ގަވާއިދު ނަންބަރު 2020/R-21 (އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު) އަށް އަންނަނިވި އިޞްލާޙުތައް ގެނައުން.
1. ބުނެވިދިޔަ ގަވާއިދުގެ 4 ވަނަ މާއްދާގެ (ރ) އުނިކުރުން.
4. (ރ) (އުނިކޮށްފައި).
2. ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
7. (ރ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، 1 (އެކެއް) ފަރާތަށް ވުރެ ގިނަ ފަރާތުން އުޖޫރަ ލިބޭ މީހެއް ނަމަ، އަދި އުޖޫރަ ދޭ އެއްވެސް ފަރާތަކުން އެ މީހާ ރަޖިސްޓަރީކޮށްފައި ނުވާ ނަމަ، ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރުމަށް، އުޖޫރަ ލިބޭ މީހާ ހުށަހަޅަންވާނެއެވެ.
3. ބުނެވިދިޔަ ގަވާއިދުގެ 7 ވަނަ މާއްދާގެ (ޅ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
7. (ޅ) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އެއްވެސް ފަރުދަކަށް، ފާއިތުވެދިޔަ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި އެވްރެޖްކޮށް މަހެއްގެ މައްޗަށް ލިބުނު އާމްދަނީގެ ޖުމްލަ -/60,000 (ފަސްދޮޅަސް ހާސް) ރުފިޔާއަށް ވުރެ އިތުރުވެއްޖެ ނަމަ، އަދި އުޖޫރަ ދޭ އެއްވެސް ފަރާތަކުން އެ މީހާ ރަޖިސްޓަރީކޮށްފައި ނުވާ ނަމަ، ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރުމަށް އެ މީހާ ހުށަހަޅަންވާނެއެވެ.
4. ބުނެވިދިޔަ ގަވާއިދުގެ 8 ވަނަ މާއްދާގެ ފަހަތަށް 1-8 ވަނަ މާއްދާއާއި 2-8 ވަނަ މާއްދާގެ ގޮތުގައި އަންނަނިވި ގޮތަށް ދެ މާއްދާ އިތުރުކުރުން.
8-1. ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ ފަރާތްތައް ރަޖިސްޓަރީކުރުން
(ހ) މި ބާބުގެ އެހެން މާއްދާއެއްގައި ބަޔާންކޮށްފައިވާ ރަޖިސްޓަރީކުރަން ލާޒިމުވާ ޝަރުޠެއް ފުރިހަމަނުވި ނަމަވެސް، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް، ޤާނޫނުގެ 55 ވަނަ މާއްދާގެ ދަށުން އުނިކުރަންޖެހޭ ފަރާތްތަކުން، ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރަން ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) އަށް ޢަމަލުކުރާނީ، މި ގަވާއިދުގެ 10 ވަނަ މާއްދާއާ ޚިލާފުނުވާ ގޮތުގެ މަތީންނެވެ.
8-2. ކެޕިޓަލް ގެއިންސް ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ ފަރާތްތައް ރަޖިސްޓަރީކުރުން
(ހ) މި ބާބުގެ އެހެން މާއްދާއެއްގައި ބަޔާންކޮށްފައިވާ ރަޖިސްޓަރީކުރަން ލާޒިމުވާ ޝަރުޠެއް ފުރިހަމަނުވި ނަމަވެސް، ޤާނޫނުގެ 1-50 ވަނަ މާއްދާގެ (ހ) ގެ ދަށުން ޓެކްސް އުނިކުރަންޖެހޭ ފަރާތްތަކުން، ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރަން ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) އަށް ޢަމަލުކުރާނީ، މި ގަވާއިދުގެ 10 ވަނަ މާއްދާއާ ޚިލާފުނުވާ ގޮތުގެ މަތީންނެވެ.
5. ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
12. (ނ) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް ނުވަތަ ދިވެހިރާއްޖޭގައި ވަގުތީގޮތުން ވަޒަންވެރިވެފައިވާ ފަރާތަކަށް ދިވެހިރާއްޖެއިން އާމްދަނީ ލިބުން ނިމުމަކަށް އަތުވެއްޖެ ނަމަ އަދި އެ ފަރާތަކީ މި ގަވާއިދުގެ 2-8 ވަނަ މާއްދާ ރައްދުވާ ފަރާތެއްކަމުގައި ނުވާ ނަމަ، ރަޖިސްޓަރީން އުނިކުރަން އެ ފަރާތުން ހުށަހަޅަންވާނެއެވެ.
6. ބުނެވިދިޔަ ގަވާއިދުގެ 17 ވަނަ މާއްދާގެ (ޅ) ގެ ފަހަތަށް (ކ) އާއި (އ) ގެ ގޮތުގައި އަންނަނިވި ގޮތަށް ދެ އަކުރު އިތުރުކުރުން.
17.
(ކ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އަންނަނިވި ގޮތަށް ފޯރުވައިދޭ، ދިރިއުޅޭނެ ތަނަކީ އުޖޫރައިގެ މާނައިގެ ތެރޭގައި ހިމެނޭ އިނާޔަތެއް ނުވަތަ މަންފާއެއް ނޫނެވެ.
(1) ދިވެހިރާއްޖޭގެ މީހުން ދިރިނޫޅޭ ރަށެއްގައި ފޯރުވައިދޭ ދިރިއުޅޭނެ ތަން؛
(2) ކަނޑު އުޅަނދެއްގައި ވަޒީފާ އަދާކުރާ މީހަކަށް އެ އުޅަނދުގައި ފޯރުވައިދޭ، ދިރިއުޅޭނެ ތަން.
(އ) މި މާއްދާގެ (ކ) ގެ ބޭނުމަށް ދިވެހިރާއްޖޭގެ މީހުން ދިރިނޫޅޭ ރަށެއް ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގައި މާނަކޮށްދީފައިވާ، މީހުން ދިރިއުޅޭ ރަށްތައް ފިޔަވައި ދިވެހިރާއްޖޭގެ ރަށްތަކާއި އަވަށްތަކާއި ސަރަޙައްދުތަކަށެވެ.
7. ބުނެވިދިޔަ ގަވާއިދުގެ 17 ވަނަ މާއްދާގެ ފަހަތަށް 1-17 ވަނަ މާއްދާގެ ގޮތުގައި އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.
17-1. މުވައްޒަފުން ފިޔަވައި އެހެން މީހަކަށް ދިރިނޫޅެވޭ ގޮތަށް، އުޖޫރަދޭ ފަރާތުން ފޯރުވައިދޭ ދިރިއުޅޭނެ ތަން
(ހ) ޤާނޫނުގެ 12 ވަނަ މާއްދާގެ (ޖ) ގެ (7) ވަނަ ނަންބަރުގައި، "މުވައްޒަފުން ފިޔަވައި އެހެން މީހަކަށް ދިރިނޫޅެވޭ ގޮތަށް، އުޖޫރަ ދޭ ފަރާތުން ފޯރުވައިދޭ ދިރިއުޅޭނެ ތަން" ކަމަށް ބުނެފައި އެވަނީ، އުޖޫރަ ދޭ ފަރާތުން ފޯރުވައިދޭ، އެހެން މީހަކަށް ދިރިއުޅެވޭނެ ފަދަ ތަނެއް ފިޔަވައި އެހެން ތަންތަނަށެވެ.
(ށ) އުޖޫރަ ދޭ ފަރާތުން ފޯރުވައިދޭ ދިރިއުޅޭނެ ތަނަކީ، އެ ތަނުގައި ދިރިއުޅޭ މުވައްޒަފު އެކަނި ބޭނުންކުރުމަށް ޚާއްޞަ އަދި އެހެން މުވައްޒަފުންނާއެކު ޙިއްޞާކުރަންނުޖެހޭ ފާޚާނާއެއް ބޭނުންކުރުމުގެ ފުރުޞަތު ލިބިދީފައިވާ ތަނެއް ނަމަ، އެއީ އެހެން މީހަކަށް ދިރިއުޅެވޭނެ ފަދަ ތަނެއް ކަމުގައި (ތަނުގެ ކުޑަބޮޑުމިނަށާއި ފެންވަރަށް ބެލުމެއްނެތި) ބެލެވޭނެއެވެ.
8. ބުނެވިދިޔަ ގަވާއިދުގެ 40 ވަނަ މާއްދާ އުނިކުރުން.
40. ބޭރު ފައިސާއިން ދައްކާ ފައިސާ ރުފިޔާއަށް ބަދަލުކުރުން
(އުނިކޮށްފައި).
