މިއީ ޤާނޫނު ނަންބަރު 14/2011 މެދުވެރިކޮށް އިސްލާހުކޮށްފައިވާ ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 84 ވަނަ މާއްދާގެ ދަށުން ނެރެފައިވާ ރޫލިންގއެކެވެ. އެހެން ގޮތަކަށް ބަޔާންކޮށްފައިވާ ހާލަތެއްގައި މެނުވީ، ޤާނޫނަށް ޙަވާލާދީފައިވާ ތަންތަނުގައި ޙަވާލާދީފައި އެ ވަނީ އިޞްލާޙުކޮށްފައިވާ ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އަށެވެ. އަދި ގަވާއިދަށް ޙަވާލާދީފައިވާ ތަންތަނުގައި ޙަވާލާދީފައި އެ ވަނީ އިޞްލާޙުކޮށްފައިވާ ގަވާއިދު ނަންބަރު 2011/R-43 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދު) އަށެވެ. ޓެކްސް ދައްކާ ފަރާތްތަކުން މި ރޫލިންގއަށް ތަބާވުމަށް ޤާނޫނީ ގޮތުން ލާޒިމުކުރެއެވެ.
ތައާރަފު
1. މި ރޫލިންގގެ މަޤްޞަދަކީ ގަވާއިދުގެ 35 ވަނަ މާއްދާ އިޞްލާޙުކުރުމެވެ.
ރޫލިންގ
1. ގަވާއިދުގެ 35 ވަނަ މާއްދާ އަންނަނިވި ގޮތަށް އިޞްލާޙުކުރުން:
މާލީ ޚިދުމަތްތައް
(ހ) ޤާނޫނުގެ 20 ވަނަ މާއްދާގެ (މ) ގެ ބޭނުމަށް، މާލީ ޚިދުމަތްތައް ކަމަށް ބުނެފައި އެ ވަނީ، ދައުލަތުގެ މުއައްސަސާއަކުން ފޯރުވައިދޭ، ނުވަތަ ދައުލަތުގެ ކަމާބެހޭ މުއައްސަސާގެ ހުއްދަ ލިބިގެން ފޯރުވައިދޭ، އަންނަނިވި ޚިދުމަތްތަކަށެވެ.
(1) ކަރަންޓް އެކައުންޓް ނުވަތަ ޑިޕޮސިޓް އެކައުންޓް ނުވަތަ ސޭވިންގްސް އެކައުންޓް ނުވަތަ އިންވެސްޓްމަންޓް އެކައުންޓްގެ ޚިދުމަތްދިނުން؛
(2) ނޫޓު ނުވަތަ ފައިސާފޮތި ބަދަލުކޮށްގެން، ނުވަތަ އެކައުންޓެއް ޑެބިޓް ނުވަތަ ކްރެޑިޓް ކޮށްގެން، ނުވަތަ އެ ނޫން ވެސް ގޮތަކުން ބޭރުފައިސާ ގަނެވިއްކުން؛
(3) ލެޓަރ އޮފް ކްރެޑިޓް ނުވަތަ ބިލް އޮފް އެކްސްޗޭންޖް ދޫކުރުމާއި ފައިސާ ދެއްކުމާއި ބަލައިގަތުމާއި އޭގެ މިލްކުވެރިކަން ބަދަލުކުރުން؛
(4) ޑެޓް ދޫކުރުމާއި އެލޮޓްކުރުމާއި ނެގުމާއި ބަލައިގަތުމާއި އެންޑޯޒްކުރުމާއި އައުކުރުމާއި އޭގެ މިލްކުވެރިކަން ބަދަލުކުރުމާއި، ސްޓޮކް އެކްސްޗޭންޖުގައި އެ ފަދަ ފައިނޭންޝަލް އިންސްޓްރޫމަންޓްސް ގަނެވިއްކުމާއި، ގަނެވިއްކުމުގެ ޚިދުމަތްދިނުން؛
(5) ހިއްސާ ދޫކުރުމާއި އެލޮޓްކުރުމާއި އައުކުރުމާއި އޭގެ މިލްކުވެރިކަން ބަދަލުކުރުމާއި، ސްޓޮކް އެކްސްޗޭންޖުގައި އެ ފަދަ ފައިނޭންޝަލް އިންސްޓްރޫމަންޓްސް ގަނެވިއްކުމާއި، ގަނެވިއްކުމުގެ ޚިދުމަތްދިނުން؛
(6) ޑެޓް ނުވަތަ ހިއްސާ ދޫކުރުން އަންޑަރައިޓްކުރުމާއި ސަބްއަންޑަރައިޓްކުރުން؛
(7) ލޯނު ނުވަތަ އެޑްވާންސް ނުވަތަ ކްރެޑިޓް ދޫކުރުން؛
(8) މި އަކުރުގެ (3) އިން ފެށިގެން (7) ގެ ނިޔަލަށްހުރި އަކުރުތަކުގެ ދަށުން ޚިދުމަތެއް ފޯރުވައިދިނުމުގެ އިލްތިޒާމްތަކާ ގުޅޭގޮތުން ގެރެންޓީ ނުވަތަ އިންޑެމްނިޓީ ނުވަތަ ސެކިއުރިޓީ ނުވަތަ ބޮންޑް ދޫކުރުމާއި ނެގުމާއި ދޫކޮށްލުން؛
(9) ހަޔަރ ޕަރޗޭސް އެރޭންޖްމަންޓަކަށް ކްރެޑިޓް ފައިނޭންސްކޮށްދިނުން؛
