1. ތަޢާރުފާއި ނަން
(ހ) މި ޤާނޫނަކީ ދިވެހިރާއްޖޭގެ ޓެކްސް ނެގުމުގެ އިދާރީ އޮނިގަނޑު އެކުލަވާލައި، އެކަމަށް ޢަމަލުކުރަންޖެހޭ އުޞޫލުތައް ކަނޑައަޅާ ޤާނޫނެވެ.
(ށ) މި ޤާނޫނަށް ކިޔާނީ "ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު" އެވެ.
2. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އުފެއްދުމާއި ދެމެހެއްޓުން
މި ޤާނޫނުން "މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)" ގެ ނަމުގައި ނަންދެވިފައިވާ މިނިވަން މުސްތަޤިއްލު ވަކި ޤާނޫނީ ޝަޚްޞެއް އުފެދުނީއެވެ. މިތަނަކީ މެދުކެނޑުމެއްނެތި ހިނގަމުންދާނެ ގޮތެއްގައި އުފައްދާފައިވާ ތަނެކެވެ. އަދި މިތަނަކީ، އަމިއްލަ ނަމުގައި ދަޢުވާ ކުރުމާއި، ދަޢުވާ ލިބިގަތުމާއި، އުފުލޭ މުދަލާއި، ނުއުފުލޭ މުދާ ޤާނޫނު ހުއްދަކުރާ ގޮތެއްގެމަތިން ހޯދުމާއި، ލިބިގަތުމާއި، މިލްކުކުރުމާއި، އަމިއްލަ ނަމުގައި މުޢާމަލާތްކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ ތަނެކެވެ.
3. މީރާގެ މައިގަނޑު މަޤްޞަދު
މީރާގެ މައިގަނޑު މަޤްޞަދުތަކަކީ؛
(ހ) ޓެކްސް ޤާނޫނުތައް ތަންފީޒުކުރުމާއި ޓެކްސްއާބެހޭ ސިޔާސަތުތައް ހިންގުން.
(ށ) ޤާނޫނީ ގޮތުން ދައުލަތަށް ނަގާ އެންމެހައި ޓެކްސް ނެގުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން.
(ނ) ޓެކްސް ދައްކަންޖެހޭ ހުރިހާ ފަރާތްތަކަކުން ޓެކްސް ދައްކަންޖެހޭވަރު ހިސާބުކުރަނީ ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންތޯ ބެލުމާއި ދައްކަންޖެހޭ ޓެކްސް، ފީ ނުވަތަ އެހެނިހެން ފައިސާ ދައްކަންޖެހޭ ދުވަހަށް ހަމައަށް ދައްކާތޯ ބެލުން.
(ރ) މީރާއަށް ލިބިދީފައިވާ ބާރުތައް ބޭނުންކުރުމުގައި ޓެކްސް ދައްކާ ފަރާތްތަކުގެ ޙައްޤުތަކަށް ހުރުމަތްތެރިކޮށް ހިތުން.
(ބ) ޓެކްސް ދައްކާ ފަރާތްތަކަށް ޓެކްސް ނެގުމާބެހޭ ޤާނޫނާއި ގަވާއިދާބެހޭ ފުރިހަމަ މަޢުލޫމާތުދީ، އެފަރާތްތަކުން ޓެކްސް ދެއްކުމަށް ކުރަންޖެހޭ ޚަރަދުތައް ވީހާވެސް ކުޑަކުރެވޭތޯ މަސައްކަތްކުރުން.
(ޅ) ޓެކްސް ނެގުމާބެހޭ އިދާރީ ޚަރަދު ވީވަރަކުން ކުޑަކުރެވޭނެ ނިޒާމެއް ރޭވުން.
(ކ) އެންމެހައި ޓެކްސް ޤާނޫނުތަކުގެ ދަށުން ހުށަހަޅަންޖެހޭ ޓެކްސް ބަޔާން، ކްލެއިމް، ސްޓޭޓްމަންޓް، ނޯޓިސް ފަދަ ހުރިހާ ފޯމްތައް، އޭގައި ހުންނަންވާނެ މަޢުލޫމާތު ބަޔާންކޮށް ތައްޔާރުކުރުން އަދި ބޭނުންވެއްޖެ ހިނދެއްގައި އިޞްލާޙުތައް ގެނައުން.
(އ) ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޓެކްސް ނެގުމުގެ ލުއިފަސޭހަ ނިޒާމެއް ޤާއިމުކުރުން.
(ވ) ޓެކްސްއާބެހޭ ސިޔާސަތުތައް ކަނޑައެޅުމުގައި ސަރުކާރަށް ބޭނުންވެއްޖެ ހިނދެއްގައި ފަންނީ ލަފާދިނުން.
4. މީރާގެ ބޯޑު
(ހ) މީރާގެ ހިންގުމުގެ ސިޔާސަތުތައް ކަނޑައެޅުމަށާއި، މި ޤާނޫނުން ކަނޑައަޅާ އެންމެހައި މަސްއޫލިއްޔަތުތައް އަދާކުރުމަށް، މި ޤާނޫނުގައިވާ ގޮތުގެމަތިން ޢައްޔަންކުރެވޭ ބޯޑެއް އޮންނަންވާނެއެވެ.
(ށ) މިރާގެ ބޯޑުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
(1) ޓެކްސް ޤާނޫނުތަކުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހެދުން؛
(2) ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއާއި، ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއާއި، މީރާގެ އެންމެހައި މުވައްޒަފުންގެ މިލްކިއްޔާތާބެހޭ މަޢުލޫމާތު ދިރާސާކުރުމާއި، އެކަމަށް ބޭނުންވާ ގަވާއިދުތައް ހެދުން؛
(3) ޓެކްސް ނެގުމާ ގުޅޭގޮތުން މިނިސްޓަރު ކަނޑައަޅާ ސިޔާސަތުތައް މީރާއިން ތަންފީޒުކުރޭތޯ ބެލުމާއި، މީރާގެ މަޤްޞަދުތައް ޙާޞިލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާބެހޭ ގޮތުން މިނިސްޓަރަށް ލަފާ ދިނުން؛
(4) މީރާގެ އިދާރީ ކަންކަން ހިންގުމުގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ބޭނުންވެއްޖެ ހިނދެއްގައި، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއަށް ލަފާދިނުން؛
(5) ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއާއި، ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއާއި މީރާގެ މުވައްޒަފުން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑު ކަނޑައެޅުން.
(ނ) މީރާ އުފައްދާތާ 60 ދުވަހުގެ ތެރޭގައި ޑިރެކްޓަރުންގެ ބޯޑު އެކުލަވާލަންވާނެއެވެ.
(ރ) މީރާގެ ބޯޑު އެކުލެވިގެންވަނީ އަންނަނިވި 7 (ހަތެއް) މެންބަރުންގެ މައްޗަށެވެ.
(1) ދައުލަތުގެ މާލިއްޔަތުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާ ވުޒާރާގައި ޓެކުހާބެހޭ ސިޔާސަތުތަކާގުޅޭ ކަންކަން ބެލެހެއްޓުމަށް މިނިސްޓަރު ކަނޑައަޅާފައިވާ ފަރާތް؛
(2) ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ 5 (ފަހެއް) މެންބަރުން؛
(3) ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން.
(ބ)
(1) މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ މެންބަރު ޢައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
(2) މި މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ މެންބަރުން ޢައްޔަންކުރާނީ، ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ. މިގޮތުން، ރައީސުލްޖުމްހޫރިއްޔާ ބޯޑުގެ މެންބަރުން ޢައްޔަންކުރަންވާނީ، ޢާންމުކޮށް އިޢުލާނުކުރުމުން، ބޯޑުގެ މެންބަރުކަމަށް އެދި ހުށަހަޅާ އެންމެހައި ފަރާތްތައް ދިރާސާކޮށް، އެ ދިރާސާގެ ނަތީޖާއަށް ބަލައި، ނަންތައް ތަރުތީބުކޮށް، އެ ތަރުތީބުން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން، ރައްޔިތުންގެ މަޖިލީހުން ރުހުންދޭ ބައެކެވެ. މިގޮތުން، ނަން ފޮނުވުމުގައި ބޯޑަށް މެންބަރުން ބޭނުންވާ ޢަދަދަށްވުރެ އިތުރަށް ނަން ފޮނުވަންވާނެއެވެ. ބޯޑުގެ މެންބަރުކަމަށް އެދި ހުށަހަޅާފައިވާ ފަރާތްތައް، ބޯޑަށް ބޭނުންވާ މެންބަރުންގެ ޢަދަދަށްވުރެ މަދުނަމަ، ބޯޑުގެ މެންބަރުކަމަށް އެދި ހުށަހަޅާ އެންމެހައި ފަރާތްތަކުގެ ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވަންވާނެއެވެ.
(ޅ) ބޯޑުގެ މެންބަރުން ކަމުގައި ޢައްޔަންކުރާ މީހުންގައި ތިރީގައިވާ ސިފަތައް ހުންނަންވާނެއެވެ.
(1) މުސްލިމަކު ކަމުގައިވުން؛
(2) ދިވެހި ރައްޔިތަކު ކަމުގައިވުން؛
(3) ބުއްދި ސަލާމަތުން ހުރުން؛
(4) ޢުމުރުން 18 އަހަރު ފުރިފައިވުން؛
(5) އިސްލާމް ދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއްކުރިކަން ޝަރީޢަތައް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
(6) އިފްލާސް ކުރެވިފައިވާ މީހަކު ކަމުގައި ނުވުން؛
(7) ރިޝްވަތުގެ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
(8) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ މަޤާމެއް ފުރަމުންދާ މީހަކުކަމުގައި ނުވުން؛
(9) ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ނުވަތަ އެފަދަ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މީހަކު ކަމުގައި ނުވުން؛
(10) ސަރުކާރު ޤަބޫލުކުރާ އިދާރާއަކުން ޓެކްސް، އިޤްތިޞާދު، މާލީ، އެކައުންޓިންގ، ވިޔަފާރި ނުވަތަ ޤާނޫނީ ދާއިރާއިން މާސްޓަރސް ޑިގްރީއެއް ނުވަތަ އެއާ އެއް ފެންވަރުގެ ސަނަދެއް ޙާޞިލުކޮށްފައިވުން، ނުވަތަ އެއިން ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ އެއާ އެއް ފެންވަރުގެ ސަނަދެއް ޙާޞިލުކުރުމަށްފަހު އެ ދާއިރާއެއްގައި މަސައްކަތްކޮށް، މަދުވެގެން 5 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
(11) އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން.
(1-ޅ) ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ބޯޑުގައި ހިމެނޭނީ ވޯޓު ނުދެވޭ މެންބަރެއްގެ ގޮތުގައެވެ.
(ކ) ބޯޑަށް ޢައްޔަންކުރެވޭ މެންބަރަކު، އެމަޤާމުގައި ދެމިހުންނާނީ 5 އަހަރު ދުވަހުގެ މުއްދަތަށެވެ. މި ޤާނޫނުގެ 5 ވަނަ މާއްދާގެ ދަށުން ވަކިކުރެވޭ މެންބަރަކު ފިޔަވައި، އެހެން ކޮންމެ މެންބަރަކީ، އަލުން އިތުރު ދައުރަކަށް ބޯޑަށް ޢައްޔަންކުރެވިދާނެ މެންބަރެކެވެ.
(އ) ބޯޑުގެ ޗެއަރޕަރސަންއަކީ މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ފަރާތެވެ. ބޯޑުގެ ޑެޕިއުޓީ ޗެއަރޕަރސަންއަކީ މި މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މެންބަރުންގެ ތެރެއިން ބޯޑުން ޢައްޔަންކުރާ މީހެކެވެ.
(ވ) ޗެއަރޕަރސަންއަށް ބޯޑުގެ މަސައްކަތްތަކަށް ހާޒިރުވެވެން ނެތް ޙާލަތެއްގައި ޗެއަރޕަރސަންގެ މަސްއޫލިއްޔަތު އަދާކުރާނީ ޑެޕިއުޓީ ޗެއަރޕަރސަންއެވެ. އަދި މި ޤާނޫނުން ޗެއަރޕަރސަންއަށް ލިބިގެންވާ އެންމެހައި ބާރުތައް މިޙާލަތުގައި ޑެޕިއުޓީ ޗެއަރޕަރސަންއަށް ލިބިގެންވެއެވެ.
5. ބޯޑުގެ މެންބަރުން ވަކިކުރުމާއި އިސްތިޢުފާ ދިނުން
(ހ) މީރާގެ ބޯޑުގައި ހިމެނޭ މެންބަރަކަށް އަންނަނިވި ޙާލަތްތަކުގެ ތެރެއިން ޙާލަތެއް މެދުވެރި ވެއްޖެނަމަ، މީރާގެ ބޯޑުގެ މެންބަރުކަމުން ވަކިވާނެއެވެ.
(1) ޝަރުޢީ ޙުކުމަކުން އިފްލާސްކުރުން؛ ނުވަތަ
(2) ޖިނާއީ ކުށެއް ކުރިކަން ޝަރުޢީ ކޯޓަކަށް ސާބިތުވެ ޙުކުމްކުރުން؛ ނުވަތަ
(3) މެންބަރެއްގައި ހުރުމަށް މި ޤާނޫނު ލާޒިމްކުރާ ސިފައެއް އުނިވުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޙާލަތެއް މެދުވެރިނުވިނަމަވެސް، ބޯޑު މެންބަރުންގެ ތެރެއިން މެންބަރަކު އޭނާގެ މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އިހުމާލުވިކަމަށް، ނުވަތަ މަޤާމުގެ ނުފޫޒު ނާޖާއިޒް ގޮތުގައި ބޭނުންކުރާކަމަށް ރައްޔިތުންގެ މަޖިލީހުގެ މީރާގެ ކަންކަން ބެލުމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާ ކޮމިޓީއަށް ފެނިގެން، އެ މެންބަރަކު މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުން އެ މެންބަރަކު މެންބަރުކަމުން ވަކިވާނެއެވެ.
(ނ) ބޯޑުގެ މެންބަރަކު އަމިއްލައަށް ވަކިވާން ބޭނުންވެއްޖެނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން، އެ މެންބަރަކު މަޤާމުން ވަކިވީއެވެ.
(ރ) ބޯޑުގެ މެންބަރަކު އެއްވެސް ސަބަބަކާހުރެ އެ މެންބަރަކު ޢައްޔަންކޮށްފައިވާ މުއްދަތު ހަމަވުމުގެ ކުރިން އެ މަޤާމުން ވަކިވެއްޖެނަމަ، ގިނަވެގެން 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި އެ ހުސްވި މަޤާމަށް މީހަކު ޢައްޔަންކުރަންވާނެއެވެ.
6. ބޯޑުގެ މެންބަރުންގެ މުސާރައާއި އެހެނިހެން ޢިނާޔަތްތައް
ބޯޑުގެ މެންބަރުންގެ މުސާރައާއި އެހެނިހެން ޢިނާޔަތްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.
7. ބޯޑުގެ ޖަލްސާތައް ބޭއްވުން
(ހ) މަދުވެގެން މީލާދީ ކޮންމެ މަހަކު އެއް ފަހަރު ބޯޑުގެ ޖަލްސާއެއް ބާއްވަންވާނެއެވެ.
(ށ) ބޯޑުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ޗެއަރޕަރސަންއަށް ފެނިއްޖެ ހިނދެއްގައި ބޯޑުގެ ޖަލްސާ ބޭއްވިދާނެއެވެ.
(ނ) ޑިރެކްޓަރުން ބޯޑުގެ 4 މެންބަރުން ހަމަވެއްޖެނަމަ، ބޯޑުގެ ޖަލްސާއެއް ބޭއްވުމަށް ބޭނުންވާ ޤާނޫނީ ޢަދަދު ހަމަވީކަމަށް ބެލެވޭނެއެވެ.
(ރ) ބޯޑުން ކަމެއް ފާސްކުރުމަށް ވޯޓު ދިނުމުގައި ބޯޑުގެ ޗެއަރޕަރސަންއަށް ވޯޓު ދެވޭނީ އެ ކަމެއްގައި ދެކޮޅަށް ލިބޭ ވޯޓު އެއްވަރުވެއްޖެ ހިނދެއްގައި އެކަންޏެވެ. ބޯޑުން ފާސްކުރާ ކޮންމެ ކަމެއްގައިވެސް ކޮންމެ މެންބަރަކު ވޯޓު ދިން ގޮތް ވަކިވަކިން ޔައުމިއްޔާއިން އެނގެން އޮންނަންވާނެއެވެ.
(ބ) ބޯޑުގެ އިދާރީ ކަންކަން ބަލަހައްޓާނީ ދައުލަތުގެ މާލިއްޔަތާބެހޭ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ޙަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާއިންނެވެ.
8. ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަދި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޢައްޔަންކުރުމާއި ވަކިކުރުމާއި މުސާރަ ކަނޑައެޅުން
(ހ) ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޢައްޔަންކުރާނީ، ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ޢައްޔަންކުރަންވާނީ، ޢާންމުކޮށް އިޢުލާނުކުރުމުން، އެ ދެ މަޤާމަށް އެދި ހުށަހަޅާ އެންމެހައި ފަރާތްތައް ދިރާސާކޮށް، އެ ދިރާސާގެ ނަތީޖާއަށް ބަލައި، ނަންތައް ތަރުތީބުކޮށް، އެ ތަރުތީބުން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން، ރައްޔިތުންގެ މަޖިލީހުން ރުހުންދޭ ބައެކެވެ. މިގޮތުން ނަން ފޮނުވުމުގައި އެ ދެ މަޤާމަށް ބޭނުންވާ ޢަދަދަށްވުރެ އިތުރަށް ނަން ފޮނުވަންވާނެއެވެ.
(ށ) ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ނުވަތަ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އޭނާގެ މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އިހުމާލުވިކަމަށް، ނުވަތަ މަޤާމުގެ ނުފޫޒު ނާޖާއިޒް ގޮތުގައި ބޭނުންކުރާކަމަށް، ނުވަތަ ބޯޑުން ފާސްކޮށްފައިވާ ސުލޫކީ މިންގަނޑާ ޚިލާފުވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީރާގެ ކަންކަން ބެލުމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާ ކޮމިޓީއަށް ފެނިގެން، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ނުވަތަ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން މަޤާމުން ވަކިކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުން އޭނާ އެ މަޤާމުން ވަކިވާނެއެވެ.
(ނ) ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއަށް މީރާގެ މަސައްކަތްތަކަށް ހާޒިރުވެވެންނެތް ޙާލަތެއްގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަސްއޫލިއްޔަތުތައް އަދާ ކުރާނީ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއެވެ.
(ރ) ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މުސާރައާއި ޢިނާޔަތްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.
(ބ) ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން މަޤާމުން އަމިއްލައަށް ވަކިވާން ބޭނުންވެއްޖެނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން މަޤާމުން ވަކިވީއެވެ.
(ޅ) ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ނުވަތަ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމު، އެއްވެސް ސަބަބަކާހުރެ ހުސްވެއްޖެނަމަ، ގިނަވެގެން 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި އެ މަޤާމަށް މީހަކު ޢައްޔަންކުރަންވާނެއެވެ.
(ކ) ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ޢައްޔަންކުރެވޭ މީހެއްގެ މަޤާމުގެ މުއްދަތަކީ، އެ މަޤާމަށް އޭނާ ޢައްޔަންކުރެވޭ ތާރީޚުން ފެށިގެން 5 (ފަހެއް) އަހަރު ދުވަހެވެ. އެހެންނަމަވެސް، މި މާއްދާގެ (ށ) ގެ ދަށުން މަޤާމުން ވަކިކުރެވޭ ޙާލަތުގައި ފިޔަވައި، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ޢައްޔަންކޮށްފައިވާ މީހަކު އިތުރު ދައުރަކަށް ޢައްޔަންކުރުމަކަށް މި ޤާނޫނު ހުރަހެއް ނާޅައެވެ.
(އ) މި ޤާނޫނުގެ ދަށުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ޢައްޔަންކޮށްފައިވާ މީހަކު ޢައްޔަނުކުރެވޭނީ ގިނަވެގެން ފަސް އަހަރުގެ ދެ ދައުރަށެވެ.
9. ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ ޝަރުތު
މި ޤާނޫނުގެ ދަށުން ޢައްޔަންކުރެވޭ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއަކީ ތިރީގައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތައް ކަމަށް ވާންވާނެއެވެ.
(ހ) އިޤްތިޞާދީ، މާލީ، ވިޔަފާރި ނުވަތަ ޓެކްސްއާ ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީ ނުވަތަ އެއާ އެއްފެންވަރެއްގެ ސަނަދެއް ސަރުކާރު ޤަބޫލުކުރާ އިދާރާއަކުން ޙާޞިލުކޮށްފައިވުން ނުވަތަ ސަރުކާރުގެ މާލިއްޔަތާބެހޭ ދާއިރާއެއްގައި މަސައްކަތްކޮށް މަދުވެގެން 10 އަހަރުގެ ތަޖުރިބާ ލިބިފައިވުން.
(ށ) އެހެން އެއްވެސް ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން.
(ނ) ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިނުވުން އަދި އެފަދަ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މީހަކު ކަމުގައި ނުވުން.
(ރ) ޤާނޫނުގައި ކަނޑައެޅިފައިވާ އިންތިޚާބަކުން ހޮވާފައިވާ މަޤާމެއްގައި ހުރި މީހަކު ކަމުގައި ނުވުން.
(ބ) ވައްކަން، ޓެކުން، ފޭރުން، މަކަރާއި ހީލަތް، ހިޔާނާތް، ރިޝްވަތު ނުވަތަ އިހުމާލުގެ ކުށެއް ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.
(ޅ) މަސްތުވާތަކެތީގެ މައްސަލައެއްގައި ޙުކުމެއް ކޮށްފައިވާ މީހަކުކަމުގައި ނުވުން.
(ކ) އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން.
10. ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަސްއޫލިއްޔަތު
(ހ) މި ޤާނޫނާއި އަދިވެސް އެހެން ޓެކްސް ޤާނޫނެއްގެ ދަށުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ކުރުން ލާޒިމްވާ އެންމެހައި ކަންތައްތަކާއި މީރާއިން ދުވަހުން ދުވަހަށް ހިންގާ މަސައްކަތްތައް ހިންގާނީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއެވެ.
(ށ) ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަސްއޫލިއްޔަތަކަށްވާނީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން، މީރާގެ މަސައްކަތްތަކަށް ހާޒިރުވެވެން ނެތް ޙާލަތެއްގައި ކޮމިޝަނަރ ޖެނެރަލްގެ މަސްއޫލިއްޔަތުތައް އަދާކުރުމާއި އަދި ކޮމިޝަނަރ ޖެނެރަލް ކަނޑައަޅާ އެހެނިހެން މަސައްކަތްތައް ކުރުމެވެ.
10-1. މުދަލާއި ފައިސާގެ ބަޔާން ހުށަހެޅުން
(ހ) މި ޤާނޫނުގެ 4 ވަނަ މާއްދާގެ (ރ) ގެ ދަށުން ޢައްޔަންކުރެވޭ ބޯޑުގެ މެންބަރުންނާއި، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން، މަޤާމާ ޙަވާލުވުމުގެ ކުރިއަށް ފާއިތުވީ އަހަރުގެ، އަދި އެއިން ފަރާތެއް މަޤާމުން ވަކިވާތާ 1 (އެކެއް) އަހަރު ދުވަސް ހަމަވުމާ ހަމައަށް، އަހަރަކު އެއް ފަހަރު، އެފަރާތުގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަޞްލަޙަތުތަކާއި، އަރަންޏާއި ދަރަނި ހާމަކޮށް އޮޑިޓަރ ޖެނެރަލް ކަނޑައަޅާ ގޮތަކަށް ތައްޔާރުކުރާ ބަޔާނެއް އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންވާނެއެވެ. އަދި އެގޮތުން ހުށަހަޅާ ބަޔާން، މީރާގެ ވެބްސައިޓްގައި ޝާއިޢުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަހަރަކު އެއް ފަހަރު ހުށަހަޅާ ބަޔާން ހުށަހަޅާނީ، ފާއިތުވި އަހަރަށް ނިސްބަތްވާ މަޢުލޫމާތު ހިމަނައި، އެ އަހަރެއްގެ މާރިޗު މަހުގެ 31 ވަނަ ދުވަހުގެ ކުރިންނެވެ.
(ނ) މި މާއްދާގެ ދަށުން ހުށަހަޅާ ބަޔާން ދިރާސާކޮށް، އެ ބަޔާނާ ގުޅިގެން އޮޑިޓަރ ޖެނެރަލަށް ފާހަގަކުރެވޭ ކަންތައްތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ރިޕޯޓެއް، ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް އޮޑިޓަރ ޖެނެރަލް ހުށަހަޅަންވާނެއެވެ.
11. މީރާގެ ބަޖެޓާއި އަހަރީ ރިޕޯޓު
(ހ) މީރާއަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީއާއި، މީރާގެ ރިކަރަންޓް ޚަރަދާއި، ކެޕިޓަލް ޚަރަދު ހިމަނައިގެން އެ އަހަރަކަށް ލަފާކުރާ ބަޖެޓު އެކުލަވާލައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން، އަދި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ތާރީޚަށް، ނުވަތަ އެ ތާރީޚުގެ ކުރިން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް މީރާއިން އެ ބަޖެޓް ފޮނުވަންވާނެއެވެ.
(ށ) މީރާގެ އާމްދަނީއާއި ޚަރަދާއި މިލްކިއްޔާތާއި، މާލީ ޒިންމާތަކާބެހޭ ހިސާބު، އޮޑިޓަރ ޖެނެރަލް ކަނޑައަޅާ މިންގަނޑަކާއި އެއްގޮތަށް ތައްޔާރުކޮށް އޮޑިޓްކުރުމަށްފަހު، އަންނަނިވި މަޢުލޫމާތުތައް ހިމެނޭގޮތުން ތައްޔާރުކުރެވިފައިވާ އަހަރީ ރިޕޯޓް، ކޮންމެ އަހަރެއްގެ މެއި މަހުގެ 31 ވަނަ ދުވަހުގެ ކުރިން ރައްޔިތުންގެ މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވަންވާނެއެވެ.
(1) ޓެކްސްގެ ގޮތުގައި އެހެނިހެން އާމްދަނީގެ ގޮތްގޮތުން އެ އަހަރެއްގެ ތެރޭގައި މީރާއަށް ބަލައިގަތް ފައިސާގެ ޢަދަދު؛
(2) މީރާގެ މަޤްޞަދުތައް ހާސިލުކުރުމުގެ ގޮތުން އެ އަހަރެއްގެ ތެރޭގައި ކުރެވުނު މަސައްކަތްތަކާއި އޭގެ ނަތީޖާ؛
(3) މީރާ ހިންގުމުގެ ދާއިރާއާއި މުވައްޒަފުންނާ ގުޅޭގޮތުން އިދާރީ ގޮތުން އެ އަހަރެއްގެ ތެރޭގައި ހިނގި ކަންކަމުގެ ތަފްޞީލު.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރިޕޯޓު ރައްޔިތުންގެ މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި، މީރާއިން އެ ރިޕޯޓު ޢާންމުކޮށް ޝާއިޢުކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ށ) ގައި އެހެން އޮތްނަމަވެސް، ދިމާވާ ޚާއްޞަ ޙާލަތެއްގައި، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއަށް ފެނިއްޖެ ހިނދެއްގައި، އެ ޙާލަތަކާގުޅޭ ޚާއްޞަ ރިޕޯޓެއް ރައްޔިތުންގެ މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއަށް ލިބިގެންވެއެވެ.
12. މީރާގެ އިދާރާ، މުވައްޒަފުން ޢައްޔަންކުރުމާއި ވަކިކުރުން އަދި މުސާރަ ކަނޑައެޅުން
(ހ) މީރާގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމުކުރަންޖެހޭކަމަށް ފެންނަ ޢަދަދަކަށް، ބޯޑުގެ މަޝްވަރާގެ މަތިން، އިދާރާތައް އުފެއްދުމާއި އުވާލުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއަށް ލިބިގެންވެއެވެ. މިގޮތުން އުފައްދާ އިދާރާތަކުގެ މަސްއޫލިއްޔަތަކަށް ވާނީ މީރާގެ މަސްއޫލިއްޔަތްތަކުގެ ތެރެއިން ބޯޑުގެ މަޝްވަރާގެ މަތިން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ކަނޑައަޅާ މަސައްކަތްތައް ކުރުމެވެ.
(ށ) މީރާގެ އޮފިސަރުންނާއި މުވައްޒަފުން އެމީހެއްގެ ޤާބިލިއްޔަތުގެ މައްޗަށް ބިނާކޮށް ޢައްޔަންކުރުމާއި، ވަޒީފާގެ ކުރިއެރުން ދިނުމާއި، އެޖެންޓުންނާއި، އެޑްވައިޒަރުން ޢައްޔަންކޮށް، ވަކިކޮށް، މުސާރަ ދޭނެ މިންވަރާއި ގޮތްތައް ކަނޑައަޅައި ވަޒީފާ ދިނުމާއި ވަޒީފާ އަދާކުރުމުގެ ޝަރުތުތައް އެކަށައަޅައި ހަދާނީ، ބޯޑުގެ މަޝްވަރާގެ މަތިން ރާއްޖޭގައި ޢަމަލުކުރެވެމުންދާ ޤާނޫނުތަކާއި އެޤާނޫނުތަކުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެމަތިން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއެވެ.
(ނ) މިމާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މަޤާމުތަކުގެ މުސާރައާއި ޢިނާޔަތްތައް ކަނޑައެޅުމުގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ މަޝްވަރާ ހޯދަންވާނެއެވެ.
(ރ) މިމާއްދާގެ ދަށުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ނިންމާ ނިންމުންތައް ހުންނަންވާނީ ލިޔުމުންނެވެ.
13. މީރާގެ މުވައްޒަފުންނަށް ދެވޭ ޤާނޫނީ ހިމާޔަތް
މީރާގެ އެންމެހައި މުވައްޒަފުންނަށް ތިރީގައި ބަޔާންކުރެވިފައިވާ ޤާނޫނީ ހިމާޔަތް ލިބިގެންވެއެވެ.
(ހ) މި ޤާނޫނާއި އެއްގޮތަށް ނުވަތަ މި ޤާނޫނުގެ ދަށުން ހެދޭ ގަވާއިދަކާއި އެއްގޮތަށް މުވައްޒަފަކު އޭނާގެ ވާޖިބު އަދާކުރުމުގައި ލިބޭ ގެއްލުމަކަށް ނުވަތަ އެފަދަ މައްސަލައަކާގުޅޭ ގޮތުން ކުރެވޭ ޝަރީޢަތަކަށް އެމުވައްޒަފަކު ފަރުދީގޮތުން ޒިންމާވާކަށް ނުޖެހޭނެއެވެ. އަދި އެފަދަ ޙާލަތްތަކުގައި ޒިންމާ އުފުލާނީ މީރާއިންނެވެ.
(ށ) މިމާއްދާގެ (ހ) އާއި ޚިލާފަށް މުވައްޒަފަކު ކުރިކަމަށް ޝަރީޢަތަށް ސާބިތުވާ ކޮންމެ ކުށެއްގެ ޒިންމާ އެ މުވައްޒަފަކު އުފުލަންޖެހޭނެއެވެ. އަދި އެފަދަ ޙާލަތެއްގައި މީރާއިން އެއްވެސް ޒިންމާއެއް އުފުލަން ނުޖެހޭނެއެވެ.
14. މީރާގެ މުވައްޒަފުންގެ ވާޖިބުތަކާއި އެމީހުންގެ މަސައްކަތްތަކަށް ހުރަސްއެޅުންފަދަ ކަންކަންކުރުން
(ހ) މީރާގެ މުވައްޒަފުން ކުރާ މަސައްކަތްތަކަކީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ އަމުރާ އެއްގޮތަށް މި ޤާނޫނުގެ ދަށުން ބާރު ލިބިގެން ކުރެވޭ މަސައްކަތްތަކެކެވެ.
(ށ) ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ނުވަތަ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ އަމުރެއްގެ ދަށުން ހަރަކާތްތެރިވާ ފަރާތަކުން ކުރެވޭ މަސައްކަތަކަށް އެއްވެސް ހުރަހެއް އަޅައި، ބާރުގެ ބޭނުންކޮށް، ރިޝްވަތުދީ، ލިޔުމަކުން ނުވަތަ އަނގަބަހުންވިޔަސް ބިރުދެއްކުން ފަދަ ގޮތަކުން ނުފޫޒު ފޯރުވައި، އެނޫންވެސް ގޮތަކުން އެކަމުގައި ބައިވެރިވެ އަދި އެކަމަށް އެހީތެރިވުމަކީ ކުށެކެވެ. މިފަދަ ކުށެއްގެ އަދަބަކީ -/200,000 (ދެލައްކަ) ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާކުރުމެވެ.
15. ސިއްރު ހިފެހެއްޓުން
(ހ) ޓެކްސް ޤާނޫނެއްގެ ދަށުން ތައްޔާރުކޮށްފައިވާ އެއްވެސް ލިޔުމަކީ، ނުވަތަ ޓެކްސް ނެގުމުގެ މަސައްކަތުގެ ތެރޭގައި ލިބޭ ނުވަތަ ހޯދާ ޓެކްސް ދައްކާ ފަރާތާބެހޭ އެއްވެސް މަޢުލޫމާތަކީ، ނުވަތަ މި ޤާނޫނުގެ 51 ވަނަ މާއްދާގެ ދަށުން ނުވަތަ މި ޤާނޫނުގެ 1-51 ވަނަ މާއްދާގެ ދަށުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހޯދާ މަޢުލޫމާތަކީ، ސިއްރު މަޢުލޫމާތެވެ. އަދި އެފަދަ މަޢުލޫމާތު، މީރާގެ އެއްވެސް މުވައްޒަފަކު ހާމަކޮށްގެންނުވާނެއެވެ.
(ށ) ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތެއް މީރާގެ މުވައްޒަފަކު ހާމަކުރުމަކުން މިމާއްދާގެ (ހ) އާއި ޚިލާފުވި ކަމަކަށް ނުބެލެވޭނެއެވެ.
(1) ޢާންމުކޮށް ލިބެންހުންނަ މަޢުލޫމާތު؛
(2) އެ މަޢުލޫމާތެއް ހާމަކުރުމުގެ ހުއްދަ އޭގެ ވެރިފަރާތުން ލިޔުމުން ދީފައިވާ މަޢުލޫމާތު؛
(3) ޓެކްސް ނެގުމާބެހޭ ޤާނޫނެއްގެ ދަށުން ހިންގޭ މަދަނީ ޝަރީޢަތެއްގައި ހާމަކުރެވޭ މަޢުލޫމާތު، ނުވަތަ އެނޫންވެސް ކަމާބެހޭ ޤާނޫނެއް ތަންފީޒުކުރުމުގައި ކޯޓު އަމުރެއްގެ ދަށުން ހާމަކުރަން ލާޒިމްވާ މަޢުލޫމާތު؛
(4) ޓެކްސް ނެގުމާބެހޭ ޤާނޫނެއްގެ ދަށުން ހިންގޭ ޖިނާއީ ޝަރީޢަތެއްގައި ހާމަކުރެވޭ މަޢުލޫމާތު، ނުވަތަ ޓެކްސް ނެގުމާބެހޭ ޤާނޫނެއް ނުވަތަ އެނޫންވެސް ކަމާބެހޭ ޤާނޫނެއްގެ ދަށުން ޤާނޫނު ތަންފީޒުކުރާ އިދާރާއަކުން ހިންގާ ޖިނާއީ ތަޙުޤީޤެއްގެ ބޭނުމަށް ކަމާބެހޭ އިދާރާއެއްގެ އަމުރެއްގެ ދަށުން ފޯރުކޮށްދޭންޖެހޭ މަޢުލޫމާތު؛
(5) ޓެކްސް ނެގުމާބެހޭ ޤާނޫނުތައް ހިންގުމުގައި ހަރަކާތްތެރިވާ މުވައްޒަފަކު އެފަދަ އަނެއް މުވައްޒަފަކަށް އެމީހެއްގެ ވަޒީފާ އަދާކުރުމަށް ބޭނުންވެގެން ހާމަކުރާ މަޢުލޫމާތު؛
(6) ޓެކްސް ނެގުމާބެހޭ ޤާނޫނުތައް މާނަކުރުމުގައި ލަފާހޯދުމަށް ހާމަކުރާ މަޢުލޫމާތު؛
(7) މި ޤާނޫނުގެ 51 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ޑަބަލް ޓެކްސް އެގްރީމަންޓެއްގެ ދަށުން ނުވަތަ މި ޤާނޫނުގެ 1-51 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޓެކުހާގުޅޭ މަޢުލޫމާތު ބަދަލުކުރުމުގެ އެއްބަސްވުމެއްގެ ދަށުން ހާމަކުރެވޭ މަޢުލޫމާތު؛
(8) މި އަކުރުގެ (7) ވަނަ ނަންބަރުގައި ނުހިމެނޭ، ބޭރު ޤައުމެއްގައި ނުވަތަ ސަރަޙައްދެއްގައި ހިންގޭ ޓެކްސް ޤާނޫނެއްގެ ދަށުން އެ ޤައުމަކަށް ނުވަތަ ސަރަޙައްދަކަށް ނަގާ ޓެކުހަކާ ގުޅޭގޮތުން އެ ޤައުމެއްގައި ނުވަތަ ސަރަޙައްދެއްގައި ޓެކްސް ޤާނޫނު ހިންގުމަށް ހުއްދަލިބިފައިވާ އޮފިޝަލުންނަށް ދިވެހިރާއްޖޭގައި ޓެކްސް ދައްކަންޖެހޭ ފަރާތަކާ ބެހޭގޮތުން ދޭންޖެހޭ މަޢުލޫމާތު؛
(9) ދިވެހި ސަރުކާރާއި އެހެން ސަރުކާރަކާއި ދެމެދު ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން ޖިނާއީ ކުށެއް ހުއްޓުވުމަށް ނުވަތަ އެފަދަ ކުށެއްގެ ތަޙުޤީޤަށްޓަކައި ހާމަކުރެވޭ މަޢުލޫމާތު؛
(10) މަޢުލޫމާތު ނިސްބަތްވާ ފަރާތް ނޭނގޭގޮތަށް ސަރުކާރުގެ ތަފާސްހިސާބުތަކުގައި ހިމެނުމަށް ހާމަކުރާ މަޢުލޫމާތު.
(11) ޤާނޫނަކުން ވަކި އިދާރާއަކަށް މަޢުލޫމާތު ފޯރުކޮށްދިނުމަށް މީރާއަށް ލާޒިމްކުރާ ޙާލަތުގައި އެ ޤާނޫނުގައިވާ ގޮތުގެމަތިން އެ އިދާރާއަކަށް ފޯރުކޮށްދޭ މަޢުލޫމާތު؛
(12) މި ޤާނޫނުގެ ދަށުން ކަނޑައަޅާފައިވާ ޖިނާއީ ކުށާ ގުޅިގެން ދަޢުވާކުރުމަށް ފޮނުވާ ފަރާތްތަކުގެ މަޢުލޫމާތު.
(ނ) މީރާގެ ކޮންމެ މުވައްޒަފަކުވެސް ޓެކްސް ނެގުމާބެހޭ ޤާނޫނުގެ ދަށުން ވަޒީފާ އަދާކުރަން ފެށުމުގެ ކުރިން އެވަޒީފާއާގުޅޭ ސިއްރުތައް ހިފެހެއްޓުމަށްޓަކައި އިޤުރާރެއްގައި ސޮއިކުރަންވާނެއެވެ.
(ރ) އެއްވެސް މީހަކު މި މާއްދާގެ (ނ) ގައި ބުނެފައިވާ އިޤުރާރާއި ޚިލާފުވިކަން މީރާގެ ބޯޑަށް ފެނިއްޖެ ޙާލަތެއްގައި، އެ ކަމެއް ޝަރީޢަތުގެ މަރުޙަލާއިން ވަކިގޮތެއް ނިމެންދެން އެމުވައްޒަފެއް ވަޒީފާއިން ސަސްޕެންޑްކުރުމުގެ ބާރު ބޯޑަށް ލިބިގެންވެއެވެ.
(ބ) އެއްވެސް މީހަކު މި މާއްދާގެ (ނ) ގައި ބުނެފައިވާ އިޤުރާރާ ޚިލާފުވިކަން ޝަރީޢަތަށް ސާބިތުވެއްޖެނަމަ، އެ މީހެއްގެ އަދަބަކީ، އެ މީހަކު ކުރި ޢަމަލުގެ ކުޑަބޮޑުމިނަށް ބަލައި، ވަޒީފާއިން ވަކިކުރުން ނުވަތަ ވަޒީފާއިން ވަކިކުރުމާއެކު -/100,000 (އެއްލައްކަ) ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާކުރުމެވެ.
(ޅ) މި މާއްދާގެ (ބ) ގައިވާ ގޮތުގެމަތިން ވަޒީފާއިން ވަކިކުރެވިފައިވާ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނު ތާރީޚުން ފެށިގެން 5 އަހަރު ފުރުމުގެ ކުރިން މީރާއިން ވަޒީފާއެއް އެމުވައްޒަފަކަށް ދީގެންނުވާނެއެވެ.
(ކ) މި މާއްދާގެ ބޭނުމަށްޓަކައި، މީރާގެ މުވައްޒަފުންގެ ތެރޭގައި މީރާއިން ވަޒީފާ ދޭ މީހުންގެ އިތުރުން، ވަކި މުއްދަތަކަށް، ވަކި ކަމެއް ކުރުމަށް މީރާއިން ޢައްޔަންކުރާ ފަރާތްތައް ހިމެނެއެވެ.
