ޤާނޫނާއި ގަވާއިދު

×

ޓްރާންސްފަރ ޕްރައިސިންގ ގަވާއިދު

2020/R-43

ނެރުނު ތާރީޚް: 10 ޖޫން 2020
ޑައުންލޯޑް: | އިނގިރޭސި | ދިވެހި |

1. ތަޢާރުފާއި ނަން

(ހ) މިއީ ޤާނޫނު ނަންބަރު 25/2019 (އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު) ގެ 68 ވަނަ މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރާއި، އެ ޤާނޫނުގެ 76 ވަނަ މާއްދާގެ (ށ) ގެ ދަށުން މީރާގެ ބޯޑަށް ލިބިދޭ އިޚްތިޔާރުގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ޓްރާންސްފަރ ޕްރައިސިންގ ގަވާއިދު" އެވެ.

2. މަޤްޞަދު

މި ގަވާއިދުގެ މަޤްޞަދަކީ، ފުރިހަމަ ގޮތުގައި ޤާނޫނުގެ 68 ވަނަ މާއްދާ ތަންފީޒުކުރެވޭނެ ގޮތް މަގުފަހިކުރުމާއި، އެ މާއްދާ އެ ފަރާތްތަކެއްގެ މައްޗަށް ހިނގާ ފަރާތްތަކުން ޢަމަލުކުރަންވާނެ ގޮތް ކަނޑައެޅުމާއި، އެ މާއްދާގައިވާ ކަންކަން ތަންފީޒުކުރުމަށް ބޭނުންވާ އުސޫލުތަކާއި ހަމަތައް ކަނޑައެޅުމެވެ.

3. ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭޝަން ތައްޔާރުކުރުން

ޤާނޫނުގެ 68 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭޝަން ތައްޔާރުކުރަންވާނީ އަންނަނިވި ގޮތުގެ މަތިންނެވެ.  

(ހ) މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ މަޢުލޫމާތު، ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތަކާ ގުޅޭގޮތުން، ނުވަތަ ފަރާތްތަކާ ގުޅޭގޮތުން،  ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭޝަންގައި ހިމަނަންވާނެއެވެ.

(1) ޤާނޫނުގެ 68 ވަނަ މާއްދާ ރައްދުވާ މުޢާމަލާތް ނުވަތަ އިންތިޒާމު؛

(2) މި މާއްދާގެ (ހ) ގެ (1) ގައި ބަޔާންކޮށްފައިވާ މުޢާމަލާތް ނުވަތަ އިންތިޒާމު ރައްދުވާ ފަރާތް؛ 

(3) މި މާއްދާގެ (ހ) ގެ (1) ގައި ބަޔާންކޮށްފައިވާ މުޢާމަލާތް ނުވަތަ އިންތިޒާމު ރައްދުވާ ފަރާތް ނިސްބަތްވާ ގުރޫޕު.

(ށ) ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭޝަން ތައްޔާރުކޮށް ނިމުނު ތާރީޚު، ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭޝަންގައި ބަޔާންކުރަންވާނެއެވެ.

(ނ) ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭޝަން ތައްޔާރުކުރަންވާނީ ދިވެހިބަހުން ނުވަތަ އިނގިރޭސި ބަހުންނެވެ.

(ރ) ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭޝަން ނިސްބަތްވާ ހިސާބުކުރާ މުއްދަތު، ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭޝަންގައި ބަޔާންކުރަންވާނެއެވެ.

4. ކޮލިފައިންގ ޕާސްޓް ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭޝަން

(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ރައްދުވާ ފަރާތަކުން "ކޮލިފައިންގ ޕާސްޓް ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭޝަން" ތައްޔާރުކޮށްފައިވާނަމަ، މި ގަވާއިދުގައި "ސަބްޖެކްޓް ޓްރާންޒެކްޝަން" އެއް ކަމުގައި ބުނެފައިވާ މުޢާމަލާތަކާ ނުވަތަ އިންތިޒާމަކާ ގުޅިގެން އެ ފަރާތަކުން ތައްޔާރުކުރާ ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭޝަންގައި އަންނަނިވި ހުރިހައި ޝަރުޠެއް ފުރިހަމަވާންވާނެއެވެ.

(1) މި ގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވުން؛ އަދި

(2) ކޮލިފައިންގ ޕާސްޓް ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭޝަން އެ ފަރާތުން ތައްޔާރުކޮށްފައިވާ ކަމަށް ބަޔާންކޮށް އިޤުރާރެއް ހިމެނުމާއެކު، އެ ކޮލިފައިންގ ޕާސްޓް ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭޝަންގެ ކޮޕީއެއް ހިމަނައިފައިވުން.

(ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އިޤުރާރަކީ ކޮލިފައިންގ ޕާސްޓް ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭޝަނެއް ނޫނެވެ.

5. ކޮލިފައިންގ ޕާސްޓް ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭޝަން މާނަކުރުން

(ހ) މި ގަވާއިދުގައި "ކޮލިފައިންގ ޕާސްޓް ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭޝަން" ކަމުގައި ބުނެފައި އެވަނީ، ރައްދުވާ ފަރާތަކުން ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭޝަން ތައްޔާރުކުރާ މުޢާމަލާތް (ސަބްޖެކްޓް ޓްރާންޒެކްޝަން) ކުރާ ގުޅުންހުރި ފަރާތާއެކު، ފައިބެ ހިސާބުކުރާ މުއްދަތަށް މުޢާމަލާތަކާ ނުވަތަ އިންތިޒާމަކާ ގުޅިގެން ތައްޔާރުކޮށްފައިވާ ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭޝަންއަށެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކޮލިފައިންގ ޕާސްޓް ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭޝަންގައި، މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެންމެހައި ޝަރުޠުތައް ފުރިހަމަވާންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ފައިބެ ހިސާބުކުރާ މުއްދަތަށް ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭޝަން ތައްޔާރުކޮށްފައި ނުވާނަމަ، ނުވަތަ ފައިބެ ހިސާބުކުރާ މުއްދަތަށް ތައްޔާރުކޮށްފައިވާ ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭޝަންގައި މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތަކުގެ ތެރެއިން އެއްވެސް ޝަރުޠެއް ފުރިހަމަ ނުވާނަމަ، "ކޮލިފައިންގ ޕާސްޓް ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭޝަން" ކަމުގައި ބުނެފައި އެވަނީ،  ރައްދުވާ ފަރާތަކުން، ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭޝަން ތައްޔާރުކުރާ މުޢާމަލާތް (ސަބްޖެކްޓް ޓްރާންޒެކްޝަން) ކުރާ ގުޅުންހުރި ފަރާތާއެކު، ފައިބެ ހިސާބުކުރާ މުއްދަތުގެ ކުރިން ވިދިގެން ނިމުނު ހިސާބުކުރާ މުއްދަތަށް މުޢާމަލާތަކާ ނުވަތަ އިންތިޒާމަކާ ގުޅިގެން ތައްޔާރުކޮށްފައިވާ ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭޝަންއަށެވެ.

(ރ) މި މާއްދާގެ (ނ) ރައްދުވާ ޙާލަތުގައި ވެސް މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ ޝަރުޠުތައް ފުރިހަމަވާންވާނެއެވެ. 

6. ކޮލިފައިން ޕާސްޓް  ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭޝަންގެ ޝަރުޠުތައް       

މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ކޮލިފައިންގ ޕާސްޓް ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭޝަންގައި، އަންނަނިވި ޝަރުޠުތައް ފުރިހަމަވާންވާނެއެވެ.

