ޤާނޫނާއި ގަވާއިދު

×

ޖީ.އެސް.ޓީ ބަޔާނާ އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް (ކޮންސޮލިޑޭޓް ކުރެވިފައި) (އުވައިލެވިފައި)

TR-2015/G23

ނެރުނު ތާރީޚް: 05 ފެބުރުވަރީ 2015
ކޮންސޮލިޑޭޓް ކުރެވުނު ތާރީޚް: 17 ޑިސެންބަރު 2018
ޑައުންލޯޑް: | އިނގިރޭސި | ދިވެހި |

މިއީ ޤާނޫނު ނަންބަރު 14/2011 މެދުވެރިކޮށް އިސްލާހުކޮށްފައިވާ ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 84 ވަނަ މާއްދާގެ ދަށުން ނެރެފައިވާ ރޫލިންގއެކެވެ. އެހެން ގޮތަކަށް ބަޔާންކޮށްފައިވާ ހާލަތެއްގައި މެނުވީ، ޤާނޫނަށް ޙަވާލާދީފައިވާ ތަންތަނުގައި ޙަވާލާދީފައި އެ ވަނީ އިސްލާހުކޮށްފައިވާ ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އަށެވެ. އަދި ގަވާއިދަށް ޙަވާލާދީފައިވާ ތަންތަނުގައި ޙަވާލާދީފައި އެ ވަނީ އިސްލާހުކޮށްފައިވާ ގަވާއިދު ނަންބަރު 2011/R-43 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދު) އަށެވެ. ޓެކްސް ދައްކާ ފަރާތްތަކުން މި ރޫލިންގއަށް ތަބާވުމަށް ޤާނޫނީ ގޮތުން ލާޒިމުކުރެއެވެ.

ތައާރަފު

1. މި ރޫލިންގގައި ކަނޑައަޅައިފައިވާނީ، ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން އުނިކުރާ އިންޕުޓް ޓެކްސްގެ ސައްހަކަން ޔަގީންކޮށްދިނުމުގެ ގޮތުން، އެ އިންޕުޓް ޓެކްސްއާ ގުޅޭ ޓެކްސް އިންވޮއިސްތައް ޖީ.އެސް.ޓީ ބަޔާނާ އެކު ހުށަހަޅާނެ ގޮތެވެ.

2. ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ހުށަހަޅާ ޖީ.އެސް.ޓީ ބަޔާނާ އެކު އިންޕުޓް ޓެކްސް ސްޓޭޓްމަންޓަކާއި އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓެއް ހުށަހަޅާނެ ގޮތް ވެސް މި ރޫލިންގގައި ކަނޑައަޅައިފައިވާނެއެވެ.

3. ޤާނޫނުގެ 27 ވަނަ މާއްދާގައި ވަނީ:

... ރަޖިސްޓަރީކޮށްފައިވާ ފަރާތުން، މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ހިސާބުކުރުމަށްފަހު އެކުލަވާލާ ޖީ.އެސް.ޓީ ބަޔާނެއް، އެ ގަވާއިދުގައިވާ ގޮތުގެމަތިން މީރާއަށް ހުށަހަޅަންވާނެއެވެ.

4. ޤާނޫނުގެ 29 ވަނަ މާއްދާގައި ވަނީ:

ރަޖިސްޓަރީކޮށްފައިވާ ފަރާތުން ހުށަހަޅާ ޓެކްސް ބަޔާނުގައި، ކޮމިޝަނަރ ޖެނެރަލް ކަނޑައަޅާ ނަމޫނާއާ އެއްގޮތަށް އަންނަނިވި މަޢުލޫމާތު ހިމަނަންވާނެއެވެ.

......

(ވ)  މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އިތުރު މަޢުލޫމާތު.

 

ރޫލިންގ

5. ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ހުށަހަޅާ ޖީ.އެސް.ޓީ ބަޔާނާ އެކު އަންނަނިވި ލިޔެކިޔުންތައް މީރާއަށް ހުށަހަޅަންވާނެއެވެ.