(އ) މި މާއްދާގެ (ށ) ގެ ދަށުން ހާމަކުރާ ސިއްރު މަޢުލޫމާތުގެ ތެރެއިން ޢާންމުކުރެވޭ ނުވަތަ އެ މަޢުލޫމާތު ޢާންމުކުރުން ޤާނޫނު ހުއްދަކުރާ މަޢުލޫމާތު ފިޔަވައި އެނޫން ކޮންމެ މަޢުލޫމާތެއްގެ ސިއްރުކަން، އެ މަޢުލޫމާތު ލިބޭ ފަރާތުން ދަމަހައްޓަންވާނެއެވެ. އަދި އެ މަޢުލޫމާތު ލިބޭ ފަރާތުން، އެ މަޢުލޫމާތު އެހެން އެއްވެސް ތިންވަނަ ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ.
(ވ) މި މާއްދާގެ (އ) އެހެން އޮތްނަމަވެސް، ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައި ހިނގަމުންދާ ޝަރީޢަތެއްގެ ބޭނުމަށް މަޢުލޫމާތު ހާމަކުރުމަކަށް އެ އަކުރު ހުރަހެއް ނާޅައެވެ.
(މ) މި ޤާނޫނުގެ 1-21 ވަނަ މާއްދާގެ ދަށުން މީރާއިން ހޯދާ މަޢުލޫމާތު މި މާއްދާގެ (ށ) ގެ (10) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެހެން ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ.
(ފ) އެއްވެސް ފަރާތަކުން މި މާއްދާގެ (އ) އާ ޚިލާފުވެއްޖެނަމަ، އެ މީހެއްގެ އަދަބަކީ، -/250,000 (ދެލައްކަ ފަންސާސްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާކުރުމެވެ.
16. މަޢުލޫމާތު ހާމަކުރުން
(ހ) މި ޤާނޫނުގައި ނުވަތަ އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، މި ޤާނޫނުގެ 51 ވަނަ މާއްދާގެ ދަށުން ނުވަތަ މި ޤާނޫނުގެ 1-51 ވަނަ މާއްދާގެ ދަށުން ވެވޭ އެއްބަސްވުމެއްގެ ދަށުން ލިބޭ ނުވަތަ ބަދަލުކުރެވޭ މަޢުލޫމާތު، އެހެން އެއްވެސް ފަރާތަކާ ޙިއްޞާކުރެވޭނީ އެ އެއްބަސްވުމުގައި ކަނޑައަޅާފައިވާ ގޮތުގެމަތިންނެވެ.
(ށ) މި މާއްދާގެ (ހ) އާ ޚިލާފުނުވާ ގޮތަށް ބޭރު ޤައުމަކުން ނުވަތަ ސަރަޙައްދަކުން އާމްދަނީން ޓެކްސް ދެއްކުމުގައި އެއްވެސް ޢިނާޔަތެއް ނުވަތަ ލުޔެއް ލިބޭނަމަ، އެފަދަ ޤައުމަކުން ނުވަތަ ސަރަޙައްދަކުން ޓެކްސް ދެއްކުމުގައި އެ ލުއި ހޯދުމަށް، އެ ޤައުމެއްގެ ނުވަތަ ސަރަޙައްދެއްގެ ކަމާބެހޭ އޮފިސަރަކަށް ކޮންމެހެން ބޭނުންވާނެ މަޢުލޫމާތު ހާމަކުރުމަކީ މި ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) އާ ޚިލާފު ކަމެއް ނޫނެވެ.
(ނ) ޓެކްސް ޤާނޫނެއްގެ ދަށުން ހުށަހަޅަންޖެހޭ ޓެކްސް ބަޔާނެއް ހުށަނާޅާ ފަރާތެއްގެ މަޢުލޫމާތު ނުވަތަ ޓެކްސް ޤާނޫނެއްގެ ދަށުން ދައްކަންޖެހޭ ޓެކުހެއް ނުވަތަ ޖޫރިމަނާއެއް ނުވަތަ ޤާނޫނެއްގެ ދަށުން މީރާއަށް ބަލައިގަންނަ ޓެކްސް ފިޔަވައި އެނޫން ފައިސާއާއި ޖޫރިމަނާ ނުދައްކާ ފަރާތެއްގެ މަޢުލޫމާތު، ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ހާމަކުރުމަކީ، މި ޤާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ސިއްރު ހިފެހެއްޓުމާ ޚިލާފުވާނެ ކަމެއް ނޫނެވެ.
(ރ) މީރާގެ ސިޔާސަތުތައް ހާމަކޮށް އަދި މީރާގެ ނިންމުންތަކާ ގުޅޭގޮތުން މީޑިއާ ނުވަތަ އެހެންވެސް ފަރާތަކަށް މީރާގެ ފަރާތުން މަޢުލޫމާތު ހާމަކުރާނީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ނުވަތަ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ކަނޑައަޅާ މީހެކެވެ.
(ބ) މި ޤާނޫނުގެ 15 ވަނަ މާއްދާގެ (ށ) ގެ (8) ވަނަ ނަންބަރުގެ ދަށުން އެއްވެސް ފަރާތަކާ މަޢުލޫމާތު ޙިއްޞާކުރަންވާނީ، ހަމައެކަނި އެ މަޢުލޫމާތު ހާމަކުރެވޭ ބޭނުމަށް އެ މަޢުލޫމާތެއް ބޭނުންކުރުމަށް ޝަރުޠުކޮށެވެ. އަދި/ނުވަތަ އެ މަޢުލޫމާތުގެ ސިއްރު ހިފެހެއްޓުމަށް ޝަރުޠުކޮށެވެ.
(ޅ) އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ޤާނޫނުގެ 15 ވަނަ މާއްދާގެ (ށ) ގެ (9) ވަނަ ނަންބަރުގައި ބަޔާންކުރާ އެއްބަސްވުމެއްގެ ދަށުން އެއްވެސް ފަރާތަކާ މަޢުލޫމާތު ޙިއްޞާކުރަންވާނީ އެ އެއްބަސްވުމުގައި ކަނޑައަޅާފައިވާ ގޮތުގެމަތިންނެވެ. އަދި އެ އެއްބަސްވުމުގައި އެ މަޢުލޫމާތުގެ ސިއްރު ހިފެހެއްޓުމާ ގުޅޭގޮތުން ވަކި އުސޫލެއް ކަނޑައަޅާފައިނުވާނަމަ، އެފަދަ އެއްބަސްވުމެއްގެ ދަށުން މަޢުލޫމާތު ހާމަކުރަންވާނީ އެ މަޢުލޫމާތުގެ ސިއްރު ހިފެހެއްޓުމަށް ޝަރުޠުކޮށެވެ. ނުވަތަ ޤާނޫނު ތަންފީޒުކުރުމުގެ ބޭނުމަށް އެކަނި އެ މަޢުލޫމާތެއް ބޭނުންކުރުމަށް ޝަރުޠުކޮށެވެ.
(ކ) އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، ޤާނޫނަކުން އެހެން އިދާރާއަކަށް ފޯރުކޮށްދިނުމަށް މީރާއަށް ލާޒިމްކުރާ މަޢުލޫމާތު މި ޤާނޫނުގެ 15 ވަނަ މާއްދާގެ (ށ) ގެ (11) ވަނަ ނަންބަރުގެ ދަށުން މީރާއިން ހާމަކުރަންވާނީ، އެ މަޢުލޫމާތުގެ ސިއްރު ހިފެހެއްޓުމަށާއި އެ މަޢުލޫމާތެއް ދޫކުރެވޭ ބޭނުމަށް އެކަނި އެ މަޢުލޫމާތެއް ބޭނުންކުރުމަށް ޝަރުޠުކޮށެވެ.
17. ލިޔެކިއުންތަކުގައި ސޮއިކުރުން
(ހ) ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ނުވަތަ މީރާގެ ނަމުގައި ނެރެވޭ ކޮންމެ ލިޔުމެއްގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ނުވަތަ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ހުއްދަ ދީފައިވާ މީހަކު ސޮއިކުރަންވާނެއެވެ. އަދި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ނުވަތަ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ހުއްދަ ދީފައިވާ މީހެއްގެ ސޮއި އޮތް ކޮންމެ ލިޔުމެއް، އަންނަނިވި ކަމެއް މެދުވެރިނުވާހާ ހިނދަކު ބެލެވޭނީ ޞައްޙަ އެއްޗެއް ކަމަށެވެ.
(1) އެ ލިޔުމެއްގައި ސޮއިކޮށްފައިވަނީ އެ ލިޔުމުގައި ބުނެފައިވާ މީހާ ނޫންކަން ސާބިތުވުން، އަދި
(2) އެ ލިޔުމުގެ ކޮޕީ އަކުން ޞައްޙަ ނޫން ސޮއެއްކަން ސާބިތުވުން.
(ށ) މި މާއްދާގެ ބޭނުމަށްޓަކައި އެ ސޮޔަކީ އަތުން ކޮށްފައިވާ ނުވަތަ ޕްރިންޓްކޮށްފައިވާ ނުވަތަ ތައްގަނޑަކުން ޖަހާފައިވާ ނުވަތަ އިލެކްޓްރޯނިކް ސޮޔެއްކަމަށް ވިޔަސް އެއީ ޞައްޙަ ސޮޔެއްކަމަށް ބެލެވޭނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ހުއްދަ ދީފައިވާ މީހެއް ކަމަށް ބުނެފައި އެވަނީ، ޓެކްސް ޤާނޫނެއްގެ ދަށުން ނުވަތަ މި ޤާނޫނުގެ ދަށުން ވަކި ކަންކަމަށް ހުއްދަ ދިނުމަށް ނުވަތަ ވަކި ބާރުތަކެއް ބޭނުންކުރުމަށް މީރާގެ މުވައްޒަފުންގެ ތެރެއިން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ލިޔުމުން ހުއްދަ ދީފައިވާ ފަރާތްތަކަށެވެ.
(ރ) މި ޤާނޫނުގެ ދަށުން ނުވަތަ ޓެކްސް ޤާނޫނެއްގެ ދަށުން ސީދާ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަންގަންޖެހޭ އެންގުމެއް ނުވަތަ ނިންމަންޖެހޭ ނިންމުމެއް ނުވަތަ ދޭންޖެހޭ ހުއްދައެއް ފިޔަވައި، އެހެން އެންގުންތަކާއި ނިންމުންތަކާއި ހުއްދަތައް ދޫކޮށްފައިވަނީ މި މާއްދާގެ (ހ) ގެ ދަށުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ހުއްދަ ދީފައިވާ މީހަކު ސޮއިކުރުމަށްފަހުގައިނަމަ، އެއީ، މި ޤާނޫނުގެ ބޭނުމަށްޓަކައި ޞައްޙަ އެންގުމެއް ނުވަތަ ނިންމުމެއް ނުވަތަ ހުއްދައެއް ކަމުގައި ބެލެވޭނެއެވެ.
18. ލިޔެކިއުން ފަދަތަކެތި ރައްދުކުރުން
(ހ) ޓެކްސް ޤާނޫނެއްގެ ދަށުން ނުވަތަ މި ޤާނޫނުގެ ދަށުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ނުވަތަ މީރާއިން ފޮނުވާ ލިޔެކިޔުން ރައްދުކުރަންވާނީ މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.
(ށ) ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ނުވަތަ މީރާއިން ފޮނުވާ ލިޔެކިޔުމެއް، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް ޓެކްސް ދައްކާ ފަރާތަކަށް ފޮނުވައިފިނަމަ، އެ ފަރާތަށް އެ ލިޔެކިޔުން ރައްދުވީކަމަށް ބެލެވޭނެއެވެ.
(1) ޓެކްސް ދައްކާ ފަރާތުން މީރާއަށް އަންގާފައިވާ އެ ފަރާތުގެ ލިޔެކިޔުން ފޮނުވަންވީ އެޑްރެހަށް، ރަޖިސްޓަރޑް ޕޯސްޓުގެ ޒަރީއާއިން ނުވަތަ ކޫރިއަރ ޚިދުމަތެއް މެދުވެރިކޮށް ފޮނުވުމުން؛
(2) ޓެކްސް ދައްކާ ފަރާތުން މީރާގައި ރަޖިސްޓަރީކޮށްފައިވާ އެ ފަރާތުގެ އީ-މެއިލް އެޑްރެހަށް ފޮނުވުމުން؛
(3) މީރާގެ އޮންލައިން ޕޯޓަލްގެ ޕްރައިމަރީ އެކައުންޓުން ފެންނާނެހެން ޝާއިޢުކުރުމުން ނުވަތަ ޙިއްޞާކުރުމުން؛
(4) މީރާގެ މުވައްޒަފަކު، ޓެކްސް ދައްކާ ފަރާތާ ނުވަތަ އެ ފަރާތުން ކަނޑައަޅާފައިވާ އެހެން ފަރާތަކާ ސީދާ ޙަވާލުކުރުމުން.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން، އެއްގޮތަށްވުރެ ގިނަ ގޮތަށް ލިޔެކިޔުމެއް ފޮނުވައިފިނަމަ، އެ ފަރާތަށް އެ ލިޔެކިޔުން ރައްދުވި ތާރީޚުކަމަށް ބަލާނީ، އެ ލިޔެކިޔުމެއް ފުރަތަމަ ރައްދުވި ތާރީޚެވެ.
(ރ) ޤާނޫނީ ޝަޚްޞަކުން، އެ ފަރާތުގެ ލިޔެކިޔުން ފޮނުވަންވީ އެޑްރެސް މީރާއަށް އަންގާފައިނުވާނަމަ، މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ބޭނުމަށް، ލިޔެކިޔުން ފޮނުވަންވީ އެޑްރެސް ކަމަށް ބަލާނީ؛
(1) އެ ޤާނޫނީ ޝަޚްޞު ރަޖިސްޓަރީކޮށްފައިވާ އެޑްރެސް؛ ނުވަތަ
(2) ޤާނޫނީ ޝަޚްޞަކީ ކުންފުންޏެއްނަމަ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު، ނުވަތަ ޤާނޫނީ ޝަޚްޞަކީ ޕާޓްނަރޝިޕެއްނަމަ އެ ޕާޓްނަރޝިޕްގެ މެނޭޖިންގ ޕާޓްނަރު ނުވަތަ އެނޫން ބާވަތެއްގެ ޤާނޫނީ ޝަޚްޞެއްނަމަ، އެ ފަރާތުގެ ހިންގުމުގެ އިސްފަރާތުގެ ގޮތުގައި ކަނޑައަޅާފައިވާ ފަރާތުން މީރާއަށް އަންގާފައިވާ އެ ފަރާތުގެ ލިޔެކިޔުން ފޮނުވަންވީ އެޑްރެސް؛ ނުވަތަ
(3) ޤާނޫނީ ޝަޚްޞަކީ އުވާލުމުގެ މަސައްކަތް ފަށާފައިވާ ކުންފުންޏެއްނަމަ، އެ ކުންފުނި އުވާލުމުގެ މަސައްކަތާ ޙަވާލުވާ ފަރާތުން ނުވަތަ ކުންފުނި އުވާލުމުގެ މަސައްކަތްކުރުމަށް ކޯޓުން ޢައްޔަންކުރާ ފަރާތުން މީރާއަށް އަންގާފައިވާ އެ ފަރާތުގެ ލިޔެކިޔުން ފޮނުވަންވީ އެޑްރެސް؛ ނުވަތަ
(4) މި ޤާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ކަނޑައަޅާފައިވާ މަސްއޫލުވާ މީހާގެ، މީރާއަށް އަންގާފައިވާ ލިޔެކިޔުން ފޮނުވަންވީ އެޑްރެސް.
(ބ) ޓެކްސް ދައްކާ ފަރާތަކުން ނުވަތަ މި މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުން ފެށިގެން (4) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކޮށްފައިވާ ފަރާތަކުން ލިޔެކިޔުން ފޮނުވަންވީ އެ ފަރާތުގެ އެޑްރެސް މީރާއަށް އަންގާފައިނުވާނަމަ، އަދި އެ ފަރާތަކީ އަމިއްލަ ފަރުދެއް ކަމުގައިވާނަމަ، އެ ފަރާތުގެ ލިޔެކިޔުންތައް ފޮނުވަންވީ އެޑްރެހަކީ އެ ފަރާތެއް ދިރިއުޅެމުންދާ ނުވަތަ އެންމެ ފަހުން ދިރިއުޅުނު ކަމަށް މީރާއަށް އެނގެން އޮތް އެޑްރެހެވެ.
(ޅ) މި މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، ޓެކްސް ދައްކާ ފަރާތާ ނުވަތަ އެ ފަރާތުން ކަނޑައަޅާފައިވާ އެހެން ފަރާތަކާ ސީދާ ޙަވާލުކުރުން ކަމަށް ބުނެފައި އެވަނީ، އެ ފަރާތަކުން އެ ލިޔެކިޔުމާ ޙަވާލުވެ، ޙަވާލުވިކަމުގެ ސޮއިކުރުމަށެވެ.
(ކ)މީރާއަށް ނުވަތަ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް އިލެކްޓްރޯނިކް ސިފައިގައި ބަލައިގަތުމާ ގުޅޭގޮތުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް ހުށަހެޅޭ ލިޔެކިޔުންތައް ވާނީ މި ޤާނޫނުގެ ދަށުން ޞައްޙަ ލިޔުންތަކެއްކަމުގައެވެ.
19. އެސެސްމަންޓްސް އާއި ނޯޓިސްފަދަ ލިޔެކިއުމެއް ގައި ކުށް ހުރުން
(ހ) ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތިން މީރާއިން ދޫކުރާ "އެސެސްމަންޓެއް" ނުވަތަ އެހެން ލިޔެކިއުމެއް ވިޔަސް، ލިޔެކިއުމެއްގައި އެސެސްކުރުމަށް ކަނޑައަޅާ މީހާގެ ޢާންމު ނަމުން ނުވަތަ ކާކުކަން ދޭހަވާ ނަމަކުން މުޚާޠަބު ކުރެވިފައިވާ ނަމަ، އަދި ޤާނޫނުގައި ޢަމަލުކުރުމަށް ކަނޑައަޅާފައިވާގޮތް ނުވަތަ އެމާނަ ދޭހަވާނަމަ، ލިޔެކިއުމެއްގައިވާ ކުށެއްގެ ސަބަބުން ނުވަތަ ލިޔެކިއުމެއް އޮންނަންވާ ގޮތަށް ނެތުމުން ނުވަތަ ލިޔެކިއުމުން ބައެއް މަދުވެފައިވުމަކުން އެފަދަ ލިޔުމެއް ޞައްޙަ ނޫންކަމަށް ބަލައިގެން ނުވަތަ ޢަމަލުނުކޮށް ދޫކޮށްލެވިދާނެކަމަށް ބަލައިގެން ނުވާނެއެވެ.
(ށ) ތިރީގައި ބަޔާންކުރެވިފައިވާ ސަބަބުތަކުންކުރެ ސަބަބަކާހުރެ އެއްވެސް މީހެއްގެ ޓެކްސް އެސެސްމަންޓް އަކަށް ބަދަލެއް ނާންނާނެއެވެ.
(1) ޓެކްސް އެސެސްކުރެވިފައިވާ މީހެއްގެ ފުރިހަމަ ނަމުގައި ހިމެނިފައިވާ ކުށެއްގެ ސަބަބުން ނުވަތަ ފައިދާ ހިސާބުކުރުމުގައި ހިމެނިފައިވާ ކުށެއްގެ ސަބަބުން، ނުވަތަ ޓެކްސް ކޮށްފައިވާ ޢަދަދުގައި ހިމެނިފައިވާ ކުށެއްގެ ސަބަބުން
(2) ޓެކްސް އެސެސްކުރެވިފައިވާ ފައިސާގެ ޢަދަދާއި ނޯޓިސްގައި ހިމެނޭ ފައިސާގެ ޢަދަދުގައިވާ ފަރަގެއްގެ ސަބަބުން
(ނ) މިމާއްދާގެ (ށ) ގައި އެހެން އޮތްކަމުގައި ވިއަސް އެފަދަ ލިޔެކިއުމެއްގައި ހުރުންލާޒިމްވާ މައިގަނޑު ބައިތައް އުނިވެފައިވުން، ނުވަތަ ރައްދުކުރަންވާ ފަރާތަށް ރައްދުނުކުރެވުން ފަދަ ޙާލަތެއްގައި ޓެކްސް އެސެސްމެންޓަށް ބަދަލުގެނެވިދާނެއެވެ.
20. އިލެކްޓްރޯނިކް ފޯމް
މީރާއަށް ބަލައިގަންނަ އަދި މީރާއިން އެހެންފަރާތަކަށް ފޮނުވާ ޓެކްސް ބަޔާނާއި، ނޯޓިހާއި ފޯމްތަކާއި އަދި އެހެނިހެން ލިޔެކިއުންތައް އިލެކްޓްރޯނިކް ޒަރީޢާއިން ބަލައިގަނެ ނުވަތަ ފޮނުވާ ހެދުމާއިބެހޭ ގަވާއިދުތައް ތަފާތު ޙާލަތްތަކުގައި ތަފާތުވާގޮތަށް ހެދުމުގެ ބާރާއި އިޚްތިޔާރު ބޯޑަށް ލިބިގެންވެއެވެ.
21. ކުންފުނިތަކާއި އެހެނިހެން ފަރާތްތަކުގެ މަޢުލޫމާތު އެންގުން
(ހ) މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ލަސްވެގެން 3 މަސްދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ކުންފުނިތަކާބެހޭ މަޢުލޫމާތު ރަޖިސްޓްރާރ އޮފް ކޮމްޕެނީސްއިން މީރާއަށް ދޭންވާނެއެވެ.
(ށ) މި ޤާނޫނަށް ޢަމަލުކުރަން ފަށާފަހުން ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވޭ ކޮންމެ ކުންފުންޏަކާބެހޭ މަޢުލޫމާތު ރަޖިސްޓްރާރ އޮފް ކޮމްޕެނީސްއިން، އެ ކުންފުންޏެއް ރަޖިސްޓްރީ ކުރާ ދުވަހުން ފެށިގެން 2 މަސްދުވަހުގެ ތެރޭގައި މީރާއަށް އަންގަންވާނެއެވެ.
(ނ) މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިނުވާ ކުންފުންޏެއް، ދިވެހިރާއްޖޭގައި ވަޒަންވެރި ކުންފުންޏަކަށްވެއްޖެނަމަ، އެ ކުންފުންޏެއް ދިވެހިރާއްޖޭގައި ޤާއިމުވާ ދުވަހުން ފެށިގެން 2 މަސްދުވަހުގެ ތެރޭގައި އެ ކުންފުންޏަކާބެހޭ މަޢުލޫމާތު ރަޖިސްޓްރާރ އޮފް ކޮމްޕެނީސްއިން މީރާއަށް އަންގަންވާނެއެވެ.
(ރ) މި ޤާނޫނަށް ޢަމަލުކުރަން ފަށާއިރު ދިވެހިރާއްޖޭގައި ވިޔަފާރިކުރަމުން އަންނަ ކުންފުންޏެއްނޫން ކޮންމެ ފަރާތަކުން ޤާނޫނަށް ޢަމަލުކުރަން ފަށާދުވަހުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި އެމަޢުލޫމާތު މީރާއަށް އަންގަންވާނެއެވެ.
(ބ) މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު ދިވެހިރާއްޖޭގައި ވިޔަފާރިއެއް ފަށާ ކޮންމެ ފަރާތަކުން (ކުންފުންޏަކަށް ނުވާނަމަ) އެ ވިޔަފާރިއެއް އެ ފަރާތަކުން ފެށި ފުރަތަމަ ދުވަހުން ފެށިގެން 2 މަސްދުވަހުގެ ތެރޭގައި އެމަޢުލޫމާތު މީރާއަށް އަންގަންވާނެއެވެ.
21-1 ޓެކުހާގުޅޭ މަޢުލޫމާތު ހޯދުމުގެ ބާރު
(ހ) ޓެކްސް ޤާނޫނުތައް ތަންފީޒުކުރުމަށް ބޭނުންވާ މަޢުލޫމާތު އެ ފަރާތެއްގެ އަތުގައި ހުރި ކޮންމެ ފަރާތަކަށްމެ، އެ މަޢުލޫމާތު މީރާއަށް ހުށަހެޅުމަށް އެންގުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ ބޭނުމަށްޓަކައި، "ޓެކްސް ޤާނޫނުތައް ތަންފީޒުކުރުމަށް ބޭނުންވާ މަޢުލޫމާތު" ކަމަށް ބުނެފައި އެވަނީ، ޓެކްސް ޤާނޫނެއް ތަންފީޒުކުރުމުގެ ގޮތުން މީރާއިން ހިންގާ އޮޑިޓެއް ނުވަތަ ތަޙުޤީޤެއްގެ ބޭނުމަށް ނުވަތަ ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކާ ގުޅިގެން މީރާއިން ހަދާ އިދާރީ ބިނާކުރުމަކަށްޓަކައި ހޯދާ ޓެކްސް ދައްކާ ފަރާތްތަކުގެ ކަމާބެހޭ މަޢުލޫމާތަށެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން މީރާއިން ފޮނުވާ އެންގުމާ އެއްގޮތްވާ ގޮތުގެމަތިން، އެ އެންގުން ރައްދުވާ ތާރީޚުން ފެށިގެން 15 (ފަނަރަ) ދުވަހަށްވުރެ ދިގުނޫން މުއްދަތެއްގެ ތެރޭގައި، އެ އެންގުމުގައި ބަޔާންކުރާ މަޢުލޫމާތު އެ އެންގުން ރައްދުވާ ފަރާތުން މީރާއަށް ހުށަހަޅަންވާނެއެވެ.
(ރ) މި މާއްދާގެ ދަށުން ހޯދާ މަޢުލޫމާތު، މީރާއިން ބޭނުންކުރަންވާނީ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ބޭނުންތަކަށެވެ.
(ބ) މި މާއްދާގައި ބަޔާންކުރާ މަޢުލޫމާތު ހޯދުމުގެ އުސޫލު، މި ޤާނޫނުގެ 48 ވަނަ މާއްދާގެ ދަށުން ބޭންކު އެކައުންޓުގައިވާ މަޢުލޫމާތުގެ މައްޗަކަށް ނުހިނގާނެއެވެ.
21-2. ޓެކްސް ޤާނޫނުތައް ތަންފީޒުކުރުމަށް މަޢުލޫމާތު ބޭނުންކުރުން
(ހ) މި ޤާނޫނުގެ 21 ވަނަ މާއްދާއާއި 1-21 ވަނަ މާއްދާގެ ދަށުން މީރާއަށް ލިބޭ މަޢުލޫމާތު ހިމެނޭހެން، މި ޤާނޫނުގެ ދަށުން ނުވަތަ ޓެކްސް ޤާނޫނެއްގެ ދަށުން މީރާއަށް ލިބިދޭ ބާރެއްގެ ދަށުން ތިންވަނަ ފަރާތަކުން ލިބޭ ނުވަތަ ހޯދާ މަޢުލޫމާތާއި، ޢާންމުކޮށް ލިބެން ހުންނަ މަޢުލޫމާތު، ޓެކްސް ދައްކަންޖެހޭ ފަރާތްތަކުން ޓެކްސް ދައްކަންޖެހޭ މިންވަރު ހިސާބުކުރަނީ ޓެކްސް ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިންތޯ ބެލުމަށާއި، ޓެކްސް ޤާނޫނުތައް ތަންފީޒުކުރުމަށް ބޭނުންކުރެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އެއްވެސް މަޢުލޫމާތެއް ބޭނުންކުރެވޭނީ ވަކި އުސޫލުތަކެއްގެ މަތިން ކަމުގައި މި ޤާނޫނުގެ އެހެން މާއްދާއެއްގައި ނުވަތަ ޓެކްސް ޤާނޫނެއްގެ އެހެން މާއްދާއެއްގައި ބަޔާންކޮށްފައިވާނަމަ، މި މާއްދާގެ (ހ) އަށް ޢަމަލުކުރަންވާނީ، އެ މާއްދާ ނުވަތަ މާއްދާތަކާ ޚިލާފުނުވާނެ ގޮތުގެމަތިންނެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މަޢުލޫމާތުގެ މައްޗަށް، މި ޤާނޫނުގެ 15 ވަނަ މާއްދާގައި ބަޔާންކުރާ ސިއްރު ހިފެހެއްޓުމުގެ އެންމެހައި އުސޫލުތައް ހިނގާނެއެވެ.
22. މަސްއޫލުވާ މީހާ
(ހ) މި ޤާނޫނުގެ ދަށުން ހެދޭ ގަވާއިދުތަކުގައި ކުންފުނިތަކުންނާއި ޕާޓްނަރޝިޕްތަކުން މި ޤާނޫނަށް ޢަމަލުކުރުމުގައި ޒިންމާވާނެ ފަރާތްތައް ކަނޑައަޅައި މީރާއަށް އެންގުމުގައި ޢަމަލުކުރާނެގޮތް ހިމަނަންވާނެއެވެ.
(ށ) ޓެކްސް ދައްކާ ފަރާތަކަށް، ޓެކްސް ޤާނޫނަށް ޢަމަލުކުރުމުގައި އެ ފަރާތެއް ތަމްސީލުކުރުމަށްޓަކައި، އެއްވެސް ޓެކްސްއެއް ނުވަތަ އިންޓަރެސްޓްއެއް ދެއްކުން ނުވަތަ ޤާނޫނާ ޚިލާފުވެގެން ދެވޭ އެއްވެސް އަދަބަކާއި ޙަވާލުވުން ފިޔަވައި ކޮންމެ ކަމަކަށްވެސް އެހެން ފަރާތެއް އައްޔަންކުރެވިދާނެއެވެ.
23. ޓެކްސް ދައްކަންޖެހޭ ފަރާތްތައް ރަޖިސްޓްރީ ކުރުން
(ހ) ޓެކްސް ޤާނޫނެއްގެ ދަށުން މީރާގައި ރަޖިސްޓަރީކުރާ އެންމެހައި ފަރާތްތަކުގެ ރަޖިސްޓަރީއެއް ("ޓެކްސް ދައްކާ ފަރާތްތަކުގެ ރަޖިސްޓަރީ") މީރާއިން ބަލަހައްޓަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޓެކްސް ދައްކާ ފަރާތްތަކުގެ ރަޖިސްޓަރީ އެކުލަވާލުމަށް ބޭނުންވާ، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ މަޢުލޫމާތު ހުށަހެޅުމަށް، ޓެކްސް ޤާނޫނެއްގެ ދަށުން މީރާގައި ރަޖިސްޓަރީކުރުން ލާޒިމްވާ ކޮންމެ ފަރާތަކަށްމެ، މީރާއަށް އެންގިދާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން އަންގާ އެންގުމެއްގައި ބަޔާންކޮށްފައިވާ ތާރީޚެއްގެ ކުރިން (އަންގާ ތާރީޚުން ފެށިގެން 30 ދުވަހަށްވުރެ މަދު ނޫންނަމަ) އެއަށް ޢަމަލުކުރަންވާނެއެވެ.
(ރ) މީރާގައި އޮންނަ ޓެކްސް ދައްކާ ފަރާތްތަކުގެ ރަޖިސްޓަރީގައިވާ އެ ފަރާތެއްގެ މަޢުލޫމާތަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ، ޓެކްސް ދައްކާ ފަރާތުން ނުވަތަ އެ ފަރާތެއްގެ މަސްއޫލުވާ ފަރާތަކުން، އެ ބަދަލެއް އަންނަތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި، އެކަން މީރާއަށް އަންގަންވާނެއެވެ.
24. ޓެކްސް ދައްކާ ފަރާތް އަންގައިދޭ ނަންބަރު ދޫކުރުން
(ހ) މި ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ރަޖިސްޓްރީ ކުރެވޭ ކޮންމެ ފަރާތަކަށް ޓެކްސް ދައްކާ ފަރާތް އަންގައިދޭ ނަންބަރެއް (ޓެކްސްޕޭޔަރ އައިޑެންޓިފިކޭޝަން ނަންބަރ – "ޓިން") މީރާއިން ދޫކުރަންވާނެއެވެ. އަދި ރަޖިސްޓްރީ ކުރެވިފައިވާ ކޮންމެ ފަރާތަކުންވެސް އެ ފަރާތެއްގެ "ޓިން"، މީރާ އާއިއެކު ކުރާ ކޮންމެ މުޢާމަލާތެއްގައި ބޭނުންކުރަންވާނެއެވެ.
(ށ) ޓެކްސް ނެގުމާބެހޭ ޤާނޫނުގެ ދަށުން މީރާއަށް ހުށަހަޅަންޖެހޭ އެއްވެސް ލިޔުމެއް ނުވަތަ މަޢުލޫމާތެއް ހުށަހަޅާއިރު، އެފަދަ ލިޔުމެއްގައި ނުވަތަ މަޢުލޫމާތެއްގައި އެފަރާތެއްގެ "ޓިން" ނުހިމަނާނަމަ ބެލެވޭނީ އެފަރާތަކުން ޓެކްސް ނެގުމާބެހޭ ޤާނޫނުތަކާއި އެއްގޮތަށް ޢަމަލުކޮށްފައި ނުވާކަމަށެވެ.
25. ޓެކްސް އޭޖެންޓް
(ހ) ޓެކްސް ޤާނޫނެއްގެ ދަށުން ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުމަށް ޓެކްސް އޭޖެންޓުންނަށް ހުއްދަ ދިނުމަކީ މީރާގެ މަސްއޫލިއްޔަތެކެވެ. އަދި މިގޮތުން ހުއްދަ ދެވިފައިވާ ޓެކްސް އޭޖެންޓުންގެ މަޢުލޫމާތު ހިމެނޭ ދަފްތަރެއް މީރާއިން ތައްޔާރުކޮށް ބަލަހައްޓާ ޢާންމުކުރަންވާނެއެވެ.
(ށ) ޓެކްސް ދައްކަންޖެހޭ ފަރާތަކުން ތައްޔާރުކޮށް މީރާއަށް ހުށަހަޅަންޖެހޭ ޓެކްސް ބަޔާނާއި މާލީ ހިސާބުތައް، އެފަރާތުގެ ބަދަލުގައި ތައްޔާރުކުރެވޭނީ މި މާއްދާ ގެ (ހ) ގެ ދަށުން ހުއްދަ ދެވިފައިވާ ޓެކްސް އޭޖެންޓުންނަށެވެ.
(ނ) (އުނިކުރެވިފައި)
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ޓެކްސް އޭޖެންޓުކަންކުރުމުގެ ހުއްދަދީ އަދި ބާޠިލްކުރާނީ މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދާއި އެއްގޮތްވާގޮތުގެ މަތިންނެވެ.
(ބ) މި މާއްދާގެ (ހ) ގެ ދަށުން ހުއްދަ ދެވިފައިވާ ޓެކްސް އޭޖެންޓެއް ޢައްޔަންކުރި ކަމުގައިވީނަމަވެސް، ޓެކްސް ޤާނޫނެއްގެ ދަށުން ދައްކަންޖެހޭ ޓެކްސް ދެއްކުމާއި އަދި ޓެކްސް ޤާނޫނެއްގައި ބަޔާންކުރެވިފައިވާ އެހެނިހެން އިލްތިޒާމްތައް ފުރިހަމަކުރުމަކީ ޓެކްސް ދައްކަންޖެހޭ ފަރާތުގެ ޒިންމާއެކެވެ.
(ޅ) ހުއްދަ ދެވިފައިވާ ޓެކްސް އޭޖެންޓެއް އެއްވެސް ޓެކްސް ޤާނޫނެއްގެ މާއްދާއަކަށް ނުވަތަ އެ ޤާނޫނެއްގެ ދަށުން ހަދާ ގަވާއިދަކާ ޚިލާފުވެއްޖެނަމަ، އެފަރާތުން އެކުރީ ކުށެކެވެ.
(ކ) ޓެކްސް އޭޖެންޓުކަން ކުރުމުގެ ހުއްދަ ދިނުމާއި ހުއްދަ ބާޠިލުކުރުމާއި، ޓެކްސް އޭޖެންޓުންގެ ޝަރުޠުތަކާއި، ގިންތިތަކާއި، ޓެކްސް އޭޖެންޓުންގެ މަސައްކަތުގެ ދާއިރާގެ އިތުރުން ޓެކްސް އޭޖެންޓުންނާގުޅޭ އެނޫންވެސް އުސޫލުތައް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.
26. ޓެކްސް ދައްކާ ފަރާތުގެ ޒިންމާތައް
ޓެކްސް ޤާނޫނެއްގެ ދަށުން ޓެކްސް ދައްކަންޖެހޭ ކޮންމެ ފަރާތަކުން އެ ޓެކްސް ޤާނޫނެއްގެ ދަށުން ޓެކްސް ދެއްކުމުގައި އަންނަނިވި ކަންކަން ކުރުމަކީ އެފަރާތުގެ ޒިންމާއެކެވެ.
(ހ) މީރާއަށް ދައްކަންޖެހޭ ޓެކްސްގެ ޢަދަދު ފުރިހަމައަށް ހިސާބުކުރުން؛
(ށ) ޓެކްސް ދައްކަންޖެހޭ ޤާނޫނުގެ ދަށުން އެއްވެސް ޢަދަދެއް އުނިކުރަންޖެހޭނަމަ، އެ ޢަދަދެއް އުނިކުރުން؛
(ނ) ޓެކްސް ދައްކަންޖެހޭ ޤާނޫނުގެ ދަށުން ވިތްހޯލްޑިންގ ޓެކުހެއް ދައްކަންޖެހޭ ނަމަ، އެ ޓެކްސްއަށްވާ ޢަދަދު އުނިކުރަންޖެހޭ ފައިސާއިން އުނިކުރުމާއި، އެގޮތުން އުނިކުރެވޭ ފައިސާ މީރާއަށް ދެއްކުން؛
(ރ) ޓެކްސް ދެއްކުމަށް ކަނޑައަޅާފައިވާ މުއްދަތުގައި ޓެކްސް ދެއްކުން؛
(ބ) ޓެކްސް ދައްކާ ފަރާތުން ޓެކްސް ޤާނޫނުތަކުގެ ދަށުން ބަލަހައްޓަންޖެހޭ އެންމެހައި މަޢުލޫމާތާއި ލިޔެކިޔުންތަކާއި މާލީ ހިސާބުތައް އެ ޤާނޫނުތަކާއި އެ ޤާނޫނުތަކުގެ ދަށުން ހަދާފައިވާ ގަވާއިދުތަކުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން ބެލެހެއްޓުމާއި، އެފަދަ މަޢުލޫމާތާއި ލިޔެކިޔުންތަކާއި މާލީ ހިސާބުތައް މި ޤާނޫނާ ނުވަތަ ކަމާބެހޭ ޓެކްސް ޤާނޫނަކާ އެއްގޮތްވާ ގޮތުގެމަތިން މީރާއަށް ފޯރުވައިދިނުން؛
(ޅ) ޓެކްސް ދައްކާ ފަރާތުން މީރާއަށް ހުށަހަޅާ ޓެކްސް ބަޔާންތަކާއި ލިޔެކިޔުންތަކާއި އަދި އެނޫންވެސް މަޢުލޫމާތުތަކުގެ ޞައްޙަކަން ޔަޤީންކުރުމަށްޓަކައި މީރާއިން ކުރާ އޮޑިޓްތަކުގައާއި، ތަޙުޤީޤުތަކުގައާއި، ޓެކްސް ދައްކާ ފަރާތުން ދައްކަންޖެހޭ ޓެކްސްގެ ޢަދަދު މީރާއިން ކަނޑައަޅަންޖެހޭ ޙާލަތްތަކުގައި، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއަށާއި، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ކަނޑައަޅާ މީހަކަށް ނުވަތަ ބަޔަކަށް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ފުރިހަމަ އެއްބާރުލުން ދިނުން.
(ކ) ޓެކްސް ޤާނޫނެއްގެ ދަށުން ނުވަތަ އެފަދަ ޤާނޫނެއްގެ ދަށުން ހަދާފައިވާ ގަވާއިދެއްގެ ދަށުން މީރާގައި ރަޖިސްޓަރީކުރުމަށް ކަނޑައަޅާފައި އޮންނަ މުއްދަތުގެ ތެރޭގައި ރަޖިސްޓަރީކުރުން؛
(އ) ޓެކްސް ޤާނޫނެއްގެ ދަށުން ނުވަތަ އެހެން ޤާނޫނެއްގެ ދަށުންވެސް ދައްކަންޖެހޭ ޓެކުހަކާ ގުޅޭގޮތުން ހުށަހަޅަންޖެހޭ ޓެކްސް ބަޔާންތައް، ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ހުށަހެޅުން؛
(ވ) ޓެކްސް ދައްކާ ފަރާތުން މީރާއަށް ފޯރުވައިދީފައިވާ މަޢުލޫމާތަކަށް ނުވަތަ ފޯރުވައިދޭންޖެހޭ މަޢުލޫމާތަކަށް އެއްވެސް ބަދަލެއް އައިސްފިނަމަ އެކަން މީރާއަށް އެންގުން.
27. ރެކޯޑު ބެލެހެއްޓުން
(ހ) ޓެކްސް ޤާނޫނެއްގައި، އެ ޤާނޫނުގެ ދަށުން ޓެކްސް ދެއްކުން ލާޒިމްކުރާ ފަރާތަކުން ބަލަހައްޓަންޖެހޭ ލިޔެކިޔުންތަކާއި މާލީ ހިސާބުތަކާ ގުޅޭގޮތުން ބަޔާންވެގެންވާ އިލްތިޒާމްތަކުގެ އިތުރުން، އެފަރާތުގެ ޓެކްސް ނެގޭ މުއްދަތެއްގެ ނުވަތަ މުއްދަތުތަކެއްގެ އަންނަނިވި ކަންކަމާ ގުޅޭ މަޢުލޫމާތު ހޯދައި ބެލުމަށް މީރާއިން ބޭނުންވެއްޖަނަމަ، އެކަމަށް ފުދޭނެ ލިޔެކިޔުންތަކާއި މާލީ ހިސާބުތައް ބެލެހެއްޓުން އެފަރާތުގެ މައްޗަށް ލާޒިމްވެގެންވެއެވެ.
