައްކާ ފަރާތުން ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން، އެ ނޫން ގޮތްގޮތުން ހުށަހަޅާ ރެމިޓެންސް ޓެކްސް ބަޔާންތަކާއި ދައްކާ ފައިސާ ބަލައިގަތުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަނަށް ލިބިގެންވެއެވެ. އަދި އެ ފަދަ ހާލަތެއްގައި މީރާއަށް ހުށަހަޅާ ރެމިޓެންސް ޓެކްސް ބަޔާނުގައި ސޮއިކުރަންވާނީ، ޓެކްްސް ދައްކާ ފަރާތުން ހުށަހަޅާ ޓެކްސް ބަޔާންތަކުގައި ސޮއިކުރުމުގެ ހުއްދަ ދީފައިވާ ފަރާތްތައް ކަމަށް MIRA 101 (ޓެކްސް ދައްކާ ފަރާތް ރަޖިސްޓަރީކުރުން) ފޯމު މެދުވެރިކޮށް މީރާއަށް އަންގައިފައިވާ ފަރާތްތަކުންކުރެ ފަރާތެކެވެ.

14. ޓެކްސް ބަޔާން އިސްލާހުކުރުން

(ހ) ބޭންކަކުން ނުވަތަ ފައިސާ ފޮނުވައިދިނުމުގެ ޚިދުމަތްދޭ އޭޖެންސީއަކުން މި ގަވާއިދުގެ 11 ވަނަ މާއްދާގައި ވާ ގޮތުގެ މަތިން ރެމިޓެންސް ޓެކްސް ބަޔާން ހުށަހެޅުމަށްފަހު، އެ ބަޔާން ހުށަހަޅަންޖެހޭ ތާރީޚުން ފެށިގެން ހިނގާ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި މީރާއަށް ހުށަހަޅާ އިސްލާހުކުރެވިފައިވާ ރެމިޓެންސް ޓެކްސް ބަޔާނެއް މެދުވެރިކޮށް އެ ބަޔާން އިސްލާހުކުރެވިދާނެއެވެ.

(ށ) ބޭންކެއް ނުވަތަ ފައިސާ ފޮނުވައިދިނުމުގެ ޚިދުމަތްދޭ އޭޖެންސީއެއް މި މާއްދާގެ (ހ) ގެ ދަށުން އިސްލާހުކުރެވިފައިވާ ރެމިޓެންސް ބަޔާނެއް ހުށަހަޅާނަމަ، އެ ބަޔާން އިސްލާހުކުރަން ޖެހުނު ސަބަބު ތަފުސީލާއި ކަމާ ގުޅޭ ލިޔެކިޔުންތައް އެ ބަޔާނާއެކު ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) އާ އެއްގޮތްވާ ގޮތުގެ މަތިން ހުށަހަޅާ އިސްލާހުކުރެވިފައިވާ ރެމިޓެންސް ޓެކްސް ބަޔާނުގައި އެ ބޭންކުން ނުވަތަ ފައިސާ ފޮނުވައިދިނުމުގެ ޚިދުމަތްދޭ އޭޖެންސީން ދައްކަންޖެހޭ ޓެކުހުގެ ގޮތުގައި ކަނޑައަޅައިފައިވާ އަދަދަކީ، އެ މުއްދަތަށް އެ ތަނުން އެންމެ ފަހުން ހުށަހެޅި ރެމިޓެންސް ޓެކްސް ބަޔާނުގައި އެ ބޭންކުން ނުވަތަ ފައިސާ ފޮނުވައިދިނުމުގެ ޚިދުމަތްދޭ އޭޖެންސީން ދައްކަންޖެހޭ ޓެކުހުގެ ގޮތުގައި ކަނޑައަޅައިފައިވާ އަދަދަށްވުރެ ދަށް އަދަދެއްނަމަ، އިސްލާހުކުރެވިފައިވާ ބަޔާން މީރާއަށް ގަބޫލުކުރާނީ އެ ބަޔާން ރިވިއުކުރުމަށްފަހުގައެވެ.