9. ބުނެވިދިޔަ ގަވާއިދުގެ 42 ވަނަ މާއްދާގެ (1-ށ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
42.
(1-ށ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އާންމުކޮށް މަހެއްގެ މައްޗަށް އުޖޫރަ ދޭ ފަރާތުން ދޭ ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައިގެ ޖުމްލަ ޢަދަދަކީ -/60,000 (ފަސްދޮޅަސް ހާސް) ރުފިޔާއަށް ވުރެ އިތުރުނޫން ޢަދަދެއް ކަމުގައި ވިޔަސް، އެއްވެސް މަހެއްގެ އުޖޫރައިގެ ޢަދަދު ހިމެނުމުން އެ އަހަރަށް ދެވުނު ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައިގެ ޖުމްލަ ޢަދަދު -/720,000 (ހަތް ލައްކަ ވިހި ހާސް) ރުފިޔާއަށް ވުރެ އިތުރުވެއްޖެ ނަމަ، އަންނަނިވި ގޮތަށް ހިސާބުކުރުމަށްފަހު، އެ އަހަރު ނިމެންދެން ކޮންމެ މަހަކަށް މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަންވާނެއެވެ. މި ގޮތަށް ހިސާބުކުރާ މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސްގެ ޢަދަދުގައި، އެ އަހަރުގައި އުނިކުރަންޖެހުނު މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސްގެ ޢަދަދެއް ނުހިމެނޭނެއެވެ.
| އެ މަހުގެ ނިޔަލަށް އެ އަހަރަށް ދެވުނު ވިތުހޯލްޑިންގ ޓެކްސް ބިނާކުރެވޭ އުޖޫރައިގެ ޖުމްލަ | މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އުނިކުރަންޖެހޭ ރޭޓު |
| 720,000/- (ހަތް ލައްކަ ވިހި ހާސް) ރުފިޔާއަށް ވުރެ ބޮޑު، ނަމަވެސް 1,200,000/- (އެއް މިލިޔަން ދެ ލައްކަ) ރުފިޔާ ނުވަތަ އެއަށް ވުރެ ކުޑަ | 5.5% (ފަހެއް ޕޮއިންޓް ފަހެއް އިންސައްތަ) |
| 1,200,000/- (އެއް މިލިޔަން ދެ ލައްކަ) ރުފިޔާއަށް ވުރެ ބޮޑު، ނަމަވެސް 1,800,000/- (އެއް މިލިޔަން އަށް ލައްކަ) ރުފިޔާ ނުވަތަ އެއަށް ވުރެ ކުޑަ | 8% (އަށެއް އިންސައްތަ) |
| 1,800,000/- (އެއް މިލިޔަން އަށް ލައްކަ) ރުފިޔާއަށް ވުރެ ބޮޑު، ނަމަވެސް 2,400,000/- (ދެ މިލިޔަން ހަތަރު ލައްކަ) ރުފިޔާ ނުވަތަ އެއަށް ވުރެ ކުޑަ | 12% (ބާރަ އިންސައްތަ) |
| 2,400,000/- (ދެ މިލިޔަން ހަތަރު ލައްކަ) ރުފިޔާއަށް ވުރެ ބޮޑު | 15% (ފަނަރަ އިންސައްތަ) |
10. ބުނެވިދިޔަ ގަވާއިދުގެ 58 ވަނަ މާއްދާގެ (ނ) އާއި (ރ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
58.
(ނ) މި ގަވާއިދުގެ 12 ވަނަ މާއްދާގެ ދަށުން ރަޖިސްޓަރީން އެއްވެސް ފަރާތެއް އުނިކޮށްފި ނަމަ، އެ ފަރާތުގެ ހިސާބުކުރާ މުއްދަތު ނިމުމަކަށް އަންނާނެއެވެ. މި މާއްދާގެ (ހ) އާއި (ށ) އަށް ޢަމަލުކުރާނީ މި އަކުރާ ޚިލާފުނުވާ ގޮތުގެ މަތީންނެވެ.
(ރ) މި މާއްދާއަށް ޢަމަލުކުރާނީ، މި ގަވާއިދުގެ 61 ވަނަ މާއްދާއާއި 1-61 ވަނަ މާއްދާއާ ޚިލާފުނުވާ ގޮތުގެ މަތީންނެވެ.
11. ބުނެވިދިޔަ ގަވާއިދުގެ 59 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
59.
(ބ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އަންނަނިވި ހުރިހާ ޝަރުޠެއް ފުރިހަމަވާ ނަމަ، އެ ފަރާތެއްގެ ހިސާބު ތައްޔާރުކުރުމަށް "ކޭޝް ބޭސިސް" އިޚްތިޔާރު ކުރެވިދާނެއެވެ.
(1) އެ އަހަރަށް އެ ފަރާތަށް ލިބުނު ޖުމްލަ އާމްދަނީ -/10,000,000 (ދިހަ މިލިޔަން) ރުފިޔާއަށް ވުރެ އިތުރުނުވުން؛ އަދި
(2) އެ ފަރާތެއްގެ ވިޔަފާރި ނޮން-ކަރަންޓް އެސެޓްތަކުގެ ގަތް އަގުގެ ޖުމްލަ -/30,000,000 (ތިރީސް މިލިޔަން) ރުފިޔާއަށް ވުރެ އިތުރުނުވުން؛ އަދި
(3) އެ ފަރާތުން ތަރައްޤީކުރަމުންދާ އެސެޓްތައް ތަރައްޤީކޮށް ނިމުމުން ނުވަތަ ހޯދުމަށް މަސައްކަތް ކުރަމުންދާ އެސެޓްތައް ލިބުމުން ވެސް ވިޔަފާރި ނޮން-ކަރަންޓް އެސެޓްތަކުގެ ގަތް އަގުގެ ޖުމްލަ -/30,000,000 (ތިރީސް މިލިޔަން) ރުފިޔާއަށް ވުރެ އިތުރުނުވާނެކަމަށް އަންދާޒާކުރެވުން.
12. ބުނެވިދިޔަ ގަވާއިދުގެ 60 ވަނަ މާއްދާގެ (ށ) އުނިކުރުން.
60. (ށ) (އުނިކޮށްފައި).
13. ބުނެވިދިޔަ ގަވާއިދުގެ 60 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
60. (ނ) މި މާއްދާގެ (ހ) ރައްދުވާ ފަރާތްތަކުން، ފަންކްޝަނަލް ކަރަންސީ ނޫން އެހެން ފައިސާއަކުން ކުރާ މުޢާމަލާތްތައް ރިކޯޑުކުރަންވާނީ، މި ގަވާއިދުގެ 59 ވަނަ މާއްދާގެ (ރ) ގެ ދަށުން އެ ފަރާތުން އިޚްތިޔާރުކޮށްފައިވާ ހިސާބުކުރުމުގެ މިންގަނޑުތަކުގައި ބަޔާންކޮށްފައިވާ ހަމަތަކުގެ މަތީން، އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ޝާއިޢުކުރާ، އެ މުޢާމަލާތް ހިނގި ދުވަހުގެ އެކްސްޗޭންޖް ރޭޓުގެ %2± ("ޕްލަސް އޯ މައިނަސް" ދޭއް އިންސައްތަ) އަށް ވުރެ ތަފާތު ބޮޑުނޫން އެކްސްޗޭންޖް ރޭޓެއް ބޭނުންކޮށްގެންނެވެ.
14. ބުނެވިދިޔަ ގަވާއިދުގެ 60 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް (1-ނ) ގެ ގޮތުގައި އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.
60. (1-ނ) މި މާއްދާގެ (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ 59 ވަނަ މާއްދާގެ (ބ) ގެ ދަށުން "ކޭޝް ބޭސިސް" އިޚްތިޔާރުކޮށްފައިވާ ފަރާތްތަކުން، ފަންކްޝަނަލް ކަރަންސީ ނޫން އެހެން ފައިސާއަކުން ކުރާ މުޢާމަލާތްތައް ރިކޯޑުކުރަންވާނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ޝާއިޢުކުރާ، އެ މުޢާމަލާތް ހިނގި ދުވަހުގެ އެކްސްޗޭންޖް ރޭޓުގެ %2± ("ޕްލަސް އޯ މައިނަސް" ދޭއް އިންސައްތަ) އަށް ވުރެ ތަފާތު ބޮޑުނޫން އެކްސްޗޭންޖް ރޭޓެއް ބޭނުންކޮށްގެންނެވެ.