(ހ) މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ހ) އާއި، (ށ) އާއި، (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ ގޮތަށް ތައްޔާރުކޮށްފައި ހުރުން؛

(ށ) އެ ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭޝަން ތައްޔާރުކުރެވުނު މުޢާމަލާތަކީ، ސަބްޖެކްޓް ޓްރާންޒެކްޝަންއާ އެއް ބާވަތެއްގެ މުޢާމަލާތެއް ނުވަތަ އިންތިޒާމެއް ކަމުގައި ވުން؛ 

(ނ) އެ ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭޝަންގައި ތިރީގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅިގެން ބަޔާންކޮށްފައިވާ މަޢުލޫމާތަކީ، ސަބްޖެކްޓް ޓްރާންޒެކްޝަންއާ ގުޅިގެން ތިރީގައިވާ ކަންކަމުގައި ބަޔާންކުރާނެ މަޢުލޫމާތު ކަމުގައި ވާންވާނެއެވެ.

(1) ދެ ފަރާތުގެ ދެމެދުގައިވާ މާލީ ގުޅުންތަކާއި ވިޔަފާރީގެ ގުޅުންތައް؛

(2) ދެ ފަރާތުގެ ދެމުދުގައި އެއްބަސްވެފައިވާ ކަންކަމާއި، ކަނޑައަޅައިފައިވާ ޝަރުޠުތައް؛

(3) މުޢާމަލާތުގައި ނުވަތަ އިންތިޒާމުގައި ބޭނުންކޮށްފައިވާ ޓްރާންސްފަރ ޕްރައިސިންގ މެތަޑްތައް؛

(4) މުޢާމަލާތުގައި ނުވަތަ އިންތިޒާމުގައި ބޭނުންކޮށްފައިވާ، ޤާނޫނުގެ 79 ވަނަ މާއްދާގެ (ޑ) ގައި މާނަކޮށްދީފައިވާ އާމްސް ލެންތުގެ އުސޫލުތައް.

7. އިސްތިސްނާތައް

އަންނަނިވި ޙާލަތްތަކުގައި، ރައްދުވާ ފަރާތަކުން ގުޅުންހުރި ފަރާތަކާއެކު ކުރާ މުޢާމަލާތަކާ ނުވަތަ އިންތިޒާމަކާ ގުޅިގެން ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭޝަން ތައްޔާރުކުރަން ލާޒިމެއް ނޫނެވެ.

(ހ) އެ މުޢާމަލާތަކީ ނުވަތަ އިންތިޒާމަކީ އަންނަނިވި ހުރިހައި ޝަރުޠުތައް ހަމަވާ މުޢާމަލާތަކަށް ނުވަތަ އިންތިޒާމަކަށްވުން:

(1) ރައްދުވާ ފަރާތަކީ، އަންނަނިވި މުއްދަތުތަކުގައި، ޤާނޫނު ނަންބަރު 6/2013 (ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން އެންމެ ކުދި، ކުދި ނުވަތަ މެދު ފަންތީގެ ވިޔަފާރިއެއްގެ ގޮތުގައި ގިންތިކުރެވޭ ފަރާތެއް ކަމުގައި ވުން؛

(i) އެ މުޢާމަލާތް ނިސްބަތްވާ ހިސާބުކުރާ މުއްދަތު؛

(ii) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ (i) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މުއްދަތު ފެށުމުގެ ކުރިން ވިދިގެން ނިމިފައިވާ ހިސާބުކުރާ މުއްދަތު (މީގެ ފަހުން ފައިބެ ހިސާބުކުރާ މުއްދަތު)؛

(iii) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ (ii) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މުއްދަތު ފެށުމުގެ ކުރިން ވިދިގެން ނިމިފައިވާ ހިސާބުކުރާ މުއްދަތު (މީގެ ފަހުން ފައިބެ ހިސާބުކުރާ މުއްދަތުގެ ކުރިން ފާއިތުވެދިޔަ ހިސާބުކުރާ މުއްދަތު).

(2) ޤާނޫނުގެ 68 ވަނަ މާއްދާގެ ދަށުން، އަންނަނިވި ކޮންމެ މުއްދަތަކަށް ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭޝަން ތައްޔާރުކުރަން ޖެހުން؛

(i) ފައިބެ ހިސާބުކުރާ މުއްދަތު؛

(ii) ފައިބެ ހިސާބުކުރާ މުއްދަތުގެ ކުރިން ފާއިތުވެދިޔަ ހިސާބުކުރާ މުއްދަތު.

(ށ) ލޯނުގެ މުޢާމަލާތަކަށް ނުވާ، އަދި އަންނަނިވި ހުރިހައި ޝަރުޠުތައް ފުރިހަމަވާ މުޢާމަލާތަކަށް ވުން؛

(1) މުޢާމަލާތުގެ ކޮންމެ ބައިވެރިއަކީ ދިވެހިރާއްޖޭގައި އިންކޯޕަރޭޓް ކޮށްފައިވާ ފަރާތަކަށް ވުން ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ފަރާތަކަށް ވުން ނުވަތަ ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތަކަށް ވުން؛

(2) މުޢާމަލާތުގެ ބައިވެރިންގެ ތެރެއިން ފުރަތަމަ ފަރާތަށް އެ މުޢާމަލާތުން ލިބޭ އާމްދަނީއަކީ، ޤާނޫނުގެ ދަށުން ޓެކްސް ނަގާ އާމްދަނީއެއް ކަމުގައި ވުން؛

(3) ދެވަނަ ފަރާތުން ފުރަތަމަ ފަރާތަށް ދައްކާފައިވާ ނުވަތަ ދައްކަންޖެހޭ ފައިސާ، ދެވަނަ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އުނިކުރެވެނީ، މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އާމްދަނީން ފުރަތަމަ ފަރާތުން ޓެކްސް ދައްކަންޖެހޭ ރޭޓުގައި ދެވަނަ ފަރާތުން ޓެކްސް ދައްކަންޖެހޭ އާމްދަނީން އެކަނި ކަމުގައި ވުން؛   

(ނ) ލޯނުގެ މުޢާމަލާތަކަށް ނުވާ، އަދި އަންނަނިވި ހުރިހައި ޝަރުޠުތައް ފުރިހަމަވާ މުޢާމަލާތަކަށް ވުން؛

(1) މުޢާމަލާތުގެ ކޮންމެ ބައިވެރިއަކީ ދިވެހިރާއްޖޭގައި އިންކޯޕަރޭޓް ކޮށްފައިވާ ފަރާތަކަށް ވުން ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ފަރާތަކަށް ވުން ނުވަތަ ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތަކަށް ވުން؛

(2) މުޢާމަލާތުގެ ބައިވެރިންގެ ތެރެއިން ފުރަތަމަ ފަރާތަށް، އެ މުޢާމަލާތުން ލިބޭ އާމްދަނީއަކީ ޤާނޫނުގެ ދަށުން އިސްތިސްނާ އާމްދަނީ ކަމުގައި ކަނޑައަޅައިފައިވާ އާމްދަނީއަކަށް ވުން؛

(3) ދެވަނަ ފަރާތުން ފުރަތަމަ ފަރާތަށް ދައްކާފައިވާ ނުވަތަ ދައްކަންޖެހޭ ފައިސާއަކީ ދެވަނަ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އުނިނުކުރެވޭ ޢަދަދެއް ކަމުގައި ވުން، ނުވަތަ އުނިކުރެވޭނީ ދެވަނަ ފަރާތަށް ލިބޭ އިސްތިސްނާ އާމްދަނީއަކުން އެކަނި ކަމުގައި ވުން؛

(ރ) މުޢާމަލާތަކީ، ގުޅުންހުރި ފަރާތަކަށް ދީފައިވާ، ނުވަތަ ގުޅުންހުރި ފަރާތަކުން ނަގައިފައިވާ އަންނަނިވި ހުރިހައި ޝަރުޠުތައް ފުރިހަމަވާ ލޯނުގެ މުޢާމަލާތަކަށް ވުން؛

(1) މުޢާމަލާތުގެ ކޮންމެ ބައިވެރިއަކީ ދިވެހިރާއްޖޭގައި އިންކޯޕަރޭޓް ކޮށްފައިވާ ފަރާތަކަށް ވުން ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ފަރާތަކަށް ވުން ނުވަތަ ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތަކަށް ވުން؛

(2) ލޯނު ދޭ ފަރާތަކީ ދިވެހިރާއްޖޭގައި "ބޮރޮވިންގ އެންޑް ލެންޑިންގ" ގެ ވިޔަފާރިކުރާ ފަރާތެއްކަމުގައި ނުވުން؛