(1) ޓެކްސް ދައްކާ ފަރާތުގެ ޓެކްސް ނެގޭ މުއްދަތެއްގެ، ޓެކްސް ނެގޭ ފައިދާގެ ނުވަތަ އާމްދަނީގެ ޖުމްލަ ޢަދަދު؛
(2) ޓެކްސް ދައްކާ ފަރާތުގެ ޓެކްސް ނެގޭ ފައިދާ ނުވަތަ އާމްދަނީ ހިސާބުކުރުމުގައި އުނިކޮށްފައިވާ ޚަރަދުތައް؛
(3) މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އިތުރު މަޢުލޫމާތު.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި ޓެކްސް ދައްކާ ފަރާތުން ބަލަހައްޓަންޖެހޭ ލިޔެކިޔުންތަކާއި މާލީ ހިސާބުތައް، އެފަރާތުން ޓެކްސް ދެއްކުމަށް ލާޒިމްކުރާ ޤާނޫނުގައި ނުވަތަ އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ލިޔެކިޔުންތަކާއި މާލީ ހިސާބުތައް ބެލެހެއްޓުމަށް ބަޔާންކޮށްފައިވާ އުޞޫލާ އެއްގޮތްވާ ގޮތުގެމަތިން ބަލަހައްޓަންވާނެއެވެ.
(ނ) ޓެކްސް ޤާނޫނެއްގެ ދަށުން ބަލަހައްޓަންޖެހޭ ލިޔެކިއުންތައް، އެ ލިޔުންތައް ނިސްބަތްވާ ޓެކްސް އަހަރު ނިމޭތާ މަދުވެގެން 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ބަހައްޓަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި އެހެން އޮތްނަމަވެސް، ޓެކްސް ޤާނޫނެއްގެ ދަށުން އެއްވެސް ފަރާތެއްގެ ހިސާބުތައް މީރާއިން އޮޑިޓްކޮށް އަދި ތަޙުޤީޤުކޮށް ނިމިފައިވާނަމަ، އަދި އެހެން ޤާނޫނެއްގެ ދަށުން އެ ހިސާބުތައް ބެލެހެއްޓުމަށް ލާޒިމްނުކުރާހާހިނދަކު، އޮޑިޓްކުރެވުނު ލިޔެކިއުންތައް ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ ހުއްދައާއެކު ނައްތާލެވިދާނެއެވެ.
(ބ) މި މާއްދާގެ (ނ) އެހެން އޮތްނަމަވެސް، މި ޤާނޫނުގެ 30 ވަނަ މާއްދާގެ ދަށުން މީރާއިން އޮޑިޓެއްކުރަން ފަށާފައިވާނަމަ ނުވަތަ މި ޤާނޫނުގެ ދަށުން މީރާއިން ތަޙުޤީޤެއް ކުރިއަށް ގެންދާކަން މައްސަލަ ރައްދުވާ ފަރާތަށް މީރާއިން އަންގާފައިވާނަމަ، އެ އޮޑިޓެއް ނުވަތަ ތަޙުޤީޤެއް ނިމި، މީރާއިން އަންގަންދެން އެކަމާގުޅޭ ލިޔެކިޔުންތައް ބަހައްޓަންވާނެއެވެ.
(ޅ) ޤާނޫނު ނަންބަރު 2023/7 (ކުންފުނީގެ ޤާނޫނު) ގެ ދަށުން އެއްވެސް ކުންފުންޏެއް އުވާލައިފިނަމަ، މި މާއްދާގެ ދަށުން ބަލަހައްޓަންޖެހޭ މަޢުލޫމާތާއި ލިޔެކިޔުންތައް، ކުންފުނީގެ ނަން ރަޖިސްޓްރާރގެ ދަފްތަރުން އުނިކުރެވޭ ދުވަހުން ފެށިގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަކަށް، ކުންފުނި އުވާލުމުގެ މަސައްކަތްކުރުމަށް ޤާނޫނު ނަންބަރު 2023/7 (ކުންފުނީގެ ޤާނޫނު) ގެ ދަށުން ޢައްޔަންކޮށްފައިވާ ފަރާތުން ބަލަހައްޓަންވާނެއެވެ.
28. ވިތްހޯލްޑިންގ ޓެކްސް ދައްކާ ފަރާތަށް ލާޒިމް ކަންކަން
ވަކި ފަރާތަކީ އެއްވެސް ޓެކްސް ޤާނޫނަކުން ވިތްހޯލްޑިންގ ޓެކްސް ދެއްކުން ލާޒިމްކުރާ ފަރާތެއްނަމަ، އަންނަނިވި ކަންކަން ކުރުން، އެފަރާތެއްގެ މައްޗަށް ލާޒިމްވެގެންވެއެވެ.
(ހ) ޤާނޫނު ލާޒިމްކުރާ އަދި ހުއްދަކުރާ ޙާލަތެއްގައި މެނުވީ، އެއްވެސް ފަރާތަކުން އުޖޫރަދޭ ފަރާތެއްގެ އުޖޫރައިން ނުވަތަ އެފަރާތުން ވަކި ފަރާތަކަށް އަދާކުރާ އަގަކުން ވިތްހޯލްޑިންގ ޓެކްސްގެ ގޮތުގައި އެއްވެސް ޢަދަދެއް އުނިނުކުރުން؛
(ށ) ވިތްހޯލްޑިންގ ޓެކްސް ދެއްކުމަށް ކަމާގުޅޭ ޤާނޫނުން އެއްވެސް ފަރާތަކަށް ލާޒިމްކުރަނީ ކޮންމެ މަހަކު އެކަން ކުރަން ކަމުގައިވާނަމަ، ކޮންމެ މަހަކު އެފަރާތުން މީރާއަށް ދައްކަންޖެހޭ ވިތްހޯލްޑިންގ ޓެކްސްގެ ފައިސާ، އެ ޤާނޫނުގައި ބަޔާންކުރާ މުއްދަތެއްގައި މީރާއަށް ދެއްކުން؛
(ނ) ވިތްހޯލްޑިންގ ޓެކްސް ދެއްކުމަށް ކަމާގުޅޭ ޤާނޫނަކުން އެއްވެސް ފަރާތަކަށް ލާޒިމްކުރަނީ ކޮންމެ މަހަކު އެކަން ކުރަން ކަމުގައިވާނަމަ، ކޮންމެ މަހަކު އެފަރާތުން މީރާއަށް ދައްކަންޖެހޭ ވިތްހޯލްޑިންގ ޓެކްސްއާގުޅޭ ޓެކްސް ބަޔާން، ވިދިގެން އަންނަ މަހުގެ ވިތްހޯލްޑިންގ ޓެކްސްގެ ފައިސާ މީރާއަށް ދައްކާއިރު، އެ ފައިސާއާއެކު ހުށަހެޅުން؛
(ރ) ވިތްހޯލްޑިންގ ޓެކްސް ދެއްކުމަށް ކަމާގުޅޭ ޤާނޫނަކުން އެއްވެސް ފަރާތަކަށް ލާޒިމްކުރަނީ ކޮންމެ މަހަކު ކަމުގައިނުވާނަމަ، އެފަރާތުން މީރާއަށް ވިތްހޯލްޑިންގ ޓެކްސް ދައްކަންޖެހޭ މުއްދަތުކަމަށް އެ ޤާނޫނެއްގައި ބަޔާންކުރާ މުއްދަތުގައި، އެފަރާތުން ވިތްހޯލްޑިންގ ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޢަދަދު މީރާއަށް ދެއްކުން؛
(ބ) ވިތްހޯލްޑިންގ ޓެކްސް ދެއްކުމަށް ކަމާގުޅޭ ޤާނޫނަކުން އެއްވެސް ފަރާތަކަށް ލާޒިމްކުރަނީ ކޮންމެ މަހަކު ކަމުގައިނުވާނަމަ، އެފަރާތުން މީރާއަށް ވިތްހޯލްޑިންގ ޓެކްސް ދައްކަންޖެހޭ މުއްދަތު ކަމަށް އެ ޤާނޫނެއްގައި ބަޔާންކުރާ މުއްދަތުގައި، އެފަރާތުން ދައްކަންޖެހޭ ވިތްހޯލްޑިންގ ޓެކްސްއާގުޅޭ ޓެކްސް ބަޔާން، ވިދިގެން އަންނަ މަހުގެ ވިތްހޯލްޑިންގ ޓެކްސްގެ ފައިސާ މީރާއަށް ދައްކާއިރު، އެ ފައިސާއާއެކު ހުށަހެޅުން؛
(ޅ) ވިތްހޯލްޑިންގ ޓެކްސްގެ ގޮތުގައި އެއްވެސް ފައިސާއެއް މީރާއަށް ދައްކައިފިނަމަ، އެ ފައިސާއާ ގުޅޭގޮތުން ވިތްހޯލްޑިންގ ޓެކްސް ސެޓްފިކެޓެއް މީރާއިން ހޯދުމަށްފަހު، އެ ސެޓްފިކެޓްގެ ކޮޕީއެއް، އެ ޓެކްސްގެ ފައިސާ އުނިކުރެވުނު އުޖޫރަ ނިސްބަތްވާ ފަރާތަށް ނުވަތަ އަގު އަދާކުރެވޭ ފަރާތަށް ދިނުން؛
(ކ) ވިތްހޯލްޑިންގ ޓެކްސް މީރާއަށް ދެއްކުމަށް ކަމާގުޅޭ ޤާނޫނަކުން އެއްވެސް ފަރާތަކަށް ލާޒިމްކުރަނީ މަހުން މަހަށް ކަމުގައިވީނަމަވެސް، ކޮންމެ މަހަކު އެފަރާތުން މީރާއަށް ހުށަހަޅަންޖެހޭ ޓެކްސް ބަޔާނުގެ އިތުރުން، ޓެކްސް އަހަރެއްގެ ތެރޭގައި އޭނާ ދައްކަންޖެހޭ ނުވަތަ ދައްކާފައިވާ އެންމެހައި ވިތްހޯލްޑިންގ ޓެކްސްއާގުޅޭ ޓެކްސް ބަޔާނެއް، ކަމާގުޅޭ ޤާނޫނެއްގައި ބަޔާންކުރާ މުއްދަތުގައި، އެފަރާތުން މީރާއަށް ހުށަހެޅުން.
29. (އުނިކުރެވިފައި)
30. އޮޑިޓް ކުރުން
(ހ) ޓެކްސް ދައްކާ ފަރާތަށް ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން، މި މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން އަންގާ އެންގުމަކުން، އެ އެންގުމުގައި ކަނޑައެޅި ބަޔާންކޮށްފައިވާ ޓެކްސް އަހަރެއްގައި ނުވަތަ އަހަރުތަކެއްގައި ނުވަތަ ޓެކްސް ނެގޭ މުއްދަތެއްގައި ނުވަތަ މުއްދަތުތަކެއްގައި، އެ ފަރާތަކުން ދައްކަންޖެހޭ ޓެކުހުގެ ޢަދަދު ހިސާބުކޮށްފައިވަނީ ޓެކްސް ޤާނޫނުތަކާ އެއްގޮތަށްކަން ޔަޤީންކުރުމަށާއި ދައްކަންޖެހޭ ޓެކުހުގެ މިންވަރު ކަނޑައެޅުމަށް ބޭނުންވާ ހިސާބުތަކާއި ލިޔެކިޔުންތައް ބަލާކަން މީރާއިން އެ ފަރާތަށް އެންގިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެންގުމެއް މީރާއަށް އެންގޭނީ އަންނަނިވި ތާރީޚުތަކުން ފެށިގެން 2 (ދޭއް) އަހަރު ދުވަސް ހަމަވުމުގެ ކުރިންނެވެ.
(1) ޓެކްސް ބަޔާން ހުށަހަޅާފައިވަނީ އެ ބަޔާން ހުށަހަޅަންޖެހޭ ދުވަހު ނުވަތަ އެއަށްވުރެ ކުރިންކަމަށްވާނަމަ، އެ ބަޔާން ހުށަހަޅަންޖެހޭ ތާރީޚް؛
(2) ޓެކްސް ބަޔާން ހުށަހަޅާފައިވަނީ އެ ބަޔާން ހުށަހަޅަންޖެހޭ ދުވަހުގެ ފަހުންކަމަށްވާނަމަ، ނުވަތަ އިޞްލާޙުކުރެވިފައިވާ ޓެކްސް ބަޔާނެއް ހުށަހަޅާފައިވާނަމަ، އެ ބަޔާން ހުށަހެޅި ނުވަތަ އިޞްލާޙުކުރެވުނު ބަޔާން ހުށަހެޅި ތާރީޚް.
(1-ށ) މި މާއްދާގެ (ށ) ގެ ބޭނުމަށް، މި ޤާނޫނުގެ 1-44 ވަނަ މާއްދާގެ ދަށުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން، ޓެކްސް ދައްކަންޖެހޭ ފަރާތުން ދައްކަންޖެހޭ ޓެކުހުގެ މިންވަރު ބިނާކޮށްފިނަމަ، އެ ބިނާކުރުން ނިސްބަތްވާ މުއްދަތުތަކަށް ޓެކްސް ދައްކާ ފަރާތުން ޓެކްސް ބަޔާން ހުށަހެޅި ތާރީޚު ކަމުގައި ބަލާނީ، ޓެކްސް ބިނާކުރިކަން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އެ ފަރާތަށް އެންގި ތާރީޚެވެ.
(ނ) ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ފަރާތަކުން ޓެކްސް ބަޔާނެއް ހުށަހަޅާފައިނުވާނަމަ، ކޮންމެ ވަގުތެއްގައިވެސް ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުމެއް އެ ފަރާތަކަށް ފޮނުވިދާނެއެވެ.
(1-ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް، ޓެކްސް ދެއްކުމުގައި މަކަރާއި ހީލަތް ހެދުމުގެ ކުށެއް ނުވަތަ ގަސްތުގައި ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށެއް ކޮށްފިކަމަށް ޝައްކުކުރެވޭނަމަ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ތާރީޚުތަކުން ފެށިގެން 3 (ތިނެއް) އަހަރު ދުވަހުގެ ތެރޭގައި، ޓެކްސްގެ މިންވަރު ކަނޑައެޅުމަށް ބޭނުންވާ ހިސާބުތަކާއި ލިޔެކިޔުންތައް ބަލާކަން އަންގާ އެންގުން މީރާއަށް ފޮނުވިދާނެއެވެ.
(ރ) މި މާއްދާގެ (ހ) ނުވަތަ (1-ށ) ނުވަތަ (ނ) ނުވަތަ (1-ނ) ގެ ދަށުން އެންގުމެއް ފޮނުވިއްޖެ ޙާލަތެއްގައި، އެ އެންގުމުގައި ޙަވާލާދީފައިވާ ކަންކަން ކުރުމަށް، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަދި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޢައްޔަންކުރާ ފަރާތްތަކަށް، އެ އެންގުން ރައްދުވާ ފަރާތުން ފުރިހަމަ އެއްބާރުލުން ދޭންވާނެއެވެ.
(ބ) ޓެކްސް ދައްކާ ފަރާތުން މީރާއަށް ހުށަހަޅާ ޓެކްސް ބަޔާންތަކާއި ލިޔެކިޔުންތަކާއި އަދި އެނޫންވެސް މަޢުލޫމާތުތަކުގެ ޞައްޙަކަން ޔަޤީންކުރުމަށާއި، ޓެކްސް ދައްކާ ފަރާތުން ދައްކަންޖެހޭ ޓެކްސްގެ ޢަދަދު މީރާއިން ކަނޑައަޅަންޖެހޭ ޙާލަތްތަކުގައި އެ ޢަދަދު ކަނޑައެޅުމަށްޓަކައި، ޓެކްސް ދައްކާ ފަރާތުގެ އިދާރީ އޮފީހަށާއި ވިޔަފާރި ހިންގާ ތަންތަނަށް ވަދެ އޮޑިޓް ކުރުމުގެ ބާރު ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއަށާއި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޢައްޔަންކުރާ ފަރާތްތަކަށް ލިބިގެންވެއެވެ.
31. ޓެކްސް ދައްކާ ފަރާތްތަކުން ލިޔެކިއުންތައް ހޯދުމުގެ ބާރު
(ހ) މި މާއްދާއަށް ޢަމަލުކުރެވޭނީ، މި ޤާނޫނުގެ 30 ވަނަ މާއްދާގެ ދަށުން އެއްވެސް ފަރާތަކަށް އެންގުމެއް ފޮނުވިއްޖެ ހިނދެއްގައެވެ.
(ށ)
(1) ޓެކްސް ދައްކާ ފަރާތަކުން އެ އަހަރަކަށް ނުވަތަ އެ މުއްދަތަކަށް ހުށަހަޅާ ޓެކްސް ބަޔާނަކީ ޞައްޙަ ނުވަތަ ޞައްޙަނޫން އެއްޗެއްތޯއާއި، ޞައްޙަ ނުވަތަ ޞައްޙަނޫން އެއްޗެއްކަމުގައިވާނަމަ، އެއީ ކިހާ މިންވަރަކަށްތޯ ހޯދުމުގެ ބޭނުމަށް؛ ނުވަތަ
(2) ޓެކްސް ދައްކާ ފަރާތަކުން އެ އަހަރަކަށް ނުވަތަ އެ މުއްދަތަކަށް ޓެކްސް ބަޔާން ހުށަހަޅާފައިނުވާނަމަ، އެ އަހަރަކަށް ނުވަތަ އެ މުއްދަތަކަށް އެ ފަރާތަށް ލިބިފައިވާ އާމްދަނީގެ ޢަދަދު ހޯދުމުގެ ބޭނުމަށް.
(ނ) (އުނިކުރެވިފައި)
(ރ) (އުނިކުރެވިފައި)
(ބ) (އުނިކުރެވިފައި)
(ޅ) (އުނިކުރެވިފައި)
(ކ) މި މާއްދާގެ (ށ) ގެ ދަށުން ހުށަހެޅޭ ލިޔެކިއުންތަކުގެ ފޮޓޯކޮޕީ ނުވަތަ އެލިޔެކިއުންތަކަކުން ބޭނުންވާ ބައިތައް މީރާއަށް ނެގިދާނެއެވެ.
(އ) މި މާއްދާގެ (ށ) ގެ ދަށުން ފޮނުވާ އެންގުމުގައިވާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެއްވެސް ލިޔެކިއުމެއް ހުށަހެޅުމާމެދު އިއުތިރާޒު ކުރާނަމަ އެކަން އިސްތިއުނާފަށް ހުށަހެޅުމަށްޓަކައި ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ހުށަހެޅިދާނެއެވެ.
(ވ) އަދި މި މާއްދާގެ ދަށުން މައްސަލައެއް ހުށަހެޅުމުން ޓްރައިބިއުނަލްއިން އެ އެންގުމުގައިވާ އެއްވެސް ކަމަކީ ޞައްޙަކަމެއްކަމަށް ޤަބޫލުކޮށްފިނަމަ އެއެންގުމާއިމެދު ޢަމަލުކުރެވޭނީ އެމައްސަލައަކާއިމެދު ގޮތެއް ނިންމި ދުވަހުން ފެށިގެން 30 ދުވަސް ތެރޭގައެވެ.
(މ) ޓެކްސް ނެގުމުގެ އެއްވެސް ޤާނޫނެއްގެ ދަށުން މީރާއިން ކަނޑައަޅާ ޓެކްސްގެ މިންވަރާއި ގުޅިގެން އަންގާ އެންގުން ފޮނުވުމުގެ މުއްދަތު މި މާއްދާގެ (ށ) ގެ ދަށުން އަންގާ އެންގުމާމެދު އިސްތިއުނާފަށް ހުށަހަޅާފައިވާ ޙާލަތުގައި އިތުރުކުރުމަށް ގަވާއިދުތަކުގައި ބަޔާންކުރެވިދާނެއެވެ.
(ފ) (އުނިކޮށްފައި)
(ދ) (އުނިކޮށްފައި)
31-1. (އުނިކުރެވިފައި)
32. އެހެނިހެން ފަރާތްތަކުން ލިޔެކިއުންތައް ހޯދުމުގެ ބާރު
(ހ) މި ޤާނޫނުގެ 30 ވަނަ މާއްދާގެ ދަށުން ކުރާ އޮޑިޓަކާ ގުޅިގެން މީރާއިން މަޢުލޫމާތު ހޯދުމުގެ ބޭނުމުގައި، އެ ފަރާތެއްގެ އަތުގައި ނުވަތަ އެ ފަރާތެއްގެ ބާރުގެ ދަށުގައި އެ މަޢުލޫމާތު ހުރި ކޮންމެ ފަރާތަކަށް، އެ މަޢުލޫމާތު މީރާއަށް ފޯރުކޮށްދިނުމަށް އެންގިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ފޮނުވާ އެންގުމުގައި، އެ އެންގުން ރައްދުވާ ފަރާތުން ފޮނުވަންޖެހޭ ލިޔެކިޔުންތައް ނުވަތަ ހުށަހަޅަންވާ މަޢުލޫމާތުތައް، މީރާއަށް ފޮނުވުމަށް 30 (ތިރީސް) ދުވަހަށްވުރެ ކުރުނޫން މުއްދަތެއް ދޭންވާނެއެވެ.
(ނ) މި މާއްދާގެ ދަށުން ހުށަހަޅާ ލިޔެކިއުންތަކުގެ ކޮޕީއެއް ނުވަތަ އެލިޔެކިއުންތަކުން ބޭނުންވާ ބައިތައް މީރާއަށް ނެގިދާނެއެވެ.
(ރ) މި މާއްދާގެ ދަށުން ފޮނުވާ އެންގުމެއްގައި، އެ އެންގުން ފޮނުވަންޖެހުނު ސަބަބުތައް ހިމަނަންވާނެއެވެ.
(ބ) މި މާއްދާގެ (ހ) އިން ފެށިގެން (ރ) ގެ ނިޔަލަށް ހުރި އަކުރުތަކުގައި އެފަދައިން ބަޔާންކޮށްފައިވީނަމަވެސް، މި ޤާނޫނުގެ 51 ވަނަ މާއްދާގައި ނުވަތަ މި ޤާނޫނުގެ 1-51 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ އެއްބަސްވުމެއްގެ ދަށުން ހޯދަން ބޭނުންވާ މަޢުލޫމާތު، އެ ފަރާތެއްގެ އަތުގައި ހުރެދާނެކަމަށް ބެލެވޭ ކޮންމެ ފަރާތަކަށް، 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މަޢުލޫމާތު މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މީރާއަށް ފޯރުކޮށްދިނުމަށް އެންގިދާނެއެވެ.
(ޅ) މި މާއްދާގެ (ހ) ގެ ދަށުން ފޮނުވާ އެންގުމުގައި ހިމެނޭ އެއްވެސް ލިޔެކިޔުމެއް ނުވަތަ މަޢުލޫމާތެއް ހުށަހެޅުމާމެދު އިއުތިރާޒުކުރާނަމަ،މއެ އެންގުމުގައިވާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކަން އިސްތިއުނާފުކުރުމަށްޓަކައި ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހެޅިދާނެއެވެ.
(ކ) މި މާއްދާގެ (ޅ) ގެ ދަށުން ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލައެއްގައި، އެ އެންގުމަކީ ޞައްޙަ އެންގުމެއްކަމަށް ޓްރައިބިއުނަލުން ކަނޑައަޅައިފިނަމަ، އެފަދައިން ނިންމި ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، އެ އެންގުމާ އެއްގޮތަށް އެންގުން ރައްދުވާ ފަރާތުން ޢަމަލުކުރަންވާނެއެވެ.
(އ) ޓެކްސް ނެގުމުގެ އެއްވެސް ޤާނޫނެއްގެ ދަށުން މީރާއިން ކަނޑައަޅާ ޓެކުހުގެ މިންވަރަކާ ގުޅިގެން އަންގާ އެންގުމެއް ފޮނުވުމުގެ މުއްދަތު މި މާއްދާގެ (ހ) ގެ ދަށުން އެންގުމެއް އިސްތިއުނާފަށް ހުށަހަޅާފައިވާ ޙާލަތުގައި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ މުއްދަތަކަށް އިތުރުކުރެވިދާނެއެވެ.
33. އަނގަބަހުން ސުވާލުކުރުމަށްޓަކައި ހާޒިރުކުރުމުގެ ބާރު
މި ޤާނޫނުގެ 30 ވަނަ މާއްދާގެ ދަށުން ފޮނުވާ އެންގުމަކާ ގުޅިގެން، ޓެކްސް ދައްކާ ފަރާތް ނުވަތަ ޓެކްސް ދައްކާ ފަރާތުގެ ޓެކުހުގެ ކަންތަކާބެހޭ މަޢުލޫމާތު އެ ފަރާތުގެ އަތުގައި ނުވަތަ ބާރުގެ ދަށުގައި ހުރިކަމަށް މީރާއަށް ޤަބޫލުކުރެވޭ އެހެން ކޮންމެ ފަރާތެއް، މީރާއިން ފޮނުވާ އެންގުމަކުން ޓެކްސް ދައްކާ ފަރާތުގެ ޓެކުހުގެ ކަންތައްތަކާބެހޭ ސުވާލުތަކަށް ޖަވާބު ދިނުމަށްޓަކައި އެ އެންގުމުގައި ބަޔާންކޮށްފައިވާ ތަނަކަށާއި، ވަގުތަކަށް، ހާޒިރުވުމަށް އެންގިދާނެއެވެ.
34. މި ޤާނޫނުގެ 31، 32، އަދި 33 ވަނަ މާއްދާގެ ދަށުން ލިބިދެވޭ ބާރުތަކަށް ކަނޑައެޅޭ ޙުދޫދު
(ހ) މީރާއަށް،
(1) ޓެކްސް ދައްކާ ފަރާތް ޓެކްސް ނެގުމުގެ އެއްވެސް ޤާނޫނެއްގައިވާ އެއްވެސް ކަމަކާއި ޚިލާފުވެފައިވާ ކަމަށް ނުވަތަ ޚިލާފުވެދާނެކަމަށް، އަދި
(2) އެފަދަ ޚިލާފުވުމަކީ ޓެކްސް ކަނޑައެޅުމަށް ނުވަތަ ނެގުމަށް ބޮޑު އުނިކަމެއް ލިބިދާނެކަމެއް ކަމަށް، ޤަބޫލުކުރެވޭ އެކަށީގެންވާ ހެކިތަކެއް ލިބިފައިނުވާނަމަ، މި ޤާނޫނުގެ މާއްދާ 32 ނުވަތަ 33 ގެ ދަށުން އެއްވެސް އެންގުމެއް ފޮނުވައިގެންނުވާނެއެވެ.
(ށ) މި ޤާނޫނުގެ 31، 32 ނުވަތަ 33 ވަނަ މާއްދާގެ ދަށުން މީރާއިން އެއްވެސް ފަރާތަކަށް އެންގުމެއް ފޮނުވުމުގެ ކުރިން ސުވާލު އުފެދިފައިވާ ލިޔެކިއުންތައް ޙަވާލުކުރުމަށް ނުވަތަ ލިބޭގޮތް ހެދުމަށް އެކަށީގެންވާ މުއްދަތެއް ދޭންވާނެއެވެ. އަދި އެފަރާތުން ނުވަތަ ޓެކްސް ދައްކާ ފަރާތްކަމަށް އެންގުމުގައި ބަޔާންކުރެވިފައިވާ ފަރާތުން ދައްކަންވާ ޓެކްސްއާ ގުޅިގެން ނުނިމިވާ، އިއުތިރާޒު ކުރާ ނުވަތަ އިސްތިއުނާފަށް ހުށަހަޅާފައިވާ މައްސަލައަކާމެދު ކަންތައް ކުރާގޮތަކާބެހޭ ލިޔެކިއުންތަކެއް އެފަރާތުން ހުށަހަޅާކަށް ނުޖެހޭނެއެވެ.
(1-ށ) މި މާއްދާގެ (ށ) ގެ ދަށުން ދީފައިވާ މުއްދަތުގެ ތެރޭގައި ނުވަތަ މި ޤާނޫނުގެ 31 ވަނަ މާއްދާ ނުވަތަ 32 ވަނަ މާއްދާގެ ދަށުން ފޮނުވާފައިވާ އެންގުމުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި، އެ އެންގުން ރައްދުވާ ފަރާތުން މީރާއަށް ހުށަހަޅާފައިނުވާ ލިޔުމެއް ހުށަހަޅާފައިނުވަނީ މަޤުބޫލު ސަބަބަކާ ނުލައި ކަމުގައިވާނަމަ، އެ ލިޔުމަކަށް، މި ޤާނޫނުގެ 39 ވަނަ މާއްދާގެ ދަށުން މީރާއިން ޢަދަދު ކަނޑައެޅުމުގައި ނުވަތަ މި ޤާނޫނުގެ 42 ވަނަ މާއްދާގެ ދަށުން ހުށަހަޅާފައިވާ އިއުތިރާޒަކާ ގުޅިގެން މި ޤާނޫނުގެ 43 ވަނަ މާއްދާގެ ދަށުން ގޮތެއް ނިންމުމުގައި ރިޢާޔަތްނުކުރުމުގެ އިޚްތިޔާރު މީރާއަށް ލިބިގެންވެއެވެ.
(ނ) ލިޔެކިޔުންތަކުގެ އަސްލުގެ ބަދަލުގައި ކޮޕީ ހުށަހެޅިދާނެއެވެ. އެހެންނަމަވެސް އެފަދައިން ހުށަހަޅާ ކޮޕީ ވާންވާނީ، އެ ލިޔުމެއްގެ އަސްލުގެ ފޮޓޯކޮޕީއަކަށް ނުވަތަ އިލެކްޓްރޯނިކް ވަސީލަތަކުން ނަކަލުކޮށްފައިވާ ކޮޕީއަކަށެވެ.
(ރ) މި މާއްދާގެ (ނ) ގެ ބޭނުމަށްޓަކައި "އިލެކްޓްރޯނިކް ވަސީލަތަކުން ނަކަލުކުރުން" ކަމަށް ބުނެފައިއެވަނީ، ކޮމްޕިއުޓަރެއް ނުވަތަ އެނޫންވެސް އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް ލިޔުމެއް ޕޯޓަބަލް ޑޮކިއުމަންޓް ފޯމެޓް (ޕީ.ޑީ.އެފް) އަށް ބަދަލުކުރުމަށެވެ. ނުވަތަ ކޮމްޕިއުޓަރެއް ނުވަތަ އެނޫންވެސް އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް އެނޫންވެސް ފޯމެޓެއްގައި، އެ ލިޔުމެއް ނަކަލުކުރުމަށެވެ.
(ބ) މި މާއްދާގެ (ނ) އެހެން އޮތްނަމަވެސް، އެ އެންގުމުގައި ބަޔާންކޮށްފައިވާ އެއްވެސް ލިޔުމެއްގެ އަސްލު މީރާއިން ތަޙުޤީޤުކުރުމަށް ބޭނުންވެއްޖެނަމަ، އެ އެންގުމުގައި ބަޔާންކޮށްފައިވާ މުއްދަތެއްގެ ތެރޭގައި އެ ލިޔުމެއްގެ އަސްލު މީރާއަށް ހުށަހަޅަންވާނެއެވެ.
(ޅ) މި ޤާނޫނުގެ 32 ވަނަ މާއްދާގެ ދަށުން އެއްވެސް އެންގުމެއް، މަރުވެފައިވާ ޓެކްސް ދައްކާ މީހެއްގެ ނަމުގައި އެމީހާ މަރުވިތާ 6 އަހަރަށްވުރެ ގިނަ ދުވަސް ފާއިތުވެފައިވާނަމަ ނުފޮނުވޭނެއެވެ.
(ކ) މި ޤާނޫނުގެ 31 ނުވަތަ 32 ވަނަ މާއްދާގެ ދަށުން ފޮނުވާ އެންގުމަކާގުޅިގެން އެއްވެސް ލިޔެކިއުމެއް،
(1) އެލިޔެކިއުމަކީ ޓެކްސް ދައްކާ ފަރާތުން އޮޅުވާލުމުގެ ސަބަބުން ޓެކްސް ގެއްލިފައިވާ ކަމަށް ނުވަތަ ގެއްލިދާނެކަމަށް މީރާއަށް ޤަބޫލުކުރެވޭ އެކަށީގެންވާ ހެކިތައް ލިބިފައިވާ ލިޔެކިއުންތައް ފިޔަވާ މުޅި އެލިޔެކިއުމެއް އެކުލަވާލެވިފައިވަނީ އެ އެންގުން ފޮނުވުނު ތާރީޚަށް ވުރެ 6 އަހަރު ކުރިން ކަމުގައިވެފައިވާ، ނުވަތަ
(2) އޭގެ މައްޗަށް ޤާނޫނީ އިމްތިޔާޒުގެ ޙައްޤު، މުވައްކިލުގެ އިޒްނަޔާނުލާ ނަމަވެސް ދެމެހެއްޓޭނެ؛ ނުވަތަ
(3) އެއީ ކުންފުންޏާބެހޭ ޤާނޫނުގައިވާ ގޮތުގެމަތިން ޢައްޔަންކޮށްފައިވާ އޮޑިޓަރެއްގެ މިލްކެއްކަމުގައިވާ، ނުވަތަ އެފަރާތުން އުފެއްދި ނުވަތަ އެފަރާތުގެ ބަދަލުގައި އެޤާނޫނުގެ ދަށުން އޭނާގެ ވާޖިބު އަދާކުރުމުގެ ގޮތުން އުފައްދާފައިވާ؛ އަދި
(4) އެއީ ޓެކްސް އެޑްވައިޒަރެއްގެ މިލްކެއްކަމަށްވާ އަދި ކަމާގުޅޭ މުޢާމަލާތްތަކެއް އޭގައި އެކުލެވިގެންވާ، އެއްވެސް ލިޔެކިއުމެއް މީރާއަށް ފޯރުކޮށްދިނުން ނުވަތަ ލިބޭނެގޮތް ހަދާދިނުން އެފަރާތަކަށް ލާޒިމެއްނުވާނެއެވެ.
(އ) މި މާއްދާގެ (ކ)ގެ (4) ގައިވާ "ކަމާގުޅޭ މުޢާމަލާތްތައް" ކަމަށް ބުނެފައިވަނީ ޓެކްސް އެޑްވައިޒަރަކާއި،
(1) އޭނާ އެފަރާތެއްގެ ޓެކްސްގެ ކަންކަމާބެހޭގޮތުން ޢައްޔަންކޮށްފައިވާ ފަރާތެއް، ނުވަތަ
(2) މިފަދަ ފަރާތެއްގެ އެހެން އެއްވެސް ޓެކްސް އެޑްވައިޒަރެއް. މީގެ ބޭނުމަކީ އެއްވެސް މަޢުލޫމާތެއް، ޓެކްސް ބަޔާނެއް، އަދި ހިސާބުތަކެއް ހިމެނޭ ލިޔެކިއުމެއްފިޔަވާ އެހެން އެއްވެސް ލިޔެކިއުމަކުން ނުވަތަ އެ ފަރާތަކަށް އެންގުން ފޮނުވުނު ފަރާތް (ޓެކްސް އެކައުންޓަންޓެއްގެ ހައިސިއްޔަތުން) އެފަރާތަކުން ޚިދުމަތް ހޯދާ ފަރާތްތަކުގެ ތެރެއިން ފަރާތަކަށް ޓެކްސްއާގުޅޭ ކަންތައްތައް ތައްޔާރުކުރުމުގައި ނުވަތަ މީރާއަށް ފޮނުވުމުގައި އެހީވެދީފައިވާ އެހެނިހެން ލިޔެކިއުމަކުން، އެފަދަ އެއްވެސް ޓެކްސްގެ މައްސަލައަކާބެހޭގޮތުން ލަފާދިނުން ނުވަތަ ލަފާހޯދުމެވެ.
(ވ) މި މާއްދާގައި؛
"ޓެކްސް އެޑްވައިޒަރަކީ" އަނެކެއްގެ ޓެކްސް ކަންތަކުގައި ލަފާދިނުމަށް ޢައްޔަންކޮށްފައިވާ ފަރާތެއް (އެފަރާތް ޢައްޔަންކުރީ އެމީހާ އަމިއްލައަށް ނުވަތަ އޭނާއަށް ޓެކްސްއާ ގުޅޭ ލަފާދޭ އެހެން އެޑްވައިޒަރެއް ކަމުގައި ވިޔަސްމެއެވެ.)
"ޓެކްސް އެކައުންޓަންޓް" އަކީ އެއްވެސް ފަރާތަކާގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް، ހިސާބުތަކެއް، ނުވަތަ އެހެންވެސް ލިޔެކިއުމަކީ ޓެކްސްއާބެހޭ ކަމަކަށް ބޭނުންކުރެވޭނެ، ނުވަތަ ކުރުން ގާތް އެއްޗެއްކަން އޭނާއަށް އެނގޭ ލިޔެކިއުމެއް ތައްޔާރުކުރުމުގައި ނުވަތަ ފޮނުވުމުގައި އެހެން ފަރާތްތަކަކަށް އެހީތެރިވާ ނުވަތަ އެހީތެރިވެފައިވާ މީހެކެވެ. އަދި އޭނާގެ ޚިދުމަތް ހޯދާބަޔަކީ އޭނާ މިގޮތަށް އެހީތެރިވެފައިވާ އެންމެންނެވެ.
"ޓެކްސް އޭޖެންޓް" އަކީ ޓެކްސް ދައްކާ ފަރާތަކުން ޓެކްސް ޤާނޫނެއްގެ ދަށުން މީރާއަށް ހުށަހަޅަންޖެހޭ ޓެކްސް ބަޔާންތަކާއި އެހެނިހެން ލިޔެކިޔުންތައް އެފަރާތުގެ ބަދަލުގައި ތައްޔާރުކޮށް މިރާއަށް ހުށަހެޅުމަށް މި ޤާނޫނުގެ ދަށުން ހުއްދަދެވޭ ފަރާތެކެވެ.
35. ލިޔެކިއުންތައް އޮޅުވައިލުންފަދަ ކަންތައްތައް
(ހ) މި މާއްދާގެ (ށ) އަދި (ނ) އާއެއްގޮތްވާ ގޮތުގެމަތިން، މި ޤާނޫނުގެ 31 ނުވަތަ 32 ވަނަ މާއްދާގެ ދަށުން އެފަރާތަކަށް ފޮނުވާ އެންގުމަކާގުޅިގެން ފޮނުވަންޖެހޭ ނުވަތަ ބަލާފާސްކުރުމަށްޓަކައި ލިބޭނެގޮތް ހަދައިދޭންޖެހޭ ލިޔެކިއުމެއް ޤަސްދުގައި އޮޅުވާލުން، ފޮރުވުން، ނައްތާލުން ނުވަތަ ހަލާކުކޮށްލުން ނުވަތަ މިއިންކަމަކަށް ހުއްދަދީ ނުވަތަ މިއިންކަމެއް މެދުވެރިވާ ފަދަ ސަބަބެއްކަމުގައި ވެއްޖެނަމަ، އެފަރާތެއް ކުށްވެރިވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ ކުށެއް މީހަކު ކުރިކަމަކަށް ތިރީގައިވާ ކަންކަމުގައި ނުބެލެވޭނެއެވެ. އެމީހަކު އެކަމެއްކުރަނީ
(1) މީރާއިން ލިޔުމުން ހުއްދަލިބިގެން، ނުވަތަ،
(2) އެލިޔެކިއުން ފޮނުވާފަހުން ނުވަތަ އެލިޔެކިއުމެއް ބަލާފާސްކުރުމުގެ ފަހުން، ނުވަތަ
(3) މި ޤާނޫނުގެ 31، 32 އަދި 33 ވަނަ މާއްދާއާ އެއްގޮތަށް ލިޔެކިއުމެއްގެ ކޮޕީ އެއް ފޮނުވާ އަދި އޭގެ އަސްލު ބަލާފާސްކުރުމުގެ ފަހުން ކަމުގައިވާނަމައެވެ.
(4) އެ މުއްދަތެއް ނިމުމުން އެމުއްދަތާގުޅޭ ރެކޯޑްތައް ގަވާއިދުގައި ކޮންމެ މުއްދަތަކަށްވެސް ބެހެއްޓިދާނެކަމަށް ބަޔާންކޮށްފައިވާ ޙާލަތްތަކުގައި، ނުވަތަ
(5) އެހެން އެއްވެސް ޙާލަތެއްގައި ފޮނުވާފައިވާ އެންގުމުގައިވާ ތާރީޚުން ފެށިގެން 2 އަހަރު ހަމަވުމުގެ ފަހުން ކަމުގައިވެފައި އަދި އެ މުއްދަތު ހަމަވުމުގެ ކުރިން އެމީހަކަށް މީރާ ހިތްހަމަޖެހޭ ގޮތަށް އެ އެންގުމަށް ޢަމަލުކުރެވިފައިނުވާކަން ލިޔުމުން އަންގާފާނުވާ ޙާލަތުގައެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ -/250,000 (ދެލައްކަ ފަންސާސްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާކުރުމެވެ.