15. ބުނެވިދިޔަ ގަވާއިދުގެ 61 ވަނަ މާއްދާގެ (ށ) އާއި (ނ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
61.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށް ކުންފުނި އުވައިލުމުގެ މަސައްކަތް ފެށުންކަމަށް ބެލެވޭނީ:
(1) ޤާނޫނު ނަންބަރު 2023/7 (ކުންފުނީގެ ޤާނޫނު) (މީގެ ފަހުން "ކުންފުނީގެ ޤާނޫނު") ގެ 196 ވަނަ މާއްދާގެ (ހ) ގެ ދަށުން ޚާއްޞަ ޤަރާރެއް ފާސްކުރުމަށްފަހު، އެ މާއްދާގެ (ނ) ގެ ދަށުން ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް އެ ކަން އަންގައި ޢާންމުކޮށް އިޢުލާނުކުރުމުން؛ ނުވަތަ
(2) ކުންފުނީގެ ޤާނޫނުގެ 207 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުންފުނި އުވައިލުމަށް ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅައި އެ ޤާނޫނުގެ 231 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދަފުތަރުގައި އެކަން ރަޖިސްޓަރީކުރުމުން؛ ނުވަތަ
(3) ކުންފުންޏެއް އުވައިލުމަށް، ކުންފުނީގެ ޤާނޫނުގެ 209 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޯޓުން އަމުރެއް ކުރުމުންނެވެ.
(ނ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޤަރާރެއް ފާސްކޮށްފި ނަމަ ނުވަތަ މި މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ އަމުރެއް ކޮށްފި ނަމަ، ކުންފުނީގެ ޤާނޫނުގެ 196 ވަނަ މާއްދާގެ (ށ) ގެ ދަށުން ނުވަތަ 209 ވަނަ މާއްދާގެ (ށ) ގެ ދަށުން އެ ކުންފުނި އުވައިލުމުގެ މަސައްކަތް ކުރުމަށް ޢައްޔަންކުރާ ފަރާތުން، އެ ޤަރާރު ފާސްކުރާތާ ނުވަތަ އެ އަމުރުކުރާތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ކަމާބެހޭ މަޢުލޫމާތު، މީރާއަށް ލިޔުމުން އަންގަންވާނެއެވެ. އަދި އެ އެންގުމާއެކު، ކުންފުނީގެ ޤާނޫނުގެ 196 ވަނަ މާއްދާގެ (ނ) ގެ ދަށުން ކުރާ ޢާންމު އިޢުލާނުގެ ކޮޕީއަކާއި ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް ފޮނުވާ އެންގުމުގެ ކޮޕީއެއް ނުވަތަ އެ ޤާނޫނުގެ 210 ވަނަ މާއްދާގެ ދަށުން ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް ފޮނުވާ އެންގުމުގެ ކޮޕީއަކާއި، އެ ޤާނޫނުގެ 211 ވަނަ މާއްދާގެ ދަށުން ކުރާ ޢާންމު އިޢުލާނުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
16. ބުނެވިދިޔަ ގަވާއިދުގެ 61 ވަނަ މާއްދާގެ (ބ) އާއި (ޅ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
61.
(ބ) ކުންފުނީގެ ޤާނޫނުގެ 206 ވަނަ މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް ހުށަހަޅަންޖެހޭ ހުށަހެޅުން ހުށަހެޅުމުގެ ކުރިން، ކުންފުންޏެއް އުވައިލުމުގެ މަސައްކަތް ފެށުމާއެކު ނިމޭ ހިސާބުކުރާ މުއްދަތަށް އެ ކުންފުނިން އިންކަމް ޓެކްސް ބަޔާނެއް ހުށަހަޅައި، އެ މުއްދަތަށް ދައްކަންޖެހޭ ފައިނަލް ޕޭމަންޓް ދައްކަންވާނެއެވެ.
(ޅ) ކުންފުނީގެ ޤާނޫނުގެ 206 ވަނަ މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް ލިކުއިޑޭޓަރ ހުށަހަޅަންޖެހޭ ހުށަހެޅުން ހުށަހެޅުމުގެ ކުރިން، އެ ކުންފުނިން މީރާއަށް ދައްކަންޖެހި ނުދައްކައިހުރި އެންމެހައި ފައިސާ ދައްކައި ޚަލާޞްކުރެވުނުކަން ލިކުއިޑޭޓަރ ޔަގީންކުރަންވާނެއެވެ.
17. ބުނެވިދިޔަ ގަވާއިދުގެ 61 ވަނަ މާއްދާގެ ފަހަތަށް 1-61 ވަނަ މާއްދާގެ ގޮތުގައި އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.
61-1. ޕާޓްނަރޝިޕް އުވައިލުން
(ހ) ޤާނޫނު ނަންބަރު 13/2011 (ޕާޓްނަރޝިޕްގެ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ ޕާޓްނަރޝިޕެއް، އެ ޤާނޫނުގެ 39 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެގެން ނިމުމަކަށް އަތުވެއްޖެ ނަމަ، އެ ޕާޓްނަރޝިޕްގެ ހިސާބުކުރާ މުއްދަތު ނިމޭނެއެވެ.
(ށ) ހިސާބުކުރާ މުއްދަތު، މި މާއްދާގެ (ހ) ގެ ދަށުން ނިމުމަކަށް އަތުވެއްޖެ ނަމަ، ހިސާބުކުރާ މުއްދަތު ނިމުނު ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، އެ ހިސާބުކުރާ މުއްދަތަށް އިންކަމް ޓެކްސް ބަޔާނެއް ހުށަހަޅައި އެ މުއްދަތަށް ދައްކަންޖެހޭ ފައިނަލް ޕޭމަންޓް ދައްކަންވާނެވެ.
(ނ) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ޕާޓްނަރޝިޕެއްގެ ހިސާބުކުރާ މުއްދަތެއް ނިމޭފަހުން ފެށޭ 12 (ބާރަ) މަސްދުވަހުގެ އެއްވެސް މުއްދަތެއްގައި އެ ޕާޓްނަރޝިޕަށް ޓެކްސް ބިނާކުރެވޭ އާމްދަނީގެ ގޮތުގައި -/500,000 (ފަސް ލައްކަ) ރުފިޔާއަށް ވުރެ އިތުރަށް ލިބޭނެކަމަށް ނުވަތަ ލިބުނުކަމަށް ކޮމިޝަނަރ ޖެނެރަލަށް ޤަބޫލުކުރެވޭ ނަމަ، އެ ޕާޓްނަރޝިޕް ނިމުނުފަހުން ފެށޭ މުއްދަތަކަށް ނުވަތަ މުއްދަތުތަކަކަށް ކޮމިޝަނަރ ޖެނެރަލް ކަނޑައަޅާ ގޮތެއްގެ މަތީން އިންކަމް ޓެކްސް ބަޔާން ހުށަހަޅައި ޓެކްސް ދެއްކުމަށް ލާޒިމުކުރުމުގެ އިޚްތިޔާރު، ކޮމިޝަނަރ ޖެނެރަލަށް ލިބިގެންވެއެވެ.
(ރ) މި މާއްދާގެ (ށ) އާއި (ނ) ގެ ދަށުން އަދާކުރާންޖެހޭ އިލްތިޒާމުތައް އަދާކުރުމަށް ވަކިވަކިންނާއި އެކުގައި ޕާޓްނަރޝިޕްގެ ޕާޓްނަރުން ޒިންމާވާން ވާނެއެވެ.
18. ބުނެވިދިޔަ ގަވާއިދުގެ 66 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
66. (ށ) (2) ކެޕިޓަލް އެސެޓް ބަދަލުކުރުމަށްފަހު އެ އެސެޓާ ގުޅިގެން ކެޕިޓަލް އެލަވަންސް އުނިކުރެވޭނީ (އެސެޓް ބަދަލުކުރި ފަރާތުން އެ އެސެޓް ބޭނުންކުރަމުން ގެންދިޔަ ނަމަ ކެޕިޓަލް އެލަވަންސް އުނިކުރާނެ ބީދައިން) މުދާ ބަދަލުކުރެވުނު ފަރާތަށް ކަމުގައިވުން؛ އަދި
19. ބުނެވިދިޔަ ގަވާއިދުގެ 66 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
66. (ރ) މި މާއްދާގެ (ށ) އިޚްތިޔާރުކުރުމަށް ބޭނުންވާ ފަރާތްތަކުން އެ ކަމަށް އެދި މީރާއަށް ހުށަހަޅަންވާނީ، އެ މުޢާމަލާތް ނިސްބަތްވާ ޓެކްސް އަހަރަށް އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ތާރީޚުގެ ކުރިން، "އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދުގެ 66 ވަނަ މާއްދާގެ (ށ) އިޚްތިޔާރުކުރުމަށް އެދުން" (MIRA 609) ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމުގައި ކަނޑައަޅައިފައިވާ އެންމެހައި މަޢުލޫމާތާއި ލިޔެކިޔުންތަކާ އެކުގައެވެ.