(ބ) ލޯނު ދޫކުރި ނުވަތަ ލޯނު ނެގި އަހަރުގެ "އިންޑިކެޓިވް މާޖިން ރޭޓް" ބޭނުންކުރުމަށް މުޢާމަލާތުގެ ބައިވެރިން އެއްބަސްވާ އަދި ލޯނުގެ މިންވަރު -/15,000,000 (ފަނަރަ މިލިއަން) ރުފިޔާއަށްވުރެ އިތުރުނުވާ ލޯނުގެ މުޢާމަލާތަކަށް ވުން؛

(ޅ) މުޢާމަލާތަކީ، ޢާންމުކޮށް ދޭ ސަޕޯޓް ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ، އަދި އަންނަނިވި ހުރިހާ ޝަރުޠުތަކެއް ފުރިހަމަވާ މުޢާމަލާތަކަށް ވުން؛

(1) ޚިދުމަތް ދިނުމަށް ހިނގި ޚަރަދަށް އިތުރުކުރެވިފައިވަނީ %5 (ފަހެއް އިންސައްތަ) ގެ "މާކް-އަޕެއް" ކަމުގައި ވުން؛ 

(2) އެ ޚިދުމަތަކީ، ހަމައެކަނި އެ ޚިދުމަތް ފޯރުވައިދޭ ފަރާތް ނިސްބަތްވާ ގުރޫޕުގައި ހިމެނޭ ފަރާތްތަކަށް އެކަނި ފޯރުކޮށްދޭ ޚިދުމަތަކަށް ވުން؛ 

(ކ) މި މާއްދާގެ (ށ) ނުވަތަ (ނ) ނުވަތަ (ރ) ނުވަތަ (ބ) ނުވަތަ (ޅ) ރައްދުވާ މުޢާމަލާތްތައް ފިޔަވައި، ގުޅުންހުރި ފަރާތްތަކާ އެކު ޓެކްސް އަހަރުގައި ކޮށްފައިވާ އެންމެހައި މުޢާމަލާތްތަކުގެ ޖުމްލަ، -/5,000,000 (ފަސް މިލިއަން) ރުފިޔާއަށްވުރެ އިތުރުނުވުން؛

8. މާނަކުރުންތައް

މި ގަވާއިދުގައި ކަނޑައެޅިގެން އެހެންގޮތަކަށް ބުނެފައިނުވާހައި ހިނދަކު:

(ހ) "އިންޑިކެޓިވް މާޖިން" ކަމަށް ބުނެފައި އެވަނީ، ގުޅުންހުރި ފަރާތްތަކުގެ މެދުގައި ކުރެވޭ ލޯނުގެ މުޢާމަލާތްތަކުގެ އިންޓްރެސްޓް ކަނޑައެޅުމުގައި ބޭނުންކުރުމަށް، މީރާގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ އިންޑިކެޓިވް މާޖިންއަށެވެ. 

(ށ) "ރައްދުވާ ފަރާތް" ކަމަށް ބުނެފައި އެވަނީ، ޤާނޫނުގެ 68 ވަނަ މާއްދާގެ ދަށުން، ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭޝަން ތައްޔާރުކުރަންޖެހޭ ފަރާތަށެވެ. 

(ނ) "ރައްދުވާ ފަރާތް ނިސްބަތްވާ ގުރޫޕު" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ފަރާތްތައް ވެސް ހިމެނޭ ގޮތުން، ގުޅުންހުރި ފަރާތްތަކުގެ މައްޗަށް އެކުލެވިގެންވާ ގުރޫޕަކަށެވެ.

(1) ރައްދުވާ ފަރާތް؛

(2) ރައްދުވާ ފަރާތަކީ ޕާޓްނަރޝިޕެއްނަމަ، އެ ޕާޓްނަރޝިޕްގެ ޕާޓްނަރުން؛

(3) ރައްދުވާ ފަރާތަކީ ޓްރަސްޓެއްނަމަ، އެ ޓްރަސްޓުގެ ޓްރަސްޓީން؛

(ރ) " ޢާންމުކޮށް ދޭ ސަޕޯޓް ޚިދުމަތް" ތަކަކީ، އަންނަނިވި ޝަރުޠުތައް ފުރިހަމަވާ، އަދި އެ ފަރާތުގެ މައިގަނޑު ވިޔަފާރީގެ ބައެއްކަމުގައި ނުހިމެނޭ، "ސަޕޯޓިވް ނޭޗަރ" ގެ ޚިދުމަތްތަކުގެ ތެރެއިން، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ޚިދުމަތްތަކެވެ.

(1) އެ ޚިދުމަތް ފޯރުވައި ދިނުމަށް ޚާއްޞަ މުދަލެއް ނުވަތަ އަގުހުރި ޣައިރު މާއްދީ މުދަލެއް ބޭނުންކުރަން ނުޖެހުން އަދި އެ ޚިދުމަތުގެ ސަބަބުން އެފަދަ ޣައިރު މާއްދީ މުދަލެއް އުފެދިގެން ނުދިއުން؛ އަދި

(2) ރައްދުވާ ފަރާތުން ސިގްނިފިކަންޓް ރިސްކެއް ނަގަންޖެހޭ ފަދަ ޙާލަތެއް މެދުވެރި ނުވުން އަދި އެފަދަ ރިސްކެއް ކޮންޓްރޯލްކުރަންޖެހޭ ފަދަ ޙާލަތެއް މެދުވެރި ނުވުން.

(ބ) "ޓްރާންސްފަރ ޕްރައިސިންގ މެތަޑް" ކަމަށް ބުނެފައި އެވަނީ، އާމްސް ލެންތު އަގު ކަނޑައެޅުމަށް ބޭނުންކުރާ އަންނަނިވި މެތަޑްތަކުގެ ތެރެއިން މެތަޑަކަށެވެ.

(1) "ކޮމްޕްރަބަލް އަންކޮންޓްރޯލްޑް ޕްރައިސް (ކަޕް) މެތަޑް": ކޮންޓްރޯލް އޮތް މުޢާމަލާތެއްގައި މުދަލެއް ނުވަތަ ޚިދުމަތެއް ފޯރުވައިދިން އަގު، އަޅައިކިއޭ ޙާލަތެއްގައި އެކަމަކު ކޮންޓްރޯލް ނެތް މުޢާމަލާތެއްގައި ދެވޭނެ އަގާ އަޅާކިއާ ޓްރާންސްފަރ ޕްރައިސިންގ މެތަޑް؛ 

(2) "ކޯސްޓް ޕްލަސް މެތަޑް": ކޮންޓްރޯލް އޮތް މުޢާމަލާތެއްގައި، މުދަލެއް ނުވަތަ ޚިދުމަތެއް ދިނުމަށް ހިނގި ޚަރަދުތަކުގެ މަޢުލޫމާތު ބޭނުންކުރާ ޓްރާންސްފަރ ޕްރައިސިންގ މެތަޑް. މި މެތަޑުގައި، ފަންކްޝަންތަކާއި މާކެޓް ކަންޑިޝަންތަކަށް ބިނާކޮށް (ބޭނުންކުރި އެސެޓްތަކާއި ނެގި ރިސްކްތަކަށް ބަލައިގެން) އެކަށީގެންވާ ފައިދާއެއް އިތުރުކުރާނީ ހިނގި ޚަރަދަށް މިންވަރެއް (މާކް-އަޕް) އިތުރުކޮށްގެންނެވެ. ކޮންޓްރޯލް އޮތް މުޢާމަލާތަކަށް، މިގޮތަށް މިންވަރެއް އިތުރުކޮށްގެން އަންނަ ޢަދަދަކީ، އެ މުޢާމަލާތުގެ އާމްސް ލެންތު އަގެއް ކަމުގައި ބެލިދާނެއެވެ.

