މިއީ، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 84 ވަނަ މާއްދާގެ ދަށުން ނެރެފައިވާ ރޫލިންގއެކެވެ. ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ޙަވާލާދީފައިވާ ތަންތަނުގައި ޙަވާލާދީފައި އެ ވަނީ ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަށެވެ. އަދި ގަވާއިދަށް ޙަވާލާދީފައިވާ ތަންތަނުގައި ޙަވާލާދީފައި އެ ވަނީ ގަވާއިދު ނަންބަރު 2013/R-45 (ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު) އަށެވެ. އަދި ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނަށް ޙަވާލާދީފައިވާ ތަންތަނުގައި ޙަވާލާދީފައި އެ ވަނީ ޤާނޫނު ނަންބަރު 2011/5 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) އަށެވެ.
ތަޢާރުފު
1. މި ރޫލިންގގެ މަގުސަދަކީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 39 ވަނަ މާއްދާގެ ދަށުން ނުވަތަ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން މީރާއިން ކަނޑައަޅައިފައިވާ ޢަދަދެއް އަލުން ކަނޑައެޅުމަށް ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމައިފިނަމަ، ނުވަތަ ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކުން ޙުކުމްކޮށްފިނަމަ، އެފަދައިން އެ ޢަދަދެއް އަލުން ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލުތައް ބަޔާންކުރުމެވެ.
ރޫލިންގ
2. ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 39 ވަނަ މާއްދާގެ ދަށުން ކަނޑައަޅައިފައިވާ ޢަދަދެއް އަލުން ކަނޑައެޅުމުގައި މީރާއިން ޢަމަލުކުރާނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 3 ވަނަ ބާބާއި ގަވާއިދުގެ 4 ވަނަ ބާބުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތަށެވެ.
3. ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން ކަނޑައަޅައިފައިވާ ޢަދަދެއް އަލުން ކަނޑައެޅުމުގައި މީރާއިން ޢަމަލުކުރާނީ ޓެކްސްގެ ޢަދަދު މީރާއިން ކަނޑައެޅުމާ ގުޅޭގޮތުން ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 3 ވަނަ ބާބާއި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 3 ވަނަ ބާބާއި ގަވާއިދުގެ 4 ވަނަ ބާބުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތަށެވެ.
4. މި ރޫލިންގގެ 2 ވަނަ ޕެރެގްރާފުގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 39 ވަނަ މާއްދާގެ ދަށުން ކަނޑައަޅައިފައިވާ ޢަދަދެއް މީރާއިން އަލުން ކަނޑައެޅުމަށް ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމައިފިނަމަ، ނުވަތަ ޝަރުޢީ ކޯޓަކުން ޙުކުމްކޮށްފިނަމަ، ޓެކްސްގެ މިންވަރު ކަނޑައެޅުމަށް ބޭނުންވާ ހިސާބުތަކާއި ލިޔެކިޔުންތައް ބަލާކަން، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް، އެ ނިންމުން ނިންމި ތާރީޚުގައި ނުވަތަ ޙުކުމްކުރި ތާރީޚުގައި ޓެކްސް ދައްކާ ފަރާތަށް އެންގުނީ ކަމަށް ބެލެވޭނެއެވެ.
5. މި ރޫލިންގގެ 3 ވަނަ ޕެރެގްރާފުގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން ކަނޑައަޅައިފައިވާ ޢަދަދެއް މީރާއިން އަލުން ކަނޑައެޅުމަށް ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމައިފިނަމަ، ނުވަތަ ޝަރުޢީ ކޯޓަކުން ޙުކުމްކޮށްފިނަމަ، ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުން، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް، އެ ނިންމުން ނިންމި ތާރީޚުގައި ނުވަތަ ޙުކުމްކުރި ތާރީޚުގައި އެންގުނީ ކަމަށް ބެލެވޭނެއެވެ.
6. މި ރޫލިންގގެ 4 ވަނަ ޕެރެގްރާފާއި 5 ވަނަ ޕެރެގްރާފުގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޓެކްސްގެ ޢަދަދު މީރާއިން އަލުން ކަނޑައެޅުމަށް ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމައިފައިވާ ނިންމުން މަތީ މަރުޙަލާއެއްގެ ކޯޓަކުން ދަމަހައްޓައިފިނަމަ، ޓެކްސްގެ މިންވަރު ކަނޑައެޅުމަށް ބޭނުންވާ ހިސާބުތަކާއި ލިޔެކިޔުންތައް ބަލާކަން އަންގާ އެންގުން ނުވަތަ ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުން އެންގި ތާރީޚުކަމުގައި ބަލާނީ ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ނިންމުން ނިންމައިފައިވާ ތާރީޚެވެ.