20. ބުނެވިދިޔަ ގަވާއިދުގެ 1-72 ވަނަ މާއްދާގެ އަރިމަތީ ސުރުޚީއާއި އެ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
72-1. އޮޕަރޭޓިންގ ލީސްއާ ގުޅިގެން ދައްކާ ޢަދަދު އުނިކުރުން
(ހ) ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި، އޮޕަރޭޓިންގ ލީސްއަކާ ގުޅިގެން އުނިކުރެވޭނީ، މި ގަވާއިދުގެ 59 ވަނަ މާއްދާގެ (ރ) ގެ ދަށުން އެ ފަރާތުން އިޚްތިޔާރުކޮށްފައިވާ ހިސާބުކުރުމުގެ މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތީން އެ ހިސާބުކުރާ މުއްދަތުގެ ޚަރަދެއްގެ ގޮތުގައި ހިމަނާފައިވާ ޢަދަދެވެ.
21. ބުނެވިދިޔަ ގަވާއިދުގެ 1-72 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް (ރ) އާއި، (ބ) އާއި، (ޅ) އާއި، (ކ) އާއި، (އ) ގެ ގޮތުގައި އަންނަނިވި ގޮތަށް 5 އަކުރު އިތުރުކުރުން.
72-1.
(ރ) މި މާއްދާގެ (ހ) އިން ފެށިގެން (ނ) ގެ ނިޔަލަށް ހުރި އަކުރުތައް ހިނގާނީ، ޓެކްސް އަހަރު 2026 އަށާއި އޭގެ ކުރީގެ ޓެކްސް އަހަރުތަކަށެވެ.
(ބ) ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި، އޮޕަރޭޓިންގ ލީސްއަކާ ގުޅިގެން ޢަދަދެއް އުނިކުރެވޭނީ، އެ ލީސްގެ މުއްދަތުގައި ސްޓްރައިޓް-ލައިން ބޭސިސްއަކުންނެވެ.
(ޅ) މި މާއްދާގެ (ބ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ހ) އަށް ޢަމަލުކޮށްފައި އޮތުމުގެ ސަބަބުން، އޮޕަރޭޓިންގ ލީސްގެ މުއްދަތުގައި އެ ލީސްއާ ގުޅިގެން އުނިކުރެވޭ ޖުމްލަ ޢަދަދު، އެ ލީސް އާ ގުޅިގެން ދައްކާ ޖުމްލަ ޢަދަދަށް ވުރެ މަދުވާނެ ހާލަތުގައި، އެ މަދުވާ މިންވަރު، ޓެކްސް އަހަރު 2027 ގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އުނިކުރެވިދާނެއެވެ.
(ކ) މި މާއްދާގެ (ބ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ހ) އަށް ޢަމަލުކޮށްފައި އޮތުމުގެ ސަބަބުން، އޮޕަރޭޓިންގ ލީސްގެ މުއްދަތުގައި އެ ލީސްއާ ގުޅިގެން އުނިކުރެވޭ ޖުމްލަ ޢަދަދު، އެ ލީސްއާ ގުޅިގެން ދައްކާ ޖުމްލަ ޢަދަދަށް ވުރެ އިތުރުވާނެ ހާލަތުގައި، އެ އިތުރުވާ މިންވަރު، ޓެކްސް އަހަރު 2027 ގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އާމްދަނީގެ ގޮތުގައި ބަލަންވާނެއެވެ.
(އ) މި މާއްދާގެ (ބ) އިން ފެށިގެން (ކ) ގެ ނިޔަލަށް ހުރި އަކުރުތައް ހިނގާނީ، ޓެކްސް އަހަރު 2027 އަށާއި އޭގެ ފަހުން އަންނަ ޓެކްސް އަހަރުތަކަށެވެ.
22. ބުނެވިދިޔަ ގަވާއިދުގެ 1-72 ވަނަ މާއްދާގެ ފަހަތަށް 2-72 ވަނަ މާއްދާއާއި 3-72 ވަނަ މާއްދާގެ ގޮތުގައި އަންނަނިވި ގޮތަށް ދެ މާއްދާ އިތުރުކުރުން.
72-2. ފައިނޭންސް ލީސް
(ހ) ލީސްއަކާ ގުޅިގެން އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ފުރިހަމަވެއްޖެ ނަމަ، ޤާނޫނުގެ 79 ވަނަ މާއްދާގެ (ހޅ) ގެ ބޭނުމަށް، މުދަލެއްގެ މިލްކުވެރިކަމާ ގުޅިފައިވާ ރިސްކާއި ރިވޯޑު އެއްކޮށްހެން ކުއްޔަށް ހިފާ ފަރާތަށް ބަދަލުވާ ލީސްއެއްކަމުގައި ބެލެވޭނެއެވެ.
(1) ލީސްގެ މުއްދަތު ހަމަވުމުގެ ކުރިން ނުވަތަ ލީސްގެ މުއްދަތު ހަމަވުމުން ކުއްޔަށް ހިފާ ފަރާތަށް އެސެޓުގެ މިލްކުވެރިކަން ލިބޭ ލީސްއަކަށް ވުން؛
(2) އެ އިޚްތިޔާރު ބޭނުންކުރުމުގެ ފުރުޞަތު ލިބޭ ތާރީޚުގެ އެސެޓުގެ ފެއަރ ވެލިއުއަށް ވުރެ އެކަށީގެންވާ މިންވަރެއް ދަށް އަގެއްގައި، އެ އެސެޓް ގަތުމުގެ އިޚްތިޔާރު ކުއްޔަށް ހިފާ ފަރާތަށް ލިބިފައިވުމާއެކު، އެ އިޚްތިޔާރު ބޭނުންކުރާނެ ކަމަށް އެ ލީސް ފެށުނު އިރު ސަބަބުވެރި މިންވަރަކަށް ޔަގީންކުރެވިފައި އޮތުން؛
(3) މިލްކުވެރިކަން ބަދަލުނުވިކަމުގައި ވީނަމަވެސް، ލީސްގެ މުއްދަތަކީ އެސެޓުގެ އިކޮނޮމިކް ލައިފްގެ ބޮޑުބައެއް ކަމުގައިވުން؛
(4) ލީސް ފެށުނު އިރުގައި މިނިމަމް ލީސް ޕޭމަންޓްތަކުގެ ޕްރެޒެންޓް ވެލިއުއަކީ އެންމެ ކުޑަމިނުން އެ ލީސްކުރެވުނު އެސެޓުގެ އެއްކޮށްހެން ފެއަރވެލިއު ކަމުގައިވުން؛
(5) ލީސްކުރެވުނު އެސެޓުގެ ޚާއްޞަ ޒާތަކީ، އެ އެސެޓަށް ބޮޑެތި ބަދަލުތަކެއް ނުގެނެސް ބޭނުންކުރެވޭނީ ހަމައެކަނި ކުއްޔަށް ހިފާ ފަރާތަށް ކަމަށްވުން.
(ށ) ލީސްއަކީ ސަބްލީސްއެއް ނަމަ، ޤާނޫނުގެ 79 ވަނަ މާއްދާގެ (ހޅ) ގެ ބޭނުމަށް މުދާކަމަށް ބަލާނީ، ހެޑްލީސްއާ ގުޅިގެން އުފެދޭ "ރައިޓް-އޮފް-ޔޫސް" އެސެޓެވެ.
