މިއީ ޤާނޫނު ނަންބަރު 14/2011 މެދުވެރިކޮށް އިސްލާހުކޮށްފައިވާ ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 84 ވަނަ މާއްދާގެ ދަށުން ނެރެފައިވާ ރޫލިންގއެކެވެ. އެހެން ގޮތަކަށް ބަޔާންކޮށްފައިވާ ހާލަތެއްގައި މެނުވީ، ޤާނޫނަށް ޙަވާލާދީފައިވާ ތަންތަނުގައި ޙަވާލާދީފައި އެ ވަނީ އިސްލާހުކޮށްފައިވާ ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އަށެވެ. އަދި ގަވާއިދަށް ޙަވާލާދީފައިވާ ތަންތަނުގައި ޙަވާލާދީފައި އެ ވަނީ އިސްލާހުކޮށްފައިވާ ގަވާއިދު ނަންބަރު 2011/R-43 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދު) އަށެވެ. ޓެކްސް ދައްކާ ފަރާތްތަކުން މި ރޫލިންގއަށް ތަބާވުމަށް ޤާނޫނީ ގޮތުން ލާޒިމުކުރެއެވެ.
ތައާރަފު
1. މި ރޫލިންގގެ މަގުސަދަކީ ގަވާއިދުގެ 3 ވަނަ މާއްދާއާއި 5 ވަނަ މާއްދާއާއި 10 ވަނަ މާއްދާއާއި 30 ވަނަ މާއްދާއާއި 40 ވަނަ މާއްދާއާއި 43 ވަނަ މާއްދާއާއި 44 ވަނަ މާއްދާއާއި 117 ވަނަ މާއްދާ އިޞްލާޙުކޮށް، ގަވާއިދުގެ 65 ވަނަ މާއްދާ އުވައިލުމެވެ.
ރޫލިންގ
2. ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިޞްލާޙުކުރުން:
(ށ) އަލަށް ތަރައްޤީކޮށްފައިވާ ޓޫރިސްޓް ރިޒޯޓުތަކާއި ޓޫރިސްޓް ހޮޓާތައް މި މާއްދާގެ (ހ) ގެ ދަށުން ރަޖިސްޓަރީކުރުމަށް އެދި ހުށަހެޅުމުގެ ކުރިން، ޓެކްސް ޤާނޫނުތަކާއި ގަވާއިދުތަކަށް އެ ތަންތަން ތަބާވުމަށް ތައްޔާރުވެފައިވާ މިންވަރު ބެލުމަށް އެދި މީރާއަށް ހުށަހަޅައި، އެ ފަދަ އިންސްޕެކްޝަނަކަށް މަގުފަހިކޮށްދޭންވާނެއެވެ.
3. ގަވާއިދުގެ 3 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި އަކުރު އިތުރުކުރުން:
(ރ) ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން އައު ޓެކްސް ނެގޭ ހަރަކާތެއް ފަށާނަމަ، އެ ހަރަކާތެއް ފެށުމުގެ ކުރިން ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ފޯމު (MIRA 105) މީރާއަށް ހުށަހަޅައި، އެ ހަރަކާތް ފަށާ ތާރީޚުން ފެށިގެން މީރާގައި ޖީ.އެސް.ޓީ އަށް ރަޖިސްޓަރީ ކުރަންވާނެއެވެ. އަދި އެ ހަރަކާތުން ޖީ.އެސް.ޓީ ނަގަން ފަށާނީ އެ ހަރަކާތް ފަށާ ތާރީޚުން ފެށިގެންނެވެ.
4. ގަވާއިދުގެ 5 ވަނަ މާއްދާގެ (ނ) ގެ ފަހަތަށް އަންނަނިވި އަކުރު އިތުރުކުރުން:
(ރ) މި މާއްދާގެ (ށ) އަދި (ނ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ޓޫރިޒަމާބެހޭ މިނިސްޓްރީން ހުއްދަ ނަގައިގެން އެކޮމޮޑޭޝަން ޚިދުމަތް ފޯރުވައިދޭންޖެހޭ ތަންތަނުން ވިއްކާ މުދަލާއި ދޭ ޚިދުމަތް ހިމެނޭނީ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގެ (1) ގެ ތެރޭގައެވެ.