7. މި ރޫލިންގގެ 4 ވަނަ ޕެރެގްރާފާއި 5 ވަނަ ޕެރެގްރާފުގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޓެކްސްގެ ޢަދަދު އަލުން މީރާއިން ކަނޑައެޅުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ދަމަހައްޓައިފިނަމަ، ޓެކްސްގެ މިންވަރު ކަނޑައެޅުމަށް ބޭނުންވާ ހިސާބުތަކާއި ލިޔެކިޔުންތައް ބަލާކަން ނުވަތަ ޓެކްސް ދައްކަންޖެހޭ މިންވަރު ބަލާކަން އަންގާ އެންގުން އެންގި ތާރީޚުކަމުގައި ބަލާނީ ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމްކުރި ތާރީޚެވެ.
8. މި ރޫލިންގގެ 7 ވަނަ ޕެރެގްރާފަށް ޢަމަލުކުރާނީ މި ރޫލިންގގެ 6 ވަނަ ޕެރެގްރާފާ ޚިލާފުނުވާ ގޮތުގެމަތީންނެވެ.
9. ޓެކްސްގެ ޢަދަދު މީރާއިން އަލުން ކަނޑައެޅުމަށް ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމައިފައިވާ ނިންމުމަކަށް ނުވަތަ ޝަރުޢީ ކޯޓަކުން ކޮށްފައިވާ ޙުކުމަކަށް ޢަމަލުކުރުން، މަތީ މަރުޙަލާއެއްގެ ކޯޓެއްގެ ޙުކުމެއްގެ ސަބަބުން މެދުކެނޑިއްޖެނަމަ، އެގޮތުން މެދުކެނޑުނު މުއްދަތު، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 39 ވަނަ މާއްދާގެ (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ މުއްދަތު ގުނުމުގައްޔާއި ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 21 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ މުއްދަތު ގުނުމުގައި ނުހިމެނޭނެއެވެ.
10. ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނިންމުމަކާ ގުޅިގެން ނުވަތަ ޝަރުޢީ ކޯޓަކުން ކޮށްފައިވާ ޙުކުމަކާ ގުޅިގެން ޓެކްސްގެ ޢަދަދު އަލުން ކަނޑައެޅުމަށް މީރާއިން ކުރިޔަށްގެންދާ ކޭސް އަންނަނިވި ޙާލަތުތަކުގައި ބަންދުކުރެވޭނެއެވެ.
(ހ) ޓެކްސްގެ ޢަދަދު މީރާއިން އަލުން ކަނޑައެޅުމަށް ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމައިފައިވާ ނިންމުން ބާޠިލުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމް ނިހާއީވުން؛
(ށ) ޓެކްސްގެ ޢަދަދު މީރާއިން އަލުން ކަނޑައެޅުމަށް ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމައިފައިވާ ނިންމުން ނުވަތަ ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބާޠިލުކުރުން.
11. ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނިންމުން ނުވަތަ ޝަރުޢީ ކޯޓުގެ ޙުކުމް ރައްދުވާ މައްސަލައިގައި ހިމެނޭ އޮޑިޓުގެ ބޭނުމަށް ނުވަތަ އިއުތިރާޒާ ގުޅިގެން މީރާއިން ނިންމި ނިންމުމުގެ ބޭނުމަށް މީރާއިން ހޯދައިފައިވާ ނުވަތަ ރިޢާޔަތްކޮށްފައިވާ މަޢުލޫމާތާއި ހިސާބުތަކާއި ލިޔެކިޔުންތަކަށް، މި ރޫލިންގގައި ބަޔާންކޮށްފައިވާ ގޮތަށް މީރާއިން އަލުން ޢަދަދު ކަނޑައެޅުމުގައި ރިޢާޔަތްކުރެވިދާނެއެވެ.
ޢަމަލުކުރަން ފެށުން
12. މި ރޫލިންގއަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ރޫލިންގ ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.