(3) "ރީސޭލް ޕްރައިސް މެތަޑް": ގުޅުންހުރި ފަރާތެއްގެ އަތުން ގަތް މުދަލެއް، ގުޅުން ނެތް ފަރާތަކަށް ވިއްކާ އަގު އަސާސްއަކަށް ބަލާ ޓްރާންސްފަރ ޕްރައިސިންގ މެތަޑް. މި މެތަޑުގައި، ގުޅުން ނެތް ފަރާތަށް ވިއްކާ އަގުން، "ރީސޭލް ޕްރައިސް މާޖިން" އަދި އެ މުދަލެއް ގަތުމަށް ހިނގި އެހެނިހެން ޚަރަދުތައް (މިސާލަކަށް، ކަސްޓަމް ޑިއުޓީ) އުނިކުރުމުން އޮންނަ ޢަދަދަކީ، ގުޅުންހުރި ފަރާތުން އެ މުދަލެއް ގަތުމަށް ކުރި މުޢާމަލާތުގެ އާމްސް ލެންތު އަގެއް ކަމުގައި ބެލިދާނެއެވެ.

(4) "ޕްރޮފިޓް ސްޕްލިޓް މެތަޑް": ކޮންޓްރޯލް އޮތް މުޢާމަލާތެއްގައި، ގުޅުންހުރި ފަރާތްތަކުގެ މެދުގައި ބަހައިލާނެ ޖުމްލަ ފައިދާ ކަނޑައަޅައި، އަދި އިޤްތިޞާދީ ގޮތުން އެކަށީގެންވާ އަސާސަކަށް ބިނާކޮށް (އާމްސް ލެންތު އެއްބަސްވުމެއްގައި ވެސް އެ ފައިދާ ބެހުމަށް ކަނޑައަޅާނެ މިންވަރުކަމަށް އަންދާޒާކުރެވޭ މިންވަރަށް) އެ ފައިދާ ބަހައިލެވޭ ޓްރާންޒެކްޝަނަލް ޕްރޮފިޓް މެތަޑް.

(5) "ޓްރާންޒެކްޝަނަލް ނެޓް މާޖިން މެތަޑް": ކޮންޓްރޯލް އޮތް މުޢާމަލާތެއްގައި، އެކަށީގެންވާ އަސާސްއަކަށް ބިނާކޮށް (މިސާލަކަށް، ޚަރަދު، ސޭލްސް، އެސެޓްތައް)، ޓެކްސް ދައްކާ ފަރާތަށް ލިބޭ ނެޓް ޕްރޮފިޓް މާޖިން ބަލާ ޓްރާންޒެކްޝަނަލް ޕްރޮފިޓް މެތަޑް.

(6) "އަދަރ ސަޗް މެތަޑް": ދެއްކި އަގު ނުވަތަ ދައްކަންޖެހޭ އަގު، ގުޅުން ނެތް ފަރާތްތަކެއްގެ މެދުގައި ހަމަ އެފަދަ ޙާލަތެއްގައި، ރިޢާޔަތްކުރަންޖެހޭ އެންމެހައި ކަންކަމަށް ރިޢާޔަތްކުރުމަށްފަހު، އެފަދަ މުޢާމަލާތެއްގައި ދައްކާނެ ނުވަތަ ދައްކަންޖެހޭނެ އަގަށް ރިޢާޔަތްކުރެވޭ، މީރާއިން ހުއްދަކުރާ ކޮންމެ މެތަޑެއް. 

9. ގަވާއިދަށް ޢަމަލުކުރަން ފެށުން

މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.

ޚިދުމަތް ތަފުސީލު
އެކައުންޓިންގ އެންޑް އޮޑިޓިންގ

އެކައުންޓިންގގެ ރިކޯޑުތައް ބެލެހެއްޓުން، އެކައުންޓިންގގެ ރިކޯޑުތަކަށް ބިނާކޮށް މާލީ ހިސާބުތައް ތައްޔާރުކުރުން، ފައިނޭންޝަލް ޑޭޓާ ރިކޮންސައިލްކުރުން، އެކައުންޓިންގ ރިކޯޑުތަކުގެ ޞައްޙަކަން ކަށަވަރުކުރުން، އޮޕަރޭޝަނަލް ނުވަތަ ފައިނޭންޝަލް އިންޓަރނަލް އޮޑިޓްކުރުން، ނުވަތަ މިފަދަ އެހެން ޚިދުމަތެއް.

އެކައުންޓްސް ރިސީވަބްލް އެންޑް އެކައުންޓްސް ޕޭޔަބަލް  އެކައުންޓްސް ރިސީވަބްލް އަދި އެކައުންޓްސް ޕޭޔަބަލްގެ ޑޭޓާތައް އަޅައިކިޔުމާއި ޞައްޙަކަން ކަށަވަރުކުރުން، އޭޖިންގ، ބިލިންގ، ކަސްމަޓަރުން އަތުން ލިބެންޖެހޭ ފައިސާ ހޯދުން، ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް ފައިސާ ދެއްކުން، ތަކެތި ހޯދުން، ނުވަތަ މިފަދަ އެހެން ބޭނުމަކަށް އެކައުންޓްސް ރިސީވަބްލް އަދި އެކައުންޓްސް ޕޭޔަބަލްގެ ޑޭޓާތައް އަޅައިކިޔުމާއި ޞައްޙަކަން ކަށަވަރުކުރުން.
ބަޖެޓިންގ ބަޖެޓް އަންދާޒާތަކަށް ނުވަތަ ބަޖެޓް ރިޕޯޓްތަކުގެ ބޭނުމަށް، ޑޭޓާ ކޮމްޕައިލް ކޮށްދިނުން.
ކޮމްޕިއުޓަރ ސަޕޯޓް ކޮމްޕިއުޓަރ ހާޑްވެއަރ ނުވަތަ ކޮމްޕިއުޓަރ ސޮފްޓްވެއަރއާ ގުޅިގެން ދެވޭ ޓެކްނިކަލް ޚިދުމަތް، އިންފޮމޭޝަން ޓެކްނޮލޮޖީ އިންފްރާސްޓްރަކްޗަރ ބަލަހައްޓައިދިނުން، ޓްރަބަލްޝޫޓިންގ ޚިދުމަތް، ނުވަތަ މިފަދަ އެހެން ޚިދުމަތެއް.
ޑޭޓާބޭސް އެޑްމިނިސްޓްރޭޝަން ޑޭޓާ ސްޓޯރޭޖް ވެސް ހިމެނޭ ގޮތުން، ކޮމްޕިއުޓަރ ޑޭޓާބޭސްގެ ޖެނެރަލް މެއިންޓެނެންސް ޚިދުމަތް (ޑޭޓާބޭސްގައި ހުރި ޑޭޓާ އެނަލައިޒްކޮށްދިނުން ނުހިމެނޭ ގޮތުން).
އެމްޕްލޯއީ ބެނިފިޓްސް އެޑްމިނިސްޓްރޭޝަން މުވައްޒަފުންގެ ޞިއްޙީ ކަންކަން، ލައިފް އިންޝުއަރެންސް، ދަތުގެ ފަރުވާ، މުވައްޒަފުންގެ އުޖޫރައާ ގުޅޭ ކަންކަން ރާވައި ހިންގުން، ހިތްވަރުދިނުމުގެ ގޮތުން ދޭ އިނާޔަތާއި މަންފާ ވެސް ހިމެނޭ ގޮތުން، މުވައްޒަފުންގެ އުޖޫރައާ ގުޅުންހުރި މަސައްކަތްތައް ރާވައި ހިންގުން.
ޖެނެރަލް އެޑްމިނިސްޓްރޭޝަން

ޑޭޓާ އެންޓްރީ، ޖެނެރަލް ޕަރޗޭސިންގ، ލިއެކިއުންތައް ފޮޓޯކޮޕީ ހެދުން ނުވަތަ ސްކޭން ކުރުން، އެޕޮއިންޓްމަންޓްތައް ރޭވުން، ލިޔެކިޔުންތައް ކޮމްޕިއުޓަރުން ލިއުން ނުވަތަ ފައިލްތައް ބެލެހެއްޓުން ފަދަ ކްލެރިކަލް ނުވަތަ އިދާރީ މަސައްކަތް

ލީގަލް ސަރވިސް އެ ތަނުގައި ވަޒީފާ އަދާކުރާ ޤާނޫނީ މުވައްޒަފެއް މެދުވެރިކޮށް ޢާންމުކޮށް ދޭ ޤާނޫނީ ޚިދުމަތް.
ޕޭރޯލް

މުވައްޒަފުންނަށް ދޭންވާ އުޖޫރައިގެ ޢަދަދު ހިސާބުކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް އޭގެ ޞައްޙަކަން ކަށަވަރުކުރުން، މުވައްޒަފުންނަށް ދޭންޖެހޭ ކޮމިޝަންތަކާއި ރީއިމްބަރސް ކުރަންޖެހޭ ޢަދަދުތައް ހިސާބުކުރުން، މުސާރަ ޗެކް ތައްޔާރުކުރުން ނުވަތަ މުވައްޒަފުންގެ ބޭންކް އެކައުންޓަށް މުސާރަ ޖަމާކުރުން.