(10) އިންޝުއަރެންސް ކޮންޓްރެކްޓް ދޫކުރުމާއި އޭގެ މިލްކުވެރިކަން ބަދަލުކުރުން، ނުވަތަ އެ ފަދަ ކޮންޓްރެކްޓް ރީއިންޝުއަރކޮށްދިނުން؛
(11) ސުޕަރއެނުއޭޝަން ފަންޑެއްގެ ނުވަތަ ރިޓަޔަރމަންޓް ޕެންޝަން ފަންޑެއްގެ ނުވަތަ އެހެން އިންވެސްޓްމަންޓް ފަންޑެއްގެ މަޞްލަޙަތު ނުވަތަ ހިއްސާ ދޫކުރުމާއި އޭގެ މިލްކުވެރިކަން ބަދަލުކުރުން، ނުވަތަ އެ ފަދަ ފަންޑެއް މެނޭޖްކުރުން؛
(12) އަންނަނިވި ހާލަތުތަކުގައި، އާމްސްލެންތު މުޢާމަލާތެއްގައި ފިއުޗަރސް ކޮންޓްރެކްޓެއް ދޫކުރުމާއި އެސައިންކުރުން:
(ހ) ކޮންޓްރެކްޓްގެ ދަށުން ކޮމޯޑިޓީއެއް ފޯރުވައިދޭން ނުޖެހުން؛
(ށ) ކޮންޓްރެކްޓްގެ ދަށުން ކޮމޯޑިޓީއެއް ފޯރުވައިދޭން ޖެހޭނަމަ، އެ ކޮމޯޑިޓީ ފޯރުވައިދިނުމަކީ އިސްތިސްނާ ޚިދުމަތެއް ކަމުގައި ވުން؛
(ނ) ކޮންޓްރެކްޓްގެ ދަށުން ފައިސާ ފޯރުވައިދޭން ޖެހުން؛
(13) ފައިނޭންޝަލް އޮޕްޝަން ދޫކުރުން؛
(14) ޑެޓްއަކާ ނުވަތަ ހިއްސާއަކާ ނުވަތަ ކްރެޑިޓް އެރޭންޖްމަންޓަކާ ނުވަތަ އިންޝުއަރެންސް ކޮންޓްރެކްޓަކާ ނުވަތަ ސުޕަރއެނުއޭޝަން ފަންޑަކާ ނުވަތަ ރިޓަޔަރމަންޓް ޕެންޝަން ފަންޑަކާ ނުވަތަ އެހެން އިންވެސްޓްމަންޓް ފަންޑަކާ ނުވަތަ ފިއުޗަރސް ކޮންޓްރެކްޓަކާ ނުވަތަ ހެޖް ފަންޑަކާ ގުޅޭގޮތުން އެއްވެސް އިންޓްރެސްޓެއް ނުވަތަ ޕްރިންސިޕަލްއެއް ނުވަތަ ޑިވިޑެންޑެއް ނުވަތަ އެ ނޫން ވެސް އަދަދެއް ދެއްކުމާއި ބަލައިގަތުން؛
(15) ކޮންސަލްޓެންސީ ނުވަތަ ލަފާދިނުން ނުހިމެނޭގޮތުން، މި މާއްދާގައި ބަޔާންކޮށްފައިވާ ޚިދުމަތެއް ދިނުމަށް އެއްބަސްވުން ނުވަތަ ރޭވުން؛
(16) ދިވެހިރާއްޖޭގެ އެތެރޭގައި ނުވަތަ ދިވެހިރާއްޖެއިން ބޭރަށް ފައިސާ ޓްރާންސްފަރކުރުމުގެ ޚިދުމަތް ފޯރުވައިދިނުން؛
(17) މޮބައިލް ޓެލެކޮމިއުނިކޭޝަން ނެޓްވަރކް މެދުވެރިކޮށް، މޮބައިލް ޑިވައިސްއެއް ބޭނުންކޮށްގެން ފައިސާ ދެއްކުމާއި ފައިސާ ޓްރާންސްފަރކުރުމާއި އެ ނޫން ވެސް އެ ފަދަ ޚިދުމަތްތައް ފޯރުވައިދިނުން؛
(18) ޕްރީޕެއިޑް ކޭޝް ކާޑު ދޫކުރުމާއި ބަލައިގަތުން. މީގެ ތެރޭގައި ކާޑު އިޝޫކުރާ ފަރާތުގެ އޭޖެންޓުންނަށް ލިބޭ ކޮމިޝަން އަދި ރިބޭޓް ވެސް ހިމެނޭނެއެވެ.
(ށ) ޤާނޫނުގެ 20 ވަނަ މާއްދާގެ (މ) ގެ ބޭނުމަށް، އިސްލާމީ ޝަރީޢަތުގެ އަސާސްތަކުގެ މައްޗަށް ބިނާކޮށް ފޯރުވައިދޭ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޚިދުމަތްތައް ބެލެވޭނީ މާލީ ޚިދުމަތުގެ ގޮތުގައެވެ.
(ނ) މި މާއްދާގެ (ހ) ގެ (7) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޤާނޫނުގެ 20 ވަނަ މާއްދާގެ (މ) ގެ ބޭނުމަށް، ދައުލަތުގެ ކަމާބެހޭ މުއައްސަސާގެ ހުއްދަ ނެތް ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން ދޫކޮށްފައިވާ ލޯނަކަށް އިންޓްރެސްޓްގެ ގޮތުގައި އެއްވެސް އަދަދެއް ނެގުމަކީ ވެސް މާލީ ޚިދުމަތުގެ ގޮތުގައި ބެލެވޭނެއެވެ.
ޢަމަލުކުރަން ފެށުން
2. މި ރޫލިންގއަށް ޢަމަލުކުރަން ފަށާނީ މި ރޫލިންގ ނެރޭ ތާރީޚުން ފެށިގެންނެވެ.