36. ލިޔެކިއުންތައް ހޯދުމަށް ތަންތަނަށް ވަނުމުގެ ބާރު
(ހ) ޓެކްސްއާ ގުޅިގެން ބޮޑު އޮޅުވާލުމެއް އެކުލެވޭ ކުށެއް ކުރަމުންދާކަމަށް ޝައްކުކުރެވޭނަމަ ނުވަތަ އެފަދަ ކުށެއް ކޮށްފާނެކަމަށް ޝައްކުކުރެވޭނަމަ، އަދި އެފަދަ ކުށެއް ކުރަމުންދާކަމުގެ ހެކި ހުރިނަމަ، އަދި ޓެކްސްއާގުޅޭ މަޢުލޫމާތުގައި ބަޔާންކޮށްފައިވާ ތަންތަނުން ހެކި ފެންނާނެކަމަށް މީރާއަށް ޤަބޫލުކުރެވޭނަމަ، އެ ކުށް ކުރަމުންދާ ތަނަކަށް ވަނުމުގެ އަމުރެއް ނެރެދިނުމަށް އެދި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް ނުވަތަ އެވަގުތަކު ރައީސްގެ މަސްއޫލިއްޔަތު އަދާކުރަމުންދާ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރެއްގެ ކިބައިން މީރާއަށް އެދެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މީރާއިން އަމުރެއް ނެރެދިނުމަށް އެދުމުން، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް ނުވަތަ އެވަގުތަކު ރައީސްގެ މަސްއޫލިއްޔަތު އަދާކުރަމުންދާ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރު އެ އަމުރު ނެރެދީފިނަމަ، އެގޮތުން ނެރޭ އަމުރު ދެމި އޮންނާނީ 36 (ތިރީސް ހައެއް) ގަޑިއިރު ވަންދެންނެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އަމުރުގެ މުއްދަތު އިތުރުކުރަން މީރާއިން ބޭނުންނަމަ، އެ މުއްދަތު އިތުރުކުރުމަށް ބޭނުންވާ ސަބަބު ބަޔާންކޮށް ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ހުށަހެޅުމުން، އެ ޓްރައިބިއުނަލްގައި ހިމެނޭ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތުން އެ އަމުރު ނެރެދިނުމަށް ފާސްވެއްޖެނަމަ، 14 (ސާދަ) ދުވަހަށްވުރެ އިތުރުނުވާނެ ގޮތެއްގެމަތިން އެ އަމުރުގެ މުއްދަތު ޓްރައިބިއުނަލްއަށް އިތުރުކުރެވިދާނެއެވެ.
(ރ) މީރާގެ މުވައްޒަފުން އިޤުރާރުގައި ސޮއިކޮށްގެންހުރެ ދީފައިވާ މަޢުލޫމާތުގެ އަލީގައި
(1) ޓެކްސްއާ ގުޅިގެން ބޮޑުއޮޅުވާލުމެއް އެކުލެވޭ ކުށެއް ކުރެވެމުންދާ، ކޮށްފައިވާ ނުވަތަ ކުރެވިގެން ހިނގައިދާނެ ކަމަށް ޝައްކުކުރުމަށް އެކަށީގެންވާ ހެކި ހުރިކަމާމެދުގަޔާއި، އަދި
(2) މަޢުލޫމާތުގައި ބަޔާންކޮށްފައިވާ ތަންތަނުން ހެކި ފެންނާނެކަމާމެދު، ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ޤަބޫލުކުރެވޭނަމަ ޓްރައިބިއުނަލްއިން މީރާއަށް އޭގައިވާ ގޮތުގެމަތިން އެތަނަކަށް، އެއަމުރު ނެރޭތާ 14 ދުވަހުގެ ތެރޭގައި ކޮންމެ ވަގުތެއްގައި، ބޭނުންވެއްޖެ ހިނދެއްގައި، އެތަނަކަށްވަދެ ފާސްކޮށް މިމާއްދާއިން ލިބިދީފައިވާ ކޮންމެ ބާރެއްގެ ބޭނުން ހިފުމުގެ އަމުރު ނެރެވިދާނެއެވެ.
(ބ) މިމާއްދާގެ (ރ) ގެ ޢާންމު އުޞޫލަށް އުނިކަމެއް އަޔަނުދީ
(1) އޮޅުވާލުމެއް ޝާމިލްވާ ކޮންމެ ކުށަކީ، އެކުށް ކުރުމުން އެއްވެސް މީހަކަށް އެކަށީގެންވާ މާލީ ފައިދާއެއް ލިބުމަށް، ނުވަތަ ފުރިހަމައަށް ޓެކްސް ކަނޑައެޅުމުގައި ނުވަތަ ޓެކްސް ނެގުމުގައި އުނިކަމެއް މެދުވެރިވެދާނެ ނުވަތަ މަގުފަހިކުރުމަށް ޤަސްދު ކުރެވިފައިވާ ނުވަތަ މަގުފަހިވެދާނެކަމެއްނަމަ، މި މާއްދާގެ ބޭނުމަށް ބޮޑުއޮޅުވާލުމެއް އެކުލެވޭ ކުށެކެވެ.
(2) ކުށެއް އޭގެ ޒާތުގައި އޮޅުވާލުމެއް ޝާމިލްވާކަމުގައި ނުބެލެވޭ ކަމުގައިވިޔަސް އެކަމުގައި ހިގާފައިވާ ކަންތަކުގެ ޙިއްޞާއެއްވާކަމުން، ނުވަތަ އެކަމެއް ފެނިއްޖެ ޙާލަތެއްގައި އެކަމުގެ ސަބަބުން ފުރިހަމައަށް ޓެކްސް ކަނޑައެޅުމުގައި ނުވަތަ ޓެކްސް ނެގުމުގައި އުނިކަމެއް މެދުވެރިވެދާނެ ނުވަތަ މެދުވެރިވުން ކައިރިކަން ޤަބޫލުކުރުމަށް އެކަށީގެންވާ ހެކިތައް ހުރިކަމުގައިވާނަމަ އެކުށަކީ ބޮޑު އޮޅުވާލުމެއް އެކުލެވޭ ކުށެއް ގޮތުގައި ބެލިދާނެއެވެ.
(ޅ) ޓްރައިބިއުނަލްއިން ނެރޭ އަމުރެއްގައި
(1) ހުރިހާކަމެއްގައި އިސްވެހުރި މީރާގެ އޮފިސަރު (ކަމާ ޙަވާލުވެހުރި އޮފިސަރު)،
(2) އެބާރުގެ ބޭނުންކުރެވޭނީ ދުވަހެއްގެ ކޮންވަގުތެއްގައިކަން،
(3) ޓްރައިބިއުނަލްއިން ބޭނުންތެރިކަމެއް ކަމުގައި ދެކޭނަމަ، ބާރުގެ ބޭނުންކުރެވޭނީ ޔުނިފޯމުގައިހުރި ފުލުހެއްގެ ހާޒިރުގައިކަން ބަޔާންކުރަންވާނެއެވެ.
(ކ) މި މާއްދާގެ ދަށުން ނެރޭ އަމުރެއްގެ ބާރުގެ ދަށުން ތަންތަނަށްވަނުމުގައި ކަމާ ޙަވާލުވެހުރި އޮފިސަރަށް
(1) އޭނާއާއިއެކު ގެންދިޔުން ބޭނުންތެރިކަމަށް އޭނާއަށް ފެންނަ އެހެން މީހުން ގެންދެވިދާނެއެވެ.
(2) އެތަނުން ފެންނަ އެއްޗެއް އެއީ މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާފަދަ ކުށަކާގުޅިގެން ހިނގާ ޝަރީޢަތެއްގެ ބޭނުމަށް ހެއްކެއްގެ ގޮތުން ބޭނުންވެދާނެކަމަށް އޭނާއަށް ޤަބޫލުކުރެވޭ އެކަށީގެންވާ ސަބަބެއްވާ ކޮންމެ އެއްޗެއް ހިފައިގެންދެވިދާނެއެވެ. އަދި،
(3) އެތަނަކުން ފެންނަ އެހެން މީހަކު އަތުގައި އެފަދަ ތަކެތި ހުރެދާނެކަމަށް ޤަބޫލުކުރެވޭ ސަބަބެއްވާ ކޮންމެ މީހަކު ބަލާފާސްކުރެވިދާނެއެވެ.
ނަމަވެސް، އެ އޮފިސަރަށް އޭނާއާ އެއްޖިންސުގެ މީހެއްނޫން މީހަކު ބަލާ ފާސްކުރެވިގެންނުވާނެއެވެ.
(އ) އެއްވެސް ބާވަތެއްގެ އިލެކްޓްރޯނިކް ވަސީލަތެއްގައި ރައްކާކޮށްފައިވާ އެއްވެސް މަޢުލޫމާތަކީ
(1) މި މާއްދާގެ (ކ) ގައިވާ ގޮތަށް ތަންތަނަށްވަނުމުގައި ކަމާ ޙަވާލުވެހުރި އޮފިސަރަކަށް މި މާއްދާގެ (ކ) ގެ (2) ގައި ބަޔާންކޮށްފައިވާ ބޭނުމަށް ހެއްކެއްގެ ގޮތުން ބޭނުންވެދާނެކަމަށް ޤަބޫލުކުރެވޭ ސަބަބެއްއޮތް މަޢުލޫމާތު އަދި
(2) އެތަނަކުން ވާޞިލުވެވެންހުރި މަޢުލޫމާތު، މި މާއްދާގެ (ކ) ގައި ހިމެނޭ އަތުލުމުގެ ބާރުގެ ދަށުން، ފެންނަ އަދި ކިޔަން އެނގޭނެ ގޮތަކަށް، ފަސޭހައިން ގެންދެވޭނެ، ނުވަތަ މިފަދަ ގޮތަކަށް ފަސޭހައިން ބަދަލުކުރެވޭނެގޮތަކަށް މަޢުލޫމާތު ހުށަހެޅުމަށް އެންގުމުގެ ބާރު ލިބިގެންވެއެވެ.
(ވ) މި މާއްދާގެ (ކ) ގެ ދަށުން ޤާނޫނީ އިމްތިޔާޒުގެ ދަށުގައިވާ ތަކެތި ހިފެހެއްޓުމާއި އަދި ނެރުމުގެ ބާރު ލިބިގެނެއް ނުވެއެވެ.
(މ) މި މާއްދާގެ (ވ) ގައި "ޤާނޫނީ އިމްތިޔާޒުގެ ދަށުގައިވާ ތަކެތި" ކަމަށްބުނެފައިވަނީ،
(1) ޤާނޫނީ އެޑްވައިޒަރާއި އޭނާގެ މުވައްކިލާދެމެދު ކުރެވޭ މުޢާމަލާތްތައް، ނުވަތަ އެމުވައްކިލަށް ޤާނޫނީ ލަފާ ލިއްބައިދޭ ގުޅުމުގައި އޭނާގެ މުވައްކިލު ތަމްސީލުކުރާ ފަރާތާދެމެދު ކުރެވޭ މުޢާމަލާތްތައް،
(2) ޤާނޫނީ އެޑްވައިޒަރަކާއި އޭނާގެ މުވައްކިލާއި ނުވަތަ މުވައްކިލު ތަމްސީލުކުރާމީހާ ނުވަތަ އެފަދަ ޤާނޫނީ އެޑްވައިޒަރަކާއި ނުވަތަ އެފަދަ އެޑްވައިޒަރަކާއި ނުވަތަ ތަމްސީލުކުރާމީހާއާއި އެހެން މީހަކާދެމެދު ކުރެވޭ ޝަރީޢަތަކާއި ގުޅިގެން ނުވަތަ ޝަރީޢަތެއްގެ އުއްމީދުގައި ނުވަތަ އެފަދަ ޝަރީޢަތެއްގެ ބޭނުމަށް ކޮށްފައިވާ މުޢާމަލާތުތައް؛ އަދި
(3) ޤާނޫނީ ލަފާދިނުމުގެ ގޮތުން؛ ނުވަތަ ޤާނޫނީ ޝަރީޢަތަކާ ގުޅިގެން ނުވަތަ އެފަދަ ޝަރީޢަތެއްގެ ބޭނުމަށް، ކޮށްފައިވާ މުޢާމަލާތްތަކެއްގައި އެކުލެވޭ ނުވަތަ އޭގައި ރިޢާޔަތްކޮށްފައިވާ ތަކެތި، އެތަކެތި އެމީހެއްގެ އަތުގައި ބެހެއްޓުމުގެ ޙައްޤުލިބިގެންވާ މީހެއްގެ އަތުގައި ހުރިކަމުގައިވާނަމައެވެ.
(ފ) ޤާނޫނާއި ޚިލާފު ކުށެއްގެ މަޤްޞަދު ކުރިއެރުވުމުގެ ނިޔަތުގައި ބަހައްޓާފައިވާ ތަކެއްޗަކީ ޤާނޫނީ އިމްތިޔާޒްގެ ދަށުގައިވާ ތަކެއްޗެއްނޫނެވެ.
(ދ) ކަމާ ޙަވާލުވެހުރި އޮފިސަރު؛
(1) ތަނެއް ފާސްކުރަންފަށާ ވަގުތެއްގައި އެތަނަކާ ޙަވާލުވެހުންނަ މީހާ ހާޒިރުވެހުރިނަމަ އެމީހަކަށް އޮފިސަރުގެ ނަން ޖަހާފައިވާ އަމުރުގެ ކޮޕީއެއް ދޭންވާނެއެވެ. އަދި
(2) އެވަގުތުގައި އެތަނަކާ ޙަވާލުވެހުންނަ މީހާ ހާޒިރުވެނެތްނަމަވެސް، އެމީހެއްގެ ބެލުމުގެ ދަށުގައި އެތަންވާކަމަށް އޮފިސަރަށް ފެންނަފެނުމުގައި ހީވާ މީހަކަށް އެފަދަ ކޮޕީއެއް ދޭންވާނެއެވެ.
(3) މި މާއްދާގެ (1) އަދި (2) ގައިވާ ގޮތަށް އެއްވެސް ކަމެއް ނުވިނަމަ، އެފަދަ ކޮޕީއެއް އެތަނަކުން ފަސޭހައިން ފެންނާނެ ތަނެއްގައި ބާއްވަންވާނެއެވެ.
(ތ) މި މާއްދާގެ ދަށުން ލިބުނު އަމުރާއެކު ތަނަކަށްވަދެ، އަދި ކަމާ ޙަވާލުވެހުރި އޮފިސަރު އެއަމުރުގެ ބާރުގެ ދަށުން އެއްވެސް އެއްޗެއް ހިފަހައްޓައިފިކަމުގައި ވާނަމަ، އެ އަމުރާއެކު ހިފެހެއްޓުނު ތަކެތީގެ ލިސްޓެއް ހިމަނަންވާނެއެވެ.
37. ލިޔެކިޔުންތަކާއި ހާޑްވެއަރއާއި އެހެނިހެން ތަކެތި އަތުލުމުގައި ޢަމަލުކުރާނެ ގޮތް
(ހ) މި ޤާނޫނުގެ 36 ވަނަ މާއްދާގެ ދަށުން ލިބިދޭ ބާރުގެދަށުން ތަނަކުން އެއްޗެއް ނެގުމުގައި ކަމާ ޙަވާލުވެހުރި އޮފިސަރަކު؛
(1) އެތަނަކުން އެތަކެތި ނެގުނު ތަނުގައި އުޅޭމީހަކު، ނުވަތަ
(2) އެތަކެތި ނެގުމުގެ ކުރިން އެތަކެއްޗާއި ޙަވާލުވެހުރި ނުވަތަ އެތަކެތީގެ މައްޗަށް ބާރު ލިބިގެންވާ މީހަކު،
އެ ގެންދެވުނު ތަކެތީގެ ތަފްޞީލު ހޯދުމަށް އެދިއްޖެ ޙާލަތެއްގައި، އެ ތަފްޞީލުތައް ދޭންވާނެއެވެ.
(ށ) މި މާއްދާގައި "ކަމާ ޙަވާލުވެހުރި އޮފިސަރު" ކަމަށް ބުނެފައި އެވަނީ މި ޤާނޫނުގެ 36 ވަނަ މާއްދާގައި ލިބިދޭ ބާރުގެ ދަށުން ނެރޭ އަމުރެއްގައި އެކަމުގެ އިޚްތިޔާރު ލިބިދީފައިވާ ފަރާތެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަމާ ޙަވާލުވެހުރި އޮފިސަރަކު ނަގާ އެއްޗަކީ؛
(1) ޝަރީޢަތެއްގައި ކުށެއްގެ ޤަރީނާއެއްގެ ގޮތުގައި ބޭނުން ކުރުމަށް ނުވަތަ
(2) ފޮރެންސިކް ތަޙުލީލަކަށް ނުވަތަ ކުށެއްގެ ތަޙުޤީޤަށް،
އެ އެއްޗެއްގެ ފޮޓޯއެއް ނުވަތަ ކޮޕީއަކުން ފުދޭނެ އެއްޗެއްނަމަ، އެފަދަ ކަމެއް ސާބިތުކުރުމަށް ނުވަތަ އެ އެއްޗެއްގެ ފޮޓޯ ނެގުމަށް ނުވަތަ ފޮޓޯ ކޮޕީ ހެދުމަށް ހޭދަވާ ވަގުތަށްވުރެ އިތުރަށް އެ އެއްޗެއް ހިފަހައްޓައިގެން ނުވާނެއެވެ.
(ރ) މި މާއްދާގެ (ޅ) ގެ ދަށުން ތިރީގައިވާ އެއްޗެއް ބެލުމުގެ ހުއްދައަށް،
(1) ކަމާ ޙަވާލުވެހުރި އޮފިސަރަކު ނަގާފައިވާ އެއްޗެއް، އަދި
(2) ކުށެއްގެ ތަޙުޤީޤަށްޓަކައި މީރާއިން ހިފަހައްޓާފައިވާ އެއްޗެއް.
ކަމާ ޙަވާލުވެހުރި އޮފިސަރެއްގެ ފަރާތުން، އެ އެއްޗެއް ނެގުމުގެ ކުރިން އެ އެއްޗަކާއި ޙަވާލުވެހުރި ނުވަތަ އެ މީހެއްގެ ބާރުގެ ދަށުގައި އެ އެއްޗެއް ވީ މީހަކު، ނުވަތަ އެފަދަ މީހެއްގެ ބަދަލުގައި ހަރަކާތްތެރިވާ މީހަކު އެދިއްޖެނަމަ، މީރާގެ އޮފިސަރެއްގެ ބެލުމުގެ ދަށުން އެކަމަށް އެދުނު މީހަކަށް އެކަން ފުރިހަމަކޮށްދޭން ވާނެއެވެ.
(ބ) މި މާއްދާގެ (ޅ) ގެ ދަށުން އެފަދަ އެއްޗެއްގެ ފޮޓޯ އެއް ނުވަތަ ކޮޕީއެއް ނެގުމަށް، ކަމާ ޙަވާލުވެހުރި އޮފިސަރެއްގެ ފަރާތުން، އެ އެއްޗެއް ނެގުމުގެ ކުރިން އެ އެއްޗަކާއި ޙަވާލުވެހުރި ނުވަތަ އެ އެއްޗެއްގެ މައްޗަށް ބާރު ލިބިގެންވާ މީހަކު ނުވަތަ އެފަދަ މީހެއްގެ ބަދަލުގައި ހަރަކާތްތެރިވާ މީހަކު އެދިއްޖެނަމަ، އެ އޮފިސަރަކު
(1) މީރާގެ އޮފިސަރެއްގެ ބެލުމުގެ ދަށުން ފޮޓޯ ނެގުމަށް ނުވަތަ ކޮޕީ ހެދުމަށް އެދުނު މީހާއަށް ފުރުޞަތުދީ، ނުވަތަ
(2) ފޮޓޯ ނަގައި ނުވަތަ ކޮޕީ ހައްދައި ނުވަތަ ފޮޓޯ ނެގުމާއި ކޮޕީ ހެދުމަށް މަގުފަހިކޮށްދީ އެކަށީގެންވާ ވަގުތެއްގެ ތެރޭގައި އެކަމެއް ފުރިހަމަކޮށްދޭންވާނެއެވެ.
(ޅ) މި މާއްދާގެ ދަށުން އެއްޗެއް ގެންދެވޭ ކަމަކާއި ޙަވާލުވެހުރި އޮފިސަރަށް އެކަށީގެންވާ ސަބަބަކާއި ހެދި އެކަމަށް އުނިކަމެއް އަތުވެދާނެކަމަށް ފެނިއްޖެ ހިނދެއްގައި، އެ އެއްޗަކަށް ވާޞިލުވުމާއި، ފޮޓޯ ނެގުމާއި، ކޮޕީ ހެއްދުމުގެ ހުއްދަ ދިނުން ލާޒިމެއް ނޫނެވެ.
(1) އެ ތަޙުޤީޤަށް؛
(2) އެ ތަކެތި ގެންދެވުނު ތަޙުޤީޤު ފިޔަވައި އެހެން ތަޙުޤީޤަކަށް؛
(3) ތިރީގައިވާ ސަބަބަކުން އުފެދިދާނެ ޖިނާއީ ކުށަކަށް
(I) އެ އޮފިސަރަކު ޙަވާލުވެހުރި ތަޙުޤީޤަށް ނުވަތަ،
(II) މި މާއްދާގެ (2) ގައި ބަޔާންކޮށްފައިވާ ފަދަ ތަޙުޤީޤަކަށް.
(ކ) މި މާއްދާގެ (ނ) އެހެން އޮތްނަމަވެސް، ބަލައި ފާސްކުރުމުގެ ކަންކަމާ ޙަވާލުވެހުރި މީރާގެ އޮފިސަރު ނަގާ އެއްޗަކީ ޑިޖިޓަލް ރިކޯޑުތައް ބެހެއްޓިފައިވާ ނުވަތަ ޑިޖިޓަލް ރިކޯޑުތަކަކަށް ވާޞިލުވުމަށް ބޭނުންކުރެވޭނެ ކޮމްޕިއުޓަރެއް ނުވަތަ އެނޫންވެސް ހާޑްވެއަރއެއް ނުވަތަ އިކުއިޕްމަންޓެއް ނުވަތަ ޑިވައިސްއެއްނަމަ، މި ޤާނޫނުގެ 36 ވަނަ މާއްދާގެ ދަށުން ޓްރައިބިއުނަލުން ނެރޭ އަމުރުގައި ކަނޑައެޅިގެން އެކަން ބަޔާންކޮށްފައިވާނަމަ، އެ އަމުރާ އެއްގޮތަށް ޝަރީޢަތުގެ ހުރިހާ މަރުޙަލާތައް ނިމެންދެން އެ އެއްޗެއް ހިފެހެއްޓުމުގެ އިޚްތިޔާރު މީރާއަށް ލިބިގެންވެއެވެ.
(އ) ބަލައި ފާސްކުރުމުގެ އަމުރެއް ތަންފީޒުކުރުމުގައި ހިފަހައްޓާ މުދަލުގެ އިންވެންޓަރީއެއް، ބަލައި ފާސްކުރުމުގެ ކަންކަމާ ޙަވާލުވެހުރި މީރާގެ އޮފިސަރު އެކުލަވާލަންވާނެއެވެ. އަދި އެކަން ކުރަންވާނީ، މީރާގެ އެހެން އޮފިސަރަކާއި، ތަނުގެ ވެރިފަރާތުގެ ނުވަތަ ތަނުގެ ވެރިފަރާތް ނެތް ޙާލަތެއްގައި ވެރިފަރާތުގެ މަޞްލަޙަތު ޙިމާޔަތްކޮށްދެވޭނެ ފަރާތެއްގެ ހާޒިރުގައެވެ.
(ވ) މި މާއްދާގެ (އ) ގެ ދަށުން އެކުލަވާލާ ހިފެހެއްޓޭ މުދަލުގެ އިންވެންޓަރީގެ ކޮޕީއެއް، ތަނުގެ ވެރިފަރާތަށް، ނުވަތަ އޭނާ ނެތް ޙާލަތެއްގައި ވެރިފަރާތުގެ މަޞްލަޙަތު ޙިމާޔަތްކޮށްދެވޭނެ ފަރާތަށް ކަމާ ޙަވާލުވެހުރި އޮފިސަރު ދޭންވާނެއެވެ.
38. (އުނިކުރެވިފައި)
39. މީރާއިން ޓެކްސްގެ އަދަދު ކަނޑައެޅުން
(ހ) މީރާއިން ޓެކްސް ދައްކާ ފަރާތެއްގެ ހިސާބުތަކާއި ލިޔެކިޔުންތައް އޮޑިޓްކުރުމަށްފަހު، ނުވަތަ ތަޙުޤީޤެއް ހިންގުމަށްފަހު، އެކަމުގައި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ފަރާތުން އެ މުއްދަތުގައި ދައްކަންޖެހޭ ޓެކުހުގެ ޢަދަދު މީރާއަށް ކަނޑައެޅިދާނެއެވެ. އެގޮތުން ކަނޑައަޅާ ކަނޑައެޅުމަށް މި ޤާނޫނުގައި ޙަވާލާދޭނީ "މީރާއިން ކަނޑައަޅާ ޢަދަދު" މިފަދައިންނެވެ.
(ށ) މީރާއިން ކަނޑައަޅާ ޢަދަދު، މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅައިފި ހިނދެއްގައި، އެކަން، އެ ކަނޑައެޅުން ނިސްބަތްވާ ފަރާތަށް ލިޔުމުން އަންގަންވާނެއެވެ. އަދި އެ އެންގުމުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
(1) ޓެކްސް ދައްކާ ފަރާތުގެ ނަމާއި އެޑްރެހާއި ޓެކްސްޕޭޔަރ އައިޑެންޓިފިކޭޝަން ނަންބަރ ("ޓިން")؛
(2) އެ ކަނޑައެޅުން ނިސްބަތްވާ ޓެކްސް ނެގޭ މުއްދަތު؛
(3) އެ ފަރާތުން ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ކަމަށް މީރާއިން ކަނޑައެޅި ޢަދަދު، އަދި އެ ޢަދަދު ހިސާބުކުރުމަށް މީރާއިން ބޭނުންކުރި އަސާސްތަކާއި އެ ހިސާބުކުރުމުގެ ތަފްޞީލު؛
(4) އެ ފަރާތަކުން ފައިސާ ދައްކަންޖެހޭ ތާރީޚު.
(5) ޢަދަދު ކަނޑައެޅުމަށް މީރާއިން ބޭނުންކުރި މަޢުލޫމާތު.
(ނ) މި ޤާނޫނުގެ 30 ވަނަ މާއްދާގެ ދަށުން ކުރާ އޮޑިޓަކާ ގުޅިގެން މި މާއްދާގެ (ހ) ގެ ދަށުން މީރާއަށް ޢަދަދެއް ކަނޑައެޅޭނީ، މި ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެންގުން ފޮނުވާ ތާރީޚުން ފެށިގެން 2 (ދޭއް) އަހަރުދުވަސް ފާއިތުވުމުގެ ކުރިންނެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި، މި މާއްދާގެ (ހ) ގެ ދަށުން ޢަދަދެއް ކަނޑައެޅެން ނެތް ކަމަށް ޤަބޫލުކުރެވޭ މަޤުބޫލު ޢުޛުރެއް އޮތްނަމަ، 3 (ތިނެއް) އަހަރު ދުވަހަށްވުރެ އިތުރުނުވާނެ ގޮތެއްގެމަތިން އެ މުއްދަތު އިތުރުކޮށްދިނުމަށް ޓެކްސް އެޕީލް ޓްރައިބިއުނަލްގައި މީރާއަށް އެދެވިދާނެއެވެ.
(ބ) މި މާއްދާގެ (ނ) ގައި އެހެން އޮތް ނަމަވެސް، މި ޤާނޫނަށް ޢަމަލުކުރަން ފަށާއިރު މި ޤާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެންގުން ޓެކްސް ދައްކާ ފަރާތަށް މީރާއިން ފޮނުވާފައިވާނަމަ، އަންނަނިވި ތާރީޚުތަކުގެ ތެރެއިން ފަހުން ބައްދަލުވާ ތާރީޚެއްގެ ކުރިން، އެ ފަރާތަކުން ދައްކަންޖެހޭ ޢަދަދު މި މާއްދާގެ (ހ) ގެ ދަށުން މީރާއަށް ކަނޑައެޅިދާނެއެވެ.
(1) މި ޤާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެންގުން ފޮނުވާ ތާރީޚުން ފެށިގެން 2 (ދޭއް) އަހަރު ހަމަވާ ތާރީޚު؛
(2) މި ޤާނޫނަށް ޢަމަލުކުރަން ފަށާ ދުވަހުން ފެށިގެން 120 (ސަތޭކަ ވިހި) ދުވަސް ހަމަވާ ތާރީޚު.
(ޅ) މި މާއްދާގެ (ނ) އަދި (ރ) އެހެން އޮތްނަމަވެސް، އެ އަކުރުތަކުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި ދައްކަންޖެހޭ ޓެކުހުގެ ޢަދަދު ކަނޑައެޅުމުގައި، ކްރޮސް-ބޯޑަރ ޓްރާންސްފަރ ޕްރައިސިންގ މުޢާމަލާތެއްގެ ޞައްޙަކަން ކަށަވަރުކުރަންޖެހޭނަމަ ނުވަތަ ދިވެހިރާއްޖެ ފިޔަވައި އެހެން ޤައުމެއްގައި ހުރި މަޢުލޫމާތެއް ހޯދަންޖެހޭނަމަ، އަދި އެ މުއްދަތުތަކަށް ނިސްބަތްވާ ތަޙުޤީޤެއް މީރާއިން ކުރަމުން ނުގެންދާނަމަ، މި ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެންގުން ފޮނުވާ ތާރީޚުން ފެށިގެން 5 (ފަހެއް) އަހަރުދުވަހަށްވުރެ އިތުރުނުވާނެ ގޮތެއްގެމަތިން އެ މުއްދަތު އިތުރުކުރުމަށް ޓެކްސް އެޕީލް ޓްރައިބިއުނަލްގައި މީރާއަށް އެދެވިދާނެއެވެ.
(ކ) މި މާއްދާގެ (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ މުއްދަތުތައް އިތުރުކޮށްދިނުމަށް އެދި މި މާއްދާގެ (ޅ) ގެ ދަށުން މީރާއިން ހުށަހަޅަންވާނީ، އެ މުއްދަތުތައް ހަމަވުމުގެ ކުރިންނެވެ.
(އ) މި ޤާނޫނުގެ ދަށުން ހިންގާ ތަޙުޤީޤަކާ ގުޅިގެން މި މާއްދާގެ (ހ) ގެ ދަށުން ޓެކުހުގެ ޢަދަދު ކަނޑައެޅުމަށްޓަކައި، އެ ތަޙުޤީޤާގުޅޭ ދަޢުވާއެއް ޓެކްސް ދައްކަންޖެހޭ ފަރާތުގެ މައްޗަށް އުފުލާފައި އޮތުން ލާޒިމެއް ނޫނެވެ.
(ވ) މި މާއްދާގެ (ނ) އަދި (ރ) ގައި ބަޔާންކޮށްފައިވާ މުއްދަތުތައް ގުނުމުގައި، ޓެކްސް އެޕީލް ޓްރައިބިއުނަލުން ނުވަތަ ޝަރުޢީ ކޯޓަކުން، މި ޤާނޫނުގެ ދަށުން މީރާއިން ހިންގާ އޮޑިޓެއް ނުވަތަ ތަޙުޤީޤެއް މެދުކަނޑާލުމަށް އަންގާފައިވާ މުއްދަތެއް ނުހިމެނޭނެއެވެ.
(މ) މި މާއްދާގެ (ރ) ނުވަތަ (ޅ) ގެ ދަށުން މުއްދަތު އިތުރުކޮށްދިނުމަށް މީރާއިން ހުށަހެޅުމުން ޓެކްސް އެޕީލް ޓްރައިބިއުނަލުން މުއްދަތު އިތުރުކޮށްދީފިނަމަ، އެކަން، ރަސްމީ ބަންދުނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި ލިޔުމުން މީރާއިން ޓެކްސް ދައްކާ ފަރާތަށް އަންގަންވާނެއެވެ.
39-1. މީރާއިން ޢަދަދު ކަނޑައެޅުމުގައި ރިޢާޔަތްކުރެވޭނެ ކަންކަމާއި ތަކެތި
(ހ) މި ޤާނޫނުގެ 39 ވަނަ މާއްދާގެ ދަށުން މީރާއިން ޓެކްސް ދައްކާ ފަރާތެއްގެ ޓެކުހުގެ ޢަދަދު ކަނޑައެޅުމުގައި ބޭނުންކުރެވޭނީ އަންނަނިވި ކަންކަމާއި މަޢުލޫމާތެވެ.
(1) އެ ފަރާތުން ފޯރުވައިދޭ ނުވަތަ އެ ފަރާތުން ގަންނަ މުދަލާއި ޚިދުމަތާ އެއްބާވަތެއްގެ ނުވަތަ އެއްފަދަ އެހެން މުދަލާއި ޚިދުމަތުގެ ބާޒާރުގެ އަގު؛
(2) ފާއިތުވި މުއްދަތުތަކުގައި އެ ފަރާތުން ފޯރުވައިދީފައިވާ ނުވަތަ އެ ފަރާތުން ގަނެފައިވާ މުދަލާއި ޚިދުމަތާ އެއްފަދަ ނުވަތަ އެއްބާވަތެއްގެ މުދަލާއި ޚިދުމަތުގެ އަގު؛
(3) އެ ފަރާތުން ފޯރުވައިދޭ ނުވަތަ ގަންނަ މުދަލާއި ޚިދުމަތާ އެއްފަދަ ނުވަތަ އެއްބާވަތެއްގެ އެހެން މުދަލާއި ޚިދުމަތުގެ އެހެން ޤައުމުތަކުގެ އަގު؛
(4) އެ ފަރާތުގެ ވިކުރާގެ ރެއަކާއި ދުވާލެއްގެ އަގާއި ޚަރަދު؛
(5) ފާއިތުވި މުއްދަތުގައި ނުވަތަ މުއްދަތުތަކުގައި އެ ފަރާތަކުން ދައްކާފައިވާ ނުވަތަ ދައްކަންޖެހިފައިވާ ޓެކުހުގެ ޢަދަދު؛
(6) އެ ފަރާތުން ކުރާ ވިޔަފާރި ނިސްބަތްވާ ޞިނާޢަތެއްގައި ހިމެނޭ އެ ފަރާތާ އެއް ގިންތީގެ އެހެން ޓެކްސް ދައްކާ ފަރާތްތަކުން އެ މުއްދަތުގައި ދައްކާފައިވާ ނުވަތަ ދައްކަންޖެހިފައިވާ ޓެކްސް؛
(7) އެހެން ޓެކްސް ދައްކާ ފަރާތްތަކުން ހުށަހަޅާފައިވާ ޓެކްސް ބަޔާންތަކާއި އެހެނިހެން ލިޔެކިޔުންތަކުގައި ހިމެނޭ، ޓެކްސް ދައްކާ ފަރާތާބެހޭ މަޢުލޫމާތު؛
(8) އެ ފަރާތުގެ ބޭންކު ސްޓޭޓްމަންޓްތަކުގައި ހިމެނޭ މަޢުލޫމާތު ނުވަތަ ބޭންކު އެކައުންޓް މެދުވެރިކޮށްކުރާ މުޢާމަލާތްތައް އަންގައިދޭ އެހެނިހެން ލިޔެކިޔުންތަކުގައި ހިމެނޭ މަޢުލޫމާތު؛
(9) އެ ފަރާތުން ނަގުދު ފައިސާއިން ކޮށްފައިވާ ޚަރަދު؛
(10) އެ ފަރާތުން ނަގުދު ފައިސާއިން ނޫން ގޮތަކަށް ކޮށްފައިވާ ޚަރަދު؛
(11) އެ ފަރާތުގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަޞްލަޙަތުތަކާއި އަރަންޏާއި ދަރަނީގެ މަޢުލޫމާތު؛
(12) އެ ފަރާތުން މުދާ ގަތުމަށް ނުވަތަ ޚިދުމަތް ފޯރުކޮށްދިނުމަށް ޚަރަދުކުރާ މިންވަރާއި އެ މުދަލެއް ވިއްކާއިރު ނުވަތަ ޚިދުމަތް ފޯރުކޮށްދޭއިރު ފައިދާގެ ގޮތުގައި އިތުރުކުރާ މިންވަރު؛
(13) އެ ފަރާތުން ކުރާ ވިޔަފާރި ނިސްބަތްވާ ޞިނާޢަތެއްގައި ހިމެނޭ އެ ގިންތީގެ ޓެކްސް ދައްކާ އެހެން ފަރާތްތަކުގެ އާމްދަނީ؛
(14) އެ ފަރާތުން ކުރާ ވިޔަފާރި ނިސްބަތްވާ ޞިނާޢަތެއްގައި ހިމެނޭ އެ ގިންތީގެ ޓެކްސް ދައްކާ އެހެން ފަރާތްތަކުން މުދާ ގަތުމަށް ނުވަތަ ޚިދުމަތް ފޯރުކޮށްދިނުމަށް ކޮށްފައިވާ ޚަރަދުގެ ނިސްބަތާއި ލިބިފައިވާ ފައިދާގެ ނިސްބަތް؛
(15) އެ ފަރާތުން ކުރާ ވިޔަފާރި ނިސްބަތްވާ ޞިނާޢަތެއްގައި ހިމެނޭ އެ ގިންތީގެ ޓެކްސް ދައްކާ އެހެން ފަރާތްތަކުގެ މުދަލުގެ އަގާއި ދަރަނީގެ މިންވަރާއި ރައުސްމާލުގެ މިންވަރު؛
(16) ކޮމާޝަލް ޑޭޓާބޭސްތަކުން (ރަސްމީ އޮންލައިން ޑޭޓާބޭސްތައްވެސް ހިމެނޭގޮތުން) ލިބެން ހުންނަ މަޢުލޫމާތު؛
(17) މީރާއިން ކުރާ އޮޑިޓެއް ނުވަތަ ތަޙުޤީޤެއްގައި ޤާނޫނު ހުއްދަކުރާ ގޮތުގެމަތިން މީރާއިން ހޯދާފައިވާ މަޢުލޫމާތު؛
(18) ދައުލަތުގެ އިދާރާތަކުން ޢާންމުކުރާ މަޢުލޫމާތު؛
(19) އެ ޞިނާޢަތެއްގެ ރަސްމީ ފަރާތްތަކުން ޢާންމުކުރާ މަޢުލޫމާތު؛
(20) އޮންލައިން މަސްދަރުތަކުގައި ހުންނަ މަޢުލޫމާތުފަދަ ޢާންމުކޮށް ލިބެން ހުންނަ މަޢުލޫމާތު؛
(21) ޢަދަދު ކަނޑައަޅާ މުއްދަތުގެ ފަހުން ހިނގާފައިވާ މުއްދަތުތަކުގައި އެ ފަރާތަކުން ދައްކާފައިވާ ނުވަތަ ދައްކަންޖެހިފައިވާ ޓެކުހުގެ ޢަދަދު؛
(22) އުޖޫރަ ދޭ ފަރާތުގެ އާމްދަނީއާއި ޚަރަދުގެ ބަޔާންތަކާއި ހިސާބުތައް؛
(23) އެ ފަރާތުން އަދާކުރަމުންދާ ވަޒީފާގެ ދާއިރާގައި އެ ގިންތީގައި މަސައްކަތްކުރަމުންދާ އެހެން މުވައްޒަފުންނަށް ލިބޭ އުޖޫރައިގެ މަޢުލޫމާތު؛
(24) އެ ފަރާތުން އަދި އެނޫން ޓެކްސް ދައްކާ ފަރާތްތަކުން ހުށަހަޅާ ޓެކްސް ބަޔާންތަކާއި ލިޔެކިޔުންތަކުގައި ހިމެނޭ މަޢުލޫމާތު.
(ށ) ޓެކްސް ދައްކަންޖެހޭ ފަރާތެއްގެ ޓެކްސް ބިނާކުރާ އާމްދަނީ ހިސާބުކުރުމުގައި ރިޕޯޓުކޮށްފައިނުވާ އާމްދަނީ ވާކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް މީރާއަށް ޤަބޫލުކުރެވޭނަމަ، އެ ފަރާތުން ދައްކަންޖެހޭ ޓެކުހުގެ މިންވަރު މި މާއްދާގެ ދަށުން ބިނާކުރުމަށް، އަންނަނިވި އިންޑައިރެކްޓް އިންކަމް މެޝަމަންޓް މެތަޑްތައް ބޭނުންކުރެވިދާނެއެވެ.
(1) ސޯރސް އެންޑް އެޕްލިކޭޝަން އޮފް ފަންޑްސް މެތަޑް؛
(2) ބޭންކް ޑިޕޮސިޓްސް އެންޑް ކޭޝް އެކްސްޕެންޑިޗަރޒް މެތަޑް؛
(3) މާކަޕް މެތަޑް؛
(4) ޔުނިޓް އެންޑް ވޮލިއުމް މެތަޑް؛
(5) ނެޓް ވާރތު މެތަޑް.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ އިންޑައިރެކްޓް އިންކަމް މެޝަމަންޓް މެތަޑެއް ބޭނުންކުރަންވާނީ އަންނަނިވި ޙާލަތްތަކުގައި ޓެކްސް ދައްކާ ފަރާތުގެ އާމްދަނީ ދެނެގަތުމަށެވެ.
(1) ޓެކްސް ދައްކާ ފަރާތުން އެއްވެސް ބާވަތެއްގެ އެކައުންޓިންގ މެތަޑެއް ގަވާއިދުން ބޭނުންކޮށްފައިނުވުން؛
(2) ޓެކްސް ދައްކާ ފަރާތުން އެކައުންޓިންގ މެތަޑެއް ބޭނުންކޮށްފައިވީ ނަމަވެސް އެ އެކައުންޓިންގ މެތަޑުން އެ ފަރާތުގެ އާމްދަނީ ސާފުކޮށް ބަޔާންކޮށްނުދިނުން؛
(3) ޓެކްސް ދައްކާ ފަރާތުގެ އެނގެންހުރި ބިޒްނަސް އެކްސްޕެންސްތަކާއި ޕަރސަނަލް އެކްސްޕެންސްތައް އޭނާ ހާމަކޮށްފައިވާ އާމްދަނީގެ ޢަދަދާ ބައްދަލުނުވުން އަދި އެކަން ބަޔާންކޮށްދޭ ނޮން-ޓެކްސަބަލް އާމްދަނީގެ ވަސީލަތްތައް އޭނާ ހިމަނާފައިނުވުން؛
(4) ޓެކްސް ދައްކާ ފަރާތުގެ މާލީ ހިސާބުތައް ދިމާނުވުމާއެކު، އެ ފަރާތުގެ އިންޓަރނަލް ކޮންޓްރޯލްތައް ބަލިކަށިވުން؛
(5) ޓެކްސް ދައްކާ ފަރާތުގެ ގްރޮސް ޕްރޮފިޓް ޕަސެންޓޭޖަށް އަހަރަކުން އަހަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވުން ނުވަތަ އެ ފަރާތް ނިސްބަތްވާ ޞިނާޢަތަށް ނުވަތަ މާރކެޓް ސެގްމެންޓަށް ބަލާއިރު އާދަޔާ ޚިލާފަށް މަތިވުން ނުވަތަ ދަށްވުން؛
(6) ޓެކްސް ދައްކާ ފަރާތުން އެ ފަރާތުގެ އާމްދަނީ ބޭންކުގައި ގަވާއިދުން ޑިޕޮސިޓްކުރުމުގެ ބަދަލުގައި ނަގުދު ފައިސާ ގެންގުޅުން؛
(7) ޓެކްސް ދައްކާ ފަރާތުން އެ ފަރާތުގެ މާލީ ހިސާބު ނުވަތަ އެއްވެސް ރެކޯޑެއް ބަލަހައްޓާފައި ނެތުން.