(ހ) ރަޖިސްޓަރީކޮށްފައިވާ ފަރާތުން އިންޕުޓް ޓެކްސްގެ ގޮތުގައި އެއްވެސް އަދަދެއް އުނިކުރާނަމަ، މި ރޫލިންގގެ އެނެކްސް 1 ގައިވާ ނަމޫނާއާ އެއްގޮތްވާ ގޮތުގެ މަތިން ތައްޔާރުކޮށްފައިވާ އިންޕުޓް ޓެކްސް ސްޓޭޓްމަންޓެއް؛

(ށ) މި ޕެރެގްރާފްގެ (ހ) ރައްދުވާނަމަ، އިންޕުޓް ޓެކްސްގެ ގޮތުގައި އުނިކުރާ ކޮންމެ އަދަދެއް ނިސްބަތްވާ ޓެކްސް އިންވޮއިސްގެ އަސްލު؛ އަދި

(ނ) މި ރޫލިންގގެ އެނެކްސް 2 ގައިވާ ނަމޫނާއާ އެއްގޮތްވާ ގޮތުގެ މަތިން ތައްޔާރުކޮށްފައިވާ އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓެއް.

6. މީރާއަށް ހުށަހަޅާ ޖީ.އެސް.ޓީ ބަޔާނާ އެކު މި ރޫލިންގގެ 5 ވަނަ ޕެރެގްރާފްގެ (ށ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަހަޅަންޖެހުމުގެ ޒިންމާއިން ރަޖިސްޓަރީކޮށްފައިވާ ފަރާތެއް އިސްތިސްނާކުރުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލަށް ލިބިގެންވެއެވެ.

7. މި ރޫލިންގގެ 6 ވަނަ ޕެރެގްރާފްގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޖީ.އެސް.ޓީ ބަޔާނާ އެކު ލިޔެކިޔުންތައް ހުށަހަޅަންޖެހުމުގެ ޒިންމާއިން ރަޖިސްޓަރީކޮށްފައިވާ ފަރާތަކަށް ދީފައިވާ އިސްތިސްނާ، ކޮމިޝަނަރ ޖެނެރަލް އަންގާ އެންގުމެއް މެދުވެރިކޮށް ކޮންމެ ވަގުތެއްގައި ވެސް ބާޠިލްކުރެވިދާނެއެވެ. މި ފަދައިން އިސްތިސްނާ ބާޠިލްކުރުމުގެ މަދުވެގެން 7 (ހަތެއް) ދުވަސް ކުރިން، ރަޖިސްޓަރީ ކޮށްފައިވާ ފަރާތަށް އެ އެންގުން އަންގަންވާނެއެވެ. އަދި އިސްތިސްނާ ބާޠިލްކޮށްފިނަމަ އެ އެންގުމުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތިން، ރަޖިސްޓަރީ ކޮށްފައިވާ ފަރާތުން މީރާއަށް ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

8. މި ރޫލިންގގެ 5 ވަނަ ޕެރެގްރާފްގެ (ށ) ގެ ދަށުން ޖީ.އެސް.ޓީ ބަޔާނާ އެކު ހުށަހަޅާ ޓެކްސް އިންވޮއިސްތައް ތަރުތީބުކޮށްފައި ހުންނަންވާނީ އިންޕުޓް ޓެކްސް ސްޓޭޓްމަންޓްގައި އެ އިންވޮއިސްތައް ލިސްޓުކޮށްފައިވާ ތަރުތީބުންނެވެ.

9. މި ރޫލިންގގެ 5 ވަނަ ޕެރެގްރާފްގެ (ށ) ގެ ދަށުން ހުށަހަޅާ ޓެކްސް އިންވޮއިސްއަކީ ޤާނޫނާއި ގަވާއިދުގައި ކަނޑައަޅައިފައިވާ ހަމަތަކާ ޚިލާފަށް ތައްޔާރުކޮށްފައިވާ ޓެކްސް އިންވޮއިސްއެއް ކަމަށް މީރާގެ އޮފިސަރަކަށް ފެނިއްޖެނަމަ، އަންނަނިވި ތާރީޚުތަކުން ފެށިގެން 30 (ތިރީސް) ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް އެ ޓެކްސް އިންވޮއިސް ހިފެހެއްޓިދާނެއެވެ.

