ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އަށް އަންނަނިވި އިޞްލާޙުތައް ގެނައުން.
1. ބުނެވިދިޔަ ޤާނޫނުގެ 20 ވަނަ މާއްދާގެ (ގ) ގެ ފަހަތަށް އަންނަނިވި އަކުރު އިތުރުކުރުން.
20. (ޏ) ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގައި ނުވަތަ ދައުލަތުގެ ކަމާބެހޭ މުއައްސަސާއެއްގައި ރަޖިސްޓަރީކޮށްގެން ހިންގާ ޑޭކެއަރގެ ޚިދުމަތްދޭ ތަނަކުން ދޭ ޑޭކެއަރގެ ޚިދުމަތްތައް.
2. ބުނެވިދިޔަ ޤާނޫނުގެ 68 ވަނަ މާއްދާއަށް އަންނަނިވި މާނަކުރުން އިތުރުކުރުން.
"ޑޭކެއަރ" ކަމަށް ބުނެފައި އެވަނީ، ކުޑަކުދިން، ނުވަތަ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުން، ނުވަތަ ބަލި މީހުން، ދުވާލުގެ ގަޑިތަކުގައި ބަލަހައްޓައި، އެކުދިންނަށް ނުވަތަ އެ މީހުންނަށް އަޅާލުމުގެ ގޮތުން އަމިއްލަ ފަރުދަކު ނުވަތަ ޤާނޫނީ ޝަޚްޞަކުން އަގު ނަގާގޮތަށް ފޯރުކޮށްދޭ ޚިދުމަތަށެވެ.
3. މި ޤާނޫނުން ބުނެވިދިޔަ ޤާނޫނަށް އިތުރުކުރާ ބައިތަކާ ގުޅިގެން އެ ޤާނޫނުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.
4. ބުނެވިދިޔަ ޤާނޫނުގެ ވަކި މާއްދާއަކަށް ނުވަތަ ވަކި މާއްދާއެއްގެ ބަޔަކަށް ޙަވާލާދީފައިވާ ތަންތަން، މި ޤާނޫނުން ގެންނަ އިޞްލާޙުތަކާ ގުޅިގެން ބަދަލުކުރުން.
5. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.