(ރ) ޓެކްސް ދައްކާ ފަރާތެއްގެ ރިޕޯޓުކޮށްފައިނުވާ އާމްދަނީ ވާކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޤަބޫލުކުރެވެން ނެތް ޙާލަތެއްގައި މި މާއްދާގެ (ށ) ގައި ބަޔާންކުރާ ފަދަ އިންޑައިރެކްޓް މެތަޑެއް މީރާއިން ބޭނުންކޮށްގެންނުވާނެއެވެ.
(ބ) ޓެކްސް ދައްކަންޖެހޭ ފަރާތެއްގެ ޓެކްސް ބިނާކުރާ އާމްދަނީ ހިސާބުކުރުމަށް މި މާއްދާގެ (ށ) ގައި ބަޔާންކުރާ އިންޑައިރެކްޓް އިންކަމް މެޝަމަންޓް މެތަޑެއް ބޭނުންކުރަންޖެހޭ ޙާލަތެއް މެދުވެރިވެގެން އެފަދަ މެތަޑެއް ބޭނުންކުރާނަމަ، އެ ފަރާތެއްގެ ރިޕޯޓުކޮށްފައިނުވާ އާމްދަނީ ވާކަމަށް ޤަބޫލުކުރުމަށް ހުރި ހެއްކާ ޙަވާލާދީ، އޭގެ ތެރެއިން އެ ހިސާބުކުރުމުގައި ބޭނުންކުރީ ކޮން މެތަޑެއްތޯއާއި އެކަމުގެ ސަބަބު ބަޔާންކުރަންވާނެއެވެ.
40. މިރާ އިން ޢަދަދު ކަނޑައެޅުމުގެ ނަތީޖާ
މީރާއިން ކަނޑައަޅާ ޢަދަދު މި މާއްދާގެ ދަށުން ކަނޑައަޅައިފި ހިނދެއްގައި، އެ ކަނޑައެޅުމުގެ ސަބަބުން އަންނަނިވި ނަތީޖާ ނިކުންނާނެއެވެ.
(ހ) އެ ކަނޑައެޅުން ނިސްބަތްވާ ޓެކްސް ނެގޭ މުއްދަތާ ގުޅޭގޮތުން ޓެކްސް ބަޔާން ހުށަހަޅާފައިވާނަމަ، އެ ބަޔާން އެ ކަނޑައެޅުމާ އެއްގޮތަށް އިޞްލާޙުވެގެން ދިޔައީ ކަމުގައި ބެލުން؛
(ށ) އެ ކަނޑައެޅުން ނިސްބަތްވާ ޓެކްސް ނެގޭ މުއްދަތާ ގުޅޭގޮތުން ޓެކްސް ބަޔާން ހުށަހަޅާފައިނުވާނަމަ، މީރާއިން ކަނޑައަޅާ ޢަދަދަކީ، އެ މުއްދަތުގައި ޓެކްސް ދައްކާ ފަރާތުން ދައްކަންޖެހޭ ޓެކްސްގެ ޢަދަދު ކަމުގައި ބެލުން.
41. އެއް އަހަރަށްވުރެ ގިނަ އަހަރާގުޅޭ އުޞޫލު
މި ޤާނޫނުގެ 30 ވަނަ މާއްދާގެ ދަށުން ކުރާ އޮޑިޓަކާ ގުޅިގެން ނުވަތަ މި ޤާނޫނުގެ ދަށުން ހިންގާ ތަޙުޤީޤަކާ ގުޅިގެން އެންގޭ އެންގުމެއްގައި، އެއް މުއްދަތަށްވުރެ ގިނަ މުއްދަތަށް ޙަވާލާދީފައިވާނަމަ، މީރާއިން ކަނޑައަޅާ ޢަދަދު އެ އެންގުމުގައި ޙަވާލާދީފައިވާ ކޮންމެ މުއްދަތަކަށް ވަކިވަކިން ހިނގާނެއެވެ.
42. އިއުތިރާޒުކުރުން
(ހ) ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ނުވަތަ މީރާއިން ނިންމާ ނިންމުމަކާމެދު ޓެކްސް ދައްކާ ފަރާތުން އިއުތިރާޒުކުރާނަމަ އެ ނިންމުމެއް ނިންމި ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި، އިއުތިރާޒުކުރާކަމުގެ އެންގުމެއް މީރާއަށް ހުށަހަޅަންވާނެއެވެ. މިގޮތުން ޓެކްސް ދައްކާ ފަރާތުން ހުށަހަޅާ އެންގުމަށް މި ޤާނޫނުގައި ޙަވާލާދޭނީ "އިއުތިރާޒުކުރާކަމުގެ އެންގުން" މިފަދައިންނެވެ.
(ށ) ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ކަމަށް މި ޤާނޫނުގެ 39 ވަނަ މާއްދާގެ (ހ) ގެ ދަށުން މީރާއިން ކަނޑައަޅާފައިވާ ޢަދަދާ ގުޅިގެން ނުވަތަ އެ ޢަދަދު ކަނޑައެޅުމުގައި މީރާއިން ޢަމަލުކޮށްފައިވާ ގޮތުން ޓެކްސް ދައްކާ ފަރާތުގެ އެއްވެސް ޙައްޤަކަށް އުނިކަން އައިސްފައިވާ ކަމަށް ޤަބޫލުކުރެވޭނަމަ އެ ކަމަކާ ގުޅިގެން ޓެކްސް ދައްކާ ފަރާތަށް އިއުތިރާޒުކުރާކަމުގެ އެންގުމެއް ހުށަހެޅިދާނެއެވެ.
(ނ) މި މާއްދާގެ (ހ) ނުވަތަ (ށ) ގެ ދަށުން ހުށަހަޅާ އިއުތިރާޒުކުރާކަމުގެ އެންގުމުގައި، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ ނުވަތަ މީރާގެ ނިންމުމާމެދު ޓެކްސް ދައްކާ ފަރާތުން އިއުތިރާޒުކުރާ ސަބަބު ތަފްޞީލުކޮށް ބަޔާންކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ހ) އަދި (ށ) އެހެން އޮތްނަމަވެސް، މި ޤާނޫނުގެ 30 ވަނަ މާއްދާގެ ދަށުން ފޮނުވާ އެންގުމަކަށް އަދި އެފަދަ އެންގުމެއްގައިވާ އެއްވެސް ކަމަކަށް، މި މާއްދާގެ (ހ) ގެ ދަށުން އިއުތިރާޒުކުރެވޭނީ އެ އެންގުމެއްގެ ދަށުން އެ މުއްދަތަށް މީރާއިން ޢަދަދެއް ކަނޑައަޅާފައިވާނަމަ ނުވަތަ އެ މުއްދަތަށް ނިސްބަތްވާ ޓެކްސް ބަޔާނެއްގައި ހިމަނާފައިވާ ޢަދަދަކަށް ނުވަތަ މަޢުލޫމާތަކަށް މީރާއިން ބަދަލެއް ގެނެސްފައިވާނަމައެވެ. އަދި މި ޙާލަތުގައި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު ގުނަން ފަށަންވާނީ، އެ އެންގުމެއްގެ ދަށުން މީރާއިން ޢަދަދު ކަނޑައެޅުމަށްފަހު ނުވަތަ ޓެކްސް ބަޔާނުގައި ހިމަނާފައިވާ ޢަދަދަކަށް ނުވަތަ މަޢުލޫމާތަކަށް ބަދަލު ގެނައުމަށްފަހު ޓެކްސް ދައްކާ ފަރާތަށް އަންގާ ތާރީޚުން ފެށިގެންނެވެ.
(ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު ގުނާނީ ރަސްމީ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައެވެ.
43. އިއުތިރާޒުކުރުމާމެދު މީރާއިން ގޮތެއް ނިންމުން
(ހ) ޓެކްސް ދައްކާ ފަރާތަކުން މި ޤާނޫނުގެ 42 ވަނަ މާއްދާގެ ދަށުން އިއުތިރާޒުކުރާ ކަމުގެ އެންގުމެއް މީރާއަށް ހުށަހަޅައިފިނަމަ، އެ އެންގުން ހުށަހަޅާ ތާރީޚުން ފެށިގެން 120 (ސަތޭކަ ވިހި) ދުވަހުގެ ތެރޭގައި އެ އެންގުމާމެދު މީރާއިން ގޮތެއް ނިންމަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، މި ޤާނޫނަށް ޢަމަލުކުރަން ފަށާއިރު ޓެކްސް ދައްކާ ފަރާތަކުން މި ޤާނޫނުގެ 42 ވަނަ މާއްދާގެ ދަށުން އިއުތިރާޒުކުރާކަމުގެ އެންގުމެއް މީރާއަށް ހުށަހަޅާފައިވާނަމަ، އަންނަނިވި ތާރީޚުތަކުގެ ތެރެއިން ފަހުން ބައްދަލުވާ ތާރީޚެއްގެ ކުރިން، އެ އެންގުމާމެދު މީރާއިން ގޮތެއް ނިންމަންވާނެއެވެ.
(1) އިއުތިރާޒުކުރާކަމުގެ އެންގުން މީރާއަށް ހުށައެޅި ތާރީޚުން ފެށިގެން 120 (ސަތޭކަ ވިހި) ދުވަސް ހަމަވާ ތާރީޚު؛
(2) މި ޤާނޫނަށް ޢަމަލުކުރަން ފަށާ ދުވަހުން ފެށިގެން 60 (ފަސްދޮޅަސް) ދުވަސް ހަމަވާ ތާރީޚު.
(ނ) އިއުތިރާޒުކުރާ ކަމުގެ އެންގުމަކާ ގުޅިގެން މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި މީރާއިން ގޮތެއް ނުނިންމައިފިނަމަ، އެ އިއުތިރާޒުކުރުން ނިސްބަތްވާ މީރާގެ ނިންމުން ރަނގަޅު ނޫންކަމަށް، މީރާއިން ނިންމި ކަމުގައި ބެލެވޭނެއެވެ.
(ރ) މި މާއްދާގެ ބޭނުމަށް މުއްދަތު ގުނާނީ ރަސްމީ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައެވެ.
44. ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުން
(ހ) މި ޤާނޫނުގެ 42 ވަނަ މާއްދާގެ (ހ) ނުވަތަ (ށ) ގެ ދަށުން ޓެކްސް ދައްކާ ފަރާތަކުން މީރާއަށް ހުށަހަޅާ އިއުތިރާޒުކުރާކަމުގެ އެންގުމަކާ ގުޅިގެން މީރާއިން ނިންމާ ނިންމުމަކާމެދު ޓެކްސް ދައްކާ ފަރާތުން ހިތްހަމަނުޖެހޭނަމަ، އެ ނިންމުން ނިންމާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި، އެ މައްސަލައެއް ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހެޅިދާނެއެވެ.
(1-ހ) މި މާއްދާގެ (ހ) ގެ ދަށުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލައެއްގައި، މި ޤާނޫނުގެ 42 ވަނަ މާއްދާގެ (ހ) ގެ ނުވަތަ (ށ) ގެ ދަށުން ހުށަހެޅި އިއުތިރާޒުކުރާކަމުގެ އެންގުމުގައި ހިމެނުމުގެ ފުރުޞަތު އޮވެ،ހިމަނާފައިނުވާ އާ ނުކުތާއެއް ހުށަނޭޅޭނެއެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ޓެކްސް ދައްކާ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅަނީ މި ޤާނޫނުގެ 39 ވަނަ މާއްދާގެ ދަށުން މީރާއިން ކަނޑައަޅާފައިވާ ޓެކުހުގެ ޢަދަދަކާ ގުޅިގެން ކަމަށްވާނަމަ، އެ މައްސަލައެއް އިސްތިއުނާފުކުރެވޭނީ މީރާއިން ކަނޑައަޅާފައިވާ ޓެކުހުގެ ޢަދަދުގެ ތެރެއިން، ޓެކްސް ދައްކާ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލްގައި އިއުތިރާޒުކުރާ ޢަދަދުގެ މަދުވެގެން %25 (ފަންސަވީސް އިންސައްތަ) އާ އެއްވަރުގެ ޢަދަދެއް މީރާއަށް ދައްކައި ޚަލާޞްކުރުމަށްފަހުގައެވެ.
(1-ށ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، މީރާއިން ކަނޑައަޅާފައިވާ ޢަދަދުގެ ނަތީޖާއަކީ ޤާނޫނު ނަންބަރު 25/2019 (އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު) ގެ ދަށުން ކުރިއަށްހުރި ހިސާބުކުރާ މުއްދަތެއްގައި އުނިކުރެވޭނެ ގެއްލުމުގެ ޢަދަދު ކުޑަވުން ކަމަށްވާނަމަ، އެ ގެއްލުން ކުޑަވި މިންވަރާ ގުޅިގެން އެ މައްސަލަ އިސްތިއުނާފުކުރުމަށް، މީރާއަށް ޢަދަދެއް ދައްކާކަށް ނުޖެހޭނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ %25 (ފަންސަވީސް އިންސައްތަ) ހިސާބުކުރާނީ، ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހަޅާ ޢަދަދާ ގުޅިގެން ދައްކަންޖެހޭ އެއްވެސް ޖޫރިމަނާއެއް ނުވަތަ އިންޓްރެސްޓަކާ ނުލައެވެ.
(ރ) މި މާއްދާގެ (ހ) ގެ ދަށުން ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލައެއް، އެ މައްސަލައެއް ހުށަހެޅޭތާ ގިނަވެގެން 180 (ސަތޭކަ އައްޑިހަ) ދުވަހުގެ ތެރޭގައި ޓްރައިބިއުނަލުން އެ މައްސަލައެއް ބަލައި، އެ މައްސަލައާމެދު ގޮތެއް ކަނޑައަޅަންވާނެއެވެ.
(ބ) ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް މި މާއްދާގެ (ރ) ގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި ނިންމުމަށްޓަކައި، ޓެކްސް އެޕީލް ޓްރައިބިއުނަލުން މައްސަލައިގެ އަޑުއެހުންތައް ދުރާލާ ތާވަލުކުރަންވާނެއެވެ.
(ޅ) މި މާއްދާގެ (ރ) އެހެން އޮތްނަމަވެސް، ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލައެއްގައި ހިމެނޭ އެންމެހައި ކަންކަމަށް ރިޢާޔަތްކުރާއިރު، އެ މާއްދާގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި އެ މައްސަލައިގައި ޢަދުލުވެރި ނިންމުމެއް ނިންމިދާނެކަމަށް މައްސަލަ ބަލާ ޓްރައިބިއުނަލްގެ މެންބަރުންނަށް ނުފެންނަނަމަ، އެ މައްސަލައެއް ނިންމުމަށް ކަނޑައެޅިފައިވާ މުއްދަތު އިތުރުކުރެވިދާނެއެވެ. އެހެންނަމަވެސް، އެފަދައިން އިތުރުކުރާ މުއްދަތު 90 (ނުވަދިހަ) ދުވަހަށްވުރެ އިތުރުވެގެންނުވާނެއެވެ.
(ކ) ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލައެއް ނިންމުމަށް ކަނޑައެޅިފައިވާ މުއްދަތު މި މާއްދާގެ (ޅ) ގެ ދަށުން އިތުރުކުރާ ޙާލަތުގައި، އެ މައްސަލައެއްގައި ޓްރައިބިއުނަލުން ނިންމާ ނިންމުމުގައި އެފަދައިން މުއްދަތު އިތުރުކުރި ސަބަބު ބަޔާންކޮށްފައި އޮންނަންވާނެއެވެ.
(އ) ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާއިރު، ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހެޅިފައިވާ މައްސަލަތައް، އެ ތާރީޚުން ފެށިގެން 180 (ސަތޭކަ އައްޑިހަ) ދުވަހުގެ ތެރޭގައި އެ ޓްރައިބިއުނަލުން ބަލައި، އެ މައްސަލަތަކާމެދު ގޮތެއް ނިންމަންވާނެއެވެ.
44-1. އިދާރީ ބިނާކުރުން
(ހ) އެއްވެސް ފަރާތަކުން އެ ފަރާތުން ހުށަހަޅަންޖެހޭ ޓެކްސް ބަޔާނެއް އެ ހުށަހަޅަންޖެހޭ ސުންގަޑިއަށް ހުށަނާޅައިފިނަމަ އަދި ޓެކްސް ބަޔާން ހުށަހެޅުމަށް އަންގާ މި ޤާނޫނުގެ 46-1 ވަނަ މާއްދާގެ ދަށުން އެ ފަރާތަކަށް ނޯޓިސް ފޮނުވުމަށްފަހު، ނޯޓިހުގައި ދީފައިވާ މުއްދަތުގައި ޓެކްސް ބަޔާން ހުށަހަޅާފައިނުވާނަމަ، މި މާއްދާގައިވާ ގޮތުގެމަތިން އެ ފަރާތުން ދައްކަންޖެހޭ ޓެކުހުގެ މިންވަރު ބިނާކުރުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއަށް ލިބިގެންވެއެވެ.
(ށ) ޓެކްސް ދައްކަންޖެހޭ ފަރާތެއްގެ ޓެކުހުގެ ޢަދަދު ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން މި މާއްދާގެ ދަށުން ބިނާކޮށްފިނަމަ، އެކަން ޓެކްސް ދައްކާ ފަރާތަށް އަންގާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ޓެކްސް ދައްކާ ފަރާތަށް އެ ބިނާކުރުން އިޞްލާޙުކޮށް ޓެކްސް ބަޔާނެއް ހުށަހެޅިދާނެއެވެ.
(ނ) އެއްވެސް ފަރާތަކުން ދައްކަންޖެހޭ ޓެކުހުގެ ޢަދަދު މި މާއްދާގެ (ހ) ގެ ދަށުން ބިނާކުރެވޭނީ އެ ބިނާކުރުން ރައްދުވާ ޓެކްސް ނެގޭ މުއްދަތުގެ ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ސުންގަޑި ހަމަވާ ތާރީޚުން ފެށިގެން 12 (ބާރަ) މަސްދުވަސް ހަމަވުމުގެ ކުރިންނެވެ.
(ރ) މި މާއްދާގެ (ށ) ގެ ދަށުން ޓެކްސް ދައްކާ ފަރާތުން ޢަމަލުކޮށްފައިވާނަމަ، އެ ބިނާކުރުން ނިސްބަތްވާ މުއްދަތަށް ދައްކަންޖެހޭ ޓެކުހުގެ މިންވަރު މި މާއްދާގެ (ހ) ގެ ދަށުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއަށް އަލުން ބިނައެއްނުކުރެވޭނެއެވެ. އަދި މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތު ފާއިތުވުމަށްފަހު، ޓެކްސް ދައްކާ ފަރާތަށް އެ ބިނާކުރުން އިޞްލާޙުކުރުމަށްފަހު ޓެކްސް ބަޔާނެއް ހުށައެއްނޭޅޭނެއެވެ.
(ބ) މި މާއްދާގެ ދަށުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ބިނާކުރާ ބިނާކުރުންތަކަށް މި ޤާނޫނުގެ 42 ވަނަ މާއްދާއެއް ނުހިނގާނެއެވެ.
(ޅ) މި މާއްދާގެ (ބ) އެހެން އޮތްނަމަވެސް، މި މާއްދާގެ ދަށުން ޓެކްސް ބިނާކުރެވިފައިވާ މުއްދަތެއްގައި ދައްކަންޖެހޭ ޓެކުހުގެ ޢަދަދު މި ޤާނޫނުގެ 39 ވަނަ މާއްދާގެ ދަށުން މީރާއިން ކަނޑައަޅައިފިނަމަ، އެ ޢަދަދަށް އިއުތިރާޒުކުރުމުގައި ޢަމަލުކުރާނީ މި ޤާނޫނުގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.
(ކ) ދައްކަންޖެހޭ ޓެކުހުގެ މިންވަރު މި މާއްދާގެ ދަށުން ބިނާކޮށްފިނަމަ، އެކަން ޓެކްސް ދައްކާ ފަރާތަށް ލިޔުމުން، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަންގަންވާނެއެވެ. އަދި އެ އެންގުމުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
(1) ޓެކްސް ދައްކާ ފަރާތުގެ ނަމާއި އެޑްރެހާއި ޓެކްސްޕޭޔަރ އައިޑެންޓިފިކޭޝަން ނަންބަރ ("ޓިން")؛
(2) އެ ބިނާކުރުން ނިސްބަތްވާ މުއްދަތު؛
(3) އެ ފަރާތުން ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ބިނާކުރި ޢަދަދު، އަދި އެ ޢަދަދު ހިސާބުކުރުމަށް ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ބޭނުންކުރި އަސާސްތަކާއި އެ ހިސާބުކުރުމުގެ ތަފްޞީލު.
(އ) ދައްކަންޖެހޭ ޓެކުހުގެ މިންވަރު މި މާއްދާގެ ދަށުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ބިނާކުރިކަމުގައިވީ ނަމަވެސް، ޓެކްސް ބަޔާން ހުށަހަޅައި ޓެކްސް ދައްކަންޖެހުނު ދުވަސްކަމަށް ބަލާނީ، އެ ޓެކްސް ޤާނޫނުގައި އެ ޓެކްސް ބަޔާން ހުށަހަޅައި ޓެކްސް ދައްކަންޖެހޭ ދުވަސްކަމަށް ކަނޑައަޅާފައިވާ ތާރީޚެވެ.
(ވ) ޓެކްސް ދައްކަންޖެހޭ ފަރާތެއް ދައްކަންޖެހޭ ޓެކުހުގެ މިންވަރު މި މާއްދާގެ ދަށުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ބިނާކުރުމުގައި ބޭނުންކުރަންވާނީ މި ޤާނޫނުގެ 1-39 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމާއި މަޢުލޫމާތާއި މެތަޑްތަކެވެ.
(މ) މި ޤާނޫނުގެ 39 ވަނަ މާއްދާގެ ދަށުން އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ޓެކްސް ދައްކާ ފަރާތުން އިދާރީ ބިނާކުރުން އިޞްލާޙުކޮށްފައިނުވާނަމަ، މި މާއްދާގެ (ހ) ގެ ދަށުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ބިނާކުރާ ޢަދަދަކީ، އެ މުއްދަތަށް ޓެކްސް ދައްކާ ފަރާތުން ދައްކަންޖެހޭ ޓެކުހުގެ ފުރިހަމަ ޢަދަދުކަމުގައި ބެލުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއަށް ލިބިގެންވެއެވެ.
45. އަނބުރާ ދިނުން ނުވަތަ އަޅައިކެނޑުން
މީރާއިން ނިންމި ނިންމުމަކާ މެދު ޓެކްސް ދައްކާ ފަރާތުން އިއުތިރާޒު ކުރުމުން ނުވަތަ އިސްތިޢުނާފުކުރުމުން، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެ މައްސަލަ ބަލައި ގޮތެއް ކަނޑައަޅާ ހިނދު، މީރާއިން ކަނޑައެޅި ޢަދަދަކީ ޓެކްސް ދައްކަންޖެހޭ ފަރާތުން ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޢަދަދަށްވުރެ ބޮޑު ޢަދަދެއްކަމުގައިވާނަމަ، އެފައިސާއާމެދު ޢަމަލުކުރާނީ އިތުރަށް ދެއްކޭ ޓެކްސްއާމެދު ޢަމަލުކުރުމަށް މި ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތުގެމަތިންނެވެ.
46. ޓެކްސް ނުދެއްކުމުން ބިންބިމާއި މިލްކިއްޔާތު ހިފެހެއްޓުން
(ހ) ޓެކްސް ދައްކަންޖެހި ނުދައްކާއޮތް މީހާ ދައްކަންޖެހޭ މުއްދަތުގެ ކުރިން ދައްކާފައި ނުވާނަމަ، ނުދައްކާއޮތް ފައިސާއެއް ހޯދުމަށްޓަކައި ކޮންމެ ޓެކްސް އަހަރަކު، މީރާއިން "ކަފާލާ" އެއްގެ ގޮތުގައި ޢައްޔަންކުރާ ފަރާތަކަށް ޓެކްސް ދައްކަންޖެހި ނުދައްކާއޮތް ފަރާތެއްގެ ބިމެއްގެ ނުވަތަ އެފަދަ އެހެން މިލްކިއްޔާތެއްގެ މައްޗަށް ޖޫރިމަނާއެއް ކަނޑައަޅާ ނުދައްކާއޮތް ޖުމްލަ ޓެކްސް ހޯދުމުގެ އަމުރު ނެރެންވާނެއެވެ.
(ށ) ޓެކްސް ދައްކަންޖެހޭ ފަރާތަކުން ނުވަތަ ތިންވަނަ ފަރާތަކުން ދައްކަންޖެހިފައިވާ ޓެކްސްއެއް، ނުވަތަ ޖޫރިމަނާއެއް، ނުވަތަ އެހެންވެސް ފައިސާ އެއް ހޯދުމަށްޓަކައި އެހެން އެއްވެސް ގޮތަކުން މަސައްކަތް ކުރެވިފައިވިޔަސް ނުވަތަ ނުވިޔަސް މި މާއްދާގެ (ހ) ގެ ދަށުން އަމުރު ނެރެވިދާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ނެރޭ އަމުރުތައް ތަންފީޒްކުރުމަށާއި އަދި ޖޫރިމަނާ ކުރެވިފައިވާ މިލްކިއްޔާތުތައް ވިއްކާލުމާއި ބެހޭ ގޮތުން ހަދަންޖެހޭ ގަވާއިދުތައް ހަދާނީ ބޯޑުންނެވެ.
46-1. ޓެކްސް ބަޔާން ހުށަނޭޅުމުން އެޅިދާނެ ފިޔަވަޅުތައް
ޓެކްސް ޤާނޫނެއްގެ ދަށުން މީރާއަށް ހުށަހަޅަންޖެހޭ ޓެކްސް ބަޔާނެއް، އެ ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ތާރީޚަށް ހުށަހަޅާފައިނުވާނަމަ އަންނަނިވި ފިޔަވަޅުތައް މީރާއަށް އެޅިދާނެއެވެ.
(ހ) ޓެކްސް ބަޔާން ހުށަހެޅުމަށް އަންގާ ނޯޓިސް ފޮނުވުން؛
(ށ) މި ޤާނޫނުގެ 1-44 ވަނަ މާއްދާގެ ދަށުން، އެ ފަރާތަކުން ދައްކަންޖެހޭ ޓެކުހުގެ މިންވަރު ބިނާކުރުން.
46-2. ޓެކްސް ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅުން
ޓެކްސް ޤާނޫނެއްގެ ދަށުން ދައުލަތަށް ދައްކަންޖެހޭ ޓެކުހެއް ނުވަތަ ޓެކުހާގުޅޭ ޖޫރިމަނާއެއް، އެ ފައިސާއެއް ދައްކަންޖެހޭ ތާރީޚުގެ ނިޔަލަށް ދައްކާފައިނުވާނަމަ، އެ ފައިސާ އެ ފަރާތުން ހޯދުމަށްޓަކައި އަންނަނިވި ފިޔަވަޅުތައް މީރާއަށް އެޅިދާނެއެވެ.
(ހ) ފައިސާ ދެއްކުމަށް އަންގާ ނޯޓިސް ފޮނުވުން؛
(ށ) ފައިސާ ނުދައްކާ ފަރާތުގެ ނަން ހާމަކުރުން؛
(ނ) ޓެކްސް ނުދައްކާ ފަރާތެއްނަމަ، މި ޤާނޫނުގެ ދަށުން މިނިސްޓްރީން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެމަތިން، ދައުލަތުގެ އިދާރާއަކުން ދޭ ޚިދުމަތެއް، އެ ފަރާތަށް ދިނުން ހިފެހެއްޓުން؛
(ރ) މި ޤާނޫނުގެ 47 ވަނަ މާއްދާގެ ދަށުން ތިންވަނަ ފަރާތެއްގެ އަތުން އެ ފައިސާ ހޯދުން؛
(ބ) މި ޤާނޫނުގެ 48 ވަނަ މާއްދާގެ ދަށުން ޓެކްސް ނުދައްކާ ފަރާތުގެ އެކައުންޓުގައިވާ ފައިސާއާބެހޭ މަޢުލޫމާތު ހޯދުން؛
(ޅ) ޝަރީޢަތް މެދުވެރިކޮށް އެ ފައިސާ ހޯދުން؛
(ކ) ބޭރު ޤައުމެއް ނުވަތަ ސަރަޙައްދެއް މެދުވެރިކޮށް އެ ފައިސާ ހޯދުން.
47. ލިބެންވާ ޓެކްސް ތިން ވަނަ ފަރާތަކުން ހޯދުން
(ހ)
(1) ޓެކްސް ދައްކަންޖެހި ނުދައްކާއޮތް އެއްވެސް ފަރާތަކުން، އެފަރާތަކުން ދައްކަންޖެހޭ އެއްވެސް ޓެކްސްއެއް، ޖޫރިމަނާއެއް ނުވަތަ އެހެންވެސް ޢަދަދެއް ދައްކަންޖެހިފައިވާ މުއްދަތުގެ ތެރޭގައި ދައްކާފައިނުވާނަމަ، އަދި
(2) އެހެން ފަރާތަކުން، "ތިންވަނަ ފަރާތަކުން"، ޓެކްސް ދައްކަންޖެހި ނުދައްކާއޮތް ފަރާތަށް ދަރާފައިވާކަމަށް، ނުވަތަ އެފަރާތުން ފައިސާތަކެއް ޓެކްސް ދައްކަންޖެހި ނުދައްކާއޮތް ފަރާތަށް ދޭން އުޅޭކަމަށް ނުވަތަ އެފަރާތަކުން ޓެކްސް ދައްކަންޖެހި ނުދައްކާއޮތް ފަރާތަކަށް ދޭންޖެހޭ ފައިސާއެއް ނުވަތަ ދިނުމަށް ކަނޑައެޅިފައިވާ ފައިސާއެއް އެފަދަ ފަރާތެއްގެ އަތުގައި ބެހެއްޓިފައިވާ ކަމަށް، ނުވަތަ ޓެކްސް ދައްކަންޖެހި ނުދައްކާއޮތް ފަރާތަށް އެހެން ކޮންމެވެސް ފަރާތެއްގެ އަތުން ފައިސާ ދައްކަންޖެހޭކަމަށް، ނުވަތަ ޓެކްސް ދައްކަންޖެހި ނުދައްކާއޮތް ފަރާތަށް ފައިސާދެއްކުމަށް އެހެން ކޮންމެވެސް ފަރާތަކަށް ހުއްދަ ލިބިގެންވާކަމަށް، މީރާއަށް އެކަށީގެންވާ ހެކިތަކެއްގެ މައްޗަށް ބުރަވެ ޤަބޫލުކުރެވޭކަމަށްވާނަމަ؛
(3) މީރާއިން އެންގުމަކުން ތިންވަނަ ފަރާތަކަށް އެފަދަ ފައިސާއެއް ދެއްކުމަށް އެންގިދާނެއެވެ. އެފަދަ ފައިސާއެއްގެ މިންވަރު، ދައްކަންޖެހި ނުދައްކާފައިވާ ޓެކްސް، ޖޫރިމަނާއެއް އަދި އެހެންވެސް ޢަދަދަކަށްވުރެ ނުވަތަ މި މާއްދާގެ (2) ގައި ރިޢާޔަތް ކޮށްފައިވާ ޢަދަދަށްވުރެ ބޮޑުވެގެންނުވާނެއެވެ.
(ށ) ޓެކްސް ދައްކަންޖެހި ނުދައްކާ އޮތް ފަރާތަކުން ދައްކަންޖެހޭ ޓެކުހާއި، ޖޫރިމަނާ އަދި އެހެންވެސް ޢަދަދެއް ދައްކަންޖެހިފައިވާ މުއްދަތުގެ ތެރޭގައި ދައްކާފައިނުވުމާ ގުޅިގެން އެ ފައިސާ ހޯދުމަށް ފިޔަވަޅެއް އަޅާފައި ވިޔަސް ނުވަތަ ނުވިޔަސް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެންގުން ފޮނުވިދާނެއެވެ.
(ނ) މިމާއްދާގެ (ހ) ގެ ދަށުން އެންގުން ފޮނުވިފައިވާ ތިންވަނަ ފަރާތުން، އެ އެންގުން ފޮނުވާތާ 45 ދުވަހުގެ ތެރޭގައި އެ އެންގުމާ އެއްގޮތަށް އެފައިސާ ދައްކާ ޚަލާޞްކުރަންވާނެއެވެ.
(ރ)
(1) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ޙާލަތްތަކުގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަންގާ އެންގުމަކުން ޓެކްސް ދައްކަންޖެހި ނުދައްކާއޮތް ފަރާތެއްގެ ބޭންކް އެކައުންޓްގައިވާ ފައިސާ ހިފެހެއްޓުމަށް ޤާނޫނު ނަންބަރު 24/2010 (ދިވެހިރާއްޖޭގެ ބޭންކިންގ އާއިބެހޭ ޤާނޫނު) އެ މައްޗަށް ހިނގާ ބޭންކަކަށް އެންގުމަށްޓަކައި މީރާއިން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް އެންގިދާނެއެވެ.
(2) މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގެ ދަށުން އެންގުމެއް ފޮނުވިފައިވާ ބޭންކަކުން، އެ އެންގުން ފޮނުވޭތާ 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި އެ އެންގުމުގައި ބަޔާންކޮށްފައިވާ ފައިސާގެ ޢަދަދު މީރާއިން ކަނޑައަޅާ ގޮތެއްގެމަތިން މީރާއަށް ދައްކަންވާނެއެވެ.
(3) މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގެ ދަށުން ފޮނުވާ އެންގުމުގައި ބަޔާންކޮށްފައިވާ ފައިސާ، އެފައިސާ ދައްކަންޖެހޭ ފަރާތުން މި މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގައި ޙަވާލާދީފައިވާ މުއްދަތުގެ ތެރޭގައި ހަމައަށް ދައްކާ ޚަލާޞްކޮށްފިނަމަ ނުވަތަ ފައިސާ ދެއްކުމަށް ވަކިގޮތަކަށް މީރާއާއެކު އެއްބަސްވުމަކަށް އާދެވިފައިވާނަމަ، މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގެ ދަށުން ހިފެހެއްޓިފައިވާ ހިފެހެއްޓުން ނިމުމަކަށް ގެނައުމަށް މޯލްޑިވްސް މަނިޓަރީ އޮތީރިޓީއަށް މީރާއިން އަންގަންވާނެއެވެ.
(ބ) މި މާއްދާގެ (ހ) ގެ ދަށުން ފޮނުވާ އެންގުމަކާ ގުޅިގެން ފައިސާއެއް ދެއްކުމުން މީރާއިން އެމީހަކަށް ފައިސާ ދެއްކިކަމުގެ ރަސީދެއް ދޭންވާނެއެވެ. އަދި އެ ފައިސާ ދެއްކި މިންވަރަކުން ޓެކްސް ދައްކަންޖެހި ނުދައްކާއޮތް ފަރާތުގެ ދަރަންޏާމެދު އެމީހަކުވާ ޒިންމާއިން ބަރީޢަވާނެއެވެ.
(ޅ) މި މާއްދާގެ (ހ) ގެ ދަށުން، ފޮނުވާ އެންގުމަކާ ދެކޮޅަށް އިސްތިއުނާފުކުރާނަމަ އެ މައްސަލަ އެ އެންގުން ލިބޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، މި ޤާނޫނުގެ ދަށުން ޓެކްސް އެޕީލް ޓްރައިބިއުނަލުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެ ޓްރައިބިއުނަލަށް ހުށަހެޅިދާނެއެވެ.
(ކ) މިމާއްދާގެ (ހ) ގެ ދަށުން ފޮނުވާ އެންގުމަކާއި އެއްގޮތަށް ޢަމަލުކުރަން ފަސްޖެހުނު ފަރާތްތަކުން، ޓެކްސް، ޖޫރިމަނާ އަދި ނުދައްކާއޮތް އެހެނިހެން ޢަދަދުތައް ދެއްކުމަށް ޒިންމާވާންޖެހޭނެއެވެ. އަދި މިކަން ޙާޞިލުކުރުމަށްޓަކައި، އެފަރާތަކީ ޓެކްސް ދައްކަންޖެހި ނުދައްކާއޮތް ފަރާތެއްކަމަށް ބަލާ އެފައިސާ ހޯދިދާނެއެވެ.
48. ބޭންކުތަކުންނާއި މާލީ އިދާރާތަކުން މަޢުލޫމާތު ހޯދުމުގެ ބާރު
(ހ) ޓެކްސް ޤާނޫނެއްގައި ބަޔާންކޮށްފައިވާ ކުށެއް އެއްވެސް ފަރާތަކުން ކޮށްފިކަމަށް ނުވަތަ ކުރަމުންދާކަމަށް ތުހުމަތުކުރެވޭނަމަ، އެ ފަރާތުގެ އަދި އެ ފަރާތާ ގުޅުންހުރި ފަރާތްތަކުގެ ބޭންކު އެކައުންޓުތަކާއި، ބޭންކު ނުވަތަ ބޭންކުނޫން މާލީ އިދާރާތައް މެދުވެރިވެގެން ފޮނުވާ އަދި ލިބޭ ފައިސާއާއި، ބޭންކު ނުވަތަ ބޭންކުނޫން މާލީ އިދާރާތައް މެދުވެރިވެގެން ކުރާ އެހެނިހެން މުޢާމަލާތްތަކުގެ ތަފްޞީލު، ޤާނޫނު ނަންބަރު 2010/24 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނު) ގެ ދަށުން ލައިސަންސް ދީފައިވާ ބޭންކުތަކުން، ނުވަތަ ޤާނޫނު ނަންބަރު 81/6 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު 1981) ގެ ދަށުން ލައިސަންސް ދީފައިވާ ބޭންކުނޫން މާލީ އިދާރާތަކުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ހޯދަން ބޭނުންވެއްޖެ ހިނދެއްގައި، އެ ތަފްޞީލު ހޯދަންވާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ މެދުވެރިކޮށެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ހޯދާ މަޢުލޫމާތު، މި ޤާނޫނުގެ ދަށުން ކުރާ އޮޑިޓެއްގައި ނުވަތަ ހިންގާ ތަޙުޤީޤެއްގައި ބޭނުންކުރުމަކަށް މި ޤާނޫނު ހުރަހެއް ނާޅައެވެ.
49. ދައުލަތަށް ދައްކަންޖެހޭ ޓެކުހާއި އެ ޓެކުހާގުޅޭ ފައިސާ ޝަރީޢަތް މެދުވެރިކޮށް ހޯދުން
(ހ) އެއްވެސް ޓެކުހެއް، ނުވަތަ އެ ޓެކުހަކާގުޅޭ ޖޫރިމަނާއެއް ނުވަތަ އެނޫންވެސް ޢަދަދެއް، ދައުލަތަށް ނުދައްކާ އޮވެއްޖެނަމަ، ދައުލަތަށް ދައްކަންޖެހޭ މަދަނީ ދަރަންޏެއްގެ ގޮތުގައި އެ ފައިސާއެއް ހޯދުމަށްޓަކައި، ޝަރީޢަތަށް މައްސަލަ ހުށަހަޅައިގެން މީރާއަށް އެ ފައިސާ ހޯދިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ޝަރީޢަތަށް ހުށަހެޅޭ މައްސަލައެއްގެ ޝަރީޢަތުގެ މަރުޙަލާއަކީ، ނުދައްކާ އޮތް ޓެކުހެއް ހޯދުމުގެ ތަންފީޒީ މަރުޙަލާއެއް ކަމުގައިވާތީ، އެ މަރުޙަލާގައި، އެ މައްސަލަ ނިސްބަތްވާ ފަރާތުން ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ޢަދަދުގެ މައްސަލަ މައުޟޫޢީގޮތުން ބަލައިގެންނުވާނެއެވެ. ވަކި ފަރާތަކުން ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ޓެކުހުގެ ޢަދަދާމެދު ހުށަހަޅާ މައްސަލައެއް މައުޟޫޢީގޮތުން ބެލޭނީ، މި ޤާނޫނުގެ 44 ވަނަ މާއްދާގެ ދަށުން މައްސަލަ ހުށަހެޅުމަށް އޮންނަ އިޖުރާއަތު މެދުވެރިކޮށެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅޭ މައްސަލައެއް ޝަރީޢަތުން ބަލާއިރު، ޓެކްސް ދައްކަންޖެހި ނުދައްކާ އޮތް ފަރާތުގެ ނަމާއި އެޑްރެސް އަދި ދައްކަންޖެހޭ ޢަދަދުގެ ތަފްޞީލު ހިމެނޭ، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ސޮއިކޮށްފައިވާ ލިޔުމަކީ، ޓެކުހުގެ ގޮތުގައި އެފަރާތަކުން ދައްކަންޖެހޭ ޢަދަދު ސާބިތުކުރުމަށް އޮތް ހެއްކެއް ކަމުގައާއި، ކޯޓުން ނިޔާ ކަނޑައެޅުމަށް ލިބޭ އެކަށީގެންވާ ބާރެއް ކަމުގައި ފުދޭނެއެވެ.