(ހ) ރަޖިސްޓަރީކޮށްފައިވާ ފަރާތުން ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އިއުތިރާޒުކޮށްފައިނުވާނަމަ، ނުވަތަ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނުވަތަ ކޯޓެއްގެ ނިންމުމެއް އިސްތިއުނާފުކުރުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި އިސްތިއުނާފުކޮށްފައިނުވާނަމަ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވާ ތާރީޚު ނުވަތަ އިސްތިއުނާފުކުރުމަށް ދީފައިވާ މުއްދަތު ހަމަވާ ތާރީޚު؛

(ށ) ރަޖިސްޓަރީކޮށްފައިވާ ފަރާތުން ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އިއުތިރާޒުކޮށްފައިވާނަމަ، ޓެކްސް އެޕީލް ޓްރައިބިއުނަލުން ނުވަތަ ކޯޓަކުން އެ އިއުތިރާޒާމެދު ފަހުގެ ނިންމުން ނިންމާ ތާރީޚު.

10. މި ރޫލިންގގެ 9 ވަނަ ޕެރެގްރާފް ރައްދުވާނަމަ:

(ހ) އެ ޓެކްސް އިންވޮއިސް ބެލުމުގެ ހުއްދައަކަށް ރަޖިސްޓަރީކޮށްފައިވާ ފަރާތަށް އެދެވިދާނެއެވެ. އަދި އެ ޓެކްސް އިންވޮއިސް ބެލުމުގެ ހުއްދަ ދީފިނަމަ، އެ ފަރާތަށް އެ ޓެކްސް އިންވޮއިސް ބެލޭނީ މީރާގެ އޮފިސަރެއްގެ ބެލުމުގެ ދަށުންނެވެ.

(ށ)  އެ ޓެކްސް އިންވޮއިސްގެ ފޮޓޯއަކަށް ނުވަތަ ކޮޕީއަކަށް ރަޖިސްޓަރީކޮށްފައިވާ ފަރާތަށް އެދެވިދާނެއެވެ. އަދި:

(1) މީރާގެ އޮފިސަރެއްގެ ބެލުމުގެ ދަށުން އެ ޓެކްސް އިންވޮއިސްގެ ފޮޓޯއެއް ނުވަތަ ކޮޕީއެއް ނެގިދާނެއެވެ؛ ނުވަތަ

(2) މީރާގެ އޮފިސަރަކު އެ ޓެކްސް އިންވޮއިސްގެ ފޮޓޯއެއް ނުވަތަ ކޮޕީއެއް ނެގުމަށްފަހު އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތަށް ފޮނުވަންވާނެއެވެ.

11. މި ރޫލިންގގެ 10 ވަނަ ޕެރެގްރާފްގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތުން އެދޭ އެދުމަކަށް އިޖާބަދީފިނަމަ ޓެކްސް އެޕީލް ޓްރައިބިއުނަލަށް ނުވަތަ ކޯޓަކަށް ހުށަހަޅައިފައިވާ ނުވަތަ ހުށަހަޅާނެ މައްސަލައަކަށް ހުރަސްއެޅޭނެކަމަށް ކޮމިޝަނަރ ޖެނެރަލަށް ގަބޫލުކުރެވޭނަމަ، އެ ފަދަ އެދުމަކަށް އިޖާބައެއް ނުދެވޭނެއެވެ.

12. ޖީ.އެސް.ޓީ ބަޔާނާ އެކު ހުށަހަޅާ ޓެކްސް އިންވޮއިސްއެއް ނުވަތަ ޖީ.އެސް.ޓީ ބަޔާނުގައިވާ އިންޕުޓް ޓެކްސް އުނިކުރުމެއް (އެ އުނިކުރުމާ ގުޅޭ ޓެކްސް އިންވޮއިސް އޮތްކަމުގައި ނުވަތަ ނެތްކަމުގައި ވީ ނަމަވެސް) ޤާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތްތޯ ކަނޑައެޅުމަށް މީރާގެ އޮފިސަރަކު ކުރާ މުރާޖަޢާއަކީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 3 ވަނަ ބާބުގެ ބޭނުމަށް، އޮޑިޓެއް ނުވަތަ ތަހުގީގެއް ކަމުގައެއް ނުބެލެވޭނެއެވެ.

13. އަންނަނިވި ވަސީލަތްތައް މެދުވެރިކޮށް މީރާއަށް އިންޕުޓް ޓެކްސް ސްޓޭޓްމަންޓް އަދި އައުޓްޕުޓް ޓެކްސް ސްޓޭޓްމަންޓް ހުށަހެޅުމަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތަކަށް ކޮމިޝަނަރ ޖެނެރަލަށް އެންގިދާނެއެވެ.

(ހ)  މީރާގެ އޮންލައިން ވެބްސައިޓް ޕޯޓަލް މެދުވެރިކޮށް؛

(ށ)  އީމެއިލް މެދުވެރިކޮށް؛ ނުވަތަ

(ނ)  ޕޯޓަބްލް ސްޓޯރޭޖް ޑިވައިސްއެއް މެދުވެރިކޮށް.

 

ޢަމަލުކުރަން ފެށުން

14. މި ރޫލިންގ ގެ 5 ވަނަ ޕެރެގްރާފްގެ (ނ) އާއި 13 ވަނަ ޕެރެގްރާފް ފިޔަވައި ދެން ހުރި ޕެރެގްރާފްތަކަށް ޢަމަލުކުރަން ފަށާނީ މި ރޫލިންގ ނެރޭ ތާރީޚުން ފެށިގެންނެވެ.

15. މި ރޫލިންގގެ 5 ވަނަ ޕެރެގްރާފްގެ (ނ) އަށާއި 13 ވަނަ ޕެރެގްރާފަށް ޢަމަލުކުރަން ފަށާނީ:

(ހ) ރަޖިސްޓަރީކޮށްފައިވާ ފަރާތަށް އަހަރަކު ލިބޭ ޖުމުލަ އާމްދަނީއަކީ 50 މިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ އިތުރު އަދަދެއްނަމަ، 1 އޭޕްރީލް 2015 އިން ފެށިގެންނެވެ.

(ށ) ރަޖިސްޓަރީކޮށްފައިވާ ފަރާތަށް އަހަރަކު ލިބޭ ޖުމުލަ އާމްދަނީ އަކީ 50 މިލިއަން ރުފިޔާއަށްވުރެ ދަށް، އަދި 30 މިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ އިތުރު އަދަދެއްނަމަ، 1 ޖަނަވަރީ 2016 އިން ފެށިގެންނެވެ.

(ނ) ރަޖިސްޓަރީކޮށްފައިވާ ފަރާތަށް އަހަރަކު ލިބޭ ޖުމުލަ އާމްދަނީ އަކީ 30 މިލިއަން ރުފިޔާއަށްވުރެ ދަށް، އަދި 20 މިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ އިތުރު އަދަދެއްނަމަ، 1 ޖަނަވަރީ 2017 އިން ފެށިގެންނެވެ.

(ރ) ރަޖިސްޓަރީކޮށްފައިވާ ފަރާތަށް އަހަރަކު ލިބޭ ޖުމުލަ އާމްދަނީ އަކީ 20 މިލިއަން ރުފިޔާއަށްވުރެ ދަށް، އަދި 10 މިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ އިތުރު އަދަދެއްނަމަ، 1 ޖުލައި 2017 އިން ފެށިގެންނެވެ.

(ބ) ރަޖިސްޓަރީކޮށްފައިވާ ފަރާތަށް އަހަރަކު ލިބޭ ޖުމުލަ އާމްދަނީއަކީ 10 މިލިއަން ރުފިޔާއަށްވުރެ ދަށް، އަދި 5 މިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ އިތުރު އަދަދެއްނަމަ، 1 ޖޫން 2018 އިން ފެށިގެންނެވެ.

(ޅ) ރަޖިސްޓަރީކޮށްފައިވާ ފަރާތަށް އަހަރަކު ލިބޭ ޖުމުލަ އާމްދަނީއަކީ 5 މިލިއަން ރުފިޔާއަށްވުރެ ދަށް އަދަދެއްނަމަ، 1 ޖަނަވަރީ 2020 އިން ފެށިގެންނެވެ.

ޓެކްސް ރޫލިންގ ގެ ޕީ.ޑީ.އެފް ވަރޝަންގެ އެނެކްސް 1 ބައްލަވައިލާ.

ޓެކްސް ރޫލިންގ ގެ ޕީ.ޑީ.އެފް ވަރޝަންގެ އެނެކްސް 2 ބައްލަވައިލާ.

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