72-3. ލީސްއެއްގެ ގިންތި ބަދަލުވުން
ލީސްއެއްގެ ތަރަޙައަށް ނުވަތަ މުއްދަތަށް ނުވަތަ ލީސްއާ ގުޅޭ އެނޫންވެސް ކަމަކަށް އަންނަ ބަދަލެއްގެ ސަބަބުން، ފައިނޭންސް ލީސްއެއް ކަމަށް ކުރިން ގިންތިކުރެވުނު ލީސްއެއް އޮޕަރޭޓިންގ ލީސްއެއްގެ ގޮތުގައި ގިންތިކުރެވިއްޖެ ނަމަ ނުވަތަ އޮޕަރޭޓިންގ ލީސްއެއްކަމަށް ކުރިން ގިންތިކުރެވުނު ލީސްއެއް ފައިނޭންސް ލީސްއެއްގެ ގޮތުގައި ގިންތިކުރެވިއްޖެ ނަމަ، އެގޮތުން އެ އައި ބަދަލުތައް ހިނގާނީ ކުރިއަށެވެ.
23. ބުނެވިދިޔަ ގަވާއިދުގެ 83 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
83. ކެޕިޓަލް އެލަވަންސްގެ ރޭޓްތައް
(ހ) މި ބާބުގެ ދަށުން އުނިކުރެވޭ ކެޕިޓަލް އެލަވަންސް އުނިކުރެވޭ އެސެޓުގެ ބާވަތްތަކާއި ކެޕިޓަލް އެލަވަންސް އުނިކުރެވޭ ރޭޓް، ތިރީގައިވާ ތާވަލުތަކުގައި އެވަނީއެވެ.
(1) 1 ޖަނަވަރީ 2020 އިން ފެށިގެން 31 ޑިސެންބަރު 2026 ގެ ނިޔަލަށް:
| އެސެޓްގެ ބާވަތް | ރޭޓް (%) | |
| 1.1 | ޢިމާރާތް | 4 |
| 1.2 | އެއަރކްރާފްޓް | 7 |
| 1.3 | ކަނޑު ދަތުރުކުރާ ލަކުޑި އުޅަނދު | 7 |
| 1.4 | ކަނޑު ދަތުރުކުރާ ލަކުޑި އުޅަނދު ނޫން އެހެނިހެން އުޅަނދު | 5 |
| 1.5 | ފަރުނީޗަރާއި ފިޓިންގ | 10 |
| 1.6 | އިންޖީނުލީ އެއްގަމު އުޅަނދުފަހަރު | 20 |
| 1.7 | އާރތް މޫވިންގ ވެހިކަލް | 5 |
| 1.8 | ޕްލާންޓް އަދި އިކުއިޕްމަންޓް (އޮފީސް އިކުއިޕްމަންޓް ފިޔަވައި) | 10 |
| 1.9 | އޮފީސް އިކުއިޕްމަންޓް | 20 |
| 1.10 | ކޮމްޕިއުޓަރ ސޮފްޓްވެއަރ | 33⅓ |
| 1.11 | ބަދިގޭ ސާމާނު (އޫ، ތެލި، ސަމުސާ، ތަށި ފަދަ)، ލިނެން، އަދި ހިފާ ގެންގުޅޭ ސާމާނު | 33⅓ |
(2) 1 ޖަނަވަރީ 2027 އިން ފެށިގެން:
| އެސެޓްގެ ބާވަތް | ރޭޓް (%) | |
| 2.1 | ޓޫރިސްޓް ރިޒޯޓެއްގެ ނުވަތަ އިންޓެގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގެ ނުވަތަ ރިޒޯޓް ހޮޓަލެއްގެ ނުވަތަ ޕިކްނިކް އައިލެންޑެއްގެ ނުވަތަ ޕްރައިވެޓް އައިލެންޑެއްގެ ނުވަތަ ޔޮޓު ބަނދަރެއްގެ ނުވަތަ ހޮޓަލެއްގެ ނުވަތަ ޓޫރިސްޓް ހޮޓަލެއްގެ ނުވަތަ މީހުން ދިރިނޫޅޭ ރަށެއްގައި ހުންނަ ގެސްޓްހައުސްއެއްގެ ޢިމާރާތް | 2.5 |
| 2.2 | ޢިމާރާތް (ޓޫރިސްޓް ރިޒޯޓެއްގެ ނުވަތަ އިންޓެގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގެ ނުވަތަ ރިޒޯޓް ހޮޓަލެއްގެ ނުވަތަ ޕިކްނިކް އައިލެންޑެއްގެ ނުވަތަ ޕްރައިވެޓް އައިލެންޑެއްގެ ނުވަތަ ޔޮޓު ބަނދަރެއްގެ ނުވަތަ ހޮޓަލެއްގެ ނުވަތަ ޓޫރިސްޓް ހޮޓަލެއްގެ ނުވަތަ މީހުން ދިރިނޫޅޭ ރަށެއްގައި ހުންނަ ގެސްޓްހައުސްގެ ޢިމާރާތް ފިޔަވައި) | 4 |
| 2.3 | އެއަރކްރާފްޓް | 7 |
| 2.4 | ކަނޑު ދަތުރުކުރާ ލަކުޑި އުޅަނދު | 7 |
| 2.5 | ކަނޑު ދަތުރުކުރާ ލަކުޑި އުޅަނދު ނޫން އެހެނިހެން އުޅަނދު | 5 |
| 2.6 | ފަރުނީޗަރާއި ފިޓިންގ | 10 |
| 2.7 | އިންޖީނުލީ އެއްގަމު އުޅަނދުފަހަރު | 20 |
| 2.8 | އާރތް މޫވިންގ ވެހިކަލް | 5 |
| 2.9 | ޕްލާންޓް އަދި އިކުއިޕްމަންޓް (އޮފީސް އިކުއިޕްމަންޓް ފިޔަވައި) | 10 |
| 2.10 | އޮފީސް އިކުއިޕްމަންޓް | 20 |
| 2.11 | ކޮމްޕިއުޓަރ ސޮފްޓްވެއަރ | 33⅓ |
| 2.12 | ބަދިގޭ ސާމާނު (އޫ، ތެލި، ސަމުސާ، ތަށި ފަދަ)، ލިނެން، އަދި ހިފާގެންގުޅޭ ސާމާނު | 33⅓ |
24. ބުނެވިދިޔަ ގަވާއިދުގެ 83 ވަނަ މާއްދާގެ (ހ) ގެ ފަހަތަށް (1-ހ) ގެ ގޮތުގައި އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.
83. (1-ހ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ 2.1 ވަނަ ނަންބަރާއި 2.2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ބާވަތުގެ އެސެޓެއްގެ އަގުގެ ތެރޭގައި، ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރަން ލާޒިމުވެ ރަޖިސްޓަރީކޮށްފައިވާނުވާ ފަރާތެއްގެ އަތުން ހޯދާ މުދަލަކަށް ނުވަތަ ޚިދުމަތަކަށް ކުރާ ޚަރަދެއް ނުހިމެނޭނެއެވެ.
25. ބުނެވިދިޔަ ގަވާއިދުގެ 2-91 ވަނަ މާއްދާގެ (ހ) ގެ ފަހަތަށް (1-ހ) އާއި، (2-ހ) އާއި، (3-ހ) ގެ ގޮތުގައި އަންނަނިވި ގޮތަށް ތިން އަކުރު އިތުރުކުރުން.
91-2.
(1-ހ) ޤާނޫނުގެ 28 ވަނަ މާއްދާގެ (ހ) ގެ ދަށުން އިޚްތިޔާރުކޮށްފައިވާ ގޮތް ބަދަލުކުރުމަށް އެދެނީ އިންކަމް ޓެކްސް ބަޔާނުގައި ކަމުގައި ވާ ނަމަ، އެ ބަޔާން ހުށަހެޅުމުގެ ސުންގަޑީގެ ކުރިން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ކޮމިޝަނަރ ޖެނެރަލްގެ ހުއްދައަށް އެދި ހުށަހަޅަންވާނެއެވެ.
(2-ހ) މި މާއްދާގެ (1-ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޤާނޫނުގެ 28 ވަނަ މާއްދާގެ (ހ) ގެ ދަށުން އިޚްތިޔާރުކުރި ގޮތް ބަދަލުކުރުމަށް އެދެނީ އިންޓެރިމް ބަޔާނެއްގައި ކަމުގައި ވާ ނަމަ، އެ އިންޓެރިމް ބަޔާނެއް ހުށަހަޅަންޖެހޭ ސުންގަޑި އަންނަ ތާރީޚުގެ ކުރިން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ކޮމިޝަނަރ ޖެނެރަލްގެ ހުއްދައަށް އެދި ހުށަހަޅަންވާނެއެވެ.
(3-ހ) ޓެކްސް އަހަރަކަށް އެ ފަރާތުން ހުށަހަޅާ ފުރަތަމަ އިންކަމް ޓެކްސް ބަޔާނުގައި ޤާނޫނުގެ 28 ވަނަ މާއްދާގެ (ހ) އާ ގުޅިގެން އެ ފަރާތުން ޢަމަލުކުރި ގޮތް، އެ އަހަރަށް ހުށަހަޅާ އިޞްލާޙުކޮށްފައިވާ ޓެކްސް ބަޔާނެއްގައި ބަދަލެއް ނުކުރެވޭނެއެވެ.
26. ބުނެވިދިޔަ ގަވާއިދުގެ 101 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
101.
(ރ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އަންނަނިވި ޝަރުޠުތަކުގެ ތެރެއިން ޝަރުޠެއް ފުރިހަމަވާ ނަމަ، އެ ޓެކްސް އަހަރަށް އެ ފަރާތުން އިންކަމް ޓެކްސް ބަޔާން ހުށަހަޅާކަށް ނުޖެހޭނެއެވެ.
(1) އެ ޓެކްސް އަހަރުގައި ނިމުނު ހިސާބުކުރާ މުއްދަތުގެ ޖުމްލަ އާމްދަނީއަކީ ވަޒީފާ ދޭ އެންމެ ފަރާތަކުން ލިބުނު އުޖޫރަކަމުގައިވުން؛ ނުވަތަ
(2) އެ ޓެކްސް އަހަރުގައި ނިމުނު ހިސާބުކުރާ މުއްދަތުގައި އެއްވެސް އާމްދަނީއެއް ލިބިފައިނުވުން އަދި ފައިބެ ޓެކްސް އަހަރުގައި ނިމުނު ހިސާބުކުރާ މުއްދަތުގެ ޖުމްލަ އާމްދަނީއަކީ ވަޒީފާ ދޭ އެންމެ ފަރާތަކުން ލިބުނު އުޖޫރަކަމުގައިވުން.
27. ބުނެވިދިޔަ ގަވާއިދުގެ 101 ވަނަ މާއްދާގެ (ޅ) ގެ (1-2) ވަނަ ނަންބަރުގެ ފަހަތަށް (2-2) ވަނަ ނަންބަރާއި، (3-2) ވަނަ ނަންބަރާއި، (4-2) ވަނަ ނަންބަރުގެ ގޮތުގައި އަންނަނިވި ގޮތަށް ތިން ނަންބަރު އިތުރުކުރުން.
101.
(ޅ)
(2-2) އެ ފަރާތެއްގެ ވިޔަފާރި ނޮން-ކަރަންޓް އެސެޓްތަކުގެ ގަތް އަގުގެ ޖުމްލަ -/30,000,000 (ތިރީސް މިލިޔަން) ރުފިޔާ ނުވަތަ އެއަށް ވުރެ އިތުރުވާ ފަރާތްތައް؛
(2-3) އެ ފަރާތުން ތަރައްޤީކުރަމުންދާ އެސެޓްތައް ތަރައްޤީކޮށް ނިމުމުން ނުވަތަ ހޯދުމަށް މަސައްކަތްކުރަމުންދާ އެސެޓްތައް ލިބުމުން ވިޔަފާރި ނޮން-ކަރަންޓް އެސެޓްތަކުގެ ގަތް އަގުގެ ޖުމްލަ -/30,000,000 (ތިރީސް މިލިޔަން) ރުފިޔާ ނުވަތަ އެއަށް ވުރެ އިތުރުވާނެކަމަށް އަންދާޒާކުރެވޭ ފަރާތްތައް؛
(2-4) ޤާނޫނުގެ 1-12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިސްތިސްނާ ލިބިފައިވާ ފަރާތްތައް؛
28. ބުނެވިދިޔަ ގަވާއިދުގެ 102 ވަނަ މާއްދާގެ (ށ) އާއި (ނ) އާއި (ރ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
102.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އަންނަނިވި ހުރިހާ ޝަރުޠެއް ފުރިހަމަވާ ނަމަ، މި މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އޮޑިޓަރުގެ ރިޕޯޓު ހުށަހެޅުން ލާޒިމެއް ނޫނެވެ. އަދި މި ފަދަ ފަރާތްތަކުން، މި ގަވާއިދުގެ 59 ވަނަ މާއްދާގެ (ބ) އިޚްތިޔާރުކޮށްފައިވާ ނަމަ، މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަހެޅުމުން ވެސް އިސްތިސްނާވާނެއެވެ.
(1) އެ އަހަރަށް އެ ފަރާތަށް ލިބުނު ޖުމްލަ އާމްދަނީ -/10,000,000 (ދިހަ މިލިޔަން) ރުފިޔާއަށް ވުރެ އިތުރުނުވުން؛ އަދި
(2) އެ ފަރާތެއްގެ ވިޔަފާރި ނޮން-ކަރަންޓް އެސެޓްތަކުގެ ގަތް އަގުގެ ޖުމްލަ -/30,000,000 (ތިރީސް މިލިޔަން) ރުފިޔާއަށް ވުރެ އިތުރު ނުވުން؛ އަދި
(3) އެ ފަރާތުން ތަރައްޤީކުރަމުންދާ އެސެޓްތައް ތަރައްޤީކޮށް ނިމުމުން ނުވަތަ ހޯދުމަށް މަސައްކަތްކުރަމުންދާ އެސެޓްތައް ލިބުމުން ވެސް ވިޔަފާރި ނޮން-ކަރަންޓް އެސެޓްތަކުގެ ގަތް އަގުގެ ޖުމްލަ -/30,000,000 (ތިރީސް މިލިޔަން) ރުފިޔާއަށް ވުރެ އިތުރުނުވާނެކަމަށް އަންދާޒާކުރެވުން.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ހ) ރައްދުވާ ފަރާތަކަށް، ހިސާބުކުރާ މުއްދަތެއްގެ ތެރޭގައި ލިބޭ ހަމައެކަނި ވިޔަފާރި އާމްދަނީއަކީ ދިވެހިރާއްޖޭގައި ހުރި ނުއުފުލޭ މުދަލުގެ ކުލީގެ ގޮތުގައި ލިބޭ އާމްދަނީކަމަށް ވާ ނަމަ، އަދި ޓެކްސް އަހަރެއްގައި އެ ފަރާތަކުން ޤާނޫނުގެ 28 ވަނަ މާއްދާ އިޚްތިޔާރުކުރާ ނަމަ، މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (7) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަހެޅުމުން އެ ފަރާތް އިސްތިސްނާވާނެއެވެ. މި އަކުރަށް ޢަމަލުކުރާނީ މި މާއްދާގެ (ރ) އާ ޚިލާފު ނުވާނޭ ގޮތެއްގެ މަތީންނެވެ.
(ރ) މި މާއްދާގެ (ހ) އާއި، (ށ) އާއި (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކުންފުނިތައް ފިޔަވައި އެ ނޫން ފަރާތްތަކުން މި މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޑިރެކްޓަރުންގެ ރިޕޯޓު ހުށަހަޅާކަށް ނުޖެހޭނެއެވެ. ކުންފުނިތަކުން ޑިރެކްޓަރުންގެ ރިޕޯޓު ތައްޔާރުކުރަންވާނީ، ޤާނޫނު ނަންބަރު 7/2023 (ކުންފުނީގެ ޤާނޫނު) ގެ 185 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅައިފައިވާ ހުރިހާ މަޢުލޫމާތެއް ހިމެނޭ ގޮތުންނެވެ.
29. ބުނެވިދިޔަ ގަވާއިދުގެ 102-1ވަނަ މާއްދާ އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
102-1. ކޮންސޮލިޑޭޓެޑް ފައިނޭންޝަލް ސްޓޭޓްމަންޓްތައް މީރާއަށް ހުށަހެޅުން
(ހ) ޓެކްސް ދައްކާ ފަރާތަކީ ގުރޫޕަކަށް ނިސްބަތްވާ އެންޓިޓީއެއް ނަމަ، އިންކަމް ޓެކްސް ބަޔާނާއެކު، އެ އެންޓިޓީ ނިސްބަތްވާ ގުރޫޕުގައި ހިމެނޭ ހުރިހާ އެންޓިޓީއެއް ހިމެނޭ ގޮތުން، އަލްޓިމޭޓް ޕޭރެންޓް އެންޓިޓީން ތައްޔާރުކޮށްފައިވާ ކޮންސޮލިޑޭޓެޑް ފައިނޭންޝަލް ސްޓޭޓްމަންޓްތައް މީރާއަށް ހުށަހަޅަންވާނެއެވެ.
(ށ) ގުރޫޕަކަށް ނިސްބަތްވާ އެއްވެސް އެންޓިޓީއަކުން، އިންކަމް ޓެކްސް ބަޔާނާއެކު، މި މާއްދާގެ (ހ) ގެ ދަށުން ކޮންސޮލިޑޭޓެޑް ފައިނޭންޝަލް ސްޓޭޓްމަންޓްތައް ހުށަހަޅާފައިވާ ނަމަ، އެ ގުރޫޕަށް ނިސްބަތްވާ ހުރިހާ އެންޓިޓީތަކުން ކޮންސޮލިޑޭޓެޑް ފައިނޭންޝަލް ސްޓޭޓްމަންޓްތައް، މި މާއްދާގެ (ހ) ގެ ދަށުން މީރާއަށް ހުށަހަޅާފައިވާ ކަމަށް ބެލެވޭނެއެވެ.
(ނ) މި މާއްދާގެ ބޭނުމަށް:
(1) ކޮންސޮލިޑޭޓެޑް ފައިނޭންޝަލް ސްޓޭޓްމަންޓްތައް ތައްޔާރުކުރަންވާނީ ޓެކުހުގެ ބޭނުމަށް އަލްޓިމޭޓް ޕޭރެންޓް އެންޓިޓީ ވަޒަންވެރިވެފައިވާ ޖުރިސްޑިކްޝަނުގައި ޓެކުހުގެ ބޭނުމަށް ބޭނުންކުރަންޖެހޭ އެކައުންޓިންގ ސްޓޭންޑަޑާ އެއްގޮތަށެވެ.
(2) އަލްޓިމޭޓް ޕޭރެންޓް އެންޓިޓީކަމަށް ބުނެފައި އެވަނީ، ގުރޫޕެއްގައި ހިމެނޭ އަންނަނިވި ޝަރުޠުތައް ފުރިހަމަވާ އެންޓިޓީތަކަށެވެ.
i. ސީދާގޮތުން ނުވަތަ ނުސީދާގޮތުން ވިޔަސް ގުރޫޕެއްފައި ހިމެނޭ 1 (އެކެއް) ނުވަތަ އެއަށް ވުރެ ގިނަ އެންޓިޓީތަކުގައި އެ ފަރާތެއްގެ މަޞްލަޙަތު އެކަށީގެންވާ މިންވަރަށް އޮތުމުގެ ސަބަބުން، ޓެކުހުގެ ބޭނުމަށް އެ ފަރާތް ވަޒަންވެރިވެފައިވާ ޖުރިސްޑިކްޝަނުގައި ހިސާބު ތައްޔާރުކުރުމުގައި ބޭނުންކުރާ އެކައުންޓިންގގެ ހަމަތަކުގެ ދަށުން ކޮންސޮލިޑޭޓެޑް ފައިނޭންޝަލް ސްޓޭޓްމަންޓްތައް ތައްޔާރުކުރަން އެ ފަރާތަކަށް ލާޒިމުވުން ނުވަތަ ޓެކުހުގެ ބޭނުމަށް ވަޒަންވެރިވެފައިވާ ޖުރިސްޑިކްޝަނުގެ ޕަބްލިކް ސެކިއުރިޓީޒް އެކްސްޗޭންޖެއްގައި އެ ފަރާތުގެ އިކުއިޓީ އިންޓްރެސްޓް ގަނެވިއްކާ ނަމަ ކޮންސޮލިޑޭޓެޑް ފައިނޭންޝަލް ސްޓޭޓްމަންޓްތައް ތައްޔާރުކުރަން އެ ފަރާތަށް ލާޒިމުވުން؛ އަދި
ii. ސީދާގޮތުން ވިޔަސް ނުވަތަ ނުސީދާގޮތުން ވިޔަސް ފުރަތަމަ ބަޔާންކުރެވުނު އެންޓިޓީގައި މި ނަންބަރުގެ i. ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ މަޞްލަޙަތެއް އޮތް އެހެން އެއްވެސް އެންޓިޓީއެއް އެ ގުރޫޕުގައި ނެތުން.
30. ބުނެވިދިޔަ ގަވާއިދުގެ 105 ވަނަ މާއްދާގެ ފަހަތަށް 1-105 ވަނަ މާއްދާގެ ގޮތުގައި އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.
105-1. ފަންކްޝަނަލް ކަރަންސީ
(ހ) ހިސާބުކުރާ މުއްދަތު ނުވަތަ އެ ޓެކްސް ބަޔާން ނިސްބަތްވާ މުއްދަތު ނިމުނު ޓެކްސް އަހަރުގެ ކުރިން ވިދިގެން ނިމުނު ޓެކްސް އަހަރުގައި، އެ ފަރާތުގެ ޖުމްލަ އާމްދަނީގެ %50 (ފަންސާސް އިންސައްތަ) އަށްވުރެ ބޮޑު ޢަދަދެއް ލިބުނު ކަރަންސީއަކީ އެ ފަރާތުގެ ފަންކްޝަނަލް ކަރަންސީއެވެ.
(ށ) ހިސާބުކުރާ މުއްދަތު ނުވަތަ އެ ޓެކްސް ބަޔާން ނިސްބަތްވާ މުއްދަތު ނިމުނު ޓެކްސް އަހަރުގެ ކުރިން ވިދިގެން ނިމުނު ޓެކްސް އަހަރުގައި އެ ފަރާތުގެ ޖުމްލަ އާމްދަނީގެ %50 (ފަންސާސް އިންސައްތަ) އަށްވުރެ ބޮޑު ޢަދަދެއް ލިބިފައިވަނީ ރުފިޔާ ނޫން ކަރަންސީތަކަކުން ކަމަށްވާނަމަ، އެ ފަރާތުގެ ފަންކްޝަނަލް ކަރަންސީއަކީ އެމެރިކާ ޑޮލަރެވެ. މި އަކުރަށް ޢަމަލުކުރާނީ މި މާއްދާގެ (ހ) އާ ޚިލާފުނުވާ ގޮތުގެ މަތީންނެވެ.
(ނ) ހިސާބުކުރާ މުއްދަތު ނުވަތަ އެ ޓެކްސް ބަޔާން ނިސްބަތްވާ މުއްދަތު ނިމުނު ޓެކްސް އަހަރުގެ ކުރިން ވިދިގެން ނިމުނު ޓެކްސް އަހަރުގައި، އެ ފަރާތަށް އެއްވެސް އާމްދަނީއެއް ލިބިފައިނުވާ ނަމަ، އެ ފަރާތުގެ ފަންކްޝަނަލް ކަރަންސީގެ ގޮތުގައި ރުފިޔާ ނުވަތަ އެމެރިކާ ޑޮލަރު އިޚްތިޔާރުކުރެވިދާނެއެވެ.
(ރ) އެ ފަރާތުގެ ފުރަތަމަ ޓެކްސް އަހަރުގެ ފަންކްޝަނަލް ކަރަންސީއަކީ، އެ އަހަރުގައި އެ ފަރާތުގެ ޖުމްލަ އާމްދަނީގެ %50 (ފަންސާސް އިންސައްތަ) އަށްވުރެ ބޮޑު ޢަދަދެއް ލިބޭނެކަމަށް ލަފާކުރެވޭ ކަރަންސީއެވެ.
(ބ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެ ފަރާތުގެ ފުރަތަމަ ޓެކްސް އަހަރުގައި އެއްވެސް އާމްދަނީއެއް ލިބޭނެ ކަމަށް ލަފާ ނުކުރެވޭނަމަ އެ ފަރާތުގެ ފަންކްޝަނަލް ކަރަންސީގެ ގޮތުގައި ރުފިޔާ ނުވަތަ އެމެރިކާ ޑޮލަރު އިޚްތިޔާރުކުރެވިދާނެއެވެ.
(ޅ) އެ ފަރާތުގެ ފުރަތަމަ ޓެކްސް އަހަރުގައި ޖުމްލަ އާމްދަނީގެ %50 (ފަންސާސް އިންސައްތަ) އަށް ވުރެ ބޮޑު ޢަދަދެއް ލިބޭނެކަމަށް ލަފާކުރެވެނީ ރުފިޔާ ނޫން އެހެން ކަރަންސީތަކަކުން ކަމަށްވާނަމަ، އެ ފަރާތުގެ ފަންކްޝަނަލް ކަރަންސީއަކީ އެމެރިކާ ޑޮލަރެވެ. މި އަކުރަށް ޢަމަލުކުރާނީ މި މާއްދާގެ (ރ) އާ ޚިލާފުނުވާ ގޮތުގެ މަތީންނެވެ.
(ކ) އެއްވެސް ފަރާތެއްގެ ފަންކްޝަނަލް ކަރަންސީ މި މާއްދާގެ (ހ) އިން ފެށިގެން (ޅ) ގެ ނިޔަލަށް ހުރި އަކުރުތަކުގެ ތެރެއިން އަކުރެއްގެ ދަށުން ކަނޑައެޅެން ނެތް ނަމަ، އެ ފަރާތެއްގެ ފަންކްޝަނަލް ކަރަންސީގެ ގޮތުގައި ރުފިޔާ ނުވަތަ އެމެރިކާ ޑޮލަރު އިޚްތިޔާރުކުރެވިދާނެއެވެ.
31. ބުނެވިދިޔަ ގަވާއިދުގެ 106 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
106. (ބ) އެއްވެސް ފަރާތެއްގެ ޕްރެޒެންޓޭޝަން ކަރަންސީއާއި ފަންކްޝަނަލް ކަރަންސީ ތަފާތު ނަމަ، އެ ފަރާތެއްގެ މާލީ ހިސާބުތައް އެ ފަރާތެއްގެ ޕްރެޒެންޓޭޝަން ކަރަންސީއަށް ބަދަލުކުރަންވާނީ، މި ގަވާއިދުގެ 59 ވަނަ މާއްދާގެ (ރ) ގެ ދަށުން އެ ފަރާތުން އިޚްތިޔާރުކޮށްފައިވާ ހިސާބުކުރުމުގެ މިންގަޑުތަކުގައި ބަޔާންކޮށްފައިވާ ހަމަތަކުގެ މަތީން، އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ޝާއިޢުކުރާ، އެ ފަދަ ބަދަލުކުރުންތައް ނިސްބަތްވާ ތާރީޚުގެ އެކްސްޗޭންޖް ރޭޓުގެ %2± ("ޕްލަސް އޯ މައިނަސް" ދޭއް އިންސައްތަ) އަށް ވުރެ ތަފާތު ބޮޑުނޫން އެކްސްޗޭންޖް ރޭޓެއް ބޭނުންކޮށްގެންނެވެ.
32. ބުނެވިދިޔަ ގަވާއިދުގެ 106 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް (ޅ) ގެ ގޮތުގައި އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.
106. (ޅ) މި މާއްދާގެ (ބ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ 59 ވަނަ މާއްދާގެ (ބ) ދަށުން "ކޭޝް ބޭސިސް" އިޚްތިޔާރުކުރާ ނަމަ، އެ ފަރާތެއްގެ މާލީ ހިސާބުތައް އެ ފަރާތެއްގެ ޕްރެޒެންޓޭޝަން ކަރަންސީއަށް ބަދަލުކުރަންވާނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ޝާއިޢުކުރާ، އެ ފަދަ ބަދަލުކުރުންތައް ނިސްބަތްވާ ތާރީޚުގެ އެކްސްޗޭންޖް ރޭޓުގެ %2± ("ޕްލަސް އޯ މައިނަސް" ދޭއް އިންސައްތަ) އަށް ވުރެ ތަފާތުބޮޑުނޫން އެކްސްޗޭންޖް ރޭޓެއް ބޭނުންކޮށްގެންނެވެ.
33. ބުނެވިދިޔަ ގަވާއިދުގެ 107 ވަނަ މާއްދާގެ (ބ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
107. (ބ) މި މާއްދާގެ ބޭނުމަށް ކަރަންސީ ބަދަލުކުރަންވާނީ، މި ގަވާއިދުގެ 59 ވަނަ މާއްދާގެ (ރ) ގެ ދަށުން އެ ފަރާތުން އިޚްތިޔާރުކޮށްފައިވާ ހިސާބުކުރުމުގެ މިންގަނޑުތަކުގައި ބަޔާންކޮށްފައިވާ ހަމަތަކުގެ މަތީން، އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ޝާއިޢުކުރާ، އެ ފަދަ ބަދަލުކުރުންތައް ނިސްބަތްވާ ތާރީޚުގެ އެކްސްޗޭންޖް ރޭޓުގެ %2± ("ޕްލަސް އޯ މައިނަސް" ދޭއް އިންސައްތަ) އަށް ވުރެ ތަފާތު ބޮޑުނޫން އެކްސްޗޭންޖް ރޭޓެއް ބޭނުންކޮށްގެންނެވެ.
34. ބުނެވިދިޔަ ގަވާއިދުގެ 107 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް (ޅ) ގެ ގޮތުގައި އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.
107. (ޅ) މި މާއްދާގެ (ބ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގެ 59 ވަނަ މާއްދާގެ (ބ) ދަށުން "ކޭޝް ބޭސިސް" އިޚްތިޔާރުކުރާ ނަމަ، އެ ފަރާތެއްގެ މާލީ ހިސާބުތައް އެ ފަރާތެއްގެ ޕްރެޒެންޓޭޝަން ކަރަންސީއަށް ބަދަލުކުރަންވާނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ޝާއިޢުކުރާ، އެ ފަދަ ބަދަލުކުރުންތައް ނިސްބަތްވާ ތާރީޚުގެ އެކްސްޗޭންޖް ރޭޓުގެ %2± ("ޕްލަސް އޯ މައިނަސް" ދޭއް އިންސައްތަ) އަށް ވުރެ ތަފާތުބޮޑުނޫން އެކްސްޗޭންޖް ރޭޓެއް ބޭނުންކޮށްގެންނެވެ.
35. ބުނެވިދިޔަ ގަވާއިދުގެ 123 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
123. ރީފަންޑް ދިނުން
(ހ) ޓެކްސް ބަޔާނެއް ހުށަހެޅުމުގެ ނުވަތަ އިޞްލާޙުކުރުމުގެ ނަތީޖާއަކީ، އެ މުއްދަތަށް ދައްކަންޖެހޭ މިންވަރަށް ވުރެ އިތުރަށް ޓެކްސް ދައްކައިފައިވުން ކަމަށް ވާ ނަމަ، އިތުރަށް ދައްކައިފައިވާ ޓެކުހުގެ މިންވަރު މީރާއިން އެ ފަރާތަކަށް ރީފަންޑް ކުރުމުގައި ޢަމަލުކުރާނީ، މި މާއްދާގެ (ނ) އާއި (ރ) އާއި (ބ) އާ ޚިލާފުނުވާ ގޮތުގެ މަތީން، ގަވާއިދު ނަންބަރު 2013/R-45 (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު) ގައިވާ ގޮތަށެވެ.
36. ބުނެވިދިޔަ ގަވާއިދުގެ 123 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން.
123. (ރ) ޤާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް ލިބޭ އާމްދަނީއަކާ ގުޅިގެން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތުގެ ވިތުހޯލްޑިންގ ޓެކްސްގެ ގޮތުގައި ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތަކުން މީރާއަށް ދައްކާ ފައިސާއަކީ، ވިތުހޯލްޑިންގ ޓެކްސް އުނިކުރެވުނު، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތުން ދައްކާ ޓެކުހެވެ. އެބަހީ، ޤާނޫނުގެ 46 ވަނަ މާއްދާގެ ދަށުން ހުށަހަޅާ އިޞްލާޙުކޮށްފައިވާ، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތުގެ ވިތުހޯލްޑިންގ ޓެކްސް ބަޔާނެއްގެ ނަތީޖާއަކީ، ވިތުހޯލްޑިންގ ޓެކްސް އުނިކުރި، ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތުން އިތުރަށް ޓެކްސް ދެއްކުން ކަމަކަށް ނުބެލެވޭނެއެވެ.
37. ބުނެވިދިޔަ ގަވާއިދުގެ 123 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް (ބ) ގެ ގޮތުގައި އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.
123. (ބ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޤާނޫނުގެ 55 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ވިތުހޯލްޑިންގ ޓެކްސް އުނިނުކޮށް، ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތުން، ޤާނޫނުގެ 56 ވަނަ މާއްދާގެ ދަށުން މީރާއަށް ދައްކާ ފައިސާއަކީ، މި މާއްދާގެ (ހ) ގެ ބޭނުމަށް ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތުން ދައްކާ ޓެކުހެކެވެ.
38. މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.