(ރ) މި މާއްދާގެ (ހ) އާއި (ށ) އެހެން އޮތްނަމަވެސް، ދައުލަތަށް ދައްކަންޖެހޭ ޓެކުހާއި އެ ޓެކުހާގުޅޭ ފައިސާއެއް ހޯދުމަށް އެދި މި މާއްދާގެ (ހ) ގެ ދަށުން މީރާއަށް ޝަރީޢަތަށް ހުށަހެޅޭނީ، އަންނަނިވި ޙާލަތްތަކުގެ ތެރެއިން ޙާލަތެއްގައެވެ.
(1) ވަކި ފަރާތަކުން މީރާއަށް ދައްކަންޖެހޭ ޓެކުހުގެ ޢަދަދާ ގުޅޭގޮތުން މި ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގެ ދަށުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅަންޖެހޭ މުއްދަތުގެ ތެރޭގައި އެ މައްސަލަ ހުށަހަޅާފައިނުވުމުގެ ސަބަބުން، މި ޤާނޫނުގެ 39 ވަނަ މާއްދާގެ ދަށުން މީރާއިން ކަނޑައަޅާ ޢަދަދާމެދު އިއުތިރާޒުކުރާނެ އިތުރު ފުރުޞަތެއް ނެތް ޙާލަތުގައި؛ ނުވަތަ
(2) ވަކި ފަރާތަކުން މީރާއަށް ދައްކަންޖެހޭ ޓެކުހުގެ ޢަދަދާ ގުޅޭގޮތުން މި ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގެ ދަށުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް މައްސަލައެއް ހުށަހެޅި އެ މައްސަލައާމެދު ޓްރައިބިއުނަލުން ނިންމާ ނިންމުން ނިހާއީވެފައިވާ ޙާލަތުގައި، ނުވަތަ ޓްރައިބިއުނަލްގެ ނިންމުން އިސްތިއުނާފުކުރުމުގެ މަރުޙަލާގައި މަތީ މަރުޙަލާގެ ކޯޓަކުން ކުރާ ޙުކުމް ނިހާއީވެފައިވާ ޙާލަތުގައި؛
(3) ޓެކްސް ދައްކާ ފަރާތުން ދައްކަންޖެހޭ ޓެކުހުގެ ޢަދަދު އެ ފަރާތުން އަމިއްލައަށް ކަނޑައަޅާފައިވާ ޙާލަތުގައި؛
(4) މި ޤާނޫނުގެ 1-44 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ބިނާކުރާ ބިނާކުރުން އިޞްލާޙުކުރުމަށް ޓެކްސް ދައްކާ ފަރާތަށް އެ މާއްދާގެ (ށ) ގެ ދަށުން ލިބިދީފައިވާ މުއްދަތު ފާއިތުވެފައިވާ ޙާލަތުގައި.
(ބ) މި މާއްދާގެ (ރ) ގެ (3) ވަނަ ނަންބަރު އެހެން އޮތުމަކުން، ޓެކްސް ދައްކަންޖެހޭ ފަރާތަކުން ކަނޑައަޅާފައިވާ ޢަދަދު އިޞްލާޙުކުރުމަށް ކަމާބެހޭ ޓެކްސް ޤާނޫނުތަކުގެ ދަށުން އެފަރާތަށް ލިބޭ އިޚްތިޔާރަކަށް އެއްވެސް ހަނިކަމެއް ނާންނާނެއެވެ.
(ޅ) ދައުލަތަށް ދައްކަންޖެހޭ ޓެކުހާއި އެ ޓެކުހާގުޅޭ ފައިސާއެއް ހޯދުމަށް އެދި މި މާއްދާގެ (ހ) ގެ ދަށުން ޝަރީޢަތަށް ހުށަހެޅޭ މައްސަލައެއް، އެ މައްސަލައެއް ހުށަހެޅޭތާ ގިނަވެގެން 180 (ސަތޭކަ އައްޑިހަ) ދުވަހުގެ ތެރޭގައި އެ މައްސަލައެއް ބަލައި، އެ މައްސަލައާމެދު ޝަރީޢަތުން ގޮތެއް ކަނޑައަޅަންވާނެއެވެ.
(ކ) މި މާއްދާގެ ދަށުން ކޯޓުން ކަނޑައަޅާ ނިންމުމަކީ، ތަންފީޒީ ބާރު ހިނގާނެ، އެންމެ ފަހުގެ ނިންމުމެވެ. އަދި އެ ނިންމުން، މަތީ މަރުޙަލާގެ ކޯޓެއްގައި އިސްތިއުނާފެއް ނުކުރެވޭނެއެވެ.
49-1. ލިބެންވާ ފައިސާ ހޯދުމުގައި ބޭރު ޤައުމުތަކުގެ އެހީ ހޯދުން
މީރާއަށް ދައްކަންޖެހޭ ޓެކުހެއް، ޖޫރިމަނާއެއް ނުވަތަ އެނޫންވެސް ފައިސާއެއް، މި ޤާނޫނުގެ 51 ވަނަ މާއްދާގެ ދަށުން ނުވަތަ މި ޤާނޫނުގެ 1-51 ވަނަ މާއްދާގެ ދަށުން ވެވޭ އެއްބަސްވުމެއްގެ ދަށުން ބޭރު ޤައުމެއް ނުވަތަ ސަރަޙައްދެއް މެދުވެރިކޮށް ހޯދިދާނެއެވެ. އަދި ބޭރު ޤައުމަކުން ނުވަތަ ސަރަޙައްދަކުން ހޯދަން އެދޭ ޓެކުހެއް، ޖޫރިމަނާއެއް ނުވަތަ އެނޫންވެސް ފައިސާއެއް، އެފަދަ އެއްބަސްވުމެއްގެ ދަށުން ދިވެހިރާއްޖެ މެދުވެރިކޮށް ހޯދިދާނެއެވެ.
49-2. ޓެކުހާއި ޖޫރިމަނާ އިންސްޓޯލްމަންޓަށް ބަހާލައިގެން ދެއްކުން
(ހ) ޓެކްސް ޤާނޫނެއްގެ ދަށުން ނުވަތަ އެހެންވެސް ޤާނޫނެއްގެ ދަށުން މީރާއަށް ދައްކަންޖެހޭ ޓެކުހާއި، ޓެކުހާގުޅޭ ޖޫރިމަނާއާއި، ޓެކްސް ފިޔަވައި އެހެނިހެން ފައިސާ، އެ ފައިސާ ދައްކަންޖެހޭ ސުންގަޑީގެ ނިޔަލަށް ނުދައްކައިވާ ފަރާތަކަށް މި ބާބުގައި ބަޔާންކޮށްފައިވާ އެއްވެސް ފިޔަވަޅެއް އަޅަމުންގެންދިޔަ ނަމަވެސް، އިންސްޓޯލްމަންޓްތަކަކަށް ބަހާލައިގެން އެ ފައިސާ ދެއްކޭނެ އިންތިޒާމެއް ފައިސާ ދައްކަންޖެހޭ ފަރާތަށް ހަމަޖައްސައިދިނުމުގެ އިޚްތިޔާރު މީރާއަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އިންސްޓޯލްމަންޓްތަކަށް ބަހާލައިގެން ފައިސާ ދެއްކުމަށް އެދޭ ފަރާތްތަކަށް އެ ފުރުޞަތު ދިނުމުގައި ޢަމަލުކުރަންޖެހޭ އުސޫލެއް މީރާއިން ކަނޑައަޅައި އެކުލަވާލަންވާނެއެވެ. އަދި، އެފަދައިން އެ ފުރުޞަތު މީރާއިން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ދޭންވާނީ، ޓެކްސް ދައްކާ އެންމެހައި ފަރާތްތަކުގެ މެދުގައި ހަމަހަމަވާނެ އުސޫލަކުންނެވެ.
50. ޓެކުހަށްނުވާ އާމްދަނީ މީރާއަށް ބަލައިގަތުމާއި ފިޔަވަޅު އެޅުން
(ހ) އެހެން ޤާނޫނެއްގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ޤާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން ނުވަތަ އެއްބަސްވުމެއްގެ ދަށުން، އަމިއްލަ ފަރުދަކު ނުވަތަ ޤާނޫނީ ޝަޚްޞަކުން ސަރުކާރަށް ނުވަތަ ދައުލަތަށް ދެއްކުމަށް ލާޒިމުކުރާ ޓެކްސް ފިޔަވައި އެހެނިހެން ފައިސާ ދައުލަތުގެ ނަމުގައި މީރާއަށް ބަލައިގަނެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ޓެކްސް ފިޔަވައި އެހެނިހެން ފައިސާ ބަލައިގަތުމުގައި، އެފަދަ ފައިސާއާ ގުޅޭގޮތުން ކަމާބެހޭ ޤާނޫނެއް ނުވަތަ ގަވާއިދެއް ނުވަތަ އެއްބަސްވުމެއްގައިވާ ގޮތުގެމަތިން ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ބަލައިގަތުންވެސް ހިމެނެއެވެ.
(ނ) މި މާއްދާގެ ބޭނުމަށްޓަކައި "ޓެކްސް ފިޔަވައި އެހެނިހެން ފައިސާ" ކަމަށް ބުނެފައި އެވަނީ، ޤާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން ނުވަތަ އެއްބަސްވުމެއްގެ ދަށުން، ފަރުދެއްގެ އަތުން ނުވަތަ ޤާނޫނީ ޝަޚްޞަކުން ސަރުކާރަށް ނުވަތަ ދައުލަތަށް ނަގާ ޓެކުހަށް ނުވާ، އަގެއް ނުވަތަ ފީއެއް ނުވަތަ ކުއްޔެއް ނުވަތަ ޖޫރިމަނާއަށެވެ.
(ރ) މި މާއްދާގެ ދަށުން މީރާއަށް ބަލައިގަންނަ ފައިސާ ޖަމާކުރާނީ، ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ 19 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑަށެވެ.
(ބ) އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، މި މާއްދާގައި ބަޔާންކުރާ ޓެކްސް ފިޔަވައި އެހެނިހެން ފައިސާގެ ތެރެއިން ދައުލަތަށް ލިބެންޖެހި، ނުލިބިވާ ފައިސާއެއް، އެ ފައިސާއެއް ދައްކަންޖެހޭ މުއްދަތުގައި ދައްކާފައިނުވާނަމަ، އެ ފައިސާ ޝަރީޢަތް މެދުވެރިކޮށް ހޯދުމުގެ އިޚްތިޔާރު ބަންޑާރަނައިބަށް ނުވަތަ ބަންޑާރަނައިބު ކަނޑައަޅާ ގޮތެއްގެމަތިން މީރާއަށް ލިބިގެންވެއެވެ.
(ޅ) މި މާއްދާގައި ބަޔާންކުރާ ޓެކްސް ފިޔަވައި އެހެނިހެން ފައިސާގެ ތެރެއިން ދައުލަތަށް ލިބެންޖެހި، ނުލިބިވާ ފައިސާއެއް ހޯދުމަށް އެދި މި މާއްދާގެ (ބ) ގެ ދަށުން ޝަރީޢަތަށް ހުށަހެޅޭ މައްސަލައެއް، ޝަރީޢަތަށް ހުށަހެޅޭތާ ގިނަވެގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، އެ މައްސަލަ ބަލައި ޝަރީޢަތުން ގޮތެއް ކަނޑައަޅަންވާނެއެވެ.
(ކ) މި މާއްދާގެ (ބ) އެހެން އޮތްނަމަވެސް، މި މާއްދާގައި ބަޔާންކުރާ ޓެކްސް ފިޔަވައި އެހެނިހެން ފައިސާގެ ތެރެއިން ދައުލަތަށް ލިބެންޖެހި، ނުލިބިވާ ފައިސާއެއް، އެ ފައިސާއެއް ދައްކަންޖެހޭ މުއްދަތުގައި ދައްކާފައިނުވާނަމަ، މި މާއްދާގެ (ބ) ގެ ދަށުން ޝަރީޢަތް މެދުވެރިކޮށް އެ ފައިސާ ހޯދުމަށް ހުށަހެޅުމުގެ ކުރިން، އެ ފައިސާ އެފަރާތުން ހޯދުމަށްޓަކައި އަންނަނިވި ފިޔަވަޅުތައް، މީރާއަށް އެޅިދާނެއެވެ.
(1) ފައިސާ ދެއްކުމަށް އަންގާ ނޯޓިސް ފޮނުވުން؛
(2) ފައިސާ ނުދައްކާ ފަރާތުގެ ނަން ހާމަކުރުން؛
(3) ދައުލަތުގެ އިދާރާއަކުން ހޯދަން އެދޭ ޚިދުމަތެއް ދިނުން ހިފެހެއްޓުން.
(އ) މި މާއްދާގެ (ކ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކުރާ ޙާލަތުގައި، އެ މާއްދާގައި ބަޔާންކުރާ ފިޔަވަޅު ވަކި ފަރާތަކާމެދު އެޅޭނީ، މި މާއްދާގެ (ހ) ގެ ދަށުން އެފަރާތުން މީރާއަށް ދައްކަންޖެހޭ ފައިސާއަކީ، އެ ދައުލަތުގެ އިދާރާއިން އެފަރާތުން ހޯދުމަށް އެދޭ ޚިދުމަތާ ގުޅުންހުރި މުޢާމަލާތަކާގުޅޭ ފައިސާއެއް ކަމުގައިވާނަމައެވެ.
(ވ) މީރާއަށް ބަލައިގަންނަ ޓެކްސް ފިޔަވައި އެހެނިހެން އެއްވެސް ފައިސާއެއް ނުދައްކައި ހުރި ފަރާތެއްގެ ކިބައިން އެ ފައިސާ ހޯދުމަށް މި މާއްދާގެ (ކ) ގެ ދަށުން ފިޔަވަޅު އެޅުމުގައި މީރާއިން ޢަމަލުކުރާނެ އުސޫލުތައް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(މ) މި މާއްދާގެ (ވ) ގައި ބަޔާންކުރާ ގަވާއިދު ހަދާނީ މިނިސްޓްރީންނެވެ.
51. ޑަބަލް ޓެކްސް އެގްރީމަންޓްތައް
(ހ) ޑަބަލް ޓެކްސް ނެގޭ ޙާލަތްތައް މެދުވެރިވާ ގޮތް ހުއްޓުވުމަށް ނުވަތަ ޑަބަލް ޓެކްސް ނެގޭ ޙާލަތްތަކުގައި ލުއި ހޯދައިދިނުމަށް ނުވަތަ ލިބެންވާ ޓެކުހެއް ހޯދައިދިނުމަށް ނުވަތަ އެފަދަ ގުޅުންހުރި މައްސަލަތަކުގައި މަޢުލޫމާތު ބަދަލުކުރުމަށް، ނުވަތަ ޓެކްސް ދައްކަންޖެހޭ މިންވަރަށްވުރެ މަދުން ދެއްކުން ނުވަތަ ޓެކްސް ދެއްކުމުން އެއްކިބާވުން ފަދަ ޙާލަތްތައް ހުއްޓުވުމަށްޓަކައި ނުވަތަ އޮޑިޓްކުރުމަށްޓަކައި ނުވަތަ ތަޙުޤީޤުކުރުމަށްޓަކައި މަޢުލޫމާތު ބަދަލުކުރުމަށް، ދިވެހިސަރުކާރާއި ބޭރު ޤައުމެއްގެ ނުވަތަ ސަރަޙައްދެއްގެ ސަރުކާރަކާއެކު ނުވަތަ ސަރުކާރުތަކަކާއެކު އެއްބަސްވެވިދާނެއެވެ.
(ށ) މިފަދަ އެއްބަސްވުންތަކަށް ޑަބަލް ޓެކްސް ނެގުން ލުއިކޮށްދޭ އެއްބަސްވުންތަކެކޭ ބުނެވިދާނެއެވެ.
51-1. މަޢުލޫމާތު ބަދަލުކުރުމުގެ އެއްބަސްވުންތަކާއި ޓެކުހާގުޅޭ ކަންކަމުގައި އިދާރީ އެހީތެރިކަން ބަދަލުކުރުމުގެ އެއްބަސްވުންތައް
ދިވެހިސަރުކާރާއި ބޭރު ޤައުމެއްގެ ނުވަތަ ސަރަޙައްދެއްގެ ސަރުކާރަކާއެކު ނުވަތަ ސަރުކާރުތަކަކާއެކު ވެވޭ ބައިލެޓަރަލް ނުވަތަ މަލްޓިލެޓަރަލް އެއްބަސްވުމެއްގެ ދަށުން، ޓެކުހާގުޅޭ ކަންކަމުގައި އިދާރީ އެހީތެރިކަން ނުވަތަ "މިއުޗުއަލް އެޑްމިނިސްޓްރޭޓިވް އެސިސްޓަންސް" ޓެކްސް އިދާރާތަކުގެ މެދުގައި ބަދަލުކުރެވިދާނެއެވެ. އަދި، އެފަދައިން ޓެކުހާގުޅޭ ކަންކަމުގައި އިދާރީ އެހީތެރިކަން ބަދަލުކުރުމަށް ބޭނުންވާ މަޢުލޫމާތާއި، ޓެކްސް ދެއްކުމުން އެއްކިބާވުން ހުއްޓުވުމަށާއި އެފަދަ ކަންކަން އޮޑިޓްކުރުމަށް ނުވަތަ ތަޙުޤީޤުކުރުމަށް ބޭނުންވާ މަޢުލޫމާތު، ކަމާގުޅޭ އެއްބަސްވުންތަކާ އެއްގޮތްވާ ގޮތުގެމަތިން ޓެކްސް އިދާރާތަކުގެ މެދުގައި ބަދަލުކުރެވިދާނެއެވެ. އަދި އެފަދައިން ބަދަލުކުރެވޭ މަޢުލޫމާތަކީ މީރާއިން ކުރާ އޮޑިޓްތަކާއި ތަޙުޤީޤުތަކުގައި ހެކީގެ ގޮތުގައި ބޭނުންކުރެވޭނެ މަޢުލޫމާތެވެ.
51-2. އޮޓޮމެޓިކް އެކްސްޗޭންޖް އޮފް އިންފޮމޭޝަން
(ހ) މި ޤާނޫނުގެ 51 ވަނަ މާއްދާގެ ދަށުން ނުވަތަ މި ޤާނޫނުގެ 1-51 ވަނަ މާއްދާގެ ދަށުން ވެވޭ އެއްބަސްވުމެއްގެ ދަށުން، އޯގަނައިޒޭޝަން ފޮރ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް (އޯ.އީ.ސީ.ޑީ) ގެ ކޮމަން ރިޕޯޓިންގ ސްޓޭންޑަޑްއާ އެއްގޮތްވާ ގޮތުގެމަތިން، އަދި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް، އޮޓޮމެޓިކް އެކްސްޗޭންޖް އޮފް އިންފޮމޭޝަން ސިސްޓަމެއް މެދުވެރިކޮށް މީރާއާއި ބޭރުގެ ޤައުމުތަކުގެ ނުވަތަ ސަރަޙައްދުތަކުގެ މެދުގައި މަޢުލޫމާތު ބަދަލުކުރެވިދާނެއެވެ.
(ށ) މި މާއްދާގެ ބޭނުމަށް، އެއްވެސް ރިޕޯޓިންގ ފައިނޭންޝަލް އިންސްޓިޓިއުޝަނެއްގައި އެއްވެސް ފަރާތެއްގެ އާ އެކައުންޓެއް ހުޅުވަންވާނީ، ކޮމަން ރިޕޯޓިންގ ސްޓޭންޑަޑްއާ އެއްގޮތްވާ ގޮތުގެމަތިން، އެކައުންޓް ހުޅުވަން އެދޭ ފަރާތުގެ ޞައްޙަ "ސެލްފް ސަރޓިފިކޭޝަން" އެއް ހޯދުމަށްފަހުއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޮމަން ރިޕޯޓިންގ ސްޓޭންޑަޑްގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް، މަޢުލޫމާތު ހުށަހެޅުމާއި، ރިކޯޑު ބެލެހެއްޓުމާއި، "ސެލްފް ސަރޓިފިކޭޝަން" ހޯދުމާއި، ޑިއުޑިލިޖަންސް ކުރިއަށް ގެންދިޔުމަކީ، ރިޕޯޓިންގ ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުގެ ޒިންމާއެކެވެ.
(ރ) ކޮމަން ރިޕޯޓިންގ ސްޓޭންޑަޑްގެ ބޭނުމަށް ރިޕޯޓިންގ ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން ޑިއުޑިލިޖަންސް ކުރިއަށް ގެންދިޔުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ބޭނުންކޮށްފައިވާ އަސާސްތަކުގެ ތަފްޞީލާއި، ޑިއުޑިލިޖަންސްގެ ނަތީޖާއާ ހަމައަށް ވާޞިލުވުމަށް އެ ހެކިތަކެއްގެ މައްޗަށް ބަރޯސާވެފައިވާ ހެކިތަކާގުޅޭ އެންމެހައި ލިޔެކިޔުންތައް، ރިޕޯޓިންގ ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން އެ މަޢުލޫމާތު ހުށަހަޅަންޖެހޭ މުއްދަތު ނިމޭ ތާރީޚުން ފެށިގެން މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަކަށް ބަލަހައްޓަންޖެހޭނެއެވެ.
(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ކޮމަން ރިޕޯޓިންގ ސްޓޭންޑަޑްއާގުޅޭ އިތުރު އުސޫލުތަކާއި މިންގަނޑުތައް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.
51-3. މާލީ އިދާރާތަކުން މަޢުލޫމާތު ހޯދުމުގެ ބާރު
(ހ) މި ޤާނޫނުގެ 51 ވަނަ މާއްދާ ނުވަތަ 1-51 ވަނަ މާއްދާ ނުވަތަ 7-51 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ އެއްބަސްވުމެއްގެ ބޭނުމަށް، ނުވަތަ މި ޤާނޫނުގެ 8-51 ވަނަ މާއްދާގެ ބޭނުމަށް ނުވަތަ 2-51 ވަނަ މާއްދާގެ ބޭނުމަށް، ރިޕޯޓަބަލް ފަރާތްތަކުގެ މަޢުލޫމާތާއި، އެ ފަރާތްތަކާ ގުޅުންހުރި ފަރާތްތަކުގެ މަޢުލޫމާތާއި، މާލީ އިދާރާތަކުގައި ހުޅުވާފައިހުރި އެކައުންޓުތަކާއި އެ އެކައުންޓުގެ ވެރިފަރާތްތަކުގެ މަޢުލޫމާތާއި، މި ޤާނޫނުގެ 51-2 ވަނަ މާއްދާގެ ދަށުން ބަލަހައްޓަންޖެހޭ މަޢުލޫމާތު، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް، މާލީ އިދާރާތަކުން މީރާއަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، މަޢުލޫމާތު ހުށަހަޅަންޖެހޭ މާލީ އިދާރާތަކުގެ ތެރޭގައި، ކޮމަން ރިޕޯޓިންގ ސްޓޭންޑަޑްގެ ދަށުން މަޢުލޫމާތު ހުށަހަޅަންޖެހޭ އެންމެހައި އިދާރާތައް ހިމެނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން މީރާއަށް މަޢުލޫމާތު ހުށަހަޅަންޖެހޭ ފަރާތްތަކުން މި ޤާނޫނުގެ 2-51 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮމަން ރިޕޯޓިންގ ސްޓޭންޑަޑްގެ ދަށުން ފުރިހަމަކުރަންޖެހޭ އެންމެހައި އިލްތިޒާމްތައް ފުރިހަމަކޮށްފައިވާކަން ކަށަވަރުކުރުމަށާއި، މި މާއްދާގެ (ހ) ގެ ދަށުން މީރާއަށް ހުށަހަޅާ މަޢުލޫމާތަކީ ޞައްޙަ އަދި ފުރިހަމަ މަޢުލޫމާތުކަން ޔަޤީންކުރުމުގެ ބޭނުމަށް، އަދި ކޮމަން ރިޕޯޓިންގ ސްޓޭންޑަޑްގެ ބޭނުމަށް، މި މާއްދާގެ (ހ) ގެ ދަށުން މަޢުލޫމާތު ހުށަހަޅަންޖެހޭ ރިޕޯޓިންގ ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުގެ "ކޮމަން ރިޕޯޓިންގ ސްޓޭންޑަޑް ކޮމްޕްލަޔަންސް އޮޑިޓް" އެއް މީރާއަށް ހިންގިދާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ "ކޮމަން ރިޕޯޓިންގ ސްޓޭންޑަޑް ކޮމްޕްލަޔަންސް އޮޑިޓް" ހިންގުމާގުޅޭ އުސޫލުތައް، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.
51-4. ބެނެފިޝަލް އޯނަރޝިޕް
ޤާނޫނީ ޝަޚްޞެއްގެ ނުވަތަ މުޢާމަލާތެއްގެ ނުވަތަ އިންތިޒާމެއްގެ ބެނެފިޝަލް އޯނަރުގެ މަޢުލޫމާތު ހޯދުމާއި އެ މަޢުލޫމާތު ބޭނުންކުރުމާއި، މި ޤާނޫނުގެ 51 ވަނަ މާއްދާގެ ދަށުން ނުވަތަ މި ޤާނޫނުގެ 1-51 ވަނަ މާއްދާގެ ދަށުން އެހެން ޤައުމުތަކާއެކު ނުވަތަ ސަރަޙައްދުތަކާއެކު އެ މަޢުލޫމާތު ޙިއްޞާކުރުމާއި، ބެނެފިޝަލް އޯނަރުގެ މަޢުލޫމާތު ނެގިދާނެ ޙާލަތްތައް ކަނޑައެޅުމުގެ ބާރު މީރާއަށް ލިބިގެންވެއެވެ. އަދި ކަމާގުޅޭ އުސޫލުތައް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.
51-5. މަޢުލޫމާތު ބޭނުންކުރުން
މި ޤާނޫނުގެ ދަށުން ލިބޭ ނުވަތަ ބަދަލުކުރެވޭ މަޢުލޫމާތު ޓެކްސް ޤާނޫނުތައް ތަންފީޒުކުރުމަށްޓަކައި މީރާއަށް ބޭނުންކުރެވިދާނެއެވެ.
51-6. ބައިނަލްއަޤްވާމީ އެއްބަސްވުންތަކާއި މުޢާހަދާތަކަށް ޢަމަލުކުރުން
މި ޤާނޫނުގެ 51 ވަނަ މާއްދާ ނުވަތަ މި ޤާނޫނުގެ 1-51 ވަނަ މާއްދާގެ ދަށުން ވެވޭ ބައިނަލްއަޤްވާމީ އެއްބަސްވުންތަކަށް ޢަމަލުކުރުމަށް ލާޒިމުވާނެއެވެ.
51-7. ސައިމަލްޓޭނިއަސް ޓެކްސް އެގްޒެމިނޭޝަން
ދިވެހިސަރުކާރާއި ބޭރު ޤައުމެއްގެ ނުވަތަ ސަރަޙައްދެއްގެ ސަރުކާރަކާއެކު ނުވަތަ ސަރުކާރުތަކަކާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން، އެ އެއްބަސްވުމުގެ ދަށުން ހޯދާ މަޢުލޫމާތު އެއްބަސްވުމުގެ ބައިވެރިންގެ މެދުގައި ބަދަލުކުރާ ގޮތުގެމަތިން، އެއިން ކޮންމެ ފަރާތެއްގެ ޢާންމު މަޞްލަޙަތެއް އޮތް ނުވަތަ ގުޅުންހުރި މަޞްލަޙަތެއް އޮތް ޓެކްސް ދައްކާ ފަރާތެއްގެ ޓެކުހާބެހޭ ކަންތައްތައް ބަލައިހޯދުމުގެ މަސައްކަތްތައް، އެއްބަސްވުމުގައި ބައިވެރިވާ ޤައުމުތަކާއި ސަރަޙައްދުތަކުން އެކުގައި އަދި އެއްވަގުތެއްގައި ކުރިއަށް ގެންދެވިދާނެއެވެ. އަދި އެފަދަ މަސައްކަތެއް ކުރަންވާނީ އެއިން ކޮންމެ ޤައުމެއްގެވެސް ނުވަތަ ސަރަޙައްދެއްގެވެސް އިމުގެ ތެރޭގައި، މަސައްކަތުގެ މުސްތަޤިއްލުކަން ހިފެހެއްޓޭނެ ގޮތުގެމަތިންނެވެ.
51-8. ދިވެހިރާއްޖޭގައި އެހެން ޤައުމަކުން ނުވަތަ ސަރަޙައްދަކުން ޓެކްސް އެގްޒެމިނޭޝަނެއް ކުރިއަށް ގެންދިޔުން
(ހ) ދިވެހިސަރުކާރާއި ބޭރު ޤައުމެއްގެ ނުވަތަ ސަރަޙައްދެއްގެ ސަރުކާރަކާއެކު ނުވަތަ ސަރުކާރުތަކަކާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން، ޓެކްސް އެގްޒެމިނޭޝަނެއްގައި ބައިވެރިވުމަށް އެދޭ ޤައުމުގެ ކޮމްޕިޓެންޓް އޮތޯރިޓީން ދިވެހިރާއްޖޭގެ ކޮމްޕިޓެންޓް އޮތޯރިޓީއަށް ހުށަހެޅުމެއް ފޮނުވުމުން، އެފަދައިން ހުށަހަޅާ ޤައުމުގެ ކޮމްޕިޓެންޓް އޮތޯރިޓީން ޢައްޔަންކުރާ ފަރާތްތަކަށް، ދިވެހިރާއްޖޭގައި ކުރިއަށް ގެންދާ ޓެކްސް އެގްޒެމިނޭޝަނެއްގައި ހިމެނޭ ކަންކަމުގެ ތެރެއިން އެ ފަރާތްތަކުން ބައިވެރިވުން މުނާސަބުކަމަށް ބެލެވޭ ކަންކަމުގައި، ދިވެހިރާއްޖެއަށް އައިސް އެ އެގްޒެމިނޭޝަންގައި ބައިވެރިވުމުގެ ފުރުޞަތު ދެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ލިބޭ ހުށަހެޅުން ޤަބޫލުކޮށް އެއަށް އެއްބަސްވެވޭނަމަ ދިވެހިރާއްޖޭގެ ކޮމްޕިޓެންޓް އޮތޯރިޓީން އެ ޓެކްސް އެގްޒެމިނޭޝަން ކުރިއަށް ގެންދާނެ ވަގުތާއި ތަނާއި، އެ އެގްޒެމިނޭޝަން ކުރިއަށް ގެންދިޔުމުގެ ބާރުލިބިދީފައިވާ ފަރާތް ނުވަތަ ކަމާ ޙަވާލުވެހުރި އޮފިސަރުގެ މަޢުލޫމާތާއި، އެ އެގްޒެމިނޭޝަން ކުރިއަށް ގެންދިޔުމުގައި ފުރިހަމަކުރަންޖެހޭ އިޖުރާއަތުތަކާއި އިލްތިޒާމްތަކާއި، ތަބާވާންޖެހޭ އުސޫލުތަކާއި ޝަރުޠުތައް ވީ އެންމެ އަވަހަކަށް އެ ޤައުމުގެ ކޮމްޕިޓެންޓް އޮތޯރިޓީއަށް އަންގަންވާނެއެވެ. އަދި އެފަދައިން ހިންގާ ޓެކްސް އެގްޒެމިނޭޝަނާގުޅޭ އެންމެހައި ނިންމުންތައް (އެގްޒެމިނޭޝަން ހިންގާނެ ތަނާއި ވަގުތާއި، އެގްޒެމިނޭޝަން ކުރިއަށް ގެންދިޔުމުގެ ޒިންމާތަކާ ޙަވާލުވާނެ އޮފިޝަލުންނާއި އެގްޒެމިނޭޝަން ހިންގުމުގައި ފުރިހަމަކުރަންޖެހޭ އިޖުރާއަތުތަކާއި އިލްތިޒާމްތައް ހިމެނޭހެން) ނިންމާނީ ދިވެހިރާއްޖޭގެ ކޮމްޕިޓެންޓް އޮތޯރިޓީންނެވެ.
51-9. ދިވެހިރާއްޖެއިން އެހެން ޤައުމުތަކުގައި ނުވަތަ ސަރަޙައްދުތަކުގައި ޓެކްސް އެގްޒެމިނޭޝަނެއް ކުރިއަށް ގެންދިޔުން
ދިވެހިސަރުކާރާއި ބޭރު ޤައުމެއްގެ ނުވަތަ ސަރަޙައްދެއްގެ ސަރުކާރަކާއެކު ނުވަތަ ސަރުކާރުތަކަކާއެކު ވެވޭ އެއްބަސްވުމެއްގައިވާ ގޮތުގެމަތިން، ދިވެހިރާއްޖޭގެ ކޮމްޕިޓެންޓް އޮތޯރިޓީން ބޭރު ޤައުމެއްގައި ނުވަތަ ސަރަޙައްދެއްގައި ކުރިއަށް ގެންދާ ޓެކްސް އެގްޒެމިނޭޝަނެއްގައި ބައިވެރިވުމަށް އެ ޤައުމެއްގެ ކޮމްޕިޓެންޓް އޮތޯރިޓީއަށް ހުށަހެޅުމެއް ފޮނުވައި، ދިވެހިރާއްޖޭގެ ކޮމްޕިޓެންޓް އޮތޯރިޓީން ޢައްޔަންކުރާ ފަރާތްތަކުން އެ ޤައުމަކަށް ނުވަތަ ސަރަޙައްދަކަށް ގޮސް އެ އެގްޒެމިނޭޝަންގައި ބައިވެރިވެވިދާނެއެވެ.
52. (އުނިކުރެވިފައި)
52-1. މިއުޗުއަލް އެގްރީމަންޓް ޕްރޮސީޖަރ
މި ޤާނޫނުގެ 51 ވަނަ މާއްދާ ނުވަތަ 1-51 ވަނަ މާއްދާގެ ދަށުން ވެވޭ އެއްބަސްވުމެއްގެ ދަށުން، ކުރިއަށްގެންދާ މިއުޗުއަލް އެގްރީމަންޓް ޕްރޮސީޖަރއެއް ނުވަތަ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުޙަލާއެއް ކުރިއަށްގެންދަންވާނީ، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެމަތިންނެވެ.
53. ޑަބަލް ޓެކްސް އެގްރީމެންޓްއަކާ ނުލައި ދެވޭ ކުރެޑިޓް
(ހ) ދިވެހިރާއްޖޭގައި ޢާންމުކޮށް ވަޒަންވެރިވެފައިވާ ފަރާތަކުން (އުނިކުރުމާއި އެކު ނުވަތަ އެނޫންވެސް ގޮތަކަށް) ރާއްޖެއިން ބޭރުން ލިބުނު އެފަރާތެއްގެ އެއްވެސް އާމްދަނީއަކުން އަދި އެ އާމްދަނީއަކުން ރާއްޖޭގައިވެސް ޓެކްސް ދައްކަންޖެހޭ ފަދަ ޙާލަތެއްގައި، އޯވަސީސް ޓެކްސް ދައްކާފައިވާކަން ސާބިތުކޮށްދީފިނަމަ އެފަރާތަކަށް އޯވަސީސް ޓެކްސް ދެއްކި މިންވަރަށް ނުވަތަ ރާއްޖޭގައި ޓެކްސް ނަގަންޖެހޭ މިންވަރު، މި ދެ މިންވަރުން ކުރެ ކުޑަ މިންވަރަކަށް ކުރެޑިޓް ލިބޭނެއެވެ.
(ށ) މި މާއްދާގެ ބޭނުމަށް "އޯވަސީސް ޓެކްސް" ގެ މާނައަކީ 51 ވަނަ މާއްދާގެ ދަށުން އެއްބަސްވުމެއް ވެފައިނުވާ ކޮންމެ ޤައުމެއްގައި ގާނޫނެއްގެ ދަށުން ނެގޭ ވިޔަފާރީގެ ފައިދާގެ ޓެކްސް ނުވަތަ އެފަދަ އެހެން ޓެކްސްއެކެވެ.
(ނ) މި މާއްދާގެ ދަށުން ކުރެޑިޓް ދޭނެ މިންވަރު ހިސާބުކުރުމުގައި މި ޤާނޫނުގެ 52 ވަނަ މާއްދާއިން ޑަބަލް ޓެކްސް ނެގުމުގައި ލުއި ދިނުމުގެ ގޮތުން ވެވޭ އެއްބަސްވުންތަކާއި އެއްގޮތަށް ޢަމަލުކުރެވޭނެއެވެ. އަދި އެ މާއްދާގައި ފޮރިން ޓެކްސްއަށް ރިޢާޔަތް ކޮށްފައިވާ ފަދައިން އޯވަސީސް ޓެކްސްއަށް ވެސް ޢަމަލުކުރެވޭނެއެވެ.
53-1. އެޑްވާންސް ޕްރައިސިންގ އެރޭންޖްމަންޓްތައް
(ހ) ޓެކްސް ދައްކާ ފަރާތަކުން ގުޅުންހުރި ފަރާތަކާއެކު ކުރުމަށް ޤަޞްދުކުރާ މުޢާމަލާތަކާ ގުޅިގެން، އެ މުޢާމަލާތެއްގެ އާމްސް ލެންތު އަގު ކަނޑައަޅުމުގެ ބޭނުމަށް ނުވަތަ އާމްސް ލެންތު އަގު ކަނޑައެޅުމުގައި ޢަމަލުކުރާނެ އުސޫލުތަކާއި މިންގަނޑުތައް ބަޔާންކުރުމަށްޓަކައި، އެފަރާތާއެކު ނުވަތަ އެފަރާތުގެ އިތުރުން، ޓެކްސް އެޑްމިނިސްޓްރޭޝަނެއް ނުވަތަ އެއް ޓެކްސް އެޑްމިނިސްޓްރޭޝަނަށްވުރެ ގިނަ ޓެކްސް އެޑްމިނިސްޓްރޭޝަނާއެކު، އެޑްވާންސް ޕްރައިސިންގ އެއްބަސްވުމެއް ޤާއިމުކުރުމުގެ އިޚްތިޔާރު މީރާއަށް ލިބިގެންވެއެވެ.
(ށ) ގުޅުންހުރި ފަރާތްތަކުގެ މެދުގައި ކުރެވޭ މުޢާމަލާތްތަކާމެދު ޢަމަލުކުރާނެ ޚާއްޞަ އުސޫލުތަކެއް، މި ޤާނޫނުގެ މި މާއްދާ ފިޔަވައި އެހެން މާއްދާއެއްގައި ނުވަތަ އެހެން އެއްވެސް ޓެކްސް ޤާނޫނެއްގައި ބަޔާންކޮށްފައި އޮތް ނަމަވެސް، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޙާލަތުގައި އިސްކަންދޭންވާނީ މި މާއްދާއަށެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުން ހިނގާނީ، އެ އެއްބަސްވުމުގައި ކަނޑައަޅާފައިވާ ގޮތެއްގެމަތިން، ވިދިވިދިގެން ނިމޭ 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަކަށްވުރެ އިތުރުނުވާނެ މުއްދަތަކަށެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުން އެއްވެސް ފަރާތަކާއެކު ޤާއިމުނުކުރެވޭނެ ޙާލަތްތަކާއި މި މާއްދާއާގުޅޭ އެހެނިހެން ކަންކަން މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.
53-2. ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު
(ހ) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ މަލްޓިނޭޝަނަލް އެންޓިޓީތަކުން އެ އެންޓިޓީއެއް ނިސްބަތްވާ ގްރޫޕުގެ ވިޔަފާރީގެ މުޢާމަލާތްތަކާއި، ހިންގުމާގުޅޭ މަޢުލޫމާތު ހިމަނައިގެން ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓެއް، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ތައްޔާރުކޮށް މީރާއަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު އެ މަލްޓިނޭޝަނަލް އެންޓިޓީ ގްރޫޕުން ރިޕޯޓުކުރާ ފިސްކަލް އަހަރު ނިމޭ ތާރީޚުން ފެށިގެން 12 (ބާރަ) މަސްދުވަސް ހަމަވުމުގެ ކުރިން މީރާއަށް ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓުތައް މީރާއިން ހޯދި ކަމުގައިވީ ނަމަވެސް، އެފަދަ ރިޕޯޓުތައް، ބޭރު ޤައުމުތަކުގެ ނުވަތަ ސަރަޙައްދުތަކުގެ ކަމާބެހޭ އިދާރާތަކާ ޙިއްޞާކުރަންވާނީ، މި ޤާނޫނުގެ 1-51 ވަނަ މާއްދާގެ ދަށުން ވެފައިވާ އެއްބަސްވުންތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
54. ޓްރައިބިއުނަލްއެއް ޤާއިމުކުރުން
(ހ) މި ޤާނޫނުގެ ދަށުން އުފައްދާ އަދި މި ޤާނޫނާ އަދި އެހެންވެސް ޓެކްސް ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން ހުށަހެޅޭ ޓެކްސްއާގުޅޭ މައްސަލަތައް ބެލުމަށް ޓެކްސް އެޕީލް ޓްރައިބިއުނަލްއެއް މި ޤާނޫނު ތަޞްދީޤުކުރާތާ 90 ދުވަހުގެ ތެރޭގައި އުފައްދަންވާނެއެވެ.
(ށ) މި ޤާނޫނުގެ ދަށުން ނުވަތަ އެހެންވެސް ޤާނޫނެއްގެ ދަށުން، ޓްރައިބިއުނަލްއިން ބެލުމަށް، ކަނޑައަޅާ މައްސަލަތައް ބަލައި، ޓްރައިބިއުނަލްއަށް ރަނގަޅުކަމަށް ފެންނަގޮތަކަށް އެމައްސަލަތައް ނިންމުމުގެ ފުރިހަމަ ބާރު ޓްރައިބިއުނަލްއަށް ލިބިގެންވެއެވެ.