ކޯޕަރޭޓް ކޮމިއުނިކޭޝަންސް

ކޯޕަރޭޓް ޕޮލިސީތަކާ ގުޅޭ އެތެރެއާއި ބޭރުގެ މުވާޞަލާތު ބެލެހެއްޓުން.

ސްޓާފިންގ އެންޑް ރެކްރޫޓިންގ

މުވައްޒަފުން ބޭނުންވާ މިންވަރާއި ކަންކަން މެނޭޖްކުރުން، މަސައްކަތުގެ ފެންވަރާ ގުޅޭ ކަންކަމާއި މުވައްޒަފުންގެ ވެލްފެއަރއާ ގުޅޭ ކަންކަން މެނޭޖްކުރުން، މުވައްޒަފުން ހޯދުމަށް އިޢުލާނުކުރުމާއި، ކެންޑިޑޭޓުން ސްކްރީންކުރުން ފަދަ ރެކްރޫޓްމަންޓް ޕްލޭން އިމްޕްލިމެންޓްކުރުމުގެ މަސައްކަތްތައް.

ޓެކްސް

ޓެކްސް ހިސާބުކުރުމާއި ޓެކްސް ބަޔާނާއި ކްލެއިމް ފޯމް ތައްޔާރުކޮށްދިނުން، ޓެކްސް އިދާރާއަށް ބޭނުންވާ މަޢުލޫމާތު ތައްޔާރުކޮށްދީ އެ ތަނަށް ހުށަހެޅުން، ނުވަތަ ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ޓެކްސް އިދާރާއާ ހަވާލުކުރުން.

ޓްރެއިނިންގ އެންޑް އެމްޕްލޯއީ ޑިވެލޮޕްމަންޓް

މުވައްޒަފުންގެ ޤާބިލުކަމާއި ހުނަރު އިތުރުކުރުމަށް ތަމްރީނު ޕްރޮގްރާމްތައް ރާވައި ހިންގުން. 

1. މާސްޓަރ ފައިލް

ހިސާބުކުރާ މުއްދަތާއި، އެ މުއްދަތާ ވިދިގެން ނިމިފައިވާ ހިސާބުކުރާ މުއްދަތާ ގުޅޭގޮތުން އަންނަނިވި މަޢުލޫމާތު ހިމެނޭ ގޮތަށް، ރައްދުވާ ފަރާތް ނިސްބަތްވާ ގުރޫޕުން ކުރާ ވިޔަފާރީގެ ބާވަތާއި، އެކި ޤައުމުތަކުގައި ހިންގާ ވިޔަފާރި ޙަރަކާތްތަކާއި، މައިގަނޑު ޓްރާންސްފަރ ޕްރައިސިންގ ޕޮލިސީތަކާއި، މުޢާމަލާތް ހިނގާ ހިސާބުކުރާ މުއްދަތުގައި އާމްދަނީއާއި އިޤްތިޞާދީ ޙަރަކާތްތަކުގެ ގްލޯބަލް އެލޮކޭޝަންއާ ގުޅޭ ޚުލާޞާއެއް:

(ހ) އޯރގަނައިޒޭޝަން ސްޓްރަކްޗަރ

ގުރޫޕުގައި ހިމެނޭ ފަރާތްތަކާއި، އެ ފަރާތްތައް ޤާއިމުވެފައިވާ ތަންތަނާއި ގުރޫޕުގައި ހިމެނޭ ގުޅުންހުރި ފަރާތްތަކުގެ މެދުގައި، ޤާނޫނީ ނުވަތަ މިލްކުވެރިކަމުގެ ސަބަބުން އޮތް ގުޅުންތައް ދައްކުވައިދޭ ޗާޓެއް؛

(ށ) ވިޔަފާރީގެ މަޢުލޫމާތު

އަންނަނިވި މަޢުލޫމާތުތައް ހިމެނޭ ގޮތުން، ހިސާބުކުރާ މުއްދަތުގައި ގުރޫޕުން ކުރާ ވިޔަފާރީގެ ބާވަތްތަކުގެ ތެރެއިން، ރައްދުވާ ފަރާތާ ރެލަވަންޓް ވިޔަފާރީގެ ބާވަތްތަކުގެ ތަޢާރަފެއް؛

(1) ގުރޫޕުގެ ވިޔަފާރިތަކާއި، އުފެއްދުންތަކާއި، ފޯރުވައިދޭ ޚިދުމަތްތަކާއި، ޖިއޮގްރެފިކް މާކެޓްތަކުގެ މަޢުލޫމާތާއި، ވިޔަފާރީގެ މައިގަނޑު ވާދަވެރިން؛

(2) ވިޔަފާރިތަކާއި، އުފެއްދުންތަކާއި ފޯރުވައިދޭ ޚިދުމަތްތަކުގެ ސަޕްލައި ޗެއިންތަކުގެ މަޢުލޫމާތު؛

(3) ގުރޫޕުގެ ވިޔަފާރި މޮޑެލްތަކާއި ސްޓްރޭޓެޖީތައް؛

(4) ގުރޫޕުގެ "ބިޒްނަސް ޑްރައިވަރ" ތައް؛

(5) ގުރޫޕު އޮޕަރޭޓްކުރަމުންދާ އިންޑަސްޓްރީތަކާއި، މާކެޓްތަކާއި، ރެގިއުލޭޓަރީ އަދި އިޤްތިޞާދީ މާހައުލު؛

(6) ގުރޫޕުގައި ހިމެނޭ ކޮންމެ ފަރާތެއްގެ ވިޔަފާރި ޙަރަކާތްތަކާއި، އެ ޙަރަކާތްތަކުން ވެލިއު އިތުރުވާ މިންވަރު ދައްކުވައިދޭ ފަންކްޝަނަލް އެނަލިސިސް (އެ ޙަރަކާތްތަކުން އަދާކޮށްފައިވާ ފަންކްޝަންތަކާއި، ބޭނުންކޮށްފައިވާ އެސެޓްތަކާއި، ނަގައިފައިވާ ރިސްކްތައް ހިމެނޭ ގޮތުން)؛

(7)ރީސްޓްރަކްޗަރ ކުރުމުގެ ސަބަބުން، ނުވަތަ އެކުއިޒިޝަނެއްގެ ސަބަބުން، ނުވަތަ ޑައިވެސްޓިޗަރއެއްގެ ސަބަބުން، ގުރޫޕު އެކުލެވިގެންވާ ގޮތަށް އައިސްފައިވާ ބަދަލުތައް.