(ރ) މި މާއްދާގެ (ށ) އާ އެއްގޮތްވާ ގޮތުގެ މަތިން ހުށަހަޅާ އިސްލާހުކުރެވިފައިވާ ރެމިޓެންސް ޓެކްސް ބަޔާނުގައި އެ ބޭންކުން ނުވަތަ ފައިސާ ފޮނުވައިދިނުމުގެ ޚިދުމަތްދޭ އޭޖެންސީން ދައްކަންޖެހޭ ޓެކުހުގެ ގޮތުގައި ކަނޑައަޅައިފައިވާ އަދަދަކީ، އެ މުއްދަތަށް އެ ތަނުން އެންމެ ފަހުން ހުށަހެޅި ރެމިޓެންސް ޓެކްސް ބަޔާނުގައި އެ ބޭންކުން ނުވަތަ ފައިސާ ފޮނުވައިދިނުމުގެ ޚިދުމަތްދޭ އޭޖެންސީން ދައްކަންޖެހޭ ޓެކުހުގެ ގޮތުގައި ކަނޑައަޅައިފައިވާ އަދަދާ އެއްވަރުގެ ނުވަތަ އެއަށްވުރެ ބޮޑު އަދަދެއްނަމަ، އިސްލާހުކުރެވިފައިވާ ބަޔާން ރިވިއުކުރުމަކާނުލައި މީރާއިން އެ ބަޔާން ގަބޫލުކުރާނެއެވެ.

(ބ) މި މާއްދާގެ (ނ) ރައްދުވާނަމަ:

(1) އިސްލާހުކުރެވިފައިވާ ރެމިޓެންސް ޓެކްސް ބަޔާން ގަބޫލުކުރާނީ އެ ބަޔާން މީރާއިން އިވިއުކުރުމަށްފަހުގައި ކަން އެ ބޭންކަށް ނުވަތަ ފައިސާ ފޮނުވައިދިނުމުގެ ޚިދުމަތްދޭ އޭޖެންސީއަށް ލިޔުމުން އަންގަންވާނެއެވެ.

(2) އިސްލާހުކުރެވިފައިވާ ރެމިޓެޖްސް ޓެކްސް ބަޔާން މީރާއިން ރިވިއުކޮށް އެ ބަޔާން ގަބޫލުކުރުމުގެ ކުރިން، އެ ބަޔާނާ ގުޅިގެން އުފެދޭ ކްރެޑިޓް ނުވަތަ ރީފަންށް އެހެން އެއްވަސް އަދަދަކާ އަޅާ ނުކެނޑޭނެއެވެ.

(ޅ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ރިވިއުގެ ނަތީޖާ، އެ ބޭންކަށް ނުވަތަ ފައިސާ ފޮނުވައިދިނުމުގެ ޚިދުމަތްދޭ އޭޖެންސީއަށް ލިޔުމުން އަންގަންވާނެއެވެ.

15. ޤާނޫނާ ޚިލާފަށް ނަގާ ރެމިޓެންސް ޓެކްސް މީރާއަށް ދައްކަންޖެހުން

(ހ) ޤާނޫނާއި މި ގަވާއިދުގެ ދަށުން ރެމިޓެންސް ޓެކްސް ނެގުން ހުއްދަ ނޫން ފަރާތަކުން ރެމިޓެންސް ޓެކްސް ނަގައިފިނަމަ، ނުވަތަ ރެމިޓެންސް ޓެކްސް ނަގަން ނުޖެހޭ މީހެއްގެ އަތުން ރެމިޓެންސް ޓެކްސް ނަގަން ނުޖެހޭ މީހެއްގެ އަތުން  ރެމިޓެންސް ޓެކްސް ނަގައިފިނަމަ، ނުވަތަ ނަގަންޖެހޭ އަދަދަށްވުރެ އިތުރަށް ރެމިޓެންސް ޓެކްސް ނަގައިފިނަމަ، އެ ފައިސާ ނެގި ފަރާތުން އެ މީހާއަށް އެ ފައިސާ އަނބުރާ ދޭންވާނެއެވެ.

(ށ) ބޭންކަކުން ނުވަތަ ފައިސާ ފޮނުވައިދިނުމުގެ ޚިދުމަތްދޭ އޭޖެންސީއަކުން ދިވެހިރާއްޖެއިން ބޭރަށް ފޮނުވާ ފައިސާގެ މުއާމަލާތެއް އެއްވެސް ސަބަބަކާހުރެ ބާޠިލުކޮށްފިނަމަ، އެ ފައިިސާ ނެގި ފަރާތުން އެ މީހާއަށް އެ ފައިސާ އަނބުރާ ދޭންވާނެއެވެ. އަދި އެ މީހާއާ އެ ފައިސާ ހަވާލުކުރެވެންދެން އެ ފައިސާ މީރާއަށް ހޯދައި، މީރާގައި ބެހެއްޓުމުގެ އިޚްތިޔާރު މީރާއަށް ލިބިގެންވެއެވެ.