5. ގަވާއިދުގެ 10 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި އަކުރު އިތުރުކުރުން:
(ނ) ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އޮންލައިންކޮށް ވިޔަފާރި ހިންގާ ފަރާތްތަކުން، އެ ފަރާތަކީ ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތެއްކަން އެންގުމުގެ ބޭނުމަށް، އެ ފަރާތުގެ ވިޔަފާރި ހިންގަން ބޭނުންކުރާ އޮންލައިން ޕޯޓަލްގައި އެ ފަރާތުގެ ޓިން އަދި މީރާއިން ކަނޑައަޅާ ލޯގޯ އާންމުކޮށް ފެންނަން ހުންނާނެހެން ހިމަނަންވާނެއެވެ.
6. ގަވާއިދުގެ 30 ވަނަ މާއްދާ އަންނަނިވިގޮތަށް އިޞްލާޙުކުރުން:
ގުޅުންހުރި ފަރާތެއް ނޫން އެހެން ފަރާތްތަކަށް ފޯރުވައިދޭ މުދަލާއި ޚިދުމަތުގެ އަގު
ގުޅުންހުރި ފަރާތެއް ނޫން އެހެން ފަރާތަކަށް، ޤާނޫނާއި މި ގަވާއިދުގެ ދަށުން ކަނޑައެޅޭ ބާޒާރުގެ އަގަށްވުރެ ދަށް އަގެއްގައި މުދަލެއް ނުވަތަ ޚިދުމަތެއް ފޯރުވައިދީފައިވާކަމަށް އެކަށީގެންވާ ސަބަބަކާހުރެ މީރާއަށް ޤަބޫލުކުރެވޭނަމަ، އެ މުދާ ނުވަތަ ޚިދުމަތުގެ ބާޒާރުގެ އަގުގެ މައްޗަށް ބިނާކޮށް އެ މުއާމަލާތަށް ދައްކަންޖެހޭ ޓެކުހުގެ އަދަދު މީރާއަށް ކަނޑައެޅިދާނެއެވެ.
7. ގަވާއިދުގެ 40 ވަނަ މާއްދާގެ (މ) ގެ (1) އަންނަނިވިގޮތަށް އިޞްލާޙުކުރުން:
(މ) (1) ދިޔާހަކުރުގެ ތެރޭގައި ކަރުހަކުރާއި ރުކުރާ ހިމެނެއެވެ.
8. ގަވާއިދުގެ 43 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަންނަނިވި އަކުރު އިތުރުކުރުން:
(ބ) ޓޫރިސްޓް ރިޒޯޓެއް ހިންގާ ފަރާތަކުން، އެ ރިޒޯޓުގެ މުވައްޒަފުންނަށް ޚާއްޞަކޮށްގެން ހިންގާ ފިހާރައަކަށް މުދަލާއި ޚިދުމަތް ފޯރުވައިދޭނަމަ، އަދި އެ ފިހާރަ ހިންގާ ފަރާތަކީ އެ ރިޒޯޓު ހިންގާ ފަރާތް ކަމުގައިވާނަމަ، އަދި އެ ފިހާރަ ހިންގާ ފަރާތް ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާނަމަ، އެ ފަދަ މުދަލާއި ޚިދުމަތުން އެ ރިޒޯޓުން އައުޓްޕުޓް ޓެކްސް ނަގާކަށް ނުޖެހޭނެއެވެ.
9. ގަވާއިދުގެ 44 ވަނަ މާއްދާގެ (ހ) ގެ (1) އަންނަނިވި ގޮތަށް އިޞްލާޙުކުރުން:
(ހ) (1) މުދާ ނުވަތަ ޚިދުމަތް ފޯރުވައިދިން ފަރާތުން ޤާނޫނާއި މި ގަވާއިދުގައި ވާ ގޮތުގެ މަތިން ދޫކޮށްފައިވާ ޞައްޙަ ޓެކްސް އިންވޮއިސްއެއް ނުވަތަ ޑެބިޓް ނޯޓެއް، މުދާ ނުވަތަ ޚިދުމަތް ލިބިގަތް ފަރާތުގެ އަތުގައި ނެތުން؛ ނުވަތަ
10. ގަވާއިދުގެ 65 ވަނަ މާއްދާ އުވައިލުން.
11. ގަވާއިދުގެ 117 ވަނަ މާއްދާގެ (ހ) ގައި ހިމެނޭ "ޓޫރިޒަމް ޓެކްސް" ގެ މާނަ އުނިކުރުން.
ޢަމަލުކުރަން ފެށުން
12. މި ރޫލިންގއަށް ޢަމަލުކުރަން ފަށާނީ މި ރޫލިންގ ނެރޭ ތާރީޚުން ފެށިގެންނެވެ.