(ނ) ގުރޫޕުގެ ޣައިރު މާއްދީ މުދާ

އަންނަނިވި މަޢުލޫމާތު ހިމެނޭ ގޮތުން، ގުރޫޕަށް ނިސްބަތްވާ ފަރާތްތަކުގެ ތެރެއިން ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތުން ހިސާބުކުރާ މުއްދަތުގައި ބޭނުންކޮށްފައިވާ ގުރޫޕުގެ ޣައިރު މާއްދީ މުދަލުގެ މަޢުލޫމާތު؛

(1) ރިސަރޗް އެންޑް ޑިވެލޮޕްމަންޓް ފެސިލިޓީތައް ޤާއިމުކޮށްފައިވާ ތަންތަނާއި، އެ ފެސިލިޓީތަކުގެ ބެލެހެއްޓުން ކުރިއަށް ގެންދެވޭ ތަންތަނުގެ މަޢުލޫމާތު ވެސް ހިމެނޭ ގޮތުން، ގުރޫޕުގެ ޣައިރު މާއްދީ މުދާ ތަރައްޤީކުރުމަށާއި، މިލްކުކުރުމަށާއި، ނަފާ ހޯދުމަށް ބޭނުންކުރުމަށް ގުރޫޕުން ރާވައިފައިވާ ގޮތް؛

(2) ޤާނޫނީ ވެރިފަރާތުގެ މަޢުލޫމާތު ހިމެނޭ ގޮތުން، ޣައިރު މާއްދީ މުދަލުގެ ލިސްޓެއް؛

(3) ޚަރަދުތައް ހިއްސާކުރުމާ ގުޅޭ އެއްބަސްވުންތަކާއި، ޚަރަދުތަކަށް ކޮންޓްރިބިއުޓްކުރުމާ ގުޅޭގޮތުން ހަދައިފައިވާ އިންތިޒާމްތަކާއި، ރިސަރޗް ޚިދުމަތާ ގުޅޭ އެއްބަސްވުންތަކާއި، ލައިސަންސް އެއްބަސްވުންތައް ވެސް ހިމެނޭ ގޮތުން، ޣައިރު މާއްދީ މުދަލާ ގުޅޭގޮތުން ގުޅުންހުރި ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުންތަކުގެ ލިސްޓެއް؛

(4) ރިސަރޗް އެންޑް ޑިވެލޮޕްމަންޓާއި ޣައިރު މާއްދީ މުދަލާ ގުޅޭގޮތުން ގުރޫޕުގެ ޓްރާންސްފަރ ޕްރައިސިންގ ޕޮލިސީތަކުގެ މަޢުލޫމާތު؛

(5) ގުޅުންހުރި ފަރާތްތަކުގެ މެދުގައި ޣައިރު މާއްދީ މުދަލެއްގެ މަޞްލަޙަތެއް ބަދަލުކުރެވިފައިވާނަމަ، އެ މުޢާމަލާތްތަކުގައި ހިމެނުނު ފަރާތްތަކާއި އެ ފަރާތްތަކުން ވިޔަފާރިކުރަމުންދާ ޤައުމުތަކުގެ މަޢުލޫމާތާއި މުޢާމަލާތުގެ މުޤާބިލުގެ މިންވަރު ހިމެނޭ ގޮތުން، އެ ބަދަލުކުރުންތަކާ ގުޅޭ މަޢުލޫމާތު؛

(ރ) ގުރޫޕުގައި ހިމެނޭ ފަރާތްތަކުގެ މެދުގައި ހިނގާ މާލީ ޙަރަކާތްތައް

އަންނަނިވި މަޢުލޫމާތު ހިމެނޭ ގޮތުން، ރައްދުވާ ފަރާތުން ދިވެހިރާއްޖޭގައި ހިންގާ ވިޔަފާރިއާ ގުޅިފައިވާ، އެ ހިސާބުކުރާ މުއްދަތުގެ ގުރޫޕުގެ މާލީ ޙަރަކާތްތަކުގެ މަޢުލޫމާތު؛

(1) ގުރޫޕުގައި ހިމެނޭ ފަރާތްތަކުގެ މެދުގައި ހިނގަމުންދާ މާލީ ޙަރަކާތްތަކާ ގުޅުން ނެތް ފަރާތްތަކާ އެކީ ހަދައިފައިވާ މާލީ އިންތިޒާމުތައް ވެސް ހިމެނޭ ގޮތުން، ގުރޫޕުގެ މާލީ ޙަރަކާތްތައް؛

(2) އިންކޯޕަރޭޓްކޮށްފައިވާ ޤައުމާއި، ހިންގުމާއި ކޮންޓްރޯލް އޮތް ތަން ވެސް ހިމެނޭ ގޮތުން، ގުރޫޕުގެ ސެންޓްރަލް ފައިނޭންސިންގ ފަންކްޝަން ކުރިއަށް ގެންދިޔަ ފަރާތް ނުވަތަ ފަރާތްތަކުގެ މަޢުލޫމާތު؛

(3) ގުޅުންހުރި ފަރާތްތަކުގެ މެދުގައި ހިނގާ ފައިނޭންސިންގ އިންތިޒާމުތަކާ ގުޅޭ ޓްރާންސްފަރ ޕްރައިސިންގ ޕޮލިސީތަކުގެ މަޢުލޫމާތު؛

(ބ) ގުރޫޕުގެ މާލީ ޙާލަތާއި ޓެކުހުގެ ޙާލަތު

ފައިނޭންޝަލް ރިޕޯޓިންގގެ ބޭނުމަށް ނުވަތަ ރެގިއުލޭޓަރީ ބޭނުމަށް ނުވަތަ މެނޭޖްމަންޓުގެ ބޭނުމަށް، ނުވަތަ ޓެކުހުގެ ބޭނުމަށް ނުވަތަ އެނޫންވެސް އެހެން ބޭނުމަކަށް ގުރޫޕުގެ އެ ހިސާބުކުރާ މުއްދަތުގެ ކޮންސޮލިޑޭޓެޑް މާލީ ހިސާބުތައް ތައްޔާރުކޮށްފައިވާނަމަ، އެ މާލީ ހިސާބުތައް؛

2. ލޯކަލް ފައިލް

އަންނަނިވި މަޢުލޫމާތު ހިމެނޭ ގޮތުން، ރައްދުވާ ފަރާތުން ކުރާ ވިޔަފާރީގެ ބާވަތާއި، ހިސާބުކުރާ މުއްދަތުގައި ގުޅުންހުރި ފަރާތްތަކާއެކު ކޮށްފައިވާ މުޢާމަލާތްތަކުގެ މަޢުލޫމާތު؛

(ހ) ރައްދުވާ ފަރާތުގެ މަޢުލޫމާތު

(1) ގުޅުންހުރި ފަރާތްތަކާއި ރައްދުވާ ފަރާތުގެ މެނޭޖްމެންޓުގައި މަސައްކަތްކުރާ މުވައްޒަފުންނާ ދެމެދު ރިޕޯޓްކުރުން އޮންނަ ގޮތް ދައްކުވައިދޭ މެނޭޖްމެންޓް ސްޓްރަކްޗަރ؛

(2) ރައްދުވާ ފަރާތުގެ އޮގަނައިޒޭޝަނަލް ސްޓްރަކްޗަރ، ކޮންމެ ޑިޕާޓްމަންޓެއްގައި ހިސާބުކުރާ މުއްދަތު ނިމުނުއިރު ތިބި މުވައްޒަފުންގެ ޢަދަދު އެނގޭ ގޮތަށް؛

(3) އަންނަނިވި މަޢުލޫމާތު ހިމެނޭ ގޮތަށް، ހިސާބުކުރާ މުއްދަތުގައި ރައްދުވާ ފަރާތުން ކޮށްފައިވާ ވިޔަފާރީގެ މަޢުލޫމާތު؛

(i) ވިޔަފާރިތަކާއި، އުފެއްދުންތަކާއި، ފޯރުވައިދޭ ޚިދުމަތްތަކާއި، ޖިއޮގްރެފިކް މާކެޓްތަކުގެ މަޢުލޫމާތާއި، ޣައިރު މާއްދީ މުދާތަކާއި، ވިޔަފާރީގެ މައިގަނޑު ވާދަވެރިން؛  

(ii) ރައްދުވާ ފަރާތުން އޮޕަރޭޓްކުރާ އިންޑަސްޓްރީތަކާއި، މާކެޓްތަކާއި، ރެގިއުލޭޓަރީ އަދި އިޤްތިޞާދީ މާހައުލު؛

(iii) ރައްދުވާ ފަރާތުގެ ވިޔަފާރީގެ މޮޑެލްތަކާއި، ސްޓްރެޓިޖީތަކާއި، ރީސްޓްރަކްޗަރ ކުރުމުގެ ސަބަބުން، ނުވަތަ އެކުއިޒިޝަނެއްގެ ސަބަބުން، ނުވަތަ ޑައިވެސްޓިޗަރއެއްގެ ސަބަބުން ރައްދުވާ ފަރާތުގެ ސްޓްރަކްޗަރއަށް އައިސްފައިވާ ބަދަލު؛

(ށ) ކޮންޓްރޯލް އޮތް މުޢާމަލާތްތައް

އަންނަނިވި މަޢުލޫމާތު ހިމެނޭ ގޮތުން، ރައްދުވާ ފަރާތުން އެ ފަރާތާ ގުޅުންހުރި ފަރާތްތަކާއެކު ހިސާބުކުރާ މުއްދަތުގައި ކޮށްފައިވާ މުޢާމަލާތުގެ މަޢުލޫމާތު؛

(1) ގުޅުންހުރި ފަރާތަކީ ކޮން ފަރާތެއްކަމާއި، އެ ފަރާތް  އިންކޯޕަރޭޓް ކޮށްފައިވަނީ ނުވަތަ އުފައްދައިފައިވަނީ، ނުވަތަ ރަޖިސްޓަރީކޮށްފައިވަނީ ނުވަތަ ޤާއިމުކޮށްފައިވަނީ ކޮން ޤައުމެއްގައިކަމާއި،  ރައްދުވާ ފަރާތާ އެ ފަރާތާ އޮތީ ކޮން ގުޅުމެއްކަމާއި، މުޢާމަލާތުގެ އަގު ހިމެނޭ ގޮތުން، ކޮންމެ މުޢާމަލާތެއްގެ މަޢުލޫމާތު؛

(2) ކޮންމެ މުޢާމަލާތަކާ ގުޅޭގޮތުން އެއްބަސްވެފައިވާ ކަންތައްތަކާއި ޝަރުޠުތައް ހިމެނޭ ކޮންޓްރެކްޓް ނުވަތަ އެއްބަސްވުންތައް؛

(3) ރައްދުވާ ފަރާތް ހިމެނޭ ކޮންމެ ބާވަތެއްގެ މުޢާމަލާތަކަށް ވަކިން، ގުރޫޕު ތެރޭގައި ދައްކާ ފައިސާއާއި ލިބޭ ފައިސާއާއި، ފައިސާ ދައްކާ ނުވަތަ ލިބޭ ދިވެހިރާއްޖޭން ބޭރުގެ ފަރާތުން ޓެކްސް ދައްކަންޖެހޭ ޤައުމުތައް ވަކިން އެނގޭ ގޮތަށް؛

(4) ކޮންމެ މުޢާމަލާތެއްގައި ހިމެނޭ ކޮންމެ ފަރާތަކުން އަދާކޮށްފައިވާ ފަންކްޝަންތަކާއި ބޭނުންކޮށްފައިވާ އެސެޓްތަކާއި (ޣައިރު މާއްދީ މުދާ ވެސް ހިމެނޭ ގޮތުން)، ނަގައިފައިވާ ރިސްކްތައް ދައްކުވައިދޭ ފަންކްޝަނަލް އެނަލިސިސްއެއް؛

(5) ޔުނިލެޓަރަލް އަދި ބައިލެޓަރަލް/މަލްޓިލެޓަރަލް އެޑްވާންސް ޕްރައިސިންގ އެރޭންޖްމަންޓްތަކާއި އެނޫން ޓެކްސް ރޫލިންގތަކުގެ ތެރެއިން:

(i) އެރޭންޖްމަންޓް ނުވަތަ ރޫލިންގގެ ބައިވެރިއެއްގެ ގޮތުގައި މީރާ ނުހިމެނޭ؛ އަދި

(ii) ކޮންމެ މުޢާމަލާތަކާ ވެސް ގުޅުންހުރި؛ އަދި

(iii) ޢަމަލުކުރަން ފަށައިފައިވާ އެރޭންޖްމަންޓްތަކާއި ރޫލިންގތަކުގެ ކޮޕީއެއް.

(6) އަންނަނިވި ކަންކަން ވެސް ހިމެނޭ ގޮތުން، ރައްދުވާ ފަރާތާ، އެ ފަރާތާ ގުޅުންހުރި ފަރާތާ ދެމެދު ހިނގައިފައިވާ މުޢާމަލާތުގައި ކޮށްފައިވާ ނުވަތަ ކުރިމަތިކުރުވައިފައިވާ ޝަރުޠުތައް، ޤާނޫނުގެ 79 ވަނަ މާއްދާގެ (ޑ) ގައި ބަޔާންކޮށްފައިވާ އާމްސް ލެންތުގެ އުސޫލާ އެއްގޮތްތޯ ބެލުމަށް ހަދައިފައިވާ ޓްރާންސްފަރ ޕްރައިސިންގ އެނަލިސިސްއެއް؛

(i) ރައްދުވާ ފަރާތާ، އެ ފަރާތާ ގުޅުންހުރި ފަރާތާ ދެމެދު ހިނގައިފައިވާ މުޢާމަލާތުގައި ކޮށްފައިވާ ނުވަތަ ކުރިމަތިކުރުވާފައިވާ ޝަރުޠުތަކާ، މުސްތަޤިއްލުކަމާއެކު އަދި އަޅައިކިޔޭ ޙާލަތްތަކުގައި ގުޅުން ނެތް ފަރާތްތަކާއެކު ކޮށްފައިވާ މުޢާމަލާތްތަކާ އަޅައިކިޔޭ މަލްޓި އިޔަރ ކޮމްޕްރަބިލިޓީ އެނަލިސިސްއެއް؛

(ii) ޓެސްޓް ކުރެވުނު ފަރާތް ނުވަތަ ޓެސްޓް ކުރެވުނު މުޢާމަލާތާއި، ބޭނުންކުރި ޓްރާންސްފަރ ޕްރަސިންގ މެތަޑާއި، މި އިޚްތިޔާރުތައް ކުރުމުގައި ބޭނުންކުރި އަސާސް؛

(iii) އަންނަނިވި މަޢުލޫމާތު ހިމެނޭ ގޮތުން، އެ ޓްރާންސްފަރ ޕްރައިސިންގ މެތަޑް ބޭނުންކުރި ގޮތް؛

(ހހ) އަޅައިކިޔޭ ކުންފުނިތައް ނުވަތަ އަޅައިކިޔޭ މުޢާމަލާތްތަކުގެ ތަޢާރަފަކާއި ލިސްޓެއް؛

(ހށ) އަޅައިކިޔޭ ކުންފުނިތައް ނުވަތަ އަޅައިކިޔޭ މުޢާމަލާތްތައް އިޚްތިޔާރުކުރި އަސާސް؛ 

(ހނ) އަޅައިކިޔޭ ކުންފުނިތައް ނުވަތަ އަޅައިކިޔޭ މުޢާމަލާތްތަކުގެ  ފައިނޭންޝަލް ޑޭޓާ؛

(ހރ) ބޭނުންކުރި އެސަމްޕްޝަންތައް؛

(ހބ) ޓެސްޓް ކުރެވުނު ފަރާތާއި ނުވަތަ ޓެސްޓް ކުރެވުނު މުޢާމަލާތާއި އަޅައިކިޔޭ ކުންފުނި ނުވަތަ އަޅައިކިޔޭ މުޢާމަލާތާ ދެމެދުގައި އަޅައިކިޔުން ހާސިލުކުރުމަށްޓަކައި ގެނެވުނު ބަދަލުތައް ސާބިތުކޮށްދިނުމަށްޓަކައި ބޭނުންވާ ލިއެކިއުންތަކާއި މަޢުލޫމާތު.

(iv) އާމްސް ލެންތުގެ އަގާއި، އެ އަގު ހިސާބުކުރި ގޮތް؛ 

(v) ޓްރާންސްފަރ ޕްރައިސިންގ މެތަޑްގައި ބޭނުންކުރި މާލީ މަޢުލޫމާތާއި، އެ މަޢުލޫމާތު ހޯދި އަސާސް؛

(vi) އަންނަނިވި މަޢުލޫމާތު ހިމެނޭ ގޮތުން، ޚަރަދު ހިއްސާކުރާ އިންތިޒާމުތަކުގެ މަޢުލޫމާތު؛

(ހހ) ޚަރަދު ހިއްސާކުރުމާ ގުޅޭ އެއްބަސްވުމުގެ ކޮޕީއެއް؛

(ހށ) ޚަރަދު ހިއްސާކުރުމާ ގުޅޭ އެއްބަސްވުން ތަންފީޒުކުރުމަށްޓަކައި، ގުޅުންހުރި ފަރާތްތަކާއެކު ހަދައިފައިވާ އެހެން އެއްބަސްވުންތައް؛

(ހނ) ބައިވެރިންގެ ލިސްޓަކާއި، ޙަރަކާތްތަކުގެ އިޚްތިޞާޞް؛

(ހރ) ބައިވެރިންނަށް ލިބިފައިވާ ޙިއްސާގެ ނިސްބަތުން ލިބޭނެކަމަށް ބެލެވޭ މަންފާގެ މިންވަރު ހިސާބުކުރާނެ ގޮތާއި، މިފަދަ ހިސާބުކުރުމެއްގައި ހަދދައިފައިވާ ޕްރޮޖެކްޝަންތައް؛

(ހބ) ޚަރަދު ހިއްސާކުރުމާ ގުޅޭ އެއްބަސްވުމުގެ މުއްދަތުގައި، ކޮންމެ ބައިވެރިއަކު ޚަރަދުކޮށްފައިވާ މިންވަރާއި، އަދި ކޮންމެ ބައިވެރިއަކު ކުރަންޖެހޭ ޚަރަދުގެ މިންވަރު ކަނޑައެޅިގޮތުގެ ތަފުސީލު؛

(ހޅ) ޚަރަދު ހިއްސާކުރުމާ ގުޅޭ އެއްބަސްވުން ބާޠިލުކޮށްފައިވާނަމަ ނުވަތަ ބަދަލެއް ގެނެސްފައިވާނަމަ އެކަން، ސަބަބުތަކާއެކު.

3. މާނަކުރުން

މި ޖަދުވަލުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބުނެފައިނުވާހައި ހިނދަކު:

(ހ) "އާމްސް ލެންތުގެ އަގު" ކަމަށް ބުނެފައި އެވަނީ، ޤާނޫނުގެ 79 ވަނަ މާއްދާގެ (ޑ) ގައި ބަޔާންކޮށްފައިވާ އާމްސް ލެންތުގެ އުސޫލުން ކަނޑައަޅާ އަގެވެ.

(ށ) "ކޮމްޕްރަބިލިޓީ އެނަލިސިސް" ކަމަށް ބުނެފައި އެވަނީ، ގުޅުންހުރި ފަރާތަކާއެކީ ކުރެވޭ މުޢާމަލާތެއްގައި ހުންނަ އިކޮނިމިކަލީ ރެލަވަންޓް ސިފަތައް ދެނެގަތުމަށްފަހު، މުސްތަޤިއްލު ފަރާތަކާ ކުރެވޭ އެފަދަ މުޢާމަލަތެއްގައި ހުންނަ އެފަދަ ސިފަތަކާ އަޅައިކިއުމަށެވެ. މީގެ ތެރޭގައި، ގުޅުންހުރި ފަރާތްތަކާއެކީ ކުރެވޭ މުޢާމަލާތުގައި ހުރި އެކަމަކު މުސްތަޤިއްލު ފަރާތަކާ ކުރެވޭ އެފަދަ މުޢާމަލަތެއްގައި ނެތް ކަންކަން، އަދި ގުޅުންހުރި ފަރާތްތަކާއެކީ ކުރެވޭ މުޢާމަލާތުގައި ނެތް އެކަމަކު މުސްތަޤިއްލު ފަރާތަކާ ކުރެވޭ އެފަދަ މުޢާމަލަތެއްގައި ހުރި ކަންކަން ބެލުން ހިމެނެއެވެ. 

(ނ) "ޓެސްޓް ކުރެވުނު ފަރާތް" ކަމަށް ބުނެފައި އެވަނީ، އެ ފަރާތަކަށް ޓްރާންސްފަރ ޕްރައިސިންގ މެތަޑް އެޕްލައިކުރުމުގައި އެންމެ ރިލައަބަލް ގޮތަށް އެޕްލައިކުރެވޭނެ އަދި އެންމެ ރިލައަބަލް ކޮމްޕްރަބަލް ހޯދޭނެ ފަރާތަށެވެ.

(ރ) "ކޮންޓްރޯލް އޮތް މުޢާމަލާތް" ކަމަށް ބުނެފައި އެވަނީ، ގުޅުންހުރި ފަރާތަކާއެކު ކުރާ މުޢާމަލާތަށެވެ.

(ބ) "އެޑްވާންސް ޕްރައިސިންގ އެރޭންޖްމަންޓް" ކަމަށް ބުނެފައި އެވަނީ، ކަނޑައެޅިފައިވާ ވަކި މުއްދަތެއްގައި ކޮންޓްރޯލް އޮތް މުޢާމަލާތެއްގެ ޓްރާންސްފަރ ޕްރައިސިންގ ކަނޑައެޅުމުގައި ބަލާނެ ކަންކަން (މިސާލަކަށް، މެތަޑް، ކޮމްޕްރަބަލްސް އަދި އެ ކަންކަމަށް ގެނެވޭނެ އެކަށީގެންވާ ބަދަލުތައް، ކުރިމަގުގައި ކުރިމަތިވެދާނެ ހާދިސާއަކާ ގުޅޭގޮތުން ހަދައިފައިވާ ކްރިޓިކަލް އެސަމްޕްޝަންތައް) ކުރީ ބައިގައި ކަނޑައެޅޭ އިންތިޒާމުތަކަށެވެ. 

(ޅ) "ޚަރަދު ހިއްސާކުރާ އިންތިޒާމު" ކަމަށް ބުނެފައި އެވަނީ، އެ އެއްބަސްވުމުގެ ކޮންމެ ބައިވެރިއެއްގެ ވިޔަފާރިއަށް ވެސް މަންފާ ލިބޭނެކަމަށް ބަލައިގެން، ޣައިރު މާއްދީ މުދަލެއް ނުވަތަ މާއްދީ މުދަލެއް ނުވަތަ ޚިދުމަތެއް، ހުރިހައި ބައިވެރިން ގުޅިގެން ޑިވެލޮޕްކުރުމަށް ނުވަތަ އުފެއްދުމަށް ނުވަތަ ހޯދުމަށް ހިނގާ ޚަރަދާއި ނަގާ ރިސްކް އެ ފަރާތްތަކުގެ މެދުގައި ހިއްސާކުރުމަށް އެއްބަސްވެވޭ އިންތިޒާމުތަކަށެވެ. 

(ކ) މި ޖަދުވަލުގެ ބޭނުމަށް، ރައްދުވާ ފަރާތް ނިސްބަތްވާ ގުރޫޕުގެ ވިޔަފާރި، އެ ގުރޫޕުން ދިވެހިރާއްޖޭގައި  ހިންގާ ވިޔަފާރިއަށް ނުވަތަ ރައްދުވާ ފަރާތުން ދިވެހިރާއްޖޭގައި ހިންގާ ވިޔަފާރިއަށް، "ރެލަވަންޓް" ވާނީ، އެ ވިޔަފާރިތަކަކީ އެއްފަދަ ނުވަތަ އެއްގޮތް ވިޔަފާރިތަކެއް ކަމަށްވާނަމަ، ނުވަތަ ދިވެހިރާއްޖޭގައި ހިންގާ ވިޔަފާރިއަކީ ރައްދުވާ ފަރާތް ނިސްބަތްވާ ގުރޫޕުގެ ވިޔަފާރީގެ ބައެއް ކަމުގައިވާނަމަ، ނުވަތަ އެ ވިޔަފާރިތައް އެނޫންވެސް ގޮތަކުން ގުޅިފައިވާނަމައެވެ.

 

 

 

 

 

 

 

 

 

 

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