(ނ) ޓްރައިބިއުނަލްއަށް ހުށަހެޅޭ މައްސަލަތައް ބެލުމަށްޓަކައި މީހުން ހާޒިރުކުރުމާއި، ހެކިބަސް ހޯދުމާއި، ހެއްކާއި ޤަރީނާ ހޯދުމާއި، އަދި މިނޫންގޮތަކުންވެސް މައްސަލައިގެ ޙަޤީޤަތް ހޯދާ ކަށަވަރު ކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމުގެ ބާރު ޓްރައިބިއުނަލްއަށް ލިބިގެންވެއެވެ.
(ރ) ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލައަކާ ގުޅިގެން ހުށަހަޅާ ޝަކުވާއަކީ ޞައްޙަ ޝަކުވާއެއް ކަމަށް ޓްރައިބިއުނަލަށް ފެނިއްޖެނަމަ، އަންނަނިވި އަމުރުތަކުގެ ތެރެއިން އަމުރެއް ނެރުމުގެ ބާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ.
(1) ވަކި ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް ކުރާ އަމުރު؛
(2) މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ކަމަކާ ގުޅޭގޮތުން ވަކި ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް ކުރާ ވަގުތީ އަމުރު
55. އިސްތިއުނާފުކުރުން
(ހ) ޓްރައިބިއުނަލުން ނިންމާ މައްސަލައެއް ނިންމާފައިވަނީ، ޤާނޫނާއި ގަވާއިދާ ޚިލާފަށްކަމަށް ފެނިއްޖެ ހިނދެއްގައި، ނުވަތަ ޓްރައިބިއުނަލަށް ލިބިގެންނުވާ ބާރެއް ބޭނުންކޮށްގެންކަމަށް ފެނިއްޖެ ހިނދެއްގައި، އެ މައްސަލައެއް ނިންމާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ޓްރައިބިއުނަލްގެ ނިންމުން އިސްތިއުނާފުކުރުމަށްޓަކައި ހައިކޯޓަށް ހުށަހެޅުމުގެ ޙައްޤު މީރާއަށާއި ޓެކްސް ދައްކާ ފަރާތަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން މައްސަލައެއް އިސްތިއުނާފުކުރި ނަމަވެސް، މަތީ މަރުޙަލާގެ ކޯޓަކުން ޓްރައިބިއުނަލްގެ އެ ނިންމުން ބަދަލުނުކުރާހާ ހިނދަކު ނުވަތަ ބާޠިލުނުކުރާހާ ހިނދަކު ނުވަތަ އެ ނިންމުމަށް ޢަމަލުކުރުން ފަސްކުރުމުގެ އަމުރެއް ނުނެރޭހާ ހިނދަކު، ޓްރައިބިއުނަލްގެ ނިންމުމަކީ އެ މައްޗަށް ޢަމަލުކުރުން ލާޒިމު، އެންމެ ފަހުގެ ނިންމުމެކެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ހައިކޯޓަށް ހުށަހެޅޭ މައްސަލައެއް، އެ މައްސަލައެއް ހުށަހެޅޭތާ ގިނަވެގެން 180 (ސަތޭކަ އައްޑިހަ) ދުވަހުގެ ތެރޭގައި އެ މައްސަލައެއް ބަލައި، އެ މައްސަލައާމެދު ޝަރީޢަތުން ގޮތެއް ކަނޑައަޅަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގެ ދަށުން ހައިކޯޓުން މައްސަލަ ބެލުމަށްފަހު ނިންމާ ނިންމުމެއް ނިންމާފައިވަނީ، ޤާނޫނާއި ގަވާއިދާ ޚިލާފަށްކަމަށް ފެނިއްޖެ ހިނދެއްގައި، އެ މައްސަލައެއް ނިންމާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެ ނިންމުން އިސްތިއުނާފުކުރުމަށްޓަކައި ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ޙައްޤު، މީރާއަށާއި ޓެކްސް ދައްކާ ފަރާތަށް ލިބިގެންވެއެވެ.
(ބ) މި މާއްދާގެ (ރ) ގެ ދަށުން ސުޕްރީމް ކޯޓަށް ހުށަހެޅޭ މައްސަލައެއް، އެ މައްސަލައެއް ހުށަހެޅޭތާ ގިނަވެގެން 180 (ސަތޭކަ އައްޑިހަ) ދުވަހުގެ ތެރޭގައި އެ މައްސަލައެއް ބަލައި، އެ މައްސަލައާމެދު ޝަރީޢަތުން ގޮތެއް ކަނޑައަޅަންވާނެއެވެ.
(ޅ) މި މާއްދާގެ (ނ) އަދި (ބ) އެހެން އޮތްނަމަވެސް، ހައިކޯޓަށް ނުވަތަ ސުޕްރީމް ކޯޓަށް ހުށަހެޅޭ މައްސަލައެއްގައި ހިމެނޭ އެންމެހައި ކަންކަމަށް ރިޢާޔަތްކުރާއިރު، އެ ދެ މާއްދާގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި އެ މައްސަލައިގައި ޢަދުލުވެރި ނިންމުމެއް ނިންމިދާނެކަމަށް މައްސަލަ ބަލާ ފަނޑިޔާރުންނަށް ނުފެންނަނަމަ، އެ މައްސަލައެއް ނިންމުމަށް ކަނޑައެޅިފައިވާ މުއްދަތު އިތުރުކުރެވިދާނެއެވެ. އެހެންނަމަވެސް، އެފަދައިން އިތުރުކުރާ މުއްދަތު 90 (ނުވަދިހަ) ދުވަހަށްވުރެ އިތުރުވެގެންނުވާނެއެވެ.
(ކ) މައްސަލައެއް ނިންމުމަށް ކަނޑައެޅިފައިވާ މުއްދަތު މި މާއްދާގެ (ޅ) ގެ ދަށުން ހައިކޯޓުން ނުވަތަ ސުޕްރީމް ކޯޓުން އިތުރުކުރާ ޙާލަތުގައި، އެ މައްސަލައެއްގައި ނިންމާ ނިންމުމުގައި އެކަމުގެ ސަބަބު ބަޔާންކޮށްފައި އޮންނަންވާނެއެވެ.
56. ޓްރައިބިއުނަލް އެކުލެވިގެންވާގޮތް
(ހ)
(1) ޓްރައިބިއުނަލް އެކުލެވިގެންވަނީ 5 މެންބަރުންގެ މައްޗަށެވެ. ޓްރައިބިއުނަލްއަށް މެންބަރުން ޢައްޔަންކުރާނީ، ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާ ޓްރައިބިއުނަލްއަށް މެންބަރުން ޢައްޔަންކުރަންވާނީ ޢާންމުކޮށް އިޢުލާންކޮށްގެން ޓްރައިބިއުނަލްގެ މެންބަރުކަމަށް އެދި ހުށަހަޅާ އެންމެހާ ފަރާތްތަކުގެ ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން އެ ފަރާތްތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ރުހުންދޭ ބަޔެކެވެ.
(2) ޓްރައިބިއުނަލްގެ ރައީސަކާއި ނައިބު ރައީސަކު ހުންނަންވާނެއެވެ. ރައީސާއި ނައިބު ރައީސް ހޮވާނީ ޓްރައިބިއުނަލްގެ މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.
(ށ) ޓްރައިބިއުނަލަށް ޢައްޔަންކުރެވޭ މެންބަރުންގެ ތެރެއިން؛
(1) މަދުވެގެން އެއް މެންބަރަކު ވާންވާނީ ދިވެހިރާއްޖޭގައި ނުވަތަ އެހެންވެސް ތަނެއްގައި ޓެކްސްއާބެހޭ ޤާނޫނީ ތަޖުރިބާ ޙާޞިލުކޮށްފައިވާ، ނުވަތަ ޓެކްސް އެކައުންޓެންސީގެ ދާއިރާގައި ޢަމަލީ ގޮތުން މަސައްކަތްކޮށްފައިވާ މީހަކަށެވެ.
(2) މަދުވެގެން ދެ މެންބަރަކު ވާންވާނީ ދިވެހިރާއްޖޭގައި ޤާނޫނީ ދާއިރާގައި މަސައްކަތްކޮށް މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ނުވަތަ ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމް ޙާޞިލުކޮށްފައިވާ މީހުންނަށެވެ.
(ނ) ޓްރައިބިއުނަލްއަށް ޢައްޔަންކުރެވޭ ކޮންމެ މެންބަރެއްގައި އަންނަނިވި ސިފަތައް ހުންނަންވާނެއެވެ.
(1) މުސްލިމަކު ކަމުގައިވުން؛
(2) ދިވެހި ރައްޔިތަކު ކަމުގައިވުން؛
(3) ބުއްދި ސަލާމަތުންހުރުން؛
(4) ޢުމުރުން 18 އަހަރު ފުރިފައިވުން؛
(5) މާލީ، ޓެކްސް، ވިޔަފާރި، އާއި އިޤްތިޞާދު ނުވަތަ ޤާނޫނީ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަދި ޓެކްސްއާ ގުޅުންހުރި ސިޔާސަތުތަކާބެހޭ ބަހުސްތަކާއި ނިންމުންތަކުގައި ފަންނީ ގޮތުން ބައިވެރިވެވޭ ވަރުގެ ޤާބިލު ފަރާތެއްކަމުގައިވުން؛
(6) އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއްކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން؛
(7) އިފްލާސް ކުރެވިފައިވާ މީހަކުކަމުގައި ނުވުން؛
(8) ރިޝްވަތުގެ ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން؛
(9) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ މަޤާމެއް ފުރަމުންދާ މީހެއްކަމުގައި ނުވުން؛
(10) ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ނުވަތަ އެފަދަ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މީހަކުކަމުގައި ނުވުން؛
(11) ސިޔާސީ މަޤާމެއްގައި ހުރި މީހެއްކަމުގައި ނުވުން؛
(12) އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއްކަމުގައި ނުވުން؛
(13) ސިވިލް ސަރވިސް މުވައްޒަފެއްކަމުގައި ނުވުން؛
(14) މިނިވަން މުސްތަޤިއްލު މުވައްސަސާއެއްގެ މުވައްޒަފެއްކަމުގައި ނުވުން.
57. މެންބަރުކަމުގެ މުއްދަތު
ޓްރައިބިއުނަލްއަށް ޢައްޔަންކުރެވޭ މެންބަރަކު އެމަޤާމުގައި ދެމިހުންނާނީ 5 އަހަރުދުވަހުގެ މުއްދަތަށެވެ. މި ޤާނޫނުގެ 59 ވަނަ މާއްދާގެ ދަށުން ވަކިކުރެވޭ މެންބަރަކު ފިޔަވައި އެހެން ކޮންމެ މެންބަރަކީ އަލުން ޓްރައިބިއުނަލްއަށް ޢައްޔަންކުރެވިދާނެ މެންބަރެކެވެ.
58. މެންބަރުންގެ މުސާރައާއި ޢިނާޔަތްތައް
ޓްރައިބިއުނަލްގެ މެންބަރުންގެ މުސާރައާއި ޢިނާޔަތްތައް ކަނޑައަޅާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާ މަޝްވަރާކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުންނެވެ.
58-1. މެންބަރުންގެ ސުލޫކީ މިންގަނޑު
ޓްރައިބިއުނަލްގެ ކޮންމެ މެންބަރަކުމެ، ޓްރައިބިއުނަލްގެ މެންބަރުކަމުގެ މުއްދަތުގައި، މެންބަރުކަމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އަންނަނިވި ސުލޫކީ ހަމަތައް ހިފަހައްޓަންވާނެއެވެ.
(ހ) މެންބަރުކަމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައާއި ބާރުތައް ބޭނުންކުރުމުގައި، އެއްވެސް ބާވަތެއްގެ ބިރަކަށް ނުވަތަ ނުފޫޒަކަށް ނުލެނބުން؛
(ށ) ޓްރައިބިއުނަލްގެ މެންބަރަކު ކުރާކަމަކުން ނުވަތަ ބައިވެރިވާ ބައިވެރިވުމަކުން ނުވަތަ ދައްކާ ވާހަކައަކުން ނުވަތަ ފާޅުކުރާ ޚިޔާލަކުން ނުވަތަ އެނޫންވެސް އެހެން ގޮތަކުން، އެ މެންބަރުގެ މިނިވަންކަމާއި، މުސްތަޤިއްލުކަމާއި، އިންސާފުވެރިކަމާމެދު ސުވާލު އުފެދޭނެ ނުވަތަ އުފެދިދާނެ އެއްވެސްކަމެއް ނުކުރުން؛
(ނ) މަޤާމުގެ ހައިސިއްޔަތުން މެންބަރަކަށް ލިބިފައިވާ މަޢުލޫމާތެއްގެ ނުވަތަ
އެ މެންބަރެއް އަދާކުރާ ވަޒީފާގެ ބޭނުން އަމިއްލައަށް ނާޖާއިޒް މަންފާއެއް ޙާޞިލުކުރުމަށް ނުވަތަ އެހެން މީހަކަށް އެފަދަ މަންފާއެއް ހޯދައިދިނުމަށް ބޭނުންނުކުރުން؛
(ރ) މަޤާމުގެ ހައިސިއްޔަތުން މެންބަރަކަށް ލިބިފައިވާ މަޢުލޫމާތެއް، މެންބަރުކަމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ފިޔަވައި، ތިންވަނަ ފަރާތަކަށް އެ މަޢުލޫމާތެއް ހާމަނުކުރުން؛
(ބ) ޓްރައިބިއުނަލްގެ އެއްވެސް މައްސަލައެއް ނިންމުމުގައި ނުވަތަ މައްސަލައެއް ހިންގުމުގައި ނުވަތަ މަޝްވަރާއެއް ކުރުމުގައި ނުވަތަ ސިޔާސަތެއް ކަނޑައެޅުމުގައި ސީދާގޮތުންވެސް ނުވަތަ ނުސީދާގޮތުންވެސް އަމިއްލަ މަޞްލަޙަތެއް ޙާޞިލުކުރަން މަސައްކަތްނުކުރުން. އަދި އެފަދަ މަޞްލަޙަތު ހިމެނޭ ކަންކަން ނިންމުމުގައި އެ މެންބަރަކު އެ މައްސަލައަކުން ތަނާޒުލުވުން.
58-2. މެންބަރުންގެ މާލީ ހިސާބު ހުށަހެޅުން
މި ޤާނޫނުގެ 56 ވަނަ މާއްދާގެ ދަށުން ޢައްޔަންކުރެވޭ މެންބަރުން މެންބަރުކަމާ ޙަވާލުވުމުގެ ކުރިއަށް ފާއިތުވި އަހަރު ހިމެނޭގޮތުން، މެންބަރުކަމުގެ މުއްދަތުގައި އަދި އެއިން ފަރާތެއް މެންބަރުކަމުން ވަކިވާތާ 1 (އެކެއް) އަހަރުދުވަސް ހަމަވުމާ ހަމައަށް، އަހަރަކު އެއް ފަހަރު، އެ ފަރާތުގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަޞްލަޙަތުތަކާއި، އަރަންޏާއި ދަރަނި ހާމަކޮށް އޮޑިޓަރ ޖެނެރަލް ކަނޑައަޅާ ގޮތެއްގެމަތިން ތައްޔާރުކުރާ ބަޔާނެއް އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންވާނެއެވެ. އަދި އެގޮތުން ހުށަހަޅާ ބަޔާން، ޓެކްސް އެޕީލް ޓްރައިބިއުނަލުން ޢާންމުކޮށް ޝާއިޢުކުރަންވާނެއެވެ.
(ހ) ޓްރައިބިއުނަލްގެ މެންބަރަކު އޭނާގެ މަޤާމުން ވަކިކުރެވޭނީ އަންނަނިވި ޙާލަތްތަކުގެ ތެރެއިން ޙާލަތެއް މެދުވެރިވެގެން ރައީސުލްޖުމްހޫރިއްޔާއަށެވެ.
(1) ޝަރުޢީ ޙުކުމަކުން އިފްލާސްކުރެވިފައިވުން.
(2) ޖިނާއީ ކުށެއް ކުރިކަން ޝަރުޢީ ކޯޓަކަށް ސާބިތުވެ ޙުކުމްކުރުން.
(3) މެންބަރެއްގައި ހުރުމަށް މި ޤާނޫނު ލާޒިމްކުރާ ސިފައެއް އުނިވުން.
(4) މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އިހުމާލުވުން.
(5) މި ޤާނޫނުގެ 1-58 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މެންބަރުންގެ ސުލޫކީ މިންގަނޑާ ޚިލާފުވުން.
(ށ) ޓްރައިބިއުނަލްގެ މެންބަރަކު އަމިއްލައަށް މެންބަރުކަމުން ވަކިވާން ބޭނުންވެއްޖެނަމަ ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން އެމެންބަރަކު މަޤާމުން ވަކިވީއެވެ.
60. މެންބަރުކަމުގެ މަޤާމު ހުސްވުން
ޓްރައިބިއުނަލްގެ މެންބަރަކު އެއްވެސް ސަބަބަކާހުރެ އެމެންބަރަކު ޢައްޔަންކުރެވިފައިވާ މުއްދަތު ހަމަވުމުގެ ކުރިން ވަކިވެއްޖެނަމަ މުއްދަތުގެ ބާކީ އޮތް ބަޔަށް ގިނަވެގެން 60 ދުވަހުގެ ތެރޭގައި މީހަކު ޢައްޔަންކުރަންވާނެއެވެ.
61. ޓެކްސް އެޕީލް ޓްރައިބިއުނަލް ގެ އިދާރީ ހިންގުން އަދި މާލީ ކަންކަން
(ހ) ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީއާއި، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރިކަރަންޓް ޚަރަދާއި، ކެޕިޓަލް ޚަރަދު ހިމަނައިގެން އެ އަހަރަކަށް ލަފާކުރާ ބަޖެޓް އެކުލަވާލައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން، އަދި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ތާރީޚަށް، ނުވަތަ އެ ތާރީޚްގެ ކުރިން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ޓެކްސް އެޕީލް ޓްރައިބިއުނަލްއިން އެ ބަޖެޓް ފޮނުވަންވާނެއެވެ.
(ށ) އެއްވެސް ބަޔަކު ނުވަތަ ޖަމާޢަތަކުން ނުވަތަ ބޭރު ޤައުމެއްގެ ސަރުކާރުން ޓެކްސް އެޕީލް ޓްރައިބިއުނަލްއަށްދޭ މާލީ އެހީއެއް، ޓްރައިބިއުނަލްގެ މަސްއޫލިއްޔަތުތައް އަދާކުރަން މެނުވީ ބޭނުންކޮށްގެން ނުވާނެއެވެ.
(ނ) ޓެކްސް އެޕީލް ޓްރައިބިއުނަލްގެ އާމްދަނީއާއި ޚަރަދާއި މިލްކިއްޔާތާއި، މާލީ ޒިންމާތަކާބެހޭ ހިސާބު، އޮޑިޓަރ ޖެނެރަލް ކަނޑައަޅާ މިންގަނޑަކާއި އެއްގޮތަށް ތައްޔާރުކޮށް އޮޑިޓްކުރުމަށްފަހު، އަންނަނިވި މަޢުލޫމާތުތައް ހިމެނޭގޮތުން ތައްޔާރުކުރެވިފައިވާ އަހަރީ ރިޕޯޓު، ކޮންމެ އަހަރެއްގެ މެއި މަހުގެ 31 ވަނަ ދުވަހުގެ ކުރިން ރައްޔިތުންގެ މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވަންވާނެއެވެ.
(1) ޓްރައިބިއުނަލްގެ މަޤްޞަދުތައް ޙާޞިލްކުރުމުގެ ގޮތުން އެ އަހަރެއްގެ ތެރޭގައި ކުރެވުނު މަސައްކަތްތަކާއި އޭގެ ނަތީޖާ؛
(2) ޓްރައިބިއުނަލްއަށް ހުށަހެޅުނު މައްސަލަތައް؛
(3) ޓްރައިބިއުނަލްއިން ނިންމާފައިވާ މައްސަލަތަކާއި، އެ މައްސަލަތައް ނިންމާފައިވާ ގޮތް؛
(4) ޓްރައިބިއުނަލްއަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ބަލަމުންގެންދާ މައްސަލަތައް؛
(5) ޓްރައިބިއުނަލްއަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ނުނިމިވާ މައްސަލަތައް؛
(6) ޓްރައިބިއުނަލްގެ ހިންގުމުގެ ދާއިރާއާއި މުވައްޒަފުންނާ ގުޅޭގޮތުން އިދާރީ ގޮތުން އެ އަހަރެއްގެ ތެރޭގައި ހިނގި ކަންކަމުގެ ތަފްޞީލު.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ރިޕޯޓު ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށް ފޮނުވާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި، ޓެކްސް އެޕީލް ޓްރައިބިއުނަލްއިން އެ ރިޕޯޓު ޢާންމުކޮށް ޝާއިޢުކުރަންވާނެއެވެ.
62. ޓްރައިބިއުނަލްގެ ގަވާއިދު
ޓްރައިބިއުނަލްގެ މަސައްކަތް ހިންގާގޮތާއި، ޓްރައިބިއުނަލްއިން މައްސަލަތައް ބެލުމުގައި ޢަމަލުކުރަންޖެހޭ އުޞޫލުތަކާއި، ޓްރައިބިއުނަލްއާބެހޭ އެހެނިހެން ކަންތައްތައް ހިމެނޭ ގަވާއިދެއް، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް އެއްވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު ތަޞްދީޤުކުރާ ތާރީޚުން ފެށިގެން 3 (ތިނެއް) މަސް ދުވަހުގެ ތެރޭގައި ޓްރައިބިއުނަލްއިން ހަދަންވާނެއެވެ.
63. މި ބާބު ހިނގާނެ ދާއިރާ
(ހ) މި ބާބުގައި ބަޔާންވެގެންވާ ކުށާއި އަދަބު، އެންމެހައި ޓެކްސް ޤާނޫނުތަކާއި ޓެކްސް ޤާނޫނުތައް ފިޔަވައި އެހެން ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ޓެކުހާގުޅޭ ކުށާ ގުޅޭގޮތުން ހިނގާނެއެވެ.
(ށ) ޓެކްސް ޤާނޫނެއްގެ ދަށުން ނުވަތަ ޓެކްސް ޤާނޫނުތައް ފިޔަވައި އެހެން ޤާނޫނެއްގެ ދަށުން ނަގާ ޓެކުހަކާ ގުޅޭގޮތުން، މި ބާބުގައި ކުށެއްކަމަށް ބަޔާންވެގެންވާ ކަމެއް ކޮށްފިނަމަ، އެފަދަ ކަމެއް ކުށަކަށްވާނީ، އަދި އެ ކުށަށް އަދަބު ކަނޑައަޅާނީ، މި ޤާނޫނުގައިވާ ގޮތުގެމަތިންނެވެ.
64. ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށް
(ހ) އެއްވެސް ޤާނޫނެއްގެ ދަށުން ދައްކަންޖެހޭ ޓެކުހެއް ދެއްކުމުން، އެނގިހުރެ، ޤަޞްދުގައި، އެއްކިބާވުމުގެ ނިޔަތުގައި، ނުވަތަ އެކަން އެގޮތަށް ކުރުމަށް ޓެކްސް ދައްކަންޖެހޭ މީހަކަށް އެހީތެރިވެދިނުމުގެ ނިޔަތުގައި އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކުރުމަކީ ކުށެކެވެ.
(1) ޓެކްސް ޤާނޫނެއްގެ ދަށުން ހުށަހަޅަންޖެހޭ ޓެކްސް ބަޔާނެއް ހުށަނޭޅުން، ނުވަތަ އެއިން ޤާނޫނެއްގެ ދަށުން އަންގަންޖެހޭ އެންގުމެއް ނޭންގުން، ނުވަތަ އެއިން ޤާނޫނެއްގެ ދަށުން ހުށަހަޅަންޖެހޭ މަޢުލޫމާތެއް ހުށަނޭޅުން؛
(2) ޓެކްސް ބަޔާނެއް ހުށަހަޅާއިރު، އޭގައި ހިމަނަންޖެހޭ ޓެކްސް ނެގޭ އާމްދަނީ ނުވަތަ ޓެކްސް ނެގޭ ފައިދާ ނުވަތަ އެނޫންވެސް އެފަދަ ޓެކްސްގެ ޢަދަދު ކަނޑައެޅުމަށް މުހިންމު އާމްދަނީއާއި ފައިދާއާގުޅޭ މަޢުލޫމާތެއް ނުހިމެނުން.
(3) ޓެކްސް ބަޔާނެއްގައި ދޮގު މަޢުލޫމާތެއް ހިމެނުން ނުވަތަ ހިމަނަންޖެހޭ މަޢުލޫމާތެއް ހިމަނާފައިނުވުން؛
(4) ޖަވާބެއް ނުވަތަ ވަކި މަޢުލޫމާތެއް ހޯދުމަށް އެދުމުން ނުރަނގަޅު ޖަވާބެއް ދިނުން ނުވަތަ ނުރަގަނޅު މަޢުލޫމާތެއް ދިނުން؛
(5) ޓެކްސް ޤާނޫނެއްގެ ދަށުން ބަލަހައްޓަންޖެހޭ ލިޔެކިޔުންތަކާއި މާލީ ހިސާބުތައް އެކުލަވާލުމުގައާއި ބެލެހެއްޓުމުގައި، އެ ލިޔެކިޔުންތަކާއި މާލީ ހިސާބުތައް ނުރަނގަޅުކޮށް އެކުލަވާލުން ނުވަތަ ބެލެހެއްޓުން؛ ނުވަތަ އެ ލިޔެކިޔުންތަކާއި މާލީ ހިސާބުތައް ނުރަނގަޅުކޮށް އެކުލަވާލުމާއި ބެލެހެއްޓުމަށް ހުއްދަކުރުން؛
(6) މީރާއަށް ހުށަހަޅަންޖެހޭ މާލީ ހިސާބުތައް ހުށަނޭޅުން ނުވަތަ އެކުލަވާލަންޖެހޭ ގޮތަށް އެކުލަވާލާފައިނުވާ މާލީ ހިސާބުތައް މީރާއަށް ހުށަހެޅުން؛
(7) ޓެކްސް ދައްކަންޖެހޭ ޢަދަދަށް އަސަރެއްކޮށްފާނެ ފަދަ މަޢުލޫމާތަކަށް ބަދަލެއް ގެނައުން؛
(8) ވިތްހޯލްޑިންގ ޓެކްސްގެ ގޮތުގައި އުނިކޮށް، ޖަމާކޮށް، މީރާއަށް ދައްކަންޖެހޭ ޓެކުހެއްގެ ފައިސާ، އުނިނުކުރުން ނުވަތަ ޖަމާނުކުރުން ނުވަތަ މާލީ ހިސާބުތަކުގައި ނުހިމެނުން ނުވަތަ މީރާއަށް ނުދެއްކުން؛
(9) މީރާއިން ހިންގަންޖެހޭ ތަޙުޤީޤެއް މީރާއިން ހިންގުމުގައި ހުރަސްއެޅުން ނުވަތަ އެކަން ކުރަން މީރާއަށް ދަތިކުރުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއްގެ މަދަނީ އަދަބަކީ:
(1) ޓެކްސް ނެގޭ މުއްދަތުގައި ދައްކަންޖެހޭ ޓެކްސްގެ ފައިސާގެ %0.5 (ސުމެއް ޕޮއިންޓް ފަހެއް އިންސައްތަ) އިން ޖޫރިމަނާކުރުން؛ އަދި
(2) ޓެކްސް ބަޔާނެއް ހުށަހަޅަންޖެހޭ ދުވަހަށް ހުށަނާޅާ ވޭތުވާ ކޮންމެ ދުވަހަކަށް ނުވަތަ ފޯރުކޮށްދޭންޖެހޭ މަޢުލޫމާތެއް ފޯރުކޮށްދޭންޖެހޭ ދުވަހަށް ފޯރުކޮށްނުދީ ހިނގާ ކޮންމެ ދުވަހަކަށް، ނުވަތަ ވިތްހޯލްޑިންގ ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާއެއް ނުދައްކާ ވޭތުވެދާ ކޮންމެ ދުވަހަކަށް -/100 (އެއްސަތޭކަ) ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާކުރުން.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއްގެ ޖިނާއީ އަދަބަކީ، އެ ޢަމަލުގެ ކުޑަބޮޑުމިނަށް ބަލައި، އެ ކުށް ކުރި ފަރާތެއް 3 (ތިނެއް) މަސްދުވަހާއި 2 (ދޭއް) އަހަރުދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
(ރ) ޓެކްސް ބަޔާނެއްގައި ނުރަނގަޅު މަޢުލޫމާތެއް ހިމަނާފައިވާނަމަ ނުވަތަ އެ ބަޔާނުގައި ހިމަނަންޖެހޭ މަޢުލޫމާތެއް ހިމަނާފައިނުވާނަމަ ނުވަތަ ބަލަހައްޓަންޖެހޭ ލިޔެކިޔުންތަކާއި މާލީ ހިސާބުތަކުގައި ނުރަނގަޅު މަޢުލޫމާތެއް ހިމަނާފައިވާނަމަ ނުވަތަ ހިމަނަންޖެހޭ މަޢުލޫމާތެއް ހިމަނާފައިނުވާނަމަ، އެހެން ގޮތަކަށް ސާބިތުނުވާހާހިނދަކު، މި މާއްދާގެ ބޭނުމަށްޓަކައި އޭނާ އެކަން ކޮށްފައިވަނީ ޓެކްސް ދެއްކުމުން އެއްކިބާވުމަށްކަމުގައި ބެލެވޭނެއެވެ.
64-1. ކޮމަން ރިޕޯޓިންގ ސްޓޭންޑަޑްއާ ޚިލާފުވުމުގެ ކުށް
(ހ) މި ޤާނޫނުގެ 2-51 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮމަން ރިޕޯޓިންގ ސްޓޭންޑަޑްގެ ދަށުން އަދާކުރަންޖެހޭ އަންނަނިވި އެއްވެސް އިލްތިޒާމެއް ނުވަތަ ޒިންމާއެއް މަޤުބޫލު އުޒުރަކާ ނުލައި ފުރިހަމައަށް އަދާނުކުރުމަކީ ކުށެކެވެ.
(1) މި ޤާނޫނުގެ 3-51 ވަނަ މާއްދާގެ ދަށުން ކޮމަން ރިޕޯޓިންގ ސްޓޭންޑަޑްގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މީރާއަށް މަޢުލޫމާތު ހުށަހަޅަންޖެހޭ ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން،
އެ މަޢުލޫމާތު ހުށަހެޅުމަށް އެ މާއްދާގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ސުންގަޑިއަށް މަޢުލޫމާތު ހުށަހަޅާފައިނުވުން ނުވަތަ ހުށަހަޅާފައިވަނީ ޞައްޙަނޫން ނުވަތަ ފުރިހަމަނޫން މަޢުލޫމާތު ކަމުގައިވުން؛
(2) ކޮމަން ރިޕޯޓިންގ ސްޓޭންޑަޑްއާ އެއްގޮތްވާ ގޮތުގެމަތިން،
މި ޤާނޫނުގެ 2-51 ވަނަ މާއްދާގެ ދަށުން ރިޕޯޓިންގ ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން ފުރިހަމަކުރަންޖެހޭ ޑިއުޑިލިޖަންސްގެ މަސައްކަތްތައް ފުރިހަމަކޮށްފައިނުވުން؛
(3) މި ޤާނޫނުގެ 2-51 ވަނަ މާއްދާގެ (ރ) އާ އެއްގޮތްވާ ގޮތުގެމަތިން ލިޔެކިޔުން ބަލަހައްޓާފައިނުވުން؛
(4) މި ޤާނޫނުގެ 2-51 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮމަން ރިޕޯޓިންގ ސްޓޭންޑަޑްގެ ދަށުން، ރިޕޯޓިންގ ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން ޞައްޙަ "ސެލްފް ސަރޓިފިކޭޝަން" އެއް ހޯދާފައިނުވުން ނުވަތަ "ސެލްފް ސަރޓިފިކޭޝަން" އެއް ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތައް ފުރިހަމަކޮށްފައިނުވުން؛
(5) މި ޤާނޫނުގެ 2-51 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮމަން ރިޕޯޓިންގ ސްޓޭންޑަޑްގެ ދަށުން ރިޕޯޓިންގ ފައިނޭންޝަލް އިންސްޓިޓިއުޝަނަށް "ސެލްފް ސަރޓިފިކޭޝަން" ހުށަހަޅަންޖެހޭ އެއްވެސް ފަރާތަކުން ޞައްޙަނޫން މަޢުލޫމާތު ނުވަތަ ދޮގު މަޢުލޫމާތު ހިމެނޭ "ސެލްފް ސަރޓިފިކޭޝަން" އެއް ހުށަހެޅުން؛
(6) މި ޤާނޫނުގެ 2-51 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮމަން ރިޕޯޓިންގ ސްޓޭންޑަޑްއާ އެއްވެސް ގޮތަކުން ޚިލާފުވުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ މަދަނީ އަދަބަކީ -/250,000 (ދެލައްކަ ފަންސާސްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން އެ ފަރާތެއް ޖޫރިމަނާކުރުމެވެ.
64-2. ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭޝަންއާބެހޭ ކުށްތައް
(ހ) މި ޤާނޫނުގެ 64 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށެއްގެ ތެރޭގައި ނުހިމެނޭގޮތުން، ޤާނޫނު ނަންބަރު 25/2019 (އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު) ގެ ދަށުން "ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭޝަން" ތައްޔާރުކޮށް ބަލަހައްޓަންޖެހޭ ފަރާތްތަކުން އަންނަނިވި އެއްވެސް ކަމެއް ކުރުމަކީ ކުށެކެވެ.
(1) ޤާނޫނު ނަންބަރު 25/2019 (އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު) ގެ 68 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ނުވަތަ އެ މިންގަނޑަށް ނުފެތޭ ގޮތަށް ޑޮކިއުމެންޓްތައް ތައްޔާރުކޮށްފައިވުން؛
(2) ޤާނޫނު ނަންބަރު 25/2019 (އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު) ގައި ކަނޑައަޅާފައިވާ މުއްދަތުގެ ނިޔަލަށް އެ ޑޮކިއުމެންޓްތައް ތައްޔާރުކޮށްފައިނުވުން؛
(3) މީރާއިން ކަނޑައަޅާފައިވާ ސުންގަޑީގެ ނިޔަލަށް އެ ޑޮކިއުމެންޓްތައް މީރާއަށް ހުށަހަޅާފައިނުވުން؛
(4) ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓްތައް 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް ބަލަހައްޓާފައިނުވުން؛
(5) ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓްތަކުގައި ޞައްޙަނޫން މަޢުލޫމާތު ނުވަތަ ދޮގު ނުވަތަ ނުރަނގަޅު މަޢުލޫމާތު ހިމެނުން، ނުވަތަ ޙަޤީޤަތް އޮޅޭފަދަ ގޮތަށް މަޢުލޫމާތު ހިމެނުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ މަދަނީ އަދަބަކީ -/250,000 (ދެލައްކަ ފަންސާސްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން އެ ފަރާތެއް ޖޫރިމަނާކުރުމެވެ.
65. ޓެކްސް ބަޔާން ހުށަނޭޅުމާއި މަޢުލޫމާތު ހުށަނޭޅުމުގެ ކުށް
(ހ) މި ޤާނޫނުގެ 64 ވަނަ މާއްދާގައި ބަޔާންވެގެންވާ ކުށެއްގެ ތެރޭގައި ނުހިމެނޭ ގޮތުން، އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް މަޤުބޫލު އުޒުރަކާ ނުލައި ކުރުމަކީ ކުށެކެވެ.
(1) ޓެކްސް ބަޔާނާއި ޓެކްސް ބަޔާނާއެކީ ހުށަހަޅަންޖެހޭނެކަމަށް ޓެކްސް ޤާނޫނުތަކާއި އެ ޤާނޫނުތަކުގެ ދަށުން ހަދާފައިވާ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަނޭޅުން؛
(2) ޓެކްސް ޤާނޫނެއްގެ ދަށުން ނުވަތަ އެހެން ޤާނޫނެއްގެ ދަށުން ޓެކުހާ ގުޅޭގޮތުން ހުށަހަޅަންޖެހޭ މަޢުލޫމާތެއް ނުވަތަ ލިޔެކިޔުމެއް ހުށަނޭޅުން؛
(3) މި ޤާނޫނުގައި ކަނޑައަޅާފައިވާ ކަންކަން ތަންފީޒުކުރުމުގައި، މި ޤާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ނުވަތަ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ކަނޑައަޅާ މީހަކަށް ނުވަތަ ބަޔަކަށް އެއްބާރުލުން ނުދިނުން؛
(4) (އުނިކުރެވިފައި)
(5) ޓެކްސް ޤާނޫނެއްގެ ދަށުން ނުވަތަ ޓެކްސް ޤާނޫނުތައް ފިޔަވައި އެހެން ޤާނޫނެއްގެ ދަށުން ޓެކުހާ ގުޅޭގޮތުން ބަލަހައްޓަންޖެހޭ ލިޔެކިޔުންތަކާއި މާލީ ހިސާބުތައް އެކުލަވާލުމުގައާއި، އެފަދަ ލިޔެކިޔުން ބެލެހެއްޓުމުގައި، އެ ލިޔެކިޔުންތަކާއި މާލީ ހިސާބުތައް ނުރަނގަޅުކޮށް އެކުލަވާލުން ނުވަތަ ބެލެހެއްޓުން ނުވަތަ ބަލަހައްޓަންޖެހޭ މިންވަރަށް ބަލަހައްޓާފައިނުވުން، ނުވަތަ އެ ލިޔެކިޔުންތަކާއި މާލީ ހިސާބުތައް ނުރަނގަޅުކޮށް އެކުލަވާލުމާއި ބެލެހެއްޓުމަށް ހުއްދަކުރުން، ނުވަތަ ބަލަހައްޓަންޖެހޭ މިންވަރަށް ނުބެލެހެއްޓުމަށް ހުއްދަކުރުން؛
(6) މީރާއަށް ހުށަހަޅަންޖެހޭ މާލީ ހިސާބުތައް ހުށަނޭޅުން ނުވަތަ އެކުލަވާލަންޖެހޭ ގޮތަށް އެކުލަވާލާފައިނުވާ މާލީ ހިސާބުތައް މީރާއަށް ހުށަހެޅުން؛
(7) ޓެކްސް ދައްކަންޖެހޭ ޢަދަދަށް އަސަރެއްކޮށްފާނެ ފަދަ މަޢުލޫމާތަކަށް ބަދަލެއް ގެނައުން؛
(8) ވިތްހޯލްޑިންގ ޓެކުހުގެ ގޮތުގައި އުނިކޮށް، ޖަމާކޮށް، މީރާއަށް ދައްކަންޖެހޭ ޓެކުހެއްގެ ފައިސާ، އުނިނުކުރުން ނުވަތަ ޖަމާނުކުރުން ނުވަތަ މާލީ ހިސާބުތަކުގައި ނުހިމެނުން ނުވަތަ މީރާއަށް ނުދެއްކުން؛
(9) މީރާއިން ހިންގަންޖެހޭ ތަޙުޤީޤެއް މީރާއިން ހިންގުމުގައި ހުރަސްއެޅުން؛
(10) ޓެކްސް ޤާނޫނެއްގެ ދަށުން ދައްކަންޖެހޭ ޓެކުހުގެ ފައިސާގެ އެއްވެސް މިންވަރެއް ނުދެއްކުން ނުވަތަ ނުދެއްކުމަށް ހުއްދަކުރުން.
(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (8) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ކުށެއްގެ މަދަނީ އަދަބަކީ:
(1) ޓެކްސް ނެގޭ މުއްދަތުގައި ދައްކަންޖެހޭ ޓެކުހުގެ ފައިސާގެ %0.5 (ސުމެއް ޕޮއިންޓް ފަހެއް އިންސައްތަ) އިން ކުށް ކުރި ފަރާތް ޖޫރިމަނާކުރުން؛ އަދި
(2) ޓެކްސް ބަޔާނެއް ހުށަހަޅަންޖެހޭ ދުވަހަށް ހުށަނާޅާ ވޭތުވާ ކޮންމެ ދުވަހަކަށް -/50 (ފަންސާސް) ރުފިޔާއިން ޖޫރިމަނާކުރުން.
(1-ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުން ފެށިގެން (7) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވާ ކުށެއްގެ މަދަނީ އަދަބަކީ؛
(1) ޓެކްސް ނެގޭ މުއްދަތުގައި ދައްކަންޖެހޭ ޓެކުހުގެ ފައިސާގެ %0.5 (ސުމެއް ޕޮއިންޓް ފަހެއް އިންސައްތަ) އިން ކުށް ކުރި ފަރާތް ޖޫރިމަނާކުރުން؛ އަދި
(2) -/250,000 (ދެލައްކަ ފަންސާސްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން އެ ފަރާތެއް ޖޫރިމަނާކުރުން.
(2-ށ) މި މާއްދާގެ (ހ) ގެ (8) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށުގެ މަދަނީ އަދަބަކީ:
(1) ރަޖިސްޓަރީކުރަންޖެހި ރަޖިސްޓަރީނުކޮށް ހިނގާފައިވާ ޓެކްސް ނެގޭ މުއްދަތުތަކުގައި ދައްކަންޖެހޭ ޓެކުހުގެ ފައިސާގެ %0.5 (ސުމެއް ޕޮއިންޓް ފަހެއް އިންސައްތަ) އިން ކުށް ކުރި ފަރާތް ޖޫރިމަނާކުރުން؛ އަދި
(2) ޓެކްސް ބަޔާނެއް ހުށަހަޅަންޖެހޭ ދުވަހަށް ހުށަނާޅާ ވޭތުވާ ކޮންމެ ދުވަހަކަށް -/50 (ފަންސާސް) ރުފިޔާއިން، އަދި ގިނަވެގެން -/5,000 (ފަސްހާސް) ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުން.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއްގެ ޖިނާއީ އަދަބަކީ، 3 (ތިނެއް) މަސްދުވަހާއި 12 (ބާރަ) މަސްދުވަހާ ދެމެދުގެ މުއްދަތަކަށް އެ ފަރާތެއް ޖަލަށްލުމެވެ.