16. ރިކޯޑު ބެލެހެއްޓުން

ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަދި ގަވާއިދު ނަންބަރު 2013/R-45 (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު) ގެ ދަށުން ޓެކްސް ދައްކާ ފަރާތްތަކުން ބަލަހައްޓަންޖެހޭ ރިކޯޑުތަކުގެ އިތުރުން، ބޭންކުތަކާއި ފައިސާ ފޮނުވައިދިނުމުގެ ޚިދުމަތްދޭ އޭޖެންސީތަކުން ދައްކަންޖެހޭ ޓެކުހުގެ އަދަދަކީ ސައްހަ އަދަދެއްކަން ދައްކުވައިދޭނެ ލިޔެކިޔުންތަކާއި، ރާއްޖެއިން ބޭރަށް ފައިސާ ފޮނުވައިދިނުމުގެ ހުރިހާ މުއާމަލާތްތަކާބެހޭ މައުލޫމާތާއި ލިޔެކިޔުންތައް ބަލަހައްޓަންވާނެއެވެ.

17. ޖޫރިމަނާ

ރެމިޓެންސް ޓެކުހަށް ރަޖިސްޓަރީ ކުރަންޖެހޭ ފަރާތެއް ރަޖިސްޓަރީ ނުކޮށްފިނަމަ، ނުވަތަ ރެމިޓެންސް ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކުން ރެމިޓެންސް ޓެކްސް ބަޔާން ހުށަނާޅައިފިނަމަ ނުވަތަ ލަހުން ހުށަހަޅައިފިނަމަ، ނުވަތަ ރެމިޓެންސް ޓެކްސް ދައްކަންޖެހޭ ތާރީޚަށް ނުދައްކައިފިނަމަ ނުވަތަ ލަހުން ދައްކައިފިނަމަ، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އާއި ގަވާއިދު ނަންބަރު 2013/R-45 (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު) ގައި ވާ ގޮތުގެ މަތިން އެ ފަރާތެއް ޖޫރިމަނާ ވާނެއެވެ.

18. އެހެން ޤާނޫނުތަކާ އެކުގައި މި ގަވާއިދު ކިޔުން

މި ގަވާއިދު ކިޔާނީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އާއި ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އާއި އެ ޤާނޫނުތަކުން ބާރު ލިބިގެން ހަދާ ގަވާއިދުތަކާ އެކުގައެވެ. އަދި މި ގަވާއިދުގައި މާނަކޮށްފައި ނުވާ ކޮންމެ ލަފުޒެއް ނުވަތަ ޢިބާރާތެއް، ކަނޑައެޅިގެން އެހެން ގޮތަކަށް ދޭހަނުވާ ހިނދަކު މާނަކުރާނީ، އެ ޤާނޫނުތަކުގައި އެ ލަފުޒެއް ނުވަތަ ޢިބާރާތެއް މާނަކޮށްފައިވާ ގޮތަށެވެ.

19. ގަވާއިދަށް ޢަމަލުކުރަން ފެށުން

މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

20. މާނަ ކުރުން

މި ގަވާއިދުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު:

(ހ) "ޤާނޫނު" ކަމަށް ބުނެފައި އެ ވަނީ، ޤާނުނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އަށެވެ.

(ށ) "ބޭންކު" ކަމަށް ބުނެފައި އެ ވަނީ، ޤާނޫނު ނަންބަރު 24/2010 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނު) ގައި "ބޭންކު" އަށް ދެވިފައިވާ މާނައިގައެވެ.

(ނ) "މީރާ" ކަމަށް ބުނެފައި އެ ވަނީ، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށެވެ.

(ރ) "ފައިސާ ފޮނުވައިދިނުމުގެ ޚިދުމަތްދޭ އޭޖެންސީ" ކަމަށް ބުނެފައި އެ ވަނީ، ފައިސާ ފޮނުވައިދިނުމުގެ ޚިދުމަތް ދިވެހިރާއްޖޭގައި ދިނުމުގެ ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކޮށްފައިވާ ފަރާތަކަށެވެ.

(ބ) "ރެމިޓެންސް ޓެކްސް" ކަމަށް ބުނެފައި އެ ވަނީ ޤާނޫނުގެ 89 ވަނަ މާއްދާގެ (ހ) ގެ ދަށުން ނެގޭ ޓެކުހަށެވެ.

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