66. ދައްކަންވާ ދުވަހަށް ޓެކްސް ނުދެއްކުމުގެ ކުށް
(ހ) ޓެކްސް ޤާނޫނެއްގެ ދަށުން ޓެކްސް ދައްކަންޖެހޭ ފަރާތުން، އޭނާ ދައްކަންޖެހޭ ޓެކްސް ދައްކަންޖެހޭ ދުވަހަށް ނުދައްކައިފިނަމަ، އެ ކުރަނީ ކުށެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއްގެ އަދަބަކީ، އެ ކުށް ކުރި ފަރާތުން ދައްކަންޖެހޭ ޓެކްސް ދައްކަންޖެހޭ ދުވަހުން ފެށިގެން ވޭތުވަމުންދާ ކޮންމެ ދުވަހަކަށް، ނުދައްކާ އޮތް ޢަދަދުގެ %0.1 (ސުމެއް ޕޮއިންޓް އެކެއް އިންސައްތަ) އިން އެ ފަރާތެއް ޖޫރިމަނާކުރުމެވެ.
67. ކުށެއް ކަމަށް ކަނޑައަޅާފައިވާ ކަމެއް ކުރުން
(ހ) ޓެކްސް ޤާނޫނެއްގެ ދަށުން ކަނޑައަޅަންޖެހޭ މަދަނީ އަދަބު ކަނޑައަޅާނީ ޤާނޫނުގައިވާ ގޮތުގެމަތިން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ ނިންމުމަކުންނެވެ.
(ށ) މި ޤާނޫނުގައި ކުށެއް ކަނޑައެޅުމަށްފަހު އެ ކުށުގެ އަދަބު ބަޔާންކޮށްފައިނުވާނަމަ، އެ ކުށެއްގެ އަދަބަކީ -/5,000 (ފަސްހާސް) ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން އެ ކުށްކުރި ފަރާތް ޖޫރިމަނާކުރުމެވެ.
68. ޖިނާއީ އެހެން ދަޢުވާއެއް އުފުލުން މަނާނުކުރުން
އެހެން އެއްވެސް ޤާނޫނެއްގެ ދަށުން ކުރެވޭ އެއްވެސް ޖިނާއީ ދަޢުވާއަކަށް މި ޤާނޫނުން ހުރަހެއް ނެތެވެ. އެހެންނަމަވެސް، އެއް ކުށަކަށް އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ އެއް ދަޢުވާއަށްވުރެ ގިނަ ދަޢުވާއެއް ނުކުރެވޭނެއެވެ.
69. މަދަނީ އަދަބު ކަނޑައެޅުމުގެ މުއްދަތު
(ހ) މި ޤާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (8) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށްތަކާއި، މި ޤާނޫނުގެ 66 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށުގެ ތެރޭގައި ނުހިމެނޭގޮތުން، މި ޤާނޫނުގެ ދަށުން ކުށެއްކަމަށް ބަޔާންކޮށްފައިވާ ކަމެއް ކުރި މީހަކަށް، މި ޤާނޫނުގެ ދަށުން މަދަނީ ފިޔަވަޅެއް އެޅޭނީ އެ ކުށް ކުރި ތާރީޚުން ފެށިގެން ގިނަވެގެން 2 (ދޭއް) އަހަރުދުވަހުގެ މުއްދަތެއްގެ ތެރޭގައެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފައިވާކަން މީރާއަށް ނޭނގޭނަމަ، ނުވަތަ އެފަދަ ކުށަކާ ގުޅޭގޮތުން މަދަނީ ފިޔަވަޅެއް އެޅުމަށް އެކަށީގެންވާ މިންވަރަށް ހެކި ލިބިފައިނުވާނަމަ، މި މާއްދާގެ (ހ) ގެ ދަށުން މަދަނީ ފިޔަވަޅެއް އެޅުމަށް ދީފައިވާ 2 (ދޭއް) އަހަރުދުވަހުގެ މުއްދަތު ގުނަން ފަށާނީ، އަންނަނިވި ތާރީޚުތަކުގެ ތެރެއިން ފަހުން އަންނަ ތާރީޚެއްގައެވެ.
(1) ކުށެއް ކޮށްފައިވާކަން މީރާއަށް އެނގޭ ތާރީޚު؛
(2) އެ ކުށާ ގުޅޭގޮތުން މަދަނީ ފިޔަވަޅު އެޅުމަށް އެކަށީގެންވާ މިންވަރަށް ހެކި ލިބިއްޖެކަމަށް މީރާއަށް ޤަބޫލުކުރެވޭ ތާރީޚު.
(ނ) މި ޤާނޫނުގެ ދަށުން ކުށެއްކަމަށް ބަޔާންކޮށްފައިވާ ކަމެއް ކުރަމުންދާ މީހަކަށް، އޭނާ އެ ކުށް ކުރުމުގެ މަތީ ދެމިހުރިހާހިނދަކު، އޭނާގެ މައްޗަށް މި ޤާނޫނުގެ ދަށުން މަދަނީ ފިޔަވަޅެއް އެޅުމަށް މި މާއްދާގެ (ހ) ހުރަހެއް ނާޅައެވެ.
(ރ) މި ޤާނޫނުގެ ދަށުން ކުށެއްކަމަށް ބަޔާންކޮށްފައިވާ ކަމެއް ކުރި މީހަކު އެކަން ނިމުމަކަށް ގެނައީ، އެކަން ފެށި ދުވަހުގެ ފަހުން ކަމަށްވާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު ގުނާނީ އެކަން ނިމުމަކަށް ގެނައި ދުވަހުން ފެށިގެންނެވެ.
69-1. ޖިނާއީ ދަޢުވާ އުފުލުމުގެ މުއްދަތު
މި ޤާނޫނުގައި ޖިނާއީ އަދަބު ކަނޑައެޅިފައިވާ ކުށެއްކަމަށް ބަޔާންކޮށްފައިވާ ކުށެއްގެ ދަޢުވާ އުފުލަންވާނީ އެ ކުށް ކުރި ތާރީޚުން ފެށިގެން ގިނަވެގެން 8 (އަށެއް) އަހަރުދުވަހުގެ މުއްދަތެއްގެ ތެރޭގައެވެ.
70. މަދަނީ އަދަބު އިސްތިއުނާފުކުރުން
މި ޤާނޫނުގެ ދަށުން މަދަނީ އަދަބެއް ކަނޑައެޅުމުން، އެ އަދަބެއްގެ ގޮތުން ދައްކަން އަންގާ ފައިސާ ދެއްކުމަކީ، އެ އަދަބަކާމެދު އިސްތިޢުނާފަށް ހުށަހަޅާފައިވީނަމަވެސް، އެ ފައިސާ ދައްކަންޖެހޭ ދުވަހަށް ދައްކާ ނިންމަންޖެހޭނެ ފައިސާއެކެވެ. އެހެންނަމަވެސް، އިސްތިޢުނާފުކުރުމުގެ ސަބަބުން އެ އަދަބު ކުޑަކޮށްފިނަމަ، ނުވަތަ ބާޠިލުކޮށްފިނަމަ، މީރާއިން އެ ފައިސާ އަނބުރާ ދައްކަންޖެހޭނެއެވެ.
71. ކުށް ސާބިތުކުރަންޖެހޭ މިންގަނޑު
އެހެން ޤާނޫނެއްގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާހިނދަކު، މި ޤާނޫނުގައި ކަނޑައަޅާފައިވާ ކުށަކާ ގުޅޭގޮތުން މި ޤާނޫނުގެ ދަށުން ޖިނާއީ ދަޢުވާއެއް އުފުލޭ ޙާލަތުގައި އެ ކުށުގެ ތުހުމަތުކުރެވޭ ފަރާތުން އެ ކުށެއް ކުރިކަން ސާބިތުކުރުމަކީ ދަޢުވާކުރާ ފަރާތުގެ ޒިންމާއެކެވެ. މި ޤާނޫނުގައި ކަނޑައަޅާފައިވާ ކުށަކާ ގުޅޭގޮތުން މި ޤާނޫނުގެ ދަށުން މަދަނީ ފިޔަވަޅު އެޅޭ ޙާލަތުތަކުގައި، އެކުށެއް ނުކުރާކަން ސާބިތުކުރުމަކީ، އެ ކުށުގެ ތުހުމަތުކުރެވޭ މީހާގެ ޒިންމާއެކެވެ.
72. މި ޤާނޫނު އެހެން ޓެކްސް ޤާނޫނުތަކާ އެކުގައި ކިޔުން
މި ޤާނޫނު ކިޔާނީ، އެހެން ޓެކްސް ޤާނޫނުތަކާ އެކުގައެވެ. އަދި މި ޤާނޫނުގައި ބޭނުންކޮށްފައިނުވާ ކޮންމެ ލަފުޒެއް ނުވަތަ ޢިބާރާތެއް، ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާހިނދަކު މާނަކުރާނީ، އެ ޤާނޫނުތަކުގައި އެ ލަފުޒެއް ނުވަތަ ޢިބާރާތެއް މާނަކޮށްފައިވާ ގޮތަށެވެ.
73. ބަންދު ދުވަހަކާ ދިމާވުން
(ހ) ޓެކްސް ޤާނޫނެއްގައި ވަކި ކަމެއް ކުރުން ލާޒިމްކޮށްފައިވަނީ ވަކި ތާރީޚަކަށް ކަމަށްވެފައި، އެ ތާރީޚެއް ދިމާވަނީ ރަސްމީ ބަންދު ދުވަހަކަށް ނުވަތަ ސަރުކާރު ބަންދު ދުވަހަކަށް ކަމަށްވާނަމަ، ދެން އެކަމެއް ކުރުމުގެ އެންމެ ފަހު ތާރީޚަކީ އެ ބަންދު ދުވަހަކަށްފަހު އެންމެ އަވަހަށް އަންނަ ރަސްމީ މަސައްކަތު ދުވަހެކެވެ.
(ށ) ޓެކްސް ޤާނޫނެއްގައި ވަކި ކަމެއް ކުރުން ލާޒިމްކޮށްފައިވާ ތާރީޚެއްގައި އެކަމެއް ނުކުރެވުނީ ރަސްމީ ބަންދު ދުވަހަކާ ނުވަތަ ސަރުކާރު ބަންދު ދުވަހަކާ ދިމާވުމުން ކަމަށްވާނަމަ، އެކަމެއް ނުކުރެވުމުގެ ސަބަބުން ކަނޑައެޅޭ ޖޫރިމަނާ ހިނގަން ފަށާނީ އެ ބަންދު ދުވަހަކަށްފަހު އެންމެ އަވަހަށް އަންނަ ރަސްމީ މަސައްކަތު ދުވަހުން ފެށިގެންނެވެ.
74. އިތުރަށް ދައްކާ ޓެކްސް
(ހ) ޓެކްސް ދައްކާ ފަރާތުން މީރާއަށް ފައިސާ ދެއްކުމުގައި، ދައްކަންޖެހޭ މިންވަރަށްވުރެ އިތުރަށް ފައިސާ ދެއްކޭ ޙާލަތުގައި، އެ ފައިސާ އަނބުރާ ހޯދުމަށް އެފަރާތުން މީރާއަށް ހުށަހެޅިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ހުށަހެޅުމަށް މީރާއަށް ލިބުމުން، އަންނަނިވި ދެ ގޮތުންކުރެ ގޮތަކަށް މީރާއަށް ކަނޑައެޅިދާނެއެވެ.
(1) އެ ފަރާތުން މީރާއަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނެތްނަމަ، އެ ޢަދަދު އެފަރާތަށް އަނބުރާ ދިނުން؛
(2) އެ ފަރާތުން އެއްވެސް މުއްދަތަކަށް ދައްކަންޖެހޭ ޓެކުހުން (ވިތްހޯލްޑިންގ ޓެކްސްވެސް ހިމެނޭގޮތުން) އިތުރަށް ދެއްކިފައިވާ ޢަދަދު އުނިކުރުން.
(ނ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ޓެކްސްގެ ޤާނޫނެއްގެ ދަށުން ޓެކްސް ދައްކާ އެއްވެސް ފަރާތަކުން ޓެކްސް ދެއްކުމުގައި މަކަރާއި ހީލަތް ހަދާފައިވާކަމަށް މީރާއަށް ޤަބޫލުކުރެވޭނަމަ، އެ ފަރާތުން މީރާއަށް ފައިސާ ދެއްކުމުގައި، ދައްކަންޖެހޭ މިންވަރަށްވުރެ އިތުރަށް ދައްކާފައިވާ ފައިސާ އަނބުރާ ނުދީ ހިފެހެއްޓުމުގެ އިޚްތިޔާރު މީރާއަށް ލިބިގެންވެއެވެ.
75. އަދަބު ލުއި ކޮށްދިނުން
(ހ) ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއަށް ފެނިއްޖެނަމަ އަދަބު ލުއިކޮށްދީ، އަދަބެއްގެ މައްސަލައެއް ފަސްކޮށްދީ ނުވަތަ ދެ މައްސަލައެއް އެއްކޮށްލައި ނުވަތަ އަދަބު އެއްކޮށް މަޢާފުކޮށްދިނުމަކީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއަށް އިޚްތިޔާރު ލިބިގެންވާ ކަންކަމެވެ.
(ށ) ޓެކުހުގެ ޤާނޫނަކަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ފުރަތަމަ 6 (ހައެއް) މަސްދުވަހަށް ނިސްބަތްވާ ކަންކަމަށް، ޓެކްސް ދައްކާ އެންމެހައި ފަރާތްތަކަށް އެއް އުސޫލަކުން، މަދަނީ އަދަބު ކަނޑަނާޅާ ދޫކޮށްލުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއަށް ލިބިގެންވެއެވެ.
76. ޓެކްސް ދަރަންޏަކަށްވުން
ޓެކްސްގެ ޤާނޫނެއްގެ ދަށުން މީރާއަށް ދައްކަންޖެހޭ ފައިސާއަކީ، އެ ފައިސާ ދެއްކުން ލާޒިމްވާ ވަގުތުން ފެށިގެން އެ ފައިސާ ނުލިބޭހާހިނދަކު، އެ ފައިސާ ދައްކަންޖެހޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ ދަރަންޏެކެވެ. އަދި ދަރަންޏަށްވާ ފައިސާ މި ޤާނޫނުގައިވާ ގޮތުގެމަތިން ދައުލަތަށް ހޯދުމުގެ ބާރު މީރާއަށް ލިބިގެންވެއެވެ.
77. މުއްދަތު އިތުރުކުރުމުގެ ބާރު
ޓެކްސް ޤާނޫނެއްގެ ދަށުން ލާޒިމްކުރާކަމެއް ކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި އެކަމެއް ނުކުރެވޭނެ ފަދަ މަޤުބޫލު އުޒުރެއް މެދުވެރިވެއްޖެނަމަ، މި ޤާނޫނުގެ ދަށުން ހެދޭ ގަވާއިދުގައިވާ ގޮތުގެމަތިން، އެކަންކުރުމަށް ދެވިފައިވާ މުއްދަތު އިތުރުކުރުމުގެ އިޚްތިޔާރު މީރާއަށް ލިބިގެންވެއެވެ.
78. ޓެކްސް ދައްކަންޖެހޭ ކުޑަކުދިންނާ ގުޅޭ ޒިންމާތައް
އެއްވެސް ޓެކްސް ޤާނޫނެއްގެ ދަށުން ޓެކްސް ދައްކަންޖެހޭ ފަރާތަކީ އުމުރުން 18 އަހަރު ނުފުރޭ ކުއްޖެއްނަމަ، ޓެކްސްގެ ޤާނުނުގެ ދަށުން އެފަރާތުން ދައްކަންޖެހޭ ޓެކްސްއާއި އަދި އެހެނިހެން ޒިންމާތަކާއި ޙަވާލުވާނީ މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ފަރާތުންނެވެ.
79. ޓެކްސް ދައްކާ ފަރާތް މަރުވުން ނުވަތަ އިފްލާސްކުރުން
ޓެކްސްގެ ޤާނޫނެއްގެ ދަށުން ޓެކްސް ދައްކަންޖެހޭ ފަރާތެއް މަރުވެއްޖެނަމަ، ނުވަތަ އިފްލާސްކޮށްފިނަމަ، ޓެކްސް ޤާނޫނުގެ ދަށުން އެފަރާތުން ދައްކަންޖެހޭ ޓެކްސްއާއި އެހެނިހެން ޒިންމާތަކާއި ޙަވާލުވާނީ މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ފަރާތުންނެވެ.
80. ކުށް ކުރުމަށް އެހީތެރިވުން
ޓެކްސް ނެގުމާބެހޭ އެއްވެސް ޤާނޫނެއްގައި ކުށެއްކަމަށް ކަނޑައެޅިފައިވާ ކަމެއް ކުރުމަށް އެހީތެރިވުން، ހިތްވަރުދިނުން، ތާއީދުކުރުން، ލަފާދިނުން، ބާރުއެޅުން، ނުވަތަ ނުފޫޒު ފޯރުވުން ފަދަ އެއްވެސްކަމެއް ކޮށްފިމީހާ މި ޤާނޫނުގެ ދަށުން ކުށްވެރިވާނެއެވެ.
81. މަސްއޫލިއްޔަތު އަދާކުރުމަށްދެވޭ މުއްދަތު އިތުރުކުރުން
އަމިއްލަ ބާރު ނުފޯރާފަދަ މަޤުބޫލު ސަބަބަކާހުރެ، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ އިޚްތިޞާޞްގައި ހިމެނޭ ކަންކަމުގައި، މި ޤާނޫނުން ދެވިފައިވާ މުއްދަތުގެ ތެރޭގައި ފުރިހަމަކުރަންޖެހޭ ކަމެއް ފުރިހަމަ ނުކުރެވިއްޖެނަމަ، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތަށް ހަދާފައިވާ ހުށަހެޅުމެއް ލުމުން، ޓެކްސް އެޕީލް ޓްރައިބިއުނަލުން މިފަދަ ކަންކަމަށް ދެވިފައިވާ މުއްދަތު އިތުރުކުރެވިދާނެއެވެ. ނޫނީ ޙާލަތަށް ބަލައި، ލަސްވި މުއްދަތު މަޢާފުކޮށްދެވިދާނެއެވެ.
82. މީރާއަށް ހުށަހަޅަންޖެހޭ ލިޔެކިއުންތައް
މި ޤާނޫނުގެ ދަށުން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅަންވާނީ މީރާއިން އެކަމަށް ކަނޑައަޅާފައިވާ ފޯމެއް ނުވަތަ ޑިޖިޓަލް ވަސީލަތެއް މެދުވެރިކޮށެވެ. އެނޫން ގޮތަކަށް ހުށަހަޅާ ލިޔުންތަކަކީ މި ޤާނޫނުގެ ދަށުން ހުށަހަޅާފައިވާ ލިޔުންތަކެއް ނޫންކަމަށް ބެލުމުގެ އިޚްތިޔާރު މީރާއަށް ލިބިގެންވެއެވެ.
82-1. ނުއުފުލޭ މުދަލާބެހޭ މަޢުލޫމާތު
(ހ) ނުއުފުލޭ މުދަލާބެހޭ ތިރީގައިވާ މަޢުލޫމާތު ހުށަހެޅުމަށް އެންގުމުގެ އިޚްތިޔާރު މީރާއަށް ލިބިގެންވެއެވެ.
(1) ނުއުފުލޭ މުދާ ކުއްޔަށް ހިފައިގެން އުޅޭ ނުވަތަ ބޭނުންކުރާ ކޮންމެ ފަރާތަކުން ނުވަތަ ކުރިން ކުއްޔަށްހިފި ނުވަތަ ބޭނުންކުރި ފަރާތަކުން، ކުއްޔަށްދިން ފަރާތާއެކު އެ ފަރާތުން އަނގަބަހުން ނުވަތަ ލިޔުމުން ވެފައިވާ އެއްބަސްވުންތައް ފަދަ މަޢުލޫމާތު؛
(2) ނުއުފުލޭ މުދަލެއް ކުއްޔަށް ހިފައިގެން އުޅޭ ނުވަތަ ކުރިން ކުއްޔަށް ހިފައިގެން އުޅުނު ފަރާތަކުން، ނުއުފުލޭ މުދަލުގެ ކުލީގެ ގޮތުގައި އެ ފަރާތުން ދައްކަންޖެހޭ ކުލި؛
(3) ނުއުފުލޭ މުދާ ބެލެހެއްޓުމަށް ނުވަތަ ކުލީގެ ގޮތުގައި ލިބޭ އާމްދަނީއާ ޙަވާލުވުމަށް ނުވަތަ ނުއުފުލޭ މުދާ ބޭނުންކޮށްގެން ލިބޭ އެހެނިހެން އާމްދަނީއާ ޙަވާލުވުމަށް ހުންނަ އޭޖެންޓެއްގެ ފަރާތުން، މި އަކުރުގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކުރާ މަޢުލޫމާތު.
(ށ) މި މާއްދާގެ ބޭނުމަށް، "ކުލި" ގެ މާނައިގެ ތެރޭގައި، އަންނަނިވި ޢަދަދުތައް ހިމެނެއެވެ.
(1) ނުއުފުލޭ މުދަލުން ކުލީގެ ގޮތުގައި ލިބޭ އެންމެހައި ފައިސާ؛ އަދި
(2) ސެކިއުރިޓީ ޑިޕޮސިޓް ނުވަތަ އެޑްވާންސަށް ދައްކާ ކުލި ނުވަތަ ނުއުފުލޭ މުދަލާ ގުޅިގެން އެނޫންވެސް ގޮތަކަށް ލިބޭ ފައިސާގެ ތެރެއިން، މުދާ ކުއްޔަށްދޫކުރާ ފަރާތަށް އެ ފައިސާގެ ބައެއް ނުވަތަ އެއްކޮށްވިޔަސް ބޭނުންކުރުމުގެ ޙައްޤު ލިބޭ ޓެކްސް އަހަރެއްގައި އެ ޙައްޤު ލިބުނު މިންވަރަކަށް؛ އަދި
(3) ކުއްޔަށްދޫކުރުމަށް ވެވޭ އެއްބަސްވުމުގައި ކުއްޔަށްހިފާ ފަރާތުގެ އިލްތިޒާމުތަކުގެ ތެރޭގައި ނުހިމެނޭ ކަމަކަށް، ކުއްޔަށްދޫކުރެވޭ މުދަލާ ގުޅިގެން ލިބޭ އެންމެހައި ފައިސާ؛ އަދި
(4) ނުއުފުލޭ މުދަލެއްގައި ހަރުކުރެވިފައިވާ އެއްވެސް އެއްޗަކާ ގުޅިގެން ލިބޭ ފައިސާ؛ އަދި
(5) ކުލި ނުދެއްކުމުގެ ސަބަބުން ލިބޭ ގެއްލުން ފޫބެއްދުމަށް ނަގާފައިވާ އިންޝުއަރެންސް ޕޮލިސީއެއްގެ ދަށުން ލިބޭ އެންމެހައި ފައިސާ؛ އަދި
(6) ކުއްޔަށްދޫކުރުމަށް ވެވޭ އެގްރީމަންޓާ ކުއްޔަށްހިފާ ފަރާތުން ޚިލާފުވުމުގެ ސަބަބުން ލިބޭ ފައިސާ.
82-2. ޓެކްސް ބަޔާނުގައި ހިމެނިފައިވާ ކުށެއް ރަނގަޅުކުރުން
(ހ) ޓެކްސް ބަޔާނެއް ހުށަހަޅާ ފަރާތުން ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ކަމަށް ޓެކްސް ބަޔާނުގައި ނުވަތަ އިޞްލާޙުކޮށްފައިވާ ޓެކްސް ބަޔާނުގައި ހިސާބުކޮށްފައިވާ ޢަދަދުގައި ނުވަތަ އެ ޢަދަދު ހިސާބުކުރުމުގައި، "އެރިތުމެޓިކް އެރަރ" އެއް ނުވަތަ "ޓައިޕޯގްރެފިކަލް އެރަރ" އެއް ނުވަތަ "އޮބްވިއަސް އެރަރ" އެއް ނުވަތަ "އޮބްވިއަސް އޮމިޝަން" އެއް އޮތްކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއަށް ޤަބޫލުކުރެވޭނަމަ އެ ކުށް ރަނގަޅުކުރުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުށެއް ރަނގަޅުކޮށްފިނަމަ އެކަން، ކުށް ރަނގަޅުކުރި ތާރީޚުން ފެށިގެން 5 (ފަހެއް) ދުވަހަށްވުރެ ދިގުނޫން މުއްދަތެއްގެ ތެރޭގައި، ޓެކްސް ދައްކާ ފަރާތަށް ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަންގަންވާނެއެވެ.
82-3. ޓެކްސް ބަޔާނެއް ރިވިއުކުރުމަށްފަހު ބަލައިގަތުން
އިޞްލާޙުކޮށްފައިވާ ޓެކްސް ބަޔާނެއް ހުށަހެޅުމުގެ ނަތީޖާއަކީ އިތުރަށް ޓެކްސް ދައްކާފައިވުން ކަމަށްވާނަމަ ނުވަތަ އެ ފަރާތުން ހުށަހަޅާފައިވާ ޓެކްސް ބަޔާނެއްގައި ދައްކަންޖެހޭ ޓެކުހުގެ ޢަދަދުގެ ގޮތުގައި ކަނޑައަޅާފައިވާ ޢަދަދު ކުޑަވުން ކަމަށްވާނަމަ ނުވަތަ ގެއްލުމުގެ ޢަދަދު ބޮޑުވުންކަމަށްވާނަމަ، އެ ޓެކްސް ބަޔާން ބަލައިގަތުމުގެ ކުރިން، ޓެކްސް ދައްކާ ފަރާތުގެ އޮޑިޓެއް ކުރުމުގެ އިޚްތިޔާރު މީރާއަށް ލިބިގެންވެއެވެ.
82-4. ޓެކްސް ބަޔާން އިޞްލާޙުކުރުމަށް ލިބިދީފައިވާ މުއްދަތު ހަމަވެފައިވާ ބަޔާނެއް ބަލައިގަތުމުގެ އިޚްތިޔާރު
(ހ) ޓެކްސް ޤާނޫނެއްގެ ދަށުން ޓެކްސް ބަޔާނެއް އިޞްލާޙުކުރުމަށް ލިބިދީފައިވާ މުއްދަތު ހަމަވެފައިވީ ނަމަވެސް، އެ ޓެކްސް ބަޔާން އިޞްލާޙުކުރުމުގެ ނަތީޖާއަކަށްވާނީ އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް ކަމުގައިވާނަމަ، އެ ޓެކްސް ބަޔާން އިޞްލާޙުކުރުމަށް ލިބިދީފައިވާ މުއްދަތުގެ ފަހުންވެސް، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ ހުއްދައާއެކު އެ ޓެކްސް ބަޔާން އިޞްލާޙުކުރެވިދާނެއެވެ.
(1) އެ މުއްދަތަށް އެ ފަރާތުން ދައްކަންޖެހޭ ޓެކުހުގެ ޢަދަދު ބޮޑުވުން؛
(2) އެ މުއްދަތުގައި އެ ފަރާތްތަކުންކުރެ ފަރާތަކަށް ވެފައިވާ ގެއްލުމުގެ ޢަދަދު ކުޑަވުން؛
(3) އެ މުއްދަތުގައި އެ ފަރާތަކަށް ލިބޭ ޓެކްސް ކްރެޑިޓްގެ ޢަދަދު ކުޑަވުން.
(ށ) ޓެކްސް ބަޔާން އިޞްލާޙުކުރުމަށް، އެ ޓެކްސް ބަޔާނަކާގުޅޭ ޓެކްސް ޤާނޫނެއްގައި ފުރުޞަތު ލިބިދީފައި ނުވާ ޓެކްސް ބަޔާންތަކަށް، މި މާއްދާގެ (ހ) ގައި ބަޔާންކުރާ އުސޫލެއް ނުހިނގާނެއެވެ.
83. ގަވާއިދު ހެދުމާއި ޤާނޫނަށް ޢަމަލުކުރަން ފެށުން
(ހ) މި ޤާނޫނުގައިވާ ކަންކަން ހިންގާ ބަލަހައްޓަނީ މީރާއިންނެވެ.
(ށ) މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ މި ޤާނޫނު ތަޞްދީޤުކުރާ ތާރީޚުން ފެށިގެންނެވެ.
(ނ) މި ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް މި ޤާނޫނު ތަޞްދީޤުކުރާ ތާރީޚުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި ހަދާ ނިންމަންވާނެއެވެ.
84. ޓެކްސް ރޫލިންގ
(ހ) މި މާއްދާގައި ބަޔާންކުރާ ދާއިރާގެ ތެރޭގައި، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއަށް ޓެކްސް ރޫލިންގ ނެރެވިދާނެއެވެ. އެގޮތުން ނެރޭ ޓެކްސް ރޫލިންގތަކަށް ޢަމަލުކުރުން، މީރާގެ މައްޗަށް ލާޒިމުވާނެއެވެ.
(ށ) ޓެކްސް ރޫލިންގއަކީ، ޓެކްސް ޤާނޫނާއި ގަވާއިދުތައް މާނަކުރުމުގައި މީރާއިން ޢަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމަށްޓަކައި ނުވަތަ ވަކި ބާވަތެއްގެ މުޢާމަލާތަކާ ގުޅިގެން ޓެކްސް ދެއްކުމުގައި ޢަމަލުކުރަންޖެހޭ ގޮތް ބަޔާންކުރުމަށްޓަކައި، ނުވަތަ ޓެކްސް ނެގުމާގުޅޭ އިދާރީ ކަންކަން ބަޔާންކޮށްދިނުމަށްޓަކައި ނެރޭ ރޫލިންގއެކެވެ. އެއްވެސް ޙާލެއްގައި، އެފަދަ ޓެކްސް ރޫލިންގއެއް، މި ޤާނޫނާއި ޓެކްސް ޤާނޫނުތަކާއި އެ ޤާނޫނުތަކުގެ ދަށުން ހަދާ ގަވާއިދުތަކުގެ ދާއިރާއަށްވުރެ ފުޅާވެގެންނުވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ނެރޭ ކޮންމެ ޓެކްސް ރޫލިންގއަކަށް ޢަމަލުކުރަން ފެށުމަށް، މަދުވެގެން 30 (ތިރީސް) ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ.
85. ވަޒަންވެރިވުން
"ދިވެހިރާއްޖޭގައި ވަޒަންވެރިވުން" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 25/2019 (އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު) ގައި އެ ޢިބާރާތަށް ދީފައިވާ މާނަކުރުމަށެވެ.
86. މާނަކުރުން
(ހ) މި ޤާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންނުކުރާހާ ހިނދަކު، އަންނަނިވި ޢިބާރާތްތަކާއި ލަފްޒުތަކަށް ދީފައި އެވަނީ، އެ ޢިބާރާތްތަކާއި ލަފްޒުތަކަށް ތިރީގައި ދީފައި އެވާ މާނަކުރުމެވެ.
(1) "ހުއްދަ ދެވިފައިވާ ފަރާތް" ނުވަތަ "ހުއްދަ ދީފައިވާ މީހަކު" ކަމަށް ބުނެފައި އެވަނީ، މި ޤާނޫނުގެ ބޭނުމަށް މީހެއްގެ ބަދަލުގައި އޭނާ ތަމްސީލުކުރުމުގެ ހުއްދަ ލިޔުމަކުން ލިބިފައިވާ މީހާއަށެވެ.
(2) "އާ އެކައުންޓު" ކަމުގައި ބުނެފައި އެވަނީ، ރިޕޯޓިންގ ފައިނޭންޝަލް އިންސްޓިޓިއުޝަންގައި ހުރި 1 ޖަނަވަރީ 2021 ގައި ނުވަތަ އޭގެ ފަހުން ހުޅުވާފައިވާ ފައިނޭންޝަލް އެކައުންޓުތަކަށެވެ.
(3) "ރިޕޯޓިންގ ފައިނޭންޝަލް އިންސްޓިޓިއުޝަން" ކަމުގައި ބުނެފައި އެވަނީ، ނޮން-ރިޕޯޓިންގ ފައިނޭންޝަލް އިންސްޓިޓިއުޝަނަކަށް ނުވާ، ދިވެހިރާއްޖޭގެ ކޮންމެ މާލީ އިދާރާއަކަށެވެ.
(4) "ބެނެފިޝަލް އޯނަރ" ކަމަށް ބުނެފައި އެވަނީ، މުދަލެއް ނުވަތަ ޚިދުމަތެއް ލިބިގަންނަ ފަރާތެއްގެ "އަލްޓިމޭޓް" މިލްކުވެރިކަން އޮތް ފަރުދަކަށް ނުވަތަ "އަލްޓިމޭޓް" ކޮންޓްރޯލް އޮތް ފަރުދަކަށް، ނުވަތަ ފަރުދެއްގެ ބަދަލުގައި އެހެން ފަރާތަކުން މުޢާމަލާތެއް ހިންގާނަމަ އެ ފަރުދަކަށެވެ. "ބެނެފިޝަލް އޯނަރ" ގެ މާނައިގެ ތެރޭގައި، ޤާނޫނީ ޝަޚްޞެއްގެ ނުވަތަ އިންތިޒާމެއްގެ "އަލްޓިމޭޓް އިފެކްޓިވް ކޮންޓްރޯލް" އޮންނަ ފަރާތްތައްވެސް ހިމެނެއެވެ.
(5) "ބޭރު ޤައުމެއް ނުވަތަ ސަރަޙައްދެއް" ކަމަށް ބުނެފައި އެވަނީ، ބޭރު ޤައުމުތަކާއި، ބޭރު ޤައުމުތަކުގެ ޤާނޫނީ ބާރު ހިނގާ ސަރަޙައްދުތައްވެސް ހިމެނޭގޮތުންނެވެ.
(6) "ބޯޑު" ކަމަށް ބުނެފައި އެވަނީ، މި ޤާނޫނުގެ 4 ވަނަ މާއްދާގެ ދަށުން އެކުލަވާލެވޭ މީރާގެ ޑިރެކްޓަރުންގެ ބޯޑަށެވެ.
(7) "ކަފާލާ" ކަމަށް ބުނެފައި އެވަނީ، ޓެކްސް ދައްކާ ފަރާތަކުން ދައްކަންޖެހި ނުދައްކައި ހުރި ފައިސާ ހޯދުމުގެ ގޮތުން މި ޤާނޫނުގެ 46 ވަނަ މާއްދާގައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށް މީރާއިން ޢައްޔަންކުރާ މީހަކަށެވެ.
(8) "ކުންފުނިތަކުގެ ގްރޫޕް" ކަމަށް ބުނެފައި އެވަނީ، ހޯލްޑިންގ ކުންފުންޏާއި ސަބްސިޑިއަރީ ކުންފުނިތައް ހިމެނޭ ގްރޫޕަކަށެވެ.
(9) "ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން" ކަމަށް ބުނެފައި އެވަނީ، މި ޤާނޫނުގެ 8 ވަނަ މާއްދާގެ ދަށުން މީރާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް މި ޤާނޫނުގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ މީހާއަށެވެ.
(10) "ކޮމަން ރިޕޯޓިންގ ސްޓޭންޑަޑް" ކަމަށް ބުނެފައި އެވަނީ، އޯ.އީ.ސީ.ޑީއިން ޝާއިޢުކޮށްފައިވާ، "ސްޓޭންޑަޑް ފޮރ އޮޓޮމެޓިކް އެކްސްޗޭންޖް އޮފް ފައިނޭންޝަލް އެކައުންޓް އިންފޮމޭޝަން އިން ޓެކްސް މެޓަރޒް (ސެކަންޑް އެޑިޝަން)" ގެ ބާބު B ގައި ބަޔާންކޮށްފައިވާ ކޮމަން ރިޕޯޓިންގ ސްޓޭންޑަޑް އަދި އެއަށް ގެނެވޭ އެންމެހައި އިޞްލާޙުތަކަށެވެ.
(11) "ކޮމްޕިޓެންޓް އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ދިވެހިސަރުކާރާއި ބޭރު ޤައުމެއްގެ ނުވަތަ ސަރަޙައްދެއްގެ ސަރުކާރަކާއެކު ނުވަތަ ސަރުކާރުތަކަކާއެކު ވެވޭ އެއްބަސްވުމެއްގައިނަމަ،
އެ އެއްބަސްވުމުގައި ކޮމްޕިޓެންޓް އޮތޯރިޓީކަމަށް ބަޔާންކޮށްފައިވާ ފަރާތަށެވެ.
(12) "އަލްޓިމޭޓް ކޮންޓްރޯލް" ނުވަތަ "އަލްޓިމޭޓް އިފެކްޓިވް ކޮންޓްރޯލް" އޮތުން ކަމަށް ބުނެފައި އެވަނީ، "އޯނަރޝިޕް ޗެއިން" އެއްގެ ތެރެއިން މިލްކުވެރިކަން ނުވަތަ ކޮންޓްރޯލް އޮންނަ، ނުވަތަ ސީދާގޮތުން ކޮންޓްރޯލްކުރުން ފިޔަވައި އެހެން ގޮތަކުން ކޮންޓްރޯލް އޮންނަ ޙާލަތްތަކަށެވެ.
(13) "މިނިސްޓަރ" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މާލިއްޔަތުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާ ވުޒާރާގެ ވަޒީރަށެވެ.
(14) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މާލިއްޔަތުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާ ވުޒާރާއަށެވެ.
(15) "ފަރާތް" ކަމަށް ބުނެފައި އެވަނީ، ފަރުދުންނާއި ކުންފުނިތަކާއި ޕާޓްނަރޝިޕްތަކާއި ކޯޕަރޭޓިވް ސޮސައިޓީތަކާއި ޓްރަސްޓުތަކާއި ޖަމްޢިއްޔާތައްވެސް ހިމެނޭގޮތުންނެވެ.
(16) "ތިމާގެ މީހާ" ކަމަށް އެއްވެސް ޓެކްސް ޤާނޫނެއްގައި ބުނެފައި އެވަނީ:
(i) އެ މީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާ؛ ނުވަތަ
(ii) މާމަ، ކާފަ، މަންމަ، ބައްޕަ، ދަރިއެއް، އެއްބަނޑުއެއްބަފާ މީހެއް، އެއްބަނޑު ނުވަތަ އެއްބަފާ މީހެއް.
(17) "ލިޔެކިޔުންތައް" ކަމަށް ބުނެފައި އެވަނީ، އެއްވެސް ކަހަލަ މަޢުލޫމާތެއް އެކުލެވިގެންވާ ކޮންމެ އެއްޗަކަށެވެ.
(18) "ގުޅުންހުރި ފަރާތް" ކަމަށް އެއްވެސް ޓެކްސް ޤާނޫނެއްގައި ބުނެފައި އެވަނީ:
(i) އެ ފަރާތެއްގެ އެއްވެސް ތިމާގެ މީހެއް؛
(ii) ކުންފުނިތަކުގެ ގްރޫޕެއްގައި ހިމެނޭ އެހެން ކުންފުންޏެއް؛
(iii) އެ ފަރާތަކާއެކު ޕާޓްނަރޝިޕެއްގައި ހިމެނޭ ފަރާތެއް؛
(iv) އެ ފަރާތަކީ، އެ ކުންފުނީގެ އެއްވެސް ޙިއްޞާއެއް ނުވަތަ ޒިންމާއެއްގައި އެއްވެސް މަޞްލަޙަތެއް ލިބިފައިވާ މީހެއްނަމަ، އެ ޙިއްޞާތަކާ މަސްއޫލިއްޔަތުގައި މަޞްލަޙަތެއް ލިބިފައިވާ އެހެން އެއްވެސް ފަރާތެއް، މިއެވެ.
(19) "ޓެކްސް އެގްޒެމިނޭޝަން" ކަމަށް ބުނެފައި އެވަނީ، ކޮންވެންޝަން އޮން މިއުޗުއަލް އެޑްމިނިސްޓްރޭޓިވް އެސިސްޓަންސް އިން ޓެކްސް މެޓަރޒް ގެ 9 ވަނަ އަރޓިކަލްގެ ދަށުން ޓެކްސް ދައްކާ ފަރާތެއްގެ ޓެކުހާބެހޭ ކަންތައްތައް ބަލައިހޯދުމުގެ ގޮތުން ކުރެވޭ މަސައްކަތަށެވެ.
(20) "ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުން" ކަމަށް ބުނެފައި އެވަނީ، އެއްވެސް ޓެކްސް ޤާނޫނެއްގެ ދަށުން ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުމަށެވެ.
(21) "ޓެކްސް ދައްކާ ފަރާތް" ކަމަށް ބުނެފައި އެވަނީ، އެ ފަރާތެއްގެ މައްޗަށް ޓެކުހާބެހޭ ޤާނޫނެއް ހިނގާ ކޮންމެ ފަރާތަކަށެވެ.
(22) "ޓެކްސް ޤާނޫނު" ކަމަށް ބުނެފައި އެވަނީ، މި ޤާނޫނު އަދި ޓެކްސް ނެގުމާބެހޭ އެންމެހައި ޤާނޫނުތަކަށެވެ.
(23) "ޓެކްސް ބަޔާން" ކަމަށް ބުނެފައި އެވަނީ، ޓެކްސް ޤާނޫނެއްގެ ދަށުން ހުށަހަޅަންޖެހޭ ބަޔާނާއި އެ ބަޔާނާއެކީ ހުށަހަޅަންޖެހޭ ލިޔެކިޔުންތަކަށެވެ.
(24) "ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން" ކަމަށް ބުނެފައި އެވަނީ، މީރާގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް މި ޤާނޫނުގެ 8 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ފަރާތަށެވެ.
(ށ) ޓެކްސް ޤާނޫނެއްގައި ބޭނުންކޮށްފައިވާ އެއްވެސް ބަހެއް އަދި އެއްވެސް ޢިބާރާތެއް، އެ ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މާނަކުރެވޭނީ މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށެވެ.